بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު، ޕޮލިޓެކްނިކްގެ އިސްވެރީން. އަދި މިރޭގެ ޙަފްލާ، އެ ބަޔަކަށްޓަކައި މި ބޭއްވޭ ޝަރަފްވެރި ދަސްވެނީން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން، އަޅުގަނޑު ދަންނަވާލަން އޮތީ މިއަދު އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާގައި ހިނގައިދިޔަ ހިތާމަވެރި އެ ހާދިސާގައި އަޅުގަނޑުމެން މުޅި ދިވެހި އެންމެހައި ރައްޔިތުންނާއި، މުޅި ދިވެހި ސަރުކާރު އެކަން ކުށްވެރިކޮށް، އަދި އަޅުގަނޑުމެންގެ އެ ލޮބުވެތި މުޅި ސްރީލަންކާގެ އެންމެހައި ރައްޔިތުންނާއެކު ވާކަމުގެ ވާހަކަ.

އާދެ، ސްރީލަންކާއަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ދެވަނަ ޤައުމެއްގެ ގޮތުގައި ވަރަށްގިނަ ދިވެހި ރައްޔިތުން ބަލައި، އަދި ތަޢުލީމު އުނގެނިފައިވާ އަދި ސްރީލަންކާގެ އެތައް ބައެއްގެ ފަރާތުން ގިނަގުނަ ޚިދުމަތްތަކެއް، ދިވެހި ޤައުމަށާއި، އަޅުގަނޑުމެން ރައްޔިތުންނަށް ލިބިފައިވާ ޤައުމެއް.

އެހެންވީމާ، މި ހިތާމަވެރި ދަނޑިވަޅުގައި، އަޅުގަނޑުމެން ލަންކާގެ ލޮބުވެތި ރައްޔިތުންނަށް ހިތްވަރުދީ، މުޅި ދުނިޔެއިން ނުރައްކާތެރި މިފަދަ ކަންތައްތައް ހުއްޓުވުމަށްޓަކައި މިކުރާ މަސައްކަތުގައި، މުޅި ދިވެހި ސަރުކާރާއި ޤައުމު ވާކަމުގެ ޔަޤީންކަން، ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ދަންނަވާލަން.

އާދެ، ޤައުމެއްގެ ކުރިއެރުމަކީ، ޤައުމެއް ތަރައްޤީ ވެގެންދަނީ، އެ ޤައުމެއްގައި އަޅުގަނޑު ދަންނަވާނީ، ތިޔަފަދަ ބަޔަކު އުފެދިގެންނޭ. އާދެ، ފަންނުވެރި، ހުނަރުވެރި، ޤާބިލު ސޮސައިޓީއަކީ އެއީ ކުރިއެރުމަށް ބޭނުންވާ، ކުރިއަރައިގެން ދިޔުމަށްޓަކައި ޤައުމަކަށް ބޭނުންވާ އެންމެ ވަރުގަދަ އެސެޓް.

އަޅުގަނޑު މި ފުރްޞަތުގައި ފާހަގަކޮށްލަން ބޭނުންވޭ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފުރްޞަތުތައް، އެކިގޮތްގޮތުން ފުޅާކުރެވިފައި މިއަދު ވީނަމަވެސް، މި ދާއިރާއަށް، މި ފަންނުތައް ދިރުވުމަށްޓަކައި، އާލާކުރުމަށްޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އެކަށީގެންވާފަދަ ފުރްޞަތުތައް އަދި ހޯދިފައިނުވާކަން. ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ހުރި ގިނަ އިންޑަސްޓްރީތަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ގިނަ ފުރްޞަތުތަކެއް އެބައޮތޭ.

އަޅުގަނޑުމެން މިއަދު ބޭނުންވަނީ ދިވެހިންނަށް ވަޒީފާ ލިބެން. ދިވެހިންނަށް އެ ވަޒީފާގެ ހިތްހަމަޖެހުން ލިބި، ޤައުމުގެ ހުރިހާ ދާއިރާއެއްގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރްޞަތު ލިބިގެންދިޔުމަށް.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ދަސްވެނިމި ތިބި ގިނަ ދަރިވަރުންނަކީ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި، ޢާއިލާތަކެއްވެސް ފަށްޓަވާފައިވާ ބައެއް. އެހެންކަމުން، އެ ފަރާތްތަކުން މި ބުރަ މަސައްކަތް، އާދެ، މި ޢަޒުމުގައި، މި ކިޔެވުމުގެ ދުވަސްތައް ހޭދަކުރެއްވިއިރު، ޢާއިލާގެ ފަރާތުން ވަރަށް ގިނަގުނަ އެހީތެރިކަމެއް ލިބިފައިވާނެ.

އާދެ، މަސައްކަތް ކުރަމުން ކިޔެވުމަކީ ޙަޤީޤަތުގައި ވަރަށް ޢަޒުމް ވަރުގަދަވެގެން ނޫނީ ނުކުރެވޭނެ ކަމެއް. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ތެރެއިން ގިނަ ފަރާތްތައް މިއަދު ސާބިތުކޮށްދީފައިވަނީ، ޢާއިލީ ޒިންމާވެސް އަދާކުރަމުން، ޤައުމީ ވާޖިބު އަދާކުރަމުން އެކަން ކުރެވޭނެކަން. އަނެއްކާވެސް ތިޔަބޭފުޅުންގެ ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބުތައް ހޯދުމަށް ޢަޒުމް ކަނޑައެޅުއްވުމަށާއި، މިރޭ މި ހުރިހާ ކާމިޔާބީތަކެއް، މި ސެޓްފިކެޓް ހާސިލު ކުރެއްވި އެންމެހައި ފަރާތްތަކަށް އަޅުގަނޑު ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން.

އާދެ، ރާއްޖޭގައި މި ފަންނު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ތަމްރީނުދޭ މަރުކަޒުތައް، އެތަނުންދޭ އެކިއެކި ކޯސްތައް ފުޅާކޮށް، ތަނުގެ ވަސީލަތްތައް ތަރައްޤީކޮށް، ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރުން، ޕޮލިޓެކްނިކްގެ ފަރާތުން މަސައްކަތް ކުރާއިރު، އެންމެ ބޭނުންވާ ދާއިރާތައް އަޅުގަނޑުމެން ބަލާނަން. ދިވެހިރާއްޖޭގެ އިންޑަސްޓްރީތަކަށް އެންމެ ބޭނުންވާ ދާއިރާތައް އެސެސް ކުރެވިގެން، އެ ދާއިރާތަކަށް ޒުވާނުން ބިނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު މިއަދު ތިޔަ އެންމެހައި ލޮބުވެތި ބޭފުޅުންނަށް ދަންނަވަން.

އާދެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކަށް މިވަނީ ވަޒީފާއެއް އަދާކުރުން. އަޅުގަނޑުމެން މިއީ މިއަދު މި ޤައުމުގައި ފުންކޮށް ވިސްނަންޖެހޭ ކަމެއް. އަދިވެސް ވަޒީފާގައި ނެތް ޒުވާނުންގެ ޢަދަދަށް އަޅުގަނޑުމެން ބަލާއިރު، އެއީ އަޅުގަނޑުމެން ހަމަ ކަންބޮޑުވާންޖެހޭ ޢަދަދެއް. އާދެ، ތަފާތު އެކި މައްސަލަތަކާހުރެ ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރްޞަތު ލިބިފައި ނެތް ފަރާތްތަކަށް އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން، އެ ފުރްޞަތުތައް ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އެގޮތުން އަޅުގަނޑު ހަމަ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ އިންނެވުމާއެކު، އަދި އިންޑަސްޓްރީގައި ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ޤައުމަށް ކުރައްވާ އިސް ބޭފުޅުންވެސް ތިއްބެވުމާއެކު، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން މި އެދެނީ ޤައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި، ޢާއިލާތަކަށް މި ފުރްޞަތުތައް ހޯދައިދިނުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާށޭ. ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ހަމަ ޔަޤީން، ތިޔަބޭފުޅުންނަކީ މާ ހުނަރުވެރި ބައެއް. އަޅުގަނޑުމެން އެއްކޮށް، އެހެން ޤައުމެއްގެ ބަޔަކާ އެއްކޮށް މަސައްކަތް ކޮށްފި ކަމަށްވަންޏާ، އަބަދުވެސް ދިވެހިންގެ ކުޅަދާނަކަން، ދިވެހިންގެ ހުނަރުވެރިކަން ފާހަގަކުރެވި، އެއީ ހުރިހާ ފަރާތްތަކަކުންވެސް ދައްކަމުންދާ ވާހަކައެއް.

އަޅުގަނޑު ހަމަ އިންޑަސްޓްރީގެ ބޭފުޅުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ، އިތުރު ފުރްޞަތުތައް ހޯދައިދޭން. މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޒުވާނުން، ދިވެހި މަސައްކަތްތެރިންގެ އަޑުއަހަން އެބަޖެހޭ. ވަޒީފާ ދިނުމުގަޔާއި، ވަޒީފާގެ ކުރިއެރުން ދިނުމުގައި އޮންނަ ތަފާތުކުރުން އަޅުގަނޑުމެން އެބަޖެހޭ އެއްކޮށް ނިމުމަކަށް ގެނެސް، ވަޒީފާގެ ކުރިއެރުންތައްދީ، އެކަށީގެންވާ އުޖޫރައާއި ޢިނާޔަތް ހޯދައިދޭން.

އާދެ، ކުރީގައިވެސް އަޅުގަނޑު ދެންނެވި ގޮތަށް، މި ޤައުމުގެ ތަރައްޤީއަކީ އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް. ރައްޔިތުންނާ ނުލައި، އަޅުގަނޑުމެންނަށް ހޯދޭނެ ހަމަ އެއްވެސް ކާމިޔާބެއް ނޯންނާނެ.

އެހެންވީމާ، މި ފުރްޞަތުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް، އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، މުޅި ދިވެހި ސަރުކާރުގެ ނަމުގަޔާއި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އެ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިހާރުވެސް ގިނަގުނަ ޕްރޮގްރާމްތަކެއް ވަނީ ރޭވިފައި. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން، އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ކަންތައްތަކެއް ކުރުމުގެ ޕްރޮގްރާމް ރޭވި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންތައްތައް ކުރިއަށް ގެންދާނަން.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތަޢުލީމީ ދާއިރާއަށް ދިވެހި ސަރުކާރުން، އާދެ، ކުރީގައި ދުވަހަކުވެސް ސަރުކާރަކުން ނުދެއްވާފަދަ އަހަންމިއްޔަތު ކަމެއް، ސަމާލުކަން މިވަނީ މި ސަރުކާރުން ދެއްވާފައި. އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެންގެ ހަމަޖެހުން އަޅުގަނޑުމެންނަށް ޤާއިމު ކުރެވޭނީ، އަމާންކަން ޤާއިމު ކުރެވޭނީ، އަޅުގަނޑުމެންނަށް ފުދިގެން އުޅޭ ބައެއްގެ ގޮތުގައި އެކުގައި އުޅެވޭނީ، މި ހުރިހާ ފުރްޞަތުތަކެއް ފަހިކޮށްގެން، ދިވެހި ދަރީންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާ، މި ފުރްޞަތުތައް ހޯދައިދީގެން ކަމަށް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިންވެސް އަޅުގަނޑު ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނާއި އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ ޤައުމު ތަރައްޤީ ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން، ޒުވާނުންގެ ޙިއްޞާ އޮންނާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމަށް ވަފާތެރި، ތެދުވެރި ދަރީންތަކެއް އުފެއްދުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ޢިލްމު އުނގެނި، އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.