بســم اللّـه الرّحمـن الرّحيــم


ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ޢަމަލުކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެނޫން އިހަށްދުވަހު ފާސްކުރެއްވި ބިލް އަޅުގަނޑު މިއަދު މި ތަޞްދީޤުކުރީ. އެބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 9 ވަނަ މާއްދާ އޮތްގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ހަމަހަމަގޮތެއްގައި ކެމްޕޭން ކުރުމުގެ ފުރުޞަތު އޮންނަކަމަށް ނުފެންނާތީ. އަދި އެ މާއްދާ އޮތްގޮތުން އެކަމަށް ޤާނޫނީ ހުރަހެއް އެޅޭކަމަށް ފެންނާތީ، އެ ހުރަސް ނައްތާލުމަށްޓަކައި. އަޅުގަނޑު ދަންނަވާލާނަން އެ މާއްދާ އޮތްގޮތް.

ރިޔާސީ އިންތިޚާބު ޤާނޫނުގެ 9 ވަނަ މާއްދާގައި އޮންނަނީ،

"ހ. ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފައިވާ މީހަކު، ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވުމަށްޓަކައި ތާއީދު ހޯދުމަށް މަސައްކަތް ކުރަންވާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ހުންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ޢާންމު ވޯޓަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކު ހޮވުމަށްފަހުގައެވެ. މިގޮތުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ސިޓީ ފޮނުވައި، ފޮޓޯއާއި ސްޓިކަރާއި ލިޔުންފަދަ ތަކެތި ބަހައި، ނިޝާން ގެންގުޅެ، އިޝްތިހާރުކޮށް ހެދިދާނެއެވެ. ނަމަވެސް މިމާއްދާގައި ބުނެފައިވާ ތަކެތި ބޭނުންކުރަންވާނީ، ކޮމިޝަނަރ އޮފް އިލެކްޝަންސަށް ހުށަހަޅައި، ފާސްކުރުމަށްފަހުގައެވެ."

އެ މާއްދާގެ (ށ) ގައި މިއޮންނަނީ،

"މި މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތިން ކުރާ އެއްވެސް ކަމެއްގައި، ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް އެއްވެސް ކަމެއް ކޮށްދީގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކޮށްދޭން ވަޢުދު ވެގެނެއްވެސް ނުވާނެއެވެ."

މި މާއްދާ މިއޮތްގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު، ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެމީހެއްގެ ނަން ފާސްވެ، އެކަމަށް ހުއްދަ ލިބުމުން. އެއީ ކުރިން އޮތްގޮތް. އެކަމަކު މިހާރު އަޅުގަނޑުމެން އާ ޤާނޫނުއަސާސީއެއް ޑްރާފްޓްކޮށް ނިންމައި ތަޞްދީޤު ކުރުމުގެ މަރުޙަލާގައި އުޅޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވޭނީ މުޅިން އެހެން ގޮތަކަށް.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހަކަށް ނަންތަކެއް ހުށަހަޅާކަށް ނުޖެހޭ. ރައްޔިތުންގެ މަޖިލީހުން ވަކި ނަމެއް ފާސްކުރައްވާކަށް ނުޖެހޭ. އެހެންވީމާ، އަޅުގަނޑުމެން އަލަށް މިއުފައްދާ ނިޒާމާއި، މި މާއްދާގައި އެބުނާ ނިޒާމާ ވަރަށް ބޮޑަށް ތަފާތު. މި މާއްދާ މިހެން އޮވެގެން އެއްވެސް ކެންޑިޑޭޓަކަށް ގަވާއިދަކުން ކެމްޕެއިނެއް ނުކުރެއްވޭނެ. މިކަން މިހެން އޮތްއިރު އެނގިވަޑައިގަންނަވާނެ ފަދައިން، ބައެއް ކެންޑިޑޭޓުން މިހާރު ކެމްޕެއިން ކުރައްވަން ފަށްޓަވައިފި. އެކަމަކު އެ ކެމްޕެއިން ކުރެއްވުމަކީ މި މާއްދާއާ ޚިލާފަށް ކުރެއްވޭ ކަމެއް. މި ޤާނޫނާ ޚިލާފަށް އެކަން އެކުރައްވަނީ.

އެހެންވީމާ، އެއްބައި ކެންޑިޑޭޓުން އެ މަސައްކަތް ކުރައްވާއިރު، އަނެއްބައި ކެންޑިޑޭޓުން މި ވިދާޅުވަނީ، ޤާނޫނީ ހުރަހެއް އޮއްވާ، ތިމަންނާމެން އެ މަސައްކަތެއް ނުކުރާނަމޭ. ތިމަންނާމެންނަށް މަސައްކަތް ކުރެވޭނީ، އެ ޤާނޫނީ ހުރަސް ނެތީމާ، އެޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިންނޭ. ސަރުކާރަށް ވިސްނުނީ މިކަމުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ ހުރިހާ ކެންޑިޑޭޓުންނަށް ފުރުޞަތު ހަމަހަމަކޮށްދިނުމަށްޓަކައި، ކުޅޭ ދަނޑު ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކޮށް ލިބިދިނުމަށްޓަކައި، މި މާއްދާ އުވާލުންކަމަށް. އެހެންވީމާ، މި މާއްދާއަށް ޢަމަލުކުރުން ހުއްޓާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެނޫން އިހަށްދުވަހު ފާސްކުރެއްވީ. އެ ފާސްކުރެއްވި ފާސްކުރެއްވުން އަޅުގަނޑު މިއަދު މި ތަޞްދީޤުކުރީ. އަދި މިއަދުން ފެށިގެން ޤާނޫނަކަށްވެ ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވޭނެ.

އެހެންވީމާ، މިހާރު މިއޮތީ އެންމެންނަށް ފުރުޞަތު ހަމަހަމަވެފައި. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު، ހަމަ މިއަދުން ފެށިގެން ބޭނުމިއްޔާ އެމީހަކަށް ކެމްޕެއިން ކުރެވޭނެ. ކެމްޕެއިން ކުރުމަކަށް އެއްވެސް ހުރަހެއްނެތް. އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި މިގޮތަށް މިޤާނޫނު ބަދަލުވެގެން މިދިޔައީ. އަދި ސަރުކާރުން އެގޮތަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުންވެސް އެގޮތް ގަބޫލުކުރައްވައި އެ ފާސްކޮށްދެއްވީމާ، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު މިއަދު އެ ޤާނޫނު ތަޞްދީޤު ކުރީ. އެއީ މިކަން ހިނގައިދިޔަ ގޮތަކީ.

އޭގެކުރިން ސަރުކާރުން ހުށަހެޅީ، "ރިޔާސީ އިންތިޚާބުގެ ޤާނޫނު" އެކީގައި އުވާލަން. އުވާލަން ހުށަހެޅި ސަބަބަކީވެސް އެ ޤާނޫނުގައި ބުނާ ނިޒާމާ މުޅިން ތަފާތު ނިޒާމެއް އަޅުގަނޑުމެން ތަޢާރުފު ކުރަން ބޭނުންވާތީ. އާ ޤާނޫނުއަސާސީގެ ދަށުން ތަޢާރުފު ކުރެވޭނީ މުޅިން އާ ނިޒާމެއް. އެހެންވީމާ، އެ އާ ނިޒާމަށް ޢަމަލުކުރެވޭނީ، ކުރިން އޮތް ޤާނޫނު ބަދަލުވެގެން ކަމަށް ފެންނާތީ، އެގޮތަށް ހުށަހެޅީ. އެހެންނަމަވެސް، މުޅި ޤާނޫނު އެކީގައި އުވާލުމަކީ، ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނަށް ފެނިވަޑައިގަންނަވާ ކަމަކަށް ނުވާތީ، ސަރުކާރުން އަނބުރާ އެމައްސަލަ ގެނައީ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް އިޙްތިރާމު ކުރުމުގެ ގޮތުން. ސަރުކާރުން އެ ބިލް އަނބުރާ ގެނެސްފައި، ހަމައެކަނި މި މާއްދާއަށް ޢަމަލުކުރުން ހުއްޓާލުމަށް ހުށަހެޅީ. އެގޮތަށް މިހާރު މަޖިލީހުން ފާސްވެގެން އެކަން މިކުރީ. އެއީ މިކަން މި ހިނގައިދިޔަ ގޮތަކީ. އަދި މިކަމާ ގުޅިގެން، ޚަބަރުފަތުރާ ވަސީލަތްތަކުގެ ބޭފުޅުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ތިޔަބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ބައެއް ސުވާލު ހުރީވިއްޔާ އެކަމުގެ ފުރުޞަތު ތިޔަބޭފުޅުންނަށް އަރުވަން.