ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް އިންޑިޔާއަށް އިއްޔެ ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރާއްޖޭގެ ކްރިކެޓް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރާއި، ޗެންނާއީ ސުޕަރ ކިންގްސްއާ ދެމެދުގައި ކުޅެވުނު އައި.ޕީ.އެލް. ކްރިކެޓް މެޗް ވެސް ބައްލަވައިލެއްވިއެވެ.