بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފް، ޤައުމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރުން، ފެކަލްޓީތަކުގެ ޑީނުންނާއި އެންމެހައި ލެކްޗަރަރއިން، އަދި ހީވާގި މުވައްޒަފުންނާއި އެންމެހައި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


.
މިއީ ކިތަންމެ އުފާވެރި ޙަފްލާއެއް ކަމަށްވިޔަސް، މި ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަޠީފް، މި ޙަފްލާގައި ބައިވެރިވަޑައިގެން ނެތުމަކީ، މި ޙަފްލާއަށް ލިބޭ ވަރަށް ބޮޑު ފަޅުކަމެއް. އެކަން އެގޮތަށް މެދުވެރިވީ، ޑޮކްޓަރ މުޙައްމަދު ލަޠީފްގެ ޢާއިލާގެ ބޭފުޅަކު ރާއްޖެއިން ބޭރުގައި، ވަރަށް ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، ޢާއިލާއާ އެކުގައި ހުންނަވަން ޖެހިވަޑައިގަތުމުން.


އެހެންކަމުން، ޑޮކްޓަރ މުޙައްމަދު ލަޠީފަށް ކުރިމަތިވެވަޑައިގެންނެވި މި ހިތާމައިގައި ބައިވެރިވެ، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ތަޢުޒިޔާ، ޑޮކްޓަރ ލަޠީފަށާއި ޢާއިލާއަށް ދަންނަވަން. އަދި އެ މަރުޙޫމާއަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ދަރުމަ އިތުރުކޮށްދެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


މި އުފާވެރި ޙަފްލާގައި އެއްޗެއް ދަންނަވަން ތެދުވެ ހުންނައިރު، ކުރިމަތިން މި ފެންނަނީ ވަރަށް އުޖާލާ އަދި އެހާމެ އުންމީދީ މޫނުތަކެއް. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއާ، ބައްދަލުކުރެވޭ ކަމުގެ އުފާވެރިކަން. އެހެންކަމުން، ތިޔަ ހުރިހާ ދަރިވަރުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.


ވަކީން ޚާއްޞަކޮށް، މިރޭ ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށްވެސް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. އަދި ތިޔަ ދަރިވަރުންނަށް ވަރަށް ބާއްޖަވެރި މުސްތަޤްބަލަކަށް އެދެން. ހަމައެފަދައިން، ދަރިވަރުންނަށް ޢިލްމު އުނގަންނައިދެއްވުމުގެ ބުރަ އުފުއްލަވަމުން ގެންދަވާ، އެންމެހައި އެދުރުންނަށް ޝުކުރު ދަންނަވަން.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، މި ރާއްޖޭގެ ތަޢުލީމީ ޙަޔާތުގެ ވަރަށް މުހިންމު މުއައްސަސާއެއް. ދިވެހި ދައުލަތުން ޚަރަދުކޮށްގެން ހިންގާ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާ. މި ޔުނިވަރސިޓީ އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުން.


ދުނިޔެ ގަބޫލުކުރާ ފެންވަރުގެ، އަމިއްލަ ޢިލްމީ ޕްރޮގްރާމްތަކެއް، ރާއްޖޭގައި ތިބެގެން ފުރިހަމަ ކުރުމުގެ ފުރުޞަތު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް، މި ޔުނިވަރސިޓީގެ މުހިންމު އަމާޒެއް. މަތީ ތަޢުލީމުގެ ފުރުޞަތުތައް، މުޅި ރާއްޖެއަށް ފެތުރިގެންދާއިރު، މަތީ ތަޢުލީމުގެ މަތިވެރި ހަމަތަކާއި އުޞޫލުތައް ނަމޫނާ ކުރެވޭ ތަނަކަށް، މި ޔުނިވަރސިޓީ ވެގެންދާނެ.


މި ރާއްޖޭގައި މަތީ ތަޢުލީމް ފުޅާވެ ކުރިއަރަމުން އަންނަނީ، ވަރަށް ހަލުވި ދުވެއްޔެއްގައި. އެހެން ނަމަވެސް، ޢިލްމީ ދިރާސާތައް ހެދުމުގައި، އަޅުގަނޑުމެންގެ ދުވެލި ހުރީ، އެންމެ ރަނގަޅަށް ކަމަށް ގަބޫލެއް ނުކުރެވޭ. ރާއްޖޭގައި ހަދާފައި ހުރި، ޢިލްމީ ދިރާސާތައް އެކަށީގެންވާ ވަރަށްވުރެ މަދު. އަދި ދިވެހިބަހުން ހަދާފައި ހުރި ދިރާސާތައް އެއަށްވުރެ މަދު.


ޔުނިވަރސިޓީ މަރުޙަލާގެ އެންމެ މުހިންމު ކަމަކީ، ޢިލްމީ ދިރާސާތަކަށް އަމާޒު ހިފުން. އެފަދަ ދިރާސާތައް ހެދުމަށް، މިދިޔަ ފަސް އަހަރުގެ ތެރޭގައި، މި ޔުނިވަރސިޓީން ވަރަށް ބޮޑު އިސްކަމެއް ދީފައިވޭ. ވަކިން ޚާއްޞަކޮށް، 2017 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ތެވެލި" ކޮންފަރެންސަކީ، ބައިނަލްއަޤްވާމީ ދިރާސާތައްވެސް ފެނިގެންދާ މުހިންމު ކޮންފަރެންސެއް.


އެގޮތުން ވަރަށް މުހިންމު ދެ ދިރާސާއެއް މިހާރުވެސް ހަދަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން. އެއިން ކޮންމެ ދިރާސާއަކަށް ދައުލަތުގެ ބަޖެޓުން ވަނީ އެއް މިލިޔަން ރުފިޔާގެ އެހީއެއް ދީފައި. އަދި ހަމަ އެވަރުގެ އެހީއެއްގައި، އިތުރު ދިރާސާއެއް މިހާރު ވަނީ ހަދައި ނިންމާފައި.


ނަމަވެސް މިފަދަ ދިރާސާތައް ހެދުމުގެ މަޤްޞަދު ހާސިލުވާނީ، އެ ދިރާސާއަކާ ގުޅޭ، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައި، އެ ދިރާސާއަކުން ފާހަގަވި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކޮށްގެން. ޢިލްމީ ދިރާސާތަކަކީ، އެއިރެއްގެ ޙާލަތު އެންމެ ރަނގަޅަށް ވަޒަންކޮށް، ޤައުމީ މައްސަލަތައް ޙައްލުކުރުމުގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންކުރާ، އެންމެ އިތުބާރު ހުރި ވަސީލަތްތައް.


ޔުނިވަރސިޓީ ތަޢުލީމުގެ ބޭނުމަކީ، ހަމައެކަނި ދަރިވަރުންތަކެއް އުފެއްދުމެއް ނޫން. ޔުނިވަރސިޓީއަކީ ތަފާތު ދާއިރާތަކުގެ މުދައްރިސުން، އިންޖިނޭރުން، އާކިޓެކްޓުން، ނަރުހުންނާއި ޑޮކްޓަރުން، އަދި ޤާރީންނާއި، އިމާމުންނާއި، ނޫސްވެރިން ފަދަ ތަފާތު ފަންނުވެރިން އުފަންކުރުވާ ތަނެއް.


މީހުން ބިނާކުރުމުގައި، މި ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއް. އެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި މެޑިކަލް ފެކަލްޓީއެއް ޤާއިމުކޮށް، މިހާރު 23 ދަރިވަރަކު އަންނަނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރަމުން. އަދި މި މަހުގެ ތެރޭގައި ދެވަނަ ބެޗް ފެށިގެންދާއިރު، އިތުރު 30 ދަރިވަރުން ބައިވެރިވާނެ.


މި ޔުނިވަރސިޓީ އުފެދިގެން އައީވެސް، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން. ޤައުމީ ޔުނިވަރސިޓީގެ ބިންގަލަކީ، މީގެ 46 އަހަރު ކުރިން، 1973 ވަނަ އަހަރު އުފެއްދި، އެލައިޑް ހެލްތު ސަރވިސް ޓްރޭނިންގ ސެންޓަރ. އެހެންކަމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މީހުން ބިނާކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ މި ޔުނިވަރސިޓީ.


ރާއްޖޭގައި ތިބެގެން ހިލޭ މެޑިސިން ހެދޭނެގޮތް ހަމަޖެހިފައިވާތީ، ޑޮކްޓަރުން ބިނާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ، އެތައް ގުނައެއް ކުޑަވެއްޖެ. މިހާރު ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، އެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، މި ޔުނިވަރސިޓީއާމެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު.


މުޅި ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް، މި ޔުނިވަރސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން، އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ރާއްޖޭގެ އުތުރާއި ދެކުނުގައި، މި ޔުނިވަރސިޓީގެ ކެމްޕަސްތައް މިހާރު ހުރީ ޤާއިމުކޮށްފައި. މިހާރު ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، މި ތަޢުލީމީ ދަންމަރުގެ ހުޅުކޮޅެއް ދިއްލުން.


އެގޮތުން، ރާއްޖޭގެ މެދުގައި އޮތް ލ. އަތޮޅުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން.


މަސްވެރިކަމާއި ދަނޑުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު، ޒަމާންވީ ދެ ޞިނާޢަތް. އެ ދެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި، ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން.


ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި، މި ޔުނިވަރސިޓީއަކީ ވަރަށް މުހިންމު ބައިވެރިއެއް. މިރޭ ދަސްވެނިވާ ދަސްވެނީންގެ 78.2 އިންސައްތައަކީ، އަންހެނުން. މިއީ އަޅުގަނޑު ވަރަށް އުފާކުރާ ވަރަށް އުންމީދީ ކަމެއް.


ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ތިޔަ ދާ ހަލުވިމިނުގައި، ޙަޔާތުގެ އެހެން މައިދާންތަކުގައިވެސް ކުރިއަރައި ދިޔުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. މި ރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ޤައުމުގެ މަތީ މަޤާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު.


ނިމިދިޔަ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީވެސް އެންމެ ހަތަރު އަންހެން ބޭފުޅުން. އެއީ، މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ޙިއްޞާ މިއަށްވުރެ އިތުރުވާންޖެހޭނެ. އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ.


ތަޢުލީމީ ޙަޔާތެއް ނިންމައި، ތިޔަ ދަރިވަރުން މިރޭ ދަސްވެނިވެގެން، ދެން ކުރިމަތިލާނީ، ފަންނީ ކޮންމެވެސް ދާއިރާއަކުން ޤައުމަށް ޚިދުމަތް ކުރުމަށް. އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން، ސެޓްފިކެޓް ހާސިލުކޮށްފައި ތިބި މީހުން ވަރަށް ގިނަ. އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން މިއުޅެނީ، ލިބިފައިވާ ޢިލްމާ އެއްވަރަށް، ޙިކްމަތްތެރިކަމާއެކު ކަންކަން ކުރާނެ މީހުން.


ތިޔަ ދަރިވަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ އެއްކަމަކީ، މީހާގެ ކިބައިގައި ޙިކްމަތްތެރިކަން އުފަންވެގެން އަންނަނީ، އޭނާގެ ބުއްދިއާއި ވިސްނުން ތަރައްޤީ ކުރި މިންވަރަކުންކަން. ޔުނިވަރސިޓީން ތިޔަ ދަރިވަރުންނަށް ޢިލްމާއި ހުނަރު ދެވިދާނެ. އަދި ފުރުޞަތުތައްވެސް ފަހިކޮށްދެވިދާނެ.


ނަމަވެސް ބުއްދި ތަރައްޤީ ކުރުމަކީ، އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއް. އިންސާނާގެ ޝަޚްޞިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި. ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކުވެސް، މިރެއިން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު ޢިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވަން.


އެއީ އަނެކުންނަށް އޯގާތެރިވެ، ކަމޭހިތާ، އަދި އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގާ ޝަޚްޞިއްޔަތެއް. ޙައްޤު ގޮތަކީ، އެންމެ ޢަދުލުވެރި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްޞިއްޔަތެއް. އެއީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްޞިއްޔަތެއް.


މިރޭ ތިޔަ ދަރިވަރުން މި މާލަމުން ނުކުމެގެންދާނީ، އެފަދަ ޝަޚްޞިއްޔަތަކަށް ތިމާގެ ޒަމީރު ބަދަލުކޮށްލުމަށް ބޭނުންވާ ދަހަނާ އަޅައި ތައްޔާރުވެގެން. އެ ދަހަނާއަކީ ތިޔަ ދަރިވަރުން ހާސިލުކުރި ޢިލްމު. ކޮންމެ ދަރިވަރަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ މިޞްރާބު ރަނގަޅުކޮށްލުމުން، ޤައުމުގެ މިޞްރާބުވެސް ރަނގަޅު މިޞްރާބަށް ބަދަލުވެގެންދާނެ.


ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މިރޭ އެދެނީ، މި ޤައުމު މިއަދު އޮތް ޙާލާމެދު ވިސްނައި ފިކުރު ހިންގަން ފެށުމަށް. މި ޤައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް. ތިޔަ ދަރިވަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ބާއްޖަވެރިކަމާއި އުފާވެރިކަން.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމަށް ވަފާތެރި ތެދުވެރި ދަރީންތަކެއް އުފެއްދުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ، ޢިލްމު އުނގެނި، އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.