بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، މިއަދު އަޅުގަނޑު ބ. އަތޮޅަށް މިކުރާ ދަތުރަކީ، މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ އިޙްތިފާލް، މިއަތޮޅު އޭދަފުށީގައި އޮތީމާ، އެކަމުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. ހަމައެއާއެކީގައި، އޭދަފުށްޓާ ވަރަށް ކައިރީގައި ދަރަވަންދޫ އޮންނާތީއާއި، އަދި ދަރަވަންދުއަށް އަޅުގަނޑަށް ޒިޔާރަތް ނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ވޭތުވެފައިވާތީ، ދަރަވަންދުއަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކިގެން، އެ މަޤްޞަދުވެސް ހާސިލު ކުރުމަށްޓަކައި މިދަތުރު އަޅުގަނޑު މިކުރަނީ.

މިއަދު އަޅުގަނޑު ދަރަވަންދުއަށް އައުމުން ދަރަވަންދޫގެ ވެރިންނާއި، ލޮބުވެތި ރައްޔިތުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، އަދި ކިޔަވާކުދިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، ދަރަވަންދުއަށް އައުމުން އަޅުގަނޑަށް ފެނިގެން ދިޔައީ ވަރަށް އުފާވެރި މަންޒަރުތަކެއް. ވަރަށްގިނަ އަދަދަކަށް ރައްޔިތުން ނިކުމެވަޑައިގެން، އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވި. އެބޭފުޅުން ތިއްބެވީ ވަރަށްގިނަ އަދަދަކަށް ދިވެހި ދިދަ ހިއްޕަވައިގެން. ދަރަވަންދޫ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ޝުޢޫރު އެކަމުންވެސް އަޅުގަނޑަށް ހާމަވެގެންދިޔަ. އަދި ރަށުތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. މި ޖަލްސާ މި ބާއްވާ ހޯލްތެރެވެސް މިވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައި، ތައްޔާރުކުރައްވާފައި. މިކަމަށްޓަކައި ދަރަވަންދޫގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަދު އަޅުގަނޑު ދަރަވަންދުއަށް އައުމުން ދަރަވަންދޫގެ ރައްޔިތުން ތިޔަ ވިދާޅުވި މަރުޙަބާއަށްޓަކައި ޝުކުރު ދަންނަވާ ހާލު، މިރަށުގެ ކަތީބު އަލްފާޟިލް މުޙަންމަދު ފަތުޙީގެ ވާހަކަފުޅުގައި، ދެންމެ އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި އޭނާއަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މިރަށުގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އޭނާ އަޅުގަނޑަށް މަރުޙަބާ ވިދާޅުވި. ހަމައެއާއެކީގައި މިރަށަށް އައިސްފައިވާ ތަރައްޤީއާއި އަދި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްޤީގެ ވާހަކަ ވިދާޅުވި. އެކަމުގައި އަޅުގަނޑުގެ ދައުރެއް އޮތް ކަމަށް ދެކެވަޑައިގެން، އެކަން ފާހަގަކުރެއްވިކަމަށްޓަކައިވެސް އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެގެން އަޅުގަނޑު ދަރަވަންދުއަށް ކުރާ ހަތަރުވަނަ ދަތުރު. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވިފައި މިވަނީ މީގެ 15 އަހަރު ކުރިން. 1993 ވަނަ އަހަރު. އަޅުގަނޑުވެސް ގަބޫލުކުރަން، މިރަށަށް ނާދެވި ތަންކޮޅެއް ގިނަ ދުވަސްވެއްޖެ. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި އަދި ރާއްޖޭގައި ޒިޔާރަތް ކުރަންޖެހޭ ރަށްތަކުގެ އަދަދު ގިނަކަމުން އަޅުގަނޑު އެދޭހާ ގިނަގިނައިން، ވަކިވަކި ރަށްރަށަށް ދަތުރުކުރުން އޮންނަނީ ދަތިކަމަކަށްވެފައި. އެހެންވެގެން ތަންކޮޅެއް ލަސްވެގެން މިދިޔައީ.

އާދެ، ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި، ރާއްޖޭގައި މީހުން އުޅޭ ހަމަ ހުރިހާ ރަށަކަށްވެސް އެކިއެކި މަޝްރޫޢުތަކުގެ ދަށުން ސަރުކާރުން ކަންތައްތައް ކޮށްދެމުން އެބަގެންދޭ. ދަރަވަންދުއަށްވެސް މީގެކުރިންވަނީ މިކަހަލަ ބައެއް ކަންތައްތައް ހަމަޖެހިފައި. އަތޮޅު މަދަރުސާއާއި ޞިއްޙީ މަރުކަޒުވަނީ މިރަށުގައި ޢިމާރާތް ކުރެވިފައި. ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 1997 ވަނަ އަހަރު މިރަށުގައި ވަނީ ބަނދަރު ހަދާފައި. އެހެންނަމަވެސް، މިރަށަކީ ސުނާމީ ކާރިޘާގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް. ބަނދަރުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމާ، ބަނދަރު މަރާމާތު ކުރުން ހިމެނޭ ތަފާތު ފިޔަވަހިތަކުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. ފިޔަވަހި އެކަކާއި، ފިޔަވަހި ދޭއްގެ މަސައްކަތްވަނީ ބަޔަކާ ހަވާލުކުރެވިފައި. އަދި ފިޔަވަހި އެކެއްގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރުވަނީ ނިމިފައި. ފިޔަވަހި ތިނެއްގެ ކޮންސަލްޓަންސީ ޓެންޑަރ، 17 ޑިސެމްބަރު 2007 ގައި ވަނީ ހުޅުވާފައި. ފަސް ފަރާތަކުން ޓެންޑަރ ހުށަހެޅި. ބިޑް އިވެލުއޭޝަން ރިޕޯޓް، މިއަހަރު ޖެނުއަރީމަހު ފަހުކޮޅު އައި.ޑީ.ބީ އަށް ވަނީ ފޮނުވިފައި. އެހެންވީމާ، މިކަންތައްތައްވެސް މިދަނީ ހިނގަމުން.

ދެން އޮތީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ އަނެއް މަޝްރޫޢު. އެއީ، ނަރުދަމާގެ މަޝްރޫޢު. އެ މަސައްކަތަށް ބަލާއިރުވެސް، ސަރުކާރުގެ ޚަރަދުގައި އެ މަޝްރޫޢު ފަރުމާކުރުމަށް ކަނޑައަޅާފައިވާތީ، މަޝްރޫޢުގެ ދެވަނަ ބުރުގެ ރަށްތަކުގެ ތެރޭގައި މިރަށްވަނީ ހިމެނިފައި. ނަރުދަމާ ނިޒާމު ފަރުމާކުރުމުގެ ކޮންސަލްޓަންސީ އެގްރިމެންޓްގައި، މި ހުސްވި މެއި މަހުގެ 22 ވަނަ ދުވަހުވަނީ ސޮއިކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށްދާނެ.

ކުރިންވެސް ދެންނެވިފަދައިން، ދަރަވަންދުއަކީ ސުނާމީ ކާރިޘާގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާ ރަށެއް. މިކާރިޘާއިން ގެއްލުން ލިބުނު 92ގެ މަރާމާތު ކުރުމުގެ މަސައްކަތް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވަނީ ނިމިފައި.

ދަރަވަންދޫ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި ބަޔެއް. ކުރިން އެންމެ ބޮޑަށް މިރަށުގައި ކުރައްވަމުން ގެންދެވި މަސައްކަތަކީ މަސްވެރިކަމުގެ މަސައްކަތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތަކަށް މިއައި ބަދަލާ ގުޅިގެން އެކަންވެސް މިހާރު މިއޮތީ ކޮންމެވެސްވަރަކަށް ބަދަލުވެފައި. މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ރިޒޯޓުތަކުގައި ވަޒީފާ އަދާކުރަމުން ގެންދާކަމުގެ މަޢްލޫމާތު އަޅުގަނޑަށް ކަތީބު ދެއްވި. ހަމައެހެންމެ، ފަތުރުވެރިންނަށް ހުޅުވާލެވިފައިވާ ފިހާރަތަކެއް ހުރުމާއެކު، މިރަށުގައި ތިއްބަވައިގެންވެސް އެމަސައްކަތްވެސް ކުރިއަށް އެބަ ގެންދަވާ.

ކޮންމެގޮތަކުންނަމަވެސް، ރައްޔިތުން އުފެއްދުންތެރި މަސައްކަތެއް ކޮށްގެން، އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. ރަށުގެ ތަރައްޤީ ބިނާވެފައި އޮންނާނީ، އެރަށެއްގެ ރައްޔިތުންކުރާ މަސައްކަތެއްގެ މައްޗަށް. ގޭގައި ތިބެގެންނަމަވެސް، ރަށުގައި ތިބެގެންނަމަވެސް، ރަށުން ބޭރުގައި ތިބެގެންނަމަވެސް، އަދި ކަނޑުގައިނަމަވެސް، އެއްގަމުގައިނަމަވެސް، އުފެއްދުންތެރި މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަން އެބަޖެހޭ. މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނީ. އަދި އަޅުގަނޑުމެންގެ ދިރިއުޅުން، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރަމުން ގެންދެވޭނީ. މިއީ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ޙަޤީޤަތެއް. އެހެންވީމާ، ދަރަވަންދޫ ރައްޔިތުންވެސް މި މަސައްކަތް މިގޮތަށް ކުރައްވާތީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވާލަން.

މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބަޔެއް. ރައްޔިތުންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް، ބައިބައިވުމެއް ނެތްކަމަށް އަޅުގަނޑަށްވަނީ އެނގިފައި. އެކަމަކީވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވައި، އެގޮތުގައި ދަރަވަންދޫ ރައްޔިތުން ތިއްބެވުން އަޅުގަނޑު އެދޭ ވާހަކަ ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. ހަމައެއާއެކީގައި ދަރަވަންދޫގައި އެއްވެސް ކަހަލަ ސިޔާސީ ހަލަބޮލިކަމެއްވެސް ނެތްކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ. ބައެއް ޕާޓީތަކުގެ މެންބަރުން ތިއްބެވި ނަމަވެސް، ރަށުގައި ބައިބައިވުމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދިފައެއް ނެތް. އެންމެންވެސް ދިރިއުޅެމުން ގެންދަނީ އެކުވެރިކަމާއެކީގައި. ދެންމެ ކަތީބުގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވި ފަދައިން، ދަރަވަންދޫ ރައްޔިތުން އެންމެންނަށްވެސް އެނގިފައި މިއޮންނަނީ، އެކުވެރިކަމާއި އެއްބާރުލުމާއެކީގައި ވަރަށް ރަނގަޅަށް ކަންތައްތައް ކުރައްވާ ރައްޔިތެއްގެ ގޮތުގައި. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، ދަރަވަންދޫ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމާއި، ސުލްހަވެރިކަން އޮންނަ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ، މިވާހަކަ މިހެން ދަންނަވާލާފައި، ދެން ދަންނަވާލަން އޮތީ އަޅުގަނޑަށް ދަންނަވަން މާ ފަސޭހަ ވާހަކައެއްވެސް ނޫން. ތިޔަބޭފުޅުންނަށް އެވާހަކަ އައްސަވަންވެސް މާ ފަސޭހަފުޅެއް ނުވާނެކަންނޭނގެ. އެއީ، ވަރަށް ކުޑަކޮށް ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ މިރަށުގައި ފެށިގެން އުޅޭ ވާހަކަ. އާދެ، ފުރަތަމަ މިރަށަށް އެކަން މިއައީ ބޭރު ބައެއްގެ ފަރާތުން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އޭގެތެރޭގައި މިހާރު މިރަށުގެ ބައެއް ކުދިންވެސް ވަނީ ޝާމިލުވެފައި. މިއީ ވަރަށް ދެރަ ކަމެއް. ވަރަށް ހިތާމަހުރި ކަމެއް. އެހެންނަމަވެސް، މިކަން އަދި މިވަނީ މިކަން ފެށުމުގެ ކުރީކޮޅުގައި ކަމަށްވާތީ، އަޅުގަނޑަށް ޔަޤީންކުރެވެނީ ރައްޔިތުންނާއި ވެރިން އެއްބާރުލައްވައިގެން މަސައްކަތް ކުރައްވައިފީވިއްޔާ، މިހިސާބުން މިކަން ހުއްޓުވާލެވިދާނެ ކަމަށް.

ރަށުގައި އިތުރަށް މިމައްސަލަ ފެތުރިގެން ދިޔަނުދެއްވައި، ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރައްވައިފިއްޔާ، މިރަށުން މަސްތުވާތަކެތީގެ ނުރައްކާ މުޅިން ދުއްވާލެވިދާނެ. މިރަށުން އެކަން ބޭރުކޮށްލެވިދާނެ. މިފަދަ ކަންތައްތަކަކީ ބޭރުން އަންނަ ކަންތައްތައް. އެކަން އަޅުގަނޑުމެން އެބަޖެހޭ ކޮންޓްރޯލް ކުރަން. އަޅުގަނޑު ދިޔަ ބައެއް ރަށްރަށުގެ ރައްޔިތުން އެކަން އެބަ ކުރައްވާ މިގޮތަށް. މިދެންނެވީ ބޭރުން މީހަކު އެފަދަ އެއްޗެއް ހިފައިގެން އަންނަ ކަމުގެ މަޢުލޫމާތު ލިބިއްޖިއްޔާ، އެމީހަކު ރަށަށް ފައިބާތަނުން އެބަ ހިފަހައްޓަވާ. އަދި ކަމާބެހޭ ފަރާތްތަކަށް އަންގަވައިގެން، އެފަރާތްތަކާ އެމީހަކު އެބަ ހަވާލުކުރައްވާ. އެހެން ހެއްދެވީމާ، ދެން ރަށުގައި އެކަން ފެށުމަކަށް މަގެއް ހުޅުވިފައެއްނޯވޭ. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް ވަރަށް އެއްބާރުލައްވައިގެން އެކަން ކޮށްދެއްވައިފީވިއްޔާ، އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި މިހިސާބުން މިކަން ކޮންޓްރޯލް ކުރެވޭނެ. އިތުރަށް ފެތުރިގެނެއް ނުދާނެ. އަދި އެކަމުގެ ތެރޭގައި މިހާރު އުޅޭ މީހުންވެސް އަނބުރާ ސަލާމަތްވެގެން މުޖްތަމަޢަށް އައުމަށް މަގުފަހިވެގެންދާނެ. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ، މިހާރުން މިހާރަށްވެސް އެޅުއްވެންހުރި ފިޔަވަޅުތަކެއް، ދަރަވަންދޫ ރައްޔިތުން އަޅުއްވައިގެން މިކަމުން މިރަށް ސަލާމަތް ކުރެއްވުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޝުކުރު ދަންނަވާލަންޖެހޭ ބައެއް ފަރާތްތައް އެބަހުރި. އާދެ، މިދަތުރުގައި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ ބައިވެރިވެވަޑައިގެންދެއްވައި، އަދި މިދަތުރު ކާމިޔާބު ކުރުމަށް އެމަނިކުފާނުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ވަނީ ލިބިފައި. އެކަމަށްޓަކައި އަދި އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް އެމަނިކުފާނު ކުރައްވާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން، އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި އެމިނިސްޓްރީގެ ދެން ތިއްބެވި ވެރިންނާއި، އެހެން މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. ހަމައެހެންމެ، މީގެކުރިން އެ ވުޒާރާ ހިންގަވައިދެއްވި ވަޒީރުން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދައުރުގައި އެކޮށްދެއްވި ޚިދުމަތަށްޓަކައި، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރު އަޅުގަނޑާ އެކީގައި މިދަތުރުގައި އެބަ ބައިވެރިވެވަޑައިގެންދެއްވާ. ހަމައެހެންމެ، އޭދަފުށްޓަށް އައިއިރުން ފެށިގެން އަޅުގަނޑަށް އެހީތެރިވެދެއްވައި އަތޮޅާބެހޭ މަޢްލޫމާތާއި، އޭދަފުށްޓާއި ދަރަވަންދުއާ ބެހޭ މަޢްލޫމާތު އަޅުގަނޑަށް ދެއްވައި، ދަތުރުގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިންތިޒާމް ކޮށްދެއްވި. އޭނާއަކީ ކުރިންވެސް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. މީގެކުރިން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު މިއަތޮޅަށް، މިރަށަށް ނޫންނަމަވެސް މިދިޔަ މާޗް މަހު ތެރޭގައި ޒިޔާރަތްކުރިން. އެދަތުރުގައިވެސް އޭނާ އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް ގޮތެއް ބަހައްޓަވައި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި. އެހެންކަމުން، މިދަތުރުގައިވެސް އޭނާ އެކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރަމުން، އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ނިންމާލަމުން ދަންނަވާލަން އޮތީ، އަޅުގަނޑު މިޖަލްސާކުރާ ހޯލަށް އައުމުގެ ކުރިން، މިރަށުގެ ކަތީބު، އަލްފާޟިލް މުޙަންމަދު ފަތުޙީ އަޅުގަނޑާ ބައްދަލުކުރައްވައި، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކުގެ ލިސްޓެއް ހިމެނޭ ސިޓީއެއް އަޅުގަނޑަށް ދެއްވި ވާހަކަ. އެސިޓީ އަޅުގަނޑު ބަލައިގަތީ ވަރަށް ބޮޑު އުފަލަކާއެކު. އެސިޓީގައި، މިވޭތުވެދިޔަ ތާނގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކޮށްދީފައިވާ ކަންތައްތަކަށް ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވޭ. ހަމައެއާއެކީގައި، މިހާރުން މިހާރަށްވެސް ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންތައްތަކުގެ ވާހަކަ ވިދާޅުވެފައިވޭ. އެއީ މިރަށުގެ ރަށް ކުރިއަރުވާ ކޮމިޓީންވެސް ނިންމައިގެން، އަޅުގަނޑު ގާތުގައި ވިދާޅުވާން ތައްޔާރުކުރެއްވި ކަންތައްތަކެއް. އާދެ، އޭގައިވާ ކަންތައްތަކާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް ބޮޑަށް ވިސްނާނެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ކަންތައްތަކަކީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށްރަށަށް ބޭނުންވާ ކަންތައްތަކެއް. އެހެންވީމާ، އެފަދަ ކަންތައްތައް ސަރުކާރުން މިގެންދަނީ ވަކި ހަމައެއްގެ މަތިން، ވަކި އުސޫލެއްގެ މަތިން، އިސްކަންދޭންޖެހޭ ތަންތަނަށް އިސްކަންދީގެން. އިސްކަންދޭ ތަރުތީބު ހަމަޖައްސާ އުސޫލުތަކެއްވެސް އޮވޭ. ވަކި ރަށަކަށް ވަކިގޮތެއް ނަހަދާނެ. ހުރިހާ ރަށަކީވެސް ދިވެހި ރައްޔިތުން ދިރިއުޅޭ ރަށްރަށް. ހުރިހާ ރަށަކަށްވެސް ސަރުކާރުން ގެންގުޅޭނީ އެއް އުސޫލު. އެއް ސިޔާސަތު. އެހެންވީމާ، އެގޮތުގެ މަތިން، ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެދިވަޑައިގަންނަވާ ކަންތައްތައް ސަރުކާރުން ކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާނެ. އެހެންވީމާ، އޭނާ އެދެއްވި ލިސްޓްގައިވާ ކަންތައްތަކުގެ މައްޗަށްވެސް މިދެންނެވި ނަޒަރުން ބަލައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އަޅުގަނޑު ދަންނަވައިގެން، އެކަންތައްތައް ވެވެން އޮތްގޮތަކަށް ކޮށްދެވޭތޯ މަސައްކަތް ކުރާނަން.

އާދެ، މިވާހަކަ ދަންނަވާލުމަށްފަހު، ދަރަވަންދޫ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވުން. އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުވެސް ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި، ޞުލްޙަވެރިކަމާއި، އަމަންއަމާންކަމާއި، ތަރައްޤީއާއި ކުރިއެރުން اللّـه سبحـانـه وتعـالى މިންވަރު ކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.