ބަރުމާގެ އިދިކޮޅު ލީޑަރ އަންގ ސަން ސޫ ކީ އާއި އެ ޤައުމުގައި ހައްޔަރުކޮށްފައިވާ ގާތްގަނޑަކަށް ދެހާހެއްހާ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައިވަނީ އ.ދ. އިން ބަރުމާއަށް ކަނޑައަޅާފައި ހުންނަ ޚާއްޞަ މަންދޫބު، އިބްރާހިމް ގަމްބާރީއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިސްޓަރ ގަމްބާރީ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބަރުމާއަށް ދަތުރުފުޅެއް ކުރައްވައި ބަރުމާގައި ޑިމޮކްރަސީ ޤާއިމުކުރުމަށާއި އެ ޤައުމުގެ މިލިޓަރީ ސަރުކާރުން ފިއްތަމުންދާ ސިޔާސީ ފިއްތުންތަކަށް ހުއްޓުމެއް ގެންނެވުމަށް މަސައްކަތްކުރައްވާފައެވެ.
އަންގ ސަން ސޫ ކީ އާއި އެހެނިހެން ސިޔާސީ ކުށްވެރިން ދޫކޮށްނުލާހާ ހިނދަކު ބަރުމާގެ ރައްޔިތުންނަށް ޑިމޮކްރަސީ ނުފެންނާނެ ކަމުގައި މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ގިނަ ޕާޓީތައް އެކުލެވޭ ޒަމާނީ ޑިމޮކްރަސީއެއް ކާމިޔާބުކަމާއެކު ބިނާކުރެވުނު ޤައުމެއްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ރައްޔިތުން، ބަރުމާގެ މަސްރަޙު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އެޤައުމުގެ ސިޔާސީ މަސްރަޙާމެދު ދިވެހިރާއްޖެއިން ވަރަށް ކަންބޮޑުވާ ކަމުގައި ވިދާޅުވެފައިވެއެވެ.
ބަރުމާގެ ލީޑަރުން ހިންގަމުން ގެންދާ އިންސާނީ ޙައްޤުތަކާ އިދިކޮޅު ކަންތައްތަކާއި އެޤައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެތައް ބައެއްގެ ހާލަތު ބައްލަވަމުން ގެންދަވަނީ ވަރަށް ކަންބޮޑުވުމާއެކުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ސިޓީފުޅުގައި، ސިޔާސީ ކަންތައްތަކުގައި އިސްނެންގެވުމާ ގުޅިގެން، ކުރިން އެކިފަހަރުމަތިން އެތައް ދުވަސްތަކެއް ޖަލުގައި ހޭދަކުރައްވަން އެމަނިކުފާނަށް ޖެހިވަޑައިގެންފައިވުމާއެކު، ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިންތަކެއް ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއްނެތި ބަރުމާގެ ޖަލުތަކުގައި ދުވަސްތައް ހޭދަކުރަމުންގެންދާތަން ބައްލަވަން ހުންނެވުމަކީ، އެ ހައިސިއްޔަތުން، ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގަންނަވާކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
1990 ވަނަ އަހަރު ބަރުމާގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކުރީ އަންގ ސަން ސޫ ކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީންނެވެ. އެހެންނަމަވެސް، އެޤައުމުގެ މިލިޓަރީ ސަރުކާރުންވަނީ އިންތިޚާބުގެ ނަތީޖާ ބާޠިލްކޮށް ބާރުތައް ދޫކޮށްލުމާ ދެކޮޅުހަދާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ބައިނަލްއަޤްވާމީ ދާއިރާއަށް އެމަނިކުފާނު ނެރުއްވި ފުރަތަމަ ބަޔާނުގައިވެސް އަންގ ސަން ސޫ ކީ މިނިވަން ކުރުމަށްވަނީ ގޮވާލައްވާފައެވެ.