بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާފައި، އެވާހަކަ ދަންނަވާލުމުގެ ގޮތުން. މިއަދު މިބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކީ، މިހާރު ހިނގަމުންމިދާ 1998 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގެ ދަށުން ބޭއްވޭ އެންމެފަހު ޖަލްސާ. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީ މާދަމާ އަޅުގަނޑު ތަޞްދީޤު ކުރާނަން. އެއަށްފަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވެމުންދާނީ، އާ ޤާނޫނުއަސާސީގެ ދަށުން.

މިއަދުގެ ޖަލްސާގައި އަޅުގަނޑު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދަންނަވާލި ވާހަކައަކީ، އަދި އެބޭފުޅުންގެ މަޝްވަރާ ހޯދި ކަމަކީ، ޤާނޫނުއަސާސީ ތަޞްދީޤުކުރުމާ ގުޅިގެން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް އަންނާނެ ބޮޑެތި ބަދަލުތަކާއި އަދި އެކި މަގާމުތަކަށް އަންނާނެ ބަދަލުތަކުގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ފަދައިން، އާ ޤާނޫނުއަސާސީގައި ހަމަޖެހިފައިވާގޮތުން، މިހާރު ސަރުކާރު ހިނގަމުންދާގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އާ މުއައްސަސާތަކެއް އުފެދޭނެ. އަދި މަގާމުތަކަށްވެސް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެ. އެއީ، ޤާނޫނުއަސާސީ ބުނާ ޝަރުޠުތައް މިހާރުގެ ޤާނޫނުއަސާސީއާ ތަފާތު.

އެގޮތުން ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މާދަމާ މި ތަޞްދީޤުކުރާ، އާ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގައި އެބަ ބުނޭ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކަށް މިވެނިމިވެނި ކަންތައްތަކެއް ނުކުރެއްވޭނެއޭ. އޭގެތެރޭގައި އެއްކަމަކީ، ޢަމަލީގޮތުން ވިޔަފާރީގައި ބައިވެރިވެވަޑައިގަތުން. އެހެންވީމާ، ޢަމަލީގޮތުން ވިޔަފާރީގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް އަދި އެކަމުގައި ދެމިހުންނަވަން ބޭނުންފުޅުވާ ބޭފުޅަކަށް މާދަމާގެ ފަހަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގައެއް ނުހުންނެވޭނެ. އެހެންވީމާ، އެގޮތް ދިމާވާ ބައެއް ބޭފުޅުން އިޚްތިޔާރު ކުރައްވަން ޖެހެނީ ދެގޮތުންކުރެ އެއްގޮތެއް. އެއްގޮތަކީ، އެބޭފުޅުން އެ ކުރައްވާ ވިޔަފާރިން ވަކިވެވަޑައިގަތުން. އެހެން ހައްދަވައިފިއްޔާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވޭނެ. އަނެއްގޮތަކީ، ވިޔަފާރީގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ކަމަށްވަންޏާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތުން.

އެހެންވީމާ، އެގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހަތަރު ބޭފުޅަކު އަޅުގަނޑު ގާތުގައި އެވާހަކަ ވިދާޅުވެ އަދި އެގޮތް އަޅުގަނޑުވަނީ ގަބޫލުކޮށްފައި. އެ ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. އެބޭފުޅުން މިތާ އެ ތިއްބެވީ. އެއްބޭފުޅަކީ، މުޙަންމަދު މުޢިއްޒު ޢަދުނާނު. އަނެއް ބޭފުޅަކީ، އިބްރާހީމް ރަފީޤް. އަނެއް ބޭފުޅަކީ، ޙުސައިން ޙިލްމީ. އެ ހަތަރު ބޭފުޅުންގެ ތެރެއިން މިއަދު ވަޑައިގެންނެތް ބޭފުޅަކީ، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. ވަޙީދުއްދީން މިވަގުތު އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންވީ.

މި ހަތަރު ބޭފުޅުން ވަކިވެވަޑައިގަންނަވަންޖެހޭ ސަބަބަކީ މިދެންނެވީ. އެއީ، އެބޭފުޅުންނަކީ ކުރިއްސުރެ ވިޔަފާރީގެ ކަންކަމުގައި ޢަމަލީގޮތުން އުޅުއްވަން ޖެހިވަޑައިގެންފައިވާ، އަދި މިހާރުވެސް އުޅުއްވަމުން ގެންދަވާ ބޭފުޅުން ކަމަށްވެފައި، ކުއްލިއަކަށް އެކަންކަމުން ވަކިވެވަޑައިގަތުމަކީ އެބޭފުޅުންނަށް ފަސޭހަފުޅުކަމަކަށް ނުވާތީ. އެހެންވީމާ، އެގޮތުން ވަކިވެވަޑައިގަންނަވަނީ. އެއްވެސް އެހެންކަމެއް އޮވެގެނެއްނޫން. ވަރަށް އޮމާންކަމާއެކީގައި. އަދި އެ ޤާނޫނު ބުނާގޮތުން ވަކިވެވަޑައިގަންނަވަންޖެހޭތީ، ވަކިވެވަޑައިގަންނަވަނީ. ވަކިވެވަޑައިގަންނަވާއިރު އަޅުގަނޑު ހަމަ ބޭނުން، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. އެއީ، އެއިން ކޮންމެ ބޭފުޅަކުވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުންނަވައިގެން، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއްވަނީ ކޮށްދެއްވާފައި. މި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ، ތިން އަހަރު ވަޒީރުންގެ މަޖިލީހުގައި ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުން. އެބޭފުޅުންގެ ޚިދުމަތް އަޅުގަނޑު ގަބޫލުކޮށް، އެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރެއިން އެއް ބޭފުޅަކީ، މިމަހުގެ ތެރޭގައި އަހަރުދުވަސް ހަމަވާންއޮތް ބޭފުޅެއް. އެހެންނަމަވެސް، ވަކިވެވަޑައިގަންނަވާތީ، އަދި އަހަރުދުވަހު ވަޒީރުންގެ މަޖިލީހުގައި ޚިދުމަތެއް ނުކުރެއްވޭ. އެހެންނަމަވެސް، ކިތަންމެ ކުރު މުއްދަތެއްގައި އޭނާ ޚިދުމަތް ކުރެއްވިނަމަވެސް، އޭނާވެސް ޚިދުމަތް ކުރައްވާފައިވަނީ ވަރަށް އިޚްލާޞްތެރިކަމާއެކުގައި ކަމަށްވާތީ، އޭނާއަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ދެން ދަންނަވާލަން އޮތް ވާހަކައަކީ، މި އަންނަ ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިހަށް ބަދަލެއް އެބަ އާދެއޭ. އާދެ، މިހާތަނަށް އެތަން ހިނގަމުން މިދިޔައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމުގައި. އަދި އެތާނގެ ވެރިޔަކަށް މި ހުންނަވަނީ މިނިސްޓަރ އޮފް ޖަސްޓިސް. މިހާރު މިނިސްޓަރ އޮފް ޖަސްޓިސްގެ މަގާމުގައި ހުންނެވި މުޙަންމަދު މުޢިއްޒު ޢަދުނާން އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، އަޅުގަނޑުމެން ވިސްނާލާފައި ވަޒީރުންގެ މަޖިލީހުން ލަފާދެއްވީ، އެމިނިސްޓްރީ ޑިޕާޓްމަންޓަކަށް ބަދަލުކޮށް، އެޑިޕާޓްމަންޓަކީ، އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ހިނގާ ޑިޕާޓްމަންޓަކަށް ހެދުމަށް. މިއީ، ދުނިޔޭގެ ބައެއް ތަންތާނގައި އެކަން އޮންނަގޮތް. އެޓަރނީޖެނެރަލްގެ ބެއްލެވުމުގެ ދަށުން ޖަސްޓިސް ޑިޕާޓްމަންޓް ހިނގަމުންދާނީ. އެއީ މިހާރު އާ ޤާނޫނުއަސާސީ ބުނާގޮތުން، ކުރިން ޖަސްޓިސް މިނިސްޓްރީން ކުރެއްވި ކިތަންމެ ކަމެއް ބަދަލުވެގެން އެބަދޭ. ޖުޑީޝަރީ އެކީގައި ނުވަތަ ޝަރީޢަތް ކުރުމުގެ ބާރު އެކީގައި ޖަސްޓިސް މިނިސްޓްރީން ވަކިވެގެން އެބަދޭ. އެހެންވީމާ، ޖަސްޓިސް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްވުރެ މިއޮތީ ވަރަށް ބޮޑުތަން މަދުވެފައި. އެހެންވީމާ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި، ޖަސްޓިސް މިނިސްޓްރީގެ މަސައްކަތާ އެއްކޮށްލައިގެން އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖަސްޓިސް ހިނގަމުންދާ ގޮތަށް އޮތީމާ ވަރަށް ރަނގަޅުވާނެ ކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ފެނިވަޑައިގެން، އެގޮތަށް ލަފާދެއްވުމާ ގުޅިގެން އެގޮތް އަޅުގަނޑު ގަބޫލުކޮށް، އިރާދަކުރެއްވިއްޔާ މީގެފަހުން ހުންނާނީ، ޑިޕާޓްމަންޓް އޮފް ޖަސްޓިހެއް. އަދި އެތާނގެ އިސްވެރިއަކަށް ހުންނަވާނީ، ދައުލަތުގެ އެޓަރނީ ޖެނެރަލް. އެހެންވީމާ، މިއީ ދެން މިއަދު ވަޒީރުންގެ މަޖިލީހުގައި އެންމެ މުހިންމު ކަމަކަށް ނިންމުނު ކަމަކީ.

ވަޒީރުންގެ މަޖިލީހުގައި، އިތުރުން އަޅުގަނޑު ދެންނެވި ވާހަކައަކީ، ސާކް ސަމިޓްގައި އަޅުގަނޑު ބައިވެރިވެފައި، ސާކް ސަމިޓުގައި ކަންތައްތައް ދިޔަގޮތާއި، އެއްބަސްވެވުނު އެއްބަސްވުންތަކާއި އަދި ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ ދޭތެރޭގައި މި ބޭއްވުނު، ދޭދޭ ޤައުމުތަކުގެ މެދުގައި މި އޮންނަ ވާހަކަދެއްކުންތަކާ، މިކަންތައްތައް ދިޔަގޮތުގެ ވާހަކަ. އަދި ކުރިއަށް އޮތް އަހަރު އިރާދަކުރެއްވިއްޔާ ރާއްޖޭގައި ސާކް ސަމިޓްގެ 16ވަނަ ޖަލްސާ ބޭއްވޭނެ ވާހަކަ. އެގޮތަށް އަޅުގަނޑު ދަޢުވަތު ދިންކަމާއި، އެގޮތަށް އެހުރިހާ ބޭފުޅުން ގަބޫލުކުރެއްވިކަން.

މީގެއިތުރުން، ދަންނަވާލިން ދިވެހިރާއްޖެ 2019 ވަނަ އަހަރު އ.ދ މަޖިލީހުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރެއްގެ މަގާމަށް ކުރިމަތިލާ ވާހަކަ. އަދި އެކަން ސާކްގެ ހުރިހާ ޤައުމުތަކުން ވަރަށް ރަނގަޅަށް ބަލައިގެންނެވި. އެންމެފުރަތަމަވެސް އެކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދެއްކެވީ، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގ. ވަރަށް ބޮޑަށް ރާއްޖެއަށް ތާއީދުކުރައްވައި، އެކަމަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވީމާ، ހުރިހާ ޤައުމުތަކުންވެސް ވަރަށް ބޮޑަށް މިކަމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވި. އަދި މިއީ ސާކްގެ ނިންމުމެއް ކަމުގައި އެބޭފުޅުން ނިންމަވައިދެއްވި. އެޓާމުގެ މުއްދަތަކީ ދެ އަހަރު. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އޭޝިޔާ ޤައުމުތަކުން ހޮވާލެވޭ އ.ދ މަޖިލީހުގެ ސެކިއުރިޓީ ކައުންސިލުގެ ނޮން ޕަރމަނަންޓް މެންބަރަކަށް، ދާއިމީނޫން މެންބަރަކަށް ދިވެހިރާއްޖެ ކުރިމަތިލާތީ، އެކަމަށް ސާކްގެ ހުރިހާ ޤައުމުތަކުން ތާއީދުކުރައްވައި، އެއީ ސާކްގެ ނިންމުމެއް ކަމުގައި ހަމަޖައްސަވައި ދެއްވި. އެއީ އިރާދަކުރެއްވިއްޔާ، މިކަމަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. މިވާހަކަތައް މިދަންނަވާލީ، މިއަދު ވަޒީރުންގެ މަޖިލީހުގައި ހިނގައިދިޔަ މުހިންމު ކަންތައްތަކުގެ ވާހަކަ ދަންނަވާލުމުގެ ގޮތުން.

މިއަދު ވަކިވެވަޑައިގަންނަވާ ތިން ބޭފުޅުންވެސް، ކޮންމެ ބޭފުޅަކުވެސް އެއްޗެއް ވިދާޅުވެދެއްވުން އަޅުގަނޑު އެދޭތީ، އެބޭފުޅުންނަށް ފުރުޞަތު އަރުވާނަން.

ނޯޓް. ތިން ބޭފުޅުންގެ ވާހަކަފުޅަށްފަހު، ރައީސް އަލުން ވާހަކަފުޅު ދައްކަވައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވި.

އާދެ، އެ ތިން ބޭފުޅުން ދެއްކެވި ވާހަކަފުޅަށްޓަކައި، ތިން ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ދެން އިތުރު ވާހަކައެއް ދަންނަވާލަން ބޭނުންވަނީ. މިއަދު މިވަކިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު، ރަށުގައި ވަޑައިގެންނެތީމާ މިތާ ވަޑައިގެންނެތީ. އެބޭފުޅަކީ މުޙަންމަދު ވަޙީދުއްދީން. އޭނާވެސް އަޅުގަނޑާ ވާހަކަފުޅު ދައްކަވައި، ގަސްތުކުރައްވާފައި އޮތީ، ވިޔަފާރީގައި އުޅުއްވަންޖެހޭތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގައި ނުހުންނެވޭނެކަމަށް ވިދާޅުވެ، އިސްތިޢުފާ ދެއްވަން. ސިޓީވެސް ފޮނުއްވައިފި. އަޅުގަނޑަށް ލިބިފައި އެބައޮތް. ހަތަރު ސިޓީ. އިރާދަކުރެއްވިއްޔާ މިއަދު އެބޭފުޅުންގެ އިސްތިޢުފާ އަޅުގަނޑު ގަބޫލުކުރާނަން. އޭރުން އެހިސާބުން އެބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ތިއްބެވުން ނިމުމަކަށް އައީ. އެބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ގެންދެވުމަށް ނިމުމެއް އައިކަމަކު، އެބޭފުޅުން ހަމަ ސަރުކާރުގެ ޚިދުމަތުގައި ދެމިތިއްބަވާނެ ކަމަށް ވިދާޅުވެދެއްވި. އެހެން މަގާމުތަކެއްގައި ނަމަވެސް، ހުރިހާގޮތަކުންވެސް އަޅުގަނޑަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި އޮތީ. އަދި ބައެއް އެހެން މަގާމުތައްވެސް ހަމަ އަޅުގަނޑު ހުށަހަޅައިފިއްޔާ ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވި.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގޮނޑި މިހާރުވެސް ޙުސައިން ޙިލްމީ ފުރުއްވައިދެއްވަމުން ގެންދަވާ ގޮނޑި އަދިވެސް ފުރުއްވައިދެއްވަމުން ގެންދަވާނެ. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުން، ޙުސައިން ޙިލްމީ އަދިވެސް ޚިދުމަތް ކުރައްވަމުން ގެންދަވާނެ. އަޅުގަނޑު ހިތަށްއެރީ އެވާހަކަވެސް ދަންނަވާލާނަމޭ. އެހެންބޭފުޅުންވެސް އެބައޮތް ވިދާޅުވެފައި އެބޭފުޅުންނަށް ވެވަޑައިގެންނެވި ހުރިހާކަމެއް ސަރުކާރަށްޓަކައި އަދި އަޅުގަނޑަށްޓަކައި ކުރިއަށްއޮތްތާނގައިވެސް ކޮށްދެއްވާނަމޭ. އެހެންވީމާ، ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި އެވާހަކަ ދަންނަވާލީ.


ނޫސްވެރިން ދެންނެވި ސުވާލުތައް

ސުވާލު: ދިވެހިރާއްޖޭގެ އަޑުން މުޙަންމަދު ޖަމީލް

ކެބިނެޓުން މި ވަކިވެވަޑައިގަންނަވާ ބޭފުޅުންގެ ބަދަލުގައި، ކެބިނެޓަށް ގެންނަވާނެ ބޭފުޅުން މިހާރު މަނިކުފާނު ޚިޔާރު ކުރައްވައިފިންތޯ. ކޮންކަހަލަ ބޭފުޅުންތޯ، މިދެންނެވީ ވަރަށް ޒުވާން ބޭފުޅުންތޯ، ނޫނީ ތަޖުރިބާކާރު ބޭފުޅުންތޯ، ކިހިނެއްތޯއޭ އަލަށް ގެންނަވާނެ ބޭފުޅުން ހޯއްދަވާނީ، މިހާރު ތަޞްދީޤު ކުރަން އުޅޭ ޤާނޫނުއަސާސީގައި، ދިވެހި ގިނަބަޔަކު ވިޔަފާރީގެ ތެރޭގައި އުޅޭއިރު ކިހިނެއްތޯއޭ ހޯދާނީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، އެ ހުސްވި މަގާމުތަކަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބޭފުޅުން ގެނޭވޭނެ. މިހާރުވެސް އެމަސައްކަތުގައި އަޅުގަނޑު މިއުޅެނީ. ބައެއް ބޭފުޅުންނާ ޚިޔާލުބަދަލުކުރަމުން މިގެންދަނީ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިއަންނަ ހަފްތާގެ ތެރޭގައި އެމަގާމުތަކަށް އަޅުގަނޑަށް ބޭފުޅުން ހަމަޖެއްސޭނެ. އެ މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންވާނީ، ހަމަ ކަމަށް ވަރަށް ޤާބިލް، ތަޢުލީމް ލިބިވަޑައިގެންފައި ތިއްބެވި އެކަށީގެންވާ ބޭފުޅުންކަމަށް. އަދި ޤާނޫނުއަސާސީގައި އެ ބުނާ، ނުކުރެއްވޭނެ ކަންތައްތަކުން ދުރުވެވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށްވާނެ. އެހެންވީމާ، އެއީ މާބޮޑު ދަތިކަމަކަށްވާނެ ކަމެއްކަމަކަށް އަޅުގަނޑު ނުދެކެން.

ސުވާލު: މިނިވަން ނޫހުން އިބްރާހީމް މުޙަންމަދު

ފުރަތަމަ ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ، ވިޔަފާރީގެ ސަބަބުން ހަތަރު ބޭފުޅަކު އިސްތިޢުފާ ދެއްވާ ވާހަކަ. މިހާރު ވަޒީރުކަމުގައި ހުންނަވަންވެގެން ވިޔަފާރި ދޫކޮށްލެއްވި އެއްވެސް ބޭފުޅަކު އެބަ ހުންނެވިތޯ ކެބިނެޓްގައި؟ ހުންނެވިނަމަ އެބޭފުޅުންގެ ނަންތަކަކީ ކޮބައިތޯ؟

ދެން ދެވަނަ ބަޔަށް ޖެހިލާއިރު، މިދޭތެރެއިން ވަރަށް އަޑުގަދަވެގެންދިޔަ، މިނިސްޓަރ އިލްޔާސް އިސްތިޢުފާ ދެއްވިކަމަށް. ނަމަވެސް މަނިކުފާނު އިސްތިޢުފާ ގަބޫލުފުޅުނުކުރެއްވީ ކަމަށް. ވިދާޅުވެދެއްވަފާނަންތޯ އިސްތިޢުފާ ހުށަހެޅުއްވިނަމަ، ކީއްވެތޯ އިސްތިޢުފާ ގަބޫލުފުޅުނުކުރެއްވީ. ކިތައް ފަހަރަށްތޯ އިސްތިޢުފާ ހުށަހަޅުއްވާފައިވަނީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ގާތު ވިދާޅުވެފައި އެބައޮތް، ގައިމުވެސް އެއް ބޭފުޅަކު. އެބޭފުޅަކު ވިދާޅުވި، ވިޔަފާރި ކުރައްވާ ކުރެއްވުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލައްވައިފީމޭ. އެއީ، އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ. އޭނާ ވިދާޅުވި، މިހާރު ޤާނޫނުއަސާސީ ބުނާގޮތުން ވިޔަފާރިން ދުރުވެވަޑައިގެން ހުރިހާ ކަމެއް ހަމަޖައްސަވައި ނިންމަވައިފީމޭ. ކުރިން އުޅުއްވީމޭ، އެކަމަކު ދެން މިހާރު ނޫޅުއްވަމޭ. އެހެންވީމާ، އެއީ އެހެން ވިދާޅުވި އެއްބޭފުޅަކު.

ދެން އަލްފާޟިލް އިލްޔާސް އިބްރާހީމް އިސްތިޢުފާ ހުށައެއްނާޅުއްވާ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރުމާ ނުކުރުމުގައި މައްސަލައެއްވެސް ނުނުކުމޭ. އެހެން އިވޭ އަޑުތަކެއް ގަބޫލުކުރައްވާކަށްވެސް ނުވާނެ ދޮގެއްތޯ! މިކަހަލަ ދުވަސްވަރެއްގައި ޙަޤީޤަތާ ޚިލާފަށް ވަރަށްގިނަ އަޑުތައް ފެތުރިގެންދާނެ. ހަމަ އެބޭފުޅުންނަށްވެސް ވަނީ ޝޮކަކަށް. ކުއްލިއަކަށް އެބޭފުޅުން އިސްތިޢުފާދޭ ވާހަކަ ނޫސްތަކުގައި ޖަހާފައި އޮއްވައި ފެންނަނީ. އެބޭފުޅަކަށްވެސް އެނގިވަޑައިނުގަންނަވާ. އެގޮތުން އިލްޔާސް އިސްތިޢުފާއެއް ނުދެއްވާ. އެހެންވީމާ، އެމައްސަލައެއް ނުވެސް ނުކުމޭ.

ސުވާލު: މިނިވަން ނޫހުން އިބްރާހީމް މުޙަންމަދު

ގަބޫލުކުރެވޭ އިނގޭތޯ، މަނިކުފާނުގެ ކެބިނެޓުން ޒުވާން މޫނުތަކެއް އަދި ފެނިގެންދާނެކަމަށް. ދެން އުފެދޭ ސުވާލަކީ، މަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބައެއް ޒުވާން ބޭފުޅުން އިސްތިޢުފާ ދެއްވުމަށްފަހު، މަނިކުފާނު ވަރަށް ބޮޑަށް ބަދުނާމުކޮށްފައިވޭ. ކީއްވެގެންތޯ ރައްޔިތުންގެ ރުހުމާއި ލޯތްބާ ލިބިފައި ތިއްބެވި ބޭފުޅުން، މިސާލަކަށް، ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފްފަދަ ބޭބޭފުޅުންނަށް ތިޔަބޭފުޅުން އިސްކަން ނުދެއްވަނީ، ކެބިނެޓުން މަގާމުދެއްވާއިރު.

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އިސްކަން ނުދެއްވަނިއްޔޭ ވިދާޅުވާއިރު، ނުދޭކަން އެނގިވަޑައިގަތީ ކިހިނެއްތޯ! ހަމަ ހިތްޕުޅަށްއެރި އެއްޗެއް ވިދާޅުވީ. އެކަމަކު ޢަބްދުއްސައްތާރު ޔޫސުފާ އަޅުގަނޑު މީގެކުރިން ދައްކާފައި ހުރި ވާހަކައެއް އެނގިވަޑައެއްނުގަންނަވާނެ. އެހެންވީމާ، އެހެން ހިތްޕުޅަށްއަރާހާ އެއްޗެއް، ޙަޤީޤަތް ކަމަށް ނުބައްލަވާ! ވަރަށް ގިނަ ވާހަކަތައް އަޅުގަނޑާ އެކިބޭފުޅުންނާ ދެކެވޭނެ. އެކި ބޭފުޅުންގެ މަސައްކަތްޕުޅު ހުންނަގޮތުން ކެބިނެޓަށް ވަޑައިނުގެންނެވުން އެއީ އެކަށީގެންވާ ކަމެއް ދޮގެއްތޯ!

ސުވާލު: ހަވީރުން ޢަބްދުﷲ ޖަމީލް

އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ވަޒީރުންގެ މަޖިލީހުން ދާދިފަހުން ވަރަށްގިނަ ބޭފުޅުންތަކެއް އިސްތިޢުފާ ދެއްވިތަން. އޭގެ ފަހަތުގައި ބައެއް ސަބަބުތަކެއް ފޮރުވިގެންވުންވެސް އެކަށީގެންވޭ. އެހެންނަމަވެސް މިއަދު މިތިއްބެވި ތިން ބޭފުޅުންގެ ވާހަކަތަކުން އަޅުގަނޑަށް އެބަ ދޭހަވޭ، އެބޭފުޅުން ޤައުމަށް އަދިވެސް ޚިދުމަތް ކޮށްދެއްވާނެ ކަމަށް. މިހާރު އިސްތިޢުފާ ދެއްވާފައި ވަކިވެވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެބައޮތްތޯއޭ، މަނިކުފާނަށް ޚިދުމަތް ކުރައްވަން ދެމިހުންނާނެ ކަމަށް ވިދާޅުވެފައި. އަދި އެއީ ކޮންކޮން ބޭފުޅުންނެއްތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

މިއަދު އިސްތިޢުފާ މި ދެއްވި ހަތަރު ބޭފުޅުންވެސް އެހެން ވިދާޅުވެފައި އެވަނީ. މީގެކުރިން އިސްތިޢުފާ ދެއްވި ބޭފުޅުން އެހެން ވިދާޅުވެފައެއްނެތް.

ސުވާލު: ޓީ.ވީ މޯލްޑިވްސުން ހީނާ ވަލީދު

އަޅުގަނޑުގެ ސުވާލަކީ، މިހާރު ކެބިނެޓްގެ ހަތަރު ވަޒީރުންގެ އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، ހަމަގައިމުވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި މަގާމުތަކަށް އާ މޫނުތަކެއް އަންނާނެކަމަށް، ވަރަށް ޤާބިލު ބޭފުޅުން ވަޑައިގަންނަވާނެކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ. މަނިކުފާނުގެ ވިސްނުންފުޅު ކިހިނެއްތޯ ގެންގުޅުއްވަނީ، މިފަދަ މަގާމުތަކަށް ބޭފުޅުން ހޮއްވެވުމުގައި. އާ މޫނުތަކަށްތޯ، ނޫނީ، ކުރީގެ ބޭފުޅުންވެސް މިމަގާމުތަކަށް ވަޑައިގެންފާނެތޯ؟ ދެން ހަމަ ފާހަގަކުރައްވައިފި، ޖަސްޓިސްގެ ދާއިރާއަށް މިއަންނަ ބަދަލުތަކުގެ ވާހަކަ. ހަމައެކަނި މިއަންނަ ބަދަލުތަކާއި ޤާނޫނުއަސާސީއާ ގުޅިގެން ޖަސްޓިސްގެ ދާއިރާއަށްތޯ ބަދަލުއަންނާނީ، ނޫނީ އިތުރު ދާއިރާތަކަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްތޯ. މީގެ ތަފްޞީލު ދެއްވިދާނެތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، މިވަގުތަކު އިތުރު މިނިސްޓްރީއަކަށް ބަދަލު އަންނަގޮތަކަށް އަދި ހަމަޖެހިފައެއް ނެތް. އެނގިވަޑައިގަންނަވާނެ ފަދައިން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައި، ވަޒީރުންގެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިން، މިހާރު ހިނގަމުންދާ ޤާނޫނުއަސާސީގެ ދަށުން އަޅުގަނޑު ކަންތައް ކުރަމުން މިއައީ. މާދަމާ މި ތަޞްދީޤުކުރާ ޤާނޫނުއަސާސީގައި، މިނިސްޓްރީތައް އުފެއްދުމާއި، މުއައްސަސާތައް އުފެއްދުމުގެ ކަންތައް އޮތީ ތަފާތު ގޮތަކަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތަޞްދީޤު ކުރުމަށްފަހު، އެގޮތަށް އެކަންތައް ގެންދާނަން. މިވަގުތަކަށް މިނޫން މިނިސްޓްރީއަކަށް ބަދަލުގެންނަ ގޮތަކަށް ހަމަޖެހިފައެއްނެތް.

ތިޔަ ވިދާޅުވިހެން، އަޅުގަނޑުބަލަނީ އަބަދުވެސް ޤާބިލު ޒުވާން ބޭފުޅުން ވަޒީރުންގެ މަޖިލީހަށް ގެނެވޭތޯ. އެގޮތަށް ވަރަށް ކާމިޔާބުކަމާއެކީ، ވޭތުވެދިޔަތާނގައިވެސް މިއޮތީ ކަންތައް ގެންދެވިފައި. ކުރިއަށް އޮތްތާނގައިވެސް އެހެން ވާނެކަމަށް އަޅުގަނޑު ހީކުރަން. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ހުރިގޮތުން، އަދި ދެންމެ ބައެއް ބޭފުޅުން ވިދާޅުވިހެން، ބައެއް ހަރުކަށި ޝަރުޠުތައް މިހާރު އެބަހުރޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބެހޭގޮތުންވެސް. އެކަހަލަ ގިނަ ބޭފުޅުންތަކެއް ހޯދުމަކީ ފަސޭހަކަމެއްނޫން. އެހެން މިދެންނެވީ، ދަންނަވާލާ ބޭފުޅަކު ވިދާޅުވެދާނެ، ތިމަންނާ މިވެނި ކަހަލަ ކަމެއްގައި އެބަ އުޅުއްވަމޭ. ވަރަށް ޚިދުމަތްކޮށްދެއްވާހިތްޕުޅުވެޔޭ، އެހެންނަމަވެސް، އެކަން އެހެން އޮތީމާ އެކަން ދޫކޮށްލައްވާފައި، ތިމަންނާއަކަށް ވަޑައިގެންނެވޭކަށްނެތޭ. މި މައްސަލަ އެބަ ދިމާވޭ. އެހެންވީމާ، ފަހަރެއްގައި ކުރިން ކެބިނެޓްގައި ހުންނެވި ބޭފުޅަކު އަލުން ވަޑައިގަތުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެކަމަކު އަޅުގަނޑު ބަލަނީ އެވަގުތަކަށް ލިބެންހުރި އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު، އެންމެ ޤާބިލު، އެންމެ ޚިދުމަތް ކުރެއްވޭނެ ބޭފުޅުން ކެބިނެޓަށް ގެނެވޭތޯ.

Question by Olivia Lang from Minivan News Website

These four resignations came after previous resignations recently. Are you worried about such a considerable re-shuffle in the Cabinet, so close to the elections?
And also, what do you anticipate in the time frame to be for elections now, I mean for first and second rounds, in terms of there being such short time frame between now and October.

The President

First, I don’t see any major re-shuffle in the cabinet. These four Ministers have resigned for very specific reasons which they have explained to you all. And I agree with them, and I thank them for the service they have done for the Government and the people during the past three years.
As far as the other measures that are to be adopted before the elections, I think we can work very well and we can achieve all those targets in the time lines. I don’t foresee and any difficult circumstances ahead.


ސުވާލު: އާފަތިސް ނޫހުން މޫނިސާ ޢީސާ

މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، މިހާރު ޤާނޫނުއަސާސީގައި އޮތްގޮތުން ވަޒީރުން މަޖިލީހަށް މެންބަރުން ޢައްޔަން ކުރުމަކީ ވަރަށް ޗެލެންޖިންގ ކަމެއް ކަމަށް. އެކަމަކު މިހާރު އެ މަރުޙަލާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެއްޖެ. ދެން މިއަދު އިސްތިޢުފާ ދެއްވި ހަތަރު ވަޒީރުންނާއެކު، އަދި އިޤްތިޞާދީ ދާއިރާގެ ވަޒީރުކަންވެސް މިހާރު އޮތީ ހުސްވެފައި ކަމަށް. ވީމާ، ފަސް ވަޒީރަކު މަނިކުފާނު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނެ. އެހެންވީމާ، ޖަސްޓިސް މިނިސްޓަރެއް ދެން ޢައްޔަން ނުކުރައްވަންޏާ، ދެން ހަތަރު ވަޒީރުން. އަޅުގަނޑު ހިތަށްއަރަނީ މިހާރު މަނިކުފާނު ވަޒީރުން ޢައްޔަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެބޭފުޅުންނަށް އެކަން ހުށަހަޅުއްވައިގެން އެކަން ގަބޫލުނުކުރައްވާ ބޭފުޅުން އެބަ ތިއްބެވިތޯ؟ މިހާރު ޤާނޫނުއަސާސީގައި އޮތްގޮތުން އެބޭފުޅުން ވިޔަފާރީގައިވިޔަސް، ނޫނީ އެހެން މަސައްކަތެއްގައިވިޔަސް ނޫޅުއްވޭ. އެހެންވީމާ، ކިހާވަރެއްގެ ޗެލެންޖަކާ މަނިކުފާނާ ކުރިމަތިވެގެންދާނެތޯ މިހާރު ޤާނޫނުއަސާސީގައި އޮތްގޮތުން؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ކުރިންވެސް ދެންނެވިހެން، މާ ފަސޭހަކަމަކަށް ނުވާނެ ދޮގެއްތޯ! ހަމައެކަނި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމެއްނޫން. އެހެން މަގާމުތަކަށް ބޭފުޅުން ހޯދުމުގައިވެސް އެ ދަތި އެބަ ދިމާވޭ. އެއީ ވަކިކަހަލަ ފެންވަރަކަށް ތަޢުލީމު ހާސިލުކޮށްގެން ތިއްބެވުމާއި، ވިޔަފާރީގައި ބައިވެރިވަޑައިނުގަތުމާ، މިހެންގޮސް ހުންނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ ދަތި އެބަ ދިމާވޭ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފިޔަވައި އެހެން މަގާމުތަކަށް ބޭފުޅުން ހޯދުމުގައިވެސް، ކުރިއަށް އޮތްތާނގައި އެ ދަތި ދިމާވާނެ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ އެ ދަތި ފިލުވައިލެވޭނެހެން. އެ ދަތި ގިރާކޮށްފައި، ހަމަ ކާމިޔާބީއަކާ ހަމައަށް ދެވޭނެހެން ހީވޭ. ތިޔަ ވިދާޅުވި މަގާމުތަކުގެ ތެރެއިން ތިން މަގާމަކަށް މިހާރު ބޭފުޅުން ގަބޫލުވެސް ކުރައްވާފައި އޮތީ. އެކަމަކު އެބޭފުޅުންގެ ނަންފުޅުތަކެއް ދަންނަވާކަށް އަޅުގަނޑު މިވަގުތަކު ބޭނުމެއްނޫން. އެބޭފުޅުންގެ ވާހަކަ ދެންނެވެން އޮންނާނީ، އެބޭފުޅުންވެސް އަޅުގަނޑާއެކު މިތަނަށް ވަޑައިގެން އެބޭފުޅުންވެސް ތިއްބެވި ތަނެއްގައި. އެހެންވީމާ، އެ ހަތަރު މަގާމުގެ ތެރެއިން ތިން މަގާމަށް މިހާރު ބޭފުޅުން ހަމަޖެހޭގޮތަށްއޮތީ އިނގޭތޯ!

ސުވާލު: މިއަދު ނޫހުން މިދުޙަތު އާދަމް

އެމް.އެމް.އޭ.ގެ ގަވަރނަރުގެ މަޤާމު އަދިވެސް ހުސްކޮށް އޮތީ. އެއީ ވަރަށް ގިނަ ބޭފުޅުން ފާޑުވެސް ވިދާޅުވަމުންދާ ކަމެއް. އެމަގާމަށް ހުށަހެޅުއްވި ބޭފުޅަކު ވަރަށް ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައި، އެހެން މަގާމަކާ ގުޅިވަޑައިގެންފި. އެހެންވީމާ، މިހާރު އެކަން ހަމަޖެހިގެންދާނީ ކިހާތާކުތޯއޭ. އަޅުގަނޑު މިދެންނެވީ މިދަނޑިވަޅުގައި ވަރަށް މުހިންމު މަގާމެއް ކަމަށް، ވަރަށްގިނަ ބޭފުޅުން ދެކެވަޑައިގަންނަވާތީ. ކޮންގޮތަކަށްތޯއޭ އެމަސައްކަތް މިހާރު އޮތީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އާދެ، އެމަގާމަކީ ހަމައެކަނި މިދަނޑިވަޅުގައި މުހިންމު މަގާމެއް ނޫން. އަބަދުވެސް ވަރަށް މުހިންމު މަގާމެއް، އެމް.އެމް.އޭ.ގެ ގަވަރނަރުގެ މަގާމަކީ. ތިޔަ ވިދާޅުވިހެން އެއްބޭފުޅަކު އެތަނަށް ހަމަޖައްސައި، އެހެންނަމަވެސް ފިނޭންސް މިނިސްޓްރީ ހުސްވުމާ ގުޅިގެން، ފިނޭންސް މިނިސްޓަރުކަމުގެ މަގާމު އަޅުގަނޑު ހުށަހެޅީމާ، އެބޭފުޅަކު ވަޑައިގެންފި ފިނޭންސް މިނިސްޓަރު ކަމަށް. ވަޑައިގަތީމާ އެމް.އެމް.އޭ.ގެ ގަވަރނަރުގެ މަގާމު ހުސްވީ. އެމަގާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެމަގާމުވެސް ހަމަޖެހޭނެ. އެހެންވީމާ، އެއީވެސް މައްސަލައަކަށް ނުވާނެހެން އަޅުގަނޑަށް ހީވަނީ.

ސުވާލު: ދިވެހިރާއްޖޭގެ އަޑުން މުޙަންމަދު ޖަމީލް

މާދަމާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބެމުންދަނީ. ޤާނޫނުއަސާސީ ތަޞްދީޤު ކުރުމާއެކު، އެންމެ އަވަހަށްޖެހޭ ކަންތައްތަކަކީ ކޮބައިކަން މިހާރު އެބަ އެނގޭ، އެހެންނޫންތޯ! އިލެކްޝަން ކޮމިޝަނާއި ސުޕްރީމް ކޯޓާ، މި މުއައްސަސާތައް ޤާއިމުކުރުން. އެހެންވީމާ، މި މުއައްސަސާތައް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ މިހާރުގެ އެންމެފަހުގެ އަޕްޑޭޓަކީ ކޮބައިތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އެންމެފަހުގެ އަޕްޑޭޓެކޭ ކިޔާފައި ވަކިއެއްޗެއް ދަންނަވާކަށް އަޅުގަނޑު ބޭނުމެއްނޫން މިވަގުތަކު. އެކަމަކު އެމަސައްކަތް ދަނީ ކުރެވެމުން. އެމަސައްކަތަކީ ވަރަށްގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާނެ ކަމެއް. މިހާރު އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙު އޮތްގޮތުން ވަރަށް ގިނަ ސިޔާސީ ޕާޓީތައްވެސް އެބަ ޙަރަކާތްތެރިވޭ. އެ ސިޔާސީ ޕާޓީތަކުގެ އެއްބާރުލުންވެސް ބޭނުންވާނެ. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. ހަމަ ޕާލަމެންޓްގެ ތެރެއިންވެސް އަދި ބޭރުންވެސް. އެހެން ސިޔާސީ ޕާޓީތަކާ ވާހަކަ ދައްކައިގެން ކުރިއަށް އޮތްތާނގައި، ތިޔަ މުއައްސަސާތަކަށް މެންބަރުން ހޯދުމުގައި، ކިހިނެއްތޯ އަޅުގަނޑުމެންނަށް ތަންކޮޅެއް ރަނގަޅަށް މަސައްކަތް ކުރެވޭނީ. އެހެންވީމާ، މަސައްކަތް ކުރެވެމުން އެބަދޭ އިނގޭތޯ!

ސުވާލު: ހާމަނޫހުން އިބްރާހީމް ވަޙީދު

ވިދާޅުވެއްޖެ، ތިން ބޭފުޅަކު މިހާރު މަގާމު ގަބޫލު ކުރައްވާފައި ކަމަށް އޮތީ. ދެން ބާކީ އަދި އެއް މަގާމު އެބައޮތް. އެހެންނަމަވެސް، އެއްވެސްވަރަކަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި އަޅުގަނޑުމެންނަށް ނުފެނޭ އިދިކޮޅު ޕާޓީގެ އެއްވެސް ބޭފުޅެއް ކެބިނެޓަށް ވަޑައިގަންނަވާ ތަނެއް. މިހާރު މި ހުސްވެގެންދިޔަ ހަތަރު މަގާމު. ކިހާވަރެއްގެ އުންމީދެއް އެބައޮތްތޯ، އިދިކޮޅު ފަރާތްތައް އިދިކޮޅު ޕާޓީތަކުގެ ބޭފުޅެއް އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެއް ކެބިނެޓަށް އައުމާ ދޭތެރޭގައި. ކިހާވަރެއްގެ އުންމީދެއް ރައްޔިތުންނަށް ދެއްވިދާނެތޯއޭ. ދެވަނަ ސުވާލަކީ ޖަސްޓިސް މިނިސްޓްރީއަށް ކިހިނެއްތޯއޭ ވެގެންދާނީ. ބިލްޑިންގއަށް އިނގޭތޯ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އިމާރާތުގެ މައްސަލައަކީ، ކޮންމެހެން އަޅުގަނޑު އެކަމާ އުޅެންޖެހޭ މައްސަލައެއްނޫން. މިއޮފީހުގެ ކަމާބެހޭ ބޭފުޅުން، އިމާރާތް ހަމަޖެއްސުމުގެ ކަންތައް އެންމެ ރަނގަޅު ގޮތަކަށް ކުރައްވާނެ. ތިޔަ ވިދާޅުވި އަނެއް ކަންތަކުގައި މާބޮޑު ދައްޗެއްވާނެ ކަމަށް އަޅުގަނޑަކަށް ނުފެނޭ. އެއީ ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނެ ކަމަށް ފެންނަނީ، ހަމަ ރަނގަޅަށް. ދެން އިދިކޮޅު ޕާޓީތަކުން މެންބަރުން ބައިވެރިވެވަޑައިގަތުމަކީ ބައެއް ތަންތާނގައި އޮންނަ ކަމެއް. ހުރިހާ ޕާޓީއަކީ އިދިކޮޅު ޕާޓީއެއް ނޫން ދޮގެއްތޯ! ބައެއް ޕާޓީއަކީ އިދިކޮޅު ޕާޓީ. އަނެއްބައި ޕާޓީ ހަމަ ޑީ.އާރު.ޕީ.އާ ގުޅިގެން ހަމަ މަސައްކަތް ކުރޭ. އެހެންވީމާ، އިދިކޮޅު ޕާޓީތަކެއްވެސް އެބަ ތިއްބެވި. އެކުގައި މަސައްކަތްކުރާ ޕާޓީތަކެއްވެސް އެބަ ތިއްބެވި. ދަންނަވަން ބޭނުންވާ ވާހަކައަކީ، ކޮންމެ ޤައުމެއްގައިވެސް ވަކި އެޤައުމެއްގެ ސިޔާސީ ޙާލަތު ތަންދޭ ގޮތެއްގެ މަތިންނޭ، ވަކި އެއް ޕާޓީއަކުން ނުވަތަ ގިނަ ޕާޓީތަކެއް އެކުލެވިގެން ސަރުކާރެއް ހިންގާނީ. އެއީ ރާއްޖޭގައިވެސް މުސްތަޤްބަލްގައި ހަމަ ވެދާނެގޮތެއް. އަދި މިވަގުތަކު ހުށަހެޅިފައެއް ނެތް. އެހެންވީމާ، މިވަގުތަކު އަދި ނޭނގެ، އެހެން ޕާޓީއެއްގެ ބޭފުޅަކު ބައިވެރިވަޑައިނުގަންނަވާނެ ކަމެއް. އެހެން ދެންނެވިޔަސް، ހަމަ ބައިވެރިވެވަޑައިގެންފާނެ. އެއީވެސް ހަމަ މުސްތަޤްބަލްގައި، އަޅުގަނޑުމެންނަށް އެކަން އެނގޭނީ. މިދެންނެވި ގޮތަކަށް އަދި އެއްވެސް ކަމެއް ހަމަޖެހިފައި ނެތް ވާހަކަ މި ދަންނަވަނީ.

ސުވާލު. މިނިވަން ނިއުސް ވެބްސައިޓުން ޒަހީނާ ރަޝީދު

އަޅުގަނޑުގެ ސުވާލަކީ، އެއްވެސް މިނިސްޓަރަކު އިސްތިޢުފާ ހުށަހަޅުއްވާފައި، މަނިކުފާނު ގަބޫލު ނުކުރައްވާ އިސްތިޢުފާއެއް އެބައޮތްތޯ؟ ދެން އަނެއް ސުވާލަކީ، ކުރިއަށް އޮތް އިންތިޚާބު، އިންޑިޕެންޑެންޓް ޖުޑީޝަލްގެ ދަށުންތޯ ކުރިއަށް ދާނީ. ކޮބައިތޯ އެކަންތައްތައް އެންޝުއަރ ކުރައްވަން ކުރައްވާފައި ހުރި ކަންތައްތަކަކީ؟

ޖަވާބު: ރައީސުލްޖުމްހޫރިއްޔާ

އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކަ ތަންކޮޅެއް ރަނގަޅަށް އަޑުއެއްސެވިނަމަ އެނގިވަޑައިގަންނަވާނެ. މި ހަތަރު ބޭފުޅުން. މި ތިން ބޭފުޅުންނާއި ވަޙީދުއްދީނާ، މިހަތަރު ބޭފުޅުންގެ އިސްތިޢުފާގެ ސިޓީ އަޅުގަނޑަށްވަނީ ލިބިފައި. އަދި އަޅުގަނޑު ގަބޫލެއްނުކުރަން. އެކަމަކު މިދެންނެވީ ގަބޫލުކުރާނަމޭ. އެހެންވީމާ، އެއޮތީ ތިޔަ ވިދާޅުވި ގޮތަށްވެފައި.

ދެން އިންތިޚާބުގެ ކަންތަކުގައި، އިންޑިޕެންޑެންޓް ޖުޑީޝަލެއް އެކަންޏެއް ނޫން ދޮގެއްތޯ! އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަނެއް އުފެދެން މިޖެހެނީ. އެހެންވީމާ، ޤާނޫނުއަސާސީ ބުނާގޮތުގެ މަތިން، އެ ކޮމިޝަން އުފެދޭނެ، އެ މުއްދަތުގެ ތެރޭގައި. ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ހޮވިގެން މެންބަރުން ވަޑައިގަންނަވާނީ. އިލެކްޝަންސް ކޮމިޝަނުން، އެބޭފުޅުން އިންތިޚާބާ ބެހޭ ހުރިހާ ކަމެއް ހިންގަވާނީ. އަދި އިންތިޚާބުގެ ތާރީޚެއް ކަނޑައަޅުއްވާނީ. މިހާރު ހުރިހާ މުއައްސަސާތަކަކީ މިނިވަން މުއައްސަސާތަކަކަށްވީމާ އޮންނާނެ ދޮގެއްތޯ ޔަޤީންކަން. ސަރުކާރުގެ ބާރެއް ނުފޯރާނެ، އިލެކްޝަން ކޮމިޝަނުގެ މައްޗަކަށް. ސަރުކާރުގެ ބާރެއް ނުފޯރާނެ، ސުޕްރީމް ކޯޓުގެ މައްޗަކަށް. ސަރުކާރުގެ ބާރެއް ނުފޯރާނެ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަކަށް. އަދި ސަރުކާރުގެ ބާރެއް ނުފޯރާނެ، ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ މައްޗަކަށް. މިއީ ހައްތާ އިންޑިޕެންޑެންޓް، މިނިވަން މުއައްސަސާތައް. އެގޮތުގައި ހުރުން އެއީ، އަޅުގަނޑުމެންނަށް ހުރިހާ ކަމެއްވެސް ރަނގަޅަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ގެނެސްދޭކަމަކީ. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ ކަންތައްދާނީ.

ދެން ވަރަށްބޮޑަށް ޝުކުރިއްޔާ!