بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.


މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ދިވެހި ޢަސްކަރިއްޔާގެ އިސް އޮފިސަރުންނާއި އެންމެހައި ބޭފުޅުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުން، ދިވެހި އެންމެހައި ލޮބުވެތި ދަރިވަރުން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

އާދެ، ރާއްޖޭގައި ޝަހީދުންގެ ދުވަހެއް ފާހަގަކުރަނީ، ދިވެހީންގެ ހިތްތަކުގައި އޮތް އިސްލާމީ ޢަޤީދާއާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާޢުގައި، ކާފަރުންނާ ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގެންނެވި ޢަލީ ރަސްގެފާނުގެ ހަނދާނުގައި. އެ މަތިވެރި ބަޠަލުގެ ހަނދާން އައުކުރުމުގެ މި ޖަލްސާގައި، އެއްޗެއް ދެންނެވުމުގެ ކުރިން، އެ މާތް ރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިގެންދާ، އެފަދަ އެތައް މުޖާހިދުންނެއް، މި ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންފައިވޭ. އެހެންކަމުން، އެ ބޭފުޅުންގެ ފުރާނަފުޅަށްވެސް، ސުވަރުގޭގެ މަތިވެރި ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


އަޅުގަނޑުމެން މިރޭ މި އައުކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހަށް އިރު އަރައިގެން އައި ވަގުތު، މި މާލޭގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގެ ހަނދާންތައް. މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފޭރިގަނެ، ދިވެހީންގެ ހިތްތަކުން މާތް اللَّـهُގެ އެއްކައުވަންތަކަން ފޮހެލުމުގެ ބޭނުމުގައި، ރާއްޖެ އަޅުވެތިކުރުވި ހާދިސާގެ ހަނދާންތައް.


އެ ނުބައި ރޭވުމާއިގެން މާލެއަށް އެރީ، އޭރު މުޅި ދުނިޔެއަށް ނަން މަޝްހޫރު، ޕޯޗުގީޒު ސިފައިންގެ ފައުޖެއް. އެމީހުންގެ އާރާއި ބާރު އަދި އަނިޔާވެރިކަމާއި ބޭއިންސާފު ސިފަކޮށްދިނުމަށް، މުޅި ދުނިޔެ އެމީހުންނާ މުޚާޠަބުކޮށް އުޅުނީ، ކަނޑުމަތީގެ ބާޒުގެ ނަމުން.


މިދެންނެވި ކަނޑުމަތީގެ ބާޒު، ދިވެހީންގެ މައްޗަށް ޖެހިގަތްއިރު، ރާއްޖޭގެ ރަސްކަމުގައި ހުންނެވީ އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން. އޭރު ރާއްޖޭގެ ޙާލަތު ހުރިގޮތުން، އެވަރުގެ ބާރުގަދަ ބަޔަކާ ހަނގުރާމަ ކުރާނެ، ހުނަރާއި ތަމްރީނެއް، ދިވެހި ލަޝްކަރަކު ނެތް. ޢަސްކަރީ ޤާބިލުކަމެއްވެސް ނެތް.


އެހެން ނަމަވެސް، ޕޯޗުގީޒުންގެ ޙަޤީޤަތާއި، އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ހިނގައްޖެނަމަ، ނިކަމެތި ދިވެހި ރައްޔިތުންނާމެދު ކަންތައް ވެގެންދާނެ ގޮތް، އެ ރަދުންނަށް ރަނގަޅަށް ވަޒަން ކުރެއްވުނު. އެހެންކަމުން، އެ ރަދުން ނިންމެވީ، ޕޯޗުގީޒުންނަށް އަމާން ނުދެއްވައި، ދިވެހީންގެ އިސްލާމީ ޢަޤީދާ އާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ހަނގުރާމަ ކުރައްވަން.


އެ ރަދުންނާ ބައިވެރިވި މަދު ބަޔަކާއެކު، މި މާލޭގެ ހުޅަނގު ފަރާތު އަތިރިމައްޗަށް ނުކުމެވަޑައިގެން، މާލެއަށް އަރައި ތިބި ޕޯޗުގީޒުންނާ ކުރިމަތިލައްވައި، ޖިހާދު ކުރައްވަން ފެށްޓެވި. އެ ހަނގުރާމައިގައި އެ ރަދުން ޝަހީދުވެގެން ވެއްޓިވަޑައިގެން ތަން، މިހާރު އަޅުގަނޑުމެންނަށް ފެންނަން އެހެރީ، ޢަލީ ރަސްގެފާނުގެ ޒިޔާރަތުގެ ގޮތުގައި.


ވަރަށް ކުރުކޮށް އަޅުގަނޑު މި ދެންނެވީ ވަރަށް ދިގު ހާދިސާއެއް. ދެން އަޅުގަނޑުމެން ބަލަންވީ، މިފަދަ ނުރައްކާތެރި ހާދިސާއަކުން އަޅުގަނޑުމެން ލިބިގަންނަންވީ ދަރުސްތަކަކީ ކޮބައިތޯ؟


އާދެ، މި ޖަލްސާގައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަރަށް ތަފްޞީލުކޮށް، ވަރަށް ޢިބްރަތްތެރި ފިލާވަޅުތަކެއް މިއަދުގެ ޖީލަށް ގެނެސްދެއްވައިފި.


އާދެ، އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު ހަދިޔާއަކީ، އަޅުގަނޑުމެންގެ ކާބަފައިން، ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދެއްވި އަބްޠާލުން، އަޅުގަނޑުމެންނަށް ގެނެސްދެއްވި އެންމެބޮޑު ހަދިޔާ. އެ ހަދިޔާގެ ގޮތުގައި މިއޮތީ މިނިވަންކަންމަތީ މި ޤައުމު ދެމިއޮތުން.


އާދެ، މިއަދު ބަވަނަވެފައިވާ ދުނިޔެއެއްގައި، ތަފާތު އެކި އޮއިވަރުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އާދެ، އަޅުގަނޑުމެންގެ ގުޅުން ބަދަހިކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެން އެބަޖެހޭ. އާދެ، ތާރީޚުގެ ތެރެއަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި އޮތީ މިފަދަ ހާދިސާތައް ހިނގުމުގައި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ، ގޯސްތަކެއް ހަދާފައި އޮތްކަން. އެއީ މިއަދު އަޅުގަނޑުމެން ސަމާލުވާންވީ ކަންކަން.


އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު އޮތުމަކީ އެއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް.


އާދެ، މިއަދުގެ މި ޙަފްލާގައި އަޅުގަނޑުމެންގެ ހަނދާނަށް އަބްޠާލުންތަކެއްގެ ނަންތައް ގެންނަން އެބަޖެހޭ. އާދެ، އެއްވެސް ޝައްކެއްނެތް، އުތީމު ބޮޑުތަކުރުފާނުގެ ހަނދާންތަކަކީ އެއީ އަޅުގަނޑުމެންގެ ދިވެހީންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނޭ ކަންތައްތަކެއް ނޫން. ތަފާތު އެކިފަހަރު މަތިން މުޅި ޤައުމަށް އެކިކަހަލަ ޙަމަލާތައް، އަޅުގަނޑުމެންގެ ޤައުމިއްޔަތު ނަގައިލުމަށްޓަކައި، އަޅުގަނޑުމެންގެ ދީން ނަގައިލުމަށްޓަކައި އެ ދެވުނު ކޮންމެ ޙަމަލާއަކުން އަޅުގަނޑުމެން ސަލާމަތް ކުރުމަށްޓަކައި އެބޭފުޅުން އެކުރެއްވި މަތިވެރި ޖިހާދަކީ އެއީ އަޅުގަނޑުމެންގެ ހިތްތަކުގައި ދިރިދިރި އޮންނާނެ ކަންކަން.


އާދެ، ފަހުގެ ތާރީޚަށް އަޅުގަނޑުމެން ބަލައިލާއިރު، 3 ނޮވެންބަރުގެ ހާދިސާއަކީ އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ހިތުގައި މިއަދުވެސް އެ ބަޔަކަށްޓަކައި އަޅުގަނޑުމެން ފަޚްރުވެރިވާފަދަ ޤައުމީ ޚިދުމަތެއް ކޮށްދެއްވާފައިވާ ބައެކޭ. އާދެ، ވަކިން ޚާއްޞަކޮށް، އެ ދުވަހު ޤައުމު ދިފާޢު ކުރުމަށްޓަކައި ހދ. ކުޅުދުއްފުށީ ޙުސައިން އާދަމް އެ ކުރެއްވި ޖިހާދަކީ އެއީ އަޅުގަނޑުމެން އެފަރާތަށް އަބަދުމެ ޝުކުރުވެރިވެ، ފަޚްރުވެރިވާންޖެހޭ ކަމެއް.


اللَّـهُ سُبْحَانَهُ وَتَعَالَىٰ، އަޅުގަނޑުމެންގެ ޤައުމު މި ހިސާބަށް އަމާންކަންމަތީ ސަލާމަތްކަމާއެކު ގެންނެވުމަށްޓަކައި ޖިހާދު ކުރެއްވި އެންމެހާ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.


އާދެ، އަޅުގަނޑުމެންގެ މިހިރަ ފިލާވަޅުތަކަކީ މިއީ ތާރީޚުން އަޅުގަނޑުމެންނަށް ދައްކުވައިދީފައި ހުރި އަގުހުރި ފިލާވަޅުތައް. އަޅުގަނޑުމެންގެ ސްކޫލް ކުދިން އެކަންކަން ދަސްކޮށް، އޭގެ މައްޗަށް ލިޔެވެން އެބަޖެހޭ. އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމަކަށް މިވަނީ އަޅުގަނޑުމެންގެ ތާރީޚު. ތާރީޚުގެ މުއްސަނދިކަން.


އެހެންވީމާ، އަޅުގަނޑުގެ ކުރިންވެސް ވާހަކަފުޅު ދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތަށް މިއަދު އަޅުގަނޑުމެންގެ ސްކޫލްގެ ފިލާވަޅުތަކުގެ ތެރެއަށް މި މުއްސަނދިކަން އިތުރުކޮށް، އަޅުގަނޑުމެންގެ ދަރިވަރުންގެ ހިތްތަކުގައި އަޅުގަނޑުމެން އެބަޖެހޭ، މިކަންތައްތައް އަށަގަންނުވަން.


އާދެ، އަޅުގަނޑުމެން ފާހަގަކުރަން އެބަޖެހޭ، ޤައުމެއް، އެ ޤައުމުގެ ގޮތުގައި އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން ގޮތް، ގެނެސްދިން ފަރާތްތަކަކީ އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައި ޤައުމާއިގެން ކުރިއަށްދާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް މި ކަންތައްތަކާ ވިސްނައި ފިކުރުކުރަން އެބަޖެހޭ.

ކޮންމެއަކަސް، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، މި މައުޟޫޢުގައި ވަރަށްގިނަ ބޭފުޅުން ތަފްޞީލުކޮށް ވާހަކަ ދައްކަވާފައި އޮތުމާއެކު، އަޅުގަނޑުމެންނަށް މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް އަނެއްކާވެސް ބޭނުންމިވަނީ އަޅުގަނޑުމެންގެ އެކުވެރިކަމާއި، އެއްބައެއްވަންތަކަން އަޅުގަނޑުމެންގެ ތެރޭގައި ބާއްވައި، ޤައުމާއިގެން އަޅުގަނޑުމެން ކުރިއަށްދިޔުން. އަޅުގަނޑުމެން ހެޔޮގޮތުގައި ފިޔަވަޅުތައް އަޅައިފިނަމަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރު ކުރައްވާނެ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، އަޅުގަނޑު ހަމަ ދިވެހި ޤައުމު މިހިސާބަށް އަމާންކަމާއި ޞުލްޙަވެރިކަމާއެކު، މި ޤައުމު މިއަދު މިއޮތް އޮތުން، އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދެއްވި އެންމެހާ ފަރާތްތަކަށް، ޤައުމަށްޓަކައި ޖިހާދުވި އެ އަބްޠާލުންގެ ޒިކުރާ އާކޮށް، އެފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް އަޅުގަނޑު ދުޢާ ދަންނަވަން. އަދި އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ، އަޅުގަނޑުމެންނަށް ހެޔޮގޮތް މިންވަރު ކުރައްވައި، ދިވެހި މި ޤައުމާއި ރައްޔިތުންނަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން.


އަޑުއެއްސެވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.