بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّد المرسـلين، وعلى آلـه وصحبـه أجمعـين.

މާޅޮސްމަޑުލު އުތުރުބުރިއަށް އަޅުގަނޑު މިއަދު މިކުރަން ފެށި ދަތުރުގައި މިހާރު އައިސް މިހުރީ ތިޔަބޭފުޅުންގެ މިރަށުގައި. އާދެ، މީދޫގައި. މީދޫގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށް އިޚުލާޞްތެރި، ތެދުވެރި، ޝުޢޫރުތަކެއް. މީދޫ މި ދުވަހަށްޓަކައި، ނުވަތަ މި މުނާސަބަތަށްޓަކައި ތައްޔާރުވެފައިވަނީ ވަރަށް ފުރިހަމަ ގޮތެއްގައި. އެހެންވުމާއެކު، މީދޫގެ ވެރިންނަށާއި، ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ މިރޭގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

ޝައްކެއްނެތް، މީދޫއަކީ މިއަތޮޅުގެ ވަރަށް މުހިންމު ރަށެއް. މީހުންގެ ނިސްބަތަށް ބަލާއިރު، މީސްގިނަ ރަށެއް. އަދި މިރަށަކީ ތަޢުލީމީގޮތުން ބަލާއިރުވެސް، ވަރަށް މުހިންމު މަޤާމެއް ހޯދާރަށެއް. މިހާރު މިއަތޮޅުގެ އަތޮޅު ތަޢުލީމީ މަރުކަޒު ހިނގަމުންދަނީ މިރަށުގައި. އަދި އޭގެކުރިން، މިރަށުގެ މަކްތަބު އެއީވެސް ދިހައަހަރު ވަންދެން ހިނގާފައިހުރި ތަނެއް. އެހެންވީމާ، މީދޫއަކީ މިއަތޮޅުގެ ވަރަށް މުހިންމު ރަށެއްކަމުގައި ދެންނެވުމަކީ ޙަޤީޤަތާ ޚިލާފަށް ދެންނެވޭ ދެންނެވުމެއް ނޫން.

އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ދައުލަތް ހިންގަން ހުންނަ އެންމެމަތީވެރިޔާ ރާއްޖޭގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް އެ މީހުންނާ ވާހަކަ ދައްކައި އެ މީހުންނަށް ކުރިމަތިވަމުންދާ އަދި ކުރިމަތިވެފައި ހުންނަ މައްސަލަތަކަކީ ކޮބައިތޯ އޮޅުންފިލުވައިހެދުން. އޭގެބޭނުމަކީ، އެ މައްސަލަތަކާ ދޭތެރޭގައި ސަރުކާރުން ވިސްނައި، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯބަލައި އެފިޔަވަޅުތައް އަޅަމުން ގެންދިއުން.

ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން ރާއްޖެތެރެވަނީ ވަރަށްބޮޑަށް ތަރައްޤީކުރަންވެފައި. ރާއްޖެތެރޭގެ ހާލަތު އޮތީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހިތްހަމަޖެހޭނެފަދަ ގޮތަކަށްނޫން. ހުރިހާ ކަމެއްވެސްވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ރަނގަޅުކުރަން ބޭނުންވެފައި. ރާއްޖެ މީގެކުރިން ތަރައްޤީގެ މަގުގައި، އަޅައިފައިވާނަމަ އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކެއްހެން އެޅިފައިވަނީ މާލޭގައި. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް. އެހެންވުމުން، ވެރިކަންކުރާ ރަށަށް ޚާއްޞަ އަހަންމިއްޔަތެއް ދެވިފައިއޮތުމަކީ ބޭނުންކަމެއްކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެހެންނަމަވެސް، އޭގެ މާނައަކީ، ފަހަރެއްގައިވެސް ރާއްޖެތެރެ އިހުމާލުކޮށްލުމެއް ނޫން. ރާއްޖެތެރެއަށް ދައުލަތުގެ ފަރާތުން ދޭންޖެހޭ ޚިދުމަތްތައް ނުދީ ހިފެހެއްޓުމެއް ނޫން. މާލެ، ތަރައްޤީވަމުން ދިޔަދިޔަހެން ރާއްޖެތެރެވެސް ތަރައްޤީވަމުންދާނެ ގޮތްތައް ސަރުކާރުން ހޯދައިދިނުން އެއީ، އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު މީގެކުރިން، ދިމާވި އެތައް ސަބަބުތަކަކާހުރެ އޮތީ ސަރުކާރަށް ފުރިހަމަޔަށް އަދާނުކުރެވިފައި. އެހެންއޮއްވާ، މިދައުރަށް ފެށުނީ. މިދައުރަށް ފެށުމާ ވިދިގެން، ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދެމުންމިގެންދާ މަސައްކަތަކީ ރާއްޖެތެރެ ތަރައްޤީކުރުން. އެކަމަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން ހިންގަމުން އެބަގެންދޭ. އެމަޝްރޫޢު ފެށިތާ މިހާރު ގާތްގަނޑަކަށް ހަތަރުއަހަރުވާން މިއުޅެނީ. ވަރަށްގިނަ އަދަދަކަށް ފައިސާ ހަރަދުކުރަން ހަމަޖެހިފައިވާ، މިމަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ވަރަށް ގިނަ ކަންތައްތައް މިހާރުވަނީ ކުރަންފެށިފައި. ބައެއް ކަންތައްތައް ވަނީ ކޮށްނިމިފައި. އަނެއްބައި ކަންތައްތައް ކުރަން ފަށަންވެފައި.

އާދެ، ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގުން އެއީ މިމަޝްރޫޢުގެ އެންމެ މުހިންމު އެއްބައި. އޭގެ ސަބަބަކީ ތަޢުލީމު ހާސިލުކުރުމަކީ ތަރައްޤީގެ މަގުގައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް ވާކަން. އަޅުގަނޑުމެންގެ ދަރިންނަށާއި ޒުވާނުންނަށް އެކަށީގެންވާ ތަޢުލީމެއް ހާސިލުކޮށްދެވިގެންނޫނީ އަޅުގަނޑުމެންގެ ޤައުމެއް ކުރިޔަކަށް ނުދާނެ. އެއީ، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް މިއަދު ގަބޫލުކުރާ ޙަޤީޤަތެއް. ހަމައެކަނި މިއަދަކު ނޫން. މީގެ ކުރިންވެސް ގަބޫލުކުރަމުން އައި ޙަޤީޤަތެއް. އެ ޙަޤީޤަތް ގަބޫލުކުރެވުނު މިންވަރަކުން، އަދި އެއާ އެއްގޮތަށް ޢަމަލުކުރެވެމުން ދިޔަ މިންވަރަކުން ކޮންމެ ޤައުމެއްވެސް ކުރިޔަށްދާނީ. އެހެންވީމާ، މިދެންނެވި މަޝްރޫޢުގެ އެންމެ މުހިންމު އެއްކަމަކަށްވެފައިއޮތީ ރާއްޖެތެރޭގެ ދަރިންނަށް، ރާއްޖެތެރޭގައި ދިރިއުޅޭ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ސަރުކާރުން ހޯދައިދިނުން.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގެން ނޯންނާނެކަން. އެއީ، ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެކަމެއް. ހަމައެކަނި ހަރަދު ހިނގުމެއްނޫން، އެކަމަށް ހުރަސްއަޅާ ކަމަކީ. އޭގެ އިތުރަށް މުދައްރިސުން ހަމަކުރުން އެއީވެސް ހަމަ އެހާ މުހިންމުކަމެއް. އަދި އެހާދަތި ކަމެއް. އަދި ބައެއްފަހަރަށް ތަން ޢިމާރާތް ކުރުމަށްވުރެވެސް މާބޮޑުކަމެއް. ތަނެއް ޢިމާރާތް ކުރެވިދާނެ. އެހެންނަމަވެސް، އެތާނގައި ކިޔަވައިދޭނެ މުދައްރިސުން ހޯދުމަކީ ވަރަށްދަތި ކަމެއް. އެކަށީގެންވާ ފެންވަރަކަށް މުދައްރިސުން ތަމްރީނުކޮށް އެމީހުންނަށް އެމީހުންގެ ވާޖިބުތައް އަދާކޮށްދިނުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަމްރީނުތަކެއް ހޯދައިދީ ހެދުމަކީ ސުކޫލުތައް ނުވަތަ މަދަރުސާތައް ޢިމާރާތް ކުރުމަށްވުރެވެސް މާގިނަދުވަސް ބޭނުންވާ، އަދި މާ ދަތިކަމެއް. އެހެންވުމާއެކު، ރާއްޖޭގައި މީހުން އުޅޭ ދުއިސައްތަ ދެ ރަށުގެ ތެރެއިން ހަމަ ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގުމަކީ ކުޅަދާނަ ކަމަކަށް ނުވާނެ. އެހެންވީމާ، ފުރަތަމަ ސަރުކާރުން ޚިޔާރުކުރީ ކޮންމެ އަތޮޅެއްގައި، ސަރުކާރުގެ ހަރަދުގައި އެއް މަދަރުސާ ހިންގާގޮތަށް ހަމަޖެއްސުން. އޭގެފަހުން ބޭރުގެ ބައެއް ޤައުމުތަކުގެ އެހީގައި ލިބޭ ކަންތައްތަކުގެ ތެރޭގައި މަދަރުސާ އެޅުންފަދަ ކަންތައްތައް ހިމެނޭތީ އެރޮނގުންވެސް އިތުރު މަދަރުސާތައް ހަދަމުން ގެންދިއުން. އާދެ، ޖަޕާނު ސަރުކާރުގެ އެހީގައި މަދަރުސާތަކެއް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ހެދެމުންދާ ޚަބަރު ތިޔަބޭފުޅުން އައްސަވާނެ. އެގޮތުގެމަތިން މިއަތޮޅުގައިވެސް އެކަންވަނީ ހަމަޖެހިފައި. އެއީ ދެވަނަ މަދަރުސާ. ތިންވަނަ މަދަރުސާއަކަށް އަތޮޅު ތަޢުލީމީ މަރުކަޒު. އާދެ، ކުރިން ބައެއް ތަންތާނގައި ސަރުކާރުގެ ހަރަދުގައި ހިނގާ ޕްރައިމަރީ ސުކޫލު ނުވަތަ އިބްތިދާއީ މަދަރުސާގެ އިތުރަށް އަތޮޅު ތައުލީމީ މަރުކަޒު ހިނގާގޮތަށްވެސް އޮތީ ހަމަޖެހިފައި. ދެން އަޅުގަނޑު މިދެންނެވި ޖަޕާނުގެ ސުކޫލު އެޅީމާ އަތޮޅެއްގައި ތިންމަދަރުސާ ހިނގަމުންދާގޮތަށްވެސް ހަމަޖެހިގެންދިޔަ. އެހެންނަމަވެސް، މިހާރު ކަންތައްތައް ހުރިގޮތުން މުޅިން އެގޮތަށް ގެންދެވެން ނެތުމާއެކު، ކޮންމެ އަތޮޅެއްގައިވެސް އެއް މަދަރުސާއަށްވުރެ ގިނަމަދަރުސާ ހިނގަމުންދާގޮތަށް ސަރުކާރުން ހަމަޖައްސައިފައި ވަނީ. އެގޮތުން މިއަތޮޅުގައިވެސް، އިރާދަކުރެއްވިއްޔާ ދެ މަދަރުސާ ހުންނާނެ މާލަހެއްނުވެ. އާދެ، މިއީ އަޅުގަނޑުވެސް ގަބޫލުކުރަން ތަޢުލީމު ފެތުރުމަށްޓަކައި ސަރުކާރުން ކުރަންހުރި މަސައްކަތް މިހިސާބަށް ނިމުނީއަކީ ނޫންކަން. އެކަމަކު އަޅުގަނޑުމެންނަށް ކަންތައް ކުރެވެން އޮންނާނީ ތަނަވަސްކަން އޮތް މިންވަރަކުންކަމަށް ވާތީ، މިހާރަށް އެޅެންހުރި ފިޔަވަޅުތަކަކީ މިއީ.

އާދެ، ތަޢުލީމުގެ މައުޟޫޢުގެ ވާހަކަ ދައްކާއިރު މީގެ ދެތިން އަހަރު ކުރިން ސަރުކާރުން ފަށައިގެން ހިންގަމުންގެންދާ، ވަރަށް މުހިންމު މަޝްރޫޢެއް ކަމަށްވާ އަސާސީ ތަޢުލީމުގެ މަޝްރޫޢާ ދޭތެރޭގައިވެސް އެއްޗެއް ދަންނަވައިލަންޖެހޭ. އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ މީގެކުރިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް އެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަށައިފައިވާ މަޝްރޫޢެއް. ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން ރާއްޖެތެރެ ތަރައްޤީކުރުމަށް، އަދި ޚާއްޞަކޮށް ރާއްޖެތެރޭގައި ތަޢުލީމު ހާސިލުކުރާނެ ފުރުޞަތު ހާމަކޮށް ދިނުމަށް، ހޯދައިދިނުމަށް، ސަރުކާރުން އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ވަނީ ތަޢުލީމު ހާސިލުކުރުމުން މަޙްރޫމުވެފައި. އެއްވެސް އެއްޗެއް ނުދަންނަ ބައެއް ކަމުގައި ބޮޑެތިވެފައި. އެންމެ ކުޑަމިނުގައި ލިޔަންކިޔަންވެސް ނުދަންނަ ބައެއްގެގޮތުގައި އެމީހުން އެތިބީ ބޮޑެތިމީހުން ކަމުގައިވެފައި. އެއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް. ޚާއްޞަކޮށް އިސްލާމީ ޤައުމަކަށް ބަލާއިރު މާތްވެގެންވާ އިސްލާމްދީނަށް ދެއްވައިފައިވާ އަހަންމިއްޔަތަކީ އަޅުގަނޑުހިތުން އަޅުގަނޑު އެއާ ދޭތެރޭގައި އިތުރު ވާހަކަތަކެއް ދައްކަން ބޭނުންވާ އަހަންމިއްޔަތެއްވެސް ނޫން. ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ އާޔަތް އަޅުގަނޑުމެން އެންމެންވެސް ދަންނަމު. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ. އެންމެ ފުރަތަމަ ކީރިތިރަސޫލާއަށް ބާވައިލެއްވި އާޔަތް. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން. ނުވަތަ އެ އިސްމުފުޅުން ކިޔަވައި ވިދާޅުވާށެވެ. އެހެންވީމާ، ކިޔެވުމަކީ ދީނުގެ އެންމެ މުހިންމު ކަންތައް. އެންމެ ފުރަތަމަ ދީނުގައި އަމުރުވެވުނު ކަންތައް. ނަމާދު ކުރުމުގެ ކުރިން. ނަމާދު މުސްލިމުންގެ މައްޗަށް ފަރުޟުކުރެއްވީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އޭގެ މާފަހުން. އެންމެ ފުރަތަމަ ވަޙީގެ ބަސްފުޅުގައި މިއޮންނަނީ ''اقْرَأْ،'' ''ކިޔަވާށެވެ.'' އެހެންވީމާ، ކިޔެވުމުގެ މުހިންމުކަން، ލިޔަންކިޔަން ދަސްކުރުމުގެ މުހިންމުކަން، އެއީ އަޅުގަނޑުހިތުން އެއްވެސް މުސްލިމަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. އެކަން އެހެން އޮތްކަމުގައިވިޔަސް، އަޅުގަނޑުމެން ސަތޭކައިން ސަތޭކަ މުސްލިމް ދިވެހިރާއްޖޭގައި ލިޔަންކިޔަން ނުދަންނަ އެތަކެއްހާސް ބަޔަކު ދިރިއުޅެން ދިމާވިކަން އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ހުތުރެއް. މުޅި ރާއްޖެއަށް ލިބިފައިއޮތް ވަރަށްބޮޑު ހުތުރެއް. އެ ހުތުރު ނައްތައިލުމުގެ ގޮތުން، އެ ހުތުރު ނަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި ސަރުކާރުގެ ފަރާތުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ރާވައިގެން ހިންގަމުންގެންދަނީ. އެ މަޝްރޫޢު ސަރުކާރުން އެކުރާ މަސައްކަތާ އެއްވަރަށް ރައްޔިތުންގެ ތަރުޙީބު ލިބިގެން ކުރިޔަށްދާކަމަށްވަންޏާ ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ އެއްވެސް މީހަކު ނުހުންނާނެ.

އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ހަމައެކަނި ލިޔަންކިޔަން ނުދަންނަ މީހުންނަށް، ލިޔަންކިޔަން ދަސްކޮށްދިނުމުގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢެއް ނޫން. އޭގެއިތުރަށް، އޭގެތެރޭގައި ވަރަށް މުހިންމު، އަޅުގަނޑުމެން ކޮންމެހެން ދަންނަން ބޭނުންވާ މަޢުލޫމާތުތަކެއްވެސް ހިމެނޭ. އަޅުގަނޑުމެންގެ ދީނާ ބެހޭގޮތުން. ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންނަކީ ސަތޭކައިން ސަތޭކަ އިސްލާމީ ޤައުމެއް. މުސްލިމުންގެ މައްޗަށް ﷲ فرض ކުރައްވައިފައިވާ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ފަރުޟު ފަސްނަމާދު ވަގުތުން ވަގުތަށް ބަރާބަރަށް އަދާކުރުން، ދީނުގެ ވަރަށް މުހިންމު ފަރުޟެއް. މާތްވެގެންވާ ރަމަޟާންމަހުގެ ރޯދަހިފުން، ދީނުގައި ފަރުޟު ކުރައްވައިފައިވާ ކަމެއް. ޙައްޖަށް ދިއުމުގެ ތަނަވަސްކަން ލިބިގެންވާ މިހުން ޙައްޖަށްދިއުން، ދީނުގައި ފަރުޟުކުރައްވައިފައިވާ ކަމެއް. ޒަކާތްދިނުން، ދީނުގައި ފަރުޟު ކުރައްވައިފައިވާ ކަމެއް. އަދި މިނޫންވެސް ދީނުގައި އަޅުގަނޑުމެން އަދާކުރަން ވާޖިބުކުރައްވައިފައިވަ ކިތަންމެ ކަމެއް އެބަހުރި. އެކަންކަން ދެނެގަތުން ވާނެ، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ވާޖިބުކަމުގައި ހަދަން. މިދެންނެވި ކަންތައްތަކާބެހޭ މަޢުލޫމާތުވެސް މުސްލިމަކަށް އެމިންވަރަށް އެނގެން ލާޒިމު މިންވަރު ދަސްކޮށްދިނުން އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، އޭގެ ބޭނުމަކީ ހަމައެކަނި އަޅުގަނޑުމެން ލިޔަންކިޔަން ދަސްކުރުމެއް ނޫން. އޭގެއިތުރަށް އަޅުގަނޑުމެންގެ ދީނުގައި އަންގަވައިފައިވާ ކަންތައްތަކަކީ ކޮބައިތޯވެސް ކޮންމެވެސް ވަރަކަށް އެނގި، އަދި އެކަންތައްތައް އަދާކުރުމަށް އަޅުގަނޑުމެންނަށް އެހީލިބޭނެ މަގު ތަނަވަސްވުން. އެހެންވީމާ، އެއީ ވަރަށް މުހިންމު މަޝްރޫޢެއް.

މިދެންނެވި ކަންތައްތަކުގެ އިތުރަށް ހިސާބުވެސް އޭގައިހިމެނޭ. އަޅުގަނޑުމެންގެ ރާއްޖެއާބެހޭ މަޢުލޫމާތުތައްވެސް ހިމެނޭ. އެއީ، ތިމާވެށްޓޭ މިކިޔާ މާއްދާއަކީ. އަޅުގަނޑުމެން މިދިރިއުޅެމުން ގެންދަނީ ކޮންތަނެއްގައިކަން، ދިވެހިރާއްޖެ މިއީ ދުނިޔޭގެ ކޮން ހިސާބެއްގައި އޮތް ކޮން ޤައުމެއްކަން، ރާއްޖެ އެކުލެވިގެންވަނީ ކިތައް އަތޮޅުގެ މައްޗަށްކަން، ކިތަށް ރަށްކަން ދިވެހިރާއްޖޭގައި އޮތީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ ކިހިނެއްކަން، ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅުގަނޑުމެންނާ ދެމެދުގައިހުރީ ކޮންކަހަލަ ގުޅުންތަކެއްކަން މިހެންގޮސް މިޒަމާނުގައި މިމަޢުލޫމާތުތަކާ ނުލައި އެއްވެސް ޤައުމަކަށް ދުނިޔޭގައި ހަމަޖެހޭ ދިރިއުޅުމެއް ނުފެންނާނެ. މަޢުލޫމާތު ދަސްކުރުން އެއީވެސް އަސާސީ ތަޢުލީމުގައި ހިމެނިގެންވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއާ ބެހޭގޮތުން. ހަމައެފަދައިން އަޅުގަނޑުމެންގެ ޞިއްޙަތާ ބެހޭގޮތުން. ދޭތެރެދޭތެރެއިން ރާއްޖެއަށް އެކިއެކި ނުރައްކާތެރި ރޯގާތައް އަންނަމުންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. 1978 ވަނަ އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެންގެ ރާއްޖެއަށް އައީ ކޮލެރާގެ ނުރައްކާތެރިވަބާ، ކޮލެރާގެ ނުރައްކާތެރި ރޯގާ. އެރޯގާގައި ވަރަށްގިނަ އަދަދެއްގެ ބަޔަކު މަރުވެގެންދިޔަ. އޭގެފަހުން، މިދިޔަ އަހަރު އަޅުގަނޑުމެންނަށް އަނެއްކާވެސް ހަމަ އެކަހަލަ އެހެން ނުރައްކާތެރި ރޯގާއެއް އަޅުގަނޑުމެންގެ ތެރެއަށް އައި. އާދެ، ޝިގެއްލާ. އޭގެވާހަކަވެސް ތިޔަ ބޭފުޅުން އައްސަވާނެ. މިހިސާބުގަނޑަށްވެސް އައި. އެހެންވީމާ، މިބަލިތައް އަޅުގަނޑުމެންގެ ތެރޭގައި މިފެތުރެނީ ކީއްވެގެންތޯ! އަދި އެބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އަޅަންވީ ކޮންފިޔަވަޅުތަކެއްތޯ! ބައްޔެއް ޖެހިއްޖެއްޔާ ހަދަންވީ ކިހިނެއްތޯ! ޞިއްޙަތު ސަލާމަތުން ބެހެއްޓޭނީ ކޮންކޮން ގޮތަކަށް އަޅުގަނޑުމެންގެ އާދަކާދަތައް ބަހައްޓައިގެންތޯ! ހަށިގަނޑަށް ފައިދާހުރީ ކޮންކަހަލަ ކާނާއެއްގައިތޯ! މިބާވަތުގެ މަޢުލޫމާތު. އެއީ، އިންސާނުންގެ ހައިސިއްޔަތުންވެސް އަޅުގަނޑުމެން ދަންނަން ބޭނުންވާ ކަންތައްތައް.

އަޅުގަނޑުމެންގެ އަމިއްލަ ހަޔާތް ސަލާމަތްގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއީވެސް އަސާސީ ތަޢުލީމުގައި އޮންނަ ބައެއް. އެހެންވީމާ، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، އަޅުގަނޑު މިދަންނަވަނީ މީގެކުރިން މަދަރުސާއަށް ގޮސްގެން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ ހުރިހާ ބޮޑެތި މީހުންނަށް އެއްވެސް އުޖޫރައަކާނުލައި އެއްވެސް ފައިސާއެއް އެމީހުން ސަރުކާރަށް ދައްކަންނުޖެހި ހަމަހިލޭ ސަރުކާރުން އެމީހުންނަށް ހަމަޖައްސައިދީފައިވާ މަޝްރޫޢެކޭ. އޭގެފައިދާ ރައްދުވަނީ އެމަޝްރޫޢުގައި ބައިވެރިވެގެން އެ ކުލާސްތަކަށް ކިޔަވަންދާ މީހުންނަށޭ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. އަޅުގަނޑުމެން މިދާ ދަތުރުތަކުން އެނގޭ މަޢުލޫމާތު އެއީ ތެދު މަޢުލޫމާތު ކަމުގައިވަނީނަމަ، ބޮޑަށް ފެންނަނީ އަންހެނުންގެ ފަރާތުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ތަރުޙީބު ލިބެމުންދާތަން. ފިރިހެނުންގެ ފަރާތުން އެހާބޮޑަކަށް ތަރުޙީބު ލިބެމުންދާކަމަކަށް އަޅުގަނޑަކަށް ޚަބަރެއް ނުލިބޭ. އާދެ، އެއީ އެކަން އޮންނަންވީ ގޮތެއްނޫން. ފިރިހެނުންނާ ދިމާވާ އެކި ސަބަބުތަކެއް ހުރެދާނެ، ދިރިއުޅުމުގެ މައިދާނުގައި އެމީހުން ކުރަންޖެހޭ ޖިހާދުގެ ވަރުގަދަކަމުން. ދުވާލު މަހަށްދާންޖެހި ނުވަތަ ދަނޑުގައި މަސައްކަތްކުރަންޖެހި ނުވަތަ އެނޫންވެސް އެތަކެއް މަސައްކަތްތަކެއްގައި އުޅެންޖެހުމުގެ ސަބަބުން އެމީހުންނަށް ވަގުތުނުވަނީ ކަމަށްވެސް ވެދާނެ. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ ވަގުތުޖެހޭނީ ހޯދާށޭ. އެއީ ހޯދީމާ ލިބެން އޮންނަ އެއްޗެކޭ ވަގުތަކީ. އެހެންވީމާ އަޅުގަނޑުމެން ވަގުތު ހޯދައިގެން ފިރިހެނުންވެސްވާނެ އަސާސީ ތަޢުލީމުގެ ކުލާސްތަކަށްދާން. ދިޔައިމާ އޭގެފައިދާ ލިބޭނީ ހަމަ އެތަނަށް އެދާ ބަޔަކަށް. އެހެން ބަޔަކަށް ނޫން.

އާދެ، ކޮންމެއަކަސް އަޅުގަނޑު މިދަންނަވަންއުޅޭ ވާހަކައަކީ، ސަރުކާރުން މިހާރު ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ވަރަށްބޮޑު އަހަންމިއްޔަތެއް އެބަދެޔޭ. އޭގެތެރެއިން، އެއްކަމެކޭ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ސަރުކާރުގެ ފަރާތުން ހޯދައިދިނުން އެއީ. މިދެންނެވި ކަންތައްތަކުގެ އިތުރަށް އަޅުގަނޑު މިދެންނެވި މަޝްރޫޢުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައި އެބަހުރި. މިސާލަކަށް ފަޅުކޮނުން. މި މިސާލު އަޅުގަނޑު މިދަންނަވައިލަނީ އެއީ، މިރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންވެފައިވާ ކަމަކަށްވާތީ. ރަށުގެފަޅު އެއީ ވަރަށް އުނދަގޫ ގޮތަކަށް އޮތް، ވަރަށް ތިލަފަޅެއް. އަޅުގަނޑު މިއަދު ހަވީރު މިރަށަށް ފޭބި ފޭބުމުގައިވެސް، އަދި ދެންމެ މިރަށަށް ފޭބި ފޭބުމުގައިވެސް އެކަން ވަރަށް ބޮޑަށް އިޙުސާސްވެގެން ހިނގައްޖެ، އަޅުގަނޑަށްވެސް އަދި އަޅުގަނޑާއެކު ވަޑައިގެންނެވި އެހެންބޭފުޅުންނަށްވެސް. އެހެންވީމާ، އެކަންތައް އެއީ ހަމައެކަނި މިރަށަށް ދިމާވެފައި އޮތްކަމެއް ނޫން. ރާއްޖެތެރޭގެ ގިނަ ރަށްރަށަކީ، އަޅުގަނޑު ދަންނަވާނީ ފަޅުކޮންނަށް ޖެހިފައިވާ ރަށްރަށޭ. އަދި ފަޅުތެރޭގައި ބައެއްކަހަލަ ބޮޑެތި ގާ ހުރުމުގެ ސަބަބުން އެއީ، އާދައިގެ ގޮތެއްގައި މަސައްކަތް ކޮށްގެން ރަނގަޅުކުރެވޭނެ ކަމަކަށްވެސް ނުވޭ. ބައެއް ރަށްރަށުގައި ޑައިނަމައިޓް އަޅައިގެން ފަޅުތެރެ ގޮއްވައިލަންޖެހޭ. މިރަށުގައިވެސް އެހެންހަދަން ނުޖެހޭނެކަމެއް ނޭނގެ. ކޮންމެއަކަސް، ވަރަށް ގިނަ ރަށްރަށުގައި ފަޅުތެރެ ފުންކުރުމާ، ނެރުތެރެ ގޮއްވުމާ، މިކަހަލަ ކިތަންމެ ކަމެއްވެސް އަޅުގަނޑު ކުރިންދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. މިސްކިތްތައް މަރާމާތުކުރުން، އަލަށް މިސްކިތް އިމާރާތްކުރުން، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން، އަތޮޅު އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުމާއި، ރަށްރަށުގެ އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން، މިހެންގޮސް މިވަގުތައް ރާއްޖެތެރެއަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންތައްތައް، މިދެންނެވި ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނިފައިވޭ. ބޭނުމަކީ، ރާއްޖެތެރެ ކުރިޔަށް ގެންދިއުން. މިހާރު އެއޮތްގޮތަށް ރާއްޖެތެރެ އޮތުމަކީ ރާއްޖޭގެ ތަރައްޤީއަށްއެޅޭ ހުރަހަކަށްވާތީ އެ ހުރަސް ނައްތައިލުން.

އާދެ، އެ ހުރަސް ނައްތައިލުމަށްޓަކައި ސަރުކާރުން މަޝްރޫޢެއް ރޭވިޔަސް، އަދި ކިތަންމެ ގިނަ ފައިސާތަކެއް ހަރަދު ކުރަމުން ދިޔަޔަސް، އެއިން އެއްވެސް ނަތީޖާއެއް ނުފެންނާނެ، ރައްޔިތުންގެ ފަރާތުން އެކަމަށް ފުރިހަމަ އެއްބާރުލުމާއި، ތާއީދު، ނުލިބޭ ކަމަށްވަންޏާ. ސަރުކާރުން ފައިސާ ހަރަދު ކުރެވިދާނެ. އެހެންނަމަވެސް، އޭގެ ނަތީޖާ ފެންނާނީ ރައްޔިތުންނާ ވެރިން އެ މަސައްކަތުގައި ނުލާހިކު ވަރުގަދަ ޢަޒުމަކާއެކު ބައިވެރިވެވަޑައިގަންނަވައިގެން ކުރިޔަށް ގެންދަވާ ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑު މި އިލްތިމާސް ކުރަނީ، ސަރުކާރުން މިކަންތައްތައް ރާވައިގެން ކުރިޔަށް މިގެންދަނީ. އެހެންވީމާ، އެ މަސައްކަތްތަކުގައި، ރައްޔިތުން ވީހާ އިޚުލާޞްތެރިކަމަކާއި، ތެދުވެރިކަމަކާއެކު ތިއްބަވަން. އޭރުން އޭގެ ފައިދާ އެންމެފަހުން އެނބުރި އައިސް ލިބޭނީ ހަމަ ރައްޔިތުންނަށް.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، އިޤުތިޞާދީގޮތުން ތަރައްޤީވަމުން އަންނަ ޤައުމެއް. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ކުރިމަތިލާންޖެހެނީ އިޤުތިޞާދީގޮތުން މާ ތަނަވަސް މުސްތަޤުބަލަކާ ނޫން. މުސްތަޤުބަލޭ، މިދަންނަވަނީ އަޅުގަނޑުމެންނަށް ކުރިޔަށް ފެންނަން އޮންނަ މިންވަރަށް ބަލާއިރު ވަރަށްގިނަ އިޤުތިޞާދީ ދަތިތައް އަޅުގަނޑުމެންނާ ކުރިމަތިވެފައިވޭ. އަދި މިހާރު އަޅުގަނޑުމެން މި އިހުސާސްކުރަނީވެސް އެކަހަލަ ދުވަސްވަރެއް. އަޅުގަނޑުމެންގެ އިޤުތިޞާދީ ފެންވަރު މައްޗަށް ދާނީ އަޅުގަނޑުމެން މަސައްކަތްކުރި މިންވަރަކުން. ކޮންމެ މީހެއްގެ ދިރިއުޅުމަށް ވިސްނައިލިޔަސް އެމީހަކަށް ރަނގަޅަށް ވިސްނޭނެ އެމީހެއްގެ ދިރިއުޅުން ތަނަވަސްވެގެންދަނީ އެމީހަކު ކުރާ މަސައްކަތަކުންކަން. އެއްވެސް މަސައްކަތެއްނުކޮށް ހުންނަ މީހަކަށް ތަނަވަސްކަމެއް ނުލިބޭނެ. ލިބޭ އާމްދަނީއެއް ނޯންނާނެ. އެހެންވީމާ، އެނުކުތާ އެއީ އަޅުގަނޑުމެން ރާއްޖޭގެ އެންމެން ވަރަށް ރަނގަޅަށް ހަނދާންކުރަންވެއްޖެ ނުކުތާއެއް. ވަރަށްބޮޑު ސަމާލުކަމެއް ދޭންވެއްޖެ ނުކުތާއެއް. ކޮންމެ މީހަކުވެސްޖެހޭނެ ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރަން. އެކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް ނުވަތަ ދަނޑުހެއްދުން ކަމުގައިވިޔަސް، ނުވަތަ ރޯނުވެށުން، އަންހެނުން ކުރާކަހަލަ މަސައްކަތްތައް، ފަންގިވިނުންކަހަލަ މަސައްކަތެއް ކަމުގައިވިޔަސް، ނުވަތަ ވަޑާންކުރުން ކަމުގައިވިޔަސް، ފެހުންކަމުގައިވިޔަސް، އަދި އެނޫން ބާވަތެއްގެ މަސައްކަތެއް ކަމުގައިވިޔަސް، ކޮންމެ މީހަކުވެސް ކޮންމެވެސްކަހަލަ މަސައްކަތެއް ކުރަންޖެހޭނެ. ދިރިއުޅުމަށްޓަކައި، މަސައްކަތެއް ނުކޮށް ތިބުމަކީ ތިމާމެންގެ އަމިއްލަ ދިރިއުޅުމަށް، ތިމާމެން އަމިއްލައަށް އަޅާ ވަރަށްބޮޑު ހުރަހެއް. އަޅުގަނޑުމެން ބޭނުން، މިހާރު މިތިބަ ފެންވަރުން މައްޗަށް ޖެހިލަން. ކޮންމެމީހަކުވެސް، ބޭނުންވޭ އެމީހެއްގެ ދިރިއުޅުން މިހާރަށްވުރެ ތަންކޮޅެއް ރަނގަޅުކޮށްލަން. މިހާރަށްވުރެ ތަނަވަސްވާން. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ބާޒާރުގައި ތަކެތި ދަނީ އެއްދުވަހުން އަނެއްދުވަހަށް އަގު ބޮޑުވަމުން. ރާއްޖޭގައި އެކަންޏެއް ނޫން. މުޅި ދުނިޔޭގައިވެސް. އެއީ މުޅި ދުނިޔޭގައި މިހާރު ވަމުންދާގޮތެއް. ހަމައެކަނި މިހާރަކު ނޫން. މީގެ ވިއްސަކަށް އަހަރުގެ ކުރިއްސުރެ ފެށިގެން މިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވެމުން އެބަދޭ. އެހެންވީމާ، އޭގެ ޙައްލަކަށްވާނީ އަޅުގަނޑުމެންކުރާ މަސައްކަތް އިތުރުކޮށްގެން، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއެއް އިތުރުކުރުން. އެހެންވީމާ، މިހާރުވެސް މީދޫގެ ރައްޔިތުންވެސް އެކުރައްވާ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް ކުރައްވަމުން ގެންދެވޭތޯ ބެއްލެވުމަކީ ހަމަކޮންމެހެން ބޭނުންކަމެއް. އޭރުން އެމަސައްކަތުގެ ނަތީޖާވެސް ފެންނާނީ ހަމަ މީދޫގެ ރައްޔިތުންނަށް. އެމަސައްކަތެއް ކުރާ މީހަކަށް، އެމީހެއްގެ އާމްދަނީ އިތުރުވީމާ އެލިބޭ ތަނަވަސްކަމެއް ލިބޭނީ. އެހެންފަރާތަކަށް ނޫން. އެހެންވީމާ، އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް އެބަ ނަސޭހަތްތެރިވަން އެރަށެއްގެ ރައްޔިތުން އެކުރާ މަސައްކަތަކަށް ވީހާބޮޑު އަހަންމިއްޔަތެއް ދީގެން މިހާރު އެމަސައްކަތް އެ ކުރަމުން ގެންދާ ފެންވަރަށްވުރެ މަތީ ފެންވަރަކަށް ގެންދެވޭތޯ ބެލުމަށް. ކޮންމެކަމެއްވެސް ރަނގަޅަށް އެކަމެއް ކުރަންވީ އުސޫލުން ދަސްކޮށްގެން، އެމަސައްކަތަކުން ލިބޭ އާމްދަނީއެއް އިތުރުކުރެވޭތޯ ބެލުމަކީ ހަމަކޮންމެ މީހެއްގެވެސް ވާޖިބަކަށް މިއަދު ވެއްޖެ.

އާދެ، އެހެންވީމާ، އަޅުގަނޑުމެން ދިރިއުޅެން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމުގައިވަންޏާ މަސްވެރިކަން ތަރައްޤީކުރަންވެއްޖެ. އެއިން އިތުރު އެއްޗެއް ލިބޭތޯ ބަލަންވެއްޖެ. ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ވަރަށްގިނަ ތަފާތު މަޝްރޫޢުތައް ރާވައިގެން ހިންގަމުންގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރޭޑިއޯގެ ޒަރީޢާއިން އިވިވަޑައިގަންނަވާނެ. އަދި އެނޫން ގޮތްގޮތުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮންމެއަހަރަކު އެއްފަހަރު މަސްވެރިންގެ ދުވަހެއްވެސް މިހާރު އެބަގެނޭ. މިހުރިހާ ކަމެއްގެ ބޭނުމަކީ މަސްވެރިކަން ތަރައްޤީކުރުން. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ މަޝްރޫޢެއްވެސް ކުރިޔަށް އެބަދޭ. އަދި އެނޫންވެސް ކިތަންމެކަމެއް މިހާރު ހިނގަމުން އެބަދޭ. މަސްވެރިކަން ފިޔަވައި ދެންހުރި ކަންތައްތައްވެސް ހަމައެފަދައިން ކުރިޔަށް ގެންދަންޖެހޭ. މިސާލަކަށް ކާބޯތަކެތި އަޅާ ގަސްގަހާގެހި އިންދުން، ދަނޑުވެރިކަން ކުރުން، މިއީ ޒަމާނުއްސުރެ ރާއްޖޭގައި އަޅުގަނޑުމެން ކުރަމުން އައިސްފައިވާ މަސައްކަތެއް. ފަހަކަށްއައިސް އެ މަސައްކަތް އޮތީ އިހުމާލު ކޮށްލެވިފައި، އަޅުގަނޑުމެންގެ އެހެން ކަންތައްތަކެކޭ ދާދި އެއްގޮތަށް. އެހެންވީމާ، އެމަސައްކަތްވެސް އަލުން ދިރުވައިގެން ކުރަންވެއްޖެ. ހަމަ އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށްޓަކައި. އަމިއްލަ މަންފާއަށްޓަކައި. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސް ކުރުމަށްޓަކައި.

މިއަހަރަކީ ގަސްގަހާގެހި އިންދުމާއި، ދަނޑުވެރިކަމުގެ އަހަރެއް ކަމުގައި މިހާރު ސަރުކާރުން ވަނީ އިޢުލާނުކޮށްފައި. އެހެންވީމާ، މިއަހަރު ވަރަށް ޚާއްޞަ ސަމާލުކަމެއް އެކަމަށް، މީދޫގެ ރައްޔިތުންވެސް ދެއްވަންވާނެ. ރައްޔިތުންނާ ވެރިންނާ އެއްބައިވެގެން މިރަށުގައި އެކަންތައްތައް ކުރިޔަށް ގެންދެވޭނެ އުސޫލުތަކެއް ރާވައިގެން، އެ އުސޫލުތަކާ އެއްގޮތަށް އެމަސައްކަތް ކުރިޔަށް ގެންދަވައިފިނަމަ، އޭގެ ސަބަބުން މިރަށަށް އިތުރު ފައިދާތަކެއް ލިބޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރަން މަސައްކަތްކުރާއިރު ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ އަޅުގަނޑުމެންނަކީ ކޮންބައެއްކަން. އަޅުގަނޑުމެންނަކީ، ދިވެހިން. އަޅުގަނޑުމެންނަކީ، މުސްލިމުން. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްޤައުމެއްގެ އަހުލުވެރިންގެ މެދުގައި އޮންނަންވާ ގުޅުން. އެއްދީނެއްގެ އަހުލުވެރިންގެ މެދުގައި އޮންނަންވާ ގުޅުން. އެއީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ "يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ". އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން، ތިޔަބައިމީހުން ހެއްދެވި اللّـه سبحـانـه وتعـالى އަށް ތަޤުވާވެރިވާށެވެ. ތިޔަބައިމީހުން، ހެއްދެވި ތިޔަބައިމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ޙަޟްރަތަށް ތަޤުވާވެރިވާށެވެ. އަދި އެކަލާނގެއީ ތިޔަބައިމީހުން އެއް ނަފުސެއްގެ ވާސިތާއިން، އެއް ނަފުސެއްގެ ޒަރީޢާއިން އުފެއްދެވި ކަލާނގެއެވެ. އާދެ، އާދަމުގެފާނު، ﷲ އެންމެފުރަތަމަ ހެއްދެވި އިންސާނަކީ އާދަމުގެފާނު. އާދަމުގެފާނުގެ ނަސްލުން އަޅުގަނޑުމެން އައިސްމިތިބީ. އަޅުގަނޑުމެންގެ އަސްލަކީ އެކައްޗެއް. އެހެންވީމާ، އިންސާނީ ވަންތަކަމުގެ ގޮތުންވެސް އަޅުގަނޑުމެން ވާންޖެހޭނީ އެއްބަޔަކަށް. އެއްބަނޑު އެއްބަފާބަޔަކަށް. ހަމައެފަދައިން ﷲ ވަޙީކުރައްވާ إِنَّمَا الْمُؤْمِنُونَ إِخْوَةٌ. "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." އެހެންވީމާ، ދީނީގޮތުންވެސް އަޅުގަނޑުމެން އަޚުންތަކެއް ކަމުގައިވެއްޖެ. ފުރަތަމަ އަންގަވަފައިއެވަނީ އިންސާނީގޮތުން އަޅުގަނޑުމެންނަކީ އަޚުންތަކެކޭ. ފަހުން އެ އަންގަވަނީ ދީނީގޮތުން އީމާންކަމުގެގޮތުން އަޅުގަނޑުމެންނަކީ އަޚުންތަކެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، އަޚުންގެ މެދުގައި، އެއްބަނޑު އެއްބަފާ ބައެއްގެ މެދުގައި އޮންނަންވާ ގުޅުން. އެއީ، އޯގާތެރިކަމުގެ ގުޅުން. އެހީތެރިކަމުގެ ގުޅުން. ކޮންމެމީހަކުވެސް އަނެކެއްގެ ހާލު ބަލައި އަނެކުންނަށް އެހީތެރިވެވެން އޮތް ރޮނގަކުން އެހީތެރިވެދިނުން. ކޮންމެމީހަކުވެސް އެމީހާގެ އަވަށްޓެރިޔާގެ ހާލުވެސް ބަލައިހެދުން. އެމީހާވަނީ ނިކަމެތިކަމެއް ކުރިމަތިވެފައި ކަމަށްވަންޏާ، އެނިކަމެތިކަމަކުން އެމީހާ ސަލާމަތްކޮށްދެވޭތޯ މަސައްކަތްކުރުން. ތިމާގެ އަތުގައި، ތަނަވަސްކަންހުރި މިންވަރަކުން އެހެންމީހުންނަށް އެހީވެދިނުން. އަދި އެހީވެދެވެން ނެތްކަމުގައިވަންޏާ، އެންމެ ކުޑަމިނުގައި އެމީހެއްގެ ހާލުބަލައި، އެމީހަކަށް ހަމްދަރުދީ ފާޅުކޮށް ރީތިބަހުންނަމަވެސް އެމީހަކަށް އެހީތެރިވެވޭތޯ ބެލުން. އެއްވެސް ހާލެއްގައި އެހެން މީހަކާ ދޭތެރޭގައި އިހާނެތިގޮތަކަށް ޢަމަލު ނުކުރުން. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނޭދޭނެ، އެހެންމީހުން ތިމާއާމެދު އިހާނެތިގޮތަކަށް ޢަމަލުކުރާކަށް. ހަމައެގޮތަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެހެންވީމާ، އެހެންމީހުންވެސް ނޭދޭނެ އަޅުގަނޑުމެންގެ ފަރާތުން އެމީހުންނަށް އެއްވެސް ކަހަލަ އުނިކަމެއް ލިބޭގޮތަކަށް އަޅުގަނޑުމެން ޢަމަލުކުރާކަށެއް. އެކުރާ ޢަމަލަކީ ބަހުންކުރާ ޢަމަލެއް ކަމުގައިވިޔަސް، ނުވަތަ ތިމާގެ އަތްފައިންކުރާ ޢަމަލެއް ކަމުގައިވިޔަސް އެއްވެސް ތަފާތެއް ނެތް. ތިމާބުނާ ބަހަކުންވެސް އެހެންމީހެއްގެ ޝުޢޫރަކަށް އުނިކަމެއް ގެނެސްގެން ނުވާނެ. އެހެންމީހެއް ހިތްދަތިވާގޮތަށް، އެހެންމީހެއް ހިތްހަމަނުޖެހޭގޮތަށް ތިމާ، ބަހަކުންވެސް، ޢަމަލަކުންވެސް އެއްވެސްކަމެއް ކޮށްގެން ނުވާނެ. އެއީ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތެއްނޫން. އިސްލާމްދީނުގައި އަންގަވައިފައިވަނީ އަޅުގަނޑުމެން އެންމެންނަކީ އަޚުންނޭ. އެހެންވީމާ، އަޚުންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންވާ ކަހަލަ އުޚުއްވަތްތެރިކަމުގެ ހަރުދަނާ ގުޅުން. މިގުޅުން ބަދަހިކުރެވޭތޯ މަސައްކަތް ކުރުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ވެރިންގެ ވާޖިބެއްނޫން. އެއީ، ރާއްޖޭގެ ނިސްބަތުގައި ވިއްޔާ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކުރަންޖެހޭ ކަމެއްނޫން. ރާއްޖޭގެ އެންމެންނަކީ އެއްބަނޑު އެއްބަފާބައެކޭ، އެހެންކިޔައިގެން ނަސޭހަތްދީގެން އެރޫހު ފެތުރޭތޯ މަސައްކަތްކުރުން އެއީ. އެއީ، ހަމައެކަނި ރަށެއްގެ ނިސްބަތުގައިވިއްޔާ ރަށުގެ ކަތީބުގެވެސް ވާޖިބެއްނޫން. އަތޮޅުގެ ނިސްބަތުގައިވިއްޔާ އެއީ، ހަމައެކަނި އަތޮޅުވެރިޔާގެ ވާޖިބެއްވެސް ނޫން. އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހެއްގެވެސް ވާޖިބު. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އިންސާނީ މުޖުތަމަޢެއްގެ މެމްބަރެއް. ހަމައެފަދައިން މުސްލިމް ޖަމާޢަތެއްގެ މެމްބަރެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭނީ އެމީހާއާއި އެހެންމީހުންނާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި. އަދި އެމީހާ އެ ދިރިއުޅެމުންގެންދާ ޖަމާޢަތުގައި ހަމަޖެހުމާއި ބާއްޖަވެރިކަން ފެތުރުމަށްޓަކައި މަސައްކަތްކުރުމަށް އެމީހާ ބާރުއަޅަންޖެހޭނެ. އެހެންވީމާ، މިދަންނަވާ އެއްޗަކީ އުޚުއްވަތްތެރިކަން ފެތުރުމަށްޓަކައި، އެއްބަނޑު އެއްބަފައިކަން ފެތުރުމަށްޓަކައި، މަސައްކަތް ކުރުމަކީ ހަމައެކަނި ވަކިމީހެއްގެ ވާޖިބެއް ނޫނޭ. އެއީ އެންމެންގެވެސް ވާޖިބޭ. ހަމަކޮންމެ އިންސާނެއްގެވެސް، ކޮންމެ މުސްލިމެއްގެވެސް ވާޖިބު. ކޮންމެ މީހެއްގެވެސް. އެގޮތް ގަބޫލުކޮށްގެން މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންގެ މެދުގައި اللّـه سبحـانـه وتعـالى އެ އަންގަވާފަދަ މަތިވެރި ހަރުދަނާ ގުޅުންތަކެއް ނުހުންނާނެ.

އާދެ، އަޅުގަނޑުމެންނަކީ އަޚުން. އެހެންވީމާ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ. ކޮންމެމީހަކުވެސް، އެހެންމީހުންގެ ގޯތި ގެދޮރަށް ޙުރުމަތްތެރިކޮށް ހިތަންވާނެ. އެއްވެސް މީހަކު އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަނެގެނެއް ނުވާނެ. އެހެންމީހުންގެ އެއްޗެތި އެމީހުންނަށް ނޭނގި ބޭނުންކޮށް، އެހެންމީހުންގެ ގެދޮރަށް އެމީހުންގެ ހުއްދަނެތި ވަދެ، އެހެންމީހުންގެ މުދަލަށާއި ގެދޮރަށް ގެއްލުންދީ ނުވަތަ އެހެންމީހުންނާ ބެހޭގޮތުން ނޭދެވޭ ވާހަކަ ދައްކައި، މިކަހަލަ އެއްވެސްކަމެއް ކުރުމަކީ އިސްލާމީ ހަމަތަކުގެމަތިން ބަލާއިރު އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާއިރު އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ މައްޗަށް ވިސްނަންވާނެ. ހުރިހާ އެންމެންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގައި ވެގެން މަސައްކަތްކޮށްގެންނޫނީ އަޅުގަނޑުމެންކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ގަސްދެއް ނުކުރަން. އަޅުގަނޑު ޔަގީންކުރަނީ އަޅުގަނޑު މިރޭ މީދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް މިދެއްކި ވާހަކަތަކުން ކޮންމެވެސް މިންވަރެއްގެ ފައިދާއެއް މީދޫގެ ރައްޔިތުންނަށް ކުރާނެކަމަށް. ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި މީދޫގެ ރައްޔިތުންވެސް ފިސާރި އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއެކު، ފިސާރިވަރުގަދަ ޢަޒުމަކާއެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް. ރައްޔިތުންނާ ވެރިންނާ އެއްބައިވެގެން ރާއްޖޭގެ ޤާނޫނުތަކާ ގަވާއިދުތައް ތަންދޭ ގޮތުގެމަތިން، ރަށް ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް. މީދޫގައިވެސް އެކިއެކި ކޮމިޓީ ހުންނާނެ. ރަށް ކުރިއަރުވާ ކޮމިޓީ، އަންހެނުންގެ ކޮމިޓީ، މިހުރިހާ ކޮމިޓީތަކުގެ މެމްބަރުންވެސް އެކަތިގަނޑަކަށް ވެގެން، ރައްޔިތުންނާ މަޝްވަރާކުރައްވައިގެން، ރައްޔިތުންނަށް މަގު ދައްކަވަމުން ގެންދަވާނެކަމަށް. އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި ކުރިޔަށްދެވޭކަށް ނޯންނާނެ. އެހެންވީމާ، މިނުކުތާތަކުގެ މައްޗަށް މީދޫގެ ރައްޔިތުން ވަރަށްބޮޑަށް ވިސްނަވާނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި އެއާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެކަމަށްވެސް އުންމީދުކުރަން.

އަޅުގަނޑުގެ ދުޢާ އަކީ اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް އަދަށްވުރެ ތަނަވަސް، އުފާވެރި މާދަމައެއް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސް ކުރައްވައި ދިރިއުޅުމުގެ ފެންވަރު މަތިކުރައްވައި އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެމަގު ތަނަވަސްކޮށްދެއްވައި އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ތައުފީޤުދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.