بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާ މި ބައްދަލުކޮށްލީ، ޤައުމީ ޓީމު ވަރަށް މުހިންމު މުބާރާތެއްގައި ކުޅުމަށް ހަމަޖެހިފައިވާތީ އަދި އެކަމަށް ތައްޔާރުވެ، މީގެ ދެ ދުވަސް ފަހުން މުބާރާތް ފެށުމަށް ހަމަޖެހިފައިވާތީ. ޓީމާ ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މި ބައްދަލުކޮށްލުމުގެ ވާހަކަ، އަޅުގަނޑު ގާތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވަނީ ވިދާޅުވެފައި. ޓީމުން އެގޮތަށް ބޭނުންވާ ވާހަކައާއި، އެމަނިކުފާނުވެސް އެގޮތަށް އެދިވަޑައިގަންނަވާ ވާހަކަ ވަނީ ވިދާޅުވެފައި. ހަމައެހެންމެ، މިތާނގައި މިއަދު ވަޑައިގެން ނެތްނަމަވެސް، ސީނިއަރ މިނިސްޓަރ އަލްފާޟިލް ޢުމަރު ޒާހިރުވެސް އަޅުގަނޑު ގާތު އެވާހަކަ ވަނީ ވިދާޅުވެފައި.

ޙަޤީޤަތުގައި ދިވެހި ޤައުމީ ޓީމާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. މީގެކުރިންވެސް މިކަހަލަ މުބާރާތްތަކުގައި އަޅުގަނޑުވާނީ ޓީމާ ބައްދަލުކޮށް ވާހަކަދައްކާ ހަދާފައި. އަޅުގަނޑުގެ މިބައްދަލުކޮށްލުމުގެ ބޭނުމަކީ ހަމަ އެންމެ ކަމެއް. އެއީ ޓީމަށް ހިތްވަރު ދިނުން. އަޅުގަނޑުމެންގެ ޤައުމީ ޓީމު މިފަދަ މުހިންމު މުބާރާތަކަށް ނުކުންނައިރު، ޓީމުގެ ކުޅުންތެރިން ނުކުންނަންޖެހޭނީ ވަރަށް ބޮޑު ހިތްވަރަކާ އެކީގައި. ކާމިޔާބުވާނެކަމުގެ ވަރަށްބޮޑު އުންމީދަކާ އެކީގައި. އެއީ އަޅުގަނޑުމެންގެ ރާއްޖެ މިހާރު އެކި ރޮނގުރޮނގުން ހާސިލުކޮށްފައިވާ ތަރައްޤީއާ ފައިހަމަވާ މިންވަރެއްގެ ނަތީޖާއެއް ހޯދުމުގެ މަޤްޞަދުގައި.

ޓީމުގެ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެންވެސް ގަބޫލުކުރާ ފަދައިން، ރާއްޖެއަށް ރީތިނަން ހޯދައިދޭން އެކަށީގެންވާ ބަޔެއް. އެއީ ވަރަށް ހުނަރުވެރި، މޮޅު ކުޅުންތެރިންތަކެއްކަމަށް މި ރާއްޖޭގެ ގިނަބަޔަކު ގަބޫލުކުރޭ. އަޅުގަނޑުވެސް ގަބޫލުކުރަން. އަދި މިވީހާތަނަށް ރާއްޖެ ކުޅެފައިވާ މެޗްތަކުންވެސް އެކަން ދައްކާ. ސާފް ޗެމްޕިއަންޝިޕްގެ ހަތަރު މުބާރާތް މީގެކުރިން މިވަނީ ބޭއްވިފައި. މިއީ ފަސްވަނަ މުބާރާތް. މީގެކުރިން މިބޭއްވުނު ހަތަރު މުބާރާތުގެ ތެރެއިން، ދެ މުބާރާތުގެ ފައިނަލަށް ދިވެހިރާއްޖެވަނީ ގޮސްފައި. ކަންދިމާވިގޮތުން ފައިނަލް ކާމިޔާބު ނުކުރެވުނަސް، ރާއްޖެފަދަ ޤައުމަކަށް ފައިނަލަށް ދެވުމަކީވެސް، ވަރަށް މުހިންމު ކާމިޔާބީއެއްކަން ކަށަވަރު. އެހެން މިދެންނެވީ، ރާއްޖޭގެ ކުޑަކަމާއި، މީސްކޮޅު މަދުކަމާއި ވަސީލަތްތައް މަދުކަމާއެކު، އަދި އަޅުގަނޑުމެންނާ މި ވާދަކުރާ ޤައުމުތަކަކީ، އަޅުގަނޑުމެންގެ ނިސްބަތުގައި މީހުންވެސް ގިނަ، ވަސީލަތްތައް ގިނަ، މުއްސަނދި، ވަރަށް ބޮޑެތި ޤައުމުތަކަށްވާތީ، އެޤައުމުތައް ބަލިކޮށްފައި، ރާއްޖޭގެ ޓީމަށް ފައިނަލްގައި ކުޅޭވޭކަން އެއީ، ޝައްކެއްނެތް، ރާއްޖޭގެ ޓީމު މިހާތަނަށް ހޯދާފައިވާ ވަރަށްބޮޑު ކާމިޔާބީއެއް. އެހެންވީމާ، މިމުބާރާތުގައިވެސް އެފަދަ ކާމިޔާބީއެއް ހޯދޭނެކަމާދޭތެރެއަކު އަޅުގަނޑު ޝައްކެއްނުކުރަން. އެކަމުގައި އޮތީ ހަމަ ތިޔަ ކުޅުންތެރިންގެ ހިތްވަރު. ތިޔަ ކުޅުންތެރިންގެ ޢަޒުމް.

ދެން ހުރިހާ ގޮތަކުން ބަލާއިރުވެސް، އިރާދަކުރެއްވިއްޔާ މިފަހަރު ރާއްޖެއަށް ކަންތައްތައް ފަހިވާނެ. އެއީ، ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗްތަކެއްވެސް ދިވެހިރާއްޖެ ކުޅެން މިއޮތީ ރާއްޖޭގައި. އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި. އަމިއްލަ ދަނޑުގައި. އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި. އެހެންވީމާ، އަމިއްލަ ދަނޑުގައި ކުޅުމާއި، އަމިއްލަ ޤައުމުގެ މީހުންގެ ކުރިމަތީގައި ކުޅުން އެއީ، ފުޓްބޯޅަ މެޗެއް ކާމިޔާބު ކުރުމުގެ ވަރަށް މުހިންމު ކަންތައްތަކެއް. އެހެންވީމާ، އެ ފުރުޞަތު މިއޮތީ އަޅުގަނޑުމެންގެ ރާއްޖެއަށް މިފަހަރު ގްރޫޕް ސްޓޭޖުން ލިބިފައި. މިސްޓޭޖުން އެއްވަނަ ނުވަތަ ދެވަނަ ހާސިލު ކުރެވިއްޖިއްޔާ "ސެމީ ފައިނަލަށް ދާނެ. ސެމީ ފައިނަލް ކުޅުން އޮތީ" އެހެން ޤައުމެއްގައި ކަމަށްވިޔަސް، އެއީވެސް އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އޮތް ޤައުމެއް. އެތާނގައި ކުޅުމަކީވެސް އަޅުގަނޑުމެންނަކަށް ދަތިކަމަކަށް ނުވާނެ. ފައިނަލާ ހަމައަށް އިރާދަކުރެއްވިއްޔާ ދެވިއްޖިއްޔާ، ހަމަ އެގޮތަށް ފައިނަލްވެސް ކުޅެންވާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިކަމުގައި ބޭނުންވަނީ ހަމަ ހިތްވަރާއެކު ކުޅުމޭ. ކުޅެފީވިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ހާސިލު ކުރެވޭނެއޭ. އެއީ، މީގެކުރިންވެސް ދެ ފަހަރު ފައިނަލަށް ގޮސްފައި އޮތީމާ. މިފަހަރުވެސް ފައިނަލަށް ދިޔުމަކީ އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ހަމަ ހާސިލު ކުރެވިދާނެ ކާމިޔާބީއެއް. އަދި ފައިނަލަށް ހިނގައްޖިއްޔާ، އެ މެޗް ކާމިޔާބު ކުރުމަކީވެސް ހަމަ އަޅުގަޑުމެންނަށް ކުރެވިދާނެ ކަމެއް. މިސުރު މީހުން ބުނެ އުޅޭ ހަރުބަހެއް އޮވޭ، އެއީ "ތިންވަނަ ފަހަރަކީ ކާމިޔާބުގެ ފަހަރޭ" އެހެންވީމާ، ތިންވަނަ ފަހަރަކަށް ފައިނަލާ ހަމައަށް ދެވިއްޖިއްޔާ، އެ ވާންޖެހޭނެ ކާމިޔާބު ފަހަރަކަށް. މިކަމުގައި އަޅުގަނޑު މި ފާޅުކުރި ޝުޢޫރަކީ، އަޅުގަނޑު ދަންނަވާނީ، މުޅި ޤައުމުގެ ޝުޢޫރޭ. މި އުންމީދަކީ މުޅި ޤައުމުގެ އުންމީދޭ. އެހެންވީމާ، އެއީ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ. އެގޮތަށް ކުޅެގެން ކާމިޔާބު ހޯދަމާ ހިނގާށޭ!

އިރާދަކުރެއްވިއްޔާ، މުބާރާތުގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ހަމަޖެހިގެން ގޮސްފައި މިއޮތީ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސުންނާއި، އެފް.އޭ.އެމް.އިން އިންތިޒާމުތައް ވަރަށް ރަނގަޅަށް ހަމަޖައްސަވައިދެއްވާފައި މިއޮތީ. ކުޅުންތެރިންނަށް ޕްރެކްޓިސް ލިބުމާއި އެނޫން ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ހަމަޖެހިފައި އޮތީ. އަދި ޓީމުގެ މެނެޖްމަންޓްވެސް ވަރަށް ހަރުދަނާކޮށް މިއޮތީ. ވަރަށް ހަރުދަނާ މެނެޖްމަންޓެއް އޮތީ. ހަމައެހެންމެ، އަޅުގަނޑުމެންގެ ކޯޗަކީ، ވަރަށް ތަޖުރިބާކާރު މޮޅު ކޯޗެއް. މީގެކުރިން، އެއްފަހަރު އޭނާގެ ކޯޗް ކަމުގައި އަޅުގަނޑުމެންނަށް ވަނީ ފައިނަލާ ހަމައަށް ދެވިފައި. އެހެންވީމާ، އެހުރިހާ ގޮތަކުން ބަލާއިރު، ކާމިޔާބުވުމަށް އިރާދަކުރެއްވިއްޔާ ކުރަންޖެހޭ ކަންތައްތައް ކުރެވިފައި އޮތް ކަމަށް ގަބޫލުކުރަން އެބަޖެހޭ. ކަންތައްތައް މިއޮތީ ވަރަށް ރަނގަޅަށް ހަމަޖެހިފައި. އެހެންވީމާ، ބޭނުންވަނީ ހިތްވަރު.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެއްވެސް މެޗަކަށް އަރާއިރު، އިދިކޮޅަށް ކުޅޭ ޓީމަކީ މާ ދެރަ ޓީމެކޭ ހީނުކުރާށޭ. މާ ދެރަ ޓީމެކޭ ހީކޮށްގެން، ތަންކޮޅެއް އެހެން ގޮތަކަށް ކުޅެވިއްޖިއްޔާ، ނަތީޖާ ރަނގަޅުނުވެ ހިނގައިދާނެ. ކޮންމެ މެޗަކަށް އަރަންވާނީވެސް ކުރިމަތިލާ ޓީމަކީ، އިދިކޮޅު ޓީމަކީ ވަރުގަދަ، މޮޅު ޓީމެއް ކަމަށް ގަބޫލުކޮށްގެން. މޮޅު ކުޅުމެއް ކުޅުމަށް ޢަޒުމް ކަނޑައަޅައިގެން. އެއީ، ބަލި ޓީމެއް ކަމަށް، މީހުން ގަބޫލުކުރާ ޓީމެއް، އެއަށްވުރެ މާ މޮޅު ޓީމެއް ބަލިކޮށްފައިވާ ތަން، ފުޓްބޯޅައިގައި ވަރަށް ގިނަ ފަހަރު، ވަރަށް ގިނަ ތަންތާނގައި ފެނިފައި އެބަހުރި. އެހެންވީމާ، ފުޓްބޯޅަ ދަނޑަށް އަރާއިރު، ބަލި ޓީމެއް، މޮޅު ޓީމެއް ނެތް. ކޮންމެ ޓީމެއްގައިވެސް ތިބެނީ 11 ކުޅުންތެރިން. ކުޅެނީ އެއް ދަނޑެއްގައި. ދެ ޓީމަށްވެސް އޮތް ފުރުޞަތަކީ ހަމަހަމަ ފުރުޞަތު. ކޮންމެ ޓީމެއްވެސް މޮޅުވެދާނެ.

އެހެންވީމާ، އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަން، ތިޔަ ކުޅުންތެރިންގެ ހިތްތަކުގައި ބާއްވަންޖެހޭނެ. އެހެންވީމާ، އިދިކޮޅު ޓީމުވެސް ބަލިވާނީ، އަހަރެމެން ކުރާ މަސައްކަތަކުންކަން. އެގޮތަށް މަސައްކަތް ކޮށްގެން ކުޅެން ޖެހޭނީ. އަދި މެޗުގެ ނަތީޖާ ނުކުންނާނީ، މެޗު ނިމުނީމާ ކަމަށް ގަބޫލުކުރަންޖެހޭނެ. މާނައަކީ 90 މިނިޓް، ނުވަތަ އެއަށްވުރެ ގިނައިރު ކުޅެން ޖެހިއްޖިއްޔާ، އެއަށްވުރެ ގިނައިރު ކުޅެންޖެހޭނީ، ނަތީޖާ ބަދަލުކޮށްލެވިދާނެ ކަމުގެ އުންމީދުގައި. ކޮންމެ ގޮތަކަށް، ކުރިން ނަތީޖާ އޮތް ނަމަވެސް، އެންމެފަހު މިނެޓާ ހަމައަށްވެސް އުންމީދު އޮންނަންވާނެ. ޢަޒުމް އޮންނަންވާނެ. ކުޅެންޖެހޭނީ ސާބިތުކަމާއެކީގައި. އެގޮތަށް ކުޅެފީވިއްޔާ، އިރާދަކުރެއްވިޔާ ހަމަ ކާމިޔާބުވާނެ. އެހެންވީމާ، އެއީ ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ.

މިކަމުގައި، ޓީމަށް މިކަންތައްތައް ކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓް، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، އަދި އެމިނިސްޓްރީގެ އެހެން ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، އެފް.އޭ.އެމް.އަށާއި، އެފް.އޭ.އެމް.ގެ އިންތިޒާމް ކޮމިޓީއަށާއި، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ޓީމުގެ މެނެޖްމަންޓަށާއި، ކޯޗަށާއި، އެސިސްޓެންޓް ކޯޗުންނާ، މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ރާއްޖެއަށް ކާމިޔާބީ ހޯއްދަވައިދެއްވުމަށް، އެ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަށް ރަނގަޅު ރީތި ނަމެއް ޓީމު ހޯދާނެކަމުގެ އުންމީދުގައި އަޅުގަނޑު ހުރި ވާހަކަ ދަންނަވާލަން. ޓީމު މާލޭގައި ކުޅޭ މެޗްތައް ބަލަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. އަދި ލިބޭ ކާމިޔާބީއަކީ މުޅި ޤައުމަށް ލިބޭ ކާމިޔާބެއް ކަމުގައި ވެގެންދާނެ. އެހެންވީމާ، އެވާހަކަ ހުރިހާ ކުޅުންތެރިންނާ މުޚާޠަބުކޮށް ދަންނަވާލައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން މިބައްދަލުކޮށްލުން ބޭއްވީ. މާދިގު ވާހަކަތަކެއް ދައްކާނެ ކަމެއް ނެތްކަންނޭނގެ. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ދަނޑުން. ދައްކާ ވާހަކައަކުން ނޫން. ކޮންމެ ގޮތަކަށް ބަޔަކު ވާހަކަ ދެއްކިޔަސް، އެކަން އަޅުގަނޑުމެން ދަނޑުން ސާބިތުކޮށްދޭން އެބަޖެހޭ. މިފަހަރުގެ ޝިޢާރެއް ކަމުގައި އެފް.އޭ.އެމް.ގެ ކޮމިޓީން ހަމަޖައްސަވާފައި މިއޮތީ [މިފަހަރު އަހަރެމެންގެ ފަހަރު] އެހެންވީމާ، މިފަހަރު މިއީ، އަހަރެމެންގެ ފަހަރުކަމަށް ހަދާނީވެސް، ހަމަ ތިޔަ ކުޅުންތެރިން. ހަމަ އަޅުގަނޑުމެން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه