بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


ޢިއްޒަތްތެރި ބޮޑުވަޒީރު ނަރެންދްރަ މޯދީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އިންޑިއާ ވަފުދުގެ އިސް ބައިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މަނިކުފާނަށާއި މަނިކުފާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ދެންނެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއް. އަދި، ދާދިފަހުން ބޭއްވި ލޮކް ސަބާ އިންތިޚާބުގައި، މަނިކުފާނުގެ ޕާޓީން ހޯދި ތާރީޚީ ކާމިޔާބީއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން.

މަނިކުފާނު ދެވަނަ ދައުރަކަށް، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެތްކެއް.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވަނީ، ގިނަ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ވަރަށް ވަރުގަދަ ގުޅުމެއް. އިންޑިޔާ ކަނޑުން ގުޅިފައިވާ އަޅުގަނޑުމެންގެ މި ދެ ޤައުމަކީ، އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ދެ ޤައުމު. އޭގެތެރޭގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ އާދަކާދަތަކާއި ތާރީޚާއި ސަގާފަތް ހިމެނޭ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެތައް އަހަރެއް ކުރިންވެސް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވަނީ، ތަފާތު މުޢާމަލާތްތަކުގެ ޒަރީޢާއިން ވަރަށް ބަދަހި ގުޅުމެއް އުފެދިފައި.

ޢިއްޒަތްތެރި ބޮޑުވަޒީރު؛

ފެށުނީއްސުރެ އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލުވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުން. މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން. އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި މަނިކުފާނަށް ޝުކުރު ދަންނަވަން.

އަޅުގަނޑާއި ބޮޑުވަޒީރު މޯދީ އެންމެފަހުން ބައްދަލުކުރި ދުވަހުން ފެށިގެން، މިއަދާ ހަމަޔަށް ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައިވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް، އަޅުގަނޑުމެން މަޝްވަރާ ކުރިން. މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫތަކާއި، އިފްތިތާޙު ކުރެވުނު ދެ މަޝްރޫޢު ކަމުގައިވާ އެމް.އެންޑީ.އެފް.ގެ [ކޮމްޕޮސިޓް ޓްރޭނިންގެ ފެސިލިޓީ] އަދި [ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް]އަކީ މި އަމާޒާ ހަމައަށް ވާސިލުވުމަށް ލިބޭނެ އިތުރު ކުރިއެރުމެއް.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސޮއިކުރި [ވިސާ ފެސިލިޓޭޝަން އެގްރީމަންޓް] އަށް މިހާރު ވަނީ ޢަމަލުކުރަން ފެށިފައި. މި އެއްބަސްވުމުގެ ސަބަބުން، މި ދެ ޤައުމުގެ ރައްޔިތުން، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިއްޖެ. އަދި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާއި، އިންޑިއާގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން، ދެ ޤައުމުގެ ސަގާފީ އަދި އިޤްތިޞާދީ ކުރިއެރުމަށް ލިބެމުންދާ އެހީތެރިކަން، އަޅުގަނޑާއި ބޮޑުވަޒީރު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ހަމަ މިމޭރުމުން، ކޮންސިއުލަރ ކަންތައްތައްތަކުގައި، ކުރިއަށްވުރެ ބޮޑަށް، ދެ ޤައުމުންވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެވުނު.

ދެ ޤައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރަގަދަ ކުރުމަކީ، ދެ ޤައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައި އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު. ކޮޗީ އާއި ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން މިއަދު ސޮއިކުރި އެމް.އޯ.ޔޫ.ގެ ސަބަބުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުޢާމަލާތްތަކުގައި، ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގަނެ، ޚިދުމަތް ލިބެން ފެށުން.

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއްނުވާ ރަމްޒެއްގެ ގޮތުގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ. އެ ހޮސްޕިޓަލްގެ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް، މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމުގެ އަގު ވަޒަންކޮށް، އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ޞިއްޙީ ރޮނގުން އިތުރަށް އެއްބާރުލުން ދިނުމަށް މިއަދު ސޮއިކުރި އެމް.އޯ.ޔޫ.އަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުން ވެދެމުން އަންނަ އެހީތެރިކަމަށް ލިބުނު އިތުރު ކުރިއެރުމެއް.

މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްޤީ ކުރުމަށް އިންވެސްޓް ކުރުމަކީ، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެގޮތުން، އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު އެމް.އޯ.ޔޫތަކެއްގައި މިއަދު ސޮއިކޮށްފި. ފުރަތަމަ އެމް.އޯ.ޔޫ.އަކީ، ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސަރވަންޓުން ތަމްރީނު ކުރުމަށް، ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި، އިންޑިއާގެ [ދަ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް]އާ ދެމެދު ސޮއިކުރި އެމް.އޯ.ޔޫ. ދެވަނަ އެމް.އޯ.ޔޫ.އަކީ، ކަސްޓަމްސްގެ ދާއިރާ ތަރައްޤީ ކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެމް.އޯ.ޔޫ. މި އެމް.އޯ.ޔޫ.ގެ ދަށުން ކަސްޓަމްސް އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް ޢަދާކުރެއްވުމުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގޭނެ. އަދި، ހައިޑްރޮގްރަފީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ވަރަށްވެސް ސްޕެޝަލައިޒްޑް ދާއިރާއަކުން ރާއްޖޭގައި މިހާރު ހުރި ޤާބިލިއްޔަތު ފުޅާކުރެވޭނެ.

އޭގެ އިތުރުން، މިދިޔަ ޑިސެންބަރު މަހު އަޅުގަނޑު އިންޑިއާއަށް ކުރި ޒިޔާރަތުގައި، އެކި ދާއިރާތަކުން ދިވެހިން ތަމްރީނު ކުރުމަށް، އިންޑިއާ ސަރުކާރުން ފަހިކޮށްދިނުމަށް ނިންމި 1000 ތަމްރީނު ފުރުޞަތުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފުމާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މިއަދު މަޝްވަރާ ކުރިން.

ބަޖެޓަރީ ސަޕޯޓާއި، ޓީ-ބިލް، ކަރެންސީ ސްވަޕް އަދި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާއިން ވެދީފައިވާ މާލީ އެހީތެރިކަމަށް ބޮޑުވަޒީރަށް އަޅުގަނޑު ޝުކުރު ދެންނެވިން. މީގެތެރެއިން ބަޖެޓަރީ ގްރާންޓް އަދި ޓީ-ބިލްތަކުގެ ސަބްސްކްރިޕްޝަންތައް ވަނީ މިހާރު ލިބިފައި.

އޭގެ އިތުރުން، މި އަހަރުގެ މާރިޗު މަހު ދެ ޤައުމުން ސޮއިކޮށްފައިވާ، 800 މިލިއަން އެމެރިކާ ޑޮލަރުގެ [ލައިން އޮފް ކްރެޑިޓް] އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު މަޝްވަރާ ކުރިން. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް، ދާދި އަވަހަށް ފަށައި، ކުރިއަށް ގެންދިޔުމަށް ދެ ޤައުމުންވެސް އަންނަނީ މަސައްކަތް ކުރަމުން. މި މަޝްރޫޢުތަކުގެ ތެރޭގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދިނުން ހިމެނޭ. އަދި، ބަނދަރު ހެދުމާއި، ސިއްޙަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި ހަކަތައިގެ ދާއިރާއިން މިހާރު މަސައްކަތް ފަށާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު.

ހަމަ އެހެންމެ، އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އާލާކުރުމަށާއި، ތަޢުލީމާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށާއި، ޤާނޫނުގެ ނިޒާމު ނެގެހެއްޓުމަށާއި، ތިމާވެށި ރައްކާތެރި ކުރުމަށް، މިދިޔަ މާރިޗު މަހު، ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަން ނިންމާފައިވާ ކަމަށް އިޢުލާނު ކުރެވުނު ހިލޭ އެހީ ބޭނުންކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން.

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އިތުރުން، ދެ ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މަޝްވަރާ ކުރިން. މޫސުމަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެން ވަގުތުން ސަމާލުކަން ދޭންޖެހިފައިވާ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށް، ބޮޑުވަޒީރުވެސް އެއްބަސްވެވަޑައިގެންނެވިކަމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް އަޅުގަނޑުމެން އެއްބަސްވިން. އޭގެ އިތުރުން، [ފްރޭމްވަރކް އެގްރީމަންޓް ފޮރ އެސްޓަބްލިޝިންގް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް] ރާއްޖެއިން ތަޞްދީޤު ކޮށްފައިވާކަން، އަޅުގަނޑު ބޮޑުވަޒީރަށް ދެންނެވިން. އަދި، ބައިނަލްއަޤްވާމީ އިޤްތިޞާދީ ނިންމުންތަކުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބަލައިގަނެ އިތުރުކުރުމަށްޓަކައި، އ.ދ.ގެ ސަލާމަތީ މަޖިލިސް ފަދަ އ.ދ.ގެ މައިގަނޑު ގުނަންތައް އިޞްލާޙު ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު.

ޓެރަރިޒަމްގެ ހުރިހާ ޢަމަލުތަކެއް، ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާކަމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރަޙައްދުގަޔާއި، މި ސަރަޙައްދުން ބޭރުގައިވާ ޤައުމުތަކާއެކު ގަދައަޅައި މަސައްކަތް ކުރުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަމަށް އަޅުގަނޑު ބޮޑޮވަޒީރަށް ދެންނެވިން.

ޢިއްޒަތްތެރި ބޮޑުވަޒީރު؛

އަޅުގަނޑު ވެރިކަމާ ޙަވާލުވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން، އަލުން އިޢާދަކޮށް ބަދަހިކުރުމާއެކު، އަވަށްޓެރި އެހެން ޤައުމުތަކާއެކުވެސް އިތުރަށް ގުޅުން ބަދަހިކުރުމަށް. އިންޑިއާ ކަނޑުގެ ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ، އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، އިންޑިއާ ކަނޑުގެ ހަމަޖެހުން މުހިންމުވަނީ، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އެކަންޏެއްނޫން. ރާއްޖޭގެ ތަރައްޤީއާއި، ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައިވެސް، އިންޑިއާ ކަނޑުގެ ޞުލްޙަވެރިކަމާއި ހަމަޖެހުން ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުމަކީ، އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ގުޅުމެއް. އަޅުގަނޑު މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި މަނިކުފާނު ބައިވެރިވެވަޑައިގަތުމާއި، މިދިޔަ އަހަރު އަޅުގަނޑު އިންޑިއާއަށް ކުރި ޒިޔާރަތާއި، އަދި، ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ މަތީ ފެންވަރުގެ ދަތުރުތަކުގެ ސަބަބުން، އަޅުގަނޑުމެން ދެ ޤައުމުގެ ގުޅުމަށްވަނީ އިތުރު ދިރުމެއް ލިބިފައި.


ޢިއްޒަތްތެރި ބޮޑުވަޒީރު؛

ރާއްޖޭގެ ރަޙްމަތްތެރިއެއްގެ ގޮތުންނާއި، ބައިވެރިއެއްގެ ގޮތުގައި، ރާއްޖެއާމެދު މަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ބަހައްޓަވާ ގާތްކަމަށްޓަކައި، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މަނިކުފާނަށާއި އިންޑިއާގެ ރައްޔިތުންނަށް އަޅުގަނޑު އެދެނީ ޞުލްޙަވެރިކަމާއި، ކުރިއެރުމާއި ތިޔާގިކަން. ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، އަޅުގަނޑުމެންގެ ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއާއި ޞުލްޙައަށް މަސައްކަތްކުރާ، އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި.

ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.