ތޮއްޑޫ ރައްޔިތުންނަށާއި ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މާލޭގައި ތަކެތި ގުދަން ކުރެވޭނެ ގޮތަކާއި، ވިއްކޭނެ ގޮތަކާއި، އަދި މާލޭގެ ބަނދަރު ފަސޭހަކަމާއެކީގައި ބޭނުންކުރެވޭނެ ގޮތެއްގެ އިންތިޒާމުތައް ހަމަޖައްސަވަމުން އެބަގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އަރިއަތޮޅު އުތުރުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ތޮއްޑުއަށް ވަޑައިގެން ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު ނިމުމުގެ ކުރިން މިއިންތިޒާމުތައް މާލެއިން ހަމަޖެހިގެންދާނެ ކަމަށާއި، ތަކެތި ވިއްކާނެ ޖާގަވެސް ލިބޭނެ ކަމުގައި ވިދާޅުވިއެވެ.

ތޮއްޑުއަކީ، ރާއްޖޭގައި އޮތް ދަނޑުވެރިކަމުގެ ރަށްތަކުގެ ތެރެއިން އެންމެބޮޑު އެއްރަށްކަން ފާހަގަކުރައްވަމުން، ދަނޑުވެރި ރަށެއްގެ ގޮތުގައި ތޮއްޑޫ ތަރައްޤީ ކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އެކަން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމައަގު ލިބޭނޭގޮތެއް ހޯއްދަވައި ދެއްވުން ކަމަށާއި، ހަމައަގު ހޯއްދަވައި ދެއްވުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް މާލެއަށް ދަތުރުފަތުރުގެ ކަންތައްތައް ފަހިކޮށްދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، މިއަހަރުގެ ޖުލައި އޯގަސްޓް ހާތާނގައި ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމު ތަންފީޒުވާން ފަށާނެކަން ހާމަކުރެއްވިއެވެ.

ތޮއްޑޫގެ ދަނޑުވެރިކަން އެހެން މަރުޙަލާއަކަށް ގެންދަވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ދަނޑުވެރިކަމުގެ ބާވަތްތައް ތޮއްޑޫގައި ބަންދު ކުރެވި އޭގެ ނަފާއާއި ފައިދާ މުޅި ރާއްޖެއަށް ފޯރާނޭ މަޝްރޫޢެއް ސަރުކާރުން މިހާރު ރާއްވަވަމުން އެބަގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އެކަމާ ގުޅޭ އިތުރު ތަފްޞީލުތައް ލަސްތަކެއްނުވެ ތޮއްޑޫ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމުގެ ސިޔާސަތުގެ ދަށުން، ތޮއްޑޫގައި މަދުވެގެން 100 ފްލެޓް އެޅުމުގެ ނުވަތަ ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ތޮއްޑޫގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ބޭންކެއްގެ ޚިދްމަތް ދެއްވަން މިއަހަރު ތޮއްޑޫގައި ފެށްޓެވުމަށް ސަރުކާރުން ޚިޔާލު ކުރައްވާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ބޭންކެއްގެ ޚިދްމަތް މިއަހަރު ލިބެން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ތަރައްޤީގެ މަސައްކަތްތައް ހިންގާ ބޭންކްތައް ރާއްޖެއަށް ތަޢާރުފް ކުރެއްވުމަށް މިވަގުތު ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން އެބަގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ، ބައެއް ބޭންކްތަކުގެ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބެންފަށާއިރު، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ތޮއްޑޫ ދަނޑުވެރިންނަށް ލޯން ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑުއަށް މިކުރެއްވި ދަތުރުފުޅުގައި، ތޮއްޑޫ ރައްޔިތުންނަށް ބޭނުންވާ އިތުރު ކަންތައްތަކަކީ ކޮބައިތޯ ބެއްލެވިއެވެ. އަދި ތޮއްޑޫ ސްކޫލަށް ޒިޔާރަތް ކުރައްވައި ސްކޫލުގެ ކަންތައްތައް ބައްލަވާލައްވައި ޢިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރެއްވިއެވެ.