بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. އަދި، ރާއްޖޭގެ ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، ޖަމުޢިއްޔާ ޖަމާޢަތްތަކަށް، އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.


މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "އެއަރ ޕޮލިއުޝަން" ނުވަތަ "ވައި ތަޣައްޔަރުވުން" މިއީ، ދުނިޔޭގެ ތިމާވެށީގެ އިތުރުން، އިންސާނުންގެ ޢާންމު ޞިއްޙަތާވެސް ނުހަނު ބޮޑަށް ގުޅިފައިވާ ޝިޢާރެކެވެ. ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ރައްކާތެރިކަމަށް އެ ޖަމުޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައެވެ.


ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރިއިރު، އަޅުގަނޑުމެންގެ ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައެވެ. ޞިނާޢީ ބޮޑެތި ކާރުޚާނާތައް ނެތެއްކަމަކު، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުފަތުރުތަކަށް އަޅުގަނޑުމެން ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫނެވެ. އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާއިރު، އެ އެންމެން ނޭވާލާން ޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށެވެ. މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށްވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ.


ވައި ތަޣައްޔަރުވާ މިންވަރު ދަށްކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެންނެވެ. ހަމައެއާއެކު، ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެންނެވެ. ބޭކާރުގޮތުގައި އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުންޏަކީ އަލުން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަކީވެސް، ވައި ތަޣައްޔަރުވާ މިންވަރު ދަށްކުރުމަށްޓަކައި، ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ވައި ސާފުކޮށްދޭ ޤުދުރަތީ ނިޒާމަކީ ގަސްގަހާގެހި ކަމަށްވާއިރު، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ނުކުރެވޭނެ ކަމަކަށް ހަދަންޖެހެއެވެ.


ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސް ޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް މިއަންނަނީ ހޯދައިދެމުންނެވެ. ތިމާވެށްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.


މިފަދަ ދުވަހެއް ފާހަގަކުރާއިރު، ތިމާވެށްޓާ ރަޙްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ވައި ސާފުވުމާއި، ވައި ތަޣައްޔަރުވުމަކީ، އަޅުގަނޑުމެންގެ ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ޤަބޫލުކޮށް، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ނޭވާލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.


އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންނަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި މި ހިތްގައިމު ޖަޒީރާވަންތަ ދިރިއުޅުމުގެ ނިޢުމަތްތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ޙިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަޅުގަނޑުމެންނަކީ ތިމާވެށްޓަށް ގެއްލުންދެނިވި އެންމެހައި ކަންކަމުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި ލައްވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން.