بســم اللّـه الرّحمـن الرّحيــم

15 ވަނަ ސާކް ސަމިޓާބެހޭ ޚަބަރާއި މަޢުލޫމާތު ދިވެހިރައްޔިތުންނަށް ދެއްވުމަށްޓަކައި ވަޑައިގެންނެވި، ޚަބަރުފަތުރާ ވަސީލަތްތަކުގެ ހުރިހާ މަންދޫބުންނަށް އަޅުގަނޑު ވަރަށްބޮޑަށް މަރުޙަބާ ދަންނަވައި، އަދި އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް މިތަނަށް ވަޑައިގެންދެއްވީތީ ޝުކުރު ދަންނަވަން.

ތިޔަބޭފުޅުން ތިޔަ ވަޑައިގަތީ ވަރަށް މުހިންމު ވާޖިބެއް އަދާކުރެއްވުމަށް. އެއީ، ސާކަކީ، އެހަރަކާތުގައި މީގެ 23 އަހަރު ކުރިއްސުރެ ދިވެހިރާއްޖެ ބައިވެރިވެގެން އަންނަ ހަރަކާތެއް. މިހަރަކާތަކީ، ފުރަތަމަ ފެށުނުއިރު މި ސަރަޙައްދުގެ 7 ޤައުމަށް، މިހާރު 8 ޤައުމަށް ގިނަގުނަ ފައިދާތަކެއްކުރާނެ ޖަމާޢަތެއް. އެންމެފުރަތަމަ ދަންނަވާލަން ބޭނުންވަނީ، މިފަހަރުގެ މިސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެކޭ. އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށްބޮޑަށް ވަނީ ލިބިފައި. އެންމެ ފުރަތަމަ ސްރީލަންކާ ސަރުކާރުން މިކަން ކުރެއްވިލެއް ފުރިހަމަކަން. މިސަމިޓުގެ ހުރިހާ ކަންތައްތަކެއް އިންތިޒާމު ކުރައްވައި ހިންގެވުމުގައި ސްރީލަންކާ ސަރުކާރުންވަނީ ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. ހަމައެހެންމެ، މިސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ވެރިންނަށާއި، ވަފްދުތަކުގެ ބޭފުޅުންނަށް މެހްމާންދާރީ އަދާކުރެއްވުމާއި، އެބޭފުޅުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވުމުގައި، ސްރީލަންކާ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރައްވައި، ވަރަށް ފުރިހަމަގޮތެއްގައި އެކަންވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެކަމަށްޓަކައި މިފުރުޞަތުގައިވެސް ސްރީލަންކާގެ ރައީސް، މަހިންދަ ރާޖް ޕަކްސައަށާއި، އަދި ސްރީލަންކާ ސަރުކާރަށާއި، އަދި މިޖަލްސާއަށް ތައްޔާރުވުމާއި، ޖަލްސާގެ ކަންތައް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސްރީލަންކާގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

ދެން ދަންނަވާލަން އޮތީ، ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ޤައުމުތަކުގެ ވެރިންވެސް ވަރަށްބޮޑަށް މަސައްކަތް ކުރެއްވިޔޭ، މިސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް. ޙަޤީޤަތުގައި ސަމިޓަކާ ހަމައަށް މިދެވެނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެން. އަހަރު ދުވަހުގެ ތެރޭގައި ތަފާތު ފެންވަރުގެ ބައްދަލުވުންތައް ބާއްވައި، އެހުރިހާ އެއްޗެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ސަމިޓުން ފެނިގެން މިދަނީ. ވަޒީރުންގެ ބައްދަލުވުންތަކެއް ބޭއްވޭ. އެކި ދާއިރާތަކުގެ ވަޒީރުން އެކިފަހަރުމަތިން ބައްދަލުވެވަޑައިގަންނަވާ. ހަމައެހެންމެ، ޚާރިޖީ ވަޒީރުން ޖަލްސާ ކުރައްވާ. ފޮރިން ސެކްރެޓެރީން ޖަލްސާ ކުރައްވާ. އަދި އެކިއެކި ދާއިރާތަކުގެ ބޭފުޅުން ބައްދަލުކުރައްވާ. މިހުރިހާ ބައްދަލުކުރެއްވުންތަކަކުން އެލިބޭ ކުރިއެރުން، އެހުރިހާ އެއްޗެއްގެ މައްޗަށް ބިނާކޮށް ސަމިޓް މިބޭއްވެނީ. އެހެންވީމާ، ސަމިޓުގައި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ އޭގެ އެންމެ ފަހު ޞަފުހާ. އެއީ ވަރަށްބޮޑު ފޮތެއް. ފޮތުގެ ފަހު ޞަފުހާ ތިޔަ ފެނިވަޑައިގަންނަވަނީ ސަމިޓުން. އޭގެކުރިން އެތައްސަތޭކަ ޞަފުހާއެއް އޮންނާނީ ލިޔެވިގެން ގޮސްފައި.

އެހެންވީމާ، އެގޮތަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުން އެ ކޮށްދެއްވި މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ސަމިޓުން ފެނިގެން މިދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. މި ސަމިޓަށް ތައްޔާރުވުމުގައި، މި ދެންނެވި ހުރިހާ ފަރާތްތަކަކުން ކޮށްދެއްވި މަސައްކަތާއި، ބޭއްވެވި ބައްދަލުވުންތަކާއި، ކުރެއްވި މަޝްވަރާތަކާއި ދެއްވި ޚިޔާލުތަކާ، މިހުރިހާ އެއްޗެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ސަމިޓުން ފެނިގެންދާތީ، އެ ހުރިހާ ފަރާތްތަކަށް، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި ސަމިޓުން ނިންމުނު ކަންތައްތަކުގެ ތެރެއިން، ވަރަށް މުހިންމު ކަމެއްގެ ވާހަކަ ތިޔަބޭފުޅުންނަށް މި ޑިކްލަރޭޝަނުން ފެނިވަޑައިގަންނަވާކަށް ނޯންނާނެ. އެއީ، ރާއްޖެއަށް ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެވާހަކަ އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވާލަން ބޭނުންވޭ. އެއީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން އޭޝިޔާގެ ގޮނޑިއަށް ދިވެހިރާއްޖެ ކުރިމަތިލާން ގަސްދުކޮށް، އެވާހަކަ ދެންނެވުމުން، މިހާރު ސާކްގެ ހުރިހާ ޤައުމުތަކުން މިއަދު އެއްބަސްވެވަޑައިގަތީ، ސާކްގެ ފަރާތުން އ.ދ. މަޖިލީހުގެ ސަލާމަތީ މަޖިލީހަށް 2019 ވަނަ އަހަރު ކުރިމަތިލާ ކުރިމަތިލުމަކީ ސާކްގެ ނިންމުމެއް ކަމަށް. މީގެކުރިން އަޅުގަނޑުވާނީ މިވާހަކަ ސާކް ޤައުމުތަކުގެ ހުރިހާ ވެރިންނަށް ސިޓީއަކުން ދަންނަވާފައި. ދިވެހިރާއްޖެއިން އެގޮނޑިއަށް ކުރިމަތިލާން ގަސްދުކުރާ ވާހަކައާއި، އެއީ ކީއްވެގެންކަމާއި އަދި އެކަމަށް ހުރިހާ ޤައުމުތަކުގެ ވެރިންގެ އެއްބާރުލެއްވުމާއި ތާއީދު ބޭނުންވާ ކަމަށް. އެ ސިޓީ އަޅުގަނޑު ވާނީ ސާކް ޤައުމުތަކުގެ ހުރިހާ ވެރިންނަށް ފޮނުވާފައި.

މިއަދުގެ ޖަލްސާގައި، ރިޓްރީޓްގައި ވާހަކަ ދެއްކިއިރު، އަޅުގަނޑު އެވާހަކަ ދަންނަވާލިން. ދިވެހިރާއްޖެއިން ވަރަށްބޮޑަށް ބޭނުންވެޔޭ މިކަންކުރަން. އެހެންވީމާ، އަޅުގަނޑު އެދެމޭ، މި ނިންމުމަކީ ސާކް ޤައުމުތަކުގެ ނިންމުމެއް ކަމުގައި ހައްދަވައިދެއްވުން. އެކަމަށް އެންމެ ފުރަތަމަ ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވީ، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް. އޭނާ ވިދާޅުވި، ތިމަންނާމެން އިންޑިޔާއިން ވަރަށްބޮޑަށް ތާއީދުކުރަމޭ، ދިވެހިރާއްޖެއިން އ.ދ މަޖިލީހުގެ މެންބަރަކަށް، އަޅުގަނޑު މިދެންނެވި މުއްދަތުގެ ތެރޭގައިވުމަށް. އިންޑިޔާއިން ތާއީދު ކުރެއްވުމާ ގުޅިގެން އެހެން ހުރިހާ ޤައުމުތަކަކުންވެސް ތާއީދުކުރައްވައި، މިކަން މިއަދު ނިމިގެން ހިނގައްޖެ. އެހެންވީމާ، އެއީ އަޅުގަނޑު ދެކޭގޮތުގައި މިސަމިޓުން ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. މިހާތަނާ ޖެހެންދެން އަޅުގަނޑުމެން އ.ދ. މަޖިލީހުގެ މިދެންނެވި ކަހަލަ އެއްވެސް މުއައްސަސާއެއްގައި ބައިވެރިވެފައެއް ނެތް. އަދި ދިވެހިރާއްޖެއިން ގަސްދުކުރޭ، "އެކޯސޮކް"ގައިވެސް ބައިވެރިވާން، 2011 ވަނަ އަހަރު. އެހެންނަމަވެސް، ސަލާމަތީ މަޖިލީހަކީ މާ މުހިންމު މަޖިލީހެއް ކަމަށްވާތީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން އެމަޖިލީހުން ގޮނޑިއެއް ލިބޭވަރުވާނީ.

އެހެންވީމާ، އަޅުގަނޑުމެން ބެލިބެލުމުގައި އެންމެ ފަސޭހައިން ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ލިބޭނީ، 2019 ވަނަ އަހަރު ކަމަށްވާތީ" މިހާރުއްސުރެ ފެށިގެން އެގޮތަށް ދަންނަވައި، އެ ހުރިހާ ބޭފުޅުންގެ ތާއީދު މިހާރު މިވަނީ ލިބިފައި. ދެން ދިވެހިސަރުކާރުން ގަސްދު ކުރަނީ ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅައިގެން، އެހެން ފަރާތްތަކުންވެސް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، އިރާދަކުރެއްވިއްޔާ މިކަން ދިވެހިރާއްޖެއިން ބޭނުންވާގޮތަށް ހަމަޖެހިގެންދާނެ. އެއީ، މިސަމިޓުން ދިވެހިރާއްޖެއަށް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ.

އެނގިވަޑައިގަންނަވާނެފަދައިން، މިސަމިޓްގައި ހަތަރު އެގްރީމެންޓެއްގައި ސޮއިކުރެވުނު. އެއިން ކޮންމެ އެގްރިމެންޓަކީވެސް ވަރަށް މުހިންމު ދާއިރާއަކާ ގުޅޭ އެގްރީމެންޓެއް. އޭގެ ސަބަބުންވެސް އިތުރު ކުރިއެރުންތަކެއް ސާކަށް ލިބިގެންދާނެ.

އަޅުގަނޑުމެން އިސްވެ ހުށަހަޅައިގެން އުޅޭ އެންމެ މުހިންމު މައްސަލައަކީ، ތިމާވެށީގެ މައްސަލަ. ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މިހެންގޮސް އޭގެ ސަބަބުން ދިވެހިރާއްޖެއަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހިދާނެ ކަންތައްތަކެއްގެ މައްސަލަ ވަރަށް ކުރިއްސުރެ ސާކްގެ ޖަލްސާތަކަށް އަޅުގަނޑުމެންވަނީ ހުށަހަޅާފައި. އަދި އެކިފަހަރުމަތިން ސަމިޓްތަކުން އެބަހުރި ރާއްޖެއިން މިކަން ހުށަހެޅީމާ، މިކަމާ ބެހޭގޮތުން ޤަރާރުތަކެއް ފާސްކޮށްފައި. އެހެންނަމަވެސް، މިފަހަރު މި ފާސްކުރި ޤަރާރުގައި، މި ޑެކްލަރޭޝަންގައި މިއޮތްވަރަކަށް މީގެކުރިން އެއްވެސް ފަހަރަކު ނެތް. މިފަހަރު، ޑެކްލަރޭޝަންގައި ތިމާވެށްޓާބެހޭ ފަސް ޕެރެގްރާފެއް އޮންނާނެ. އަދި އޭގައި އެހެރީ ރާއްޖެއިން ހުށަހެޅިގޮތަށް އެކަންތައްތައް ހަމަޖެހިގެން ގޮސްފައި. ރާއްޖެއިން މިހުށަހެޅި ހުށަހެޅުމަށް ހުރިހާ ބޭފުޅުން ވަރަށް ބޮޑަށް ތާއީދުކުރައްވައި، އެއްބާރުލުން ދެއްވި. ޚާއްޞަކޮށް، ކްލައިމެޓް ޖަސްޓިސްގެ ކޮންސެޕްޓް، އެ މަފްހޫމް އެއީ އަޅުގަނޑުމެން ހުށަހެޅި މަފްހޫމެއް. އެއީ، އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއިން ދެކޭގޮތުގައި ރައްކާތެރި ސަލާމަތް ތިމާވެށްޓެއްގައި ދިރިއުޅުމަކީ އިންސާނީ ޙައްޤެއް. ކެއިންބުއިން ލިބުން ބޭނުންވުން އެއީ ޙައްގަކަށްވާފަދައިން، ދުނިޔޭގައި ދިރިހުރުމަކީވެސް ޙައްޤަކަށްވާފަދައިން، އެކަށީގެންވާ އާމްދަނީ ލިބޭކަހަލަ މަސައްކަތެއް ކުރުމަކީވެސް ޙައްގަކަށްވާފަދައިން، އަދި ޞިއްޙީ ފެން ލިބުމަކީވެސް ޙައްގަކަށްވާފަދައިން އަދި ތަޢުލީމު ލިބުމަކީވެސް ޙައްޤަކަށްވާފަދައިން، ދިވެހިރާއްޖެއިން ދެކޭގޮތުގައި ރައްކާތެރި ތިމާވެށްޓެއްގައި ދިރިއުޅުމަކީވެސް އިންސާނީ ޙައްޤެއް.

އަޅުގަނޑުމެން މިވާހަކަ ދެއްކީ ހަމައެކަނި މިތާކުނޫން. މީގެކުރިން އެނގިވަޑައިގަންނަވާނެ، ހިޔުމަން ރައިޓްސް ކައުންސިލްގައި ދިވެހިރާއްޖެއިން މިމައްސަލަ މިގޮތަށް ހުށަހަޅައި، ހިޔުމަން ރައިޓްސް ކައުންސިލުން އޮތީ، ދިވެހިރާއްޖެއިން ހުށަހެޅި ޤަރާރު އިއްތިފާޤުން ފާސްކޮށްފައި. އެހެންވީމާ، މިޖަލްސާގައިވެސް ރާއްޖެއިން މިކަން ހުށަހަޅައިގެން އަޅުގަނޑުމެން ބޭނުންވާގޮތަށް އެޕެރެގްރާފްތައް މިހާރު ލިޔެވިފައި އެއޮތީ. އެހެންވީމާ، މިކަމަކީވެސް ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި އަޅުގަނޑު ދެކެން.

ޑެކްލަރޭޝަން ބައްލަވައިލެއްވީމާ، އެކި ދާއިރާތަކުގައި އެއްބާރުލުން ކުރިއަށް ގެންދިޔުމަށްޓަކައި މިނޫނަސް ވަރަށްގިނަ ކަންތައްތައް ހުރިކަން އެނގޭނެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި، މިހާރު ކަންތައްތައް ގޮސްފައި އޮތް ހިސާބަކާއި، އަދި ކުރިއަށް އޮތްތާނގައި ގެންދަން ބޭނުންވާގޮތާ، މިކަންތައްތައް ހިމެނިފައިވާނެ. މިސާލަކަށް، މިހާރު ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ އެންމެބޮޑު މައްސަލައަކީ، ތެލުގެ އަގުބޮޑުވުމާއި، އޭގެ ސަބަބުން ކާބޯތަކެތީގެ އަގު ބޮޑުވުމާއި، އެނޫން ތަކެތީގެ އަގުބޮޑުވުމާއި އަދި ކާބޯތަކެތި ލިބުން ދަތިވުމުގެ މައްސަލަ. މިއީވެސް، ހަމަ ހުރިހާ ބޭފުޅުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވި ކަމެއް. މިއީ، ހަމައެކަނި ދިވެހިރާއްޖެއަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫން. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް. ދުނިޔޭގެ އެންމެ ބޮޑެތި، އެންމެ މުއްސަނދި ޤައުމުތަކަށްވެސް މިމައްސަލަ މިހާރުވަނީ ކުރިމަތިވެފައި. އެހެންވީމާ، މިވަރު ބޮޑުކަމެއް މުޅި ދުނިޔެއަށް ކުރިމަތިވެގެން އަންނައިރު، އޭގެ ނުރަނގަޅު އަސަރު، ކުދި ޤައުމުތަކަށް ވަރަށް ބޮޑަށް ކުރާނެ. ދިވެހިރާއްޖެއަށްވެސް ކުރާނެ. ރާއްޖެނޫން އެހެން ހުރިހާ ޤައުމަކަށްވެސް ކުރާނެ. އެހެންވީމާ، މިކަމަކީ މިސަމިޓްގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ޤައުމުތަކުގެ ވެރިން މަޝްވަރާ ކުރެއްވި ކަމެއް.

އަނެއްކަމަކީ، ޓެރަރިޒަމްގެ ކަންތައް. އެކަންތައްތަކަކީވެސް މިސަރަޙައްދުގައިވެސް ވަރަށްބޮޑަށް ފެތުރިފައިވާ ކަންތައްތަކެއް. އެހެންވީމާ، އެކަންތައްވެސް ހުއްޓުވުމަށް ހުރިހާ ޤައުމުތަކުން އިތުރަށް އެއްބާރުލައި، އެކަމާބެހޭ އެގްރިމެންޓެއްގައިވެސް މިއަދު ސޮއިކުރެވުނު. މިހެންގޮސް އަޅުގަނޑުމެންގެ ޤައުމުތަކަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ހުންނާނެ ޑެކްލަރޭޝަންގައި. އަދި ވިޔަފާރީގެ ދާއިރާގައި ގުޅުން ހަރުދަނާކުރުމާއި، އިތުރުކުރުމާއި، "ސަފްޓާ" ކުރިޔަށް ގެންދިއުމާއި އަދި އިޤްތިޞާދީ ދާއިރާގައި ޤައުމުތަކުން އެއްބާރުލުމާއި، މިކަންކަމުގެ ސަބަބުން މިސަރަޙައްދުތަކުގެ ރައްޔިތުންނަށް އެކަށީގެންވާ ފައިދާތަކެއް ލިބިގެން ދިޔުމާ ބެހޭގޮތުން ވާހަކަދެކެވި، ގޮތްތަކެއްވަނީ ނިމިފައި. އަދި މިކަންތައްތަކަކީ ވަގުތުންވަގުތަށް އެއްފަހަރާ ނިމިގެންދާނެ ކަންތައްތައް ކަމަށް ނުވާތީ، މިކަންކަންތައްތައް ދާއިމީކޮށް ކުރަމުން ގެންދިޔުމަށްޓަކައި ވަނީ މަޝްވަރާ ކުރެވި، އެގޮތަށް ޚިޔާލުފާޅުކުރެވިފައި.

ކުރުގޮތަކަށް މިދަންނަވާލީ، އެޖަލްސާގައި ހިނގަމުންދިޔަ ކަންތައްތަކުގެ ވާހަކަ. އެހެންވީމާ، ދެން މިވާހަކަ ދަންނަވާލުމަށްފަހުގައި، މިކަމާ ބެހޭގޮތުން ތިޔަބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ސުވާލެއް އޮތިއްޔާ ވިދާޅުވުން އެދެން.

ނިންމާލުމުގެ ކުރިން ވަރަށް މުހިންމު ވާހަކައެއްވެސް ދަންނަވާލަން އެބައޮތް. އެއީ އެނގިވަޑައިގަންނަވާނެފަދައިން، ކުރިން ހަމަޖެހިފައި އޮތްގޮތުގައި ދިއްލީގައި ނިންމާފައި އޮތީ، މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި ބާއްވަން. ދިވެހިރާއްޖެއިން ސަމިޓް ބާއްވަން ގަވާއިދުން ދިވެހިރާއްޖެއަށް ޖެހޭތީ، އެވާހަކަ ދިއްލީ ސަމިޓުގައި އަޅުގަނޑު ފާހަގަކުރުމާ އެކީގައި، އެކަމަށް ހުރިހާ ޤައުމުތަކުގެ ތަރުޙީބު ލިބުމާ ގުޅިގެން 2008 ވަނަ އަހަރުގެ ސާކް ސަމިޓް ބާއްވާގޮތަށް ކުރިން ހަމަޖެހިފައި އޮތީ ދިވެހިރާއްޖޭގައި. އެހެންނަމަވެސް، 2008 ވަނަ އަހަރަކީ ސްރީލަންކާއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ހަމަވާ އަހަރު ކަމަށްވާތީ، ސްރީލަންކާ ސަރުކާރުން އެދިވަޑައިގަތީ، މިމުހިންމު ޤައުމީ މުނާސަބަތުގައި ސްރީލަންކާގައި މިސަމިޓް ބޭއްވޭގޮތް ހަދައިދިނުމަށް. އެގޮތަށް ސްރީލަންކާ ސަރުކާރުން އެދިވަޑައިގަތީމާ، އަޅުގަނޑުމެން އެކަމަށް އިޖާބަދީ، އެގޮތް ގަބޫލުކޮށް، މިފަހަރު ސަމިޓް ބޭއްވުމުގެ ފުރުޞަތު ސްރީލަންކާއަށް އެރުވީ. އެހެންވީމާ، ދެން އަންނަ ފަހަރަކީ އަޅުގަނޑުމެންގެ ފަހަރު. އެހެންވީމާ، މިއަދު އަޅުގަނޑު ޝުކުރު އަދާކުރުމުގެ ގޮތުން ދެއްކި ވާހަކައިގައިވެސް ބުނިފަދައިން، އިރާދަކުރެއްވިއްޔާ މިއަންނަ 2009 ވަނަ އަހަރު، 16 ވަނަ ސާކް ސަމިޓް އޮންނާނީ ދިވެހިރާއްޖޭގައި. އެއީ އަޅުގަނޑު ދެކޭގޮތުން ދިވެހިރާއްޖެއަށް ލިބޭ ވަރަށްބޮޑު ފަޚްރެއް. މީގެކުރިން ދެފަހަރު ރާއްޖޭގައިވަނީ ސާކް ސަމިޓް ބާއްވާފައި. މިއަންނަ އަހަރު ބޭއްވޭނީ އިރާދަކުރެއްވިއްޔާ ތިންވަނަ ސަމިޓް. އަދި އެސަމިޓަކީ ހުރިހާ ގޮތަކުންވެސް އެންމެ ކާމިޔާބު ސަމިޓު ކަމުގައި ހެދުމަށް، ދިވެހިސަރުކާރުން މަސައްކަތް ކުރާނެ. މިކަމުގައި ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބުމަކީވެސް އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް. ދިވެހިރައްޔިތުންނާއި ރާއްޖޭގައި އުފެދިފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، ސިޔާސީ ޕާޓީތަކާ، މިހެންގޮސް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން މިކަމުގައި ލިބުމަކީ ވަރަށް މުހިންމު ކަމެއް.

ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، 15 ވަނަ ސާކް ސަމިޓް މިހާ ކާމިޔާބު ސަމިޓެއް ގޮތުގައި ސްރީލަންކާގައި ނިމިގެން އެދިޔައީވެސް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން. މިސަމިޓާ ދެކޮޅަށް އެއްވެސް މީހަކު އެއްޗެއް ބުނާ އަޑެއް ނާއްސަވާނެ. ނޫހުގައިވެސް އެއްވެސް ކަހަލަ ވާހަކައެއް ދައްކާފައި އޮއްވައެއް ދެކެވަޑައެއްނުގަންނަވާނެ. ސްރީލަންކާ ރައްޔިތުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުންނާއި، ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ޖަމްޢިއްޔާތަކުންނާ، މިހުރިހާ ފަރާތްތަކުންވެސް މިއީ ޤައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، އެކަމަށްވަނީ އެއްބާރުލުން ދެއްވާފައި. އެހެންވީމާ، ދިވެހިރާއްޖޭގައިވެސް އެކަން ކުރެވޭނީ އެހެން ކަމަށްވާތީ، އެވާހަކަ އަޅުގަނޑު މިދަންނަވާލީ.

އާދެ، ދެން އެއްވެސް ބޭފުޅަކު ކުރައްވަން ބޭނުންފުޅުވާ ސުވާލެއް އޮތިއްޔާ، ފުރުޞަތު އަރުވާނަން.

ސުވާލު: ހާމަނޫހުން ސައިފްއަޒުހަރު

ވަރަށް ކާމިޔާބު ސަމިޓެކޭ މަނިކުފާނު ވިދާޅުވެއްޖެ. އަޅުގަނޑަށް ތަޖްރިބާ ކުރެވުނު ގޮތުގައި، މީޑިޔާއިން ވަރަށް ގިނައިން ފާހަގަކުރޭ، ސާކް މިއީ ހުސް ޑިކްލަރޭޝަންތަކެއް ފާސްކުރާ ޖަމާޢަތެއްގެ ގޮތުގައި. މިސަރަހައްދުގައި ހުރި މައްސަލަތަކާހުރެ، އެއަށް ޢަމަލީސިފަ އައުން ވަރަށްދުރު ކަންތައްތަކެއް. އެހެންވީމާ، މިފަހަރު މިހާ މުހިންމު ޑިކްލަރޭޝަންތަކެއް ފާސްވެގެން ދިޔައިރުގައި، މީގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް މަނިކުފާނު ދެއްވާނަންތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އިރާދަކުރެއްވިއްޔާ ފައިދާކުރާނެ. ޙަޤީޤަތުގައި ފެށުނީއްސުރެ މިހާތަނާ ޖެހެންދެން ސާކުން އޮތީ ހަމައެކަނި ނިންމުންތަކެއް ނިންމާފައެއް ނޫން. އޭގެސަބަބުން ފައިދާތަކެއްވެސް ކުރަމުން މިއައީ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާނީ ވަރަށްގިނަދުވަހު މަސައްކަތްކޮށްގެން. އެހެންވީމާ، މިހާރު ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާ، ސާކަކީ ޢަމަލީ ޖަމާޢަތަކަށް ހަދަންޖެހޭނެ ކަމަށް. މާނައަކީ ތިޔަ ވިދާޅުވިހެން ހަމައެކަނި ބައްދަލުވުމެއް ބާއްވާފައި، ކަންތައްތަކެއް ފާސްކޮށްފައި، އެހިސާބުން ނިމުނީއަކީ ނޫންކަން. މީގެކުރިންވެސް ނިމިފައެއް ނެތް. އެހެންނަމަވެސް، އެއަށްވުރެ ބޮޑަށް ޢަމަލީގޮތުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގެންނެވީ.

މީގައި ފައިދާތަކެއް ވާނެ ދޮގެއްތޯ. މިހާރު "ފުޑްބޭންކް" އެއީ ކާބޯތަކެއްޗާބެހޭ ބޭންކެއް އުފެއްދުމަށް އެއްބަސްވެ، ވަރަށް އަވަހަށް އެއަށް ޢަމަލުކުރަން ފަށަން މި އެއްބަސްވެވުނީ. އެހެންވީމާ، ކާބޯތަކެތީގެ ދަތިކަން ސާކްގެ އެއްވެސް ޤައުމަކަށް ކުރިމަތިވެއްޖިއްޔާ، ފުޑް ބޭންކުގެ އެހީ ލިބޭނެ. އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް އެއީ. އަޅުގަނޑުމެންގެ ރާއްޖެއަކީ ކާބޯތަކެތި އާންމު ގޮތެއްގައި އުފައްދާ ތަނެއްނޫން. ރާއްޖެއަށް ބޭނުންވާ ކާޑުގެ ހުރިހާ ސާމާނަކީ ރާއްޖެއިން ބޭރުން ގެންނަ އެއްޗެތި. އެހެންވީމާ، "ފުޑްބޭންކް" އޮތުމުން، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް އޮންނާނެ. އެއީ ވަރަށްބޮޑު ފައިދާއެއް. އަދި ޚާއްޞަކޮށް މިކަހަލަ ދުވަސްވަރެއްގައި.

ހަމަ އެގޮތަށް ދަންނަވާލަން އޮތީ، "ސާކް ޑިވެލޮޕްމަންޓް ފަންޑް". އެވެސް އުފައްދަން ނިންމައި، ވީހާވެސް އަވަހަކަށް އެއަށް ޢަމަލުކުރަން ފެށޭނެ. "ސާކް ޑިވެލޮޕްމަންޓް ފަންޑު" ހުރުމަށް މިހާރު އެއްބަސްވެފައިވަނީ ބޫޓާންގައި. ޓިންޕޫގައި ހުންނާނީ. އޭގެސަބަބުން، އަޅުގަނޑުމެންގެ އެކިއެކި ޕްރޮޖެކްޓްތަކަށް، ސާކްގެ ދާއިރާގައި ހިންގޭ ޕްރޮޖެކްޓްތަކަށް ފައިސާ ލިބޭނެ. ބައެއް ޤައުމުތަކުން މިހާރުވެސް ވަރަށްމަތީ އަދަދަކަށް ފައިސާ ދެއްވަން އޮތީ ވިދާޅުވެފައި. އެއީވެސް، ހަމަ ޙަޤީޤީ ފައިދާ، ދިވެހިރައްޔިތުންނަށް ލިބޭނެކަމެއް.

ދެން، "ސައުތު އޭޝިޔަން ޔުނިވަރސިޓީ". އެވެސް މިހާރު އުފައްދަން ނިންމާފައި މިއޮތީ. އެ ޔުނިވަރސިޓީ އުފެދުނީމާ، އާދެ! "ސައުތު އޭޝިޔަން ޔުނިވަރސިޓީ" އުފެދުނީމާ، ދިވެހިރާއްޖޭގެ ދަރިވަރުންނަށް އެތާނގައި ކިޔެވުމުގެ ފުރުޞަތުވެސް ލިބޭނެ. އަދި "ސާފްޓާ" އަށް މިހާރު ޢަމަލުކުރަމުން މިގެންދަނީ. އޭގެދަށުން، ޑިޔުޓީ ކުޑަކުރުމާއި، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އިމްޕޯޓް އެކްސްޕޯޓާއި މިކަމުގެ ސަބަބުން ވަރަށްބޮޑު ލުޔެއް ލިބި، ވިޔަފާރި ކުރިއަށްދާނެ. އެހެންވީމާ، މިހާރުވެސް ޙަޤީޤީ ފައިދާތަކެއް ސާކްގެތެރެއިން ލިބެމުން މިދަނީ. އަދި އަޅުގަނޑު މިދެންނެވި ކަންތައްތަކުގެ ސަބަބުން އިތުރު ކުރިއެރުންތަކާއި، އިތުރު ފައިދާތައް ހަމަ ދިވެހިރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބެމުންދާނެ.

ސުވާލު: އާފަތިސް ނޫހުން މޫނިސާ ޢީސާ

މަނިކުފާނު ސާކް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަރަށް މުހިންމު ހަތަރު ކަމެއް ހުށަހެޅުއްވި. މަޝްވަރާތަކުގައި ކިހާވަރަކަށް ޤައުމުތަކުން އެކަންކަމަށް އެއްބާރުލުން ދެއްވިތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، އެއީ ވަރަށް މުހިންމު ކަންތައްތަކެއް. އަޅުގަނޑަށް ފެންނަ ޚިޔާލުތަކެއް ހުށަހެޅީ. މިކަހަލަ ކަންތައްތަކަކީ އަދި އިފްތިތާޙީ ޖަލްސާގައި، އެއްވެސް ބޭފުޅަކު ދައްކަވާ ވާހަކަފުޅަކީ، ވަގުތުން އެއަށް ޢަމަލުކުރެވޭނެ ވާހަކަފުޅެއް ނޫން. ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް އެ ކަންތައްތައް ގެންދަން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވަނީ. އެގޮތުން އަޅުގަނޑަށް ފެންނަ ކަންތައްތަކެއް ބުނީ. އެހެންވީމާ، އެއީ ސާކްގެ ދާއިރާގައި ދެން ހުރި ޖަލްސާތަކުގައި ވާހަކަ ދެކެވިގެން ފެށެން ޖެހޭނީ. އެންމެ ފުރަތަމަ، ޕްރޮގްރާމިންގ ކޮމިޓީން ދޮގެއްތޯ! އޭގެފަހުން، އަންނާނީ ފޮރިން ސެކްރެޓެރީންނާ ހަމައަށް. އޭގެފަހުން، ފޮރިން މިނިސްޓަރުން، ދެން ސަމިޓަށް. އެހެންވީމާ، އެކަންތައްތައް ކުރިއަށްދާނެ. ހަމައެކަނި އަޅުގަނޑު ދެއްކި ވާހަކައެއްނޫން. އެހެން ބޭފުޅުން ހުށަހެޅުއްވި ޚިޔާލުތައްވެސް، މިދެންނެވި ގޮތުގެމަތިން ކުރިއަށް ގޮސް، ކޮންމެވެސް އޮށްޓަރު ހުރި ހިސާބަކަށް ނިމެންދެން އިރާދަކުރެއްވިއްޔާ ދާނެ.

ސުވާލު: މިއަދުނޫހުން މިދުޙަތު އާދަމް

ސާކް ރީޖަންގައި، މިދިޔަ އަހަރުގެ ޑިކްލަރޭޝަންގައި، އަޅުގަނޑު ހަނދާންވަނީ ނިންމާފައި އޮތް ކަމަށް. ސަފްމާގައި މިފަހަރު ވާހަކަ ދެކެވުނު ސާކް ރީޖަންގެ އެއްޤައުމުން އަނެއް ޤައުމުގެ ބޯޑަރ ހުރަސްކޮށްފައި، ތަންކޮޅެއް ފްރީކޮށް މީޑިޔާ މީހުންނަށް ދަތުރުކުރެވޭކަހަލަ ގޮތަކަށް އޮތުމަށް. ސަފްމާ ނިންމުމުގެ ޖަލްސާގައި ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެފައި އެބައޮތް، ރާއްޖޭގައި އެކަހަލަ ގަވާއިދެއް ހަދައިގެން އެއަށް ޢަމަލުކުރަން މަސައްކަތް ކުރާ ވާހަކަ. މިއަންނަ ރިޔާސީ އިންތިޚާބުގެ ކުރިން އެގަވާއިދަށް ޢަމަލުކުރަން ފެށޭވަރުވާނެތޯއޭ؟ މިފަހަރު ސާކްގައި މިބައިބައި ގެންދެވުނުތޯއޭ؟ ނޫސްވެރިން ފްރީކޮށް ބޯޑަރ ލޭން ކްރޮސް ކުރުމުގެ މައްސަލަ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ޝާހިދު އެއްޗެއް ވިދާޅުވިއްޔާ ރަނގަޅުވާނީ.

ޢަބްދުﷲ ޝާހިދު:

ޝުކުރިއްޔާ! ޢިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ ސަފްމާގައި އެދެކެވުނު ވާހަކައަކީ، މިދިޔަ އަހަރުގެ ޑިކްލަރޭޝަންގައި މިއޮންނަނީ، 50 ނޫސްވެރިންނަށް ކޮންމެ ޤައުމަކުންވެސް ވިސާގެ ކަންތައް ހަމަޖެހިފައި އޮންނާނެއޭ. އެގޮތަށް އެވާހަކަ ދެކެވިފައި މިއޮންނަނީ. ވިސާ ރެޖީމްތައް ހުންނަ ޤައުމުތަކުގައި އެގޮތަށް އެކަން ހަމަޖެއްސުން އެއީ، އެނގިވަޑައިގަންނަވާނެ، މިސާލަކަށް ސާކް ޤައުމުތަކުގެ ތެރޭގައި އެއް ޤައުމަކުން އަނެއް ޤައުމަކަށް މީހަކު ދަތުރުކުރަންޏާ މިޖެހެނީ، ކުރިން ހުށަހަޅައިގެން ވިސާ ހޯދަން. އަޅުގަނޑުމެންގެ ރާއްޖެއަކީ ވިސާއެއްނެތި ކޮންމެ މީހަކުވެސް ދަތުރުކުރީމާ، އެންޓްރީ ޕަރމިޓްގައި އެތެރެއަށް ވަނުމުގެ ހުއްދައެއް ލިބޭގޮތަށް އޮތް ޤައުމެއް. އެހެންވީމާ، ސާކްގެ އެހެން ހުރިހާ ޤައުމަކާ ތަފާތުކޮށް، ރާއްޖެއަކީ ހުރިހާ ދަތުރުވެރިންނަށްވެސް މަރުޙަބާކިޔާ ޤައުމެއް. އަޅުގަނޑު އެކަން އެދުވަހު ހައިލައިޓް ކުރިން، ދެންނެވިން. އަދި ހަމައެއާއެކުގައި އަޅުގަނޑު އެދުވަހު ދެންނެވި ވާހަކައަކީ، ނޫސްވެރިންގެ ގޮތުގައި ރާއްޖެއައިސް ރާއްޖޭގައި މަސައްކަތްކުރާ މީހުން، މިހާރު މަސައްކަތް މިކުރަނީ ހަމަ ކޮންމެ މީހަކުވެސް އައިސްފައި، ތިމަންނާއަކީ ނޫސްވެރިއެކޭ ބުނެފައި، ދެން ރާއްޖޭގައި މަސައްކަތް ކުރަންވީ. ހުސްވަގުތު ލިބުނީމާ ގޮސް، ކޮންކްރިޓް ގަށަން ހުންނަންވީ. ނޫނީ އެނޫން ކޮންމެވެސް އެހެންކަމެއް ކުރަންވީ. އެހެންނޫޅެ، ރާއްޖޭގައި އެމީހަކު މަސައްކަތް ކުރަންޏާ، އެމީހަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަންޏާ، އެއޮންނަ ނޫސްވެރިކަމާބެހޭ ގަވާއިދެއްގެ ދަށުން ރަޖިސްޓްރީކޮށްގެން، އެކަމާ ބެހޭގޮތުން އޮންނަ ވިސާ ރެޖީމެއްގެ ދަށުން ވިސާ ނަގައިގެން، ރާއްޖޭގައި މަސައްކަތް ކުރަންވީ. އެއީ ބިޒްނަސް ވިސާއެއް ނަގައިގެން. އެމަސައްކަތްޕުޅު މިހާރު އިންފޮމޭޝަން މިނިސްޓްރީން ކުރިއަށް ގެންދަވާ.

ސުވާލު: ޓީ.ވީ މޯލްޑިވްސުން ސަޖުނާ ޒަރީރު

ދެންމެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، މިފަހަރު ހާސިލު ކުރެވުނު ކާމިޔާބީތައް. އަޅުގަނޑު ހިތަށްއަރަނީ، ސާކްގެ މިހާރުގެ އެންމެ ބޮޑު ލަނޑުދަނޑިއަކީ ކޮބައިތޯއޭ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ސާކްގެ އޮންނާނީ އެންމެ ލަނޑުދަނޑިއެއް ނޫން ދޮގެއްތޯ! ސާކްގެ ވަރަށްގިނަ ލަނޑުދަނޑިތައް އެބަހުރި. ވަރަށްގިނަ ދާއިރާތަކުން އެއްބާރުލުން ބޭނުންވޭ. އޭގެތެރޭގައި، އިޤްތިޞާދާއި، ވިޔަފާރީގެ ގޮތުން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން ހިމެނޭ. އޭގެސަބަބުން، އެންމެ އަވަހަށް ރައްޔިތުންނަށް ފައިދާއެއް ފެންނާނީ. އެއީ މުއްސަނދިކަން އިތުރުވެ، ގިނަ މީހުންގެ ޖީބަށް އޭގެ ހެޔޮ އަސަރުކުރާނީ، މިކަން ކުރިއަށް ދިޔައިމާ. އެއީ ވަރަށް މުހިންމު ދާއިރާއެއް. ދެން ހުރި ދާއިރާތައްވެސް އަޅުގަނޑަށް ދަންނަވާލެވުނު ދޮގެއްތޯ! މިސާލަކަށް ތިމާވެށްޓާ ބެހޭ ދާއިރާ. ނޫނީ ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ދާއިރާ. ފުޑް ސެކިއުރިޓީ. އެހެންގޮސް ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެހެންވީމާ، އެންމެ ލަނޑުދަނޑިއެއް ނޫން. މިއިން ކޮންމެ ދާއިރާއަކުން އެބަހުރި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް. ފާހަގަކުރެވިފައިވެސް އެބަހުރި.

ސުވާލު: ކެޕިޓަލް ރޭޑިޔޯއިން އިބްރާހީމް ނިހާދު

އަޅުގަނޑުގެ ސުވާލަކީ، ސައުތު އޭޝިޔަން ޔުނިވަރސިޓީއެއް މިހާރު ޤާއިމުކުރުމަށް މިއޮތީ ނިންމިފައި. އެހެންވީމާ، ޚިޔާލުފުޅުކުރައްވަންތޯއޭ، ރާއްޖޭގައި މިޔުނިވަރސިޓީގެ އެއްވެސް ގޮތްޕެއް ޤާއިމުކުރައްވަން. މިވަގުތު އަދި ރާއްޖޭގައި ޔުނިވަރސިޓީއެއް ނެތުމާއެކު، މިކަހަލަ ޚިޔާލެއް ގެންގުޅުއްވަންތޯއޭ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ތިޔައީ މުސްތަޤްބަލްގައި އަޅުގަނޑުމެންނަށް ވިސްނިދާނެ ކަމެއް. ފުރަތަމަ އެކަން ހުށަހެޅުއްވީވެސް އިންޑިޔާއިން. އިންޑިޔާގެ ބޮޑުވަޒީރުގެ ހުށަހެޅުއްވުމެއް. ހަމަޖެހިފައި މިއޮތީ އިންޑިޔާގައި ޔުނިވަރސިޓީ ޤާއިމުކުރަން. އެހެންނަމަވެސް އޭގެފަހުން، ޔުނިވަރސިޓީ ކުރިއަށްދާއިރު، އެހެން ޤައުމުތަކުގައި އެޔުނިވަރސިޓީގެ ގޮފިތައް ހުރުމަކީ އެކަށީގެންވާ ކަމެއް. އެކަހަލަ ރަނގަޅު ފުރުޞަތެއް ލިބިއްޖިއްޔާ، އިރާދަކުރެއްވިއްޔާ ރާއްޖެއިންވެސް ކުރިމަތިލާނަން.

ސުވާލު: އެޗް.އެފް.އެމުން އާސިޔަތު މުޙަންމަދު ސަޢީދު

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާގޮތުގައި، ސްރީލަންކާގައި މިފަހަރުގެ ސާކް ސަމިޓް ބާއްވަންވެސް 30 މިލިޔަން ޑޮލަރު ހޭދަވި. އިޤްތިޞާދީ ދަތިކަމެއްގައި އުޅޭ ދުވަސްވަރެއްގައި، މިހާރު ރާއްޖޭގައި ސާކް ސަމިޓް ބާއްވަން ނިންމުމަކީ، މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ނިންމެވުމެއްތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ ހަމަ ވަރަށް ރަނގަޅު ނިންމުމެއް. ޙަޤީޤަތުގައި އެކި ޤައުމުތަކުން މިކަހަލަ ބޮޑެތި ޖަލްސާތައް ބާއްވަން އެހީވެސް ލިބޭ. ސާކް ޤައުމުތަކުގެ އެހީވެސް އަޅުގަނޑުމެންނަށް ލިބޭނެ. ވަރަށްގިނަ ޤައުމުތަކުން އަޅުގަނޑަށް މިއަދުވެސް ކަށަވަރުކޮށްދެއްވި، އެބޭފުޅުންނަށް ވެވަޑައިގެން ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް. މީގެކުރިން ދެފަހަރު އަޅުގަނޑުމެންވަނީ ސަމިޓް ބާއްވާފައި. އެއީ 1990 ވަނަ އަހަރާއި 1998 ގައި. އެއިރަށްވުރެ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތު މިހާރު މާރަނގަޅު. އެހެންވީމާ، އޭރު ބޭއްވިފައި، މިހާރު ނުބޭއްވެންވީ އެއްވެސް ސަބަބެއް ނެތް. އެހެންނަމަވެސް، ތިޔަ ވިދާޅުވިހެން އޭގައި ވަރަށްބޮޑު ޚަރަދުތަކެއް ކުރަންޖެހޭނެތީ، އެކިގޮތްގޮތުން އަޅުގަނޑުމެންނަށް ބޮޑެތި ޤައުމުތަކުން އެހީވެދެއްވާނެ ކަމަށް ވިދާޅުވެފައި އޮތީމާ، އެއީ މާބޮޑު މައްސަލައަކަށްވާނެ ކަމަކަށް އަޅުގަނޑު ހިތެއް ނުބުނޭ. ސްރީލަންކާގައި ސަމިޓު ބާއްވަން 30 މިލިޔަން ޚަރަދުވި ވާހަކަ ތިޔަ ވިދާޅުވީ. އޭގެ ޙަޤީޤަތެއް އަޅުގަނޑަކަށް ނޭނގެ. އެހެންނަމަވެސް، އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ރާއްޖޭގައި ބާއްވާއިރު އެހާ ބޮޑު ޚަރަދެއް ނުހިނގާނެ.

ސުވާލު: ދިވެހިރާއްޖޭގެ އަޑުން ޙުސައިން ޢާޞިފް

ސަމިޓް ރާއްޖޭގައި ބޭއްވުމަށް މިހާރު ހަމަޖެހިގެން މިއަދު އިޢުލާނު ކުރެވިގެން ދިޔައިރު، މިސަމިޓަށްޓަކައި ރާއްޖެއިން ވާންޖެހޭނެ ބައެއް ތައްޔާރީތައްވެސް ކޮންމެވެސްވަރަކަށް މަނިކުފާނު ވިދާޅުވެއްޖެ. ސްޕެސިފިކްކޮށް ވިދާޅުވެދެއްވަފާންތޯ، ކޮންކޮން ދާއިރާތަކަކުން، ކޮންކޮން ކަންތައްތަކެއްތޯ އެންމެ ބޮޑަށް ކުރަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވަނީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ސަމިޓަށް، ތައްޔާރުވުމުގެ ގޮތުން ކުރިންވެސް ދެންނެވިހެން ބާއްވާނެ ކޮމިޓީތަކެއް ދޮގެއްތޯ! ޕްރޮގްރާމިންގ ކޮމިޓީއާއި، ފޮރިން ސެކްރެޓެރީގެ ސްޓޭންޑިންގ ކޮމިޓީއާއި، ފޮރިން މިނިސްޓަރުންގެ ޖަލްސާއާއި، މިކަންތައްތަކުން ބައްލަވާނެ، ކޮންކޮން ކަންތައްތަކެއްތޯ ކުރަންޖެހެނީ، މިސަމިޓުން ކޮށް ނިންމަންޖެހޭނެ އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ؟ އެހެންވީމާ، އެބައި އަދި ކުރިއަކަށްނުދޭ. ފެށިގެން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެނގޭނީ. ވާންޖެހޭ ތައްޔާރީތައް. އަޅުގަނޑުމެން އެހުރިހާ ބޭފުޅުންނަށް އެކަށީގެންވާ ފެންވަރެއްގައި މެހްމާންދާރީ އަދާކުރަންޖެހޭނެ. ޤައުމުތަކުގެ ވެރިންނަށާއި، ވަޒީރުންނަށާއި، ވަޑައިގަންނަވާ ވަފްދުގެ އެހެން ބޭފުޅުންނަށް. ރާއްޖޭގައި އެފެންވަރު މިހާރު އެބަހުރި. ވަރަށްމޮޅު ތަންތަން ރާއްޖޭގައި އެބަހުރި. އެހެންވީމާ، އެއީކީ ދެން މާބޮޑު މައްސަލައަކަށްވާނެ ކަމެއްކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދެން އޮންނާނީ ސެކިއުރިޓީ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި، ދަތުރުފަތުރާއި، މުވާޞަލަތާއި، މިކަހަލަ ކަންތައްތަކާއި، ދެން އިދާރީ ހިންގުން. އިދާރީ ހިންގުމޭ، މިދެންނެވީ ޖަލްސާއަށް ތައްޔާރުކުރުމުގެ ކަންތައްތަކާއި، ބޭނުންވާ ކަރުދާސްތައް ވަގުތުންވަގުތަށް ޗާޕްކޮށް ބެހުމާއި، ހިނގަމުންދާ ކަންތައްތަކުގެ ޔައުމިއްޔާ ލިޔުމާއި، މިހެންގޮސް ކުރަންޖެހޭ އިދާރީ ސެކްރެޓޭރިއަލް މަސައްކަތްތަކާ، މިހުރިހާ ކަމެއް. މިހެންގޮސް ވަރަށްގިނަ ކަންތައްތައް ކުރަންޖެހޭނެ.

މިއީކީ އަޅުގަނޑުމެންނަށް އާ ކަމެއްނޫން. ރާއްޖޭގައި ވަރަށްގިނަ ފަހަރު އެކިފެންވަރުގެ ޖަލްސާ ބޭއްވިއްޖެ. ކޮމަންވެލްތުގެ ވަޒީރުންގެ ޖަލްސާތަކެއްވެސް ރާއްޖޭގައި ބޭއްވިއްޖެ. އަދި ސާކް ޤައުމުތަކުގެ އިސްވެރިންގެ ދެޖަލްސާ މީގެކުރިން ބޭއްވިއްޖެ. އެހެންވީމާ، އަޅުގަނޑުމެންގެ ބޭފުޅުންނަށް މިއީ ތަޖުރިބާ ނެތް އާ ކަންތައްތަކެއް ނޫން. އެބޭފުޅުން ތިއްބެވީ ފުރިހަމައަށް މިކަމަށް ތައްޔާރަށް. އެހެންވީމާ، އެހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން.

ސުވާލު: ޖަޒީރާ ނޫހުން މުޙަންމަދު ރަފީޤް

މަނިކުފާނުގެ ވާހަކަފުޅުގައިވެސް ވަރަށްގިނަ ކަންތައްތަކެއް، ސާކުން ކުރައްވަމުން ގެންދަވާކަމަށް ފާހަގަކުރައްވައިފި. އަދި އިތުރަށް ކުރަންވީ ކަންތައްތަކެއްވެސް ފާހަގަކުރައްވައިފި. ސާކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް މަނިކުފާނު ގަބޫލު ކުރައްވަނީ ކޮންކަމެއްތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ފެށުނީއްސުރެ މިހާތަނަށް ސާކަށް ދިމާވެފައި އޮތް އެންމެބޮޑު ގޮންޖެހުމަކީ ފަގީރުކަން. ސާކް ޤައުމުތަކުގެ ރައްޔިތުންގެ ގިނަބަޔަކީ، އެބުނާ ފަގީރުކަމުގެ ތެރޭގައި އުޅެންޖެހޭ މީހުން ކަމަށްވާކަން. އެހެންވީމާ، އެންމެބޮޑު މައްސަލައަކީ ޕަވަރޓީ އެލިވިއޭޝަން ނުވަތަ ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް. މާތްﷲގެ ރަޙްމަތްފުޅުން ދިވެހިރާއްޖެއަކު އެވަރުގެ ފަގީރުކަމެއް ނެތް. ހުރިހާ އެންމެންވެސް ގަބޫލުކުރޭ. ރާއްޖޭގައި ނިކަމެތިން ނެތެކޭ ނޫން. ފަގީރުން ނެތެކޭ ނޫން. އެބަތިބި. އެހެންނަމަވެސް، ސާކްގެ އެހެން ޤައުމުތަކުގައި ތިބިވަރާ ގާތަށްވެސް ރާއްޖެއަކު ނެތް. އިރާދަކުރެއްވިއްޔާ އެއަށްވުރެ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން މާ މަތި. ދިރިއުޅުމުގެ ފެންވަރުވެސް މާ ރަނގަޅު. އެހެންނަމަވެސް، މިއީ އާންމުކޮށް ދަންނަވަންޏާ، ސާކްގެ ގިނަ ޤައުމުތަކަށް ވަރަށްބޮޑު މައްސަލައެއް. އެތައް ސަތޭކަ މިލިޔަން މީހުން އުޅޭ ޤައުމުތަކުގައި މިއީ ވަރަށްބޮޑު މައްސަލައެއް. އެހެންވީމާ، އެންމެ ބޮޑު އެއްކަމެއް ފާހަގަކުރަންޏާ، ކުރަންޖެހޭނެ ކަމަކީ ފަގީރުކަން ނައްތައިލުން.

ސުވާލު: ހަވީރުނޫހުން ނިޢުމަތުﷲ އިދުރީސް

ސާކްގެ ވަރަށްގިނަ ޤައުމުތަކުގައި، އެތެރޭގެ ހަމަނުޖެހުން ވަރަށްބޮޑު. މަނިކުފާނު ގަބޫލުކުރައްވަންތޯ، ސާކްގެ ނިންމުންތައް އެންމެ ރަނގަޅަށް ތަންފީޒު ނުވުމަށް މިކަންކަމުގެ ސަބަބުން އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިވާކަމަށް؟

 

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

ޤައުމުތަކުގެ އެތެރޭގައި އޮންނަ ހަމަނުޖެހުމަކުން، ސާކްގެ އެއްވެސް ސަމިޓަކަށް މިހާތަނަށް ހުރަހެއް އެޅިފައިވާ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް. މިދެންނެވީ މިހާރު ސާކްގެ 15 ވަނަ ޖަލްސާ މިބޭއްވުނީ. މިއިން އެއްވެސް ޤައުމެއްގައި އެތެރޭގެ ދާޚިލީ ހަމަނުޖެހުމެއް އޮވެގެން ޖަލްސާ ލަސްކުރަންޖެހޭ ކަހަލަކަމެއް ދިމާވެފައެއް ނެތް. ހަމައެކަނި ސްރީލަންކާގައި، އޭރު ހަމަނުޖެހުން އޮތް ޒަމާނުގައި އެކަން ދަތިވެގެން، ތަންކޮޅެއް ލަސްކުރަން ޖެހުނު. އެހެންނޫނީއްޔާ އެހެނެއް ދިމައެއްނުވޭ. ހުރިހާ ޤައުމެއްގައިވެސް. އެހެނެއްނޫން އެބަހުރި ދޮގެއްތޯ! ސާކްގެ ބައެއް ކަންތައްތައް ކުރިއަށް ގެންދިޔުމުގައި، ދޭދޭ ޤައުމުތަކުގެ މެދުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ހުއްޓުން އަރާފައި ހުންނަ ކަންތައްތައް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ސަރަހައްދުގެ އެންމެބޮޑު ދެ ޤައުމުގެ ދޭތެރޭގައި ހުންނަ ސިޔާސީ މައްސަލަތައް ހުރިގޮތުން މީގެތެރެއިން ބައެއް ކަންތައްތައް ހިނގުން ވަރަށްބޮޑަށް ލަސްވެފައި އެބަހުރި. އެހެންނަމަވެސް، މިހާރަކަށް އައިސް އެ ދެ ޤައުމުގެ ގުޅުންވެސް އަންނަނީ ވަރަށްބޮޑަށް ރަނގަޅުވަމުން. މިފަހަރުގެ މިޖަލްސާގައިވެސް އިންޑިޔާގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ވަރަށް އެކުވެރި ރޫޙެއްގައި ވާހަކަފުޅު ދެއްކެވި. އެހެންވީމާ، އެ ދެ ޤައުމުގެ ގުޅުމަށްވެސް އެދެވޭ ބަދަލުތަކެއް އަންނަމުން އެބަދޭ. އެހެންވީމާ، މުސްތަޤްބަލްގައި އަޅުގަނޑަށް ހީވަނީ އޭގެ ސަބަބުންވެސް މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައި މިހިރަ ދަތި ކަންތައްތައް ފަހަށް ވަރަށް ކުޑަވެގެންދާނެހެން.

ސުވާލު: ރާއްޖެނޫހުން ޢަބްދުﷲ ޝާކިރު މުޙަންމަދު

މަނިކުފާނުގެ އޯޕަނިންގ އެޑްރެހުގައިވެސް ވިދާޅުވި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި މަލްޓި ޕާޓީ އިލެކްޝަނެއް ބޭއްވޭނެ ކަމަށް. އެކަމުގައި ސާކް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް. އެހެންވީމާ، ބޭއްވުނު ބައްދަލުވުންތަކުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުނުތޯ، ކޮންކަހަލަ ކަންތައްތަކެއްތޯ ސާކުގެ ފަރާތުން އިލެކްޝަންގައި ކޮށްދެއްވާނީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑުމެން ބޭރުގެ ފަރާތުން ބޭނުންވާ އެހީއަކީ ލަފަޔާއި މަޝްވަރާ. އެއީ ފަންނީ އެހީ. މިހާރުވެސް އަޅުގަނޑުމެންނަށް އެފަންނީ އެހީ ލިބެމުން މިދަނީ. އ.ދ މަޖިލީހުންވެސް ލިބެމުންދަނީ. އީ.ޔޫ އިންވެސް ލިބެމުންދަނީ. މި ސަރަހައްދުގެ އެހެން ޤައުމުތަކުންވެސް ލިބެމުންދަނީ. އެއީ އަޅުގަނޑުމެން އެބަޖެހޭ އަލަށް މުއައްސަސާތަކެއް ޤާއިމުކުރަން. އަލަށް ޤާނޫނުތަކެއް ހަދަން. ގަވާއިދުތަކެއް، ނިޒާމުތަކެއް ހަމަޖައްސަން. މިކަން ކުރުމުގައި ބޭރުގެ ފަރާތްތަކުގެ އެހީއާއި ތަޖްރިބާ އަޅުގަނޑުމެންނަށް ބޭނުންވޭ. އެއީ އަޅުގަނޑުމެން ބޭނުންވާ އެހީއަކީ. އިތުރު އެހެން އެއްވެސް ކަހަލަ އެއީއެއް ބޭނުމެއްނުވާނެ.

ދެން، އެބޭފުޅުންގެ ތާއީދު ލިބޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަށް ތާއީދުކުރައްވައި، މިދެންނެވިގޮތުން އެހީތެރިކަން ދެއްވާނެ. ދެން އަޅުގަނޑުމެން އެދެން، މި އިންތިޚާބު ބާއްވާއިރު، އޮބްޒާވަރުން އައުމަށް. ސާކް ޤައުމުތަކުން މީގެކުރިންވެސް ވަނީ އޮބްޒަރވަރުން ފޮނުއްވައިދެއްވާފައި. މިފަހަރުވެސް ފޮނުއްވައިދެއްވާނެ. ހަމަ އެގޮތަށް ކޮމަންވެލްތުންވެސް ފޮނުއްވައިދެއްވާނެ. އީ.ޔޫ.އިންވެސް ބަޔަކު އަންނާނެ. މިހެންގޮސް މިކަމާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އެކަމަށް އެކަހަލަ އެހީތެރިކަމެއް ދެއްވާނެ. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ އެގޮތަށްދާނެ.

ސުވާލު: ހާމަ ނޫހުން ސައިފް އަޒްހަރު

އައި.އެމް.އެފް ރިޕޯޓެއްގައިވެސް ފާހަގަކޮށްފައި އެބައޮތް، މިސާލަކަށް، ސަފްޓާ ކުރިއަށް ދިޔުމުގައިވެސް ހުރަސްތަކެއް މި ކުރިމަތިވަނީ. ސަރަހައްދަށްވުރެ ބޮޑަށް ސާކްގެ ބައެއް ޤައުމުތަކުން ވިސްނަނީ ވިޔަފާރީގައިވެސް ކޮންމެވެސް ދެޤައުމެއް ގުޅިގެން ކުރިއަށް ދިޔުމަށޭ. ސަރަހައްދަށް ނުވިސްނައޭ. އެހެންވީމާ، މިއީ ސާކްގެ ތެރޭގައި ވެރިންގެ ފެންވަރުގައި އޮތް އިޝޫއެއްތޯ؟ މިދެންނެވީ ސާކް ސަމިޓްގެ ތެރޭގައި އެ އިޝޫ އައިތޯއޭ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑަކަށް ހިޔެއްނުވޭ އެއީ މައްސަލައެއްހެނެއް. މިހާރު އަޅުގަނޑުމެން މި އެއްބަސްވަނީ ސާކް ޤައުމުތަކުގެ ތެރޭގައިވެސް، ހުރިހާ ޤައުމު، ޕްރޮޖެކްޓްތަކުގައި ބައިވެރިވާގޮތަކަށް ނޫން. އެއީ އެއްބައި ކަންތައްތައް ހުންނާނެ، ދޭދޭ ޤައުމަށް އެކަނިކުރެވޭ، އެހެން ޤައުމުތަކަށް އޭގެ އަސަރެއް ނުކުރާ. މިސާލަކަށް، މަސްވެރިކަމުގެ ދާއިރާގައި އެއްބާރުލުން ބާއްވަނީ. ބޫޓާނާއި ނޭޕާލާ މިއީ މަސްވެރިކަން ކުރާ ތަންތަނެއްނޫން. މީގައި އެމީހުންގެ ދައުރެއް ނޯންނާނެ. އެހެންވީމާ، ސަބް ރީޖަނަލް ޕްރޮޖެކްޓްސް، މާނައަކީ ދެ ޤައުމު، ތިން ޤައުމު، ހަތަރު ޤައުމު ބައިވެރިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަންވެސް އެއްބަސްވެފައި މިހާރުވަނީ. އެހެންވީމާ، އެގޮތަކުން މައްސަލައެއް ހުރިކަމަކަށް ނުފެނޭ.

ސުވާލު: އާފަތިހުން މޫނިސާ ޢީސާ

ސަފްޓާއާ ގުޅުން ހުރި ސުވާލެއް އިނގޭތޯ. މިސަފްޓާގެ ދަށުން އިމްޕޯޓް ޑިޔުޓީ އެބަޖެހޭކަންނޭނގެ ކަނޑާލަން. އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ވަސީލަތް އެއީ އިމްޕޯޓް ޑިޔުޓީން މި ލިބޭ ފައިސާ. އެހެންވީމާ، ރާއްޖެއިން އަޅުގަނޑަކަށް ހިޔެއްނުވޭ ރަނގަޅަށް މިކަން އިމްޕްލިމެންޓް ކުރެވޭހެނެއް. އެހެންވީމާ، މިފަހަރު ސާކް ސަމިޓުގައިވެސް މިސަފްޓާއަށް ފުރިހަމައަށް ޢަމަލުކުރުމަށް މެންބަރު ޤައުމުތަކުން ވާހަކަ ދައްކަވާފައި، އެކަންތައް ކުރިއަށް ގެންދެވުމަށް ނިންމަވާފައި މިއޮތީ. އެހެންވީމާ، ރާއްޖެއިން ކިހާވަރަކަށް ބާރުއަޅުއްވާނަންތޯ، މިސަފްޓާގައި މި ހިމެނޭ ކަންތައްތައް ރަނގަޅަށް އިމްޕްލިމެންޓް ކުރުމަށް؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

މިހާރުވެސް ރާއްޖެއިން މަސައްކަތް ކުރަމުން އެބަދޭ އިނގޭތޯ. ސަފްޓާގައި މިއޮންނަ ގޮތަކީ ދޭދޭ ޤައުމުގެ ދޭތެރޭގައި ވާހަކަ ދައްކަނީ، ކޮބައިތޯ، އިމްޕޯޓް އެކްސްޕޯޓް ކުރާ ތަކެއްޗަކީ. އޭގެ ލިސްޓްތަކެއް ހަދައިގެން، އެލިސްޓްތަކުގެ ތެރެއިން އެއްބަސްވެވޭ އެއްޗިއްސަށް ޑިޔުޓީ ކުޑަކުރަނީ. ނުވަތަ މަޢާފު ކުރަނީ. އެގޮތަށް ރާއްޖެއިންވެސް ޢަމަލު ކުރަމުން މިގެންދަނީ. އެހެންވީމާ، ރާއްޖެއަކަށް އެއީ މައްސަލައެއްނޫން.

ދެން ތިޔަ ވިދާޅުވި އަނެއް ކަންތައް. އިމްޕޯޓް ޑިޔުޓީއަކީ ސަރުކާރަށް އާމްދަނީ ލިބޭ ވަރަށްބޮޑު އެއްޗެކޭ. އެހެންވީމާ، އެ އުނިވެއްޖިއްޔާ ދަތިވާނެ. އެހެންވީމާ، މިހާތަނަށް އޮތްގޮތް ތިޔަ ވިދާޅުވީ. އެހެންނަމަވެސް، ކުރިއަށް އޮތްތާނގައި ސަރުކާރުން ޚިޔާލުކުރަނީ އެހެނެއްނޫން. އެބަ އަންނަންޖެހޭ ޓެކްސް ދޮގެއްތޯ، ޓެކްސް ސިސްޓަމެއް. ކޯޕަރޭޓް ޓެކްސް. ވިޔަފާރީގެ ޓެކްސް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިއެއްޗެތިތައް އަންނާނެ. އެހެން ޤައުމުތަކުންވެސް އާމްދަނީ ހޯދަން މި ކުރާ ކަމަކީ ޓެކްސް ނެގުން. އޭރުން، އެތަންތަނުން ދެކޭގޮތުގައި އިންޞާފުވެރި ގޮތެއްގައި އެންމެންގެ އަތުން ނެގޭ އެއްޗެއް އެ ނެގެނީ. އެއީ ދެން އާމްދަނީ ލިބޭ އެންމެ ބޮޑު އެއްޗަކީ. ހަމައެކަނި އިމްޕޯޓް ޑިޔުޓީއެއް ނޫން. އެއީ ދެން މަޑުމަޑުން އުވިގެންދާނެ އެއްޗެއް ކަމަށް އަޅުގަނޑަށް ފެންނަނީ.

ދެން ނިންމާލަން ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ! ހުރިހާ ބޭފުޅުން ވަޑައިގެންދެއްވީތީ. ޖަލްސާގެ ޚަބަރުތައް ފޮނުވުމުގައި، ހުރިހާ ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވިކަން އެނގިފައި އޮތީމާ، ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން އިނގޭތޯ!