بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިރޭގެ މި މުހިންމު ޙަފްލާގައި "ގްރީން ސްކޫލް އެވޯޑް"، ނުވަތަ "ފެހި މަދަރުސާގެ އިނާމު"، އަދި "އެންވަޔަރަންމަންޓަލް ޗެމްޕިއަންސް އެވޯޑް"، ނުވަތަ "ތިމާވެށީގެ ބަޠަލުންގެ އިނާމު"، އިފްތިތާޙު ކޮށްދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެއާއެކު، "ރިޓަރން އޮފް ދަ ފްލަވަރސް"ގެ ޕްރޮގްރާމްގައި ބައިވެރިވެ، މިރޭ، ތިމާވެށީގެ ބަޠަލުންގެ އިނާމު ހާސިލުކުރާ ހުރިހާ ކުދިންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

ދެންމެ އަޅުގަނޑުމެންގެ ތިމާވެށްޓާއި ހަކަތައާއި ފެނާބެހޭ ވަޒީރު އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު، އެމަނިކުފާނަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، ތިމާވެށީގެ ރޮނގުން ދަރިވަރުންނަށް، ސްކޫލް ކުދިންނަށް، ގަރލް ގައިޑުންނަށް، ސްކައުޓުންނަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން އެ ފާޅުކުރެއްވި ޚިޔާލުފުޅުތަކަށްޓަކައިވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، އަދި އެ ޚިޔާލުފުޅުތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކޮށް މަރުޙަބާކިޔާ ވާހަކަވެސް ދަންނަވާލަން.

މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، މިރޭގެ މިޖަލްސާގައި ތަޢާރުފް ކުރުމަށް ހަމަޖެހިފައި މިވަނީ ވަރަށް މުހިންމު ދެ އިނާމެއް. އެއީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި، ތިމާވެށި ރައްކާތެރި ކުރުމަށް އަދި ޙިމާޔަތް ކުރުމަށް މަސައްކަތްކުރާ ސްކޫލްތަކަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށާއި، ސްކައުޓުންނަށާއި، ގައިޑުންނަށް، އެކުދިންގެ މަސައްކަތުގައި، އެޒުވާނުންގެ މަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށްވެސް ވާނެ ކަމެއް.

އާދެ، މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ކޮންމެ ސްކޫލެއްގައިވެސް ތިމާވެށްޓާބެހޭ ކްލަބެއް، ނުވަތަ ޖަމްޢިއްޔާއެއް އުފެދިފައިވޭ. އަދި ސްކޫލްތަކުގެ ދަރިވަރުން ވަރަށްގިނަ ހަރަކާތްތައް ހިންގަމުން އެބަގެންދޭ. އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރުން ޙައްޤުވާ ކަމެއް.

ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިމަގު، އަޅުގަނޑުމެން މި އެދޭގޮތަށް ބައްޓަން ކުރެވޭނީ، މިހާރުގެ ދަރިވަރުންނާއި، ސްކައުޓުންނާއި، ގައިޑުންނާއި، ޒުވާނުން އަޅުގަނޑުމެންގެ ކުރިމަގަށްދޭ އަހަންމިއްޔަތުގެ މައްޗަށް. އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ކުރިއަށްދާން އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ސުލްހަމަސަލަސްކަމާއި، އުފާ ފާގަތިކަމާއި، ތަރައްޤީ ހާސިލުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ. މިކަންކަން ކުރެވޭނީ އަޅުގަނޑުމެންގެ ތިމާވެށި ސަލާމަތުން ބާއްވައިގެން. ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިވަމުންދާ ނުރައްކާތައް ކުޑަކޮށްގެން. ނުވަތަ އެ ނުރައްކާތަކުން ލިބޭ ނުރަނގަޅު އަސަރުތައް ކުޑަކޮށްގެން. އަޅުގަނޑުމެންގެ ތެރޭގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށްގެން. ތިމާވެށި ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެން. މިކަންކަން ނުކުރެވި، އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ތަރައްޤީގެ އެއްވެސް ލަނޑުދަނޑިއެއް ހާސިލެއް ނުކުރެވޭނެ.

އާދެ، ތިމާވެށީގެ މައްސަލަތަކަކީ، އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނަށް އެނގޭ މައްސަލަތަކެއް. ޚާއްޞަކޮށް، ރާއްޖެ ކަހަލަ ކުދިކުދި ޤައުމުތަކަށް މި ދިމާވާ ނުރައްކާތައް އެއީ މިހާރު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، އެކަންތައްތައް އަޅުގަނޑުމެން ދެނެގަނެ، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް، ކޮންމެ ކުއްޖަކަށްވެސް، ކޮންމެ ޒުވާނަކަށްވެސް، ކުރެވޭނީ ކޮން ކަމެއްތޯ އަޅުގަނޑުމެން އެބަ ބަލަންޖެހޭ. އެކަންތައްތައް ދެނެގަންނަން އެބަޖެހޭ. އެކަންތައްތަކަށް ޢަމަލީ ސިފަ ގެންނަން އެބަޖެހޭ. އަޅުގަނޑުމެން ކޮންމެ މީހަކު، އެމީހަކު އަމިއްލައަށް، ފަރުދެއްގެ ހައިސިއްޔަތުން، މުވާޠިނެއްގެ ހައިސިއްޔަތުން، ރައްޔިތެއްގެ ހައިސިއްޔަތުން އަދި ޢާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންތައްތައް އެބަހުރި. ޢާއިލާތަކުން ކުރެވޭނެ ކަންތައްތައްވެސް އެބަހުރި. ގޭބިސީތަކުގެ ތެރޭގައިވެސް ކުރެވޭނެ ކަންތައްތައް އެބަހުރި. މަގުމަތީގައި ކުރެވޭނެ ކަންތައްތައް، އެހެން ހުރިހާ ދިމާއެއްގައިވެސް ކުރެވޭނެ ކަންތައްތައް އެބަހުރި.

ދެންމެ، މިނިސްޓަރުގެ ވާހަކަފުޅުގައި ވަރަށް މުހިންމު ކަންތައްތަކަކަށް އިޝާރާތް ކުރައްވައިފި. އެވިދާޅުވަނީ ކޮންމެ ކުއްޖަކު ގަހެއް އިންދައިފިއްޔާ ހާދަ ގަހެއް އިންދޭނެއޭ. ކޮންމެ ކުއްޖަކު ރުކެއް އިންދައިފިއްޔާ ހާދަ ރުކެއް އިންދޭނެއޭ. ކޮންމެ ކުއްޖަކު ތިމާވެށީގެ ރޮނގުން، ހަކަތައިގެ ރޮނގުން އަޅުގަނޑުމެން މިކުރާ އިސްރާފު މަދުކުރުމަށް މަސައްކަތް ކޮށްފިއްޔާ، ހާދަ އެއްޗެއް ރައްކާތެރި ކުރެވޭނެއޭ. އަޅުގަނޑުމެން ބޭނުންކުރާ ކަރަންޓު، ބޭނުންކުރާ އެހެން ހަކަތައިގެ ބާވަތްތައް، ކޮންމެ ކުއްޖަކު އަމިއްލައަށް އެކުއްޖަކަށް ވީވަރަކުން މަދުކުރުން، ކޮންމެ ޢާއިލާއަކުން، އެ ޢާއިލާއަކަށް ވީވަރަކުން މަދުކުރުން، ކޮންމެ ޖަމާޢަތަކުން، އެ ޖަމާޢަތަކަށް ވީވަރަކުން މަދުކުރުން، ކޮންމެ ރަށަކުން، އެރަށުގެ ރައްޔިތުންނަށް ވީވަރަކުން މަދުކުރުން، މިކަންކަން މިހެން ކޮށްފިއްޔާ، އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ. އެއިން އަޅުގަނޑުމެންނަށް ލިބޭ ފައިދާ ވަރަށްބޮޑުވާނެ. ތެލުގެ ޚަރަދުވެސް ކުޑަވާނެ. އަޅުގަނޑުމެން އާންމުކޮށް ކުރާ ޚަރަދުތައް ކުޑަވާނެ. އަދި ހަމައެއާއެކީގައި" އެ އެއްޗެތި ބޭނުންކުރުމުން ތިމާވެށްޓަށް މި ލިބޭ ގެއްލުންތައްވެސް ކުޑަކުރެވޭނެ. މިއީ އަޅުގަނޑުމެން މިފަދަ ކޮންމެ މުނާސަބަތެއްގައި ވަރަށް ބޮޑަށް ވިސްނައި، އަދި އެއާ އެއްގޮތަށް ޢަމަލުކުރަން ވެއްޖެ ކަމެއް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގެ ސްކޫލްތަކުގައި ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަދޭ. އެމަސައްކަތްތަކަކީ ވަރަށް މުހިންމު ފައިދާހުރި މަސައްކަތްތަކެއް. އެކަމުގެ އަގުވަޒަންކޮށް، ހުރިހާ ސްކޫލްތަކަށާއި ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އަދި މިކަމަށް ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުންނާއި، ގަރލްގައިޑް އެސޯސިއޭޝަނުން އެކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވެސް އަޅުގަނޑު ވަޒަންކޮށް، އެ އެސޯސިއޭޝަންތަކުގެ ވެރިންނަށާއި، މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކުރިން ދެންނެވި މަސައްކަތްތައް، ފަރުދީ ފެންވަރުގަޔާއި، ޢާއިލާގެ ފެންވަރުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު، ވަރަށް ގިނަ ޢާއިލާތައް އެބަކުރޭ. އެހެންވީމާ، އެމަސައްކަތްތަކުގެ އަގުވެސް މިފަދަ ފުރުސަތެއްގައި ވަޒަންކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އެހެންކަމުން، ފަރުދުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެކުރާ މަސައްކަތާއި، އަދި ޢާއިލާގެ ތެރޭގައި، ޢާއިލާގެ ފަރާތުން ކުރެވޭ މަސައްކަތާއި، މިހުރިހާ މަސައްކަތްތަކުގެ އަގު ފުރިހަމައަށް ވަޒަންކޮށް، އެހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ދެންމެ ވަޒީރުގެ ވާހަކަފުޅުގައި، ރުއްގަހުގެ ކަންތަކަށް އިޝާރާތް ކުރައްވައިފި. އަޅުގަނޑަށް ދަންނަވާލަންޖެހެނީ، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ރުއްގަސް ކެނޑެމުންދާކަން އެއީ ވަރަށް ދެރަ ކަމެކޭ. އަޅުގަނޑުވެސް ގަބޫލުކުރަން، ބައެއް ކަންތައްތަކަށް ރުއްގަސް ކަނޑަންޖެހޭނެ. އެހެންނަމަވެސް، ކޮންމެހެން ކަނޑަންޖެހިގެން، ކަނޑަންޖެހޭ ގަހެއްގެ ބަދަލުގައި ގަހެއް އިންދަން އެބަޖެހޭ. ކޮންމެހެން ކަނޑަން ޖެހިގެން ކަނޑާ ރުކެއްގެ ބަދަލުގައި ރުކެއް އިންދަން އެބަޖެހޭ. އަޅުގަނޑު ދަންނަވާނީ، ކެނޑޭ ގަހެއްގެ ބަދަލުގައި އިންދަންވީ އެންމެ ގަހެއް ނޫނޭ. އަދި ކެނޑޭ ރުކެއްގެ ބަދަލުގައި އިންދަންވީކީވެސް އެންމެ ރުކެއް ނޫނޭ. އެއަށްވުރެ މާގިނަ ގަސްތަކެއް، މާގިނަ ރުއްތަކެއް އިންދަންޖެހޭނެ. މިއީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

ރުއްގަސް އިތުރުވުމަކީ ތިމާވެށި ޙިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް. ޚާއްޞަކޮށް، ރާއްޖެކަހަލަ ފަސްގަނޑު ތިރި ޤައުމެއްގައި، ތިމާވެށީގެ ނާޒުކު މައްސަލަތައް ކުރިމަތިވެފައިވާ ތަނެއްގައި، މިއީ ވަރަށް މުހިންމު ކަމެއް. ރުއްގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ވަރަށް ކާމިޔާބުކަމާއެކީ އަޅުގަނޑުމެންވަނީ މީގެކުރިންވެސް ހިންގާފައި. އެފަދަ ޕްރޮގްރާމްތައް އަބަދުއަބަދު ހިންގަން އެބަޖެހޭ. ކުރިން އަޅުގަނޑުމެން 1983ވަނަ އަހަރު އެ ޕްރޮގްރާމް ހިންގާފައި، އޭގެ ހަތަރު ފަސް އަހަރު ފަހުން ޕްރޮގްރާމެއް ހިންގާފައި އަދި އޭގެ 10 އަހަރު ފަހުން ޕްރޮގްރާމެއް ހިންގާފައި، މިހެން ހެދުމަކުން އަދި ނުފުދޭ. މިއީ، އަޅުގަނޑުމެން ދާއިމީ ގޮތެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ކުރަންޖެހޭ މަސައްކަތެއް. މީގެ ހަތަރު ދުވަސް ފަހުން މި އަންނަނީ ތިމާވެށީގެ ދުވަސް. ޖޫންމަހު 5 ވަނަ ދުވަސް. އެދުވަހުވެސް ހަމަ މިކަހަލަ މަސައްކަތެއް ފަށަންވީ ނޫންތޯ! މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމެއް އަލުން ފަށަންވީ ނޫންތޯ! ރާއްޖޭގެ ހުރިހާ ތަނެއްގައި، ގަސް، ރުއް އިންދަންވީ ނޫންތޯ! މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަމަ ކުރަންވެއްޖެ ކަމެއް. އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް. މާބޮޑު ޚަރަދެއް ހިނގާ ކަމެއްވެސް ނޫން. އެކަމުގެ ފައިދާ އެހާބޮޑު.

އާދެ، އަޅުގަނޑު މިދެންނެވި ގޮތުން، ރާއްޖޭގެ ތިމާވެށްޓާބެހޭ މަޢުލޫމާތު ފެތުރުމާއި، އެކަމުގެ ހޭލުންތެރިކަން އުފެއްދުމާއި، ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުން ޤައުމު ސަލާމަތްކުރުމާ، މިކަންކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވޭ. އެންމެ ފުރަތަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތައް، ސަރުކާރުގެ މިނިސްޓްރީތައް، އެކިއެކި އިދާރާތައް، މިމަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވާން އެބަޖެހޭ. އޭގެއިތުރުން، އަމިއްލަ ފަރުދުންނާއި، ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުންވެސް މިކަމުގައި ވަރަށް ބޮޑަށް ބޭނުންވޭ. ހަމައެހެންމެ، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގައި ރާއްޖޭގެ ސްކޫލްތަކުންނާއި، ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުންނާއި، ރާއްޖޭގެ ސްކައުޓުންނާއި، ކެޑޭޓުންނާއި، ގައިޑުންގެ އެހީތެރިކަމާއި، އެއްބާރުލުންވެސް މިކަމަށް ވަރަށް ބޮޑަށް ބޭނުންވޭ. ޙަޤީޤަތުގައި ޤައުމީ ކޮންމެ ކަމެއް ކާމިޔާބު ކުރުމުގައިވެސް، މިދެންނެވި ހުރިހާ ފަރާތްތަކެއްގެ ހިއްސާވުމާއި އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ. ޚާއްޞަކޮށް، ތިމާވެށި ރައްކާތެރިކުރުން ކަހަލަ ކަމެއްގައި، މިހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް.

އާދެ، މިރޭގެ މިއުފާވެރި ޙަފްލާގައި، ދެންމެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރގެ ފަރާތުން ނެރުއްވި މުހިންމު ފޮތް "ތަރައްޤީގެ ދުވެލި - ދިވެހިރާއްޖޭގެ ތިމާވެށީގެ ތަރައްޤީ"، މިފޮތުގެ ކޮޕީއެއް އަޅުގަނޑަށް ހަދިޔާކުރެއްވިކަމަށްޓަކައި، މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެފޮތަކީ ވަރަށް ބޮޑު ފޮތެއް. ދެންމެ ފޮތް ފެނިފައި އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް އިޙްސާސްވި. އެފޮތުގެ ބަރުކަމުން ލިބުނު އުނދަގުލަށްވުރެ، އެފޮތުގެ ބޮޑުކަމުން ލިބުނު ހިތްހަމަޖެހުން މާބޮޑު. އެހެންވީމާ، އަޅުގަނޑަށް ޔަޤީން ކުރެވޭގޮތުގައި، ރާއްޖޭގެ ތިމާވެށްޓާ ބެހޭގޮތުން މިކުރެވުނު މަސައްކަތްތަކާއި، އޭގެ ނަތީޖާއާ، މިކަންތައްތައް އެފޮތުން ވަރަށް ރަނގަޅަށް އޮޅުންފިލަން އޮންނާނެ. އެހެންވީމާ، އެފޮތް ތައްޔާރު ކުރެއްވި ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފެއްދެވުމަށާއި ތިމާވެށި ރައްކާތެރި ކުރެއްވުމަށް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި، މިނިސްޓަރުގެ ނައިބު އަލްފާޟިލް ޢަބްދުﷲ މަޖީދާއި އަދި އެމިނިސްޓްރީގެ އެހެން ވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ސަރުކާރުގެ އެހެން ވުޒާރާތަކުން ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެވުޒާރާތައް ހިންގަވަން ތިއްބެވި ވަޒީރުންނަށް، އަދި އެވަޒީރުންގެ ބެއްލެވުމުގެ ދަށުން އެމަސައްކަތްތައް، އެވުޒާރާތަކުން ހިންގަވާ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ތިމާވެށްޓާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންނާއި، އަމިއްލަ ޖަމުޢިއްޔާ، ޖަމާޢަތްތަކުންނާއި، ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުން ކުރައްވަމުން އެ ގެންދަވާ ހުރިހާ މަސައްކަތްތަކަށްޓަކައި އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭގެ މިޖަލްސާގައި، ރާއްޖޭގެ ކިޔަވާކުދިންނާއި، ގައިޑުންނާއި، ސްކައުޓުން ވަރަށްގިނަ އަދަދަކަށް ތިބީތީ، އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ދަންނަވާލަން. ޙަޤީޤަތުގައި ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ ޤައުމަށް އެކިއެކި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، ތިޔަ ހުރިހާ ކުދިންގެ ފުރިހަމަ އެއްބާރުލުމާއި، މަސައްކަތް، އޭގައި އެކުލެވިގެން ކަމަށްވާތީ، ތިޔަ ކުދިންގެ މަސައްކަތަށް މަރުޙަބާ ކިޔައި، އަދި ތިޔަ ހުރިހާ ކުދިންގެ ފުރިހަމަ ހިއްސާ، މިހުރިހާ ކަމެއްގައި ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރާ ވާހަކަ މިފުރުޞަތުގައި ދަންނަވާލަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى ކޮންމެ ކަމެއްވެސް އިޞްލާޙުކޮށް، ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ހެޔޮ ވިސްނުން އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެންގެ ވިސްނުން ތަންދޭ ގޮތެއްގެ މަތިން، އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، ޤައުމާށާއި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި އެ ޢަމަލުތައް ބައްޓަން ކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. ރާއްޖެއަކީ ސުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން ލިބިފައިވާ އަދި ތިމާވެށީގެ ގޮތުންވެސް ރައްކާތެރިކަން ލިބިގެންވާ، ޙިމާޔަތް ކުރެވިފައިވާ ޤައުމެއް ގޮތުގައި އެކަލާނގެ ލެހެއްޓެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.