1. ސުވާލު: ސަމިޓުގައި ވާހަކަދެކެވުނު މައިގަނޑު ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

މި ސަމިޓަކީ މިހާރު ބައިނަލްއަޤްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ އެއްބައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ އަހަރު ބާލީގައިވެސް އޮތް ވަރަށް މުހިންމު ސަމިޓެއް. ޙަޤީޤަތުގައި އެއީ މިހާރަށްވުރެ އަދި މާ ބޮޑު ސަމިޓެއް. ދުނިޔޭގެ ހުރިހާ ޤައުމުތަކުން ބައިވެރިވި. ދެން ބާލީގައި އެއްބަސްވެވުނީ، 2009 ވަނަ އަހަރު ކޯޕަންހޭގަންގައި އޮންނަ ޖަލްސާއަށްދާއިރަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން، އާ ޓާގެޓްތަކެއް، އަމާޒުތަކެއް ކަނޑައެޅުމަށް. އެއީ ދުނިޔެއަށް މި އަންނަ ބަދަލުތައް، ތިމާވެށްޓަށް އަންނަ ބަދަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން. ދެން މިފަހަރުގެ ބައްދަލުވުމުގައިވެސް ދެކެވުނީ އެކި ޤައުމުތަކުން މިހާތަނާ ޖެހެންދެން ކޮށްފައި ހުރި މަސައްކަތާބެހޭ ވާހަކަ.

ޚާއްޞަކޮށް މިފަހަރު އެންމެބޮޑު ސަމާލުކަމެއް މި ދިނީ، ބިޒްނަސް ދާއިރާ، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން ތިމާވެށި ރައްކާތެރި ކުރުމަށާއި، ތިމާވެށްޓަށް ފައިދާކުރަނިވި ގޮތުގައި ކުރެވެން ހުންނާނީ ކޮންކޮން މަސައްކަތްތަކެއްތޯ؟ އެއީ މިފަހަރުގެ ތީމަކީ. މިފަހަރުގެ މައުޟޫޢަކީ. އެގޮތުން މިއީ ވަރަށް މުހިންމު ސަމިޓެއް. ކޯޕަރޭޓް ސެކްޓަރުގެ، މިދެންނެވީ ވިޔަފާރިއާބެހޭ ދާއިރާގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން، ދުނިޔޭގެ އެތަން މިތަނުން ވަޑައިގެންނެވި. ވަރަށް ބޮޑެތި ކުންފުނިތަކުން ވަޑައިގެންނެވި. އަދި ތިމާވެށްޓާބެހޭ ސައިންސްވެރިންގެވެސް ވަރަށްގިނަ ބަޔަކު ދިޔަ. އަދި ދުނިޔޭގެ އެންމެ މުހިންމު ކަމަށް އޮންނަ ޖަމުޢިއްޔާ، ޔޫ.އެން.އީ.ޕީ. އެތާނގެ އެގްޒެކެޓިވް ޑިރެކްޓަރާއި، އެނޫން ބޭފުޅުންވެސް ވަޑައިގެންނެވި. އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގެ އިސްވެރިންވެސް ވަޑައިގެންނެވި. މިސާލަކަށް، މޮނާކޯގެ ޕްރިންސް އަލްބަޓް ވަޑައިގެންނެވި. އަދި ސްވިޑްންގެ ކުރީގެ ބޮޑުވަޒީރުވެސް ވަޑައިގެންނެވި. ޔަމަންގެ ކުރީގެ ބޮޑުވަޒީރުވެސް ވަޑައިގެންނެވި. އަދި ބައެއް އެހެން ތަންތާނގެ ވަޒީރުންވެސް ވަޑައިގެންނެވި. އެހެންވީމާ، މިފަހަރު މި ވާހަކަ މި ދެކެވުނީ، މިހާހިސާބުން ފެށިގެން ވިޔަފާރީގެ ދާއިރާގައި ކަންތައްތައް ކުރަމުންދާގޮތުން، ތިމާވެށި މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމަށް ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އެޅޭނީ؟ އަދި އަމުދުން ވިޔަފާރީގެ ދާއިރާގައި ހިނގާ ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއް ނުލިބޭގޮތަށް ތަފާތު އާ ޓެކްނޯލޮޖީ ބޭނުންކޮށްގެން ކަންތައްތައް ކުރެވޭނީ ކިހިނެއްތޯ؟ އެހެންވީމާ، އެގޮތުން ބަލާއިރު މިއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ސަމިޓެއް. އަދި މިސަމިޓުގައި ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަންނަ އަހަރު ކޯޕަންހޭގަންގައި އޮންނަ ޖަލްސާއަށްދާއިރަށް، އިރާދަކުރެއްވިއްޔާ ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރެވޭ.

 

2. ސުވާލު: މިސަމިޓުގެ ތެރޭގައި ނެރުއްވި "ޕެރެޑައިސް ޑްރައުނިންގ" އަކީ ކޮންކަހަލަ ފޮތެއްތޯ!

ރައީސުލްޖުމްހޫރިއްޔާ

މިފޮތަކީ މިވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު ބައިނަލްއަޤްވާމީ ތަފާތު ޖަލްސާތަކުގައި ދައްކާފައި ހުރި ވާހަކަތައް އެކުލެވޭ ފޮތެއް. އަދި އޭގެއިތުރުން ބައެއް ބޮޑެތި ފަރާތްތަކުން، އެކިއެކި ނިއުސް އޭޖެންސީތަކުން، ޓީ.ވީތަކުން ކޮށްފައި ހުރި އިންޓަރވިޔުތަކުގައި، އެ ކުރި ސުވާލުތަކާއި، އެއަށް އަޅުގަނޑު ދިން ޖަވާބުތައް އެކުލެވޭ ފޮތެއް. ޙަޤީޤަތުގައި މިއިން މި ދައްކައިދެނީ، ކުދި ޤައުމުތަކުން މިވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި، ތިމާވެށްޓާ ބެހޭގޮތުން ކޮށްފައި އޮތް މަސައްކަތް. މުޅި ދުނިޔޭގެ ސަމާލުކަމަށް، މިކަން ގެނައީވެސް ކުދި ޤައުމުތަކުން. އަދި ޚާއްޞަކޮށް، ދިވެހިރާއްޖެއިން. އެހެންވީމާ، މިއީ 21 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ހުރި މަސައްކަތްތައް، ޖުމްލަގޮތެއްގައި ދައްކައިދޭ ފޮތެއް، ދެން އެފޮތަށް ވަރަށްބޮޑު ތަރުޙީބެއް ލިބުނު. ވަރަށްގިނަ ފަރާތްތަކުން އެފޮތް ހޯދި. އަދި އަޅުގަނޑުގެ ސޮއިކޮށްފައި ހުރި ފޮތްތައްވެސް ވަރަށްގިނަ މީހުން ގެންދިޔަ. ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގައިވެސް މިފޮތުގެ ވާހަކަ މިހާރު އޮތީ ވަރަށް ބޮޑަށް ޝާއިޢު ކުރެވިފައި. އެހެންވީމާ، އަޅުގަނޑު ހިތުން މިފޮތުގެ ސަބަބުންވެސް ތިމާވެށީގެ ހޭލުންތެރިކަން މުޅި ދުނިޔޭގައި އުފެއްދުމަށް ވަރަށްބޮޑު ބާރެއް ލިބިގެންދާނެ.