ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްމުގެ އެންމެ އިސް ވާޖިބާ ޙަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިޞިއްޔަތުން އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުންކަމަށާއި، މި ސަރުކާރުން ޤަބޫލުކުރާ ފަލްސަފާއަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީން ޙާޞިލް ކުރެވޭނެ އެއްޗެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސަރުކާރުން، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރީވެސް، ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ ކަމުގައެވެ. މިއީ މި ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ޚާއްޞަކުރި ފުރަތަމަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، މި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ، މި ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށް ތިޔަ ދަރިވަރުން ކުރި، ވަރަށް އަގު ބޮޑު އިންވެސްޓެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ދޭންކަމަށާއި، ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭކަމުގައި ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ތަޢުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ. މި ސަބަބުތަކަށްޓަކައި، ސަރުކާރުން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް ކުޑަކޮށް، އަދި ލޯނު ދައްކަންޖެހޭ މުއްދަތު ވެސް މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައި ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
"މިއަދު ތިޔަ ދަރިވަރުން ތި ޙާޞިލް ކުރި ޢިލްމަކީ، ތިޔަ ދަރިވަރުންގެ ދިރިއުޅުމުގެ ބިންގާ. އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރަންވާނީ، ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގެ މަތީގައި. އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވާނީ، ރިވެތި ބަސްމަގުން ކުރެވޭ މުޢާމަލާތްތަކާއި، ހިތްހެޔޮކަމާއި އެކުވެރިކަމާ އެކުގައި. ޢަދުލުވެރި، ތެދުވެރި އަމާނާތްތެރީން ކަމުގައިވުމަކީ، ތިޔަ ދަރިވަރުންގެ ފަޚުރެއް ކަމުގައި ހަދަންވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތަޢުލީމް ޙާޞިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުމެވެ. އަދި އެއީ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮ ކުރުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެހެންކަމުން ތިޔަ ދަރިވަރުންނަކީ ވެސް، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް. މި ޤައުމުގެ ތަރައްޤީ ބިނާވެގެންދާނީ އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް. ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ، ތިޔަ ދަރިވަރުންގެ ދެން އޮތް އެންމެ އިސް ވާޖިބެއް ކަމުގައި ހަދަންވީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.