ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހެންވޭރު ބުރެވިމާގޭ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަވަން ސަރުކާރުން ހަމަޖައްސަވައިފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމް ކުރައްވާ މި ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 2 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

އަލްމަރްޙޫމް މުޙައްމަދު ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަން ކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމާއި ކަސްޓަމަސްގެ ވެރިޔާ ކަމުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އޭގެފަހުން، ރައީސް މައުމޫންގެ ވެރިކަމުގައި، މުޙަންމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ފުރުއްވާފައިވެއެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ކަސްޓަމްސްގައެވެ.

މުޙަންމަދު ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.

މުޙައްމަދު ޒާހިރު އަވަހާރަވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.