بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين وَالصّـلاة وَالسّلام علـى أشرف المرسليـن. وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! ފަސްވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށްޓާއި ރަން މެޑެލް ޙާޞިލު ކުރުމުގެ މަތިވެރި އުފާ އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި މާތްﷲގެ ޙަޟުރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން. އެއަށްފަހު، ދިވެހި ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް، އެކުޅުންތެރިން ދިވެހިރާއްޖެއަށް އެހޯދައިދިން މަތިވެރި ފަޚުރާއި ޝަރަފަށްޓަކައި މިރޭވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ތަކުރާރު ކުރަން. ހަމައެޔާއެކީގައި، ޓީމުގެ ހުރިހާ އޮފިޝަލުންނާއި އަދި މިކާމިޔާބީ ޙާޞިލު ކުރުމުގައި ޙިއްޞާ ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ފަސްވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އެއްވަނަ ހޯދިކަން، އަދި އެމުބާރާތުގެ ތަށްޓާއި ރަންމެޑެލް ހޯދިކަން އެއީ، ރާއްޖެއަށް އެޓީމުގެ ފަރާތުން ހޯދައިދިން ވަރަށްބޮޑު ފަޚުރެއް. ވަރަށް މަތިވެރި ޝަރަފެއް. ދިވެހި ޤައުމީ ދިދައަށް ޓީމުގެ ފަރާތުން ހޯދައިދިން ވަރަށް ރީތި ނަމެއް. އަޅުގަނޑުމެންގެ ޤައުމީ ކުލަތަކަށް ދިވެހި ޤައުމީ ޓީމު ހޯދައިދިން ވަރަށް މަތިވެރި ފަޚުރެއް. މިއުފާ މުޅި ދިވެހި ޤައުމު ފާހަގަކުރަމުން މިގެންދަނީ، އުފާފާޅުކުރުމުގެ އެންމެމަތީ ފެންވަރުގައި. މިއިން ޒަމާނަކު ރާއްޖޭގެ ރައްޔިތުން މިފަދަ އުފަލެއް ފާޅުކުރަމުން ގެންގޮސްފައި ނުވާފަދަ މަތިވެރި ދަރަޖައަކަށް.

ޝައްކެއްނެތް. މިކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދެއްކެވި ނަމޫނާއަކީ ވަރަށްރީތި ނަމޫނާއެއް. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާއެއް. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް ނެތްކަން، ޚިޔާލު ތަފާތުވުމެއްނެތްކަން، އެންމެންނަކީ އެއް ޤައުމެއްގެ ރައްޔިތުންކަން، އެއް އަމާޒަކަށް މަސައްކަތްކުރާ ބަޔެއްކަން އަންގައިދިން ގޮތެއްގައި ދިވެހި ރައްޔިތުން މިކަމުގެ އުފާ ފާޅުކުރައްވަމުން އެގެންދަވަނީ. އެކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިމުބާރާތުން ސާބިތުކޮށްދިން ގޮތުގައި، ރާއްޖެއަކީ މިސަރަޙައްދުގެ ފުޓްބޯޅައިގެ އެއްވަނަ ޤައުމުކަން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ. މިކަން ދިވެހި ޤައުމީ ޓީމު އަޅުގަނޑުމެންނަށް ސާބިތުކޮށްދީފި. މިއީ ދުވަހެއްގައިވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެންދާނެ ކަމެއް ނޫން. ޓީމުގެ ކުޅުންތެރިން މިމުބާރާތް ކާމިޔާބުކުރީ އިއްތިފާޤަކުން ނޫން. ހަމައެކަނި ނަޞީބު ދިމާކުރިގޮތުން އެމީހުންނަށް މިކާމިޔާބު ހޯދުނީކީ ނޫން. މިޓީމު އަޅުގަނޑުމެންނަށް ކާމިޔާބު މިހޯދައިދިނީ ގަދަ މަސައްކަތުން. ކުރި ހިތްވަރުން. ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަން މޮޅުކަމުން. އެކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑު އައްސަރިބަހާއި ސާބަސްދެން.

މިމުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އެންމެމޮޅު ކުޅުންތެރިޔާގެ މަގާމަށް، އަޅުގަނޑުމެންގެ ޓީމުގެ ވައިސް ކެޕްޓަން ޢަލީ އަޝްފާޤު ހޮވުނުކަން އެއީ، އަޅުގަނޑުމެން އެންމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެކަމަށްޓަކައި އޭނާއަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، މިމުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ހަމަ ދިވެހި ކުޅުންތެރިއެއް. އާދެ، އިބްރާހީމް ފަޒީލް. އެކަމަށްޓަކައި އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފަޒީލްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާއަށް މިރޭގެ މިޖަލްސާގައި ބައިވެރިއެއްނުވެވުނު. އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި އޭނާގެ ބައްޕައަށް އަވަސް ޝިފާޢަކަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ކުރިންވެސް ދެންނެވިފަދައިން، ދިވެހި ކުޅުންތެރިން މިމުބާރާތުގައި ދެއްކީ ވަރަށްމޮޅު ކުޅުމެއް. ވަރަށް ހުނަރުވެރި ކުޅުމެއް. ދިވެހިންގެ ތެރޭގައި އެކިއެކި ކަންކަމުގައި ކުރިއަށް ދިޔުމުގެ ފެންވަރު ހުރިގޮތް މިކަމުން އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ޒުވާނުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތަޢުލީމީ ރޮނގުން ވަރަށް މަތިވެރި ކާމިޔާބީތަކެއް ޙާޞިލު ކުރަމުން އެބަގެންދޭ. ވަރަށްގިނަ ތަންތާނގައި ބޭއްވޭ އެކިއެކި ކޯސްތަކުގައި ބައިވެރިވެގެން އެއްވަނަ އެބަހޯދާ. ވަރަށްގިނަ ދިވެހި ދަރިވަރުން، އަންހެން ކުދިން، ފިރިހެން ކުދިން، މިޝަރަފް އަޅުގަނޑުމެންނަށް ހޯދައިދެމުން އެބަގެންދޭ. އަދި ކޮންމެ އަހަރަކުވެސް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާއިން މިކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އޭގެއިތުރުން، މިހާރު ކޭމްބްރިޖް އޯލެވެލް އިމްތިޙާނުގައިވެސް ރާއްޖޭގެ ކުދިން، ބައެއް ކުދިން މުޅި ދުނިޔޭގެ އެއްވަނަ އެބަ ހޯދާ. އެހެންވީމާ، އެއިން އެދައްކައިދޭ އެއްޗަކީ، މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ކުޅަދާނަކަމުގެ ސަބަބުން، ދިވެހި ކުދިން މަސައްކަތް ކޮށްފިއްޔާ، ކޮންމެ ރޮނގަކުންވެސް ވަރަށްމަތީ ދަރަޖައަކަށް ދެވިދާނެކަން. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ ފުޓްބޯޅައިގެ ދަނޑުގައި އަޅުގަނޑުމެން މިޙާޞިލުކުރި ކާމިޔާބީއަކީ، އެއްގޮތަކަށްވެސް އެކަމާހުރެ އަޅުގަނޑުމެން ޙައިރާންވީ ކާމިޔާބީއެއް ނޫނޭ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށްމޮޅު ކުޅުންތެރިން އެބަތިއްބޭ.

ހުރިހާ ބޭފުޅުންވެސް އައްސަވާނެ، އެޑިސަން އަރާންޓެސް ޑޯ ނަސިމެންޓޯގެ ވާހަކަ. އާދެ، އެޑިސަން އަރާންޓެސް ޑޯ ނަސިމެންޓޯއަކީ މުޅި ދުނިޔެއަށް މަޝްހޫރު ކުޅުންތެރިއެއް. އޭނާ އެއީ ބްރެޒިލްގެ މަޝްހޫރު ޕެލޭ. އޭނާއަކީ މުޅި ދުނިޔެ ގަބޫލުކުރާގޮތުގައި އަދި މިހާތަނަށް އުފެދުނު އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އެފަދަ ކުޅުންތެރިއަކުވެސް ރާއްޖޭގައި އުފެދުމަކީ ދުރު ކަމެއް ނޫން. އާދެ، އެޑިސަން އަރާންޓެސް ޑޯ ނަސިމެންޓޯ ކުޅުނު މެޗެއް ދުށުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. މީގެ 40 އެތައް އަހަރެއް ކުރިން، އަޅުގަނޑު މިޞުރުގައި ހުރިއިރު، ބްރެޒިލް ޓީމު އައިސް، މިޞުރުގެ ޤައުމީ ޓީމާއެކު ފުޓްބޯޅަ މެޗެއް ކުޅުނު. އެމެޗުގައި 3 ލަނޑު 0 ލަނޑުން ބްރެޒިލް މޮޅުވި. އެތަނުން އެއް ލަނޑުޖެހީ މިދެންނެވި ޕެލޭ. ވަރަށް މަޝްހޫރު ބަހެއް ޕެލޭ ބުނެފައި އޮވޭ. އޭނާ ބުނަނީ، "ބައިޓޯވަން އުފަންވެފައިވަނީ މިޔުޒިކަށްޓަކައި ކަމަށްވީ ފަދައިން، އަހަރެން އުފަންވެފައި މިވަނީ ފުޓްބޯޅައަށްޓަކައި" އޭ.

އަމިއްލައަށް ބުނަން ތަންކޮޅެއް އެހެންކަހަލަ ބަހެއްކަންނޭނގެ. އެހެންނަމަވެސް އެކަން އޭނާވަނީ ފުޓްބޯޅަ ދަނޑުގައި ސާބިތުކޮށްދީފައި. އެކަމަށް އޭނަކުރި ހިތްވަރު. އޭނަ ޕްރެކްޓިސް ކުރުމާއި، އެކި ކަންތައްތައް ކުރުމުގައި އަދި އޭނާގެ ޞިއްޙަތާ ބެހޭގޮތުން އޭނާ ކަންތައް ކުރިގޮތުން، ފުރިހަމަ ޞިއްޙަތެއްގައި ހުރެ އެއްވެސްކަހަލަ ނޭދެވޭ އާދައެއް އޭނާގެ ގައިގައި އަށަނުގެން، ކޯޗުން އިރުޝާދު ދެއްވާގޮތުގެ މަތިން ކުޅެ، ޕްރެކްޓިސްކޮށް، މިކަންތައްތައް ކުރީމާ، އަދި ޚާއްޞަކޮށް އޭނާއަށް ލިބިފައިވާ ޤުދުރަތީ ހުނަރުގެ ސަބަބުން، ދުނިޔޭގައި ހުރި އެންމެމޮޅު ކުޅުންތެރިޔާއަށް އޭނާ ވެގެންދިޔައީ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ ކުޅުންތެރިންވެސް އެގޮތަށް މަސައްކަތް ކޮށްފިއްޔާ، އެފަދަ މޮޅު ކުޅުންތެރިންނަށް ނުވާންވީ ސަބަބެއް ނެތޭ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރަމާތޯއޭ؟ އެކަން ކުރާއިރު، އަޅުގަނޑުމެން އެބަޖެހޭ ދިވެހި ހުރިހާ ކުޅުންތެރިންވެސް އެކުދިންގެ ޞިއްޙަތަށް ރައްކާތެރިވާން. ފުޓްބޯޅައިގެ ރޮނގުގައި، ކުޅިވަރުގެ ރޮނގުގައި ކުރިއަށް ދެވޭގޮތަށް އެކުދިންގެ ދިރިއުޅުން ބައްޓަންކޮށްފައި ބަހައްޓަން. އެކަށީގެންނުވާ އާދަތަކުން ދުރުހެލިވާން. ފުޓްބޯޅަ ކުޅެން ރަނގަޅަށް ދަސްކޮށް، ކޯޗުން ދެއްވާ އިރުޝާދަށް ތަބާވެގެން ކުޅެން. ނިދުމާއި، އަރާމު ކުރުމާއި، ކެއުމާ، މިހުރިހާ ކަމެއްވެސް ވަކި އުޞޫލަކުން ގެންގުޅެން. މިކަން މިހެން ގެންގުޅެފިއްޔާ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ކުދިންނަށް އަދި މިހާރު މިހޯދި ކާމިޔާބީއަށްވުރެވެސް ބޮޑު ކާމިޔާބީއެއް ހޯދުމަކީ ދުރުގައިވާ ކަމެއް ނޫން.

މިކާމިޔާބީ ޙާޞިލުވުމާ ގުޅިގެން އަޅުގަނޑުމެން ވިސްނަންވީ، ކުރިއަށް އޮތް ތާނގައިވެސް މިފަދަ ކާމިޔާބީތައް ހޯދުމަށް. ފަހަރެއްގައިވެސް މިއީ އަޅުގަނޑުމެންނަށް ހޯދުނު ހަމައެކަނި ކާމިޔާބީކަމަށް ނަހަދާ، އާދެ، މިފަހަރު މިއީ އަޅުގަނޑުމެންގެ ފަހަރު ކަމުގައި އަޅުގަނޑުމެން ސާބިތުކޮށްދިން ފަދައިން، ކުރިއަށް އޮތް ފަހަރުތަކަކީވެސް، އަޅުގަނޑުމެންގެ ފަހަރުތައް ކަމުގައި އަޅުގަނޑުމެން އެބަޖެހޭ ސާބިތުކޮށްދޭން. މިހާރުއްސުރެ އެބަޖެހޭ މިމަސައްކަތް ފަށައިގެން ކުރިއަށް ގެންދަން. އެހެންނޫނީވިއްޔާ މިއުފަލަކީ ވަރަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ނިމިގެންދާ އުފަލަކަށްވެގެން ހިނގައިދާނެ. އެހެން ނުވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ! ރާއްޖޭގެ ޤައުމީ ޓީމަށް މަރްޙަބާ ކިޔުމުގެ ގޮތުން ދިވެހި ރައްޔިތުން ވަރަށްގިނަ ކަންތައްތައް އެބަ ކުރައްވާ. މިކަމަށްޓަކައި ރާއްޖޭގެ ރައްޔިތުން ދެއްވި ތަރުޙީބަށްޓަކައި އަދިވެސް އެއްފަހަރު ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މާލޭގެ އެކިފަރާތްތަކުންނާއި، އަތޮޅުތަކުގެ އެކިފަރާތްތަކުން ޤައުމީ ޓީމަށް އެދެއްވާ ތާއީދާއި ތަރުޙީބަށްޓަކައި، އެހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ދިވެހި ކުޅުންތެރިންނަށްވެސް ސަރުކާރުންވަނީ ފައިސާގެ އެކަށީގެންވާ އިނާމެއްދީފައި. އަދި ބައެއް އެހެން ފަރާތްތަކުންވެސް ކުޅުންތެރިންނަށް ފައިސާގެ އިނާމު ދެއްވަމުން އެބަ ގެންދަވާ. މިފުރުޞަތުގައި، އަޅުގަނޑު ޓީމުގެ ކުޅުންތެރިންނަށް ނަޞޭޙަތުގެ ގޮތުން ބުނެލަން ބޭނުންވާ ވާހަކައަކީ، މިހާރު ތިޔަ ލިބޭ ފައިސާ ހެޔޮގޮތުގައި ބޭނުންކުރައްޗޭ. މުސްތަޤްބަލަށް ތިޔަކުދިންނަށް ފައިދާވާގޮތަށް، ތިޔަކުދިންގެ ޢާއިލާތަކަށް ފައިދާވާގޮތަށް މިފައިސާގެ ބޭނުންކުރައްޗޭ. އޭރުންނޭ މިއިނާމު އެކަށީގެންވާ ގޮތުގައި ލިބުމުގެ އުފާ ތިޔަކުދިންނަށް މުސްތަޤްބަލުގައި ދެމެހެއްޓޭނީ.

މިކާމިޔާބީ ޙާޞިލު ކުރުމުގައި ވަރަށްގިނަ ފަރާތްތަކުގެ އެއްބާރުލެއްވުންވަނީ ލިބިފައި. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށްވެސް ޖުމްލަ ގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވަން. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި ޚާއްޞަކޮށް، މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެމިނިސްޓްރީގެ އެހެން ވެރިން ކުރައްވަމުން ގެންދެވި މަސައްކަތް. ހަމައެޔާއެކީގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ކުރެއްވި މަސައްކަތް. ޚާއްޞަކޮށް، މިހާރު އިންތިޚާބުވެފައިވާ އިންޓެރިމް ކޮމިޓީގެ ރައީސާއި، ކޮމިޓީގެ މެންބަރުން ކުރެއްވި މަސައްކަތްތައް. އަދި އަޅުގަނޑުމެންގެ ޤައުމީ ކޯޗް ކޮށްދެއްވި މަސައްކަތްތައް. ހަމައެޔާއެކީގައި ޓީމުގެ އެކިކަންކަމުގައި އުޅުއްވި، އެކިކަންކަމުގައި ޙިއްޞާ ކުރެއްވި ފަރާތްތަކުން އެކުރެއްވި މަސައްކަތްތައް. މިހުރިހާ މަސައްކަތްތަކެއް އަޅުގަނޑު މިރޭ ހަނދާންކޮށް، އެހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މީގެއިތުރުން، ރާއްޖޭގެ އެއްވަނަ ޑިވިޜަންގެ ކްލަބްތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އެއީ ރާއްޖޭގެ ޤައުމީ ޓީމަށް ކްލަބްތަކުން ދެއްވާ އެއްބާރުލުމާއި ޙިއްޞާ ބޮޑުކަމުން. އެކަމަށްޓަކައި ރާއްޖޭގެ އެއްވަނަ ޑިވިޜަންގެ ހުރިހާ ކްލަބްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން. އާދެ، ކްލަބްތަކަކީ، ކުޅުންތެރިން އުފެއްދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔެއް. މިހާރުވެސް އެކަން އޮތީ އެހެން. އަދި މުސްތަޤްބަލުގައިވެސް އެކަން އެހެން އޮންނާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކްލަބްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ކްލަބްތަކަށްދެން.

އާދެ! އަޅުގަނޑުމެންނަށް މިލިބުނު ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ހުރިހާވެސް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށް އަޅުގަނޑަށް އެނގިފައިވާތީ، އެހެންވީމާ އެވާހަކަވެސް ދަންނަވާލަން. އިރާދަކުރެއްވިއްޔާ ޤައުމީ ޓީމަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް މުސްތަޤްބަލުގައި ފުރިހަމަވަމުންދާނެ. މިގޮތުން، މިވަގުތު ޤައުމީ ޓީމަށް ބޭނުންވާ ވަރަށް މުހިންމު ކަމެއް ސަރުކާރުން ހަމަޖެއްސި ވާހަކަ އަޅުގަނޑު މިރޭ ދަންނަވާލަން. އެއީ ޤައުމީ ޓީމަށް ކުޅެނިކޮށް ލިބޭ އަނިޔާތަކަށް ބޭސްފަރުވާ ކުރެވޭގޮތަށް ހުރިހާ ކުޅުންތެރިން އިންޝުއަރ ކުރުން.

މިރޭ އަޅުގަނޑުމެން މިތިބީ ފުޓްބޯޅައިގެ ކާމިޔާބީއެއްގެ އުފާފާޅުކުރުމަށް ކަމަށްވިޔަސް، އެހެން ކުޅިވަރުތަކުގެ މަތިންވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެންނުވާނެ. ރާއްޖޭގައި ކުޅެވެމުންދާ އެހެން ވަރަށްގިނަ ކުޅިވަރުތައް އެބަހުރި. ރައްޔިތުންގެ ކުރިމަތީގައި މަޤްބޫލު، ވަރަށްގިނަ ބަޔަކު ކުޅޭ ކުޅިވަރުތަކެއް އެބަހުރި. އެހެންވީމާ، އެކުޅިވަރުތަކުންވެސް ރާއްޖެއަށް އެދެވޭ ކާމިޔާބީއެއް ހޯދަން މުސްތަޤްބަލުގައި މަސައްކަތް ކުރަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެވާހަކަ ދަންނަވާލަން. އަދި މިކަމަށް އެކުރައްވާ މަސައްކަތްތަކަށްޓަކައި ކުޅިވަރު އެސޯސިއޭޝަންތަކަށާއި، ކްލަބްތަކަށާއި، ކުޅުންތެރިންނަށް އަޅުގަނޑު ޝުކުރު އަދާކޮށް، އެރޮނގުގައި އިތުރަށް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު ހިތްވަރު ދެން.

އަޅުގަނޑުގެ ވާހަކަ ނިންމާލުގެ ކުރިން، ޤައުމީ ޓީމުގެ ކޯޗް ޖޯސަފް ޔަންކޭޒް އެކޮށްދެއްވި މަސައްކަތަށްޓަކައި އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވޭ. އާދެ، ރާއްޖޭގެ ޤައުމީ ޓީމަށް އޭނާ އެހޯއްދަވައިދެއްވި ކާމިޔާބީއަކީ ވަރަށް މަތިވެރި ކާމިޔާބީއެއް. މިކަމުގައި އޭނާގެ ޙިއްޞާ ވަރަށްބޮޑު. ހަނދުމަފުޅު ހުންނާނެ ފަދައިން، 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިވެހިރާއްޖެ ދިޔައިރުވެސް ކޯޗަކަށް ހުންނެވީ ހަމަ މިސްޓަރ ޔަންކޭޒް. އަދި މިފަހަރު އަޅުގަނޑުމެން ފައިނަލަށް ގޮސްގެން ކާމިޔާބު ކުރިއިރުވެސް ކޯޗަކަށް ހުންނެވީ އޭނާ. އެހެންވީމާ، އޭނާވަނީ ރާއްޖެއަށް ވަރަށް ރީތި ނަމެއް ހޯއްދަވައިދެއްވާފައި. އަދި ރާއްޖޭގެ ރައްޔިތުންގެ ހިތްތައް އޭނާވަނީ މި ކާމިޔާބީގެ ސަބަބުން މިލްކު ކުރައްވާފައި. ދެން ވަރަށް އަވަހަށް އަޅުގަނޑުމެންނާ ވަކިވެވަޑައިގެން އޭނާ ފުރާވަޑައިގަންނަވަން ހަމަޖައްސަވާފައިވާތީ، އެއީ ރާއްޖެއަށް ލިބޭ ވަރަށްބޮޑު އުނިކަމެއް ކަމުގައި އަޅުގަނޑު ދަންނަވާލަން. އެހެންނަމަވެސް، އަޅުގަނޑު އެދެނީ، އަދި ތިޔަބޭފުޅުންގެ ފަރާތްޕުޅުންވެސް އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ކޯޗް މިސްޓަރ ޖޯސެފް ޔަންކޭޒަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތާއި އަދި ކުރިއަށް އޮތް ތާނގައި އިތުރު ކާމިޔާބީ އޭނާއަށް ލިބިވަޑައިގަތުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު، ރާއްޖެއަށް މިހޯދައިދިން ފުރިހަމަ ކާމިޔާބީއާއި މަތިވެރި ޝަރަފަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށާއި، އަދި މިކަމުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަދި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.