بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، މިރެއަކީ މުޅި އިސްލާމީ ދުނިޔޭގައި އިސްރާއާއި މިޢްރާޖުގެ މަތިވެރި ޒިކްރާ އާކުރެވޭ ރޭ. އެންމެހާ މުސްލިމުން، މާތްﷲ ކީރިތި ރަސޫލާއަށް އެ ދެއްވި މަތިވެރި މުޢްޖިޒާތުގެ މަތިން ހަނދާންކޮށް، އެކަމުން ޢިބްރަތް ހާސިލުކުރާ ރޭ. މިއުފާވެރި މުނާސަބަތުގައި މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި ހުރިހާ ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށް އަދި މިޕްރޮގްރާމް ހިނގަމުންދާގޮތް ބައްލަވަމުން ގެންދަވާ، މި ޕްރޮގްރާމްގައި ދެކެވޭ ވާހަކަތައް އަޑުއައްސަވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ޝައްކެއްނެތްގޮތުގައި، އިސްރާއާއި މިޢްރާޖަކީ، ވަރަށް މަތިވެރި އިލާހީ މުޢްޖިޒާތެއް. ވަރަށް ވަރުގަދަ އިލާހީ ޙިކްމަތްތަކެއް، އެކަމުގައި އެކުލެވިގެންވާ އާދަޔާ ޚިލާފު ހާދިސާއެއް. އެހެންކަމުން އެންމެހާ މުސްލިމުންގެ ހިތްތަކުގައި، މި މަތިވެރި ޒިކްރާއަށް ދެވިފައިވަނީ ވަރަށް މަތިވެރި ޤަދަރެއް. އާދެ! އިސްރާއާއި މިޢްރާޖުގެ ވާހަކަ، ތަފްޞީލުކޮށް ދަންނަވާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، މުޢްޖިޒާތަކީ މާތްﷲ މިންވަރު ކުރެއްވި ހިނދެއްގައި، ވެދާނެ ނުވަތަ ވާނެ ކަންތައްތައްކަން. އެއީ، އަޅުގަނޑުމެންގެ ބުއްދިއަށް ފެންނަ ފެނުމުގައި، ފަހަރެއްގައި ގަބޫލުނުކުރެވޭ ކަމަކަށްވިޔަސް، އެކަމަކީ މުއުމިނުންގެ ޙައިސިއްޔަތުން، މާތްﷲ އަށް އީމާންވެގެން ތިބޭ ބަޔެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެން ގަބޫލުކުރުން ލާޒިމު ކަންތައްތަކެއް.

އާދެ! އިސްރާއާއި މިޢްރާޖުގައި މި ހިމެނެނީ ދެބައެއް. އެއްބަޔަކީ އިސްރާ. އިސްރާއަކީ، ކީރިތި ރަސޫލާ މައްކާއިން، އާދެ، އަލްމަސްޖިދުލް ޙަރާމުން ބައިތުލް މަޤްދިސަށް، އަލްމަސްޖިދުލް އަޤްޞާއަށް ރޭގަނޑުގެ ވަގުތެއްގައި ކުރެއްވި ދަތުރުފުޅު. ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި. ދެވަނަ ބަޔަކީ މިޢްރާޖުގެ ބައި. އެއީ އެތަނުން މަލަކޫތީ ޢާލަމަށް ކީރިތި ރަސޫލާ ދަތުރުކުރެއްވި ކުރެއްވުން. އެއީވެސް ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި. މި ދެކަންތައް ހިނގައިދިޔައީ ކީރިތި ރަސޫލާގެ ހަށިކޮޅާއި، ފުރާނަފުޅުން ކުރެއްވި ދަތުރުފުޅެއްގެ ގޮތުގައި. މިކަމަކީ ބައެއް މީހުންނަށް، ޚާއްޞަކޮށް، އެބަޔެއްގެ ހިތުގައި އެކިކަހަލަ ޝައްކު އުފެދިފައިވާ މީހުންނަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ. އެކަމަކު ޙަޤީޤަތަކީ މުޢްޖިޒާތަކީ، ﷲ އިރާދަކުރެއްވި ކޮންމެ ވަގުތަކުވެސް ހިނގާފާނެ، ނުވަތަ ހިނގާނެ ކަމެއްކަން، އަޅުގަނޑުމެން ގަބޫލުކުރުން.

އާދެ! މުޢްޖިޒާތަކީ ކޮބައިތޯ؟ މުޢްޖިޒާތަކީ، އާދައިގައި ހިނގާފާނެ ކަމަށް ބުއްދި ގަބޫލުނުކުރާ ކަންތައްތައް ހިނގުން. އެހެންވީމާ، ކީރިތި ރަސޫލާ އެ ކުރެއްވި އިސްރާއާއި، އެ ކުރެއްވި މިޢްރާޖަކީ، އާދައިގައި ހިނގާފާނެ ކަމަށް ބުއްދި ގަބޫލުނުކުރާ ކަންތައްތަކެއް. އެހެންނަމަވެސް، މާތްﷲގެ ކުޅަދުންވަންތަކަމުން އެ މަތިވެރި ދެ މުޢްޖިޒާތް، ކީރިތި ރަސޫލާއަށް ހަދިޔާ ކުރެއްވި. އެހެންވީމާ، މުސްލިމުންގެ ހައިސިއްޔަތުން، މުއުމިނުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މި ދެ މުޢްޖިޒާތް ގަބޫލުކުރަންޖެހޭނެ.

އާދެ! މިރޭ ހިނގި އެންމެ މުހިންމު ހާދިސާއަކީ، މި އުންމަތުގެ މައްޗަށް މާތްﷲ ފަރުޟު ފަސްނަމާދު ފަރުޟު ކުރެއްވިކަން. އެއްވެސް މެދުވެރިއަކުނެތި، ސީދާ ރަސޫލާއަށް، މާތްﷲ ބަސްފުޅު ވަޙީ ކުރައްވައިގެން، މި މަތިވެރި އަޅުކަން އެކަށައަޅުއްވާފައި މިވަނީ. މިގޮތަށް އެކަށައެޅުއްވި އެހެން އެއްވެސް އަޅުކަމެއް އިސްލާމްދީނަކު ނެތް. އަދި އެހެން ދީނަކުވެސް ނެތް. އެހެންވީމާ، މިކަމުން އެނގެނީ، ނަމާދަކީ ވަރަށް މާތް، ވަރަށް ޚާއްޞަ އަޅުކަމެއްކަން. އިސްލާމްދީނުގެ އެހެން ފަރުޟުތަކާ ތަފާތު އަޅުކަމެއްކަން. މިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރުން ލާޒިމު. ހަނދާން ކުރުމަކީ، މާތްﷲ، އަޅުގަނޑުމެންގެ މައްޗަށް ފަރުޟު ކުރައްވާފައި މިވާ ނަމާދަށް ރައްކާތެރިވުން. ކޮންމެ ނަމާދެއްވެސް، އެ ނަމާދުގެ ވަގުތުގައި އަދާކުރުން. އެ ނަމާދަށް، އަބަދުވެސް ފަރުވާބެހެއްޓުން. ފަރުވާކުޑަނުކުރުން. އާދެ! މިއީ، އަޅުގަނޑުމެންނަށް، މި މަތިވެރި ހާދިސާއިން އެންމެ ފުރަތަމަވެސް ދަސްވާންވީ ފިލާވަޅަކީ.

އަދި ޚާއްޞަކޮށް، މިރޭގެ މިޖަލްސާގައި، ވަރަށްގިނަ ޢަދަދަކަށް، އަޅުގަނޑުމެންގެ ކުޑަކުދިން ތިބުމާ އެކީގައި، އެ ކުދިންނަށް ނަސޭހަތުގެ ގޮތުން، އަޅުގަނޑު ބުނަން އޮތް ވާހަކައަކީ، ތިޔަ ހުރިހާ ކުދިންވެސް ނަމާދަށް ރައްކާތެރިވާށޭ. ކޮންމެ ކުއްޖަކުވެސް، ނަމާދުގެ ވަގުތު ޖެހުނީމާ، ނަމާދު ކުރަން އަވަސްވެގަންނާށޭ. އެއްވެސް ފަރުޟު ނަމާދެއް ދޫކޮށްނުލާށޭ. އެކަމަށް، އެންމެ ބޮޑު ސަމާލުކަމެއްދޭ ބަޔަކީ، ތިޔަ ކުދިން ކަމުގައިވާށޭ. އޭރުން ތިޔަ ކުދިން ބޮޑުވާއިރު، ތިޔަ ކުދިންނަކީ ނަމާދުކުރަން އާދަވެފައިވާ ބަޔަކަށްވާނެ. އަދި ނަމާދުން ތިޔަ ކުދިންނަށް ލިބެންޖެހޭ ރޫޙާނީ ފިލާވަޅުތަކާއި، ޢަމަލީ ފިލާވަޅުތަކާއި ފައިދާތައް ލިބިގެންދާނެ. ނަމާދަކީ ވަރަށް ގިނަގުނަ ފައިދާތަކެއް، އެކަމުގެ ސަބަބުން އިންސާނާއަށް ލިބިގަނެވޭ ކަމެއް. މިކަމުގެ ފައިދާ އެނގޭނީ، ނަމާދުކުރާ ބަޔަކަށް. އެހެންވީމާ، މި ޖަލްސާއަށް ހާޒިރުވެ ތިބި ހުރިހާ ކުޑަކުދިން، އަދި މިޖަލްސާގެ އަޑުއަހަމުންދާ، ބަލަމުންގެންދާ ކުޑަކުދިން، މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުން އެދެން. ކުޑަކުދިންނޭ އަޅުގަނޑު މިބުނީ ކޮންމެހެން، ބޮޑެތި ބޭފުޅުން އިސްތިސްނާ ކުރުމުގެ ބޭނުމަކުނޫން. އެހެންނަމަވެސް، ބޮޑެތި ބޭފުޅުންނަށް، ނަމާދުގެ މުހިންމުކަމާއި، އެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެބޭފުޅުންނަށް، އެކަމާ ބެހޭގޮތުން އިތުރު އެއްޗެއް ދަންނަވާކަށެއް ނުޖެހޭ.

އާދެ! މިރޭގެ މި އުފާވެރި ޖަލްސާގައި، މިއޮތީ ކީރިތި ޤުރްއާން ކިޔެވުމުގެ 23 ވަނަ ޤައުމީ މުބާރާތުގެ އެކި އުމުރުފުރާތަކުން މަތީ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމު ދިނުން. އަދި މަތީ ވަނަތައް ޙާޞިލުކުރި ސްކޫލްތަކަށްވެސް އިނާމު ދިނުން. އަދި އަމިއްލަ ގޮތުން ބައިވެރިވި މީހުންގެ ތެރެއިން އިނާމު ލިބޭ ފަރާތްތަކަށްވެސް އިނާމު ދިނުން. އެހެންވީމާ، އެ އިނާމު މިރޭ ޙާޞިލުކުރާ ހުރިހާ ކުޑަކުދިންނަށާއި، ސްކޫލްތަކަށާއި، އަމިއްލަ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

ހަމައެހެންމެ، މި މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކުލާސްތަކަށްވެސް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ހަމަ މިރޭގެ ޖަލްސާގައި، ދީނީ މަޒްމޫނު ލިޔުމާއި، ދީނީ ޅެންހެދުމުގެ 13 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުންވެސް އެބައޮތް. އެ މުބާރާތުގެ އެކި އުމުރުފުރާތަކުން އިނާމު ޙާޞިލުކުރާ ދަރިވަރުންނަށާއި، ސްކޫލް މަދަރުސާތަކުންނާއި، އަމިއްލަ މީހުންގެ ތެރެއިން އިނާމު ޙާޞިލުކުރާ މީހުންނަށްވެސް، މިރޭ އަޅުގަނޑު ވަރަށް ޚާއްޞަ ތަހުނިޔާއަކާއި މުބާރަކްބާދީއެއް އަދާކުރަން.

މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، މިރޭ ސަނަދާއި އިނާމު ޙާޞިލު ކުރައްވާ ފަސް ބޭފުޅަކު އެބަ ތިއްބެވި. އެހެންކަމުން، އެބޭފުޅުންނަށްވެސް، އެބޭފުޅުން، އެ ޙާޞިލު ކުރެއްވި މަތިވެރި ކާމިޔާބީގެ އުފާ އަޅުގަނޑުވެސް ޙިއްޞާކޮށް، އެ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. ޤުރްއާން ހިތުދަސްކުރައްވައިގެން، މިފަހަރު ސަނަދު ލިބިވަޑައިގަންނަވާ، ފަސް ބޭފުޅުންނަކީވެސް އަންހެން ބޭފުޅުން. އާދެ! މިއީ، އަންހެން ބޭފުޅުން ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށް، އަދި ކީރިތި ޤުރްއާނަށް ދޭންޖެހޭ ސަމާލުކަމާއި، ބަހައްޓަންޖެހޭ ޤަދަރު ބެހެއްޓެވުމަށް، އަންހެން ބޭފުޅުން ދެއްވާ ސަމާލުކަމުގެ ބޮޑުކަން އަޅުގަނޑުމެންނަށް ފެނިގެންދާ ކަމެއް. އެކަމަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ތަހުނިޔާ ދަންނަވައި، ޝުކުރު އަދާކުރަން.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިހާރު ހިންގަވަމުން ގެންދަވާ، ޤުރްއާން ހިތުދަސްކުރާ ކުލާސްތަކުގައިވެސް ގިނައީ އަންހެން ބޭފުޅުން. އަދި ވޭތުވެދިޔަ އަހަރު، ޤުރްއާން ހިތުދަސްކޮށްގެން އިނާމު ލިބުނު ބޭފުޅުންނަށް ބަލާއިރު، މިދިޔަ އަހަރު ހަތަރު ބޭފުޅަކީ، އަންހެން ބޭފުޅުން ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވޭ. ފިރިހެން އެންމެ ބޭފުޅެއް. އެހެންވީމާ، މިދިޔަ އަހަރުވެސް، މިއަހަރުވެސް އަޅުގަނޑުމެންނަށް، މިކަމުގައި އަންހެން ބޭފުޅުން، ވަރަށް މަތިވެރި ކާމިޔާބީއެއް ޙާޞިލު ކުރައްވާފައިވާތަން ފެންނާތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، އަދިވެސް އެއްފަހަރު ހުރިހާ އަންހެން ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ކޮންމެ އަހަރަކުވެސް ބާއްވަވަމުން މި ގެންދަވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ހިންގަވާ މުބާރާތެއް. އަޅުގަނޑުމެންގެ ކިޔަވާ ކުދިންގެ ހިތްތަކުގަޔާއި، ޒުވާނުންގެ ހިތްތަކުގަޔާއި، އާންމު އަފްރާދުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސެވުމުގެ ގޮތުން، ކީރިތި ޤުރްއާނަށް އަޅުގަނޑުމެން ކުރާ އިޙްތިރާމާއި ޤަދަރު އިތުރުކުރުމުގެ ގޮތުން، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެން ޢަމަލުކޮށް، ކީރިތި ޤުރްއާނުގައި ދައްކަވާފައިވާ ރީތިމަގުން ހިނގުމަށް ހިތްވަރު ދެއްވުމަށް، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ކުރައްވާ ވަރަށްބޮޑު މަސައްކަތެއް. އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް، ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމަށާއި، އެ މަޖިލީހުގެ ނައިބު ރައީސް، ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙަންމަދަށާއި، އެހެން ހިންގުންތެރިންނަށާއި، ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ރާއްޖޭގައި ކީރިތި ޤުރްއާނަށް ދެވޭ ޝައުޤުވެރިކަން، އެއްދުވަހުން އަނެއް ދުވަހަށް މި އަންނަނީ އިތުރުވަމުން. މަދަރުސާތަކުން، ބެލެނިވެރިން، ކިޔަވާކުދިން، އަމިއްލަ ޖަމްޢިއްޔާތަކުން، ޤުރްއާން ކުލާސްތަކުން، މިހުރިހާ ތަންތަނަކުން، އަދި މިހުރިހާ ފަރާތްތަކުން ކީރިތި ޤުރްއާނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު އިތުރުވެގެންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރުން ޙައްޤު ކަމެއް.

އާދެ! ކީރިތި ޤުރްއާން، ތަޖުވީދުގެ މަގުން ރީތިކޮށް ކިޔެވުމަކީ، ވަރަށްމޮޅު ފަންނެއް. އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މި ފަންނު ކިޔަވައިދެމުންގެންދޭ. އަދި މިކަމާބެހޭ މުބާރާތްތައް ބާއްވަމުން ގެންދޭ. ރާއްޖެވެސް އެފަދަ މުބާރާތްތަކުގައި މިދަނީ ބައިވެރިވަމުން. މިހާރު ޤުރްއާން ކިޔެވުމުގެ ފަންނުގައި ރާއްޖެ ކުރިއަށް ގޮސްފައިވާވަރު، އަޅުގަނޑުމެންނަށް ވިސްނައިގަނެވޭނެ. މީގެ ސާޅީހަކަށް އަހަރު ކުރިން، ބޭރު ޤައުމުތަކުގައި ބޭއްވޭ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުދިން ކިޔެވީމާ، އެތަނުން ފެނިގެން އެދާ މަންޒަރާ، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުން ބޭރު ޤައުމުތަކުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުގައި، ދިވެހި ކުދިން އެ ކިޔަވާ ކިޔެވުމަށް ލިބޭ ތަރުޙީބާއި، އެކުދިން އެ ޙާޞިލުކުރާ އިނާމުތަކާއި، މިކަމަށް ވިސްނާލީމާ، މި ރޮނގުންވެސް ރާއްޖެ ޙާޞިލުކޮށްފައިވާ ކާމިޔާބީ، ވަރަށް ރަނގަޅަށް ފެނިގެން އެބަދޭ.

އާދެ، އަޅުގަނޑު މި ދެންނެވި ވާހަކަ، މިތާ ތިއްބެވި ވަރަށްގިނަ ޒުވާނުންނަށް ނޭނގޭނެ. އެހެންނަމަވެސް، މިތާނގައި ތިއްބެވި ތަންކޮޅެއް ހަރު ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މީގެ ސާޅީހަކަށް އަހަރު ކުރިން އަޅުގަނޑުމެން ބައިވެރިވި އެކަހަލަ މުބާރާތްތަކުގައި، އަޅުގަނޑުމެންގެ ކުދިންނަކަށް މާބޮޑު ތަރުޙީބެއް ނުލިބުނު. އަދި އަޑުއަހަން ތިބި މީހުންގެ ފަރާތުން ބައެއްފަހަރަށް، ތަންކޮޅެއް ދެރަ ގޮތްގޮތަށްވެސް، ކަންތައް ހިނގާފައި އެބަހުރި. އެހެންނަމަވެސް، މިހާރު ރާއްޖޭގެ ކުދިން، ބޭރު ދުނިޔޭގެ މުބާރާތްތަކުގައި ކިޔެވީމާ، އެ ލިބެނީ ތަޢުރީފު. އެކިއެކި މުބާރާތްތަކުން އެ އަންނަނީ، މަތީ ވަނަ ހޯދައިގެން. 1 ވަނަ، 2 ވަނަ 3 ވަނަ ހޯދައިގެން، އެ އަންނަނީ، ދިވެހިރާއްޖޭގެ ކުދިން. އެހެންވީމާ، މިކަމުން ދައްކައިދެނީ، މިރޮނގުންވެސް އަޅުގަނޑުމެންނަށް ޙާޞިލު ކުރެވިފައިވާ ކާމިޔާބީގެ ބޮޑުކަން.

އާދެ! ކާމިޔާބީއަކީ މަސައްކަތެއް ނުކޮށް ލިބޭނެ އެއްޗެއް ނޫން. ކުރިއެރުމަކީ ދާތަކެއް ނުއޮހޮރުވައި، ވަގުތުތަކެއް ހޭދަނުކޮށް، ހިތްމަތްތަކެއް ނުކޮށް، ޙާޞިލު ކުރެވޭނެ އެއްޗެއް ނޫން. މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. މި ފަންނު ކުރިއަށް ގެންދިޔުމުގައި އަދި ރާއްޖޭގެ ކުދިން ރީތިކޮށް ޤުރްއާން ކިޔަވާ ގޮތަށް، އެކުދިންނަށް މިކަންތައް ދަސްކޮށްދިނުމުގައި އަދި އެކުދިން މިހާރު އެ ޙާޞިލުކުރި މަތީ މަގާމުތައް ޙާޞިލު ކުރުމުގައި، ވަރަށްގިނަ ބަޔެއްގެ އެހީތެރިކަންވަނީ ލިބިފައި. އެކަމަށްވަނީ ވަރަށް ބޮޑެތި ސަބަބުތަކެއް މެދުވެރިވެފައި. އާދެ! ސަރުކާރުގެ ސިޔާސަތު. މިކަމަށް ސަރުކާރުންދޭ އަހަންމިއްޔަތު. ރާއްޖެއިން ބޭރުން ޤުރްއާން މުދައްރިސުން ގެނެސްގެން، ރާއްޖޭގައި ފުރަތަމަ ކިޔަވައިދޭން ފެށިކަން. ރާއްޖޭގެ ދަރިވަރުންނަށް، ޤުރްއާން ކިޔެވުމުގެ ހުނަރު ދަސްކޮށްދިނުމަށްޓަކައި، ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަން. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި، ޤުރްއާން ކިޔެވުމަށް ދެވިފައިވާ އަހަންމިއްޔަތު. އޭގެއިތުރުން، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާއި އަދި ޤުރްއާން ކުލާސްތަކުން، މިކަމަށް ބަހައްޓަވާ ޝައުޤުވެރިކަން. ބެލެނިވެރިން، މައިންބަފައިން މިކަމަށް ދެއްވާ އަހަންމިއްޔަތު. އަޅުގަނޑުމެންގެ ކުޑަކުދިން، ޤުރްއާނަށް އެވާ ލޯބި. މި ހުރިހާ ކަމެއްގެ ސަބަބުން، އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ، މިހާރު މިހިސާބަށް ދެވިފައި މިވަނީ. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން އުފާކޮށް، އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑަށް ފެނޭ.

އާދެ! ކީރިތި ޤުރްއާނަކީ، އަޅުގަނޑުމެން އެންމެންގެ އެންމެ މަތިވެރި އެންމެ މާތް ދުސްތޫރު. އެއީ، އިލާހީ ޤާނޫނު. އެ ޤުރްއާނަށް، އަޅުގަނޑުމެން ކިޔަމަންތެރިވާންޖެހޭނެ. އެޤުރްއާނުގެ ޙުކުމްތަކަށް، އަޅުގަނޑުމެން ބޯލަނބަން ޖެހޭނެ. އެ ޤުރްއާނުގެ އިރުޝާދުތަކަށް އަޅުގަނޑުމެން ކަމޭހިތަންޖެހޭނެ. އޭގައި އަންގަވާފައިވާ މަތިވެރި އަޚްލާޤު ލިބިގަތުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ. ޤުރްއާނަކީ ހަމައެކަނި ކިޔަވާލައިގެން ފުއްދާލެވެން އޮތް ފޮތެއް ނޫން. ޤުރްއާން ކިޔެވުމަކީ، އޭގެ ޒާތުގައި އަޅުކަމެއް. ސަވާބު ލިބޭ ކަމެއް. ޤުރްއާން ހިތުދަސްކުރުމަކީވެސް އަޅުކަމެއް. ސަވާބު ލިބޭ ކަމެއް. އެކަމަކު ހަމައެކަނި ޤުރްއާން ކިޔަވައިގެން، ނުވަތަ ޤުރްއާން ހިތުދަސްކޮށްގެން އަޅުގަނޑުމެންނަށް ފުއްދާލެވޭކަށް ނޯންނާނެ. އެ ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް، ކަންތައް ކުރުމަށް، އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން. ޤުރްއާނަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް، މާތްﷲ ދެއްވާފައިވާ އެންމެ މަތިވެރި ޤާނޫނު. އެ ޤާނޫނާ ޚިލާފަށް، އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްގެނެއް ނުވާނެ. އެ ޤާނޫނަށް ދޭންޖެހޭ ޤަދަރާއި، އެ ޤާނޫނަށް އަޅުގަނޑުމެން ކުރަންޖެހޭ އިޙްތިރާމާ، މިކަންތައްތައް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަން ޖެހޭނެ. އެހެންވީމާ، ޤުރްއާން ރީތިކޮށް ކިޔަވާ ކުދިން، އެ ރޮނގުން މަތީ ވަނަތައް ޙާޞިލު ކުރުމުގެ އިތުރުން، އެކުދިން އެބަޖެހޭ، ޤުރްއާނުގައިވާ އެއްޗެއް ދަސްކުރަން. ޤުރްއާނުގައި އަންގަވާފައިވާ ކަންތައްތައް، އެއީ ކޮން ކަންތައްތަކެއްތޯ، ކޮބައިތޯ އޮޅުންފިލުވަން. އެ ކަންތައްތަކަށް، އެކުދިންގެ ޙަޔާތުގައި ޢަމަލީސިފަ ގެންނަން. މިގޮތަށް ޢަމަލުކޮށްގެން، އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގެ ފައިދާ ލިބިގެންދާނީ.

އެހެންވީމާ، އަޅުގަނޑު މިރޭ، އަޅުގަނޑުމެންގެ މިތިބަ ދަރިވަރުންނަށް ކުރާ އިލްތިމާސަކީ، ތިޔަ ހުރިހާ ކުދިން، ކީރިތި ޤުރްއާނަށް ތިޔަ ބަހައްޓާ ލޯތްބާއި ޤަދަރު އިތުރުކުރުމުގެ ގޮތުން، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ އެންގެވުންތަކަށް ކަމޭހިތާށޭ. އެ އެންގެވުންތަކަށް ބޯލަނބާށޭ. އެއާ އެއްގޮތަށް ޢަމަލުކުރާށޭ. އަދި ޤުރްއާނުގައި މުއުމިނުންގެ ސިފަތައް ކަމުގައި ސިފަކޮށްދެއްވާފައިވާ ސިފަތައް، ތިޔަ ކުދިން ލިބިގަންނާށޭ. ތިޔަ ކުދިންނަކީ، ތެދުވެރި، ތެދުބުނާ ބަޔަކު ކަމުގައިވާށޭ. އަމާނާތްތެރި ބަޔަކު ކަމުގައިވާށޭ. އެކަކު އަނެކަކަށް ކަމޭހިތާ ބަޔަކު ކަމުގައިވާށޭ. މައިންބަފައިންނަށް ކިޔަމަންވާ ބަޔަކު ކަމުގައިވާށޭ. މުދައްރިސުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާށޭ. އެއްވެސް މީހަކާ ދޭތެރޭގައި ނުރަނގަޅު އެއްޗެއް ނުބުނާށޭ. މީހަކަށް އިހާނެތި ބަހެއް ނުބުނާށޭ. އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާށޭ. ދީނުގައި އަންގަވާފައިވާ ސާފުސީދާ ތެދުމަގުގައި ސާބިތުވެ ތިބޭށޭ. އެގޮތުގެ މަތިން ތިޔަކުދިން ތިބެއްޖެނަމަ، ޝައްކެއްނެތްގޮތުގައި، މި ދުނިޔެއާއި އާޚިރަތުގައި މާތްﷲ، ތިޔަ ހުރިހާ ކުދިންނަށް، ޘަވާބާއި މަޣްފިރަތާއި، އެކަލާނގެ ރުއްސެވުން މިންވަރު ކުރައްވާނެ.

އާދެ! މިރޭގެ މިޖަލްސާގައި، ވަރަށްގިނަ އިނާމުތަކެއްވެސް ދިނުމަށް ހަމަޖެހިފައިވާތީއާ އެކީގައި، އަޅުގަނޑުގެ ވާހަކަ ދެން މާދިގު ކުރާކަށް ގަސްދެއް ނުކުރަން.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި، އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ކީރިތި ޤުރްއާނަށް ދޭންޖެހޭ ލޯބި ދިނުމުގައި، އެކަލާނގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށި! ކީރިތި ޤުރްއާނުގައިވާ ގޮތަށް، ޢަމަލުކުރުމުގެ ޢަޒުމާއި ހިތްވަރާއި ކެރުމާއި، އެކަމުގެ މަދަދުވެސް އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ސާބިތުވެ ތިބޭ، ކީރިތި ޤުރްއާނަށް އިޙްތިރާމްކުރާ، ޤުރްއާނުގައިވާ ގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.