بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى أشرف المرسليـن. وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދުގެ މި ހަވީރުގެ އުފާވެރި ވަގުތުކޮޅުގެ ތެރޭގައި، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން "ދަ ބީޗް ހައުސް އެޓް މަނަފަރު މޯލްޑިވްސް" ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއުފާވެރި މުނާސަބަތުގައި، ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމައެފަދައިން، "ދަ ބީޗް ހައުސް އެޓް މަނަފަރު މޯލްޑިވްސް"ގެ އިސް ވެރިންނަށާއި މުވައްޒަފުންނަށްވެސް މިފުރްޞަތުގެ ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އޭގެއިތުރުން، މި ރިޒޯޓަށް ފަތުރުވެރިން ފޮނުއްވައިދެއްވާ ޓުއަރ އޮޕަރޭޓަރުންނަށާއި އަދި މިއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށްވެސް، މި މުނާސަބަތުގެ ތަހުނިޔާ އަޅުގަނޑު ދަންނަވަން.

ޝައްކެއްނެތް. މި ރީތި ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލް މިއަދު ހުޅުވިގެންދާކަމީ، މިއަތޮޅުގެ ރައްޔިތުންނަށް ލިބޭނެ އަދި ލިބެމުންދާނެ ވަރަށްބޮޑު ކުރިއެރުމެއް. އެކަމުގެ ވާހަކަ އިތުރަށް ތަފްޞީލުކޮށް ނުދެންނެވި ނަމަވެސް، ރާއްޖޭގެ ރައްޔިތުން އެދިވަޑައިގެން ތިއްބެވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ފަތުރުވެރިކަމުގެ މަންޒިލްތަކެއް ޤާއިމުކުރެވުމަށްކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ. އަދި އެގޮތުން މިކުރެވޭ މަސައްކަތްތަކުގެ ނަތީޖާ، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އެކަށީގެންވާ ގޮތެއްގައި މިހާރު ފެންނަމުން އެބަދޭ. މިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މިކަމުގައި ޙިއްޞާކޮށްދެއްވާ ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދެންމެ މިތާނގައި ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުގެ ޢިއްޒަތްތެރި އަޚު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޙްމަދު ޞިޔާމް މުޙަންމަދު، އަޅުގަނޑު ދަންނަތާ ވަރަށްގިނަ އަހަރުތަކެއްވެއްޖެ. އޭނާއާ އަޅުގަނޑާ ރަޙްމަތްތެރިކަމުގެ ގުޅުން ގުޅުނީ، ވަރަށް ކުރިން އެއްފަހަރަކު އަޅުގަނޑަށް އޭނާ ފޮނުއްވި ސިޓީއެއްގެ ސަބަބުން. އެ ސިޓީ ފޮނުއްވާފައި ވިދާޅުވެފައި އޮންނަނީ، ތިމަންނާއަކީ ދިވެހި ސަރުކާރުން ތިޔަކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަރުޙީބުދޭ މީހަކީމޭ. އަދި އެގޮތުން ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ތިމަންނާ މިހުންނެވީ އެއްބާރުލެއްވުން ދެއްވާށޭ. އަދި ޚާއްޞަކޮށް، ރައީސް ތިޔަކުރާ މަސައްކަތްތަކުގެ އަގު ތިމަންނާ ވަރަށް ބޮޑަށް ވަޒަން ކުރައްވަމޭ. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަމޭ. އަޅުގަނޑު ނުވެސް ދަންނަ ބޭފުޅެއް. ކުރިން ބައްދަލުވެފައި ނެތް ބޭފުޅެއް އެފަދަ ސިޓީއެއް ފޮނުއްވައި، އޭގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ރަޙްމަތްތެރިކަން ފެށުނީ. އޭރުއްސުރެން ފަށައިގެން މިހާތަނާ ޖެހެންދެން އަޙްމަދު ޞިޔާމް މުޙަންމަދަކީ، ދިވެހި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ދިވެހި ސަރުކާރަށޭ މިދެންނެވީ، ހަމައެކަނި ސަރުކާރުގެ ވާހަކައެއް ނޫން. ސަރުކާރާއި ރައްޔިތުންނަށް. އޭނާ ކުރައްވާ މަސައްކަތްތަކުގައި ރައްޔިތުންނަށް ލިބޭ ފައިދާތަކަކީ، އަޅުގަނޑު ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް.

އާދެ! އަޅުގަނޑުމެންގެ ޤައުމުގައި މިއޮންނަ ހަމަޖެހުން ދެމެހެއްޓުމާއި، އަޅުގަނޑުމެންގެ ތަރައްޤީ ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމާއި، މިކަންކަމަކީ އަޅުގަނޑުމެން އެންމެންވެސް އޭގައި ޒިންމާއެއް އަދާކުރަންޖެހޭނެ ކަމެއް. އެއީ ހަމައެކަނި ދުރުގައި ތިބެފައި، ފާޑުކިޔުމަކުން ފުއްދާލެވޭ ކަމެއް ނޫން. އެކަމުގެ ޙަޤީޤީ މަސައްކަތް ކުރަން އެބަޖެހޭ. ދާތަކެއް އޮހޮރުވަން އެބަޖެހޭ. ހިންމަތްތަކެއް ކުރަން އެބަޖެހޭ. މަސައްކަތްތަކާ ކެރިގެން ކުރިމަތިލައި ކާމިޔާބު ކުރަން އެބަޖެހޭ. މިކަންކަން މިހެން ހުރީމާ ރައްޔިތުންނަށް އޭގެ ފައިދާ ޙާޞިލުވާނީ. ހަމައެކަނި ތަނެއްގައި ތިބެފައި، ވާހަކަތަކެއް ދެއްކިޔަކަސް، އެއަކުން ރައްޔިތުންނަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

އެހެންވީމާ، މިގޮތުން އަޙްމަދު ޞިޔާމް މުޙަންމަދު ޢަމަލީގޮތުން އެ އަދާކޮށްދެއްވާ ދައުރަކީ، އަޅުގަނޑުމެން އެންމެން އެކަމަށްޓަކައި އޭނާއަށް ޝުކުރު އަދާކުރަންޖެހޭނެފަދަ ދައުރެއް. އާދެ! އެންމެ ރިޒޯޓެއް، ދެރިޒޯޓެއް ނޫން. އެއަށްވުރެ މާގިނަ ތަންތަން އެހައްދަވަނީ. ހިންގަވަމުން ގެންދަވަނީ. ހައްދަވަނީވެސް ވަރަށް ރަނގަޅު ފެންވަރަކަށް. އޭގެ ސަބަބުން ވަރަށްގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބެމުން މިދަނީ. މިކަހަލަ ފައިދާކުރަނިވި މަސައްކަތްތައް ކުރައްވާ ބޭފުޅުން، އެކުރައްވާ ޚިދްމަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަންޖެހޭނެ.

ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި އަލްފާޟިލް މުޙަންމަދު ސަލީމްވެސް ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާ ކުރައްވައިފި. މިކަމަށްޓަކައި ސަލީމަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެހެންމެ، ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޅުގަނޑަށް ދެންމެ ދެއްވި ހަނދާނީ ފިލައަށްޓަކައި އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދަށާއި، އެކުންފުނީގެ އިސްބޭފުޅުންނަށާއި މިރިޒޯޓުގެ އިސްބޭފުޅުންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި ހއ. އަތޮޅުގެ ޞިއްޙަތާއި ތަޢުލީމާއި ތިމާވެށީގެ ޙާލަތު ރަނގަޅު ކުރެއްވުމަށް، މި ރިޒޯޓުގެ ފަރާތުން އެއަތޮޅަށް ދެންމެ އެދެއްވި ފައިސާގެ އިނާމާއި އަދި ދެއްވަން ގަސްދު ކުރައްވާ ކަމަށް ވިދާޅުވި އިނާމުގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެތީ، އެކަމަށްޓަކައިވެސް އަޙްމަދު ޞިޔާމް މުޙަންމަދަށާއި، މި ރިޒޯޓުގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ކުރިންވެސް ދަންނަވާލި ފަދައިން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ތަރައްޤީކޮށް، އަދި އޭގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް އިތުރު ކުރިއެރުންތަކެއް ގެންނެވުމަށްޓަކައި ވަރަށްގިނަ ދިވެހި ރައްޔިތުން މަސައްކަތް ކުރައްވަމުން އެބަގެންދަވާ. ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހިންމަތާއި މިންނަތާއެކު ވަރަށްގިނަ ބޭފުޅުން ކުރިއަށް އެބަ ވަޑައިގަންނަވާ. އެބޭފުޅުން އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިދެންނެވި ކަހަލަ ކުރިއެރުންތަކެއް ލިބެމުން އެބަދޭ. ރައްޔިތުންގެ ޖީބަށް އިތުރު ތަނަވަސްކަމެއް ލިބެމުން އެބަދޭ. މިކަންކަން އެބޭފުޅުން އެކުރައްވަނީ ވަރަށް ބުރަ މަސައްކަތުން. ވަރަށް އިޚްލާޞްތެރި ނިޔަތަކާއެކުގައި. މި މުހިންމު މަސައްކަތް ކުރައްވާ އެއްބޭފުޅެއް، އަޅުގަނޑުމެންގެ ގާތުގައި މިއަދު މި އިންނެވީ. މި ރިޒޯޓުގެ ހުރިހާ ކަމެއް ތަރައްޤީ ކުރެއްވި އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. ކުރިންވެސް ދެންނެވިފަދައިން، އޭނާ ތަރައްޤީ ކުރެއްވީކީ ހަމައެކަނި މި ރިޒޯޓެއް ނޫން. ދެންމެ މިތަނުން ޓީ.ވީގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރުތަކުންނާއި، ލިބިގެންދިޔަ މަޢުލޫމާތުތަކުން އެނގޭގޮތުގައި، އޭނާ ތަރައްޤީ ކުރައްވާފައިވާ ރިޒޯޓުތަކެއް މިހާރުވެސް އެބަހުރި. އަދި އޭގެއިތުރުން މިހާރު ތަރައްޤީ ކުރައްވަމުން ގެންދަވާ ތަންތަންވެސް އެބަހުރި. މިހުރިހާ މަސައްކަތެއް އޭނާ އެކުރައްވަނީ ވަރަށް ރަނގަޅު ފެންވަރަކަށް. މިތަނަށް އައިސް އެންމެ ފުރަތަމަ ބަލައިލާ ބަލައިލުމުންވެސް އަޅުގަނޑުމެންނަށް އެކަން އެބަ ދޭހަވޭ. އަދި މިތަނަކީ ފަސްތަރީގެ ހޮޓަލަކަށްވި ކަމުންވެސް އެކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވެގެން އެބަދޭ. އަދި އަޅުގަނޑު އެންމެ އުފާވި ކަމަކީ، އަޅުގަނޑުމެންނަށް މިލިބުނު މަޢުލޫމާތުން އެނގޭގޮތުގައި، މިތަން ފަރުމާކުރީވެސް އަދި މިތާނގެ ހުރިހާ މަސައްކަތްތަކެއް ކުރީވެސް ހަމަ ދިވެހިންކަމަށްވާކަން. ދިވެހި ރައްޔިތުންގެ ހުނަރުވެރިކަމާއި، އެމީހުންގެ ވިސްނުމާއި، ތޫނުފިލިކަމާއި، މިކަންކަން މިރިޒޯޓުން ވަރަށް ރަނގަޅަށް އެބަ ދައްކައިދޭ. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚުރެއް.

އެހެންވީމާ، ރިޒޯޓެއް ތަރައްޤީ ކުރެވިގެން، އެތާނގެ ވަޒީފާގައި ދިވެހިންގެ ގިނަބަޔަކު އުޅެން ފެށުމުން، އެމީހުންނަށް ލިބޭ ފައިދާގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އެ ރިޒޯޓެއް ފުރަތަމަ ބިނާކުރާއިރުވެސް ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ލިބޭ ފައިދާތަކުގެ ވާހަކަވެސް ދައްކާލަންވާނެކަންނޭނގެ. އެހެން މިދެންނެވީ، ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަގޮތުގައި، މިރިޒޯޓު ތަރައްޤީ ކުރެއްވިއިރު، ޢިމާރާތް ކުރުމަށް އެކަނިވެސް ދިވެހި އެތައް ބަޔަކަށް ސަތޭކަ ފަސްދޮޅަހަކަށް މިލިޔަން ރުފިޔާ ލިބިގެން ހިނގައްޖެ. އަދި މިހާރު ނ. އަތޮޅުގައި އަޙްމަދު ޞިޔާމް މުޙަންމަދު ތަރައްޤީ ކުރައްވާ ރިޒޯޓަށްވެސް ހަމަ ގާތްގަނޑަކަށް އެހާވަރު ޚަރަދުވެގެން ހިނގައްޖެ. މިއީ އަދި ޢިމާރާތް ކުރުމުގެ މަރްޙަލާގައި ދިވެހިންގެ އަތްމައްޗަށް އަރާ ފައިސާގެ ވާހަކަ މިދެންނެވީ. ރިޒޯޓުގެ މަސައްކަތް ފުރަތަމަ ފަށާ ހިސާބުން ފެށިގެން މަސައްކަތް ނިމޭ ހިސާބާ ދޭތެރޭގައިވެސް ވަރަށްބޮޑު ތަނަވަސްކަމެއް ބަޔަކަށް އެ ލިބެނީ. އޭގެފަހުން ދާއިމީގޮތެއްގައި އެތާނގައި ވަޒީފާ އަދާކުރާ ބަޔަކަށް އެލިބޭ ފައިދާއާއި ކުރިއެރުމަކީވެސް ވަރަށްބޮޑު އެއްޗެއް. އެކަންވެސް އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭނެ.

އާދެ! އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކަކީ ސަރުކާރުން ވަރަށް އެކަށީގެންވާ ގޮތެއްގައި ބަލައިގެންފައިވާ މަސައްކަތްތަކެއް. އޭނާއަށްވަނީ ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ޢާންމު ޚިދްމަތުގެ އިނާމު ލިބިވަޑައިގެންފައި. އަދި އޭނާ ހިންގަވާ ބައެއް ރިޒޯޓުތަކަށް އެންމެ ގިނަ ޢަދަދަކަށް އެނދު ފުރުވި ރިޒޯޓުތަކުގެ އިނާމުވެސްވަނީ މީގެކުރިން ލިބިފައި. ހަމައެހެންމެ، އޭނާގެ ރިޒޯޓުތަކަކީ ދުނިޔެއަށް މިހާރު މަޝްހޫރުވެފައިވާ ފެންވަރު ރަނގަޅު ރިޒޯޓުތަކެއް. ރާއްޖޭގައި ދެވޭ ބައެއް އެވޯޑާއި އަދި ބައިނަލްއަޤްވާމީ އެކިއެކި އެވޯޑުތައްވެސް، އެކުންފުނިން ހިންގަވާ ރިޒޯޓުތަކަށް މިހާރުވަނީ ލިބިފައި. މިކަންކަމަކީވެސް މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭނެ ކަންކަން.

މިއަދު ރަސްމީގޮތުން މި އިފްތިތާޙު ކުރެވުނު "ދަ ބީޗް ހައުސް އެޓް މަނަފަރު މޯލްޑިވްސް" ގެ ވާހަކަ މާ އިތުރަކަށް އަޅުގަނޑު ދައްކާކަށް ބޭނުމެއް ނުވާނެކަންނޭނގެ. މިތަނަށް އައުމުން، އެކަމުގެ މަޢްލޫމާތުތައް އަޅުގަނޑުމެންނަށް ލިބިއްޖެ. އަދި މިރިޒޯޓުގެ އެކިއެކި ފޮޓޯގެ މަންޒަރުތަކާއި، މި ރިޒޯޓު ޢިމާރާތް ކުރެވެމުން ދިޔައިރު ކަންތައްތައް ކުރެވުނުގޮތާއި، އަދި މިހާރު މިތާނގައި ހުރި ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއްގެ ވާހަކަވެސް މިޖަލްސާއިން އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. ފެނިގެން ހިނގައްޖެ. އެހެންވީމާ، މިރިޒޯޓަކީ ޝައްކެއްނެތްގޮތުގައި، ވަރަށްމަތީ ފެންވަރަކަށް ތައްޔާރު ކުރެވިފައިވާ އަދި އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ރިޒޯޓަކަށް ވެގެންދާނެ ތަނެއް.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން އަންނަ ކަމެއް. ދެންމެ އަޙްމަދު ޞިޔާމް މުޙަންމަދުގެ ވާހަކަފުޅުގައި ވިދާޅުވި، އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު ހުރީ ރާއްޖޭގައި ވަރަށް މަދު ރިޒޯޓުތަކެކޭ. އެއީ ހަމަ ތެދުފުޅެއް. މިހާރު މާތްﷲގެ ވާގިފުޅާއެކު، ސަރުކާރުން މިކުރި މަސައްކަތްތަކުންނާއި އަދި ސަރުކާރުން މިހުޅުވައިދިން މަގުން ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންދަވާ ބޭފުޅުން އެކުރެއްވި މަސައްކަތްޕުޅުތަކުން، ރާއްޖޭގައި މިހާރު ވަރަށްގިނަ ޢަދަދެއްގެ ރިޒޯޓު އެބަހުރި. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަދަނީ އުދުހުމާބެހޭ ވަޒީރު ޑޮކްޓަރ މަޙްމޫދު ޝައުޤީ މިއަދު އަޅުގަނޑު ގާތު ވިދާޅުވި، މިހާރު ރާއްޖޭގައި ހިނގަމުންދާ 92 ރިޒޯޓު އެބަހުއްޓޭ. ވަރަށްބޮޑު ކުރިއެރުމެއް ލިބިފައި މިއޮތީ. ވަރަށް މަދު ރިޒޯޓުތަކަކުން 30 އަހަރު ދުވަހުގެ ތެރޭގައި 92 ރިޒޯޓަށް ބަދަލުވެގެން ހިނގައްޖެ. އަދި މިހާރު ޢިމާރާތް ކުރަމުންދާ ވަރަށްގިނަ ރިޒޯޓުތަކެއްވެސް އެބަހުރި. ހަނދާންވާ ގޮތުގައި ކުރިން އެއްދުވަހަކު އަޅުގަނޑު ގާތުގައި ޑޮކްޓަރ ޝައުޤީ ވިދާޅުވި. މިހާރުވެސް ހަދަމުންދާ 71 ރިޒޯޓު އެބަހުއްޓޭ. މަދު ޢަދަދެއްގެ ވާހަކައެއް ނޫން އަޅުގަނޑުމެން މިދައްކަނީކީ. އާދެ! ފަތުރުވެރިކަން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފެތުރިގެން މިދަނީ ވަރަށް ހަލުވިކޮށް ވަރަށް ބާރަށް. އެކަމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް މިހާރުވެސް ދަނީ ކުރަމުން. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރާނެ.

ރާއްޖޭގައި މިހާގިނަ ޢަދަދަކަށް ފަތުރުވެރިކަމުގެ މަންޒިލްތައް ޤާއިމު ކުރެވެމުންދާއިރު، އެތާނގެ ވަޒީފާތައް، ގިނަ ޢަދަދެއްގެ ދިވެހިންނަށް ލިބުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް. މި ރިޒޯޓުގައިވެސް ވަރަށްގިނަ ޢަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުން އެބަގެންދޭ. މިއަތޮޅުގެ ރައްޔިތުންނާއި، މިއަތޮޅާ ކައިރި އަތޮޅުތަކުގެ ރައްޔިތުންވެސް އެބަތިބި. ހަމައެހެންމެ، ރާއްޖޭގައި ހިނގާ ކޮންމެ ރިޒޯޓެއްގައިވެސް ވަރަށްގިނަ ޢަދަދަކަށް ދިވެހިން ވަޒީފާ އަދާކުރަމުން އެބަގެންދޭ. އަދި ކުރިއަށް އޮތް ތާނގައި، ހެދޭ ހުރިހާ ރިޒޯޓެއްގައިވެސް އެކަން ދާނީ އިރާދަކުރެއްވިއްޔާ އެހެން. އެހެންވީމާ، މިއީ ދިވެހިންނަށް ލިބޭ ވަރަށްބޮޑު ފުރުޞަތުތަކެއް. ކުރިއެރުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް. މިކަންކަމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހަނދާންކުރަންޖެހޭނެ ކަންކަން.

ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ވާހަކަ، އަޙްމަދު ޞިޔާމް މުޙަންމަދުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އަދި މުޙަންމަދު ސަލީމްގެ ވާހަކަފުޅުގައިވެސް ވިދާޅުވި. އެއީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހިފައި އޮތް ޙަޤީޤަތެއް. ދުނިޔޭގެ ތެލުގެ ބާޒާރުގައި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު، 20 ޑޮލަރުން ފެށިގެން 140 ޑޮލަރާ ހަމައަށް ހިނގައްޖެ. އަދި އެއަށްވުރެވެސް މައްޗަށްކަންނޭނގެދާނީ. އެއީ ކުޑަކަމެއް ނޫން. މީގެ ސަބަބުން، މުޅި ދުނިޔޭގެ އިޤްތިޞާދަށްވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައި. ހަމައެކަނި ބޮޑުވީކީ ތެލުގެ އަގެއް ނޫން. އެއާ ގުޅިގެން އެހެން ހުރިހާ މުދަލެއްގެ އަގުވެސްވަނީ ބޮޑުވެފައި. އަދި ޚިދްމަތްތަކުގެ އަގުވެސްވަނީ ވަރަށް މައްޗަށް ގޮސްފައި. ކާބޯތަކެތީގެ އަގުވެސް ދަނީ މައްޗަށް. އަދި ކާބޯތަކެތި މަދުވުމުގެ ބިރުވެސް ދުނިޔޭގެ ބައެއް ތަންތާނގައި މިހާރުވަނީ ފެތުރިފައި.

މިހުރިހާ ކަމަކީ، އަޅުގަނޑުމެންގެ ރާއްޖެއިން ކުރާ ކަމެއް ނޫން. ރާއްޖެއިން އެއްގޮތަކަށްވެސް ޙިއްޞާކުރާ ކަމެއްވެސް ނޫން. މިކަންކަން މިވަނީ ބޭރު ދުނިޔޭގައި. އަޅުގަނޑުމެންނަކީ ތެޔޮ އުފައްދާ ޤައުމެއް ނޫން. ތެޔޮ އެކްސްޕޯޓް ކުރާ ޤައުމެއްވެސް ނޫން. ކާބޯތަކެތި އުފައްދައިގެން، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ޤައުމެއްވެސް ނޫން. އަދި އެހެން ބާވަތެއްގެވެސް މާގިނަ ތަކެތި އުފައްދައިގެން، ބޭރުކުރާ ބައެއް ނޫން. އެހެންވީމާ، ދުނިޔޭގެ ބާޒާރަށް މިއަންނަ ބަދަލުތަކަކީ، ރާއްޖޭގެ އިޤްތިޞާދު ހީނަރުވެގެން ނުވަތަ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ ސިޔާސަތު ގޯސްވެގެންވާ ކަމެއް ނޫން. މިކަހަލަ ކޮންމެ ދެރަކަމެއްގެ ބޭނުންވެސް، ބައެއް މީހުން އޭގެ އެންމެ ނުބައި ގޮތުގައި ކުރާކަމީ ވަރަށް ހިތާމަހުރި ކަމެއް. ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ކުށެއްނެތި މިކަން މިހެން ވަމުންދާއިރު، އެއީވެސް ރާއްޖޭގެ ރައްޔިތުން ކުރާ މަސައްކަތް ކާމިޔާބު ނުވުމުގެ ސަބަބުން ނުވަތަ ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން ކަމަށް ބަޔަކު ވާހަކަ ދައްކާކަމީ ވަރަށްދެރަ ކަމެއް. އެއީކީ ޙަޤީޤަތެއް ނޫން.

ސަރުކާރާ ދޭތެރޭގައި ޝައްކު އުފައްދަން މަސައްކަތް ކުރުމަކީ، އަބަދުވެސް ބަޔަކު މީހުން ކުރަމުން ގެންދާ ކަމެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުރަމުން ގެންދާ ކަމެއް. އެކަމަކު އޭގައިވެސް ކޮންމެވެސް ކަހަލަ ހަމައެއް އޮންނަންވާނެކަންނޭނގެ ދޮގެއްތޯ! އަޅުގަނޑު ހަނދާން އެބަހުރި. ދެންމެ އަޙްމަދު ޞިޔާމް މުޙަންމަދު އެވިދާޅުވީ، އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު ރާއްޖޭގައި ހުރީ ވަރަށް މަދު ރިޒޯޓެކޭ. އެދުވަސްވަރު، އެއީ ކޮން ޒަމާނެއްތޯ؟ 1978. މީގެ ތިރީސް އަހަރު ކުރި. 1978 އާއި 1979 ގައި އަޅުގަނޑު ވެރިކަމާ ހަވާލުވިތާ ކުރީކޮޅުގައި، މިދެންނެވިކަހަލަ މީހުން، ޝައްކު އުފައްދާ މީހުން ބުނަމުން ގެންދިޔައީ ކީކޭތޯ. ބުނަމުން ގެންދިޔައީ، ރާއްޖޭގެ ފަތުރުވެރިކަން ހަލާކުވީއޭ. މިހާރު ވެރިކަމަށް އެއައީ އެކަމާ ވަރަށް ނުރުހޭ މީހެކޭ. އެމީހުން އެވާހަކަ އެ ދައްކަނީ، އަޅުގަނޑަކީ ކޮންމެވެސް ވަރަކަށް ދީނީ ޢިލްމު ޙާޞިލު ކޮށްގެން ހުރި މީހެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭތީ. އެހެންވީމާ، އަޅުގަނޑު އައިސް އެންމެ ފުރަތަމަ ކުރާނެ ކަމަކީ، ފަތުރުވެރިކަމުގެ މަންޒިލްތައް ބަންދުކުރުން ކަމުގައި އެމީހުން ދިޔައީ ޚަބަރު ފަތުރަމުން، އެވާހަކަ ދައްކަމުން. މީގެ 30 އަހަރު ކުރިންވެސް ހަމަ އެމީހުން ޝައްކު އުފައްދަން އެ އުޅުނީ. މިހާރުވެސް އެވާހަކަ ހަމަ އެހެން އެދައްކަނީ. އެހެންވީމާ، މިއީކީ ދެން ބަޔަކު ގަބޫލުކުރާނެ ވާހަކައެއްވެސް ނޫން. އެހެން މިދެންނެވީ، އެއް އަތެއްގެ އިނގިލިތަކުން ނުވަތަ ދެއަތުގެ އިނގިލިތަކުން ގުނާލެވޭ ޢަދަދަށް ރިޒޯޓު ހުރި ތަނެއް، މިހާރު 92 ރިޒޯޓަށް ބަދަލުވެގެން ގޮސްފައި އެއޮތީ 30 އަހަރުގެ ތެރޭގައި. އަދި ކުރިއަށް އޮތް ތާނގައި، އެވިދާޅުވިހެން 70 ރިޒޯޓު އަންނާނެ. ނުވަތަ އެއަށްވުރެވެސް ގިނަ ރިޒޯޓު އަންނާނެ. މިހެން ބުނާއިރު ކިހިނެއްތޯ، ޝައްކު އުފައްދާ މީހުން އެދައްކާ ވާހަކަ ގަބޫލުކުރެވޭނީ. ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލެއްނުކުރާނެ ދޮގެއްތޯ!

ދެންމެ ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި، ފަތުރުވެރިކަންވެސް ތަރައްޤީ ކުރަންވާނީ ތިލަފަތް ހަމަގޮތެއްގައޭ. އާދެ! އެއީ ފަތުރުވެރިކަން ތަރައްޤީ ކުރުމުން، އެހެންކަމަކަށް ގެއްލުންނުވާ ގޮތެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި. ރާއްޖޭގެ ތިމާވެށްޓަށްވެސް ގެއްލުން ނުލިބޭ ގޮތަކަށް. ރާއްޖޭގެ އެހެން މަސައްކަތަކަށްވެސް ގެއްލުން ނުލިބޭ ގޮތަކަށް. އަދި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށާއި، އަޚްލާޤަށާއި، މިކަންކަމަށްވެސް އުނިކަމެއް ނާންނަ ގޮތެއްގެ މަތިން ފަތުރުވެރިކަން ތަރައްޤީ ކުރަން ޖެހޭނީ. އެއީ ތިލަފަތް ހަމަ ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް. އެކަމަކު އެންމެބޮޑަށް ތިލަފަތް ހަމަކުރަންވީ އެއްޗަކީ އަދި އެ އެއްވެސް ނޫން ދޮގެއްތޯ! އެންމެ ބޮޑަށް ތިލަފަތް ހަމަކުރަންވީ އެއްޗަކީ، އަޅުގަނޑުމެންގެ ވިސްނުން. ހެޔޮ ވިސްނުން. ކަންތައް ވަމުންދާގޮތް އަޅުގަނޑުމެން ބެލުން. އޭގެ ޙަޤީޤީ ސަބަބުތައް ދެނެގަތުން. މިއީ އަޅުގަނޑުމެން ކުރަންވީ ކަމެއް. އެހެންވީމާ، އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ވިސްނުމުގެ ތިލަފަތް ހަމަކޮށްގެން ނޫނީ، ކަންކަމާ ދޭތެރޭގައި އެކަށީގެންވާ ރަނގަޅު ޚިޔާލެއް އަޅުގަނޑުމެންނަކަށް ފާޅެއްނުކުރެވޭނެ.

އާދެ! ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ. މިހާރު މިކަން މިއޮތީ މުޅި ދުނިޔެއަށް އެންމެންނަށްވެސް އެނގިފައި. ދިވެހި ރައްޔިތުންވެސް ގަބޫލުކުރައްވާ ޙަޤީޤަތަކަށްވެފައި. އެހެންވީމާ، ފަތުރުވެރިކަމަށް ހީނަރުކަން އަންނަގޮތަކަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ. ދެންމެ އަޙްމަދު ޞިޔާމް މުޙަންމަދުގެ ވާހަކަފުޅުގައިވެސް ވިދާޅުވި. އެގޮތަށް އެމަސައްކަތްކުރާ ބަޔަކު އެކުރަނީ ވަރަށް ހިތާމަހުރި ކަމެއް. ރާއްޖެއަށް ފަތުރުވެރިން އަޔަނުދިނުމަށްޓަކައި ނުވަތަ ރާއްޖެއަށް ބޭރުގެ އެކިފަރާތްތަކުން ވަމުން ގެންދާ އެހީތައް ވިޔަނުދިނުމަށްޓަކައި ބަޔަކު މީހުން ސިޔާސީ މަޤްޞަދެއްގައި އެ ދައްކާ ވާހަކަތަކަކީ، މުޅި ޤައުމުގެ ހަލާކަށްޓަކައި ދައްކާ ވާހަކަތަކެއް. ޤައުމުގެ ރައްޔިތުން ނިކަމެތި ކުރުމަށްޓަކައި ދައްކާ ވާހަކަތަކެއް. އެފަދަ ވާހަކަތަކަށް އަޅުގަނޑުމެން ތަންދީގެނެއް ނުވާނެ. އަޑުއަހައިގެންވެސް ނުވާނެ. ގަބޫލުކޮށްގެންވެސް ނުވާނެ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނީ ޙަޤީޤަތް.

އެހެންވީމާ، ރާއްޖޭގެ އެންމެބޮޑު ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރިއަށް ގެންދެވެން ހުރި އިޤްތިޞާދީ މަސައްކަތްތައް މަދުކަން. މަސްވެރިކަން އެއީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ބިންގާ. އެންމެ ވަރުގަދަ އެއް އަސާސް. އެކަން އަޅުގަނޑުމެން ތަރައްޤީ ކުރަން ޖެހޭނެ. ހަމައެހެންމެ، ފަތުރުވެރިކަންވެސް ތަރައްޤީ ކުރަން ޖެހޭނެ. ދެން ރާއްޖޭގައި ކުރެވޭ އެހެން މަސައްކަތްތައް. ވިޔަފާރިއާއި، ޢިމާރާތް ކުރުމާއި، މިހެންގޮސް ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މުހިންމު ބައިތައް. މުހިންމު ދާއިރާތައް، އަޅުގަނޑުމެން ތަރައްޤީ ކުރަންވާނެ. އެހެން ނަމަވެސް، އެކަންކަން ތަރައްޤީ ކުރާއިރު އަޅުގަނޑުމެންނަށް އެބަ ވިސްނޭ، ރާއްޖޭގެ މާޙައުލު އޮތްގޮތުންނާއި، ރާއްޖޭގެ ވަސީލަތްތައް މަދުކަމުންނާ، މިކަންކަން މިހުރިގޮތުން އަޅުގަނޑުމެންނަށް މާގިނަ ކަންތައްތަކެއް ކުރެވޭކަށް ނޯންނާނެކަން. ނުވެސް ނެތްކަން. އެހެންވީމާ، އެކަން ގަބޫލުކޮށްގެން، ރާއްޖެއިން އިތުރަށް ތަރައްޤީ ކުރެވެންހުރި ކަންތައްތައް ދެނެގަނެ، އެކަންތައްތައް ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭނެ. އެގޮތުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، ޢިމާރާތް ކުރުމާއި، މިދެންނެވި ކަންތައްތައް ތަރައްޤީ ކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ.

އާދެ! ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި ވަރަށްގިނަ އަމިއްލަ ފަރާތްތަކުގެ އެއްބާރުލެއްވުމާއި މަސައްކަތް ހިމެނިފައިވޭ. އެހެންވީމާ، މިފުރްޞަތުގައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ވަރަށް މަޝްހޫރު ވަރަށްގިނަ ބޭފުޅުން އެބަތިއްބެވި. ވަރަށްގިނަ ރިޒޯޓުތައް ހައްދަވައި އިމާރާތް ކުރައްވާ ވަރަށް ކާމިޔާބު ގޮތެއްގައި ހިންގަވާ އަދި މުޅި ރާއްޖެއަށް އެކަމުގެ ފައިދާ ލިބޭ ވަރަށްގިނަ ރިޒޯޓުތައް ހިންގަވާ ވަރަށްގިނަ ބޭފުޅުން އެބަ ތިއްބެވި. އެބޭބޭފުޅުންގެ ނަންފުޅުތައް ވަކިން ނުދެންނެވިނަމަވެސް، އެހުރިހާ ބޭފުޅުންނަށް މިފުރްޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާ، ސަރުކާރުގެ ފަރާތުން ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން. އާދެ! ފަތުރުވެރިކަމާއި މަދަނީ އުދުހުމާބެހޭ ވުޒާރާ. ވުޒާރާގެ މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އެކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ދެންމެ އޭނާ އެވިދާޅުވީ، އަޅުގަނޑުވެސް ކުއްލިއަކަށް ހަނދާންހުރި ކަމެއްގެ ވާހަކައެއް ނޫން. މިއަދަކީ އޭނާ އެވުޒާރާއާ ޙަވާލުވެވަޑައިގެންނެވިތާ ތިންއަހަރު ފުރުނު ދުވަހޭ ވިދާޅުވި. މިއުފާވެރި މުނާސަބަތުގައިވެސް ވަރަށް ޚާއްޞަ ތަހުނިޔާއަކާއި މުބާރަކްބާދީއެއް ޑޮކްޓަރ މަޙްމޫދު ޝައުޤީއަށް އަޅުގަނޑު ދަންނަވަން. ޑޮކްޓަރ މަޙްމޫދު ޝައުޤީގެ ބެއްލެވުމުގެ ދަށުން، އެވުޒާރާގެ އިސްވެރިންނާއި އަދި ހަމައެހެންމެ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ "މަޓީ"އާއި، އަދި އެނޫންވެސް ފަރާތްތަކަށް މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އެހުރިހާ ފަރާތްތަކުންވެސް އެކުރައްވާ މަސައްކަތަކީ، ރާއްޖެއަށް ވަރަށް ބޭނުންތެރި އަދި ރާއްޖޭގެ ރައްޔިތުންނަށް، އޭގެ ފައިދާ ލިބެމުންދާ މަސައްކަތެއް ކަމަށްވާތީ، އެކަންތައްތަކުގައި، އެމަސައްކަތުގައި އިތުރު ހިތްވަރާއި ޢަޒުމާ އެކީގައި ކުރިއަށް ވަޑައިގަތުމަށް، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ހިތްވަރު އަރުވަން.

އަދި މިދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ އެހެން ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު ދަންނަވަން. އާދެ! ދެންމެ ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި، ބޭންކުތަކުން ފަތުރުވެރިކަމުގެ މަންޒިލްތައް ހެދުމަށްޓަކައި ލޯނު ދޫކުރައްވާ ވާހަކަ ވިދާޅުވި. ލޯނު ދޫކުރައްވާ ބޭންކުތަކާއި، އަދި ރާއްޖެއަށް ފަތުރުވެރިން ފޮނުއްވާ ކުންފުނިތަކާއި އަދި މިކަމުގައި ޙަރަކާތެރިވާ އެހެން ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާންޖެހޭ. އެއީ އަޅުގަނޑުމެންނަށް މިއަދު މި ލިބޭ ކާމިޔާބީއަކީ، ނުވަތަ މިއަދު މި ލިބޭ ތަނަވަސްކަމަކީ، އެހުރިހާ ފަރާތްތަކެއް ގުޅިގެން ކުރައްވާ މަސައްކަތްތަކުން ލިބޭ ކާމިޔާބީއަކާއި ތަނަވަސްކަމެއް ކަމަށްވާތީ. އެހެންވީމާ، މިއަދު އެހުރިހާ ބޭފުޅުންނަށާއި ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކަށްވާތީ، އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. މިއަދު "ދަ ބީޗް ހައުސް އެޓް މަނަފަރު މޯލްޑިވްސް" ހުޅުވުމުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދަށާއި، އެކުންފުނީގެ އެހެން ވެރިންނަށާއި އަދި މިރިޒޯޓުގެ މެނެޖްމަންޓަށާއި މުވައްޒަފުންނަށާއި އަދި މިއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން، އަދި ދިވެހިރާއްޖެއަށް ވަރަށް އަލިގަދަ އަމަންއަމާންކަމުން ފުރިފައިވާ، ސުލްހަމަސަލަސްކަމުން ފުރިފައިވާ، ތަރައްޤީއާއި ކުރިއެރުމުގެ ލަނޑުދަނޑިތައް ޙާޞިލުކުރެވޭ ކުރިމަގަކަށް އެދި اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.