بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ދެކަނބަލުން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ ދެކަނބަލުން، މަންފާ ސެންޓަރުގެ ފައުންޑަރ މެންބަރުން ކަމަށްވާ ޑޮކްޓަރ އާމިނަތު ޖަމީލާއި މުޙައްމަދު އިސްމާއީލް މަނިކު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މަންފާ ސެންޓަރ، ނުވަތަ މިހާރުގެ ނަމުންނަމަ، އޭޖް ކެއަރ މޯލްޑިވްސް އަށް 15 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، މި މަރުކަޒުގެ ދެ ފައުންޑަރ މެންބަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މި މަރުކަޒުގެ އިސް ވެރިންނަށާއި މެންބަރުންނަށްވެސް ތަހުނިޔާ ދަންނަވަން.


ޑޮކްޓަރ އާމިނަތު ޖަމީލާއި، އޭނާގެ ފިރިކަލުން މުޙައްމަދު އިސްމާޢީލް މަނިކު އިސްނަންގަވައިގެން، މީގެ 15 އަހަރު ކުރިން ހިލޭސާބަހަށް ފެށްޓެވި މި މަރުކަޒުގެ ޚިދުމަތް މެދުނުކެނޑި، މިއަދާ ހަމައަށް އައުމަކީ، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ކާމިޔާބެއް. މި މަރުކަޒަކީ، މި ތަން ހިންގަވާ ބޭފުޅުންނަށް މާއްދީ މަންފާއެއް ނުލިބުނަސް، މި ތަނުން ޚިދުމަތް ލިބިގަންނަ ބޭފުޅުންނަށް ވަރަށް ގިނަ މަންފާތަކެއް ލިބޭ މަރުކަޒެއް.


މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންގެ ވަރަށް ޚާއްޞަ ބައިވެރިއެއް. އެމީހުންގެ ޢުމުރާ ގުޅޭގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ވަރަށް ކާމިޔާބު މަރުކަޒެއް. ދޮށީ ޢުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ ގޮތްތަކާމެދު ހޭލުންތެރިކުރުވުމަކީ، މި މަރުކަޒުގެ އެންމެ މުހިންމު އެއް މަޤްޞަދު.


މި ޙަފްލާއިން އަޅުގަނޑުމެންނަށް ފެންނަ ބައެއް ބޭފުޅުންނަކީ، އެ ބޭފުޅުންގެ ޢުމުރުގެ ބޮޑު ބައެއް، ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި ބޭފުޅުން. ތިޔަބޭފުޅުންގެ ޚިދުމަތުގެ ދުވަސްވަރަކީ، ވަރަށް ޙަރަކާތްތެރިކަމާއެކު ބުރަ މަސައްކަތްތަކުގައި އުޅުއްވި ދުވަސްވަރެއް. އެއީ ތިޔަބޭފުޅުންގެ ޢުމުރުގެ މި މަރުޙަލާ، އޮމާންކަމާއެކު ކަޑައްތު ކުރެއްވުމަށް ކޮށްޓެވި ވަރަށް ތަނަވަސް މަގެއް.


ދޮށީ އުމުރާ ބައްދަލުވުމަކީ، ކުރީގެ ޙަރަކާތްތެރި ދިރިއުޅުމާ ވަކިވާންޖެހޭ ސަބަބެއް ނޫން. އަދި މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުން ހުއްޓާލަންޖެހޭ ސަބަބެއްވެސް ނޫން. ދޮށީ ޢުމުރުގައިވެސް، ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި، ޙަރަކާތްތެރި ދިރިއުޅުމެއް އުޅެން އާދަކުރުމަކީ ބަލި އެނދާ، މީހާ ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމެއް.


ވަކި ޢުމުރަކުން ވަޒީފާއިން މުސްކުޅި ކުރުމަކީ، މިހާރު ގިނަ ޤައުމުތަކެއްގައި އޮންނަ އުސޫލެއް. އެހެން ނަމަވެސް، އެ ޤައުމުތަކުގައިވެސް، ދޮށީ ޢުމުރުގެ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމުތައް، ސަރުކާރުގެ ތެރެއިން ނޫނަސް ހަމަޖައްސާފައި އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، ރާއްޖެއަށްވެސް، އެފަދަ އިންތިޒާމުތަކެއްގެ ބޭނުން މިހާރު ވަރަށް ބޮޑު.


އެފަދަ އިންތިޒާމުތަކެއްގެ މަޤްޞަދަކީ، ދޮށީ ޢުމުރުގެ މީހުން ދެއަތް އުރާލައިގެން ތިބެ، އެކަނިވެރިވާން ދޫކޮށްނުލުން. ޢުމުރު މަތިވެގެންދިޔަސް، މުޖުތަމަޢުން އެމީހުން ބާކީކޮށްނުލާނެކަން ވިސްނައިދިނުން. އެބޭފުޅުން ރަސްމީ ވަޒީފާ ދޫކޮށްލުމުން، ކުރިމަތިވާ ސިކުނޑީގެ ހާސްކަމާއި، ނަފްސާނީ އުނދަގޫތަކަށް ލުޔެއް ހޯދައިދިނުން.


އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކާއި، ޢާއިލާ ރޭވުމުގައި ގެންގުޅުނު ހަމަތައް މިއަދު ބަދަލުވެއްޖެ. އޭގެ ސަބަބުން، އާބާދީގައި ޢުމުރުފުރާތައް ޙިއްޞާވާ ނިސްބަތްވެސް އަންނަނީ، ވަރަށް ބޮޑަށް ބަދަލުވަމުން. ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ދޮށީ ޢުމުރުގެ އާބާދީ އަންނަނީ، އަހަރުން އަހަރަށް އިތުރުވަމުން.


މީގެކުރިން އަޅުގަނޑުމެން ދިރިއުޅެމުން އައީ، މަންމަޔާއި ބައްޕަޔާއި، މާމަމެންނާއި ކާފަމެންނާއެކު އެއް ގެއެއްގައި ނުވަތަ ކައިރިކައިރީގައި ހުންނަ ގޭގޭގައި. ނަމަވެސް މިއަދު ދިރިއުޅުމުގެ ޙާލަތު ބަދަލުވެ، ޢާއިލާތައް ވިއްސިވިހާލިވެއްޖެ. ދަރިން ބޮޑެތިވެ، ވަޒީފާގެ ފަހަތުން މާލެއަށާއި، ކައިރި ރަށްރަށަށް ބަދަލުވެއްޖެ. މުސްކުޅި މަންމަމެންނާއި ބައްޕަމެން، އަދި މާމައިންނާއި ކާފަމެން އަމިއްލަ ގޭގައި އެކަނިވެރިވެއްޖެ.


މިއީ ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު މައްސަލައެއް. މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތި އިޙްސާސްކުރާ މީހުން މަދެއް ނޫން. އެ ހިތްދަތިކަން ވަށައިލުމުން، އެމީހުންނާ ދެން ބައްދަލުކުރަނީ ނަފްސާނީ މައްސަލަތައް. މިއީ، އަޅުގަނޑުމެން ކޮންމެ މީހަކު، ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލައެއް.


އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައި ވިޔަސް، އަޅުގަނޑުމެންނަށްޓަކައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން، މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް.


ދޮށީ ޢުމުރަށް ދިޔުމުން މައިންބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ޚިދުމަތް ކޮށްދޭން ހުންނަ ބިދޭސީއެއް ނޫން. އެ ޢުމުރުގައި މައިންބަފައިންނަށް އެންމެ ބޭނުންވާނީ، ދަރީންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން. އަޅުގަނޑުމެން ދިރިއުޅެން ދަސްކުރަންވީ، މައިންބަފައިން ގޮވައިގެން އެމީހުންނާ އެކުގައި.


ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް، އެ މީހުންނާއެކު ހޭދަކޮށްލުމަކީ، އެ ޢުމުރުގައި އެމީހުންނަށް ލިބޭނެ އެންމެ މޮޅު ހަދިޔާ. މުސްކުޅި ބައްޕަ ނުވަތަ މަންމަ ގޮވައިގެން ރަށުތެރެއަށް ނުކުމެލައި އުޅުމަކީ، އެމީހުންގެ ކެކުޅުންތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް. ނަފްސާނީ ގޮތުން ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.


ދޮށީ ޢުމުރުގެ އާބާދީ އިތުރުވަމުންދާ ވަރަކަށް، ދިރިއުޅުމުގެ ކަންތައް އަމިއްލައަށް ފުރިހަމަ ނުކުރެވޭ މީހުންގެ ޢަދަދުވެސް ދާނީ އިތުރުވަމުން. ބައެއް ޙާލަތްތަކުގައި، އެފަދަ ބައެއް މީހުންގެ ބެލެނިވެރިކަމާ، ދައުލަތުންވެސް ޙަވާލުވާން އެބަޖެހޭ. ގާތްތިމާގެ މީހުން ތިބި އެފަދަ ބައެއް މީހުންވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި.


އަޅުގަނޑުމެން ގަބޫލުކުރަން، ގުރައިދޫގައި ހުންނަ މަރުކަޒަކީ، ދޮށީ ޢުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން. އެއަށްވުރެ ފެންވަރު ރަނގަޅު، އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވޭ. އެފަދަ މަރުކަޒަކުން، އެ ޢުމުރުގެ މީހުންގެ ހެލްތު ސްކްރީން ހަދައި، ޞިއްޙީ ޙާލަތު ވަޒަން ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ.


މިއަދު ތަރައްޤީގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެންނަ ކޮންމެ ކަމަކީ، ޢުމުރު މަތިވުމުން މުސްކުޅި ކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައް. އެހެންވީމާ، އެ މީހުންގެ ޚިދުމަތުގެ އަގު، އަބަދުވެސް އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. އަޅުގަނޑުމެން އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ.


ދޮށީ ޢުމުރަށް ދިޔުމުން، ދައުލަތުގެ ބަޖެޓުން އެލަވަންސެއް ދީފައި، ގޭގައި ބޭތިއްބުމަކީ، އެމީހުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން. އޭގެ ބަދަލުގައި ޙަރަކާތްތެރި ދިރިއުޅުމަކަށް، އެމީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ، މާ މުހިންމު ކަމެއް. އެފަދަ މީހުންނަށް ރައްކާތެރި އަމާން މާޙައުލެއް މުޖްތަމަޢުގެ ތެރެއިން ހޯދައިދޭން އެބަޖެހޭ.


ކަމޭހިތައި އޯގާތެރިވާންވީ ހަމައެކަނި ތިމާގެ މަންމަޔާއި ބައްޕައަށް އެކަންޏެއް ނޫން. ދޮށީ ޢުމުރުގެ ކޮންމެ މީހަކަށް އަޅާލައި އިޙްތިރާމް ކުރުމަކީ، އަޅުގަނޑުމެންގެ ޅަކުދީންނާއި ޒުވާނުންގެ ކިބައިގައި ހަރުލައްވަން ޖެހިފައިވާ ސިފައެއް. އަޅުގަނޑުމެން ގަބޫލުކުރަންވީ، ލޯބި ލިބޭނީ ލޯބި ދީގެންކަން. އިޙްތިރާމް ލިބޭނީ އިޙްތިރާމް ކޮށްގެންކަން.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީވެސް، ޢާއިލީ ގުޅުންތައް ދަމަހައްޓައި، މައިންބަފައިންނަށް ކަމޭހިތާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް އޯގާތެރިވެ ކަމޭހިތައިގެން، އުފާވެރިކަމުގައި އުޅޭ ބަޔަކު ކަމުގައި މާތް ﷲ ލައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.