بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، މިނިސްޓްރީގެ އިސްވެރިން އަދި ހީވާގި މުވައްޒަފުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިފަދަ ކަމެއްގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް. އާދެ، އަޅުގަނޑުމެން އަބަދުވެސް ދަންނަންޖެހޭނެ، ހިތުގައި ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން. އަޅުގަނޑުމެންނަކީ ވަރަށް އަޚްވަންތަ ބައެއް. އަޅުގަނޑުމެންނަށް ލިބިފައި އޮތް ހަމަޖެހުމެއް ލިބިފައި އޮތީ އަބަދުވެސް އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުން އަޅުގަނޑުމެންނަށް އަންގައިދިން ކަންތައްތައް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބީތީވެ. އާދެ، އަޅުގަނޑުމެން އެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެ ރީތި އަޚްލާޤު އަބަދުވެސް ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޅަދަރީންނަށް މިފަދަ ރީތި ނަމޫނާ ދައްކައިދޭ ބަޔަކަށް އަބަދުވެސް ވާން އެބަޖެހޭ.

އާދެ، ހެޔޮ ކަންތައްތަކަކީ އެކަން ކުރުމުގެ ނިމުމެއް އޮތް ކަމެއް ނޫން. ކިތަންމެވަރަކަށް ހެޔޮ ކަންތައްތައް ކުރިޔަސް، އެއިން އަޅުގަނޑުމެންނަށް ލިބިގެންދާނީ، އިތުރު ފައިދާ. އާދެ، މިސްކިތްތަކަކީ މި ބިމުގައި އެންމެ މާތްވެގެންވާ މުޤައްދަސް ތަން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިސްކިތާ ދޭތެރޭގައި، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ވަކިން ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް އަބަދުމެ އޮވޭ. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތަނަވަސްކަމާއި، މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމަކުން ދުވަހަކުވެސް ދުނިޔެމަތީގައިވެސް، އަދި އާޚިރަތުގައިވެސް އަޅުގަނޑުމެންނަށް ދެރަގޮތެއް މެދުވެރިނުވާނެކަމީ އެއީ އަޅުގަނޑުމެންނަށް ކަށަވަރުވެ ޔަޤީންވާ ކަމެއް.

އާދެ، މި ފުރުޞަތުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ބޭނުންވަނީ، މިއަދުގެ ހާލަތުގައި އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެމެ، އަޅުގަނޑުމެން އަބަދުވެސް ޖެހެޔޭ، މިސްކިތްތަކަށް ހޭދަކުރާ، ހެޔޮ ކަންތައްތަކަށް ހޭދަކުރާ، މީހުންނަށް އަޅައިލާ ބައެއްގެ ގޮތުގައިވާން.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ފެށިގެން، ދިވެހިރާއްޖޭގެ، ވަކިން ޚާއްޞަކޮށް، އެ ލިބޭ މިންވަރުން މުއްސަނދިންނާއި އަދި، ތަނަވަސްކަން ކުޑަކޮށް ލިބޭ ފަރާތްތަކުންވެސް ތަފާތު އެކި އެހީތައް، ވަކިން ޚާއްޞަކޮށް، އިސްލާމްދީނާ ގުޅުންހުރި ކަންތައްތަކަށް، މިސްކިތްތަކުގެ މަރާމާތާއި، މިސްކިތްތައް މަރާމާތު ކުރުމަށްޓަކައި ވަރަށްބޮޑު ހޭދަތަކެއް ކޮށްފައި އެބަވޭ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ވަރަށްގިނަ މިސްކިތްތައް އެބަހުރި. ރަށްރަށުގައި ގިނަގުނަ މިސްކިތްތައް އެބަހުރި. އަދި، މިހާރުވެސް ގިނަ މިސްކިތްތަކެއް، އެ މިސްކިތްތައް ޢިމާރާތް ކުރުމުގެ މަގުމަތީގައިވެސް އެބަހުރި. އަޅުގަނޑުމެންނަށް ބައެއްފަހަރު ރަށްރަށުން ފެންނަ މަންޒަރުން، ރައްޔިތުން ކުރާ ޝަކުވާތަކުން އަޅުގަނޑުމެން ބޭނުންވޭ، އެއަށްވުރެ ރަނގަޅަށް، ވަކިން ޚާއްޞަކޮށް، މިސްކިތްތަކުގެ ކަންތައްތައް ކުރަން.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު އެދެން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް، ކޮންމެ ދިވެހިރައްޔިތަކީވެސް، މި ކަންތައްތަކަށް ހޭދަކުރާ މީހަކަށް އަޅުގަނޑުމެން ވާން އެބަޖެހެއޭ. އަޅުގަނޑުމެން ކިތަންމެވަރަކަށް ހޭދަކުރިޔަސް، އަޅުގަނޑުމެންނަށް އޮތީ ކުރީގައިވެސް އަޅުގަނޑު މި ދެންނެވިގޮތަށް އިތުރު ފައިދާ، އިތުރު ހިތްހަމަޖެހުން. އަދި ކިތަންމެވަރަކަށް ހެޔޮގޮތުގައި އަޅުގަނޑުމެން ހޭދަކުރިޔަސް، އަޅުގަނޑުމެންގެ އަތުން އެއްވެސް އެއްޗެއް މަދުނުވާނެކަމީ، އެއީ، އަޅުގަނޑުމެން އެކަމެއްގެ މައްޗަށް ޔަޤީންކުރާ ކަމެއް. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، މިކަންކަމުގައި ބޮޑަށް ބައިވެރިވެ، މިސްކިތްތަކަށް މިހާރު ދިމާވެފައިހުރި ކަންތައްތައް ޙައްލުކުރުމަށްޓަކައި އެންމެންގެ ބައިވެރިވުން މިކަމަށް ދެއްވުން.

އާދެ، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް. ރަމަޟާންމަހަކީ، އެ މަހަކަށްޓަކައި އަޅުގަނޑުމެން މުސްލިމުން ވަރަށްގިނަ ގޮތްގޮތުން ތައްޔާރުވާ މަހެއް. އާދެ، ގޭތެރެ ރީތިކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި. ވަކިން ޚާއްޞަ ގޮތެއްގައި އެ މަހަށް ތައްޔާރުވުމަކީ އެއީ، ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން ދިވެހިން ތައްޔާރުވަމުން، ކުރަމުން އަންނަ ކަމެއް. އެހެންވީމާ، އެގޮތަށް ބަލައިލާއިރުވެސް، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ރަމަޟާން މަހަށްޓަކައި އަޅުގަނޑުމެން މިފަދަ ކަމެއް ފަށައިގެން ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ދަންނަވާނީ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ޘަވާބު އިތުރުވެގެންދާނޭ ކަމެކޭ.

އާދެ، މި ފުރުޞަތުގައި، އަޅުގަނޑު މިނިސްޓްރީގެ އިސްވެރިންނަށްވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް، އަދި ވަކިން ޚާއްޞަކޮށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެއްލެވުމުގެ ދަށުން ކުރާ ކޮންމެ ކަމަކީ، ދިވެހިރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބެންޖެހޭނޭ ކަމަކަށް ވާންޖެހޭނެއޭ.

އާދެ، ވަރަށް ގިނަގުނަ ރައްޔިތުންގެ ޙައްޤުތަކެއް، ތިޔަބޭފުޅުންގެ ބެއްލެވުމުގެ ދަށުގައިވޭ. އެ ކަންތައްތައް ދެ ފުށް ފެންނަގޮތަށް ކުރުމަކީ އެއީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު މިހެން ދަންނަވާލަން މި ޖެހުނީ، ކޮންމެވެސް މިންވަރަކަށް ރައްޔިތުންގެ ހިތުތެރޭގައި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ކަންތައްތަކާ ގުޅިގެން ނުތަނަވަސްކަން ވަނީ އުފެދިފައި.

އަޅުގަނޑު މި ފުރުޞަތުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށްބޮޑަށް ޔަޤީންކަން އަރުވަން ބޭނުންވަނީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުގައި، އެއްވެސް ކަމެއް ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަކަށް، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން އަންނާނޭގޮތަކަށް މެދުވެރިއެއްނުވާނެ. ﷲ އިރާދަކުރެއްވިއްޔާ، ޙައްޖު ކޯޓާ ކަންތައްތަކާއި އަދި ޒަކާތު ފަންޑުގެ އެންމެ ހެޔޮ ބޭނުން ހިފައި، އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވިގެންދާނެ ކަންކަމަށް ވެގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން، އިސްލާމްދީނުގެ ވަކިން ޚާއްޞަކޮށް، މިސްކިތްތަކަށް އެ ދެއްވާ އަހަންމިއްޔަތު، އެކަން ފާހަގަކޮށް، އަޅުގަނޑު އެންމެހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި، ރަމަޟާންމަހު، ވަކިން ޚާއްޞަކޮށް، މައިންބަފައިންނާއި، ތުއްތު ކުދިންނާއި އަދި، އަޅުގަނޑުމެންނާ އެކީގައި މިސްކިތްތައް ފުރި ބާރުވެ ފެންނަ މަންޒަރުން، އަޅުގަނޑުމެން އެގޮތަށް އެ ކަންތައް ކުރުމަށާއި، އަދި ހަމަ ރަމަޟާންމަހުގެ ފަހުންވެސް އެގޮތަށް އެކަންތައް ކުރުމަށް ނަސޭހަތްތެރިވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮގޮތުގައި އަޅުގަނޑުމެންގެ މުދާ ހޭދަކުރުމުގެ ވިސްނުން ލިބިފައިވާ ބަޔަކު ކަމުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މެދުވެރިކުރައްވައި، އަދި، އެކުގައި ކުރިއަށް ދެވޭނޭ، ސުލްޙަވެރިކަމާއެކު ކުރިއަށް ދެވޭނޭ މަގު ތަނަވަސް ވެފައިވާ ބައެއްގެ ގޮތުގައި މިންވަރު ކުރެއްވުން. އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް، މި ޙަފްލާގައި ބައިވެރިވެ، މިކަންތައް ފަށްޓައިދިނުމަކީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.