بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ސިފައިންގެ ބިލު ތަޞްދީޤު ކުރުމަށްފަހުގައި، ޚަބަރުފަތުރާ ވަސީލަތްތަކުގެ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިއަދު މި ތަޞްދީޤު ކުރި ސިފައިންގެ ޤާނޫނަކީ، މިފަދަ ޤާނޫނެއް އެކުލަވައިލުމަށް ވަރަށް ކުރިއްސުރެ ސަރުކާރުން މަސައްކަތް ކުރަމުން އައިސްފައިވާ ޤާނޫނެއް. މި މަސައްކަތް ފެށުނީ 1990 ވަނަ އަހަރު. މި މަސައްކަތުގައި ވަރަށްގިނަ ފަރާތްތަކާއި ބޭފުޅުންގެ އެހީތެރިކަންވަނީ ލިބިފައި. އެންމެ ފުރަތަމަ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު މި މަސައްކަތް ފެށްޓެވީ. އޭނާގެ ބެއްލެވުމުގެ ދަށުން އޭރުގެ އެން.އެސް.އެސް.ގެ ތެރޭގައި މަސައްކަތް ހިނގަމުންދިޔައީ. އަދި ބޭރުގެ ތަޖުރިބާކާރު ޤާނޫނީ މާހިރެއްގެ އެހީގައި މަސައްކަތް ކުރެވެމުންދިޔައީ. އޭގެފަހުން، ދިވެހިރާއްޖޭގެ އެޓަރނީޖެނެރަލް ކަމުގެ މަގާމުގައި ކުރިން ތިއްބެވި ދެ ބޭފުޅެއްގެ މުއްދަތުގައިވެސް އެ މަސައްކަތް އެޓަރނީޖެނެރަލްގެ އޮފީހުގައި ހިނގަމުންދިޔަ. ލޯ ކޮމިޝަނަށް ޑްރާފްޓް ފޮނުވުނު. އޭގެފަހުން، އެ ހުރިހާ މަރްޙަލާއެއް ނިމިގެން، ބިލެއްގެ ސިފައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު. ރައްޔިތުންގެ މަޖިލީހުގައި އޮންނަ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މި ބިލު ހުށަހެޅިގެން، އެކޮމިޓީއިން ދިރާސާ ކުރައްވައި، ފެނިވަޑައިގަންނަވާ ލަފައަކާއި އިރުޝާދެއް ދެއްވީމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، މަޖިލީހުގައި ބަޙުޘް ކުރެވިގެން، މި ބިލު ފާސްވެފައި މިވަނީ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްދެއްވީ، މި ހިނގާ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު. އެދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތިއްބެވި 38 މެންބަރުންގެ އިއްތިފާޤުން. އެހެންވީމާ، މިބިލް، ތައްޔާރުކޮށްދެއްވުމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މި ޤާނޫނަކީ ދިވެހިރާއްޖޭގެ ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ސިފައިންނަށް ލިބިދީފައިވާ ބާރުތަކާއި، ސިފައިންނަށް ލިބޭ އިމްތިޔާޒުތަކާއި ޢިނާޔަތްތަކާ، މިކަންތައްތައް ކަނޑައަޅާ ޤާނޫނެއް. މިފަދަ ޤާނޫނެއް އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އޭރުން ސިފައިންނަށްވެސް އެމީހުންގެ ދައުރު ރަނގަޅަށް އެނގިގެންދާނެ. އެމީހުންގެ ވާޖިބަކީ ކޮބައިކަން، މަސްއޫލިއްޔަތަކީ ކޮބައިކަން، އެމީހުންނަށް ލިބިދީފައިވާ ބާރުތަކަކީ ކޮބައިކަން، އެ ބާރުތައް ގެންގުޅެވޭނީ ކޮންކަހަލަ އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިންކަން ސިފައިންނަށްވެސް ވަރަށް ރަނގަޅަށް އޮންނާނީ އެނގެން.

ހަމައެއާއެކީގައި ކޮންމެ ޤާނޫނަކީ، އެ ޤާނޫނެއް ފާސްވެ، ތަޞްދީޤު ކުރުމަށްފަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވޭ އެއްޗަކަށްވާތީ، އެކަމުގެ މަޢްލޫމާތު ދިވެހި ރައްޔިތުންނަށްވެސް އޮންނާނީ އެނގިފައި. އެހެންވީމާ، މިޤާނޫނުގައި ބުނާ އެއްޗެއް ބަލަން ބޭނުންވާ ކޮންމެ ރައްޔިތަކަށް، އެކަމުގެ މަގު އޮންނާނީ ތަނަވަސްވެފައި. އެހެންވީމާ، ސިފައިންނާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުމަށްވެސް މިގޮތުން ވަރަށް އެކަށީގެންވާ ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެން. މިފަދަ ޤާނޫނެއް އޮތުމުން، މިކަމުގެ ސަބަބުން ސިފައިންގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް ބޮޑެތި މަގުތަކެއް ހުޅުވިގެންދާނެ. އަދި ސިފައިންގެ ވާޖިބު އަދާކުރުމަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ސިފައިންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކަށް ވާނީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ރައްކާތެރިކޮށް ޙިމާޔަތް ކުރުން. ހަމައެހެންމެ، މާތްވެގެންވާ އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން. އަދި ދައުލަތަށް ކުރިމަތިވާ އެކިއެކި ނުރައްކާތަކުން ދައުލަތް ސަލާމަތް ކުރުން. ރައްޔިތުން ސަލާމަތް ކުރުން. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ދިމާވެދާނެ މިފަދަ ކޮންމެ ނުރައްކާތެރި ކަމަކަށް ތައްޔާރުވެ ތިބުން.

ސިފައިން ވާންޖެހޭނީ ވަރަށް ހުޝިޔާރު ބަޔަކަށް. ޤާބިލު ބަޔަކަށް. އެކަމުގެ ތަމްރީނުތައް ލިބިފައިވާ ބަޔަކަށް. މިއަދުގެ ދުނިޔޭގައި ޙަރަކާތްތެރިވުމުގެ ޤާބިލިއްޔަތު، ހުނަރު ލިބިފައިވާ ބަޔަކަށް. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަން. ކިތަންމެވަރަކަށް އަޅުގަނޑުމެން މަސައްކަތް ކުރިޔަސް، ރާއްޖޭގެ ބާރުތައް ތަރައްޤީ ކުރެވޭނީ ވަކިމިންވަރަކަށް. މީގެ މާނައަކީ އަޅުގަނޑުމެން ކަންތައްތައް ނުކޮށް ތިބެންވީއަކީ ނޫން. އަޅުގަނޑުމެންގެ ފެންވަރުން އަޅުގަނޑުމެންގެ ބާރުތައް ތަރައްޤީ ކުރަންޖެހޭ. ސިފައިންގެ ބާރުތަކުގެ ތެރޭގައި، އެއްގަމުގެ ބާރާއި، ކަނޑުގެ ބާރާއި، ވައިގެ ބާރު ހިމެނޭ. އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި މިންވަރަކުން އެ ބާރުތައް ތަރައްޤީކޮށް، އެ ބާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދައުލަތާއި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއާއި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތް ކުރުމަކީ ސިފައިން ކުރަންޖެހޭނެ ކަމެއް.

އާދެ! މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އަދި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ދައުލަތުގެ ގެޒެޓުގައި ޝާއިޢު ކުރުމަށްފަހު، ތިންމަސް ދުވަސް ހަމަވާ ދުވަހުން ފެށިގެން. އެހެންވީމާ، މިއަދުން ފެށިގެން ތިންމަސް ދުވަސް ހަމަވާ ދުވަހުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ.

މި ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނަކަށްވެފައި، އަދި މިކަމުގެ ތެރޭގައި އުޅުއްވި ފަރާތްތައް، އެކުރެއްވި ބުރަ މަސައްކަތްތަކުގެ މަތިން އަދިވެސް އެއްފަހަރު އަޅުގަނޑު ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މީގެތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރާއި، ސިފައިންގެ އިސް އޮފިސަރުންނާއި، މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނާއި، އެޓަރނީ ޖެނެރަލުންގެ ގޮތުގައި ޚިދްމަތް ކުރެއްވި ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ލޯ ކޮމިޝަނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ ހުރިހާ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އަޅުގަނޑު ހިމަނަން. އެ ހުރިހާ ބޭފުޅުންނަށް، މިފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.