بسـم اللّه الرّحـمٰـن الـرّحيـم

الحمـد للَّـه ربّ العـالمـين، والصّـلاة والسّـلام على رسوله الأمين، وعلى آلـه وأصحـابه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ހަމަ ކޮންމެ ދިވެހި ޢާއިލާއަކަށް، ހަމަ ކޮންމެ ދިވެހި އަޚަކަށް، ހަމަ ކޮންމެ ދިވެހި އުޚުތަކަށް، އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ފޮނުވަން.

އަޅުގަނޑުމެންގެ 44 ވަނަ މިނިވަންދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިރާއްޖެ މިއޮތީ، ޒަމާނީ ޑިމޮކްރަސީއެއްގެ ފަތިހަކަށް އަލިވިލުމާ ދާދިގާތުގައި. ޒަމާނީ ދީމުޤްރާޠީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވެމުންމިދާ އިޞްލާޙީ މަސައްކަތުގެ އެންމެ އުސް ތަނބު ކަމަށްވާ، އާ ޤާނޫނުއަސާސީ ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރައްވައި، މީގެ 24 ދުވަސް ކުރިން އަޅުގަނޑަށް ފޮނުއްވާފައި.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވޭ ހިނދުން ފެށިގެން، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން ކުރިމަތިލާނީ، ސިޔާސީ ގޮތުންނާއި، ޤާނޫނީ ގޮތުންނާއި، ދައުލަތް ހިންގުމުގެ ގޮތުންނާއި، ރައްޔިތުންގެ ޝާމިލުވުން އޮތް ވެރިކަމެއްގެ ގޮތުން، މުޅިން އާ ޒަމާނަކަށް މަރުޙަބާ ކިޔުމަށް.

މަތިވެރި އިސްލާމީ އުޞޫލުތަކާއި، ޒަމާނީ، ދީމުޤްރާތީ ހަމަތަކުގެ ގުޅުމުގެ ތެރެއިން ބައްޓަން ކުރެވިފައިވާ، ފުރިހަމަ، މުސްލިމް، ދިވެހި ޑިމޮކްރަސީއަކާ ބައްދަލުކުރުމަށް.

މިކަން މިހެން އޮތުމާއެކު، އާ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަށްޓަކައި، ދިވެހި ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް، އަޅުގަނޑު މިދަނީ ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން. އެކަމުގައި އަޅުގަނޑު އުފުލަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތު، މިދަނީ އަދާކުރަމުން.

މިގޮތުން، ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަޔާއި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އަޅުގަނޑު މިދަނީ ހޯދަމުން. އެބޭފުޅުން ފާހަގަކުރައްވާފައިވާ މުހިންމު ނުކުތާތަކަށް ވިސްނަމުން.

މާތްﷲގެ ވާގިފުޅާއެކު، މާލަސްތަކެއްނުވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީ، އަޅުގަނޑު ތަޞްދީޤު ކުރާނަން.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ ފާސްކުރައްވައި ތަޞްދީޤު ކުރުމަށް އަޅުގަނޑަށް ފޮނުއްވިފަހުން، އެ ޤާނޫނުއަސާސީ ތަޞްދީޤު ނުކުރެވިވާތީ، ބައެއް ސިޔާސީ ޕާޓީތަކުންނާއި، ބައެއް އެހެން ފަރާތްތަކުން، އެކި މިންވަރުގެ ފާޑުކިޔުންތަކާއި ނުތަނަވަސްކަން އުފައްދަމުން ގެންދާތަން ފެންނަމުން އެބަދޭ.

ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަކީ، ހަމައެކަނި ރަސްމިއްޔާތެއް ކަމަށް ދައްކައިދޭން، އެފަރާތްތަކުން މަސައްކަތް ކުރަމުން އެބަދޭ.

އެކަމަށް އަޅުގަނޑު ދޭން އޮތް ޖަވާބު ވަރަށް ސާފުސީދާ. އަޅުގަނޑުގެ ޖަވާބަކީ، ޤާނޫނުއަސާސީ ތަޞްދީޤު ކުރުމަކީ، ހަމައެކަނި ރަސްމިއްޔާތެއް ނޫނޭ. އެއީ، ވަރަށް ބޮޑު ޤައުމީ މަސްއޫލިއްޔަތެކޭ. އެކަން ގަބޫލުކުރައްވާށޭ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން މީހަކު އިންތިޚާބުކުރާ މަޤާމަކަށް އޮތީ، ހަމައެކަނި ދިވެހި ދައުލަތާއި ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމު. އެ މަޤާމަށް ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ހޮއްވަވައިގެން، އެމަޤާމުގައި މިވަގުތު މިހުރީ އަޅުގަނޑު.

އެހެންކަމުން، ދައުލަތުގެ އެންމެމަތީ މަޞްލަޙަތުތައް ރައްކާތެރިކޮށްދިނުމަކީ، މިއަދު އަޅުގަނޑުގެ ޒިންމާއެއް. ޤައުމުގެ އެންމެ އުސް ގޮންޖެހުންތަކާ ކުރިމަތިލުމަކީ، މިއަދު އަޅުގަނޑުގެ މަސްއޫލިއްޔަތެއް. އަދި ހަމައެހެންމެ، ރައްޔިތުންގެ އެންމެމަތީ އުންމީދުތަކަށް އިޖާބަ ދިނުމަކީ، މިއަދު އަޅުގަނޑުގެ ވާޖިބެއް.

މިކަންކަމުގައި އަޅުގަނޑަށްވުރެ ވަކިން ބޮޑު ޒިންމާއެއް އޮތް މީހަކު، އަޅުގަނޑަށްވުރެ ވަކިން ބޮޑު މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހަކު، މިވަގުތަކު މިޤައުމަކު ނުހުންނާނެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން އެއްޗެއް ބުނެވޭނެ ހަމައެކަނި މީހަކީ، މިމަޤާމުގައި ހުންނަ މީހާ.

މިކަންތައްތައް ވަރަށް ރަނގަޅަށް ދެނެހުރެ، ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް ލާޒިމުކުރާ ހުރިހާ ކަމެއް، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑު އަދާކުރާނަން. އެކަމުގައި އަޅުގަނޑު އަމާނާތްތެރިވާނަން.

އަދި ރައްޔިތުންގެ އެންމެމަތީ މަޞްލަޙަތުތައް ރައްކާތެރިކޮށްދީ، މި ދިވެހި ވަޠަން އަމާންކަމުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ އެންމެ އިސް ވާޖިބު، މިއަދު، ދިވެހި ރައްޔިތުން ހަވާލުކޮށްފައިވަނީ އަޅުގަނޑާކަމުން، އެކަމަށް އަޅުގަނޑު ވަފާތެރިވާނަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދިވެހި ޤައުމަށް ސިޔާސީ ހުޅުވާލުމާއި، ބޮޑެތި ނިޒާމީ ބަދަލުތަކެއް އަންނަމުން މިދަނީ، ދުނިޔޭގައި ތެލާއި ކާބޯތަކެތީގެ އަގުތައް މައްޗަށްއަރަމުން، މާލީ ބާޒާރުތަކަށް ނުތަނަވަސްކަން ވެރިވަމުންދާ ވަގުތެއްގައި.

މުޅި ދުނިޔެއަށް ޢާންމުވެފައިވާ މިފަދަ އިޤްތިޞާދީ ހީނަރުކަމެއްގެ ތެރޭގައި، ރާއްޖެފަދަ، ޤައުމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަމަށް ބޭރު ފައިސާގެ ބޮޑުބައެއް ޚަރަދުކުރަމުންދާ ޤައުމަކަށް، ނުހަނު ބޮޑެތި އިޤްތިޞާދީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ.

ސަރުކާރުން ބަލަމުން މިދަނީ، އެ ހީނަރުކަމުގެ ނިސްބަތް ވީހާވެސް ކުޑަކުރެވޭތޯ. އޭޝިޔާ ބައްރުގެ ގިނަ ޤައުމުތަކުގެ ޢާންމު ރައްޔިތުންނަށް ދިމާވެފައިވާފަދަ ދަތިތަކަކާ ރާއްޖޭގެ ރައްޔިތުން ކުރިމަތިލާންނުޖެހި ސަލާމަތް ކުރެވޭތޯ.

އާދެ، ޚަރަދުތައް ކުޑަކޮށް، މުހިންމު މަޝްރޫޢުތަކަށް އެކަނި އިސްކަންދީ، އިތުރަށް އާމްދަނީ ލިބޭނެ ކަންކަން އަވަހަށްކޮށް، އަހަރުގެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޢާންމު ރައްޔިތުންގެ ދިރިއުޅުން ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައިދެވޭތޯ. މާތްﷲގެ ވާގިފުޅާއެކު، ސަރުކާރުން މި ކުރާ މަސައްކަތުގެ ފައިދާ އަޅުގަނޑުމެން އެންމެންނަށްވެސް ކުރާނެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މިފަދަ ކޮންމެ ޤައުމީ މުނާސަބަތެއްގައި، ދިވެހިން ދިވެހިންނަށްވާ އަސާސީ ބައެއް ސިފަތަކުގެ މައްޗަށް އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑު ކުރަމުން އަންނަ ކަމެއް. އެހެންކަމުން، މިއަދުވެސް، އަޅުގަނޑު އެ ރޮނގުން އެއްޗެއް ދަންނަވާލަން ބޭނުން.

ތަފާތު މައްސަލަތައް ކުރިމަތިވެ، އެ މައްސަލަތައް ޙައްލު ނުކުރެވިގެން އުޅޭ ގިނަ ޤައުމުތަކެއް އަޅުގަނޑުމެންގެ ވަށައިގެންވާހިނދު، ބިޔަ އިންޑިޔާ ކަނޑުގައި، ތިން ލައްކައެއްހާ ދިވެހިންނަށް، ފަޚުރުވެރި ކާމިޔާބީތަކެއް ހޯދި، ތަރައްޤީގެ ގިނަ ލަނޑުދަނޑިތަކެއް ޙާޞިލު ކުރެވެމުން މިދަނީ ސަބަބުތަކަކާ ލައިގެން.

ރައްޔިތުންގެ މިންނެތް މަސައްކަތް ހިމެނިގެން. އިސްކަންދޭންޖެހޭ ކަންތައްތަކަށް އަޅުގަނޑުމެންގެ ވިސްނުން އަމާޒުކޮށްގެން. ޤައުމުގެ އުފެއްދުންތެރިކަމަށް ފަހިވާނެ ކަންތައްތަކެއް ކޮށްގެން.

ދިވެހިންގެ ވަފާތެރި ޚިދްމަތްތަކެއްގެ ސަބަބުން. ދިވެހިންގެ ތެރޭގައި ހުރި ރަނގަޅު ސިފަތަކެއްގެ ސަބަބުން.

ޤައުމެއްގެ ޠަބީޢަތަކީ، ޤައުމެއްގެ މިޒާޖަކީ، އަޅުގަނޑުމެންގެ ތެރެއިން ފަރުދެއްގެ ޠަބީޢަތާ މިޒާޖުފަދަ އެއްޗެއް. ޤައުމުގެ މިޒާޖު އުފެދިގެންދަނީ، އެ ޤައުމުގައި ވަމުންގޮސްފައިވާ ނުވަތަ ހިނގަމުންދާ ކަންތައްތަކެއްގެ ސަބަބުން. އަދި، އެ ޤައުމުގައި ނުވަތަ އެ ޤައުމަށް، ބަޔަކު ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން.

މާއްދީ ސަބަބުތަކަކާއި، ޢިލްމީ ސަބަބުތަކަކާއި، ރޫޙާނީ ސަބަބުތަކަކާއި، ވެށްޓާ ގުޅުންހުރި ސަބަބުތަކެއްގެ ތެރެއިން. އަޅުގަނޑުމެންގެ ކާމިޔާބީއަކީވެސް، އަޅުގަނޑުމެންގެ ނާކާމިޔާބީއަކީވެސް، އަޅުގަނޑުމެންގެ ވިސްނުމާއި އަމާޒާއި ހިތްވަރާއި މިޒާޖުގެ މައްޗަށް ބިނާވެގެންވާ އެއްޗެއް.

ދިވެހިން، ދިވެހިންނަށްވާ އެންމެ އަސާސީ ސަބަބަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، އެ ދީނުގެ ހަމަތަކުގެމަތިން ދިރިއުޅުން ބައްޓަންކޮށްގެން އުޅެމުން އަންނަކަން. ދިވެހިންގެ ވިސްނުމާއި، ދިވެހިންގެ ޢަމަލުތައް ފަރުމާކުރެވިފައިވަނީ، ދީނުގެ ތަރަހައިގެ ތެރޭގައިކަމަށްވާކަން.

މާތްﷲގެ ވާގިފުޅާއެކު، އެގޮތުގައި އަޅުގަނޑުމެން ދެމިތިބިހާ ހިނދަކު، އަޅުގަނޑުމެންގެ ޤައުމު ފެނިގެންދާނީ، އިސްލާމީ މާތް އުޞޫލުތަކާއި، ރައްޔިތުންގެ ފިކުރާއި ޚިޔާލާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް ނުކުމެ ތިބި، އެއްބައިވަންތަ، އެއްބައެއްވަންތަ ބަޔެއްގެ ގޮތުގައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ދިވެހިވަންތަ ކަމުގައި އެކުލެވިގެންވާ ދެވަނަ މުހިންމު ސިފައެއްކަމަށް މިއަދު އަޅުގަނޑު ދަންނަވާލާނީ، ދިވެހިންގެ ޤައުމިއްޔަތަށް އަޅުގަނޑުމެން ފަޚުރުވެރިވުމުގެ ސިފަ. ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅުގެ ނިޔަލަށް ފެތުރިފައި މިވާ އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ދިވެހިންގެ ހަމަ ކޮންމެ މީހެއްގެ ހިތުގައިމެ، ދިވެހިންގެ ދީނަށާއި، ދިވެހިންގެ ބިމަށާއި، ދިވެހިންގެ ޤައުމީ ނިޝާންތަކަށް ދެވިފައިވާ ފަޚުރުވެރި މަޤާމު. ދެވިފައިވާ ޤަދަރު. މިއީ ޢަޖާއިބެއްފަދަ ވަރުގަދަ ޤައުމީ ލޯތްބަކުން އުފެދިފައިވާ ޤަދަރެއް.

ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ތެރޭގައި ލިބިފައިވާ ޤަދަރާއި މަޤާމު އުފުލިފައިވަނީ، ދިވެހިންގައި މިދެންނެވި ސިފަ ހުރުމުގެ ސަބަބުން. އެ ސިފައަކީ، ދިވެހިރާއްޖޭގެ މަޤާމު، ދުނިޔޭގެ ކަންކޮޅުތަކުގައި މިހާތަނަށް އެކަށައެޅި ސިފަ. އަދި ކުރިއަށް އޮތްތާނގައި، ދިވެހިންގެ މަޤާމު އިތުރު ދަރަޖަތަކަކަށް އުފުލާލަދޭނެ ސިފަވެސްމެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އިތުރަށް އެއްޗެއް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް މި ކުރެވޭ މަސައްކަތުގެ އެންމެ ފޮނި ނަތީޖާ ކަމަށްވާ މިނިވަންކަމާއި ޙައްޤުތަކުގެ އާ ޒަމާނުގައި، އަޅުގަނޑުމެންގެ ވިސްނުން އެންމެ ބޮޑަށް އަމާޒުކުރަންވާނީ، އެ ޙައްޤުތަކާއި މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރުމަށްކަން ކަށަވަރު.

އެ ޙައްޤުތަކާއި މިނިވަންކަން، އޭގެ ހެޔޮގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން އެންމެން އަދާކުރަންޖެހޭ އަގު އަދާކުރުމަށްކަން ޔަޤީން.

ދައުލަތުގެ ތިންބާރު ވަކިވެގެންދާއިރު، ދައުލަތް ހިންގުމުގެ ނިޒާމު، އެކިއެކި މިނިވަން މުއައްސަސާތަކާއި، އެކިއެކި މިނިވަން މަޤާމުތަކުގެ މައްޗަށް ބެހިގެންދާއިރު، އެއް ބާރުން އަނެއް ބާރަށް ބަރޯސާކުރަންޖެހޭ ގޮތަށް ކަންކަން ހަމަޖެހިގެންދާއިރު، އުފެދިގެން ހިނގައިދާނެ ދެބަސްވުންތަކާއި، ޚިޔާލު ތަފާތުވުންތަކަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ.

އަޅުގަނޑުމެންގެ ޤައުމުގެ ހިންގުމަށް، އަދި އަޅުގަނޑުމެންގެ ފަރުދީ ޙައްޤުތަކަށް އުނިކަމެއް ނައިސް، އަދި ރައްޔިތުންނަށް ނުތަނަވަސްކަން ނުލިބޭ ގޮތެއްގެ މަތިން ކަންކަން ހިނގަމުންދާގޮތަށް، އަޅުގަނޑުމެންގެ މަސްލަޙަތުތައް ތަރުތީބު ކުރެވެންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ ޙައްޤުތައް ލިބިގަތުމަށް ދައްކަންޖެހޭ އެންމެބޮޑު އަގުކަމަށް ގަބޫލުކުރުން ވަރަށް މުހިންމު.

މިހެން ދަންނަވާއިރުވެސް، ކޮންމެ ގޮންޖެހުމެއް ގިރާކޮށް، ކާމިޔާބީގެ އުސް މަންޒިލްތަކަށް ވާސިލުވުމުގެ ޤާބިލުކަމާއި ހިތްވަރު، ދިވެހިންގައިވާކަމާމެދަކު އަޅުގަނޑުގެ ޝައްކެއްނެތް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެނީ، ޤައުމަށް މި އަންނަ ހެޔޮ ބަދަލުތަކާއި އިޞްލާޙުތައް، އޭގެ އެންމެ ރަނގަޅު ގޮތުގައި ބަލައިގަނެ ދެއްވައި، އެކަންކަމަށް އަހުލުވެރިވެވަޑައިގެން ދެއްވުމަށް. ފަރުދީގޮތުން ބަލައިގަތުން ދަތިކަމެއް ފަހަރެއްގައި އޮތްނަމަވެސް، ޤައުމުގެ މަސްލަޙަތަށްޓަކައި، ދިވެހިންގެ އަޣްލަބިއްޔަތުގެ ހެވަށްޓަކައި، އެކަންކަން ތަޙައްމުލު ކުރެއްވުމުގެ ދައުރަށް ފަރިތަވެވަޑައިގެން ދެއްވުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހި ޤައުމުގެ ކުރިއެރުމަށް، ދިވެހިންގެ އަގު އުފުލާލަދިނުމަށް، ހަމަކޮންމެ ދިވެހި އުޚުތެއްގެ ފަރާތުން، ހަމަ ކޮންމެ ދިވެހި އަޚެއްގެ ފަރާތުން ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުން ގެންދަވާ، ގިނަގުނަ މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އެ ހުރިހާ މަސައްކަތަކަށް ކާމިޔާބީއަށް އެދެމުން.

މާތްﷲ، މި ލޮބުވެތި ވަޠަން، އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި، އެކަލާނގެ ރަޙްމަތުގައި، މިނިވަންކަމާއެކު، އަބަދުމެ ލަހައްޓަވާށި! ދިވެހިންނަށް ހެޔޮގޮތްތައް އަބަދުމެ މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.