بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ހުރިހާ ކުޅުންތެރިން، ބެލެނިވެރިން، އިންތިޒާމުކުރާ އެންމެހާ ފަރާތްތައް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ހަމަ ހުރިހާ ކުދިންނަށް، ހުރިހާ ކުޅުންތެރިންނަށް، ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

އާދެ، ތިޔަކުދިން ކިޔެވުމުގައި، ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ކުޅިވަރަށް ހޭދަކުރާ ވަގުތަކީ އެއީ، ވަށާޖެހިފައިވާ ތަޢުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައިކަން. އެހެންވީމާ، އަޅުގަނޑު ހަމަ މައިންބަފައިންނަށްވެސް އަދި ބެލެނިވެރިންނަށް ދަންނަވާލަން އޮތީ މިއީ ވަރަށް މުހިންމު ކަމެކޭ. ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް، ދުޅަހެޔޮކަމާއި، ހަށިހެޔޮކަމާއެކު ސްކޫލުތެރޭގައި، އާދެ، ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިޔުން. އެގޮތުން، މި ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދޭ ކަމަކީ ދަރިވަރުން މި ދެންނެވިގޮތަށް ތަރުބިއްޔަތު ކުރާއިރު، މި ކަންތައްތަކުގެ މައްޗަށް ބެލިގެން މި ކަންތައްތައް ކުރިއަށް ގެންދިޔުން. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކު ހުރިހާ ބެލެނިވެރިންގެ އަރިހުންވެސް އެދެނީ ކުރިއަށް އޮތް ތާނގައިވެސް ދަރިވަރުންނަށް މިފަދަ ގިނަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް.

އާދެ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ތަފާތު ގިނަ ޕްރޮގްރާމްތައް އަދި، މިއަހަރުވެސް، ކުރިއަށް އޮތް އަހަރުވެސް މިއަށްވުރެ ރަނގަޅަށްވެސް ކުރިއަށް ގެންދިޔުން. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ރާއްޖޭގައި، އާދެ، ކުރީގެ އަހަރުތަކަކީ ވަކިން ޚާއްޞަކޮށް އަށްޑިހައިގެ، ނުވަދިހައިގެ އަހަރު ތަކަކީ ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަވެގެންދިޔަ ދުވަސްވަރެއް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެބަ ފެނޭ ދަނޑުތަކަށް އަޅުގަނޑުމެން ވަންނައިރު މަންޒަރު. މިއީ، އަޅުގަނޑުމެން ބަދަލުކުރަންޖެހޭ ކަމެއް. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެކުވެރިކަމާއި، އެއްބައިވަންތަކަން އަޅުގަނޑުމެންގެ ގައިގައި އަށަގަންނަނީވެސް މިކަހަލަ ދަނޑުތަކުގެ މަތީގައި ނުވަތަ އަޅުގަނޑުމެން މި މައިދާނުގައި ކުޅިވަރުގެ ތެރެއިން އަޅުގަނޑުމެންނަށް ރައްޓެހިންވެސް ހޯދޭނީ. އަޅުގަނޑުމެން އެކަކު އަނެކަކަށް އިޙްތިރާމުކުރަން ދަސްކޮށް، ރަނގަޅު ގިނަ ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. އެހެންވީމާ، މިހާރު އެ ގެއްލިފައިވާ ޖޯޝާއި ފޯރި އަޅުގަނޑުމެން ގެންނަން އެބަޖެހޭ. އެކަމަށްޓަކައި ހުރިހާ ޕޭރެންޓުން އާދެ، ބެލެނިވެރިންގެ ކިބައިން އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން. ދަރިވަރުން، ސްކޫލް ތަޢުލީމީ ނިޒާމުގެ ތެރޭގައި އެންމެ ޅަފަތުން ފެށިގެން ސްކޫލް ނިމެންދެންވެސް މި ބާވަތުގެ ކަންތައްތަކަށް އިސްކަންދިނުން.

އާދެ، މި ފުރުޞަތުގައި މި ކަންތައްތައް އިންތިޒާމުކުރި އެންމެހައި ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ކަންތައްތައް އިންތިޒާމުކޮށް މިހާ ފުރިހަމައަށް ގެންދެވީތީވެ، އެ ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަދި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ކުރިއަށް އޮތް ރަމަޟާން މަހުގެ އެންމެހައި ހެޔޮއެދުންތައް ހުރިހާ ފަރާތްތަކަށްވެސް ފޮނުވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.