ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައިގެ ރައްޔިތުންނަށް ވެސް އަމާން، ރައްކާތެރި މަގުތަކެއްގެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، މިއަދު ހަވީރު 1 ނަންބަރު ފާލަން ސަރަޙައްދު ގައި ބޭއްވެވި 'ރޯޑް ސޭފްޓީ އެވެއަރނަސް ކެމްޕޭން' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ހުރިހާގޮތަކުންވެސް ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުންކަމަށާއި، ރާއްޖޭގެ އެކި ހިސާބުގައާއި ޚާއްޞަކޮށް މާލޭގެ މަގުމަތީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން އަންނަ މިދުވަސްވަރު މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު މި ފެށި ޙަރަކާތަކީ ވަރަށް މުހިންމު ޙަރާކާތެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ކަފިހި ހުރަސްތަކުން ހުރަސް ކުރާ ފަރާތްތަކަށް ޖާގަދެއްވުމަށާއި، ދުވާރު މަތީގައި ހުރަސްކުރުމުގެ އިންތިޒާރީގައި މަޑުކޮށްލުމުން ސައިކަލާއި ކާރު ފަދަ އުޅަނދު، ހިނގާ މީހުން ހުރަސްކުރުމަށް ޖާގަދެއްވުމަށާއި، ހިނގާ މީހުންވެސް ކިތަންމެ ހަނި މަގަކުން ވިއަސް ދުވާރުން ހިނގުމަށް އިސްކަންދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.