بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛް އަޙްމަދު ޝިފާޢު، ދައުލަތުގެ އިސްވެރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި، ހީވާގި މުވައްޒަފުން، އަދި މި ހަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެވެސް އެންމެ އިސްވާޖިބު ކަމުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން މި ކުރިމަތިލާ ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުންތައް، ތިޔަ އެންމެހައި ބޭފުޅުންނަށް އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުން. އާދެ، ހަމައެއާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ތިޔަ އެންމެހައި މެންބަރުންނަށާއި އަދި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު އަރިސްކުރަން.

އާދެ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަސައްކަތްތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާއިރު، އަޅުގަނޑުމެން އެންމެފުރަތަމަވެސް ހަނދާނަށް ގެންނަން އެބަޖެހޭ، މިއީ ވަރަށް ބޮޑު ޙައްޤުތަކެއްކަން. އާދެ، އަޅުގަނޑުމެން މިއަދު ކުރާ ކޮންމެ ކަމެއް، އޭގެ ފުރިހަމަގޮތުގައި ކުރަން އެބަޖެހޭ. އާދެ، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަވެސް އާދެ، ކީރިތި ޤުރްއާނުން މިޖަލްސާ ފެށްޓެވިއިރުވެސް، އަޑުއިވިގެންދިޔައީ، ޢަދުލު އިންޞާފު. ޢަދުލުވެރިކަމާއެކު އަޅުގަނޑުމެން ކަންތައްތައް ކުރުމުގެ މުހިންމުކަން.

އާދެ، އަޅުގަނޑުމެން އިންސާނުންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ކުރައްވާފައިވާ އެންމެ މަތިވެރި ޢަމުރަކަށް މިވަނީ، ޢަދުލުވެރިކަން، އިންޞާފު، ހަމަހަމަކަން. މީސްތަކުންގެ މެދުގައި ކަމެއް ކުރާކަމަށްވަންޏާ، ތަފާތުކުރުމަކާނުލައި ކަންތައްތައް ކުރުން. އަޅުގަނޑަށް ހީވަނީ މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި، އަދި ދިވެހިރާއްޖޭގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނާއި، އެ މުއައްސަސާތައް ހިންގަވަން ތިއްބެވި ބޭފުޅުން ވަރަށްބޮޑަށް ވިސްނަވަންޖެހޭ ކަމެއް.

އާދެ، ކުޑަ ޤައުމެއް. މީސްކޮޅު މަދު ޤައުމެއް. ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިހިރަ ހުރިހާ މައްސަލަތަކަކީ މިއީ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ރަނގަޅު ބުއްދި ބޭނުންކޮށްގެން، ރަނގަޅަށް ކަންތައްތައް ކޮށްފިކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ކުރިމަތިލާނެ ކަންތައްތަކެއް ނޫނޭ. އަޅުގަނޑުމެންނަކީ ޙަޤީޤަތުގައިވެސް ވަރަށް އެކުވެރި ބައެއް. އެކަކު އަނެކަކަށް ވަރަށް ހެޔޮއެދޭ ބައެއް. އެހެންނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ތަފާތުކުރުންތަކާއި މައްސަލަތައް ނިމިގެންދާއިރު، އެކަމުގެ ޝަކުވާތައް އިންތިހާއަށް އޮންނަކަން.

އާދެ، އަޅުގަނޑުމެން ކުރިމަތިމިލަނީ އެންމެ މާތްވެގެންވާ ދުވަސްވަރާ. އަޅުގަނޑުމެން ކުރިމަތިލާ މި ދުވަސްވަރަކީ މިއީ އަޅުގަނޑު ދަންނަވާނީ، މިވަގުތަކީ މިއީ، އަޅުގަނޑުމެން މިފަދަ ކަންތައްތަކާމެދު ވިސްނައި، އަޅުގަނޑުމެންގެ ކުރިއަށްހުރި ދުވަސްތަކާއި، މައްސަރުތަކާއި، އަދި އަހަރުތައް ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި ޢަޒުމް ވަރުގަދަ ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކޭ.

އާދެ، އަޅުގަނޑު، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށް، އަދި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށްވެސް މިއަދު އިލްތިމާސްކޮށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާހިނދު، އަނެކާގެ ޙައްޤުގެ މަތިންވެސް އަޅުގަނޑުމެން ހަނދާންކުރަންވާނެއޭ. އަޅުގަނޑުމެން އެންމެންނަކީ ޒިންމާދާރު ބަޔަކަށް ވާންއެބަޖެހޭ.

އާދެ، މި ވާހަކަތައް އަޅުގަނޑު ދައްކާއިރުވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ މި ޤައުމުގައި، އަޅުގަނޑުމެން މިހާ އެކުވެރިކަންމަތީގައި އުޅެމުންދާއިރުވެސް ވަޒީފާ ލިބުމުގައި، ވަޒީފާ ހޯދުމުގައި، އިސްކަން ލިބުމުގައި ދަތިތަކެއް އެބަހުރި. އެއްވެސް ހާލެއްގައި ވަޒީފާ ލިބުމުގައި ވަކި މީހެއްގެ މޫނަށް ބަލައި، އެމީހެއްގެ ޚިޔާލު ހުންނަގޮތަކުން ވަޒީފާ ދިނުމަކީ އެއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން ތަބާވާންޖެހޭ ކަންކަން، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ.

އާދެ، ވަޒީފާގެ މާޙައުލުގައި އެ ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ އެއީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ އެކި ހިސާބުތަކުން އެކި ވަޒީފާތައް އަދާކުރާ ފަރާތްތައް، އެ ކުރާ ޝަކުވާތައް އެއީ، މިއަދު އަޅުގަނޑުމެން އެ ކަންތައްތައް މަދުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް. އާދެ، ވަޒީފާ އަދާކުރަނީ ދިވެއްސަކަށްވިޔަސް، އަދި ބޭރު މީހަކަށްވިޔަސް، އެއީ ވަރަށް އާދައިގެ ވަޒީފާއެއް އަދާކުރާ މީހަކަށްވިޔަސް، އެމީހެއްގެ ޙައްޤުތަކެއް ވާނޭކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ކަމެއް. ޙަޤީޤަތަކީ އެއީ ކުންފުންޏަކަށްވިޔަސް، އެއީ މުއައްސަސާއަކަށްވިޔަސް، އެތަނެއްގެ ކާމިޔާބު މި ހޯދެނީ އެތަނެއްގެ ވަޒީފާ އަދާކުރާ ފަރާތުގެ މިންނެތް މަސައްކަތުން.

އާދެ، މި ކަންތައްތައް އަޅުގަނޑުމެން މިއަދު ހަނދާނަށް ގެންނަން އެބަޖެހޭ. ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ، އެއީ އެ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައްތައް. ކުރާކަމެއް ކާމިޔާބު ކުރުމުގައި އަޅުގަނޑު މި ދެންނެވިގޮތަށް ހަމަހަމަކަމާއި، އޯގާތެރިކަމާއެކު މުވައްޒަފުންނާ ދޭތެރޭގައި ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެންނަށް އެކަން ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް ކަމުގައި އަޅުގަނޑު ދަންނަވަން. އާދެ، އަޅުގަނޑުމެންނަށް ޝަކުވާތައް އަޑުއިވެމުންދޭ. އެކިއެކި މީހުންނާ ދޭތެރޭ އެކި ގޮތްގޮތަށް ކަންތައްތައް ކުރެވެމުންދާކަމުގެ ޝަކުވާ އެއީ، އަބަދުވެސް އަންނަ ޝަކުވާތަކެއް.

އާދެ، މިއަދު ޤައުމުގެ ހާލަތު އޮތްގޮތުން އަޅުގަނޑުމެން ވިސްނަންއެބަޖެހޭ. އާދެ، ދިރިއުޅުމުގެ ޚަރަދު ބަރަދުތައް މިއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އާމްދަނީ ލިބޭއިރު ވިސްނަންޖެހޭ ކަންތައްތައް. އާދެ، މިއަދު ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއްގެ ގޮތުގައި ވިދާޅުވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށް، އާދެ، އެންމެ މަދުވެގެންވެސް ދެވޭނެ ޙައްޤު އުޖޫރައެއް ކަނޑައެޅެން އެބަޖެހޭ ކަމަށް. އާދެ، އިރާދަކުރެއްވިއްޔާ، އެ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު، ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ ނަމުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ދިވެހިރާއްޖޭގެ އެކި ވަޒީފާދޭ ފަރާތްތައް އާދެ، ރިޒޯޓްތަކަށް ބަލައިފިކަމަށް ވީނަމަވެސް އަޅުގަނޑުމެންނަށް ވަރަށްގިނަ އަދަދަކަށް ބޭރު މުވައްޒަފުން އެބަފެނޭ. އަދި ވަކިން ޚާއްޞަކޮށް، މަތީ މަޤާމުތަކުގައި، ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކުގައި ބިދޭސީން މަސައްކަތްކުރާތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަޅުގަނޑުމެން ގަބޫލުކުރަން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވެގެންދާނީ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނީ، ތަފާތު އެކި ޤައުމުތަކުގެ މީހުންނާއި، އެކިއެކި ތަޖުރިބާ ހުރި ބޭފުޅުންނާއެކުވެސް މަސައްކަތް ކުރެވިގެންކަން.

އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ފާހަގަކުރަންޖެހޭ ކަމަކީ، ދިވެހިރާއްޖެއަކީ މިއަދު ރާއްޖޭގެ ޒުވާނުންނަށް، ރައްޔިތުންނަށް ބަލައިފި ކަމަށްވަންޏާ، ވަރަށް ހުނަރުވެރި ބައެއް. އަޅުގަނޑުމެން އެއްކޮށް އެހެން ޤައުމެއްގެ ބަޔަކާ ވާދަކޮށްފިކަމަށްވަންޏާ، ދެވަނައަށް ދަނީ ވަރަށް މަދު ވަގުތެއްގައި. އެހެންވީމާ، މިއަދު އަޅުގަނޑު، ދިވެހިރާއްޖޭގެ ވަޒީފާ ދޭ ފަރާތްތަކަށް ވަރަށްބޮޑަށް އިލްތިމާސްކޮށް ދަންނަވާލަން އޮތީ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދެއްވާށޭ.

އާދެ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، ވަޒީފާއަށް މީހުން ތައްޔާރުކުރުން އެއީ. ބާޒާރުން، ފިހާރައިން، ގަންނަން ލިބޭގޮތަށް މުދާ ހުންނަގޮތަށް ފަހަރެއްގައި ކޮންމެ ވަޒީފާއަކަށް މީހުން ލިބެން ނެތިދާނެ. އެހެންނަމަވެސް، މިއަދު ދިވެހިރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި އިޤްތިޞާދު ފުޅާވެގެންދާއިރު، ޒިންމާއެއްގެ ގޮތުގައި ބަލަން އެބަޖެހޭ، ވަޒީފާތަކަށް މީހުން ތައްޔާރުކުރުން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާއިރު، ދިވެހިރާއްޖޭގެ ރިޒޯޓުތައް ގިނަވެގެންދާއިރު، އަދި ކޮންސްޓްރަކްޝަން މަސައްކަތާއި، އެނޫން ގިނަގުނަ ކަންތައްތައް އިތުރުވެގެންދާއިރު، ދިވެހީންނަށް ފުރުޞަތު ލިބިގެންދިޔުން. ހަމަޖެހޭ މާޙައުލެއް ލިބިގެންދިޔުން. އާދެ، އެ ކުރާކަމެއް އެންމެ ހެޔޮގޮތުގައި މިކުރެވެނީ، ރަނގަޅު މާޙައުލެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެން.

އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ވަރަށް ގިނަބަޔަކު ވަޒީފާ އަދާކުރަމުންދަނީ އެ ބައެއްގެ ޢާއިލާއާ ދުރުގައި. އެއީ ޙަޤީޤަތުގައިވެސް އަޅުގަނޑު ދަންނަވާނީ، ޢާއިލާއަށްޓަކައިވިޔަސް، އަދި ޤައުމަށްޓަކައިވިޔަސް އެއީ، ވެވޭ ބޮޑު ޤުރުބާނީއެކޭ. އާދެ، ޢާއިލާއާ ދުރުގައި އަދި އަމުދުން ވަޒީފާ އަދާކުރަމުންދާއިރު، އެފަރާތްތަކަށް ހިތްހަމަޖެހުމުގެ މާޙައުލެއް، ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް، ޢިނާޔަތްތައް ދުވަހުން ދުވަހަށް އެ ލިބެންޖެހޭ އުޖޫރަ، އެ ލިބެންޖެހޭ ދުވަހު ދިނުމަކީ އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުމެން ޤައުމުގެ ތަރައްޤީގެ ވާހަކަ ދައްކާއިރު، އިޤްތިޞާދުގެ ދުވެލި ކުރިއަރުވާ ވާހަކަ ދައްކާއިރު، ވަޒީފާ އަދާކުރާ ގިނަބަޔަކު ނެތި، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނޭގޮތެއް ނެހެދި، ދިވެހިރާއްޖެ ކުރިއަރައިގެންދާނޭ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެގެންދާނޭ ހަމަ އެއްވެސްގޮތެއް އަޅުގަނޑަކަށް ނުވިސްނޭ.

އާދެ، މިއަދު އަޅުގަނޑުމެން، ދިވެހިރާއްޖޭގެ ރަށްތަކަށް ބަލައިލި ނަމަވެސް، އަދި މާލެއަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަފެނޭ ވަޒީފާނެތި، ވަޒީފާ ނުލިބި ތިބި ޒުވާނުން. އާދެ، މިއީ އަޅުގަނޑުމެން އިތުރު ސަމާލުކަން ދޭންޖެހޭނެ ކަމެއް. އިރާދަކުރެއްވިއްޔާ، ދިވެހި ސަރުކާރުންވެސް މިކަމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން، ވަޒީފާއަށް ޒުވާނުން ނެރުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީގެންވެސް، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރާނަން.

ހަމައެއާއެކު، އަޅުގަނޑު ދިވެހިރާއްޖޭގެ ވަޒީފާ ދޭ ފަރާތްތަކަށްވެސް ދަންނަވާލަން އޮތީ، މިހާރުވެސް އަޅުގަނޑު ފާހަގަކުރަން، ބައެއް ފަރާތްތަކުން، ވަޒީފާއަށް ތައްޔާރުކުރުމަށްޓަކައި ތަފާތު އެކި ތަމްރީނުތައް ދީގެން މަސައްކަތް ކުރާކަން. އެހެންނަމަވެސް، އެކަންތައް އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދިޔުމަކީ އެއީ، ޤައުމުގެ ޙައްޤުގައި ކުރެވޭނޭ ވަރަށްބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށް، މިހާރުވެސް އެ މަސައްކަތް ކުރައްވާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޓްރައިބިއުނަލްގައި މިހާރު ދިމާވެފައިހުރި ގޮންޖެހުންތައް، ދަތި އުނދަގޫތައް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި އެކަންތައްތަކަށް ޙައްލު ލިބިގެން ދިޔުން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން އެކުގައި ކުރިއަށް ގެންދާނަން.

އާދެ، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން މާދަމާ މި ކުރިމަތިލާ ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރުން.

އާދެ، މިއަދުވެސް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ، ޚާއްޞަކޮށް ވިޔަފާރިވެރިންގެ އަރިހުން އެދިވަޑައިގެންފައިވަނީ، ވަގުތީ ފައިދާ ދޫކޮށް، ރައްޔިތުންނަށް އޯގާތެރިވުމަށް. އާދެ، އަޅުގަނޑުމެންނަށް މިއަދުވެސް މި ފެންނަނީ، ބައެއް ދިމަދިމާއިން ރައްޔިތުންގެ އެކިއެކި ކަންބޮޑުވުންތައް އެބަހުރިތަން. އެކަންތައްތަކަށް ޙައްލު ހޯދުމަށްޓަކައި، އަޅުގަނޑު ދަންނަވާނީ، ވިޔަފާރިވެރިންނާއި، އެހެނިހެން ފަރާތްތަކާއެކު މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށް.

އާދެ، ރަމަޟާންމަހަކީ އަޅުގަނޑުމެން އެންމެން ގިނައިން ހެޔޮ ކަންތައްތައް، ހުރިހާ ރައްޔިތުންވެސް، ހުރިހާ އެންމެންވެސް އަބަދުވެސް ކުރާ، ކުރާނެ މަސްކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެގޮތުން، އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި އަބަދުވެސް އެގޮތުގައި ދެމިތިބުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ގަބޫލުކޮށް، އަދި އެންމެހައި ރައްޔިތުންނަށް އެކަންތައް ހަނދާންކޮށްދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ، މި ރަމަޟާންމަހަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ނަސީބުވެރި، އަޅުގަނޑުމެންނަށް ދަރުމައާއި ޘަވާބު މިންވަރު ކުރައްވާނޭ މައްސަރަކަށް ވެގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.