بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އަޅުގަނޑު، ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ތިޔަބޭފުޅުންނާ މިއަދު މި ބައްދަލުކޮށްލީ، ޤާނޫނުއަސާސީ ތަޞްދީޤުކުރުމާ ބެހޭގޮތުން މިހާރު އަޅުގަނޑު ނިންމާފައިވާ ގޮތް، ތިޔަބޭފުޅުން މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންނަށް ދެންނެވުމަށްޓަކައި.

މިއަދު އަޅުގަނޑު ކަންތައް ގެންދަން ގަސްދުކުރާ ގޮތަކީ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމާ ބެހޭގޮތުން ނިންމާފައިވާ ގޮތް އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރަތަމަ ދަންނަވާލާނީ. އެއަށްފަހުގައި ތިޔަބޭފުޅުން ބޭނުންފުޅުވަންޏާ، ދެތިންހަތަރު ސުވާލަކަށް އަޅުގަނޑު ފުރުޞަތު އަރުވާނަން. އޭގެފަހުން، މިކަމުގެ ތަފްޞީލުތަކަށް ވަޑައިގަންނަވަން ބޭނުންފުޅުވަންޏާ، އެ ސުވާލުތަކަށް ޖަވާބުދެއްވާނެ މިތާ މި ތިއްބެވި ބޭފުޅުން. ޚާއްޞަކޮށް، ލީގަލް ރިފޯމް މިނިސްޓަރ އަލްއުސްތާޛް މުޙަންމަދު ނަޝީދާއި، އެޓަރނީޖެނެރަލް އަލްއުސްތާޛާ ޢާޒިމާ ޝަކޫރާ އަދި މިއޮފީހުގެ މިނިސްޓަރ އަލްފާޟިލާ އަނީސާ އަޙްމަދާ މި ތިން ބޭފުޅުން، ތިޔަބޭފުޅުން ކުރައްވާ އިތުރު ސުވާލުތަކަށް ޖަވާބުދެއްވާނެ. އެއީ އަޅުގަނޑު ގަސްދުކޮށްފައި އޮތް ގޮތަކީ.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އަޅުގަނޑު އެއްކުރީ 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު. އެ މަޖިލިސް އެ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން މި ގެންދެވީ، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމަށް. އެހެންނަމަވެސް، މަސައްކަތް ނިމިގެން އައިއިރު އޮތީ މުޅިން އާ ޤާނޫނުއަސާސީއެއް އެކުލަވައިލައްވާފައި. އެ މަސައްކަތް ނިންމެވީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު. އެއީ މަސައްކަތް ފެށްޓެވިތާ 3 އަހަރާއި 11 މަހާއި 7 ދުވަސް ފަހުން. 2008 ޖޫން 26 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 272 ވަނަ ޖަލްސާއިން، އާ ޤާނޫނުއަސާސީ ފާސްކުރައްވައި، މިހާރު ހިނގަމުންދާ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އާ ޤާނޫނުއަސާސީއެއް ތަޞްދީޤު ކުރުމަށް އަޅުގަނޑަށް ފޮނުއްވީ، މި ޖުލައި މަހުގެ 2 ވަނަ ދުވަހު. ޖުލައި މަހުގެ 2 ވަނަ ދުވަހު ލިބުނު ޤާނޫނުއަސާސީގެ ދެލިކޮޕީ ބަލައި، އެ ތަޞްދީޤު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑު މިގެންދިޔައީ ކުރަމުން. އަދި މިވީ 27 ދުވަސް. މިފުރުޞަތުގައި ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ދެކޭގޮތުގައި ޤާނޫނުއަސާސީ ތަޞްދީޤު ކުރުން ލަހެއްނުވެއޭ، އަދި އަޅުގަނޑު ލަހެއްވެސް ނުކުރަމޭ. އޭގެ ތަފްޞީލުތައް އެނގިވަޑައިގަންނަވާނެ. ބައެއް ފަރާތްތަކުން ލަސްކުރިކަމަށް ބުނެ ވާހަކަ ދައްކަމުން އެގެންދަނީ ޙަޤީޤަތާ ޚިލާފަށް.

އާދެ، މިވީ 27 ދުވަހުގެ ތެރޭގައި އަޅުގަނޑު ކުރަންޖެހުނު ގާތްގަނޑަކަށް ހަތް ބާވަތެއްގެ މަސައްކަތް. އެ މަސައްކަތްތަކުގެ ވާހަކަ މިހާރު ދަންނަވާލާނަން. އޭގެތެރެއިން އެއްކަމަކީ، ޤާނޫނުތަކެއް މަޖިލީހުން ފާސްވެގެން، ޙައްލު ހޯދަންޖެހޭ ކަންތައްތަކަށް ޙައްލު ހޯދުން. ރައްޔިތުންގެ މަޖިލީހުން ޤާނޫނުތަކެއް ފާސްވެގެން ޤާނޫނުއަސާސީގައި ބުނާ ކަންތައްތަކަށް ޢަމަލުކުރުމަށްޓަކައި ޙައްލުތަކެއް ހޯދަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނުތައް ފާސްކޮށްގެން އެއަށް ޙައްލު ހޯދުން. މިއީ އެއް މަސައްކަތް. މިގޮތުން އެނގިވަޑައިގަންނަވާނެ، ފުލުހުންގެ ބިލް ރައްޔިތުންގެ މަޖިލީހުންވަނީ މި ޖުލައި މަހުގެ 23 ވަނަ ދުވަހު ފާސްކުރައްވާފައި. ދެން އަޅުގަނޑުމެން ބޭނުންވި އަނެއް ބިލް، އެއީ މިހާރު ހެދިފައިވާ ގަވާއިދުތަކަށް، ޤާނޫނީ ބާރު ލިބިދިނުމުގެ ބިލް. އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައި. އެހެންވީމާ، އަޅުގަނޑު ދެންނެވި ފުރަތަމަ މަސައްކަތް އެ ނިމުނީ.

ދެވަނަ މަސައްކަތަކަށް މިއޮތީ، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މަސްއޫލިއްޔަތަށް އަންނާނެ ބަދަލުތައް ދެނެގަތުމާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، އަލަށް އެކުލަވާލަންޖެހޭ މުއައްސަސާތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް. އެ މަސައްކަތްތައް މިހާރު މި ގެންދަނީ ކުރަމުން.

ތިންވަނަ ކަމަކީ، ދައުލަތުގެ އެޓަރނީޖެނެރަލްގެ ލަފާހޯދުން. ކޮންމެ ޤާނޫނެއް ފާސްވެގެން ތަޞްދީޤު ކުރުމުގެ ކުރިންވެސް، ދައުލަތުގެ އެޓަރނީޖެނެރަލްގެ ލަފާ ހޯދަންޖެހޭ. އެ ލަފާގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޤާނޫނެއް ތަޞްދީޤު ކުރާނީ. ޤާނޫނުއަސާސީއަކީވެސް އިސްތިސްނާއެއް ނޫން. ޤާނޫނުއަސާސީވެސް ޖެހޭނެ އެޓަރނީޖެނެރަލް ބައްލަވާފައި ކަމާބެހޭ ޤާނޫނީ ލަފާދެއްވަން. އެމަސައްކަތް މިހާރު އެޓަރނީޖެނެރަލް ވަނީ ކުރައްވައި ނިންމަވާފައި. އެކަމަނާއަށް ފާހަގަކުރެއްވުނު މައްސަލަތަކެއްވަނީ އަޅުގަނޑުގެ ސަމާލުކަމަށް ގެންނަވާފައި.

ޤާނޫނުއަސާސީ ފާސްވެ ނިމުނު ދުވަހު، އެއީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، އެދުވަހު ޤާނޫނުއަސާސީ ފާސްވި ވަގުތު އަޅުގަނޑު ހުރީ ރާއްޖެއިން ބޭރުގައި. އޭގެފަހުން، ރާއްޖެ އައުމާއެކީގައި އެރޭ އަޅުގަނޑު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވިން. ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި، ޤާނޫނުއަސާސީ ފާސްވެއްޖެ ވާހަކައާއި، ތަޞްދީޤު ކުރަން ވަރަށް އަވަހަށް އަޅުގަނޑަށް ފޮނުއްވާނެކަމާއި، އެހެންވީމާ، މިކަން ގެންދާނެ ގޮތުގެ މަޝްވަރާއަކަށް އެދުނިން. މިއީ ހަތަރުވަނަ ކަމަކީ.

ޤާނޫނުއަސާސީއަކީ ވަރަށް ބޮޑު ޤާނޫނަކަށްވާތީ، ރާއްޖޭގައި އޮންނާނެ އެންމެ މުހިންމު ޤާނޫނު ފާސްވެގެން އައިއިރު އޮތީ ވަރަށް ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޤާނޫނަކަށްވެފައި. އަދި އެމަސައްކަތް ހިނގައިދިޔައީ، 3 އަހަރާ 11 މަހާއި 7 ދުވަހުގެ ތެރޭގައި. މިހާ ދިގު މުއްދަތެއްގެ ތެރޭގައި އެކިފަހަރު އެކި މާއްދާ ފާސްވެގެންދިޔަ ދިޔުމުގައި މައްސަލަތަކެއް ހުރެދާނެތީ، އެ ޤާނޫނުއަސާސީ އެއްކޮޅުން އަނެއްކޮޅަށް ރަނގަޅަށް ދިރާސާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވައިގެން، އަޅުގަނޑަށް ލަފާ ދެއްވީ، ވަޒީރުންގެ ކޮމިޓީއެއް ހޮވަން. ވަޒީރުންގެ ކޮމިޓީއެއް ހޮވާފައި، އެ ކޮމިޓީއާ ހަވާލުކުރިން، ޤާނޫނުއަސާސީ އެއްކޮޅުން އަނެއްކޮޅަށް ވިދާޅުވެ، އޭގައި އެއްވެސް ކަހަލަ މައްސަލައެއް އޮތިއްޔާ އެކަން ފާހަގަކުރައްވައި، އަޅުގަނޑަށް އަންގަވައި ދެއްވުމަށް. މިއީ ވަރަށް ބޮޑު މަސައްކަތެއް. އެކޮމިޓީގެ ބޭފުޅުން ވަރަށް ގިނަ ޖަލްސާތައް ބާއްވަވައިގެން، މި މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވާފައި، އަޅުގަނޑަށް އެބައޮތް، އެބޭފުޅުންނަށް ފާހަގަކުރެއްވުނު ކަންތައްތައް ހުށަހަޅުއްވާފައި.

ފަސްވަނަ މަސައްކަތަކީ، އާ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަމަށް ތައްޔާރުވުމަށް، އެތަންތަނަށް އަންގަންޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް. އެނގިވަޑައިގަންނަވާނެ ފަދައިން، އާ ޤާނޫނުއަސާސީގެ ދަށުން ވަރަށް ބޮޑެތި ބަދަލުތަކެއް އެބައާދޭ. އެހެންވީމާ، ސަރުކާރުގެ ކޮންމެ މުއައްސަސާއަކުންވެސް އެދުވަހަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، އެކަންތައްތައް ސަރުކާރުގެ ހުރިހާ ދާއިރާތަކަށް އެންގުން އެއީވެސް އަޅުގަނޑު ކުރަންޖެހޭ ކަމެއް. އެ މަސައްކަތް މިހާރު މި އޮފީހުން ވަނީ ފަށާފައި.

ހަވަނަ ކަމަކަށް ދަންނަވާލަން އޮތީ، މިކަންކަމަށް ތައްޔާރުވުމާ އެކީގައި އަޅުގަނޑަށް ފޮނުއްވި ޤާނޫނުއަސާސީގެ ކޮޕީ އަޅުގަނޑު ބަލައި ދިރާސާ ކުރިއިރު، އަޅުގަނޑަށް އޮޅުންފިލާފައި އޮތުން މުހިންމު ކަމަށް އަޅުގަނޑު ދެކޭ ބައެއް ކަންތައްތައް ފާހަގަކޮށް، އެކަންކަމާމެދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވުމަށާއި، އަޅުގަނޑު ފާހަގަކޮށްފައިވާ ކަންކަން، އިދާރީގޮތުން ރަނގަޅުކޮށްދެއްވެން އޮތްނަމަ، ރަނގަޅުކޮށްދެއްވުމަށް އެދި، މިއަދު އަޅުގަނޑުވާނީ ޚާއްޞަ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައި.

އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް މި ފޮނުވި ސިޓީއަކީ، ދައުލަތުގެ އެންމެ އިސްވެރިޔަކު، އޭނާގެ ކުރިމައްޗަށް، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށް ހުށަހެޅޭހިނދު، ރަނގަޅަށް އޮޅުންފިލާފައި އޮންނަންޖެހޭ ކަންތައްތަކެއް. އެ ކަންތައްތައް ރަނގަޅަށް އޮޅުންފިލައި، އެ ޖަވާބުތައް ފުރިހަމައަށް ލިބުނީމާ ނޫނީ، މި މަގާމުގައި ހުންނަ މީހަކު، ޤާނޫނުއަސާސީ ތަޞްދީޤު ކުރުންފަދަ މުހިންމު ޤައުމީ މަސްއޫލިއްޔަތެއް، ވާޖިބެއް އަދާކޮށްގެން ނުވާނެ.

އެހެންވީމާ، އެ ކަންތައްތައް އަޅުގަނޑަށް އޮޅުންފިލުއްވައިދެއްވުން އެދި، މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް އަޅުގަނޑު ސިޓީއެއް ފޮނުވައިފިން. އެސިޓީއާ އެކީގައި ފާހަގަކުރެވުނު ހުރިހާ ކަންތައްތަކުގެ ލިސްޓެއް ވާނީ ފޮނުވާފައި. އަޅުގަނޑު އެދެނީ، ވެވަޑައިގެން އެންމެ އަވަހަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް، އަޅުގަނޑު އެދިފައިވާ ކަންތައްތައް އަޅުގަނޑަށް އޮޅުންފިލުއްވައިދެއްވުން.

ދެން ދަންނަވާލަން އޮތީ، 2004 ވަނަ އަހަރު އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކޮށް، އެ މަޖިލީހާ މި މަސައްކަތް މަތިކުރިއިރު އަޅުގަނޑު ޚިޔާލުކޮށްފައި އޮތީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތަކީ، ގާތްގަނޑަކަށް ހަމަސް ދުވަހާއި އެއް އަހަރާ ދޭތެރޭގައި ނިންމެވިދާނެ މަސައްކަތެއް ކަމަށް. އެވާހަކަ އޮންނާނީ ދަންނަވާފައި. އެހެންވީމާ، އެދުވަސްވަރު އަޅުގަނޑު ޚިޔާލުކުރިގޮތް އޮންނާނެ، އެކިއެކި މުނާސަބަތުތަކުގައި ބަޔާންކޮށްފައި. އެއީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ ފާސްކުރެއްވީމާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް، އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން ހުށަހަޅާނަމޭ. އެއީ އޭރު ބުނި ވާހަކައެއް. އެހެންނަމަވެސް، ޤާނޫނުއަސާސީ ފާސްވެގެން އައިއިރު، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތީ ވަރަށް ކުޑަދުވަސްކޮޅެއް. އެހެންވީމާ، އަޅުގަނޑަށް ފެނުނީ، މިވަގުތު ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ތަންދޭ ގޮތަކީ، އަވަހަށް ޤާނޫނުއަސާސީ ތަޞްދީޤުކޮށް، އޭގައިވާ ގޮތުގެ މަތިން ސިޔާސީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ރިޔާސީ އިންތިޚާބެއް ވަރަށް އިންޞާފުވެރި، މިނިވަން ހާމަގޮތެއްގައި މި އަހަރު ބާއްވައި، ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި އަދި ރައްޔިތުންގެ ބައިވެރިވުން އޮންނަ ވެރިކަމަކަށް އަލިވިލޭ، އާ ޒަމާނަކަށް ކުރިމަތިލުން އެއީ މާ މުހިންމު ކަމެއްގެ ގޮތުގައި.

އެހެންވީމާ، ކުރިން ދެންނެވި ގޮތަށް، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާކަށް މިހާރަކު ފުރުޞަތެއް ނެތް. އެއީ ވަރަށް ދިގު މުއްދަތެއް ބޭނުންވާނެ ކަމެއް. ވަރަށް ގިނަ ޚަރަދުތަކެއް ހިނގާނެ ކަމެއް. ކުރިއަށް އޮތީ ވަރަށް ކުޑަދުވަސްކޮޅެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ޤާނޫނުއަސާސީގައި ފާސްވެފައި މިއޮތީ، މިއަހަރުގެ ރިޔާސީ އިންތިޚާބު، މި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާއްވައި، ނަތީޖާ އިޢުލާނު ކުރެވި، ނިމިފައި އޮންނަންވާނެ ކަމަށް. އެހެންވީމާ، މިއޮތް ކުޑަ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ވޯޓަކަށް ދިޔުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއްނޫން. އަދި އެއީ އެއްވެސް ގޮތަކުން ލާޒިމުކަމެއްވެސް ނޫން. އަޅުގަނޑު އަމިއްލައަށް ހުށަހެޅި ޚިޔާލެއް. އެ ޚިޔާލު އެހުށަހެޅީ މާކުރިން ޤާނޫނުއަސާސީ ފާސްވެ ނިމޭނެކަމަށް ބަލާފައި. އޭރުން ވަރަށް ބޮޑު ވަގުތެއް އޮންނާނެ. އެތައް އަހަރެއް އޮންނާނެ، މިއަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އަންނަންދެން. އެކަމަކު މިހާރަކު އެވަގުތެއް ނެތް. އެހެންވީމާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެއް މިހާރަކު ނޯންނާނެ. އޮންނާނީ ޤާނޫނުއަސާސީ ތަޞްދީޤުކޮށް ނިންމާފައި، އޭގެ މައްޗަށް ޢަމަލުކުރުން.

އާދެ، މިވާހަކަތައް ދަންނަވާލުމަށްފަހުގައި، އިތުރު މައްސަލައެއް ދިމާނުވެ، މިހާރު މިގެންދާގޮތަށް ކަންތައްތައް ނިންމާލެވިއްޖެ ކަމަށްވާނަމަ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން، އަޅުގަނޑަށް ފޮނުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ، އިރާދަކުރެއްވިއްޔާ 2008 އޯގަސްޓްމަހުގެ 7ވާ ބުރާސްފަތި ދުވަހު ތަޞްދީޤުކުރަން އަޅުގަނޑު ޚިޔާލުކުރާ ވާހަކަ، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިޢުލާނު ކުރަން.

މި ވާހަކަތައް ދަންނަވާލާފައި، އަޅުގަނޑު ޝުކުރު ދަންނަވާލަންޖެހޭ ބައެއް ފަރާތްތަކެއް ހުރީމާ، ޝުކުރު ދަންނަވާލަން ކުރިމަތިލަން. އާދެ، އެންމެ ފުރަތަމަ ރައްޔިތުންގެ ޚާއްޞަ މަޖިލިސް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައި، 3އަހަރާ 11 މަސް ދުވަހުގެ ތެރޭގައި އާ ޤާނޫނުއަސާސީއެއް އެކުލަވައިލައްވައި، ފާސްކޮށްދެއްވައިފި. އެކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް، އެބޭފުޅުން އެ އަދާކޮށްދެއްވި މުހިންމު ދައުރަށްޓަކައި، އާދެ! އެއީ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ބައެއް ޤާނޫނުތަކެއް ނިންމެވުމުގައި، އެބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބި، އަޅުގަނޑުމެން އެންމެބޮޑަށް ބޭނުންވި ދެ ބިލް މިހާރު މިވަނީ ފާސްކޮށްދެއްވާފައި. އެއް ބިލް ފާސްކޮށްދެއްވީ މީގެ ހަދުވަސް ކުރިން، މިމަހުގެ 23 ވަނަ ދުވަހު. އަނެއް ބިލް ފާސްކޮށްދެއްވީ މިއަދު. އެހެންވީމާ އެބޭފުޅުން މިކަމަށް އެދެއްވި އަހަންމިއްޔަތާއި، އެބެހެއްޓެވި ސަމާލުކަމަށްޓަކައި، އަދި ކޮށްދެއްވި މަސައްކަތަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ދެން ވަޒީރުންގެ މަޖިލިސް. ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް މިކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވި. ހަމައެކަނި މިހާރަކު ނޫން، ރައްޔިތުންގެ ޚާއްޞަ މަޖިލިސް ހިނގަމުން ދިޔައިރު މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން. އަދި އޭގެފަހުން ޚާއްޞަ މަޖިލީހުން މިކަން ނިންމަވާފައި އަޅުގަނޑަށް ފޮނުއްވުމުން، އަޅުގަނޑު ވަޒީރުންގެ މަޖިލީހުގައި މިވާހަކަ ދެއްކި ކިތަންމެ ޖަލްސާއެއްގައި ހުރިހާ ބޭފުޅުން، އެބޭފުޅުންގެ ޚިޔާލުފުޅުތައް ވަރަށް ހަރުދަނާ ގޮތެއްގައި، ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައި، ވަރަށް އަގުހުރި ލަފާފުޅުތަކެއް އަޅުގަނޑަށް ދެއްވި. އެކަމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އޭގެއިތުރުން ވަރަށް ޚާއްޞަގޮތެއްގައި، ލީގަލް ރިފޯމް މިނިސްޓަރ އަލްއުސްތާޛް މުޙަންމަދު ނަޝީދު، އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާޒިމާ ޝަކޫރު، އަދި މިއޮފީހުގެ މިނިސްޓަރ އަލްފާޟިލާ އަނީސާ އަޙްމަދު، އެއިން ކޮންމެ ބޭފުޅަކުވެސް ކޮށްދެއްވީ ބުރަ މަސައްކަތްތަކެއް. މިއީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ދިގު މުއްދަތެއްގައި އެހުރިހާ ބޭފުޅުން ކޮށްދެއްވި ވަރަށް ބުރަ މަސައްކަތްތަކެއް. އަދި ވަރަށް ގިނަ ކަންތައްތައް އަޅުގަނޑަށް ވިސްނަވައިދެއްވައި، ފާހަގަކޮށްދެއްވާފައި އެބަހުރި. އެ މަސައްކަތްތަކަށްޓަކައި ވަރަށް ޚާއްޞަ ގޮތެއްގައި އެ ތިންބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ކުރިންވެސް މިދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ އިތުރު މައްސަލަތަކެއް ދިމާނުވެ މިހާރު މިދާގޮތަށް ދަންޏާ، މިއަންނަ އޯގަސްޓް މަހުގެ 7ވާ ބުރާސްފަތި ދުވަހު، މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު ޤާނޫނުއަސާސީ ތަޞްދީޤު ކުރާނެ ވާހަކަ ދަންނަވަމުން. އަދި ތަޞްދީޤު ކުރާއިރު ދަންނަވާލަންޖެހޭ އިތުރު ވާހަކައަކީ، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިހާރު ފާސްވެފައިވާ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއް، އެމައްޗަށް އަލުން ވިސްނެވުމަކަށް އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހަކަށް ނުފޮނުވަމޭ. އެހެންވީމާ، ރައްޔިތުންގެ ޚާއްސަ މަޖިލީހަށް އެއްވެސް މައްސަލައެއް އަލުން ވިސްނެވުމަށް ނުފޮނުވައި، މިހާރު ޤާނޫނުއަސާސީ ފާސްވެފައި އޮތްގޮތަށް އިރާދުކުރެއްވިއްޔާ، އޯގަސްޓްމަހުގެ 7 ވަނަ ދުވަހު އަޅުގަނޑު ތަޞްދީޤު ކުރާނަން. މިވާހަކަތައް ދަންނަވާލުމަށްފަހުގައި، ތިޔަބޭފުޅުންގެ ދެތިން ސުވާލެއް އޮތީވިއްޔާ ފުރުޞަތު އަރުވަން ގަސްދުކުރަން.

________________________


ނޫސްވެރިން ދެންނެވި ސުވާލުތަކާއި، އެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު

ސުވާލު: މުޙަންމަދު ޖަމީލް – ދިވެހިރާއްޖޭގެ އަޑު

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ރައީސަށް މިއަދު ސިޓީފުޅެއް ފޮނުއްވިކަމަށް. މަނިކުފާނު ކޮންމެހެން އޮޅުންފިލުވަން ބޭނުންފުޅުވާ ކަންތައްތަކެއް ހުރުމާއެކު. އެ ކަންތައްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

އެކަންތައްތަކުގެ ތަފްޞީލު، އަޅުގަނޑުގެ ފަހުން، ލީގަލް ރިފޯމް މިނިސްޓަރ، އެޓަރނީ ޖެނެރަލް މިއޮފީހުގެ މިނިސްޓަރ އަޅުގަނޑުގެ ފަހުން ތިޔަބޭފުޅުންނަށް ދެއްވާނެ. އަދި ތިޔަބޭފުޅުންނަށް އޭގެ ލިޔުންވެސް ދެއްވާނެ. ލިޔުންވެސް ތައްޔާރުވެފައި އޮތީ.

ސުވާލު: މޫނިސާ ޢީސާ – އާފަތިސް

އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ޚާއްސަ މަޖިލިސްގެ ރައީސްގެ ޚިޔާލުފުޅު ހޯއްދަވަން ފޮނުއްވިއިރު، އެއްވެސް ވަރަކަށް އެމަނިކުފާނާ ނުރަސްމީކޮށްވިޔަސް ބައްދަލުކުރައްވާފައި، މިކަންތައް ފުރިހަމައަށް އަވަސްކުރެއްވުމަށް އެއްވެސް ކަހަލަ މަސައްކަތްޕުޅުތަކެއް ކުރެއްވިންތޯ ފޮނުވުމުގެ ކުރިން؟

ރައީސުލްޖުމްހޫރިއްޔާ

އާދެ. އަޅުގަނޑު ތެލެފޯނުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސާ ވާހަކަ ދައްކާފައި ދެންނެވިން، ފަހަރެއްގައި ހުރެދާނެޔޭ ބައެއް ކަންތައްތައް، އަޅުގަނޑު އޮޅުންފިލުވަން ބޭނުންވާ. އެހެންވީމާ، އެކަންތައް ގެންދަވާނީ ކިހިނެއްތޯ. އެމަނިކުފާނު ވަރަށް ޞަރީޙަކޮށް އަޅުގަނޑު ގާތު ވިދާޅުވި، ތިޔަ ފޮނުވާ ހުރިހާ އެއްޗެއް ފޮނުވާށޭ، ތިމަންނާ، ޤާނޫނުގައިވާ ގޮތުގެ މަތިން، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާއާއި، 102 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުރިހާ ކަމެއް ކޮށްދެއްވާނަމޭ. އެހެން ވިދާޅުވެފައި އޮތީ. ދެން އޭގެއިތުރުން، އިތުރު މައްސަލަތަކެއް ފެނުނީމާ ސީދާ އަޅުގަނޑެއް ނޫން، ލީގަލް ރިފޯމް މިނިސްޓަރ މެދުވެރިކޮށް އަޅުގަނޑު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށް އެ މައްސަލަތައް ދަންނަވައި، އަދި އެމަނިކުފާނުގެ ސަމާލުކަމަށް އެކަންތައްތައް ގެނައިން. އެހެންވީމާ، އެކަން އެއޮތީ ކުރެވިފައި.

ސުވާލު: އަޙްމަދު ޒާހިރު – ހަވީރު ނޫސް

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު ވިދާޅުވެދެއްވައިފި ދެންމެއަކު، އޯގަސްޓް މަހުގެ 7ވަނަ ދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވަން ނިންމަވަން ޚިޔާލުކުރައްވާފައި އޮތް ވާހަކަ. ޚާއްސަ މަޖިލިހަށް މިއަދު ތިޔަ ފޮނުއްވި ސިޓީގައި އޮތް ކަންތައްތައް އެމުއްދަތުގެ ތެރޭގައި ރަނގަޅު ނުކުރައްވައިފިއްޔާ، މަނިކުފާނު ކަންތައް ކުރައްވަން ގަސްދުކުރައްވާ ގޮތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ

ކަނޑައެޅިގެން މިވެނިގޮތަކަށޭ ދަންނަވާކަށް ނޭނގޭނެ، އެކަމަކު އަޅުގަނޑު ދަންނަވާލައިފިންތާ، މިދާގޮތަށް ކަންތައް ކުރިއަށްދަންޏާ އިތުރު މައްސަލަތަކެއް ދިމާނުވަންޏާ އިރާދަކުރެއްވިއްޔާ އޯގަސްޓް މަހުގެ 7ވަނަ ދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރާނަމޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ އެއްވެސް މައްސަލައެއް ދިމާނުވާނެކަމަށް. އިރާދަކުރެއްވިއްޔާ، ހަމަ އޯގަސްޓް މަހުގެ 7ވަނަ ދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރެވޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން.

ސުވާލު: ހާމަނޫސް - އިބްރާހީމް ވަޙީދު

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، އެއްވެސް މައްސަލައެއްނެތި މިދާގޮތަށް ދާކަމަށްވަންޏާ، އޯގަސްޓް މަހުގެ 7 ވާ ބުރާސްފަތި ދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވާނެ ކަމަށް. މިހާރު ރިޔާސީ އިންތިޚާބާ މިދުވަސްކޮޅާ ދެމެދު މިއޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. ޤާނޫނުއަސާސީގައި އެބައޮތް ވަރަށް ޞަރީޙަކޮށް މިކަންތައްތައް ދާންޖެހޭނެގޮތް. އެހެންވީމާ، މި ކުޑަދުވަސްކޮޅުގެ ތެރޭގައި ޤާނޫނުއަސާސީ އޯގަސްޓް 7ވަނަ ދުވަހު ތަޞްދީޤު ކުރެއްވުމުން، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމަށް މަނިކުފާނު އަމިއްލަފުޅަށް ގަބޫލުކުރައްވަންތޯ؟ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެންދެވީ މާއްދާއަކުން މާއްދާއަކުން ފާސްވުމުން، 7 ދުވަހުގެ ތެރޭގައި މަނިކުފާނަށް ފޮނުއްވަމުން. އޭރު މައްސަލަތަކެއް ހުރިކަން މަނިކުފާނަށް ފާހަގަކުރެއްވުނުތޯއޭ؟ އޭރު ކީއްވެގެންތޯ އެކަމަށް ޢަމަލީ ފިޔަވަޅު ނޭޅުއްވީ. އަނެއްކޮޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއި ޑީ.އާރް.ޕީއަށް މެޖޯރިޓީ އޮތް ވަރަށް ގިނަ އަދަދެއްގެ މެންބަރުންތަކެއް މަޖިލީހުގައި ތިއްބެވި ކަމަށް މަނިކުފާނުވެސް ވިދާޅުވަމުން ގެންދެވީ. އެހެންވީމާ، އޭރު ކީއްވެގެންތޯ އެކަމަށް ނުވިސްނެވީ؟

ރައީސުލްޖުމްހޫރިއްޔާ

އަދި އަޅުގަނޑު ނުދަންނަވަން ދޮގެއްތޯ! މައްސަލަތަކެއް ހުރެގެން އުޅޭ ވާހަކައެއް. ހީވަނީ ތިޔަ ކުރެއްވި ސުވާލުން ބައިވަރު މައްސަލަތަކެއް ހުރެގެން ކީއްވެހޭ އޭރު ނުބުނީ. އެހެނެއްނޫން ދޮގެއްތޯ އަޅުގަނޑު ދެންނެވީ. އަޅުގަނޑު ދެންނެވީ، އަޅުގަނޑު އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓޭ. އެކަންތައްތައް އޮޅުންފިލުވައި ދެއްވުން އެދި ޚާއްސަ މަޖިލީހުގެ ރައީސަށް ދަންނަވައިފީމޭ. އަދި އަޅުގަނޑު ދެންނެވިން ދޮގެއްތޯ، ޤާނޫނުއަސާސީގައި ފާސްވެފައިވާ އެއްވެސް މާއްދާއެއް ދެވަނަ ވިސްނުމަކަށް އަނބުރައެއް ނުފޮނުވާނަމޭ. އެކަން އެއޮތީ ނިމިފައި. އެހެންވީމާ، އެކަހަލަ ބޮޑެތި މައްސަލަތައް ނެތްކަން އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދެއްކި ވާހަކައިންވެސް.

ދެން ތިޔަ ވިދާޅުވަނީ، މި އޮތް ކުރު މުއްދަތުގެ ތެރޭގައި، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ. އަޅުގަނޑުމެންގެ ވާޖިބެއް ބޭއްވުން، ދޮގެއްތޯ! އެހެނީ ސަރުކާރު އެކަންޏެއްނޫން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އަދި ދިވެހި ރައްޔިތުން ބައިވެރިވެގެން އަޅުގަނޑުމެން އެންމެން އެބަ ޔަޤީންކުރަންޖެހޭ، މިއޮތް ކުރު މުއްދަތުގެ ތެރޭގައި އިންތިޚާބު ބޭއްވޭތޯ ބަލަން. އެއީ ކުރަންޖެހޭނެ ކަމެއް. މިހާރު ޤާނޫނުއަސާސީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެއަކުން ދެން ދުރަށްޖެހެވޭކަށް ނޯންނާނެ. އެކަން އެގޮތަށް ކުރަންޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.

ކުރިން ވިދާޅުވިފަދައިން، ތެދުފުޅެއް، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ކޮންމެ ކަމެއް ފާސްވާއިރަށް، 7 ދުވަހުގެ ތެރޭގައި ފޮނުއްވާނެ. ފޮނުއްވަންޖެހޭ. އެކަމަކު އެއީ ތަޞްދީޤުކުރާކަށް ނޫން. އޭގައި މައްސަލައެއް ހުރިތޯ ބަލާފައި އަނބުރާ ފޮނުވާކަށް ނޫން. އެއީ މުޅިން އެހެން ފޮނުއްވުމެއް. މުޅި ޤާނޫނުއަސާސީ ފާސްވީމާ، ދެން މި ފޮނުއްވަނީ ތަޞްދީޤު ކުރަން. އެއީ އަޅުގަނޑަށް ފެންނަ މައްސަލައެއް އޮތިއްޔާ ދަންނަވަން އޮތް ފުރުޞަތަކީ. އެހެންވީމާ، ކުރިން އެއްޗެއް ދަންނަވާކަށް ނުޖެހޭ.

ސުވާލު: މިނިވަން ނޫސް - އިބްރާހީމް މުޙަންމަދު

ގިނަ ދިވެހިން ޤަބޫލުކުރޭ އިނގޭތޯ، ބޭރުގެ އޮބްޒާވަރުންނާ ނުލައި، މި އިންތިޚާބު މިނިވަން މުސްތަޤިއްލު އިންތިޚާބަކަށް ވެގެން ނުދާނެކަމަށް އިނގޭތޯ. އެއީ މާޒީގެވެސް ރެކޯޑުތަކަށް ބަލާފައި އިނގޭތޯ. އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިއްޖެ، ކުރިއަށް އޮތް ހަފްތާގައި އީ.ޔޫ.އަށް އެބަ އަންގަންޖެހޭ އިނގޭތޯ، އިންތިޚާބު ބޭއްވޭނެ މުއްދަތެއް. އީ.ޔޫ.އަށް މި މުއްދަތު ނޭނގޭކަމަށްވަންޏާ އޮބްޒަރވަރުން ނުފޮނުވާ ގޮތަށް އިނގޭތޯ ހަމަޖެހިފައިވަނީ. އެހެން ވެއްޖެކަމުގައިވާނަމަ، އީ.ޔޫ އިން ވަފްދު ނުފޮނުވާ ކަމަށްވަންޏާ، މަނިކުފާނު ގަބޫލުކުރައްވަންތޯއޭ، މިނިވަން މުސްތަޤިއްލު އިންތިޚާބެއް ކަމަށް ކުރިއަށްދާނީ؟

ރައީސުލްޖުމްހޫރިއްޔާ

މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމުގައި، ބޭރުގެ އެއްވެސް ފަރާތެއްގެ ހާޒިރުވުމެއް ލާޒިމެއްނޫން. އަޅުގަނޑުމެން ދިވެހިރައްޔިތުންނަކީ، ތަޞައްރުފު ފުދިފައި ތިބި ބައެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޤާނޫނުތަކާއި ގަވާއިދުތައް ހުރިކަމަށްވަންޏާ، އަޅުގަނޑުމެންނަށް އަމިއްލައަށްވެސް ބޭއްވެންވާނެ، މިނިވަން އިންޞާފުވެރި އިންތިޚާބެއް. އަޅުގަނޑުމެން، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބާއްވާނީ. އެމީހުން އެ އަންނަނީ ބަލަން. އެއްވެސް ލަފަޔެއް ދޭކަށްނޫން. މިހެންހަދާށޭ، އެހެންހަދާށޭ، ބުނާކަށްނޫން. އޭގެކުރިން އަޅުގަނޑުމެން ލަފާ ހޯދަންޖެހޭ ކަންކަމުގައި، ބޭރުގެ މާހިރުން ގެނެސްގެން، ލަފާ ވަނީ ހޯދާފައި. މިހާރުވެސް އިލެކްޝަންސް ކޮމިޝަނުގައި ހުންނަވާނެ، ބޭރުގެ ތަޖްރިބާކާރެއް. އެހެންވީމާ، މި މީހުން ބޭރުން އެ އަންނަނީކީ އިންތިޚާބު ބާއްވާނެ ގޮތް ކިޔައިދޭކަށް ނޫން. ބާއްވަނީ ރަނގަޅަށްތޯ ބަލާފައި، ފަހުން ރިޕޯޓެއް ހުށަހަޅާނީ. އެހެންވީމާ، އަޅުގަނޑުމެން އަމިއްލަ ނަފުސުގައި، އެ އިތުބާރު އޮންނަންޖެހޭނީ، ދިވެހިރާއްޖެއަކީ މިހާރު ސިޔާސީ ގޮތުންވެސް ތަޞައްރުފު ފުދިފައިވާ ޤައުމެކޭ، ރާއްޖޭގައި ޤާނޫނުތަކެއް އެބަހުއްޓޭ، ގަވާއިދުތަކެއް އެބަހުއްޓޭ، މުއައްސަސާތަކެއް އެބަހުއްޓޭ އަޅުގަނޑުމެންނަށް އަމިއްލައަށް މިނިވަން އިންޞާފުވެރި އިންތިޚާބެއް ބާއްވައިދޭކަށް ނުޖެހޭނެއޭ. އެހެންވީމާ، އެއީ އެއް ކަންތައް. ދެން އީ.ޔޫ.އިން އަޔަސް، ނަޔަސް، ކަން ހިނގާނެ. އީ.ޔޫ އިން ނަޔަސް، އެހެން ޤައުމުތަކުން އަންނާނެ. ކޮމަންވެލްތުންވެސް ފޮނުއްވާނެ. އަދި ސާކް ޤައުމުތަކުންވެސް ފޮނުއްވާ.

ދެން ވިދާޅުވި އެއްޗަކަށްވެސް، އަޅުގަނޑު އެއްޗެއް ދަންނަވަން ބޭނުން. ގިނަ ދިވެހިރައްޔިތުން ދެކޭގޮތުގައި، ކޮންއިރަކުތޯ ސަރވޭ ކުރެއްވީ. ކިތައް ޕަސެންޓްތޯ އެހެން ދެކެނީ. ހަމަ ވިދާޅުވާ އެއްޗެއް. ގިނަ ރައްޔިތުން ދެކޭގޮތުގައި މިހެންނޭ، އަޅުގަނޑަށްވެސް ބުނެވިދާނެ. ގިނަ ރައްޔިތުން ދެކޭގޮތުގައި އެހެން ގޮތަކަށޭ، އެކަހަލަ އެއްޗިހި ވިދާޅުނުވޭ! ރަނގަޅަށް ޙަޤީގަތް ވިދާޅުވަންޖެހޭނީ. އަނެއްކާ މިވޭތުވެދިޔަ ތާނގައި ރާއްޖޭގައި ބޭއްވުނު ހުރިހާ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބެއް. ބޭރުގެ އޮބްޒާވަރުންވެސް އައި، ފަހުގެ ކިތަންމެ އިންތިޚާބަކަށް. ސާކް އޮބްޒަރވަރުންވެސް ވަޑައިގެން ދެއްވާފައި ހުރި ރިޕޯޓްތައް އެހެރީ. އަދި އެނޫން ބޭފުޅުންވެސް ވަޑައިގެން ބައްލަވާފައި އެބަހުރި. އެއްވެސް ފަހަރަކު އެއްވެސް މައްސަލައެއް ނެތް. އަނެއްކާ އަޅުގަނޑުމެންގެ ޤާނޫނު ބުނާގޮތުން، އެއްވެސް މީހެއްގެ ޝަކުވާއެއް އޮތިއްޔާ ހުށަހަޅަން އެބައޮތް މުއްދަތުވެސް. އެހެންވީމާ، މިވޭތުވެދިޔަތާނގައި ބޭއްވުނު ހުރިހާ އިންތިޚާބަކީވެސް ވަރަށް މިނިވަން ވަރަށް އިންޞާފުވެރި އިންތިޚާބު. އެއާ ދެކޮޅަށް އެއްޗެއް ބުނާ މީހަކު، އެ ހަދަނީ ތެދެއްނޫން.

އަދި ފޮރިން މިނިސްޓަރ ދެންމެ އަޅުގަނޑު ގާތު އެ ވިދާޅުވީ، ތިޔަ ވިދާޅުވި ވާހަކަ ތެދެއްވެސް ނޫނޭ. އީ.ޔޫ އިން އަންގާފައެއް ނެތޭ، 7 ދުވަހުގެ ތެރޭގައި ނާންގައިފިއްޔާ މިހެން ނަހަދާނަމޭ، އަންގާފައެއް ނެތޭ. އެހެންވީމާ، ރަނގަޅު ވާހަކަފުޅެއް ނޫން، ތިޔަ ވިދާޅުވީ.

ސުވާލު: ޢަބްދުﷲ ޖަމީލް – ހަވީރު ނޫސް

ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށް އެތެރެޔާއި ބޭރުގެ ފިއްތުންތަކެއް ކުރިމަތިކުރަމުން އެބަގެންދޭ. އަޅުގަނޑުމެންނަށް ދާދިފަހުން ޔޫރަޕިއަން ޔޫނިއަނުން ނެރުނު ޕްރެސްރިލީޒުންވެސް އެބަ ހާމަވޭ، އެބޭފުޅުންވެސް މިކަން އަވަސްކުރުމަށް ބާރުއަޅުއްވާކަން. މިއަދު މަނިކުފާނު ތިޔަ އިޢުލާނު ކުރެއްވީ، އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވާނެ ވާހަކަ. މި މުއްދަތު މިއަދު ތިޔަ އިޢުލާނު ކުރެއްވީ އެއްވެސް ބައެއްގެ ޕްރެޝަރުންތޯ؟ ނޫނިއްޔާ އެއްވެސް ބަޔަކު އަންގާފައި އެބައޮތްތޯ، ވަކި މުއްދަތެއްގެ ތެރޭގައި ތަޞްދީޤު ކުރަން؟

ރައީސުލްޖުމްހޫރިއްޔާ

ވަރަށް މުހިންމު އުސޫލީ ކަންތައްތަކެއް ދަންނަވާލާނަން. ދިވެހި ސަރުކާރަކުން ގަބޫލެއްނުކުރާނެ، ބޭރުގެ އެއްވެސް ފަރާތަކުން އަންގާ އެންގުމެއް. އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. އަޅުގަނޑުމެން ކަންތައް ކުރާނީ އަޅުގަނޑުމެން އަމިއްލަ އިޚްތިޔާރުގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަށް. ބޭރުގެ ފަރާތަކަށް އެއްޗެއް އެންގުމުގެ އިޚްތިޔާރެއް ނޯންނާނެ. މިއީ ރާއްޖޭގެ ދާޚިލީ ކަމެއް. ބޭރުގެ އެއްވެސް ފަރާތަކަށް ނޭންގޭނެ، މިވެނި ކަމެއް މިވެނިގޮތަކަށް ގެންދާށޭ. އެހެންވީމާ، އެއީ އަޅުގަނޑުމެން ބަލައިގަންނާނެ ވާހަކައެއް ނޫން. ނުވެސް އެންގޭނެ. ނުވެސް އަންގާނެ. އެމީހުންނަކީ މާ ތަޞައްރުފު ފުދިފައި ތިބި ބަޔެއް. ނުވެސް އަންގާނެ. އެހެނެއްނޫން، އެމީހުން ތިޔަ ކަންބޮޑުވާކަމުގެ ބަޔާން ތިޔަ ނެރުނީ، ދަންނަވާނީ ވަރަށް ހަމަ ނުޖެހޭގޮތަކަށޭ. އެއީ އޭގެ ކުރީދުވަހު އީ.ޔޫ.ގެ ހުރިހާ ވެރިން، ބްރެސެލްސްގައި ބައްދަލުކުރައްވާފައި، އަޅުގަނޑުމެން މިކަންތައް ގެންދާގޮތުގެ ރަނގަޅު ވާހަކަ އޮތީ ވިދާޅުވެފައި. އެވާހަކަ އިތުރަށް ވިދާޅުވެދެއްވަން އެނގިވަޑައިގަންނަވާނެ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދަށް. އަޅުގަނޑު ދާފަހުން ތިޔަބޭފުޅުން އައްސަވައިފިއްޔާ، ޝާހިދު ވިދާޅުވެދެއްވާނެ، އީ.ޔޫ.ގެ މީހުން ޔޫރަޕްގައި ބުނީ ކީކޭތޯ. އޭގެ އެއްދުވަސް ފަހުން ކޮޅުނބުން ނެރުނު ބަޔާނުގައި އޮތީ ކީކޭތޯ. ވަރަށް ދެކޮޅުނުޖެހޭގޮތަށް އެމީހުން ކަންތައް ކޮށްފައި އޮތީ. އެހެންވީމާ، މިކަހަލަ ކަންތައް އެހެން އެހާބޮޑަށް ނުގެންނަވާށޭ. އަނެއްކާ ބޭރުގެ ފަރާތްތަކަށް އެއްވެސް އިޚްތިޔާރެއް އޮންނާނެހޭ، ރާއްޖޭގައި ކަމެއްކުރަން! ނޯންނާނެ. އަޅުގަނޑުމެންނަކީ ހަމަ ސަތޭކައިންސަތޭކަ މިނިވަން ޤައުމެއް. އަޅުގަނޑުމެން ބޭނުންވާ ގޮތަށް ގެންދާނީ. އަޅުގަނޑުމެންނޭ މި ދެންނެވީ، ދިވެހި ސަރުކާރާއި، ދިވެހިރައްޔިތުން. ބޭރުގެ ފަރާތްތަކުން ބަލަންޏާ، ބަލަން އާދޭ، އަޅުގަނޑުމެންގެ ތެރެއަށް. އަޅުގަނޑުމެން މަރުޙަބާ ކިޔާނަން. ދައްކައިދޭންވެސް ބޭނުންވޭ. އެކަމަކު އެމީހުންނަކަށް އެއްޗެއް ކިޔުމުގެ، އަޅުގަނޑުމެންނަށް ލަފަޔެއް ދިނުމުގެ އެއްވެސް އިޚްތިޔާރެއް ނޯންނާނެ. އަދި ދިނަސް ގަބޫލެއްވެސް ނުކުރާނަން.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން އަޅުގަނޑު ދާނަން. ކުރިންވެސް ދެންނެވިހެން، މިބޭފުޅުންނާ ކުރައްވަން އޮތް ސުވާލެއްވިއްޔާ، ކުރައްވައިގެން ކުރިއަށް ގެންދަވާނީ އިނގޭތޯ! ވަރަށް ބޮޑަށް ޝުކުރިއްޔާ!