بســم اللّـه الرّحمـن الرّحيــم

ޚަބަރުފަތުރާ ވަސީލަތްތަކުން ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ދެންމެ މިއޮފީހުގެ މިނިސްޓަރ، އަލްފާޟިލާ އަނީސާ އަޙްމަދު ވިދާޅުވިފަދައިން، މިއަދު މިބޭއްވުނު ކަމަކީ، ފުލުހުންގެ ބިލް ތަސްދީޤު ކުރުމާއި، އަދި އާންމު ގަވާއިދުތަކާ ބެހޭ ބިލް ތަޞްދީޤު ކުރުން. ފުލުހުންގެ ބިލް ތަޞްދީޤު ކުރުމަށްފަހު، އަޅުގަނޑު މިތާނގައި ސޮއިކުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ އެއް ލިޔުމަކީ، ފުލުހުންގެ މުއައްސަސާއަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއް ކަމަށް ހަމަޖެއްސި ލިޔުން. އަނެއް ލިޔުމަކީ، ކޮމިޝަނަރ އޮފް ޕޮލީސްގެ މަގާމަށް، އާދަމް ޒާހިރު ޢައްޔަން ކުރިކަމުގެ ލިޔުން. އަދިވެސް އިތުރު ލިޔުމެއްގައި އަޅުގަނޑު ސޮއިކުރިން. އެއީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލީސްގެ މަގާމަށް، ޢަބްދުއްޝުކޫރު ޢަބްދުﷲ ހަމަޖެއްސިކަމުގެ ލިޔުން. އެއީ ފުލުހުންގެ ބިލާ ބެހޭގޮތުން އަޅުގަނޑު މި ސޮއިކުރި ލިޔުންތަކަކީ. އޭގެފަހުގައި ސޮއިކުރީ، އާންމު ގަވާއިދުތަކާ ބެހޭ ބިލް ތަޞްދީޤު ކުރުމުގެ ލިޔުމުގައި.

އެހެންވީމާ، މި ދެ ބިލް މިއަދު ތަޞްދީޤުކޮށް، ހަމަ މިހާރުން ފެށިގެން ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުމާ ގުޅިގެން، މި ދެ ބިލް ދެ ޤާނޫނަށްވެ، އެ ދެ ޤާނޫނަށް ޢަމަލުކުރަން ފެށޭނެ. އެނގިވަޑައިގަންނަވާނެ ފަދައިން، މި ދެ ޤާނޫނަކީ، ޤާނޫނުއަސާސީ، އާދެ، ރާއްޖޭގެ އާ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރިން ފާސްވެ، ތަޞްދީޤު ކުރުން ކޮންމެހެން ބޭނުންވެފައިވާ ދެ ޤާނޫނު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންތައް މިއަދު ފުރިހަމަވެގެން އެދިޔައީ.

ފުލުހުންގެ ބިލަކީ، 2006 ވަނަ އަހަރުގެ ކުރީކޮޅު، އެ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް. އެ ބިލުގެ ބޭނުމަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ރައްކާތެރިކޮށް، ރާއްޖޭގެ ދާޚިލީ ސަލާމަތާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގެ ވެރިކަމާއި މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަޔަނުދިނުމަށްޓަކައި ފުލުހުން ތިބުމުގެ މުހިންމުކަން، ދިވެހިރާއްޖެއަށްވެސް ބޮޑުވެފައިވާތީ، ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުލުހުން ރާއްޖޭގައި ހަރަކާތްތެރިވާންޖެހޭ ގޮތްތައް ކަނޑައެޅުމާއި، ފުލުހުންގެ އިމްތިޔާޒުތަކާއި ޙައްޤުތަށް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޤާނޫނެއް އޮތުމުގެ މުހިންމުކަން ވަޒަންކުރެވިގެން، އެގޮތުގެމަތިން ހުށަހަޅައި ފާސްކޮށް، އަދި މިއަދު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުނު ޤާނޫނެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ފުލުހުންގެ މުއައްސަސާއަކީ، ވަރަށް މުހިންމު މުއައްސަސާއެއް. އެއީ، ތަނުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މުއައްސަސާ. ރާއްޖޭގައިވެސް ފުލުހުންގެ މުއައްސަސާ ޤާއިމުވެގެން ހިނގަމުންދާތާ ވަރަށްގިނަ އަހަރުތަކެއްވެއްޖެ. އެންމެފުރަތަމަ ފެށިގެން އައިއިރާއި އަދި ފަހުން ތަރައްޤީވަމުން މިހާރު އައިސްފައިވާ ގޮތާ ވަރަށް ތަފާތު. އެއްދުވަސްވަރެއްގައި ފުލުހުންގެ މަސައްކަތަކީ، އެން.އެސް.އެސް.ގެ ތެރެއިން، އާދެ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ތެރެއިން ހިނގަމުންދިޔަ ކަމެއްގެ ގޮތުގައިވެސް ދިޔަ. އޭރު މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދަނީ. އެހެންނަމަވެސް، 2004 ވަނަ އަހަރު، ސިޔާސީ އިޞްލާޙުގެ ތެރެއިން ގެނެވުނު ބަދަލަކާ ގުޅިގެން، ފުލުހުންވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ވަކިކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ހަވާލުކޮށްފައި. ފުލުހުން، ސިވިލް ބައެއްގެ ގޮތުގައިވަނީ ހަމަޖެހި، އެ ތާރީޚުން ފެށިގެން ހިނގަމުން އައިސްފައި. މިހާރުވެސް ފުލުހުންނަކީ، މިއަދާ ޖެހެންދެން އެގޮތުގައި ތިބި ބަޔެއް.

މިއަދު މި ޤާނޫނު ތަޞްދީޤު ކުރުމާ ގުޅިގެން، ފުލުހުންގެ މުއައްސަސާއަކީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއްގެ ގޮތުގައި އަނެއްކާ މި ހަމަޖެހުނީ. އެކަން އެގޮތަށް ހަމަޖައްސައި، އެކަމުގެ ލިޔުމުގައި ދެންމެ އަޅުގަނޑު މި ސޮއިކުރީ. މިއީ ވަރަށް މުހިންމު ޤާނޫނެއް. މި ޤާނޫނުގައި މިދެންނެވި ފަދައިން ބަޔާންވެގެންވަނީ، ޤައުމުގެ ސަލާމަތާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އެމީހުން، ފުލުހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް. އަދި ފުލުހުންނަށް އެކަން ކުރުމުގައި ލިބިފައިވާ އިޚްތިޔާރުތަކާއި ބާރުތަކާއި އިނާޔަތްތައް. އަދި ފުލުހުންގެ ޙައްޤުތައް. މި ޤާނޫނުގެ ދަށުން، ވަރަށްގިނަ ގަވާއިދު ހެދެންޖެހޭ. އެ ގަވާއިދުތައް ހަދަން ޤާނޫނު ހަވާލުކޮށްފައި އޮތީ މިނިސްޓަރަށް. މިހާރު އެމިނިސްޓަރަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް. އެހެންވީމާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެގަވާއިދުތައްވެސް މިހާރުވަނީ ހައްދަވާފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެ ގަވާއިދުތައް ހަމަ މިއަދު އިޢުލާން ކުރައްވާނެ. އެއީ ފުލުހުންގެ ޤާނޫނާ ބެހޭގޮތުން ދަންނަވާލަން ބޭނުންވި ވާހަކައަކީ.

ދެން ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އަޅުގަނޑު ދެންމެ ތަޞްދީޤުކުރި ދެވަނަ ޤާނޫނާ ބެހޭ ވާހަކައެއް. އާދެ، އެއީ އާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، ސަރުކާރުން ހަދާ ގަވާއިދުތަކަށް ޢަމަލުކުރެވޭނީ އެ ގަވާއިދުތައް ހެދުމުގެ ބާރު ސަރުކާރަށް ލިބިފައި އޮވެގެން. ގަވާއިދުތައް ހެދޭނީ ޤާނޫނެއްގެ ދަށުން ބާރު ލިބިގެން. އެނޫން ގޮތަކަށް ހެދިފައި ހުންނަ ގަވާއިދުތަކަކީ، ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހުން ފެށިގެން ގަވާއިދުތަކަކަށް ނުވާނެ. އެހެންވީމާ، ބަލައިލިއިރު މިވާގޮތަކީ، ރާއްޖޭގައި ޤާނޫނެއްގެ ބާރު ނުލިބި، ސަރުކާރުގެ އެކި ދާއިރާތަކުން ހައްދަވާފައި ހުރި ވަރަށްގިނަ ގަވާއިދުތަކެއް ވަރަށް ކުރީއްސުރެ އެބަހުރި. އެހެންވީމާ، އެ ގަވާއިދުތަކަށް ޤާނޫނީ ބާރު ލިބިދޭ ޤާނޫނެއް ނެތިއްޔާ، ޤާނޫނުއަސާސީ ތަޞްދީޤުވުމާ ގުޅިގެން އެ ހުރިހާ ގަވާއިދަކަށް ޢަމަލުކުރުން ހުއްޓޭނެ. އެހެންވެއްޖިއްޔާ ވަރަށްބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ. ސަރުކާރު ހިންގުމުގައިވެސް، ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމުގައިވެސް، އަދި ވަރަށްގިނަ ކަންތައްތައް މުޅިން އޮޅި، ނުވަތަ ބޮއްސުންލައި، މިހެންވަމުންދާނެ.

އެހެންވީމާ، އެ ގަވާއިދުތަކަކީ، ވަރަށް ބޭނުންތެރި ގަވާއިދުތަކަކަށްވާތީ، އެ ހުރިހާ ގަވާއިދެއް އެއްކޮށްފައި، އެ ގަވާއިދަށް ޤާނޫނީ ބާރު ލިބިދޭ ޤާނޫނެއްގެ ބިލެއް، ސަރުކާރުން ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވަނީ. އެ ޤާނޫނު އަޅުގަނޑު މިއަދު މި ތަޞްދީޤުކުރީ. އެހެންވީމާ، މިއަދުން ފެށިގެން، އެ ގަވާއިދުތަކަށް ޤާނޫނީ ބާރު އެއޮތީ ލިބިފައި. އެ ގަވާއިދުތަކަކީ ހިންގޭނެ ގަވާއިދުތަކެއް. އެހެންވީމާ، އެއީ ދެވަނަ ޤާނޫނަކަށް މިއަދު އަޅުގަނޑު މި ތަޞްދީޤުކުރި ޤާނޫނަކީ.

މިދެންނެވި ޤާނޫނުގައި ދެ ޖަދުވަލެއް އޮންނާނެ. އެއް ޖަދުވަލުގައި އެބައޮތް 66 ގަވާއިދެއް. އަނެއް ޖަދުވަލުގައި އެބައޮތް 17 ގަވާއިދެއް. އެހެންވީމާ، ޖުމްލަ 83 ގަވާއިދަށް ޤާނޫނީ ބާރު ލިބިދޭ ޤާނޫނެއް މިއަދު އަޅުގަނޑު މި ތަޞްދީޤުކުރީ. މިކަމަކީ ވަރަށް އަވަސް ގޮތެއްގައި ސަރުކާރުން ކުރަން ޖެހިގެން ކުރި ކަމެއް.

މިނިސްޓްރީ އޮފް ލީގަލް ރިފޯމުން މި މަސައްކަތް ވަރަށް ބާރަށް ކުރައްވައި، ހުރިހާ ކަމެއް ތައްޔާރުކުރައްވައި، މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި. އެންމެ ދެ ޖަލްސާއަށްފަހުގައި، އެ ޤާނޫނުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައި. ކުރިން ދެންނެވި ފުލުހުންގެ ބިލްވެސް ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަލާމަތީ ކޮމިޓީއާއި، އިޖްތިމާއީ ކަންކަމުގެ ކޮމިޓީއާ، ދެކޮމިޓީ އެކުވެގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުން ވަނީ ދިރާސާ ކުރައްވާފައި. އެއަށް ގެންނަން ފެނިވަޑައިގެންނެވި އިޞްލާޙުތަކެއް ގެންނަވާފައި، ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައި. ފާސްކުރެއްވީ ޖުލައި މަހުގެ 23 ވަނަ ދުވަހު. އެ ދުވަހު ޖަލްސާއަށް ވަޑައިގެން ތިއްބެވި 42 މެންބަރުންގެ އިއްތިފާޤުން ފުލުހުންގެ ބިލްވަނީ ފާސްވެފައި.

އެހެންވީމާ، މި ވާހަކަތައް ދަންނަވާލުމަށްފަހުގައި، ތިޔަބޭފުޅުން ކޮށްލައްވަން ބޭނުންފުޅުވާ ދެތިން ސުވާލަކަށް އަޅުގަނޑު ފުރުޞަތު އަރުވާނަން. އޭގެފަހުން، ކުރިން އަނީސާ ވިދާޅުވިފަދައިން، އިތުރު ސުވާލު ކުރައްވަން ބޭނުންފުޅިއްޔާ، މިތާ މި ތިއްބެވި ބޭބޭފުޅުން ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ.

ސުވާލު: ހަވީރު ނޫހުން އަޙްމަދު ޙަމްދޫން

މިޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމަށްޓަކައި މުހިންމު ދެ ބިލްކަމަށް ފާހަގަކުރައްވާ، މި ދެ ބިލް ތަޞްދީޤު ކުރެއްވީތީ، ފުރަތަމަވެސް އަޅުގަނޑު މަނިކުފާނަށް މަރުޙަބާ ދަންނަވަން. އަދި ހަމައެއާއެކު އަޅުގަނޑުގެ ސުވާލަކީ، ފުލުހުންގެ ބިލް ތަސްދީޤް ކުރެއްވިއިރުގައި އަޅުގަނޑުމެންނަށް މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ބައެއް ބޭފުޅުންނަށް މަޖުބޫރުވެވަޑައިގެން އެ ބިލް ފާސްކުރެއްވިތަން. ޚާއްޞަކޮށް، ބައެއް އިދިކޮޅު މެންބަރުން. މިވަގުތު އެނޫންގޮތެއް ނެތިގެން އެބޭފުޅުން އެބިލަށް ވޯޓު ދެއްވީ. އެބޭފުޅުން ފާހަގަކުރެއްވި، ވަރަށް ގިނަ އިޞްލާޙުތަކެއް ހުށަހަޅުއްވަންޖެހޭކަމަށް. ވަރަށް ބޮޑެތި ޤާނޫނީ ބާރުތަކެއް ފުލުހުންނަށް ލިބިގެން ހިނގައްޖެ، މިބިލް ތަސްދީޤް ކުރެއްވުމާއެކު. އެހެންނަމަވެސް، ރައްޔިތުންނަކަށް ޤާނޫނީ މާބޮޑެތި ބާރުތަކެއް ނެތޭ، އެބޭފުޅުން ވިދާޅުވަމުން ގެންދެވީ، ފުލުހުންނަށޭ މިއޮތީ ބޮޑެތި ބާރުތަކެއް ލިބިފައި. އެހެންވީމާ، މަނިކުފާނު ބިލް ތަޞްދީޤު ކުރެއްވީ މިވަގުތަށް ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމުގެ މުހިންމުކަން ބޮޑުކަމުންކަމަށް އަޅުގަނޑަށްވެސް ވިސްނޭ. އެހެންވީމާ، ސަރުކާރުން ކިހާވަރަކަށް، އިސްކަންދެއްވާނަންތޯ ވީހާވެސް އަވަސް މުސްތަޤްބަލެއްގައި މިބިލް އިޞްލާޙުކޮށް، މީގައި މި ބާރު ބެލެންސް ކުރުމަށް. މިދެންނެވީ، ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ބާރާއި، އަދި ފުލުހުންނަށް ލިބިގެންދާ ޤާނޫނީ ބާރު، މި ދެބައި ބެލެންސް ކުރައްވަން ކިހާވަރަކަށް ސަރުކާރުން ވިސްނަވާނެތޯ؟ އަދި ކިހާދުވަހެއް އެކަމަށް ހޭދަވާނެތޯ؟

ދެވަނަ ސުވާލަކީ، ދެންމެ ވިދާޅުވި 17 ގަވާއިދެއްގެ ވާހަކަ، އެގަވާއިދުތައް މިއަދު އިޢުލާނި ކުރައްވާ ވާހަކަ. އޭގެ ތެރޭގައި އަޅުގަނޑަށް އެނގިފައި އޮތްގޮތުން ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދެއްވެސް އޮންނާނެ. ފުލުހުން މިހާތަނަށް ބާރުގެ ބޭނުންކޮށްފައި ހުރިގޮތަށް ބަލާއިރު، ހަތިޔާރު ދިނުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރޭ. އެހެންނަމަވެސް، ބައެއް ޤައުމުތަކުގައި އެކަން އެގޮތަށް ދާކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ރާއްޖޭގައި ކަންތައް ހުރިގޮތުން އަދި އެއީ ރަނގަޅު ކަމަކަށްނުވޭ. އަޅުގަނޑުގެ ސުވާލަކީ، ކޮންގޮތަކަށްތޯ ހަތިޔާރު ބޭނުންކުރާނީ، ކިހާވަރަކަށްތޯ؟ ކޮންކަހަލަ ހަތިޔާރެއްތޯ؟ ޤާނޫނަކުނެތް ޑިފައިންކޮށްދެއްވާފައެއް، ކޮންކަހަލަ ހަތިޔާރެއްކަން. ހަމައެކަނި ހަތިޔާރު އެތެރެކޮށް ބޭނުންކުރެއްވޭނެކަމަށް. ކޮބައިތޯ އޭގެ ޑެފިނިޝަންއަކީ، ކޮންކަހަލަ ހަތިޔާރެއްތޯ އަޅުގަނޑަށް ސާފު ކޮށްދެއްވިދާނެތޯ؟ ޝުކުރިއްޔާ.

ޖަވާބު:
ރައީސުލްޖުމްހޫރިއްޔާ

އާދެ، ތިޔަ ކުރެއްވި ސުވާލުގައި ވަރަށްގިނަ ބައިތައް އެބަ ހިމެނޭ. އެހެންވީމާ، ބަޔަކުން ބަޔަކުން އެއްޗެއް ދެންނެވޭތޯ އަޅުގަނޑު ބަލާނަން. އެންމެ ފުރަތަމަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުންގެ މެންބަރުން ފުލުހުންގެ ބިލް ފާސްކޮށްދެއްވީ މަޖުބޫރުވެގެންނޭ. އެއީ ޙަޤީޤަތެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އެއްވެސް ބިލަކަށް، އެއްވެސް ކޮޅަކަށް ވޯޓު ދެއްވާކަށް މަޖުބޫރެއްނުވާނެ. އެބޭފުޅުންނަށް ފުރިހަމަ އިޚްތިޔާރު އޮންނާނެ. ފުރިހަމަ ޤާނޫނީ މިނިވަންކަމާއި ޙިމާޔަތް އޮންނާނެ. އޭގެ ދަލީލެއް ސަރުކާރުން ހުށަހެޅި އިޞްލާޙެއް، އެއީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިޞްލާޙެއް. އެ އިޞްލާޙަށް މިއަދު ލިބުނީ 20 ވޯޓު. ފާހެއްނުވި. އެހެންވީމާ، އެބޭފުޅުން ބޭނުންފުޅުވި އިޚްތިޔާރު ބޭނުންކުރެއްވީ. އެއީ އެބޭފުޅުންނަށް އޮތް ފުރިހަމަ ޙައްޤެއް، ފުރިހަމަ އިޚްތިޔާރެއް. އެހެންވީމާ، އެއްވެސް ބިލެއް ފާސްވަނީކީ މަޖިލީހުގެ މަޖުބޫރަކުން ނޫން. އެއްވެސް ބޭފުޅަކު ވޯޓު ދެއްވަނީކީ މަޖުބޫރު ވެގެނެއްނޫން. އިއްތިފާޤުން އެބިލް އެ ފާސްވީ. އަނެއް ބިލް ފާސްވިއިރު، އެއްބައި ބޭފުޅުން އެއަށް ވޯޓު ނުދެއްވާ. ގަވާއިދުތަކާބެހޭ ބިލަށް. އެހެންވީމާ، ހުރިހާ އެއްޗެއް ފާސްވަނީ އިއްތިފާޤަކުންވެސް ނޫން. އެހެންވީމާ، އެނުކުތާ ދަންނަވާލަން ބޭނުންވީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކޮންމެ މެންބަރަކުވެސް ވޯޓް ދެއްވަނީ، އެބޭފުޅަކު ވިސްނަވާފައި އެބޭފުޅަކަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ގޮތަށޭ. ފުރިހަމަ މިނިވަންކަމާއެކީގައޭ. އެއްވެސް މަޖުބޫރުވުމެއް ނެތިއޭ.

ދެން ވިދާޅުވި، މި ޤާނޫނުގައި ފުލުހުންނަށް މާގިނަ ބާރު ދީފައި، ރައްޔިތުންނަށް ބާރުތަކެއް ނެތޭ. އެއީވެސް ރަނގަޅު ވާހަކައެއް ނޫން. ފުލުހުންނަށް ކޮންމެ ތަނެއްގައިވެސް އޮންނާނެ ވަކިކަހަލަ ބާރުތަކެއް. ރައްޔިތުންގެ ސަލާމަތާއި ޤައުމުގެ ސަލާމަތް، އެތެރޭގެ ހަމަޖެހުން ހިފެހެއްޓުމަކީ ފުލުހުން އަދާކުރަންޖެހޭ ވާޖިބެއް. އެހެންވީމާ، އެވާޖިބު އަދާކުރުމަށްޓަކައި ކޮންމެވެސް ކަހަލަ ބާރުތަކެއް ފުލުހުންނަށް ލިބިފައި އޮންނަންޖެހޭ. އެހެންނޫނީ އެކަހަލަ ބާރުތަކެއް ނެތީވިއްޔާ ކުށްކުރުން މަދުކުރާކަށްވެސް ފުލުހުންނަކަށް ޢަމަލެއް ނުކުރެވޭނެ. ގޭގެއަށް މީހުން ވަދެ، ބޭނުންހާ ގޮތެއް ހަދައި، މާރާމާރީ ހިންގައި، މިހެން ހަދާއިރުވެސް އެކަންކަން ހުއްޓުވާކަށް އެމީހުންނަކަށް މަސައްކަތެއް ނުކުރެވޭނެ. ފުލުހުންނަށް ލިބިފައިވާ ބާރުތަކުގެ ބޭނުމަކީ، ރައްޔިތުން ސަލާމަތްކުރުން. ސަރުކާރުގެ ޚިދުމަތްތައް ރަނގަޅަށް ދެވޭގޮތަށް ކަންތައްތައް ހިންގުމާއި، ގަވާއިދާ ޚިލާފަށް ކަންތައްކުރާ މީހުން އެ ކުރާ ކަންތައްތައް ހުއްޓުވުމާއި، އެމީހުންގެ ނުރައްކަލުންނާއި، އެމީހުން ކުރާ ކަންތައްތަކުން އާންމު ރައްޔިތުން ސަލާމަތް ކުރުން. އެހެންވީމާ، ޙަޤީޤަތުގައި މި ބާރުތަކަކީ އާންމު ރައްޔިތުންގެ ފައިދާއަށް، އާންމު ރައްޔިތުންގެ މަޞްލަޙަތު ހިފެހެއްޓުމަށްޓަކައި ފުލުހުންނަށް ދެވޭ ބާރުތަކެއް.

ދެން ވިދާޅުވި ހަތިޔާރުގެ ވާހަކަ. ހަތިޔާރާ ބެހޭ ގަވާއިދެއް، އެއީ ތެދެއް، މީގައި އޮންނާނެ. އެކަމަކު ހަތިޔާރުގެ މާނައަކީ ވަކިކަހަލަ، މާ ނުރައްކާތެރި ހަތިޔާރުތަކަކަށްނުވެ ހިނގައިދާނެ. އެންމެކުޑަމިނުން މި ގެންގުޅޭ މުގުރުބުރި، އެވެސް ހަތިޔާރެއް. ހުންނާނެ ހަތިޔާރުގެ ދެ ވައްތަރު. މިދެންނެވީ، އެކަހަލަ އާދައިގެ ހަތިޔާރާއި، ތަންކޮޅެއް ނުރައްކާ ހަތިޔާރު. އެހެންވީމާ، އެ ގަވާއިދުގައި އެތަފްޞީލުކޮށްދޭނެ، ކޮންކަހަލަ ހަތިޔާރެއް، ކިހިނެއްތޯ ބޭނުންކުރެވޭނީ. ހަތިޔާރުގެ ބޭނުންކުރުމަކީ ފުލުހުންނަށް ކޮންމެ ތަނެއްގައިވެސް އޮންނަ ކަމެއް އިނގޭތޯ. ރާއްޖެއަކު އެކަންޏެއްނޫން. އަޅުގަނޑުމެން ޤާނޫނެއް ހަދާއިރު، ހަދަންޖެހޭނީ ހަމައެކަނި މިއަދުގެ ޙާލަތަކަށް ވިސްނާފައެއްނޫން، މުސްތަޤްބަލަށްވެސް ވިސްނާފައި. އެހެންވީމާ، ކުރިއަށް އޮތް 10 އަހަރު، 20 އަހަރު ކަންތައްތައް ވެދާނެގޮތަކަށްވެސް ވިސްނަންޖެހޭނެ. ދުނިޔޭގައި ނުރައްކާތެރި ހާދިސާތައް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު، އަދި ރާއްޖެއަށްވެސް އޭގެ އަސަރު ކުރަމުންދާއިރު، ފަހަރެއްގައި މިހާރު އަޅުގަނޑުމެން ނުދެކޭ ކިތަންމެ ނުރައްކާތެރިކަމެއް މުސްތަޤްބަލުގައިވެސް ވެދާނެ. އެކަމަށްވެސް ޤާނޫނު އޮންނަންޖެހޭނީ ތައްޔާރަށް. އެހެންވީމާ، އެގޮތުން ހަތިޔާރާބެހޭ ގަވާއިދެއް އޮންނަންވާނެ ކަމަށް، މި ޤާނޫނުގައި ބުނެފައި އެއޮތީ. އެ ގަވާއިދު ހައްދަވާ ފަރާތަކީ މިނިސްޓަރު ކަމަށް ހަމަޖެހިފައި އެއޮތީ.

ސުވާލު: އާފަތިސް ނޫހުން މޫނިސާ ޢީސާ

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މާދަމާ ނޫން އަނެއްދުވަސް އެއީ، މަނިކުފާނު ޤާނޫނުއަސާސީ ތަޞްދީޤު ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައި އޮތް ދުވަސް. ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ވަރަށްގިނަ ޙައްޤުތަކެއް، އާންމު ރައްޔިތުންނަށް ލިބިގެން އެބަދޭ. މި ދަނޑިވަޅުގައި މަނިކުފާނު އާންމު ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟ މި ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމުގެ ކުރިން، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން.

އަޅުގަނޑުގެ އަނެއް ސުވާލަކީ، މާދަމާ ނޫން އަނެއްދުވަހު ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވުމުގެ ކުރިން ސަރުކާރަށް އެއްވެސް ކަހަލަ ބަދަލުތަކެއް އަތުވެދާނެތޯ؟

ޖަވާބު:
ރައީސުލްޖުމްހޫރިއްޔާ

އާދެ، ތިޔަ ކުރެއްވި ދެ ސުވާލުންކުރެ އެއްވެސް ސުވާލަކީ، މިއަދުގެ މިކަމާ ގުޅޭ ސުވާލެއް ނޫން ދޮގެއްތޯ؟ އިރާދަކުރެއްވިއްޔާ، ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހު އަޅުގަނޑު ޤައުމާ މުޚާޠަބުކޮށް ވާހަކަ ދައްކާނަން. އެދައްކާ ވާހަކައިގައި، ތިޔަ ވިދާޅުވި ބައެއް ކަންތައްތައް، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ޚިޔާލުކުރާގޮތް، ރައްޔިތުންނަށް އެނގިގެންދާނެހެން.

ދެން ސަރުކާރަށް ބަދަލުއައުމާއި ނައުމަކީ އަބަދުވެސް ވެދާނެ ކަމެއް ދޮގެއްތޯ؟ އެއީކީ ޤާނޫނުއަސާސީއާ ވަކި ގުޅިފައި އޮތް ކަމެއްނޫން. މިހާރުވެސް ބަދަލުތަކެއް އަތުވެދާނެ. ފަހުންވެސް އަތުވެދާނެ. އެއީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ހިނގަމުންދާ ގޮތް. އެހެންވީމާ، ވަކި މިވެނި އެވެނި ބަދަލެއް މިހާރު އަންނާނެޔެކޭ، މިވެނި އެވެނި ބަދަލެއް ނާންނާނެޔެކޭ، އެހެން ދަންނަވާކަށް ނޭނގޭނެ ދޮގެއްތޯ؟

ސުވާލު: ދި އެފް އެމުން ލުޝާން ސަޢީދު

މިވޭތުވެދިޔަ މުއްދަތުގައި، ސަރުކާރު ހިންގާފައި މިވަނީ ގަވާއިދުތަކާއި އިޢުލާނުތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް، އެޓަރނީ ޖެނެރަލް ވަރަށްފަހުން ދެއްވި ނިއުސް ކޮންފަރެންސެއްގައި ފާހަގަކުރައްވާފައި އޮތް. އަޅުގަނޑުގެ ސުވާލަކީ، ހަމަ އެގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެބަހުރި މީހުން ހިފައި ހައްޔަރުކޮށް، ޙުކުމްވެސް ކޮށްފައި. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ގަބޫލުފުޅު ކުރައްވަންތޯއޭ، އެންމެ ރަނގަޅު ގޮތަކަށްކަން ވޭތުވެދިޔަ މުއްދަތުގައި ޤައުމު ހިންގިފައިއޮތީ؟

ޖަވާބު:
ރައީސުލްޖުމްހޫރިއްޔާ

އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ދުނިޔޭގެ އެއްވެސް ތަނެއް، އެންމެ ރަނގަޅު ގޮތަށް ހިނގާފައެއް ނެތޭ. ނުވެސް ހިނގާނެއޭ. އަޅުގަނޑުމެންނަކީ އިންސާނުން. އިންސާނުން ކުރާ ކޮންމެ ކަމެއްގައި، ރަނގަޅާއި ނުރަނގަޅު އެކުލެވިގެންވާނެ. ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަނީ އެ ބަޔަކަށް ވެވުނު އެންމެ ރަނގަޅަކަށް ކުރެވޭތޯ. އެހެންވީމާ، ސަރުކާރުން މީގެކުރިންވެސް ކޮށްފައި އޮންނާނީ ހަމަގައިމުވެސް އެގޮތަށް. ކޮންމެ ސަރުކާރެއް އޮތަކަސް، އަޅުގަނޑު ނުދަންނަވަން، ވަކި އަޅުގަނޑު ހަވާލުވި ފަހުންނެކޭ. އޭގެކުރިން އެހިންގެވި ސަރުކާރުތަކުންވެސް އޮންނާނީ ވިސްނަވާފައި، އެންމެ ރަނގަޅަށް ކަންތައް ކުރެއްވޭތޯ. އޭރު ޙާލަތު ތަންދިން ގޮތަކަށް ކަންތައް ކުރައްވާފައި އޮންނާނީ. އެކަމަކު އޭގެތެރެއިން ބައެއް ކަންތައްތަކަކީ، މި ޒަމާނާ ނުގުޅޭ ކަންތައްތައް ކަމަށް، އަޅުގަނޑުމެންނަށް މިހާރު ފެނިދާނެ. އެކަމަކު އޭރު ތިއްބެވި ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި، އެ ޒަމާނާ ގުޅޭގޮތް އެއީ. އެހެންވީމާ، އެގޮތަށް އެކަން އޮންނަންވާނީ. އެއީ ހަމަ ތެދެއް. މިހާރު ޒަމާން ބަދަލުވީ. މީހުންގެ ދިރިއުޅުން ބަދަލުވީ. ވަރަށްގިނަ މީހުންގެ ޚިޔާލާއި ހުރިހާ ކަމެއްވެސް ބަދަލުވެގެން ދިޔައީ. މުޅި ދުނިޔެއަށްވެސް ބަދަލުތަކެއް އައީ. އެހެންވީމާ، އެ ގަވާއިދުތަކަށްވެސް އަންނަންޖެހޭ ބަދަލުތަކެއް ހުންނާނެ. އެހެންވީމާ، އޭރު ހެދިފައި އެ އޮތް ހުރިހާ ގަވާއިދަކީ މިހާރަށް ބޭނުންވާ ގަވާއިދަކަށް ނުވާނެ. އެހެންވީމާ، މިގަވާއިދާބެހޭ ޤާނޫނު މިފަހަރު ފާސްކުރިއިރުވެސް މިނިސްޓްރީ އޮފް ލީގަލް ރިފޯމުން ހުރިހާ މިނިސްޓްރީތަކާ ގުޅުއްވައިގެން، އެ ޢަމަލުކުރަމުންދާ ގަވާއިދުތަކުގެ ތެރެއިން މިހާރަށް ފެތޭ ގަވާއިދުތަކަކީ ކޮބައިތޯ، މިހާރުވެސް ކޮންމެހެން އޮންނަންޖެހޭނީ ކޮންކޮން ކަހަލަ ގަވާއިދުތަކެއްތޯ ބައްލަވާފައި، އެތަނުން ދެއްވި ގަވާއިދުތައް ހިމަނުއްވާފައި އެވަނީ. ހުރިހާ ގަވާއިދެއް ނޫން. އެހެންވީމާ، ޙަޤީޤަތުގައި އޭރުވެސް ކަންތައް ހިނގާފައި އެއޮތީ ރަނގަޅަށް. އިރާދަކުރެއްވިއްޔާ ދެންވެސް ހިނގާނީ ރަނގަޅަށް.

އަދި އެއް ޕޮއިންޓް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންގެ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ، 98 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނުއަސާސީގައި، ޤާނޫނު މާނަކޮށްދީފައި އޮންނަ އޮތުމުގައި އޮންނާނެ ގަވާއިދުވެސް. އެމައްޗަށް އެމީހުން ޢަމަލުކުރަންޖެހޭ ގަވާއިދެއް. އެވެސް ޤާނޫނުގެ ބައެއްގެ ގޮތުގައި. އެހެންވީމާ، އެއޮތީވެސް އޭރު ޤާނޫނީ ބާރު ލިބިފައި. އޭރުގެ ޤާނޫނުއަސާސީގެ ދަށުން. މިހާރު އާ ޤާނޫނުއަސާސީގެ ދަށުން އެހެން ގޮތަކަށް އެބައި އޮތީމާ މިގޮތަށް މިކަންކުރަން ޖެހުނީ.

ސުވާލު: މިނިވަން ނޫހުން އާމިނަތު ޝައުނާ

މިހާރު ޕޮލިސް ބިލްގައި އެބައޮތް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެކޭ، ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރވެސް މިޢައްޔަން ކުރައްވަނީ. އެހެންކަމަށްވާއިރު، މިގޮތަށް މިކަން އޮތްއިރު، ކިހިނެއްތޯ އެވްރެޖް ސިޓިޒަނެއް މިކަމުން ޕްރޮޓެކްޓް މި ކުރައްވަނީ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަކަށްތޯ އެކަންތައް ހިނގާނީ، ނޫނީ ކޮބައިތޯ ދެއްވަން ބޭނުންފުޅުވާ މެސެޖަކީ؟

ޖަވާބު:
ރައީސުލްޖުމްހޫރިއްޔާ

ޙަޤީޤަތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން އިންތިޚާބުކޮށްފައި މި ހުންނަނީ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން. ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މީހެއް. ރައްޔިތުންގެ ފަރާތުގައި ހުރި މީހެއް. ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނާ ދެކޮޅަށް، އަނެއްކޮޅުގައި ހުރި މީހެއްނޫނޭ. އަޅުގަނޑުމެންނަކީ ފާރުގެ އެއްފަރާތުގައި ތިބި ދެބައިމީހުން. ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން އަމިއްލައަށް އިޚްތިޔާރުކުރާ މީހެއް. އަހަރެމެންގެ ޙައްޤުތައް ރައްކާތެރިކޮށްދޭން، އަހަރެމެންނަށް ބޭނުންވާ ކަންތައް ކޮށްދޭން، އަހަރެމެން ބޭނުންވަނީ މިވެނި މީހެކޭ ބަހައްޓަން. އެގޮތަށް އިޚްތިޔާރުކުރާ މީހެއް. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާވެސް ބަލާނީ ރައްޔިތުންގެ މަޞްލަޙަތު އޮތީ ކޮންގޮތަކަށްތޯ ބަލާފައި، އެގޮތަށް ކަންތައް ކުރާނީ. އެގޮތަށް ކަންތައް ކުރަންޖެހޭނީވެސް. މީގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއްނެތް. އެހެންވީމާ، ފުލުހުންގެ އިސްބޭފުޅުން އިޚްތިޔާރުކުރާއިރުވެސް ރައީސުލްޖުމްހޫރިއްޔާ ވިސްނާނެ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ. މި ޤާނޫނު ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިތޯ ބަލާފައި، އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކު އިސްކުރާނީ. އެއީކީ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްނޫން. ރައްޔިތުންނާ އެއްކޮޅަށް، ވީހާ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ލިބިދިނުމަށްޓަކައި ކުރާ ކަމެއް.

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުދެން ވަކިވެލާނަން.