بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން، ދައުލަތުގެ ވަޒީރުން، މާލޭ ސިޓީގެ މޭޔަރ، ކޮމިޝަނަރ އޮފް ޕޮލިސް، ޔޫ.އެން. އެޖެންސީސްގެ އެގްޒެކެޓިވުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނެއް އެކުލަވައިލައްވައި، އެކަންތައްތައް ކުރުމުގައި، އެކިއެކި މުއައްސަސާތަކުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރުން.

އާދެ، އެކްސިޑެންޓްގެ މައްސަލަތަކަކީ، އަޅުގަނޑު ދަންނަވާނީ ހަމަ އަޅުގަނޑުމެންގެ މުޅި ރާއްޖޭގައިވެސް މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް، އަޅުގަނޑުމެން ގަބޫލުކުރަނީ ހަމަ ޑިޒާސްޓަރއެއްގެ ގޮތުގައި. ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ވަރަށް ފުންކޮށް އެކަމަކާ ދޭތެރޭގައި ވިސްނައި، އިތުރު ފިޔަވަޅުތަކެއް ހަމަ އަޅަން ޖެހިފައި އޮތް ކަމެއް. އަޅުގަނޑުމެންނަށް ތަފާސް ހިސާބުތަކަކުން ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށް، ވޭތުވެދިޔަ އަހަރުތަކުގައި ކަންތައްތައް ހިނގާފައި ހުރިގޮތް ފެނިގެން ގޮސްފި. ބޮޑު އިންސައްތައެއް މާލޭ ސަރަޙައްދުން ފެނިގެންދިޔަ ނަމަވެސް، ހަމަ ދަންނަވާނީ، ރާއްޖޭގައި ގިނަ ހިސާބުތަކެއްގައި، ވަކިން ޚާއްޞަކޮށް، ބޮޑެތި ރަށްތަކުގައި އެކްސިޑެންޓްތައް ހިނގަނީ މަދަކުންނެއް ނޫނޭ.

އަޅުގަނޑުމެން މިއަދު ރާއްޖޭގެ ރަށްތަކުގައި ފަސޭހަކަމާއެކު ދުއްވައިލެވޭގޮތަށް މަގުތައް ހަދަމުންދާއިރު، މިއީ ފުންކޮށް ވިސްނަންޖެހޭ ކަމެއް. އާދެ، ހަމަގައިމުވެސް ވޭތުވެދިޔަ ދުވަސްތަކުގައި، ގިނަ ރަށްރަށުގެ މަގުތަކުގެ މަސައްކަތް ފެށުމުގައި އަޅުގަނޑަށް ބައިވެރިވެވިއްޖެ.

އަޅުގަނޑުމެން އެންމެ އިސްކަމެއްގެ ގޮތުގައި، ހަމައެއާއެކު، ރައްޔިތުންނަށް މި ދަންނަވަނީ، ހުރިހާ ބޭފުޅުންގެ ސަމާލުކަމަށްޓަކައި މި ގެންނަނީ ފަސޭހަކަމަކާއެކު އަޅުގަނޑުމެން ހިތާމަޔަކާ ކުރިމަތިލައިގެނެއް ނުވާނެއޭ.

އާދެ، ވަރަށް ސާފުކޮށް ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އަޅުގަނޑުމެންނަށް ޕްރިވެންޓް ކުރެވެން ހުރި ކަންތައްތަކަކުން އަޅުގަނޑުމެންގެ ދިރިއުޅުން، އަޅުގަނޑުމެންގެ ލައިފް ދޫކުރުން އެއީކީ، އަޅުގަނޑުމެން އިންސާނުންގެ ބުއްދިއަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން. ނުވަތަ މުޅި ޢުމުރަށް މީހާ ނުކުޅެދުންތެރި ކަމުގައި ހުރުން އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫން.

އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި، ދިމާވާ މައްސަލަތައް، ސަބަބު. ހަމައެއާއެކު، އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ، ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރިއަށް އަޅަން ރާވާފައި ހުރި ފިޔަވަޅުތަކާއި އަދި ބޭނުންވާ ވަސީލަތްތައްވެސް.

އެކަމަކުވެސް އަޅުގަނޑު ދަންނަވާލަން އޮތީ، މިއީ މުޅިންވެސް ހަމަ އަޅުގަނޑުމެން ފަރުވާކުޑަކުރުމުގެ ސަބަބުން އެކަމަކަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމަށް.

ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ތަފާސް ހިސާބުތަކުންވެސް އަބަދުވެސް ފެނިގެން އެބަދޭ، ގާތްގަނޑަކަށް ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ގިނަ ޢަދަދެއްގެ ޒުވާނުން، މީގެ ގިނަ އެކްސިޑެންޓްތަކުގައި އެކިއެކި އަނިޔާތައް ލިބިގެންދާކަން.

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ހަމަ އެންމެހާ ޒުވާނުންނަށް، ވަކިން ޚާއްޞަކޮށް، ވަރަށް ލޯތްބާއެކު އަޅުގަނޑު އެފަރާތުން މި އެދެނީ، މި ކަންތައްތަކާ ތިޔަ ޒުވާނުން ފުރިހަމައަށް ވިސްނަވައި، މިކަމަށް ސަމާލުވާން. ކޮންމެ ދަރިޔަކުވެސް ތަޢުލީމު އުނގެނިގެން ނުވަތަ ދިރިއުޅުމަކާ ކުރިމަތިލާއިރު، ގިނަ އުއްމީދުތަކެއް އެބަހުރި. މައިންބަފައިން ދަރިންގެ ފަރާތުން ދެކެން ބޭނުންވާ ކަންތައްތަކެއް އެބަހުރި. ޢާއިލާއެއް ބިނާކުރުމަކީ އެއީ ކޮންމެ ދެމީހަކު ދުނިޔޭގައި ކުރާނެ ކަމެއް. ޤައުމީ މަސައްކަތާއި އަދި އަމިއްލަ މަސައްކަތްތައް މިއީ ކޮންމެ މީހަކުވެސް ދެކެމުން އަންނަ ހުވަފެން.

އެހެންނަމަވެސް، ހިތާމަޔަކީ އަޅުގަނޑުމެންނަށް ހަމަ ވިސްނައިނުލައި ކުރެވޭ ކުޑަކުޑަ ކަމަކުން، މެޓަރ އޮފް ސެކަންޑްސްގެ ތެރޭގައި މުޅި ލައިފް އެއްކޮށް މި ދޫކޮށްލެވެނީ. އަޅުގަނޑުމެން އެބަޖެހޭ، މަގުމަތި ބޭނުންކުރާއިރު، އެހެން މީހުންނާ ދޭތެރޭވެސް ވިސްނަން. ދުއްވާ މީހުން، މަގުގައި ހިނގާ މީހުންނާ ދޭތެރޭގައި ވިސްނަން އެބަޖެހޭ. ހިނގާ މީހުން، ދުއްވާ މީހުންނަށް ތަންދޭން އެބަޖެހޭ. އަޅުގަނޑުމެންނަކީ ދޫ ދޭންޖެހޭ ބަޔަކަށްވާން އެބަޖެހޭ. ލަސްވެގެން މީހަކު ކުރިއަރައިގެންދާ ވަގުތު، އެމީހަކަށް އަޅުގަނޑުމެން ޖާގަދޭން އެބަޖެހޭ.

އަޅުގަނޑުމެން އެކަމަށްޓަކައި ދެރަވެ، ހިތާމަކޮށް، އަދި އަޅުގަނޑުމެން ބައެއްފަހަރު ލަދުގަންނަންޖެހޭފަދަ މަންޒަރުތައްވެސް އަޅުގަނޑުމެންނަށް މަގުމަތިން ފެނިގެންދޭ. ކަނޑައެޅިގެން ވަކި ތަނަކުން ހުރަސްކުރަން އޮންނައިރުވެސް، ކުލަ ގަދަކޮށް އެތަން ފާހަގަކޮށްފައި އޮންނައިރުވެސް، އަޅުގަނޑުމެންނަށް ގިނަފަހަރަށް ފެންނަނީ، އެތަންތަނުން ހިނގާ ފަރާތްތަކަށް، މަގު ހުރަސްކުރާ ފަރާތްތަކަށް ފުރްޞަތު ނުދެވިދާތަން.

އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ ޤައުމުތަކަށް އަޅުގަނޑުމެން ބަލައިލާއިރު، ދުނިޔޭގެ ޤައުމުތަކުން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ކައިރި ޤައުމުތަކުން ފެށިގެން ގޮސް ދުރު ޤައުމުތަކުންވެސް މަގުމަތީގެ އަދަބުތަކަކީ އެއީ، ވަރަށް ބަލައިގަނެވޭ އަދަބުތަކެއްކަން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން ހަމަ އެދެނީ، މަގުމަތީގެ މި އަދަބުތައް މިއަދު އަޅުގަނޑުމެންގެ ފަރާތުން އެ ކަންތައްތައް ދައްކައިދިނުމަށް. އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ މުސްތަޤްބަލެއްގެ ވާހަކަ. ދެން އަންނަން އޮތް ޖީލެއްގެ ވާހަކަ.

އެހެންވީމާ، އަޅުގަނޑުމެން ޅަދަރިންނަށް އެ ނަމޫނާ މިއަދު ދައްކަން އެބަޖެހޭ. ވަރަށްގިނައިން އަޅުގަނޑުމެންނަށް ފެންނަނީ، މަގު ހުރަސްކުރާ ތަނުގެ ހަ ފޫޓް ދުރުންވެސް ހަމަ ހުރަސްކޮށްލާ މަންޒަރު. އެހިސާބަށް ދާން ދަތިކަމަކަށް، އުނދަގޫ ކަމަކަށް ވެގެންދަނީ. މިކަންތައްތައް އަޅުގަނޑުމެން ރަނގަޅު ކުރަން އެބަޖެހޭ.

އަޅުގަނޑުމެންގެ ހަނދާނަށް އަންނަނީ ރާއްޖޭގައި ފުރަތަމަ، މާލޭގައި މަގުގައި ގާ އެޅިގެން، އޭރު އެމަސައްކަތް ކުރެވިގެންދިޔަ ދުވަސްވަރު. ހަމަ އެއްގޮތަކަށްވެސް ޒިބްރާ ކްރޮސް އިން ނޫން ތަނަކުން ހަމަ އެއްވެސް މީހަކު ކްރޮސް ނުކުރޭ. އެއްވެސް މީހަކު ކްރޮސް ނުކުރޭ. އެއީ ކަނޑައެޅިގެން މަނާކަމެއް. އެއީ ކަނޑައެޅިގެން ނުކުރާނެ ކަމެއް. އެހެންނަމަވެސް، މިއަދު ޙަޤީޤަތަކީ އަޅުގަނޑުމެންގެ ވިސްނުން ވަރަށް ކުރިއަރައިގެން ގޮސްފިކަން. އަޅުގަނޑުމެންނަކީ ތަޢުލީމީ ބަޔަކަށް ބަދަލުވެގެން ގޮސްފި. އަޅުގަނޑުމެން އަބަދުވެސް ބަލަންޖެހެނީ ރަނގަޅު އޮއިވަރުގައި، ރަނގަޅު ކަންތައްތައް ކުރާ ބައެއްގެ ގޮތުގައި ދެމިތިބުން.

އެހެންވީމާ، އަޅުގަނޑުމެން މިކަންތައްތައް ފަރިތަކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ، ކުރީގައިވެސް މި ދެންނެވި ގޮތަށް، އެންމެންނަށް ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި ވާން އެބަޖެހޭ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އެއް ޕޮއިންޓް އިތުރަށް. އަޅުގަނޑުމެންގެ ޤައުމުގައި ހިނގާ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ހަމައެކަނި އަޅުގަނޑުމެން އެކަންތައްތައް އަމާޒުކުރަންޖެހެނީ، ނުވަތަ މި ވާހަކަ އަޅުގަނޑުމެން މުޚާޠަބުކޮށް ދައްކާއިރު، އަޅުގަނޑުމެންގެ ވިސްނުން ހަމައެކަނި ބަހައްޓަންޖެހެނީކީ، އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ރައްޔިތުންނަކަށްވެސް ނޫން. މި މާލެއަކީ ގިނަ ޢަދަދަކަށް އެތައްހާސް ބޭރު ޤައުމުތަކުގެ މީހުން އެކިއެކި ކަންތައްތަކުގައި ދިރިއުޅޭ ތަނެއް. އަދި އޭގެތެރެއިން، ވަރަށްގިނަ ޢަދަދެއްގެ ބަޔަކީ އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ މީހުން. އެމީހުންނަށް އަމާޒު ކުރެވިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ.

އަޅުގަނޑު މި އައި މަގުމަތީގައިވެސް އަޅުގަނޑަށް ފެނިގެންދިޔައީ، ހަމަ މިގޮތަށް ވަކިން ތަނެއް ހުރަސްކުރަން ބެލުމެއްނެތި ހުރަސް ކުރަމުންދިޔަ މަންޒަރު. އަޅުގަނޑުމެން ކަމެއް ކުރާ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމެއް ކުރަންވާނީ ހަމަ ވަރަށް ރަނގަޅަށް.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ބޭނުންވަނީ ހުރިހާ މުއައްސަސާއަކުން އަޅުގަނޑު އެދެން ބޭނުންވަނީ، މިއަދު މި ފަށްޓާ މަސައްކަތަކީ، މިއީ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން، ތައްޔާރު ކުރެވިފައި އޮތް އެކްޝަން ޕްލޭނެއް ކަމަށްވުމާއެކު، މިކަންތައް ތަންފީޒު ކުރުމަށްޓަކައި ހުރިހާ އޭޖެންސީސްތަކެއް، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހަރުދަނާ ގޮތަކަށް މަސައްކަތްތަކެއް ކުރުމަށް.

ޤާނޫނަކަށް ބަދަލެއް ގެނެވިފައި ނެތުމަކީ، ގަވާއިދަށް ބަދަލެއް ގެނެވިފައި ނެތުމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށްޓަކައި އޮތް ހުރަހަކަށް ވެގެނެއްނުވާނެ. އަޅުގަނޑުމެންނަށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ، އެއީ ވަކި އެއްޗެއްގައި ލިޔެފައި ނެތަސް، ކޮންމެ އިންސާނެއްގެ، ކޮންމެ މީހެއްގެ ޙައްޤެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

އާދެ، އަޅުގަނޑު ހަމަ މި ފުރްޞަތުގައި، ވަކިން ޚާއްޞަކޮށް ހަމަ ފާހަގަކޮށްލަން ބޭނުން، ވޭތުވެދިޔަ ދުވަސްތަކުގައި، ވަކިން ޚާއްޞަކޮށް، ސަރުކާރުގެ މަސައްކަތުގެ ސަތޭކަ ދުވަހުގެ ތެރޭގައި، މި ކަންތައްތަކަށް އަމާޒުކޮށްގެން ގިނަ ކަންތައްތަކެއް ކުރެވިފައި އެބަހުރިކަން. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަމަށް އަޅުގަނޑުމެންނަށް ތަފާސް ހިސާބުތަކުންނާއި، އަދި އެކި ގޮތްގޮތުން މިވަނީ އެނގިފައި. މިކަންތައްތައް މިގޮތަށް ކުރުމަށްޓަކައި އަދި މިހާރުވެސް ކެނޑިނޭޅި އެކްސިޑެންޓް މަދުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަދި ހަމައެއާއެކު، މާލޭސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް އޮތޯރިޓީން ކުރާ މަސައްކަތް އަޅުގަނޑު މިކަމުގައި ފާހަގަކުރަން ބޭނުންވޭ.

ކުރީގައިވެސް ދެންނެވި ގޮތަށް، މި މައްސަލައަކީ މިއީ ހަމައެކަނި މާލެއާއި، މާލޭ އޭރިއާގެ މައްސަލައެއް ނޫން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. ލ. އަތޮޅު ގަމުގައިވެސް އަޅުގަނޑުމެންނަށް މި މައްސަލަ ކުރިމަތިވޭ. އައްޑޫސިޓީގައި އަޅުގަނޑުމެންނަށް މި މައްސަލަ ކުރިމަތިވޭ. ފުވައްމުލަކުގައި އަޅުގަނޑުމެންނަށް މި މައްސަލަ ކުރިމަތިވޭ.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ވަކިން ޚާއްޞަކޮށް، ރާއްޖޭގެ މި ސިޓީތަކާއި، މި އަތޮޅުތަކުގެ ސިޓީ ކައުންސިލަރުންނާއި، އަދި އަތޮޅު ކައުންސިލަރުންނާއި، އެންމެހައި ރައްޔިތުންނަށް ހަމަ ގޮވާލަން، މިކަންތައްތައް މަދުކުރުމަށްޓަކައި ޚާއްޞަ ކެމްޕެއިނެއް ފަށްޓައި، އަޅުގަނޑުމެން މިއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހަދައި، 2020 އަންނައިރު، ފަންސާސް އިންސައްތައެއް ނޫން، އެއަށްވުރެވެސް ދަށްކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްތަކެއް ކުރުމަށް. މި ޖަލްސާގައި ޔޫތު މިނިސްޓަރާއި، އެޑިޔުކޭޝަން މިނިސްޓަރ އެބަ އިންނެވި. އަޅުގަނޑު ހަމަ ދެ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ސްކޫލްތެރޭގަޔާއި، ޒުވާނުންގެ މެދުގައި މިކަމާ ގުޅޭގޮތުން ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާށޭ.

އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންނަށް މިކަންތައްތައް ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެން މި ދެކެން ބޭނުންވާ ނަތީޖާ، އަޅުގަނޑުމެންނަށް މިކަމުން ހާސިލު ކުރެވިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި، އެއަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުރިހަމައަށް ޢަމަލުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.