بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى أشرف المرسليـن. سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

މިރޭގެ މިއުފާވެރި ޙަފްލާގައި، ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ދި ޓީ.ވީ.ގެ ޚިދްމަތް، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަކީ، މިރޭ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، ދި ޓީ.ވީ.ގެ ބާނީ އަލްފާޟިލް މުޙަންމަދު މޫސާއަށާއި، ޗީފް އެގްޒެކެޓިވް އަލްފާޟިލް ޔޫސުފް ނަވާލަށާއި، ޑިރެކްޓަރުން ކަމަށްވާ އަލްފާޟިލް މަސްޢޫދު ޢަލީއަށާއި، އަލްފާޟިލް އިބްރާހީމް ޚަލީލަށާއި، އަލްފާޟިލް ޙަސަން މައުމޫނަށް އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި އެތާނގެ ހީވާގި ހުރިހާ މުވައްޒަފުންނަށްވެސް މިމުނާސަބަތުގެ މުބާރަކްބާދީ އަދާކުރަން.

އާދެ! ދި ޓީ.ވީ.ގެ ބާނީއަކީ، އަޅުގަނޑުމެން އެންމެންވެސް ދަންނަ ބޭފުޅެއް. އަލްފާޟިލް މުޙަންމަދު މޫސާއަކީ، ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ، އެންމެން ދަންނަ ވަރަށް މަޤްބޫލު ބޭފުޅެއް. ހަމައެހެންމެ، އޭނާގެ ޢާއިލާގެ ބޭފުޅުންނަކީވެސް، އާދެ! ޗަމްޕާ ބްރަދަރސް ނުވަތަ އެޢާއިލާގެ ހުރިހާ ބޭފުޅުންނަކީވެސް، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ވަރަށް އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ، ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ހޯއްދަވައިދެއްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އަދި ޤައުމީ ކަންކަމުގައި ވަރަށް ޚާއްޞަ ގޮތެއްގައި ސަރުކާރާ އެއްބާރުލައްވައިދެއްވާ ވަރަށް އިޚްލާޞްތެރި ބޭފުޅުންކޮޅެއް. އެހެންވީމާ، މިކަންވެސް މިރޭ އަޅުގަނޑު ހަނދާންކޮށް، އަލްފާޟިލް މުޙަންމަދު މޫސާއަށާއި، އަދި ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން.

ދި ޓީ.ވީ.ގެ ޚިދްމަތް ފެށޭއިރު، އެތަން ހިންގަވަން ތިއްބެވި ބޭފުޅުންނަކީވެސް ކަމާބެހޭ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންކޮޅެއްކަން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، އަލްފާޟިލް ޔޫސުފް ނަވާލަކީ، ޓީ.ވީ މޯލްޑިވްސްގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅެއް. އަދި އަލްފާޟިލް މަސްޢޫދު ޢަލީއާއި، އަލްފާޟިލް އިބްރާހީމް ޚަލީލާއި، އަލްފާޟިލް ޙަސަން މައުމޫނަކީވެސް، ޓީ.ވީ މޯލްޑިވްސްގައި ވަރަށްގިނަ ދުވަހު އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާހުރި ޤާބިލް ބޭފުޅުންކޮޅެއް. އެހެންވީމާ، މިބޭފުޅުންގެ ބެއްލެވުމުގެ ދަށުން ދި ޓީ.ވީ.ގެ ޚިދްމަތް، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ލިބިގެންދާނީ، ވަރަށް އެކަށީގެންވާ ރަނގަޅު ގޮތެއްގައި ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ މިފުރްޞަތުގައި ދަންނަވާލަން.

މިރޭގެ މިރަސްމިއްޔާތުގައި، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕް 2008 ގައި ހޯދި ކާމިޔާބީއާ ގުޅިގެން، ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުގެ ނަމުގައި ޗަމްޕާ ބްރަދަރސް ޕްރައިވެޓް ލިމިޓެޑުން ޤައުމީ ޓީމަށް ފަންސާސް އެއްހާސް ޔޫ.އެސް. ޑޮލަރުގެ ފައިސާގެ އިނާމަކާއި، ދި ޓީ.ވީ. އާއި، ދި އެފް.އެމް އަދި ޕްރިންޓެކުންދޭ އަށްޑިހަހާސް ދިވެހި ރުފިޔާގެ ފައިސާގެ އިނާމު، ޤައުމީ ޓީމަށް ދެއްވާގޮތަށް ހަމަޖެހިފައިވުމާއެކު، މި އަގުބޮޑު އިނާމުތަކަށްޓަކައި އަލްފާޟިލް މުޙަންމަދު މޫސާއަށާއި، މިދެންނެވި ތަންތާނގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ވީޑިއޯއިންވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނިގެންދިޔަ ގޮތުގައި، ދި ޓީ.ވީ.އަކީ ހުނަރުވެރި ދިވެހި މުވައްޒަފުންތަކެއްގެ ބުރަ މަސައްކަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވުޖޫދަށް ގެނެސްފައިވާ ޗެނެލެއް. މި ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ރާއްވަވައި ހިންގަވާފައިވަނީ، ރާއްޖެއިން ބޭރުގެ އެއްވެސް އެހީތެރިކަމަކާނުލައި، ދި ޓީ.ވީ.ގެ ކުޅަދާނަ ދިވެހި މުވައްޒަފުން. މިޗެނެލް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި ތަހުނިޔާ އަދާކުރަން. އަދި އެބޭފުޅުން މިކުރެއްވި މަސައްކަތުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިގެން މިދަނީ ވަރަށް ރީތި ނަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ބޭރުގެ އެހީތެރިކަމެއްނެތި އަޅުގަނޑުމެންގެ އަމިއްލަ ޒުވާން މުވައްޒަފުން، ހުނަރުވެރި ޤާބިލް ބޭފުޅުންކޮޅެއް މިކަމުގައި އުޅުއްވައި، ވަރަށް އެކަށީގެންވާ ފެންވަރަކަށް މިފަންނު ތަރައްޤީ ކުރައްވައި އަދި މިޗެނެލް ވުޖޫދަށް ގެންނެވިކަމަށްޓަކައި، އެބޭފުޅުންނަށް ޙައްޤުވާ މުބާރަކްބާދީއާއި ޝުކުރަކީ، ޝައްކެއްނެތްގޮތުގައި އޭގައި ތިޔަ ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމެއް.

އާދެ! ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމާއި، ރީ ބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު، އަމިއްލަ ފަރާތްތަކަށް ހުޅުވައިލުމަކީ، އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް. ބޭނުމަކީ، ރާއްޖޭގެ މީޑިއާގެ ވެށި، މިނިވަން އަސާސްތަކެއްގެ މަތީގައި ޤާއިމުކުރުން. އަދި ޒިންމާދާރު ގޮތެއްގައި މީޑިއާ ޙަރަކާތްތެރި ކުރުވުން. ރާއްޖޭގެ މީޑިއާގެ ވެށި މިނިވަންވަމުން، މީޑިއާގެ މައިދާން ފުޅާވަމުން، މީޑިއާގެ ޙަރަކާތްތައް އިތުރުވަމުންދާއިރު، އެހެން ބާވަތްތަކުގެ ނުފޫޒާއި ކޮންޓްރޯލްގެ ތެރެއަށް ނޫސްވެރިކަން ވެއްޓިގެންދާ ދިޔުމުގެ މައްޗަށް އަޅުގަނޑުމެން ފިކުރު ހިންގާލަންޖެހޭ. ސިޔާސީ ނުފޫޒާއި، އިޤްތިޞާދީ ނުފޫޒާއި، މާލީ ނުފޫޒުން ނޫސްވެރިކަން ސަލާމަތް ކުރެވެންޖެހޭ.

މީޑިއާގެ ޙަރަކާތްތެރިކަން އިތުރުވަމުންދާއިރު، މި އަމާޒު ބޮޑަށް ހިފެނީ، ސެންސޭޝަނަލް ކަންކަމަށް. އާދެ! ޢާންމުންގެ ޝައުޤުވެރިކަން، ސަމާލުކަން ދަމައިގަންނަ ކަންކަމަށް. މިއަދުގެ ދުނިޔޭގައި ކޮންމެވެސްވަރަކަށް މިކަން މިހެންވާން ޖެހުނު ކަމުގައިވިޔަސް، މީޑިއާގެ އަސާސީ ދައުރުތައް ހަނދާންނައްތާލައިގެން ނުވާނެ. އާދެ! މިސާލަކަށް، ދައުލަތުގެ ކަންކަން ހިންގުމަށް ތިބި މީހުން ކުރާ މަސައްކަތް ރައްޔިތުންނަށް އަންގައިދިނުމަކީ، މީޑިއާގެ އަސާސީ ދައުރެއް. ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް، ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ، މީޑިއާގެ އަސާސީ ދައުރެއް. ޤައުމަށް ހުރި ގޮންޖެހުންތައް ރައްޔިތުންނަށް އަންގައިދިނުމަކީވެސް މީޑިއާގެ އަސާސީ ދައުރެއް. މިކަންކަމަށް ނޫސްވެރިން ހޭލާތިބެ، އެކަންކަންވެސް މީޑިއާގެ ވެށީގައި ގެންގުޅެދެއްވުމަކީ، މީޑިއާގެ ދައުރު ފުރިހަމަވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ، މިފުރްޞަތުގައި އެވާހަކަ ދަންނަވާލަން.

އާދެ! މީޑިއާގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ކޮންމެ ޤައުމެއްގައިވެސް އޮންނަންޖެހޭނެ މިނިވަންކަމެއް. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށްދޭ ޙައްޤެއް. ހަމައެޔާއެކު، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރްޞަތުތަކެއްވަނީ ދެއްވާފައި. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެ ޙަޤީޤަތެއް. މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގައި ދީމުޤްރާޠީ ނިޒާމު ވަރުގަދަ ކުރުމަށް. ދީމުޤްރާޠީ ނިޒާމުގެ ތެރެއިން ރައްޔިތުން ޙަރަކާތްތެރިވުމުގެ އިތުރު ފުރްޞަތުތައް ހޯދައިދިނުމަށް. މިކަން މިހެން ކުރާއިރު، ބޭރު ދުނިޔޭގައި ކަންކުރާ އެންމެ ހަރުދަނާ ގޮތްތައް ދަސްކޮށްގެން، އެގޮތަށް ކަންތައް ކުރުމަކީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ގިނަ ދާއިރާތަކުގައި ބައިނަލްއަޤްވާމީ ގޮތުން އެންމެ މަޤްބޫލު ގޮތަކަށް ޢަމަލު ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެއް. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ފައިދާ ލިބިގަނެގެން، އެއާ އެއްގޮތަށް ކަންތައް ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެއް. ހަމައެކަނި ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރޭގައެއް ނޫން. އަޅުގަނޑުމެންގެ ސިޔާސީ އިޞްލާޙުގެ ދާއިރާގައިވެސް، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތަކުގައިވެސް، އިޖްތިމާޢީ ކަންކަމުގައިވެސް، އަދި ނޫސްވެރިކަމުގެ ދާއިރާގައިވެސް މިގޮތަށް މަސައްކަތް ކުރުން ވަރަށް މުހިންމު.

އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންޖެހޭ އެހެން ޙަޤީޤަތެއް އެބައޮތް. އެއީ އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ޚާއްޞަ ތަނެއް. އަޅުގަނޑުމެންގެ ދީނާއި ޘަޤާފަތަކީ އަޅުގަނޑުމެން އެންމެން ވަރަށްބޮޑު އިސްކަމެއްދޭ ކަންތައްތަކެއް. ރާއްޖޭގައި ކަންތައްތައް ވަމުންދާންޖެހޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގެ ހަރުދަނާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެންގެ ޘަޤާފަތު ތަންދޭ ގޮތެއްގެ މަތިން. އެހެންވީމާ، ބޭރު ތަންތާނގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަމާއި، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްގޮތަށް، ހަމަ ބަރާބަރަށް އެއްވެސް ބަދަލެއް އުނި އިތުރެއް ނައިސް، އެގޮތަށް ރާއްޖޭގައި ކަންތައް ކުރެވުމަކީ، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނުވާނެ. މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި، މީހުންގެ އަބުރު ރައްކާތެރި ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ. ކޮންމެ މީހެއްގެ އަބުރަކީވެސް އެމީހެއްގެ ޙައްޤެއް. ކޮންމެ މީހެއްގެ ރީތި ނަމަކީ، އެމީހެއްގެ ޙައްޤެއް. އެހެން މީހަކަށް އެޙައްޤަކަށް އަރައިގަނެވިގެނެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ މީޑިއާ، ނުވަތަ ޚަބަރުފަތުރާ ވަސީލަތްތައް މިނިވަންކުރާއިރު، މިކަންކަމަށްވެސް ސަމާލުކަންދޭން އެބަޖެހޭ. އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވެންވާނީ. އަޅުގަނޑުމެންގެ ވެށީގައި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތު ތަންދޭ ގޮތެއްގެ މަތިންކަމާއި، އެއާ ޚިލާފަށް ކޮށްފިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް ނުކުމެގެންދާނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ.

އާދެ! ފާޑުކިޔުމަކީ ބޭނުންތެރި ކަމެއް. އެހެންނަމަވެސް، ފާޑުކިޔަންވާނީ، ވަރަށް މުހިންމު އަސާސްތަކެއްގެ މަތީގައި ކަމަށް އަޅުގަނޑު ދެކެން. އޭގެތެރެއިން އެންމެ މުހިންމު އެއްއަސާސަކީ، އެ ފާޑުކިޔުމަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެގެންވާ ފާޑުކިޔުމަކަށްވުން. ކަންކަމާމެދު އަޅުގަނޑުމެން ފާޑުކިޔާއިރު، އެކަމުގެ ޙަޤީޤަތް އޮތްނެތްގޮތް ބަލަންވާނެ. ބަލާފައި ޙަޤީޤަތާ އެއްގޮތަށް ފާޑުކިޔުމަކީ، އެ ފާޑުކިޔާ ބަޔަކަށް، އޭގެ ރީތިނަން ލިބިގެންދާނެ ކަމެއް. އަނެއް ޝަރުޠަކީ، ފާޑުކިޔުމުގެ މަޤްޞަދަކީ އިޞްލާޙު ކުރުން ކަމުގައިވުން. އާދެ! ޤައުމުގައި ހުންނާނެ އިޞްލާޙު ކުރަންޖެހޭ ބައިވަރު ކަންތައްތައް. ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް އެބަހުރި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް. އެހެންވީމާ، އެކަންތައްތަކަށް އިނގިލި ދިއްކޮށް، އެކަންތައްތައް ބަޔާންކޮށްދިނުމަކީ، އެއީ ފާޑުކިޔުމުގެ ދާއިރާގައި އެކަން އޮންނަންވާނެގޮތް. އެއާ ޚިލާފަށް މީހުންގެ އަބުރާ ބެހުމާއި، ނުވަތަ މީހުންގެ އަގުވައްޓާލުމާއި، އެއްވެސް ބޭނުމެއްނެތި ނުވަތަ އަސާސެއްނެތި މީހުން ފަޟީޙަތް ކުރުމާ، މިއީކީ ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަމުގެ ތެރޭގައި ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ނުވަތަ ފާޑުކިޔުމުގެ މިނިވަންކަމުގެ ތެރޭގައި އޮވެގެންވާނެ ކަންކަމެއް ނޫން. މިއީ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

އަޅުގަނޑުމެންގެ ތެރޭގައި ފާޑުކިޔާއިރު ގަބޫލުކުރަންޖެހޭނެ އަނެއް ޙަޤީޤަތަކީ، ތިމާ އެހެން މީހުންނަށް ފާޑުކިޔާކަމަށްވަންޏާ، އެހެން މީހުން ތިމާއަށްވެސް ފާޑުކިޔާނެކަން. އެކަމަކު ގިނަފަހަރަށްވާގޮތަކީ، އަޅުގަނޑު އެހެން މީހަކަށް ފާޑުކިޔާފައި، ވަރަށް އުފަލާއެކު އަޅުގަނޑު އެކަންކޮށްފައި، އެހެން މީހަކު އަޅުގަނޑަށް ފާޑުކީމާ، އަޅުގަނޑު އެކަމާ ނުރުހޭ. އެއީ އެކަންވާންވީ ގޮތެއް ނޫން ކަމަށް ބުނަނީ. މިހެނެއް ނުވާނެ.

އެހެންވީމާ، މިއީ އަޅުގަނޑުމެން މިކަމަށް ފަރިތަވާންވެއްޖެ ކަމެއް. ގަބޫލުކުރަންވެއްޖެ ޙަޤީޤަތެއް. އެހެން މީހުން ފާޑުކިޔާނެކަން. އެ ފާޑުކިޔުން އަޅުގަނޑުމެން ހިތާއި ރޫޙުން ގަބޫލުކުރަންވީ. އެ ފާޑުކިޔުމުން އަޅުގަނޑުމެންނަށް ލިބޭ ފައިދާއެއް އޮތްތޯވެސް ބަލަންވީ. ކަމެއް އިޞްލާޙު ކުރަން ޖެހިއްޖިއްޔާ، އެކަމެއް އިޞްލާޙު ކުރަންވީ. ހަމަ އެގޮތަށް އަޅުގަނޑުމެން އެހެން މީހުންނާ ދޭތެރޭގައި ފާޑުކީމާ، އެ ފާޑުކިޔުންވެސް އެމީހުން ބަލައިގަންނަން ޖެހޭނީ، މިދެންނެވި ރޫޙުގައި. މިގޮތަށް ކަންތައް ކުރާކަމަށްވަންޏާ، އަޅުގަނޑު ހިތުން މާބޮޑެތި މައްސަލަތަކެއް ނުޖެހި، އަޅުގަނޑުމެންގެ ތެރޭގައި މިކަންކަން ތަރައްޤީވަމުންދާނެ.

އާދެ! މިއަދު އާ ޤާނޫނުއަސާސީއެއް ބަލައިގަންނަން ޤައުމު ތައްޔާރުވަމުން މިދަނީ، ވަރަށް ޚުޠޫރަތްތެރި ދަނޑިވަޅެއްގައި. ތެލުގެ އަގާއި، މުދަލާއި ޚިދްމަތުގެ އަގު ބޮޑުވެ، ދުނިޔެއަށް ހާސްކަން ކުރިމަތިވަމުން އަންނަ ދަނޑިވަޅެއްގައި. އެހެންކަމުން، މިފަދަ ދަނޑިވަޅުތަކުގައި، ޤައުމު އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމަށް، މިނިވަން، އިތުބާރު ހިފޭ މީޑިއާއެއްގެ ދައުރު ވަރަށް މުހިންމު. ނުތަނަވަސްކަން އުފެދޭ ދަނޑިވަޅެއްގައި، އެކަން ހޫނުކުރުމުގެ ބަދަލުގައި، ފިނިކުރުމުގެ މަސައްކަތް ކުރުމަކީ، މީޑިއާ އަދާކުރަންވާނެ ދައުރެއް ކަމުގައި އަޅުގަނޑު ދެކެން. ހަމައެހެންމެ، ޑިމޮކްރަސީގެ އުޞޫލުތައް، ޤައުމުގައި އެކި މައިދާންތަކުގައި އެކަށައަޅައި، އާލާކުރުމުގެ އެންމެ ވަރުގަދަ އެއްބާރަކީ، މީޑިއާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. މިކަން މިހެން އޮތްއިރު، އަޅުގަނޑުމެން އަލަށް މިބަލައިގަންނަ ޤާނޫނުއަސާސީއާމެދު މީހުން ހޭލުންތެރިކުރުވައި، އެޤާނޫނީ ހަމަތަކަށާއި ފުރްޞަތުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީވެސް މީޑިއާގެ އަސާސީ ދައުރެއް ކަމުގައި ދެކެވަޑައިގަތުން ވަރަށް މުހިންމު.

ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބްރޯޑްކާސްޓް ކުރުމުގެ ބިލާ ބެހޭގޮތުން. މި ބިލަކީ، ޢާންމުކޮށް ރާއްޖޭގެ މީޑިއާއަށް، އަދި ޚާއްޞަކޮށް، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް ޤާނޫނީ ޙަރަކާތްތެރިކަމާއި ޔަޤީންކަން އިތުރުވުން ގެނެސްދޭނެ ބިލެއް. އާދެ! މިބިލުގެ ސަބަބުން، މީޑިއާގެ ކަންތައްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން. މީޑިއާގެ ޒިންމާދާރުވުމާއި، މީޑިއާގެ މަސްއޫލިއްޔަތު ހަރުދަނާ ގޮތެއްގައި އުފުލުމަށް އެހީތެރިވެދޭނެ ބިލެއް ކަމުގައި އަޅުގަނޑު ދެކެން. އަދި މީޑިއާއަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ލިބިދޭނެ ބިލެއް ކަމުގައި އަޅުގަނޑު ދެކެން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކޮށްދެއްވާނެ. ފާސްކޮށްދެއްވީމާ، އޭގެ ސަބަބުން، ދިވެހިރާއްޖޭގެ މީޑިއާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ! މިދާއިރާގައި މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރާއްޖޭގެ މީޑިއާގެ ދައުރު ހަރުދަނާ ކުރެއްވުމާއި، މީޑިއާ ތަރައްޤީ ކުރެއްވުމާއި، މީޑިއާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާއި، އެކި ފަންނީ ހުނަރުތައް މީހުންނަށް ޙާޞިލުކޮށްދެއްވުމާއި، މިދާއިރާ ފުޅާކުރެއްވުމަށް، އޭނާ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން އެބަގެންދަވާ. ހަމައެއާއެކީގައި މިކަމުގައި އަޅުގަނޑަށް ވަރަށްބޮޑު އެއްބާރުލެއްވުމެއް، ވަރަށްބޮޑު އެހީތެރިކަމެއް އޭނާ ވެދެއްވަމުން ގެންދަވާ. އެހެންވީމާ، އެކަމަށްޓަކައި އަލްއުސްތާޛު މުޙަންމަދު ނަޝީދަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، މިފުރްޞަތުގައި ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، ރާއްޖޭގެ މީޑިއާގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ރާއްޖޭގެ މީޑިއާއަކީ މިއަދު ވަރަށް ތަނަވަސް މިނިވަން މީޑިއާއެއް. މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ނުވަތަ ހަތްދިހަވަރަކަށް އަހަރު ކުރިން ސަރުކާރުން ނެރޭ އެންމެ ނޫހެއް ފިޔަވައި އެހެން ނޫހެއް ރާއްޖެއަކު ނެތް. އެއްޒަމާނެއްގައި ”ސަރުކާރުގެ ޚަބަރު“ގެ ނަމުގައި ނުވަތަ އޭގެފަހުން ”ވިޔަފާރި މިއަދު“ގެ ނަމުގައި ނުވަތަ ”މޫންލައިޓް“ގެ ނަމުގައި ނުވަތަ މިކަހަލަ ކޮންމެވެސް ނަމެއްގައި އެންމެ ނޫހެއް ނުކުތް ވަރަށްގިނަ ދުވަސްތަކެއް ރާއްޖޭގައިދިޔަ. ވަރަށް އާދައިގެ ފެންވަރަކަށް، އަތުން ލިޔެގެން، ސްޓެންސިލް ކަނޑައިގެން ޗާޕްކުރަމުން ގެންދިޔަ ނޫސްތަކެއް މިއީ. އެކަމަކު މިހާރު ރާއްޖެއަށް މިއައިސްފައިވަނީ ވަރަށްބޮޑު ތަރައްޤީއެއް. ރާއްޖޭގައި ޗާޕްކޮށްގެން ނެރެވޭ ވަރަށްގިނަ ނޫސްތައް، ވަރަށްގިނަ މަޖައްލާތައް އެބަހުރި. އޭގެއިތުރުން، ރާއްޖޭގައި ޤާއިމުވެގެން ހިންގަމުން ގެންދާ ވަރަށްގިނަ ވެބްސައިޓްތައްވެސް އެބަހުރި. މި އައި ބޮޑު ތަރައްޤީ އަޅުގަނޑުމެން އެބަ ބަލައިގަންނަންޖެހޭ. މި ތަރައްޤީގެ ސަބަބުން، ރާއްޖެއަށް ލިބެންޖެހޭނީ އިތުރު ހަމަޖެހުން. ރާއްޖެއަށް ލިބެންޖެހޭނީ އިތުރު ކުރިއެރުން. ރާއްޖޭގެ ކުރިއެރުމަށް އިތުރަށް ގޮތްތައް މަގުފަހިވެގެންދާން ޖެހޭނެ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ބަލައިގަނެ، މީޑިއާގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭ. އަދި އެބޭފުޅުންގެ ވާޖިބު އެންމެ ފުރިހަމަގޮތުގައި ޤައުމަށްޓަކައި އަދާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ވާހަކައާއި، އެކަން އެގޮތަށް ގެންގޮސްދެއްވުން އަޅުގަނޑުމެން އެދޭ ވާހަކަ، އެފަރާތްތަކުގައި ދެންނެވުމަކީވެސް ވަރަށްބޮޑު ބޭނުމެއް ކަމުގައި އަޅުގަނޑު ދެކެން.

މިގޮތުން މިރޭ މި އިފްތިތާޙު ކުރެވޭ ދި ޓީ.ވީ.ގެ ޚިދްމަތްވެސް، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ފައިދާހުރި ގޮތެއްގައި، ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާފަދަ ގޮތެއްގައި، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓޭފަދަ ގޮތެއްގައި، ރައްޔިތުންނަށް އޭގެ ޚިދްމަތް އެންމެ ފުޅާ ދާއިރާއެއްގައި ލިބޭގޮތަކަށް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރާ ވާހަކަ ދަންނަވާލަމުން، އަދިވެސް އެއްފަހަރު ދި ޓީ.ވީ.ގެ ބާނީއަށާއި، މިސްޓޭޝަންގެ، މިޗެނެލްގެ ވެރިންނަށާއި މުވައްޒަފުންނަށް، މިމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާލަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.