ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ހެންވޭރު ބުރެވިމާގޭ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި ސަރުކާރުން ބޭއްވި ތައުބީނުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ތައުބީނުގެ ޖަލްސާ އޮތީ މިރޭ ދަރުބާރުގޭގައެވެ.


މި ޖަލްސާގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޒާހިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެމަރްޙޫމްގެ ހަނދާނުގައި ޝަރަފުގެ އައްޑަނައަކާއި ލިޔުމެއް އެރުވިއެވެ. މި ޝަރަފުގެ އައްޑަނައާއި ލިޔުން މަރްޙޫމް މުޙައްމަދު ޒާހިރުގެ އާއިލާއާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.