بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ތަހުނިޔާ އަދި އެދުވަހުގެ ހެޔޮއެދުންތައް، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ފޮނުވަން. ހަމައެއާއެކީގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށާއި، ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި، ތިމާވެށްޓާބެހޭ ދާއިރާގައި އެކިގޮތްގޮތުން ހަރަކާތްތެރިވަމުންދާ ޖަމުޢިއްޔާ ޖަމާޢަތްތަކަށާއި، ސްކޫލްތަކަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ހަމައެހެންމެ، މިއަތޮޅުގެ ލޮބުވެތި ރައްޔިތުންނަށާއި، ޚާއްޞަކޮށް، އޭދަފުށީގެ ވެރިންނަށާއި، ލޮބުވެތި ރައްޔިތުންނަށް، މިމުނާސަބަތުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. ރާއްޖޭގެ ތިމާވެށީގެ ދުޅަހެޔޮކަމަށް ނުހަނު މަތިވެރި ދަރަޖައަކަށް ހެޔޮއެދޭ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ތިމާވެށްޓަށް ޚިދުމަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށްވެސް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް މިބޭއްވޭ އިޙްތިފާލުގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު ބ. އަތޮޅު އޭދަފުށްޓަށް އައުމުން، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާއާއި، އޭދަފުށީގެ ވެރިންނާއި، މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި އަދި މިރަށުގެ ކޮމިޓީތަކުގެ މެންބަރުންނާއި އާންމު ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ތިމާވެށި ދުވަހުގެ އިޙްތިފާލަށް މިރަށް ތައްޔާރުކުރައްވާފައި މިވަނީ ވަރަށް ފުރިހަމަގޮތެއްގައި. ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން މި ވޭތުވެދިޔަ ދުވަސްތަކަކީ، މޫސުން ރަނގަޅު ނޫން ވިއްސާރަ ދުވަސްތަކަކަށް ވިޔަސް، އެކަމުގެ އެއްވެސް ބުރަ ކަމެއް އުފުއްލެވުމަކާ ނުލައި، މިރަށުގެ ރައްޔިތުން އަދި ވެރިން މިކަމަށް ކުރައްވާފައިވާ ހިންމަތާއި މިންނަތަށްޓަކައި، މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށާއި، ޢިއްޒަތްތެރި އަތޮޅުވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިއަތޮޅުގައި ތިމާވެށި ދުވަސް ފާހަގަކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އިން ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި، މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ހަމަމިއާއެކުގައި، ދިވެހިރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދުމަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭ ފެހިފަތުގެ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާއާއި މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. އަދި އެހުރިހާ ފަރާތްތަކަކުން މިހާތަނަށް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ތިމާވެށްޓާބެހޭ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި، އެބޭފުޅުންނަށް ޝުކުރު ދެންނެވުމާއެކު، އެރޮނގުގައި މަސައްކަތް އިތުރަށް ކުރިޔަށް ގެންދެވުމަށް އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ހިތްވަރު އަރުވަން. އަދި ތިމާވެށި ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކި މުބާރާތްތަކުން އެކި ވަނަވަނަ ހާސިލުކުރި ފަރާތްތަކަށްވެސް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

ހަމައެއާއެކު، ނޮޅިވަރަންފަރު ރައްޔިތުން މިއަދު ވަރަށް ޚާއްޞަ އިނާމެއް ހާސިލު ކުރެއްވީތީ، އެކަމަށްޓަކައި ނޮޅިވަރަންފަރުގެ ވެރިންނަށާއި ރައްޔިތުންނަށްވެސް އަޅުގަނޑު ތަހުނިޔާ އަދާކުރަން. ތަރައްޤީއަކީ، ހަމައެކަނި ބަނދަރު ހަދައި އަދި އެނޫންވެސް އެކަހަލަ ބޮޑެތި މަޝްރޫޢުތައް ހިންގުން އެކަންޏެއް ނޫންކަން، ނޮޅިވަރަންފަރު ރައްޔިތުން ދައްކަވައިދެއްވައިފި. އެއީވެސް ތަރައްޤީއަށް ބޭނުންވާ ކަންތައްތައްކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އޭގެއިތުރުން، އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެއީވެސް ތަރައްޤީގެ ވަރަށް މުހިންމު ބައެއްކަން، ނޮޅިވަރަންފަރު ރައްޔިތުން އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި. މިކަމަށްޓަކައި ނޮޅިވަރަންފަރު ރައްޔިތުންނަށާއި ވެރިންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ، މިއަދުގެ މި އުފާވެރި އިޙްތިފާލުގައި، ބ. އަތޮޅު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ދެއްވި ވަރަށް ރީތި ހަނދާނީ ފިލައަށްޓަކައި އަދި އެ ފިލާ ދެއްވުމުގައި މި އަތޮޅުގެ ރައްޔިތުން އަޅުގަނޑުމެންނަށް އެ ދައްކަވައިދެއްވި ސަގާފީ ރީތި ހަރަކާތްތަކަށްޓަކައި، މިއަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަހަރުގެ ތިމާވެށި ދުވަހުގެ ޝިޢާރަކީ "ކަރބަން މަދު އިޤްތިޞާދަކަށްޓަކައި، ނުރަނގަޅު އާދަތައް ދޫކޮށްލުން." ޝައްކެއްނެތް، ވަރަށް މުހިންމު އަދި މިހާރަށް ބޭނުންތެރި ޝިޢާރެއް. ކަރބަން މަދު އިޤްތިޞާދަކަށްޓަކައި، ނުރަނގަޅު އާދަތައް ދޫކޮށްލުން، މިޝިޢާރަށް ސަރުކާރުގެ ދާއިރާތަކުންނާއި، އެކިއެކި ޞިނާޢަތްތަކާއި، ވިޔަފާރީގެ އެކި ދާއިރާތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް.

މި ޝިޢާރާ ގުޅޭގޮތުން ކުރެވިދާނެ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. ތިމާވެށްޓަށް ގެއްލުން ލިބޭ އާދަތަކަކީ ކޮބައިތޯ، އެންމެ ފުރަތަމަ ދެނެގަތުން. އަދި އެ އާދަތައް ހުއްޓާލުމަށް އަޅުގަނޑުމެން ކުރަންޖެހޭނީ ކޮން މަސައްކަތްތަކެއްތޯވެސް ދެނެގަތުން. އަދި އެ އާދަތައް ބަދަލުކުރާނީ ކިހިނެއްތޯވެސް ދެނެގަތުން. މިކަންތައްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ. ހަމައެއާއެކީގައި، މި އާދަތައް ބަދަލުކުރުމަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން، އެފަރާތްތަކަށް އާދެ، ޞިނާޢީ އެކިއެކި މަސައްކަތްތަކާއި، ވިޔަފާރީގެ އެކިއެކި މަސައްކަތްތަކާ، މިކަންތައްތައް ކުރައްވާ ފަރާތްތަކަށް އަޅުގަނޑުމެން ހިތްވަރުދޭންވެސް އެބަޖެހޭ. އެފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ސާބަސް ދޭން އެބަޖެހޭ.

މީގެއިތުރުން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ފަރުދެއްގެ ހައިސިއްޔަތުންވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. މިސާލަކަށް، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ވަރަށް ގިނަ އަދަދަކަށް ކާރާއި، އެއްގަމުގައި ދުއްވާ އިންޖީނުލީ ތަފާތު ވެހިކަލްތައް، މޮޓޯ ސައިކަލާއި، ލޮރީއާއި، ޕިކަޕުތަކާއި، މިހެންގޮސް ވަރަށްގިނަ އެއްޗެތި އެބަ ބޭނުންކުރަން. މިއިން ކޮންމެ އެއްޗަކީ، އެ ބޭނުންކުރުމުން ތިމާވެށްޓަށް ނުރަނގަޅު އަސަރު ފޯރާ ތަކެތި. ވަރަށްގިނަ އަދަދަކަށް އަޅުގަނޑުމެން ތެޔޮ އެންދީމާ، ވަރަށް ނުރަނގަޅު، ނުވަތަ ވިހަ ގޭސްތަކެއް ޖައްވަށް އެބަދޭ.

މިއީ، ތިމާވެށްޓަށް ލިބޭ ގެއްލުމެއްކަން ކަށަވަރު. މިކަންތައްތައްވެސް މަދުކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އެކަން ކުރޭ. އަޅުގަނޑުމެންނަށްވުރެ މާ މުއްސަނދި މީހުން މާގިނަ، މާގިނަ ކާރުތަކާއި ލޮރީތަކާއި، ވެހިކަލްތައް ބޭނުންކުރާ ތަންތާނގައިވެސް، އެކަންތައް އެބަހުރި. ބައެއް ތަންތާނގައި ވަކި ދުވަހަކު ނުވަތަ ވަކި ގަޑިއެއްގައި އެކަހަލަ އެއްޗެތި ބޭނުންނުކޮށްވެސް އެބަދޭ. ބައެއް މީހުން، ބައެއް ދުވަސްދުވަހު ހިނގާފައި ވަޒީފާއަށް އެބަދޭ. ސްކޫލް ކުދިންވެސް ހިނގާފައި އެބަދޭ. މިހެންގޮސް އެމީހަކަށް ވެވުނު ވަރަކުން ތިމާވެށްޓަށް ގެއްލުންދެނިވި އާދަތަކުން ރައްކާތެރިވުން، އެ އާދަތައް މަދުކުރުން އެއީ، ފަރުދީގޮތުން ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. މިކަމަށްވެސް އަޅުގަނޑުމެން ސަމާލުކަން އެބަދޭންޖެހޭ. މިއަހަރުގެ ޝިޢާރު ބުނާގޮތުން، ކަރބަން މަދު އިޤްތިޞާދަކަށް އަޅުގަނޑުމެން ބަދަލުވާން އެބަޖެހޭ.

އާދެ، މިވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި އަދި ތިމާވެށްޓަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ބެހޭގޮތުން ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ދާއިރާތަކުގައި ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި. އެކަމުގެ ސަބަބުން ރާއްޖެއަށް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއްވެސް ލިބިފައި. އާދެ، މި މަސައްކަތް ކުރީކީ އަޅުގަނޑެއް ނޫން. މި މަސައްކަތްކުރީ ދިވެހި ސަރުކާރުން. ދިވެހި ރައްޔިތުން. ދިވެހި ޤައުމު. އަޅުގަނޑުމެން މިވޭތުވެދިޔަ 21 އަހަރު ދުވަހު ތެރޭގައި މިކުރި މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބެމުންދާކަމީ، ޝައްކެއްނެތް، ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ރީތި ނަމެއް. ވަރަށް ބޮޑު ޝަރަފެއް.

މިހާރު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ދިވެހިރާއްޖެއަކީ، ތިމާވެށީގެ ލީޑަރޝިޕް ދައްކައިދޭ ޤައުމެއްކަން ގަބޫލުކުރޭ. ދުނިޔޭގެ ކޮންމެ ތަނެއްގައި، ކޮންމެ ޖަލްސާއެއް ބޭއްވިޔަސް އެޖަލްސާއަށް ވަޑައިގެން، ޖަލްސާގެ އެންމެ މުހިންމު ތަޤްރީރު ދެއްވުމަށް ރާއްޖޭގެ ބޭފުޅަކަށް އެބަ ދަޢުވަތު އަރުވާ، އެހެންވީމާ، އަޅުގަނޑުމެން މިކުރި މަސައްކަތުގެ ނަތީޖާ، މިހާރު ބައިނަލްއަޤްވާމީ ދާއިރާއިން ގަބޫލުކުރާކަން، އެއީ ޝައްކެއްނެތްގޮތުގައި، ރާއްޖެއަށް މިވަގުތު ލިބިފައިވާ ވަރަށް ބޮޑު ރީތި ނަމެއް. ވަރަށް ބޮޑު ޝަރަފެއް. މިކަން އަޅުގަނޑުމެން ދަމަހައްޓަންވެސް އެބަޖެހޭ.

އާދެ، މިގޮތުން މިވޭތުވެދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައި، އަޅުގަނޑުމެން ރާއްޖޭގައިވެސް ބޭއްވިން ކުދި ޤައުމުތަކުގެ ތިމާވެށްޓާބެހޭ ޖަލްސާއެއް. އަދި ބާލީ ޖަލްސާއަށް ރާއްޖޭގެ ވަފްދެއް ގޮސް، ތިމާވެށްޓާ ބެހޭގޮތުން ވަރަށް ރަނގަޅަށް ވަކާލާތުކޮށް ވާހަކަދައްކާ ހެދި. އަދި މިދިޔަ އަހަރު ޑިސެމްބަރު މަހު ނިއުދިއްލީގައި ބޭއްވުނު ސާކް ސަމިޓުން އެކުލަވާލި "ޑެލްހީ ޑެކްލަރޭޝަން" ގައިވެސް ރާއްޖެއިން އިސްނަގައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި. އެ ޑެކްލަރޭޝަން އެއޮތީވެސް ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ އެއްޗަކަށްވެފައި. އޭގެފަހުން، ޖެނީވާގައި ރާއްޖެއިން އިސްނަގައިގެން "ފްރެންޑްސް އޮފް ކްލައިމެޓް ޗޭންޖް"ގެ ނަމުގައި ގްރޫޕެއް އެކުލަވާލައި، ފުރަތަމަ ބައްދަލުވުން މިއަހަރު ޖެނުއަރީމަހު ބޭއްވުނު. އަދި އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ރާއްޖެއިން އިސްނަގައިގެން ޤަރާރެއް ހުށަހަޅައި، އެކައުންސިލުގެ އިއްތިފާޤުން މިއަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހު އެ ޤަރާރުވަނީ ފާސްވެފައި. އަދި ދާދި އިހަކަށްދުވަހު، ބޭއްވި "ފްރެންޑްސް އޮފް ކްލައިމެޓް ޗޭންޖް" ޖަލްސާއަށް ރާއްޖެއިން ދިން ދަޢުވަތަކަށް ދުނިޔޭގެ 50 ޤައުމުން ބައިވެރިވި. އެހުރިހާ ޤައުމުތަކެއް އައިސް ރާއްޖެއިން މިކުރާ މަސައްކަތަށް ތަޢުރީފުކޮށް، ރާއްޖެއަކީ ތިމާވެށީގެ ރޮނގުން ދުނިޔޭގައި ލީޑަރޝިޕް ނަގާ ޤައުމެއްކަން ފާހަގަކޮށް، ރާއްޖެއަށް ޝުކުރު އަދާކުރި.

އެހެންވީމާ، މިހިރީ ރާއްޖެކަހަލަ ކުޑަކުޑަ މަދުމީސްކޮޅަކު ދިރިއުޅޭ ޤައުމަކަށް، އެހެންނަމަވެސް އެޤައުމެއްގެ މީހުން ހިތްވަރާއި ޢަޒުމާއެކީގައި ކުރި މަސައްކަތަށް، ދުނިޔެއިން ދިން ޤަދަރު. ދުނިޔެ އެކަން ގަބޫލުކުރިކަން އަންގާ އެންގުން. މިއީ، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. އެހެންނަމަވެސް، މި ފަޚުރު ލިބުނީމާ، ދެން އަޅުގަނޑުމެން ހިންދެމިލައިގެން ތިބެންވީކީ ނޫން. މިއަށްވުރެ އިތުރު ފަޚުރު ހޯދުމަށްޓަކައި، ޙަޤީގަތުގައި ފަޚުރަށްވުރެވެސް ބޮޑަށް، މިއަށްވުރެ އިތުރު ސަލާމަތްކަން ހޯދުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ރާއްޖެއިން ބޭރުގައިވެސް. ރާއްޖޭގައި ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް މީގައި ބައިވެރިވެވެން އެބައޮތް. "މިހާރު ތިމާވެށި ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހަދަމާ." އެހެން ލިޔެފައި މިތާ އެބައޮތް. ވަރަށް ރަނގަޅު ޝިޢާރެއް. އެހެން ބުނީމާ، ބައެއް މީހުންނަށް އެބަ ހީވޭ، ސަރުކާރުން މިކަން އެއުޅެނީ ނުކުރާށޭ. އެންމެންގެ ޒިންމާއަކަށް ހަދާފައި، ސަރުކާރުގެ ޒިންމާ ދޫކޮށްލަނިއްޔޭ. ފަހަރެއްގައިވެސް އެހެނެއްނޫން. ސަރުކާރުން އިސްނަގައިގެން މަސައްކަތް މިކުރަނީ، ސަރުކާރުގެ ސިޔާސަތު މި ރާވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް. އަދި ބައިނަލްއަޤްވާމީ ގޮތުންވެސް ސަރުކާރުން ހަރަކާތްތެރިވަނީ ހަމަ އެގޮތަށް. ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާތަކުން، ހަމައެކަނި އަޅުގަނޑުމެންގެ ތިމާވެށްޓާއި، ހަކަތައާއި ފެނާބެހޭ ވުޒާރާއަކުން ނޫން. ރާއްޖޭގެ ހުރިހާ ވުޒާރާތަކުންވެސް މި މަސައްކަތް އެބަ ކުރައްވާ. ތަޢުލީމާބެހޭ ވުޒާރާއިން އެބަ ކުރައްވާ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެބަ ކުރައްވާ. ރޭވުންތަކާބެހޭ ވުޒާރާއިން އެބަ ކުރައްވާ. ހަމައެހެންމެ، އަތޮޅުތަކާބެހޭ ވުޒާރާއިން އެބަ ކުރައްވާ. ޞިއްޙަތާބެހޭ ވުޒާރާއިން އެބަ ކުރައްވާ. މިހެންގޮސް ރާއްޖޭގެ ހުރިހާ ވުޒާރާއަކުން މި މަސައްކަތް އެބަ ކުރައްވާ. މިމަސައްކަތްތައް ސަރުކާރުން އެބަކުރޭ.

އަޅުގަނޑުގެ ވާހަކައަކީ އޭގެއިތުރުން، އަޅުގަނޑުމެން އަފްރާދުންވެސް އެ މަސައްކަތް ކުރަން އެބަޖެހެއޭ. އަޅުގަނޑަށް، އަޅުގަނޑުގެ ގޭގައި ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުގެ ޢާއިލާގެ ތެރޭގައި ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑު ދިރިއުޅޭ އަވަށުގައި، އަޅުގަނޑަށް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުގެ ޙަޔާތް ވޭތުކުރަމުންމިދާ ރަށުގައި އަޅުގަނޑަށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. ފަރުދީ ގޮތުން ނުވަތަ ގްރޫޕެއްގެ ގޮތުން، ނުވަތަ ޖަމާޢަތެއްގެ ގޮތުން. މިކަންތައްތައްވެސް އަޅުގަނޑުމެން ކުރަންވެއްޖެއޭ އަޅުގަނޑު މިދަންނަވަނީ. އޭރުންނޭ ތިމާވެށި ސަލާމަތް ކުރުމުގެ ޒިންމާ އެންމެންނަށް އަދާކުރެވޭނީ. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް.

ތިމާވެށީގެ ރޮނގުން ކުރިމަތިވާ ނުރައްކާތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވެން އޮތީ އަދި ދިވެހިރާއްޖޭގެ ތިމާވެށި ހެޔޮގޮތުގައި ދެމެހެއްޓެން އޮތީ، އެންމެން މަސައްކަތްކޮށްގެން. އެއްވެސް މީހަކު އިސްތިސްނާއެއްނެތި. ކުޑަކުއްޖަކަސް، ބޮޑު މީހަކަސް، އަންހެނަކަސް، ފިރިހެނަކަސް، މިމަސައްކަތްކޮށްގެން މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ.

އެނުރައްކާތަކަކީ ކުދިކުދި ނުރައްކާތަކެއް ނޫނޭ. ވަރަށް ބޮޑެތި ނުރައްކާތަކެއް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް. މިހާ ބިންތިރި ޖަޒީރާ ޤައުމަކަށް، މިދިމާވާ ކަންތައްތަކަކީ، އަޅުގަނޑުމެން ފިތްކަނޑައިގެންދާފަދަ ކަމެއް. ހާސްވާންޖެހޭ ކަހަލަ ކަންތައްތައް. ޖައްވު މިދަނީ ހޫނުވަމުން. ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން. މޫސުމަށް މިދަނީ ތަފާތު ނުރަނގަޅު ބަދަލުތައް އަންނަމުން. މިކަންކަމުން އަޅުގަނޑުމެންނަށް ކުރާނެ އަސަރު ވަރަށް ބޮޑުވާނެ. އަޅުގަނޑުމެން މިކަމަށް ހޭލުންތެރިވާން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ކުރެވެން ހުރި މަސައްކަތެއް އަޅުގަނޑުމެންގެ ޤައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ކުރަން އެބަޖެހޭ. އޭގެއިތުރުން، ބައިނަލްއަޤްވާމީ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައްވެސް ކުރަން އެބަޖެހޭ.

ތިމާވެށީގެ މައްސަލައަކީ ދިވެހިރާއްޖެއަށް އެކަނި ޙައްލުކުރެވޭނެ މައްސަލައެއް ނޫން. ދުނިޔޭގެ ތިމާވެށީގެ މައްސަލައަކީ، މުޅި ދުނިޔެ، ދުނިޔޭގައިވާ ހުރިހާ ޤައުމުތައް ގުޅިގެން، އެއް އަމާޒަކަށް، ހިތްވަރާއި ޢަޒުމާ އެކީގައި މަސައްކަތްކޮށްގެން ޙައްލުކުރެވޭނެ ކަމެއް. އެކަން ކުރުމަށް އަޅުގަނޑުމެން އެބަޖެހޭ ގޮވާލަން. ގޮވާލައި، އެކަން ކުރަމުންދޭތޯ ބަލައި، އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން އެކަމުގައި ބައިވެރިވާން އެބަޖެހޭ. އޭގެއިތުރުން، މުޅި ދުނިޔެ ސަލާމަތް ކުރުން މިއީ، ބައިނަލްއަޤްވާމީ މުޖްތަމައުގެ ވަރަށް ބޮޑު ޒިންމާއެއް. އެފަރާތްތަކުން އެކަން ކުރުން އެބަ މަޖުބޫރުވޭ.

އާދެ، ރާއްޖެއަށް ބަލައިލާއިރު، ރާއްޖޭގެ އެކިއެކި ބޮޑެތި ޞިނާޢަތްތައްވެސް ގުޅިފައި މިހިރީ އަޅުގަނޑުމެންގެ ތިމާވެށްޓާ. ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށްދާ ދެ ޞިނާޢަތަކީ، ފަތުރުވެރިކަމާއި މަސްވެރިކަން. މިއިން ކޮންމެ ޞިނާޢަތަކީވެސް ތިމާވެށީގެ މައްޗަށް ބިނާވެފައިވާ ޞިނާޢަތެއް. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި ސާފުކަމާއި، ފަރުތަކުގެ ރީތިކަމާއި ސާފުކަމާއި، އޭގެ ދިރުމާ މިއީ، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ބިންގާ. މި ބިންގާ ހަލާކުވެއްޖިއްޔާ ރާއްޖޭގައި ފަތުރުވެރިކަމެއް ނޯންނާނެ. ހަމައެހެންމެ، މަސްވެރިކަމުގެ ބިންގާވެސް މިއޮތީ ތިމާވެށްޓާ ގުޅިފައި. އަޅުގަނޑުމެންގެ ފަރުފަރާ ގުޅިފައި. ކަނޑުތަކާ ގުޅިފައި. މިފަރުފަރަށް، ކަނޑުކަނޑަށް އަދި އަޅުގަނޑުމެންގެ މިފަރުފަރާއި، ކަނޑުކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސަށް ގެއްލުންވާ ކަހަލަ ކަންތައްތަކެއް ވެއްޖިއްޔާ، ރާއްޖޭގައި މަސްވެރިކަމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު ދެ ޞިނާޢަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަންވެސް ބިނާވެފައި މިއޮތީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މައްޗަށްކަން އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން. ގަބޫލުކޮށްގެން، އެގޮތަށް ކަންތައް ކޮށްގެން، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތްކަން އަޅުގަނޑުމެންނަށް ދެމެހެއްޓެން އޮތީ.

އާދެ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވާ ވަރަށްގިނަ މައްސަލަތަކެއް އެބަހުރި. އޭގެތެރޭގައި ކުނީގެ މައްސަލަ ހިމެނޭ. ރަނގަޅުގޮތެއްގައި ކުނި ނައްތާލުމުގެ މައްސަލަ އެބަ ކުރިމަތިވޭ. މުޅި ރާއްޖޭގައި ރަނގަޅު ނިޒާމެއް ޤާއިމުކުރެއްވޭތޯ، ބޭރުގެ އެހީވެސް ހޯއްދަވައިގެން، ކަމާބެހޭ ވުޒާރާއިން މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. ހަމައެހެންމެ، މިސަރަހައްދުގައިވެސް ކުނި ނައްތާލުމާބެހޭ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ވަރލްޑް ބޭންކާއެކު މިދަނީ މަޝްވަރާތަކެއް ކުރެވެމުން.

ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ބޮޑު އަނެއް މައްސަލައަކީ، ރަށް ގިރުމުގެ މައްސަލަ. މިއީވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއް. މިކަމުގެ ޙައްލު ހޯދުމަކީވެސް މާފަސޭހަކަމެއް ނޫން. ޚަރަދު ކުޑަ ކަމެއްވެސް ނޫން. ފަހަރެއްގައި އަޅުގަނޑުމެންނަށް އެކަނި ނުވެސް ކުރެވިދާވަރުގެ ކަމަކަށްވެސް ވެދާނެ. އެކަމަކު، އެކަމަށް ސަމާލުކަންދޭން އެބަޖެހޭ. އެކަމަށް މަސައްކަތް ކުރަން އެބަޖެހޭ. އޭގެތެރެއިން، މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަނެ، އެމަސައްކަތްތައް ކުރުމަކީ ހަމަ ލާޒިމު ކަމެއް. އޭގެތެރެއިން އެއްކަމަކީ، ގިނައިން ރުއްގަސް އިންދުން. ޚާއްޞަކޮށް، ހޭޅިފަށުގައި ހެދޭކަހަލަ ގަސް ގިނަކުރުމަކީ، ހޭޅިފަށް ސަލާމަތް ކުރުމަށް، ގިރުން ކުޑަކުރުމަށް އެހީވެދޭ ކަމެއް ކަމުގައި ކަމާބެހޭ މާހިރުން ބުނޭ. އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަދި އޭގެ އިތުރުން، ކުރެވެންހުރި ކަންތައްތައްވެސް، އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. މިކަމުގައިވެސް ސަރުކާރުން ބޭރުގެ ފަރާތްތަކާ ގުޅައިގެން، ބޭރުގެ އެހީ ލިބޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، ތިމާވެށީގެ މައްސަލަތަކަކީ އަޅުގަނޑުމެން ހަމަ ކޮންމެ މީހެއްގެ ސަމާލުކަމަށް ބޭނުންވާ މައްސަލަތަކެކޭ. ހަމަ ކޮންމެ މީހަކު، އެމައްސަލަތައް ޙައްލުކުރެވޭތޯ އެމީހެއްގެ ފެންވަރުން، އެމީހެއްގެ މިންވަރުން މަސައްކަތްތަކެއް ކުރަންވެއްޖެ ކަމެކޭ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ސަމާލުކަން ދިނުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، ރާއްޖޭގެ ތިމާވެށި ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ މީހުންގެ އިތުރުން، ބޭރުގެ ފަރާތްތަކުންވެސް ވަރަށްބޮޑެތި އެހީތައް ވަމުން އެބަގެންދޭ. ރާއްޖޭގައި ބިދޭސީ ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށްވެސް ފެހިފަތުގެ އިނާމު މިއަދު ލިބިއްޖެ. މިސްޓަރ ސޯނޫ ޝިވްދަސާނީ އާއި، މިސިޒް އީވާ ޝިވްދަސާނީ، އެބޭފުޅުންގެ ސޮނޭވާފުށި ރިޒޯޓުގައި ރާއްޖޭގެ ތިމާވެށްޓަށްޓަކައި އެކުރައްވާ މަސައްކަތްޕުޅުތައް، އަދި މުޅި އަތޮޅަށް ކޮށްދެއްވާ ޚިދުމަތްތައް އަޅުގަނޑުމެން ފާހަގަކޮށް، އެބޭފުޅުންނަށް ފެހިފަތުގެ އިނާމު މިއަދު މި އެރުވީ. މިނޫނަސް ރާއްޖޭގައި މަސައްކަތް ކުރައްވާ ބޭރުގެ ވަރަށްގިނަ ފަރާތްތަކުން ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތްތަކެއް ކޮށްދެއްވާ. ހަމައެކަނި ބޭރުގެ ރިޒޯޓްތަކަކުން ނޫން، ވަރަށްގިނަ ރިޒޯޓްތަކުން، އަޅުގަނޑުމެންގެ އަމިއްލަ ރިޒޯޓްތަކުންވެސް ވަރަށްގިނަ މަސައްކަތް އެބަ ކުރައްވާ. އެހެންވީމާ، އެކަންތައްތައްވެސް އަޅުގަނޑުމެން ފާހަގަކޮށް، އެކަމުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ޙައްޤު ޝުކުރު އެބަ އަދާކުރަން.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދިފައިވާ އެކިއެކި އަމިއްލަ ޖަމާޢަތްތަކުންވެސް މިމަސައްކަތް އެބަކުރޭ. އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން މިމަސައްކަތް އެބަކުރޭ. ސްކޫލްތަކުގެ ދަރިވަރުން މިމަސައްކަތް އެބަކުރޭ. ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުން މިމަސައްކަތް އެބަކުރޭ. އަޅުގަނޑަށް ދަންނަވަން ޖެހެނީ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން މިހާރުވަނީ މިކަމަށް ހޭލުންތެރިވެވަޑައިގެންފައޭ. އަދި ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް މިކަމަށް އެބަ ކުރައްވައޭ. އެހެންވީމާ، އެހުރިހާ ފަރާތްތަކަކަށްވެސް މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ ހިތުގައިވާ ޝުކުރު ރައްދުކުރަންޖެހޭނެ. އަދި އެބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު އަރުވަންޖެހޭނެ.

އާދެ، މިއަދު އަޅުގަނޑު އޭދަފުށްޓަށް މިއައި އައުމަކީ، މިއަހަރު ދެވަނަފަހަރަށް އަޅުގަނޑަށް ލިބޭ އުފަލެއް. މިއަހަރުގެ މާޗްމަހު ތެރޭގައި އަޅުގަނޑު މިވަނީ އެއްފަހަރު މިތަނަށް އައިސްފައި. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރަށުގައި ބޭއްވުނު އިޙްތިފާލުގައި ބައިވެރިވުމަށްޓަކައި. އަދި މިއަދުވެސް މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު މިރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިރަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އޭދަފުށްޓަށް އަޅުގަނޑަށް މިކުރެވެނީ، މިމަގާމުގައި ހުރެގެން ދިހަވަނަ ދަތުރު. ވަރަށްގިނަފަހަރު މިރަށަށް އަޅުގަނޑަށްވަނީ އާދެވިފައި. މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތައް އަޅުގަނޑަށްވަނީ ފެނިފައި. އަދި އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ވާހަކަ، އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ދަންނަވާލަންޖެހޭ.

ދެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން މިކުރައްވާ ޚިދުމަތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތުން، އަދިވެސް ބައެއް ފަރާތްތަކަށް ޝުކުރު ދަންނަވާލަންޖެހޭތީ ،އަޅުގަނޑު އެވާހަކަ ދަންނަވާލާނަން.

ކުރިން މިދެންނެވި ފަރާތްތަކުގެ އިތުރުން، މިނިސްޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ ކުރައްވާ އަގުހުރި މަސައްކަތްޕުޅުތަކަށާއި، މިނިސްޓަރގެ ނައިބު އަލްފާޟިލް ޢަބްދުﷲ މަޖީދު ކުރައްވާ މަސައްކަތްޕުޅުތަކަށާއި، ހަމައެހެންމެ، އެވުޒާރާގެ އެހެން ވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ތިމާވެށި ރައްކާތެރިކުރުމާބެހޭ ޤައުމީ މަޖިލީހުން ކުރައްވާ މަސައްކަތްޕުޅުތަކަށާއި، ސަރުކާރުގެ ކަމާބެހޭ އެހެން ދާއިރާތަކުންނާއި، ވުޒާރާތަކުން ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، މިހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. މީގެއިތުރުން، އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެދެއްވާ ބޭރުގެ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި އ.ދ.ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔޫ.އެން.އީ.ޕީ އަށާއި، އ.ދ.ގެ އެކިއެކި ޖަމުޢިއްޔާތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، ތިމާވެށީގެ ރޮނގުން ރާއްޖެއަށް އެކި ރޮނގުތަކުން އެހީތެރިވެދެއްވާ އަވަށްޓެރި ޤައުމުތަކަށާއި، ރަޙްމަތްތެރި ޤައުމުތަކަށާއި، ބޭރުގެ އެކި ބޭންކުތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މިއާއެކީގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށްވެސް ޝުކުރު ދަންނަވަން. ޚަބަރުފަތުރާ ވަސީލަތްތަކުގެ ތެރެއިން ވަރަށްގިނަ ވަސީލަތުގައި ރާއްޖޭގެ ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްތަކެއް ކުރައްވާ. އެމަސައްކަތްތަކަށްޓަކައި އެފަރާތްތަކަށް ސަރުކާރުގެ އެކިއެކި ޙަފްލާތަކުގައި ޝުކުރު އަދާކުރެވި އަދި އިނާމުވެސް ލިބިފައިވޭ. އެހެންވީމާ، ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށާއި، އަމިއްލަ ޚަބަރުފަތުރާ ވަސީލަތްތަކުން ރާއްޖޭގެ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ތިމާވެށި ރައްކާތެރިކުރެއްވުމަށް އެކުރައްވާ މަސައްކަތްތަކަށްޓަކައިވެސް، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، اللّـه سبحـانـه وتعـالى ދިވެހިރާއްޖޭގެ ތިމާވެށްޓަކީ އަމާން ރައްކާތެރި ތިމާވެށްޓެއް ކަމުގައި ހެދުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި ދުޢާ ކުރަމުން. އަދި ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން. ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، ކުރިއެރުމާއި ތަރައްޤީ، އެކަލާނގެ މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.