بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ދައުލަތުގެ ވަޒީރުން، މާލޭސިޓީގެ މޭޔަރ، ސިންގހާ އެސްޓޭޓް ކުންފުނީގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު މާބޮޑު ތަފްޞީލަކަށް ނުދިޔަޔަސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިތިބަ މާލޭގެ ޙާލަތު. މިއީ ކިހާވަރަކަށް ތޮއްޖެހިފައި އޮތް ރަށެއްކަން. މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދާއި، އެމީހުން ބޭނުންކުރާ އެއްގަމު އުޅަނދު އެހާ ގިނަ. އަދި ތަފާތު ބޭނުންތަކުގައި، އެކި ރަށްރަށުން ކޮންމެ ދުވަހަކު މާލެއަށް އަންނަ މީހުން އެހާ ގިނަ.


އޭގެ އިތުރުން، އަމިއްލަ ރަށް ދޫކޮށް، ދިރިއުޅުމަށްޓަކައި މާލެއަށް ހިޖްރަކުރާ މީހުންގެ ޢަދަދުވެސް އަންނަނީ، އަހަރުން އަހަރަށް އިތުރުވަމުން. އެހެންކަމުން، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، މާލެއަކީ އެންމެ ބައިބޯ އަދި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ގުނާލެވޭ ރަށެއް. އަދި މިހާރުގެ ޙާލަތު ބަދަލު ނުކުރެވިއްޖެނަމަ، މާލޭގެ ތޮއްޖެހުން ދާނީވެސް އިތުރުވަމުން.


ދުނިޔޭގެ އެހެން ބޮޑެތި ސިޓީތަކާ ޚިލާފަށް، މާލޭގެ ތޮއްޖެހުމުގައި، ނޭދެވޭ އެހެން ކަންތައްތަކެއްވެސް އެބައޮތް. އެއްކަމަކީ މާލޭގެ މަގުތަކާއި ގޯޅިތައް އިންތިހާއަށް ހަނިވުން. އަނެއް ކަމަކީ، މާލޭގައި ހުސް ބިންތަކާއި ޕާކްތައް މާބޮޑަށްވެސް މަދުވުން. އަދި އަނެއް ކަމަކީ، މާލޭގެ ދޭދޭ ޢިމާރާތްތަކުގެ ދޭތެރޭގައި އެކަށީގެންވާ ވަރަށް ހުސް ޖާގަ ނެތުން.


މިއިން ކޮންމެ ކަމަކީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ހަމަޖެހުމަށް، އެކަމުގެ އަސަރު ފޯރާ ކަންކަން. މި ދެންނެވި ހާސްކަމުގެ ތެރޭގައި މާލޭގައި ދިރިއުޅެމުން އައި މީހުން، ހިތްއުފާކޮށްލައި މުނިފޫހިފިލުވައިލުމަށް، މީގެ ކުރިން ގޮސް އުޅުނީ، މާލެއާ ކައިރީގައި ހުރި ބައެއް ފަޅުރަށްތަކަށާއި، ބައެއް ފިނޮޅުތަކަށް. ޢާއިލާއާއި އެކުވެރީންނާއި، އޮފީސް މުވައްޒަފުންނާއެކު، މަޖާކޮށްލުމަށް ދަތުރު ދިޔުމަކީ ދިވެހީންގެ، ވަކިން ޚާއްޞަކޮށް، މާލޭގައި ދިރިއުޅޭ މީހުންގެ އުފަލެއް.


ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ އިޙްސާސްތަކަށް ބެލުމެއްނެތި، އަދި އެކަން އެގޮތަށް ނުކުރުމަށް އެދި އަޑު އުފުލަމުން ދަނިކޮށްވެސް، މި ސަރަޙައްދުގެ ހުރިހާ ފަޅުތަކާއި، ފިނޮޅުތަކާއި ފަޅުރަށްތައް، ކުރީ ސަރުކާރުން ވަނީ، ނާޖާއިޒު ގޮތުގައި ވިއްކައި ހުސްކޮށްލާފައި. މާލޭގައި ދިރިއުޅޭ ރައްޔިތުން މިއަދު ތިބީ ރަށު ބަންދުން ވީއްލޭނެ ގޮތެއް ނެތިފައި. ހިތްއުފާކޮށްލަން ދާނެ ތަނެއްނެތި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ތާށިވެފައި.


އަޅުގަނޑުމެން ވެރިކަމަށް އައުމަށްޓަކައި ވަޢުދުވީ ފަދައިން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަންނަނީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރަމުން. އޭގެތެރެއިން މިހާރު ފުރިހަމަވެފައިވާ އެއްކަމަކީ، މާލޭގެ ވަކި މަގުތަކެއް، ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް، ޢާއިލާއާއި ކުޑަކުދީންނަށް ޖަޒީރާ ދިރިއުޅުމެއް ހޯދައިދިނުން.


މާލޭގައި ހުސް ޖާގަ އިތުރުކޮށް، ޢާންމުންގެ ބޭނުމަށް ކިރިޔާވެސް ތަންކޮޅެއް ހަމަޖެއްސެން އޮތްތޯ ބަލައި، އެތަންތަން މި އަންނަނީ ޕާކްތަކަށް ބަދަލުކުރަމުން. އަޅުގަނޑުމެން ދެކެން ބޭނުންވަނީ، ވީހާވެސް ގިނަ މީހުން މި ތަންތަން ބޭނުންކޮށް، ޢާއިލާއާއެކު ވަގުތު ހޭދަކުރާތަން.


އަޅުގަނޑުމެންގެ އެފަދަ ދެވަނަ ވަޢުދަކީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުން، ހަފުތާ ބަންދުގައި ދަތުރު ދިޔުމަށްޓަކައި، މާލެއާ ކައިރިން ރަށެއް ޚާއްޞަކުރުން. މާތް ﷲގެ ވާގިފުޅާއެކު، މިއަދު އަޅުގަނޑުމެން މި ފަށަނީ، އެ ވަޢުދު ފުއްދުމުގެ ފުރަތަމަ މަސައްކަތް.


މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހާސްކަން، ވަރަށް ރަނގަޅަށް އިޙްސާސް ކުރެވި، އެކަމަށް ލުޔެއް ހޯދައިދިނުމަށް، ޕްލޭނިންގ މިނިސްޓްރީން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާތާ ދުވަސްތަކެއް ވެއްޖެ.


އެ މަސައްކަތުގެ ދަށުން، ސަރުކާރަށް ވަރަށް ފުރިހަމަ އިޖާބައެއް ދެއްވީ، އެނބޫދޫފަޅުގައި ކްރޮސް ރޯޑްސް ޕްރޮޖެކްޓް ތަރައްޤީ ކުރަމުން އަންނަ ތައިލެންޑްގެ ސިންގހާ އެސްޓޭޓުން. އެނބޫދޫ ފަޅަކީ މާލެއިން ފުރައިގެން އެންމެ ފަނަރަ މިނެޓުން ދެވޭހާ ކައިރީގައި އޮތް ތަނެއް. ރިޒޯޓުތަކެއް ހެދުމަށް މިހާރުވެސް އެ ފަޅު އޮތީ ހިއްކައި ނިމިފައި.


އެ ފަޅުގައި ތަރައްޤީކުރި ރަށްތަކުގެ ތެރެއިން، ދަތުރު ދިޔުމަށްޓަކައި ވަކި ތަނެއް ހަމަޖައްސައިދިނުމަށް ސިންގހާ އެސްޓޭޓް ކުންފުނިން ވަނީ އެއްބަސްވެފައި. އަދި ދަތުރު ދާނެ ތަނެއް ތަރައްޤީ ކުރުމުގައި ސަރުކާރާއެކު، ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން، އެ ކުންފުނިން ވަނީ ދީފައި.


އެކަމަށްޓަކައި، އެ ކުންފުނީގެ ޙިއްޞާދާރުންނަށާއި އިސް ވެރީންނަށް، މާލޭ ސަރަޙައްދުގައި އުޅޭ ހުރިހާ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެ ކުންފުނިން އެތަން ތަރައްޤީކޮށްދެނީ، ޕިކްނިކް އައިލޭންޑަކުން ލިބެން ހުންނަ، މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި، ހުރިހާ ޚިދުމަތްތައް ހިމެނޭގޮތަށް.


ޢާއިލާތައް އެކުގައި ދަތުރުގޮސް އުޅެވޭނެ އިންތިޒާމުތައް ހުންނާނެ. ކުޅިވަރު ކުޅުމާއި މުނިފޫހިފިލުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ޖާގަވެސް އޮންނާނެ. ކުޑަކުދީންނަށް ޚާއްޞަ ކުރެވިފައިވާ ތަންތަނާއި އިންތިޒާމުތައްވެސް ހަމަޖެހިފައި ހުންނާނެ.


އަޅުގަނޑުމެން ޤަޞްދުކޮށްފައިވަނީ، އެންމެ ލަސްވެގެން، އަންނަ އަހަރުގެ ކުރީކޮޅު އެ ރަށަށް އަޅުގަނޑުމެންނަށް ދަތުރު ދެވޭވަރު ކުރުމަށް. އަޅުގަނޑު ހިތުން މިރަށް ހުޅުވުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެތައް މައްސަލަތަކަކަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ.


މާލޭގެ ތޮއްޖެހުމަކީ، އަޅުގަނޑުމެން މިއަދު ކުރިމަތިލާން ޖެހިފައިވާ ކިތަންމެ މައްސަލަތަކެއްގެ އަސްލު. އެތައް ބައިވަރު ބަލިތަކެއްގެ ފެށުން. އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙަޤީޤީ ސަބަބަކީ، ހިތްފަސޭހަކޮށްލެވޭނެ ގޮތެއްނެތި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ތާށިވެފައި ތިބެންޖެހުން.


ޢާއިލީ ގުޅުންތަކާއި، ރައްޓެހިކަމާއި އެކުވެރިކަމުގެ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައިވެސް، އެންމެން އެކުގައި ދަތުރު ގޮސް އުޅެވޭނެ ގޮތެއް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު އުންމީދު ކުރަނީ، މާ ދިގު އިންތިޒާރެއް ކުރަން ނުޖެހި، މި ރަށް ހުޅުވިގެން ދިޔުމުން، މިދެންނެވި ފަދަ ކިތަންމެ ކަމެއް ޙައްލު ވެގެންދާނެ ކަމަށް.


އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤް މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. ދިވެހީންގެ ޞިއްޙަތާއި، ދުޅަހެޔޮކަމާއި، ފާގަތިކަން އިތުރުކުރައްވައި، ދިވެހީންނަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ލައްވާށި! އާމީން.


والسّلام عليــكم ورحـمــة اللّـه وبـركاتـه.