މިއީ ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރީޢާއިން މުޅި ދުނިޔެ، ކުޑަކުޑަ އަވަށަކަށް ބަދަލުވެފައިވާ ޒަމާނެއްކަމަށާއި، މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިރާގުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާ ބްރޮޑްބޭންޑް ޚިދުމަތުގެ މުހިންމު ލަނޑުދަނޑިއެއް ހާޞލްވުމާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް ވަކިވަކިން ދުރުދުރުގައި ހުއްޓަސް، ދިރާގުން މިހާރު ވަނީ މުޅި ރާއްޖެ ގުޅުވައިލަދީފައިކަމަށާއި، މިރޭ މި ފާހަގަކުރަނީ، ދިރާގު ފިކްސްޑް ބްރޯޑް ބޭންޑްގެ ޚިދުމަތް، ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވުމުގެ ކާމިޔާބީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެއްގެ، މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކު ވެސް، ދިރާގުން އެ އަންނަނީ، ޒަމާނީ މުވާޞަލާތީ ލުއިފަސޭހަކަމާއެކު، އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ޙައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގުން އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަ ކުރެއްވިއެވެ.
"ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް. ވަކިން ޚާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިރާގުން ހޯދާފައިވާ ކުރިއެރުންތަކާއި ދެމުން ގެންދާ އައު ޚިދުމަތްތަކުގެ މައްޗަށް ބައްލަވައި ލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިއާއި މުވާޞަލާތީ ދާއިރާ ފަހަނައަޅައި، އިޖްތިމާޢީ ގުޅުންތަކުގައި ވެސް، ދިރާގުން އަންނަނީ މުހިންމު ދައުރެއް ކުރަމުން ކަމުގައެވެ. އެގޮތުން ރާއްޖޭގައި އިންޓަރނެޓް ވިއުގައިގެ ތެރެއިން، ޓީވީގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީ ވެސް ދިރާގު ކަމަށާއި އެ މަޝްރޫޢުގެ ދަށުން، ދިރާގު ޓީވީގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ލިބި، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިރާގުން ފަށާފައިވާ ފައިބަރ ބްރޯޑްބޭންޑް މަޝްރޫޢުގެ ދަށުން ވެރިރަށް މާލެއާ އެކު، އާބާދީ އެންމެ ބޮޑެތި 58 ރަށަށް، ދިރާގުގެ ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މިހާރު ލިބޭނެކަމަށާއި، ރަށުގެ ޢަދަދު މަދުވިޔަސް، އެއީ ރާއްޖޭގެ އާބާދީގެ 75 އިންސައްތަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު އެއް ރަށުން އަނެއް ރަށަށް މުވާޞަލާތު ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅާލާފައިވާ 1253 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް ވިއުގައަކުން. މިދެންނެވި ވިއުގައަކީ މިރާއްޖޭގެ އިޤްތިޞާދީ، ޞިއްޙީ އަދި އިޖްތިމާޢީ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި ވިއުގައެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ސަރަޙައްދީ އަދި އަތޮޅު ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތަކާއި، އަތޮޅު ތަޢުލީމީ މަރުކަޒުތަކާއި، ސްކޫލްތަކާއި، މަދަރުސާތަކާއި، ޝަރުޢީ ކޯޓުތައް ވެސް މިހާރުވަނީ، ޑިޖިޓަލް ވިއުގައިން ގުޅައިލެވި އެއްތަން ކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޒުވާނުންނަކީ އަބަދުވެސް ބަދަލުވުމާއި އައު ކަންތަކަށް ތަރުޙީބުދޭ ބަޔަކަށްވާއިރު، އީޖާދީ އުފެއްދުންތަކަށް ޒުވާނުން އަހުލުވެރި ކުރުމުގައި، މިހާރަށް ވުރެ ފުޅާ ގޮތެއްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމާމެދު ވިސްނަންވެއްޖެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ކަމުގައި ވެސް ދިރާގަށް ވަރަށް އިސް ދައުރެއް އަދާ ކުރެވިދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި ދިރާގު ހައި-ސްޕިޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި %75 އަށް ފޯރުކޮށްދިނުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.