بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! ސިފައިންގެ 116 ވަނަ އަހަރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ނައިބު، އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ވެރިންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުރިހާ އޮފިސަރުންނަށާއި، އެކި ރޭންކްތަކުގައި ތިއްބެވި ބޭކަލުންނަށާއި، ބޭކަނބަލުންނަށާއި، ސިފައިންގެ ޢާއިލާތަކަށް ތަހުނިޔާ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އަޅުގަނޑުގެ ވާހަކަ ކުރިޔަށް ގެންދިޔުމުގެ ކުރިން، މިރޭގެ މި އުފާވެރި އިޙްތިފާލުގައި މަރްޙަބާ ވިދާޅުވުމުގެގޮތުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ނައިބު، އަލްފާޟިލް އިސްމާޢީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިހާރު އެތައް ކުލަގަދަ ހަރަކާތްތަކެއް ބޭއްވިއްޖެ. އޭގެތެރޭގައި، އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ބޭއްވި މަގުމަތީ ހިނގާލުމާއި، ކޯސްޓް ގާޑް ޑިސްޕްލޭއާއި، އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކޯސްޓް ގާޑްގެ ދެ އުޅަނދު ކަމަށްވާ "ޣާޒީ" އާއި "ޝަހީދު ޢަލީ" ގެ ޚިދުމަތް ފަށައިދިނުން ހިމެނޭ.

މިރޭ މިއޮތީ މި މުނާސަބަތުގެ ރަސްމީ އިޙްތިފާލް. މިރޭގެ މި އިޙްތިފާލުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑަށް ތިޔަ ދެއްވި ސިފައިންގެ އެންމެ މަތިވެރި ޚިދުމަތުގެ ޝަރަފަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއަށާއި، ޗީފް އޮފް ޑިފެންސް ފޯސް އަށާއި، ސިފައިންގެ ހުރިހާ ބޭކަލުންނަށް، ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ސިފައިންގެ ޚިދުމަތަކީ، ވަރަށް ގާތުން އަޅުގަނޑު ބަލަމުން އަންނަ ޚިދުމަތެއް. ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެއީ އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް. އެކަން އަޅުގަނޑު ކުރިގޮތާ ދޭތެރޭގައި ސިފައިންގެ އޮފިސަރުންނާއި، އަދި ސިފައިންގެ އެންމެންގެ ޝުޢޫރުތައް، ދެންމެ އިވިގެންދިޔަ ސައިޓޭޝަނުން ވަރަށް ރަނގަޅަށް ފާޅުވެގެން ހިނގައްޖެ. އެއިން ދޭހަވަނީ، ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން، ސިފައިންގެ ހުރިހާ އޮފިސަރުންނާއި ސިފައިންގެ އެންމެން، އަޅުގަނޑަށް ކުރައްވާ މަތިވެރި ތާއީދާއި، އަޅުގަނޑަށް ކުރައްވާ އިތުބާރު. ހަމައެހެންމެ، ދިވެހި ސަރުކާރަށް، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރަށް، މޯލްޑިވްސް ޑިފެންސް ފޯސްގެ ހުރިހާ އޮފިސަރުންނާއި އެންމެންކުރާ ތާއީދާއި އިތުބާރު. އެކަމަށްޓަކައި މޯލްޑިވްސް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްއަށާއި، އަދި ހުރިހާ އޮފިސަރުންނަށާއި، ސިފައިންގެ އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. ހަމައެހެންމެ، ސިފައިންގެ ޚިދުމަތާބެހޭ އަހަރީ ފޮތެއް ނެރެދިނުމުގެ އުފާވެސް އަޅުގަނޑަށް ދެއްވިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އެކި ކަންކަމާ ގުޅިގެން މިރޭ ޝަރަފުގެ ހަނދާނީ ފިލާ ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް މި މުނާސަބަތުގައި އަޅުގަނޑު ތަހުނިޔާ ދަންނަވަން.

ސިފައިންނަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ ޤައުމީ ވާޖިބަށް ކެރިގެން ކުރިމަތިލައިގެން އިޖާބަދީގެން ތިބި ބައެއް. އަދި ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ވާޖިބަށް އިސްކަންދީގެން، ރެޔާއި ދުވާލު މަސައްކަތްކުރާ، ޤައުމީ ޚިދުމަތުގެ ކުރީ ސަފުގައި ތިބި ބައެއް. ރައްޔިތުންގެ ޚިދުމަތުގައި ތިބި ބައެއް.
ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ ވަރަށް މުހިންމު ފިޔަވަޅެއް އެޅިފައި. އާދެ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، އެދުވަހު އަޅުގަނޑުވަނީ ސިފައިންގެ ޤާނޫނު ތަޞްދީޤުކޮށްފައި. ސިފައިންގެ ޤާނޫނުގެ ސަބަބުން، ސިފައިންގެ ވާޖިބު އަދާކުރުމަށާއި، ސިފައިންގެ ކަންތައްތައް ހިންގުމަށާއި، ސިފައިންގެ އޮނިގަނޑަށް އިތުރު ހަރުދަނާކަމެއް ލިބި، ސިފައިން ދެމުންގެންދާ ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ. އާދެ، ސިފައިންގެ ޤާނޫނުގެ މަޤްޞަދު ޙާޞިލުވާނީ ސިފައިންނަކީ، މިހާރުވެސް ތިޔަ ތިއްބެވި ފަދައިން ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުއްވައި، ޤައުމުގެ ދިފާޢުގައި، ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރައްވާ ބައެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިތިއްބަވައިގެން. އެގޮތުގައި ދިވެހި ސިފައިން އަބަދުމެ، ތިއްބަވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤާނޫނުއަސާސީ ޙިމާޔަތްކޮށް، ރައްޔިތުންގެ އައްޑަނައެއްގެ ގޮތުގައި ފަސްނުޖެހި ހަރަކާތްތެރިވުމުގެ ކުޅަދާނަކަން ލިބިފައިވާ ހަރުދަނާ ޤާބިލް ބަޔަކަށް ވާންޖެހޭ. މިފަދަ ބާރަކަށްވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތާނގައިވެސް ހަލުވިކަމާއެކު ކުރަމުން ގެންދާނަން.

އާދެ، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ސިފައިންނަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީގެ ވާހަކަ އަޅުގަނޑުމެންނަށް މިތާނގައި އިވިގެން ހިނގައްޖެ. އަދި ދެންމެ ތިޔަ ދެއްކެވި ވީޑިއޯއިންވެސް އެމަންޒަރުތައް ފެނިގެން ހިނގައްޖެ. އާދެ، މިކަންކަން މިހެން ކުރުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. އޭގެތެރޭގައި، ސިފައިންގެ އެންމެ މަތީވެރިޔާގެ ނައިބުގެ މަގާމުގައި ތިއްބެވި ބޭފުޅުންނާއި އަދި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ސިފައިންގެ އިސް އޮފިސަރުންނާއި އަދި ސިފައިންގެ އެންމެން ކޮށްފައިވާ މަސައްކަތްތަކާއި ޚިދުމަތްތައް އަޅުގަނޑު ފާހަގަކޮށް، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެ ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދާއި އެހީތެރިކަމާލައިގެން ނޫނީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް މިއަދު ސިފައިންނަށް މި ގެނެވިފައިވާ ތަރައްޤީއެއް ނުގެނެވޭނެ. މިއީ، ހަމަ އެންމެ މީހެއްގެ މަސައްކަތެއް ނޫން. އަޅުގަނޑުގެ މަސައްކަތެއް ނޫން. މިއީ، އަޅުގަނޑުމެން އެންމެންގެ މަސައްކަތް. ސިފައިންގެ އެންމެންގެ މަސައްކަތް. ސިފައިންގެ ހުރިހާ އޮފިސަރުންގެ މަސައްކަތް. ސިފައިންގެ ކަންތައްތައް ބަލަހައްޓަވަން ތިއްބެވި ވެރިންގެ މަސައްކަތް. އެ މަސައްކަތުން މާތްاللّـهގެ ވާގިފުޅާއެކު މިއަދު އަޅުގަނޑުމެން މިތިބީ، ތަރައްޤީގެ އާ މަރުޙަލާއެއްގައި. އާދެ، ޢަސްކަރީގޮތުން ބަލާއިރުވެސް އަޅުގަނޑުމެންގެ ރާއްޖެ ފަޚުރުވެރިވުން ޙައްޤުވާފަދަ ތަރައްޤީގެ އާ މަރުޙަލާއަކަށް އާދެވިފައި.

ސިފައިންގެ މިއަހަރުގެ ޝިޢާރު، "ސަފުތަކުގެ ބަދަހިކަން، ކާމިޔާބުގެ ސިއްރު" މި ޝިޢާރާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. ސިފައިންނަކީ ޒަމާނުއްސުރެ ވަރަށް ހަރުދަނާ ސިފަތަކެއް ލިބިފައިވާ ބައެއް. ސިފައިން ކުރިމަތިލި ކޮންމެ ކަމެއް ކާމިޔާބު ކުރެވިފައިވަނީ ސިފައިންނަށް ޚާއްޞަ ސިފަތަކެއް ލިބިފައިވާތީ. އޭގެތެރެއިން، އެންމެ ޚާއްޞަ ސިފައަކީ، ސިފައިންގެ މެދުގައި އޮންނަ ނުގުޑާފަދަ ބަދަހި ގުޅުން. ސިފައިން ކުރިމަތިލާ ކޮންމެ ކަމަކާވެސް ކުރިމަތިލަނީ، އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގައި ދެމިތިބެގެން. އެއް ލަނޑުދަނޑިއަކަށް ވާޞިލުވުމުގެ މަތިވެރި ރޫޙުގައި. އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ތިބެގެން.

އާދެ، ސިފައިންގެ ބަދަހި ސަފުތަކަށް އިތުރު ބަދަހިކަމެއް މިއަދުވަނީ ގެންނަން ޖެހިފައި. ސިފަންގެ ލަޝްކަރަކީ މިއަދު ވަރަށް ޒުވާން ލަޝްކަރެއް. މިއީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް. ސިފައިންނަކީ ޙަޤީޤަތުގައި ޖިސްމާނީ ބާރު ފުރިހަމަވެފައިވާ ބަޔަކަށްވާންޖެހޭ. ޒުވާން ބަޔަކަށް ވާންޖެހޭ. އެމީހުންނަށް ކުރިމަތިވާ ކޮންމެ ކަމަކާ ކުރިމަތިލާން ކެރޭ، އަދި ކުރިމަތިލުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން ލިބިފައިވާ ބަޔަކަށްވާންޖެހޭ. އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ސިފައިންގެ ބޮޑު ބަޔަކީ، ވަރަށް ޒުވާން ބައެއްކަމަށްވާކަމީ، އަޅުގަނޑުމެން އުފާކުރުން ޙައްޤުކަމެއް. އަދި އެމީހުންނަކީ ތަޢުލީމީ ބަޔަކަށްވިކަން އެއީވެސް، އަޅުގަނޑުމެން މިއަދު އުފަލާއެކު ހަނދާންކުރަންޖެހޭނެ ކަމެއް. ސިފައިންގެ ދައުރު އެމީހުންނަށް ފުރިހަމައަށް އަދާކުރެވޭނީ، އެމީހުންނަކީވެސް ތަޢުލީމީ ބަޔަކަށްވެގެން. ދުނިޔެއަށް ލޯހުޅުވިފައި ތިބި ބަޔަކަށްވެގެން. އެމީހުން ކުރަންޖެހޭ މަސައްކަތްތަކުގެ ހުނަރުވެރިކަން ލިބިފައިވާ ބަޔަކަށްވެގެން. އެމީހުންގެ ތަޖުރިބާއަކީވެސް ޤައުމީ ޚިދުމަތުގައި މުއްސަނދި ތަޖުރިބާއަކަށްވެގެން.

އެހެންކަމުން، މިއަދު ސިފައިންގެ ތެރޭގައި މިތިބަ ޒުވާން ކުދިންތައް އެގޮތަށް ތިބިކަމަށްޓަކައި އަދި އެކުދިންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށްވިކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެހެންކަމުން، މިފަދަ ފުރުޞަތެއްގައި، މިއަހަރަށް ކަނޑައެޅިފައިވާ މިވާ ޝިޢާރުގައިވާ ފަދައިން، ސިފައިންގެ ބަދަހި ސަފުތަކަށް އިތުރު ބަދަހިކަމެއް ގެނައުމަށްޓަކައި އަދި އެކަން އެގޮތަށް ހާސިލުކުރުމުގައި ނުގުޑާފަދަ ސާބިތުކަމާއެކު ދެމިތިއްބެވުމަށް، ހުރިހާ ސިފައިންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން.

އާދެ، ސިފައިންގެ އަހަރީ ދުވަހުގެ މި އުފާވެރި ޖަލްސާގައި، މިދާއިރާއަށް މިހާތަނަށް ޚިދުމަތް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ، ހުރިހާ ބޭފުޅުންނަށް މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން. މިގޮތުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ ނައިބު، އަލްފާޟިލް އިސްމާޢީލް ޝަފީޢަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކުރިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަގާމު ފުރުއްވި އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، ލެފްޓެނަންޓް ޖެނެރަލް ރިޓަޔަރޑް ޢަންބަރީ ޢަބްދުއްސައްތާރަށްވެސް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު ދަންނަވަން. މީގެއިތުރުން، ސިފައިންގެ ކުރިއެރުމަށް ކުރައްވާ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން. އާދެ، އޭނާ އެ ކުރައްވާ މަސައްކަތް އަޅުގަނޑު ވަރަށް ގާތުން ބަލަމުން ގެންދަން. ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އޭނާ ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އެކަމަށްޓަކައި މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އަދި ކުރިން ސިފައިންގެ ތެރޭގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސިފައިންގެ ތަރައްޤީއަށް މަސައްކަތްތަކެއް ކޮށްދެއްވި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ނައިބު އަލްފާޟިލް އަޙްމަދު ޙާފިޒަށާއި، ސިފައިންގެ އޮފިސަރުންގެ ރޭންކްތަކުގަޔާއި، އެނޫން އެހެން ރޭންކުތަކުގައި ޚިދުމަތް ކުރެއްވި ބޭކަލުންނަށާއި ކަނބަލުންނަށްވެސް، މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

މި ފުރުޞަތުގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ބިރުވެރި ޢުދުވާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، އަދި މި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރައްވާ މިދުނިޔެ ދޫކުރެއްވި ހިތްވަރުގަދަ ސިފައިންނަށް މާތް اللّـه ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން. ހަމަ އެދުވަހު ދިވެހި ސިފައިން ކުރެއްވި މަތިވެރި ހިތްވަރާއި ޖިހާދުގެ އަގު ވަޒަންކޮށް އަދި އެދުވަހު އެޙަމަލާގައި އެކިވަރުގެ ޒަޚަމް ލިބުނު ސިފައިން ސާބިތުކޮށްދެއްވި ނުގުޑާފަދަ ވަރުގަދަ ޢަޒުމުގެ ހަނދާން އާކޮށް، އެބޭފުޅުންނަށްވެސް މިރޭ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފުރުޞަތުގައި، ސިފައިންގެ ތެރޭގައި ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ބޭފުޅުން، އެކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަމުން، އެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތް اللّـهގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

ޝައްކެއްނެތް. ސިފައިންގެ އަހަރީ ދުވަހަކީ ވަރަށް މުހިންމު ދުވަހެއް. ސިފައިންނަކީ ޤައުމުގެ ދިފާޢުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާން ތިބި މީހުން. އެމީހުންގެ ޤުރުބާނީއާއި، އެމީހުންގެ ޖިހާދާއި ވަރުގަދަ މަސައްކަތާ އެކުގައި މެނުވީ ދިވެހިރާއްޖެއަކަށް ކުރިއަކަށް ނުދެވޭނެ. އަދި ދިވެހިރާއްޖެއަކީ މިއަދު އެކިއެކި ކަންތައްތަކާ ބައިނަލްއަޤްވާމީ ގޮތުންވެސް ކުރިމަތިލާން ޖެހިފައިވާ ޤައުމެއް. ރާއްޖެއަށް އަތުވެދާނެ ކޮންމެ ނުރައްކަލަކަށް ސަމާލުވެ ތިބެން އަޅުގަނޑުމެންނަށް އެބަޖެހޭ. މިކަންކަމުގައި އެންމެ އިސް ސަފުގައި ދިވެހިރާއްޖެ ދިފާޢުކުރަން ތިބި ބަޔަކީ ދިވެހި ސިފައިން. އެހެންކަމުން، ސިފައިން އެ ކުރާ ޚިދުމަތް، ކުރިއަށް އޮތްތާނގައި ވަރަށް ހަރުދަނާ ގޮތެއްގައި، ވަރަށް ފައިދާކުރަނިވި ގޮތެއްގައި ދިވެހި ޤައުމަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އެކަމަށްޓަކައި ސިފައިން ކުރައްވާ މަސައްކަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، މާތް اللّـه އަޅުގަނޑުމެން އެންމެންނަށް، އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު މާތް اللّـه އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވާށި! ހަމައެހެންމެ، ދިވެހި ސިފައިންނަށް އެމީހުންގެ ވާޖިބު އަދާކުރުމުގައި ކުރިއަށް ދިޔުމުގެ މަތިވެރި ތައުފީޤު ދެއްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.