ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މިލަދުއަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މިލަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިލަދުއަށް މިވަގުތު ބޭނުންވެފައިވާ ކަންތައްތައް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން، މިލަދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ، ނަރުދަމާ ނިޒާމެއް ޤާއިމު ކުރުން ކަމަށްވާތީ، މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސާފު ބޯފެން ލިބޭނެގޮތްވެސް ސަރުކާރުން އިންތިޒާމުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިލަދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވުމާއެކު، އެ މަސައްކަތް ފެށްޓެވުމަށްޓަކައި ކުރެއްވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، ބަނދަރުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ގޯތިގެދޮރުގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން ރަށުގައި ފްލެޓް އެޅުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުއަށް ކުރެއްވި ދަތުރުފުޅުގައި، މިލަދޫ ހިދާޔާ ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫން އައި ވަފްދަކާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.