• މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ސުވާލުތައް ދެންނެވީ [ހޭޔަންބޯ] ޕްރޮގްރާމް ހުށަހަޅުއްވާ މުޙައްމަދު ޒަޔާން ޢަބްދުﷲ އެވެ.

 

ޕްރެޒެންޓަރ:

ޓީ.ވީ.އެމް އަށް މިއަދު 41 އަހަރު ފުރޭއިރު، އަޅުގަނޑުމެން ކޮންމެހެންވެސް ފާހަގަކޮށްލަންޖެހޭ ކަންތައްތަކެއް އެބަހުރި. މީގެކުރިން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތް ނުކުރެއްވި ކަމުގައިވިޔަސް، އުފަލާއެކު ފާހަގަކުރާ ކަމަކީ، އެބޭފުޅުން މިހާރު ޤައުމީ ޚިދުމަތުގައި ތިއްބެވިކަން. އެކި ދާއިރާތަކުގައި އެކި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އޭގެތެރޭގައި ސަރުކާރުގެ ވަރަށްމަތީ މަޤާމުތަކުގައިވެސް ބައެއް ބޭފުޅުން ޚިދުމަތް ކުރައްވަމުން އެބަ ގެންދަވާ.

މި ހަފްތާގެ [ހޭޔަންބޯ] ޕްރޮގްރާމްގެ މެހްމާނަކީ ވަރަށް ޚާއްޞަ ބޭފުޅެއް. ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް.
އަޅުގަނޑުމެން [ހޭޔަންބޯ] ޕްރޮގްރާމްގެ ނަމުގައި ވަރަށްހޫނު މަރްޙަބާއެއް ދަންނަވަން.

ކިހިނެއްތޯ ޙާލު؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ރަނގަޅު އިނގޭތޯ.

ޓީ.ވީ.އެމް.ގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި އަދި ޓީ.ވީ.ގައި މީގެކުރިން މަސައްކަތް ކުރެއްވި ހުރިހާ ޚިދުމަތްތެރިންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮ ދުޢާއާއި މަރްޙަބާ ދަންނަވަން އިނގޭތޯ.

ޕްރެޒެންޓަރ:

މަނިކުފާނަކީވެސް މީގެކުރިން، 1984 ން 1989 އަށް ޓީ.ވީ.އެމް. ގައި މަސައްކަތް ކުރެއްވި ބޭފުޅެއް. އެހެންކަމަށްވުމާއެކު ހަމަ ޓީ.ވީ.އެމް.ގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކަށްވީމާ، ޓީ.ވީ.އެމް.ގެ 41 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މަނިކުފާނަށްވެސް އަރިސްކުރަން.

އެންމެ ފުރަތަމަ ސުވާލެއްގެ ގޮތުންވެސް ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އޭރު ޓީ.ވީ.އެމް.ގައި މަސައްކަތްޕުޅު ކުރެއްވިއިރުގެ ހަނދާންތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ ދެން ވަރަށްކުރި ދޮގެއްތޯ. ޓީ.ވީ.އެމް އުފެދިގެން އައިއިރުގައި، ފެސިލިޓީޒް އާއި އިކްވިޕްމަންޓާ އެއްޗެތިވެސް ވަރަށްމަދު. މީހުންވެސް ވަރަށްމަދު. އެއީ ދެން އަޅުގަނޑުގެވެސް އެންމެ ޒުވާން ދުވަސްވަރު. އެހެންވީމާ، އެ ދުވަސްވަރުގެ ހަނދާންތައް މިހާރުވެސް ހަމަ އަޅުގަނޑުގެ ހިތުގައި އާވެއާވެ ހުރޭ އިނގޭތޯ. އޭރު ވަރަށް އެކީގައި މަސައްކަތް ކުރަން އުޅުނު ރައްޓެހިންނާ.

އަޅުގަނޑުމެން އޭރު ޓީ.ވީ.ގައި މަސައްކަތް ކުރިއިރުގައި، މަސައްކަތް ކުރަމުން ގެންދިޔައީ ކޮންމެހެން ވަޒީފާއެއްގެ ގޮތުގައެއް ނޫން. އެއީ ވަރަށް ކުރާހިތުން ކުރާ ކަމެއްގެ ގޮތުގައި. އަމިއްލަ ކަމެއްގެ ގޮތުގައި. ވަރަށްގިނަ ހަނދާންތައް އެބަހުރި. އެގޮތުން، ކޮންމެ އަހަރީ ދުވަހެއް އެއީ އަޅުގަނޑުމެން ވަރަށް ފޯރިއާއި އުފަލާ އެކީގައި ފާހަގަކުރާ ދުވަހެއް. އަދި ޖުލައި 26، ނޮވެންބަރު 11، ޢީދު، އަދި އެ އަންނަ މުބާރާތްތައް، ކުޅިވަރު މުބާރާތްތައް ރާއްޖޭގައި އޮންނަ ދުވަސްތަކަކީ، ޓީ.ވީ.ގައި ހޭލާ ތިބެގެން އަޅުގަނޑުމެން ވަރަށްބުރަ މަސައްކަތްތަކެއް ކުރާ ދުވަސްތަކެއް. އަދި ރޯދަމަހު ރޯދަ ވީއްލުން ޓީ.ވީ.އެމް. ތެރޭގައި. ރޯދަވީއްލާ އެއްޗެތި ގޭގެއިން ގެނެސްގެން، އެންމެން އެކީގައި، އެ ބޮޑު ރޯދަ ވީއްލުމުގެ ކަންތައްދާ ހަނދާންވެސް ހުރޭ އިނގޭތޯ. އެއީ ކޮންމެ ދުވަހަކު އަޅުގަނޑުމެން ރޯދަ ވީއްލުމުގެ ކުރިން، ޑިއުޓީގައި ތިބޭ ހުރިހާ ކުދިންގެ ގޭގެއަށް ދާނެ. ގޮސް އެއްޗެތި ނަގައިގެން ގެނެސް އެއްކޮށްގެން އެކަން ކުރާނީ. އެއީ ވަރަށް ހަނދާން ހުންނަ، ހިތުން ފުހެލަން އުނދަގޫ ދުވަސްތަކެއް. އަޅުގަނޑު ހިތުން މިހާރުވެސް އެކަން އެގޮތަށް ކުރައްވާކަންނޭނގެ، ދޮގެއްތޯ؟

ޕްރެޒެންޓަރ:

އާދެ، އާދެ. ހަމަ ތިޔަ ފާހަގަކުރެއްވި ކަންކަން މިހާރުވެސް ހަމަ ގިނަ ކަންކަން ތިޔަ ފާހަގަކުރެއްވި ގޮތަށް މިހާރުވެސް ހަމަ ފާހަގަކުރެވެމުން ދަނީ.

މަނިކުފާނު އޭރު ޓީ.ވީ.އެމް.އާ ގުޅިވަޑައިގަތީ މަޖީދިއްޔާ ސްކޫލުން ކިޔަވައި ވިދާޅުވުމަށްފަހުގައި. އޭރު ދެން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައިނަމަ، އެގޮތަށް ސަރުކާރުގެ ކޮންމެވެސް މުއައްސަސާއެއްގައި ނުވަތަ ޙަވާލުކުރެވޭ ކޮންމެވެސް ތަނެއްގައި ވަޒީފާ އަދާކުރަންޖެހެނީ. ކޮން ސަބަބަކާ ގުޅިގެންތޯ ޓީ.ވީ.އެމް.އާ ގުޅިވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔަ ވިދާޅުވާހެން އޭރު ސްކޫލް ހަމަ ނިންމާއިރަށް އޮވޭ ކޮންމެ ކުއްޖަކަށް ބޮންޑެއް. އެގޮތުން ދެން އަޅުގަނޑު ޓީ.ވީ.އެމް އަށް ޖޮއިން ކުރީ. ދެން އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެންވެސް، ކަރަންޓް އެފެއާޒް، ނޫސްވެރިކަން އަދި ފޮޓޯ ނެގުން، މިކަންކަމަކީ ހަމަ ވަރަށް އިންޓްރެސްޓް ހުންނަ ކަންތައްތައް. އެގޮތުން ބްރޯޑްކާސްޓިންގ އާއި، ޓީ.ވީ އަށް އަޅުގަނޑުގެ އިންޓްރެސްޓް ބޮޑަށް މި ދިޔައީ އިނގޭތޯ.

އެއާއެކީގައި ޓީ.ވީ.އެމް ފެށިގެން އައިއިރުގައި އެންމެ ފުރަތަމަ ޓްރެއިން ކޮށްގެން، ޓީ.ވީ މޯލްޑިވްސް ހުޅުވަން ތައްޔާރުކުރި ކުދިންތަކުގެ ތެރޭގައި އަޅުގަނޑުގެ ބޮޑުބޭބެއެއްވެސް ހިމެނޭ. އެއީ އެތަން ހުޅުވިއިރުގައި. ދެން ހަމައެއާއެކީގައި އަޅުގަނޑު އުޅެ ބޮޑުވި ގެ. އެ ގޭގައި އޭރުވެސް ޓީ.ވީ.ގައި މަސައްކަތްކުރާ ބަޔަކު އުޅުނު. އެކަހަލަ ކިތަންމެ ކަންތައްތަކެއް އަޅުގަނޑާ ގުޅިފައި ޓީ.ވީ.އާ ހުރީ.

އެހެންވީމާ، ފުރަތަމަވެސް ސްކޫލް ނިމުމާ އެކީގައި އެ ބޮންޑް އަދާކުރުމުގެ ގޮތުން އަޅުގަނޑު ހިތަށްއެރީ ހަމަ ޓީ.ވީ މޯލްޑިވްސްއާއޭ ގުޅޭނީ. އެއީ ދެން އަޅުގަނޑު އެދިގެން ހަމަ ވަން ތަން.

ޕްރެޒެންޓަރ:

ޓީ.ވީ.އެމް. ގައި މަސައްކަތްޕުޅު ކުރެއްވި ފަސް އަހަރުގެ ތެރޭގައި، އެންމެ ފުރަތަމަ މަސައްކަތްޕުޅެއްގެ ގޮތުން، ނުވަތަ އެންމެ ފުރަތަމަ ޕްރޮޑަކްޝަނެއްގެ ގޮތުން ބެލުންތެރިންނާ ހަމަޔަށް ގެނެސްދެއްވީ ކޮން ޕްރޮޑަކްޝަނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ އަޅުގަނޑު ޓީ.ވީ އަށް ދިޔަ ދުވަސްވެސް ހަނދާން އެބަހުރި އިނގޭތޯ. އެއް ދުވަހެއްގެ މެންދުރެއްހާއިރު އަޅުގަނޑު ޓެނިސް ކުޅެން އުޅެފައި ގެޔަށް ދިޔައިރުގައި ގުޅާފައި އޮތީ. ދެން ގޮސް ވަން ތަނުން، އެތަނުން ބޭފުޅަކު އަޅުގަނޑާ ބައްދަލުކުރި. ކޮށްފައި ވަޒީފާ ދީފައި. އޭރަކު ނުހުރޭ އިށީންނާނެ ގޮނޑިއެއް މޭޒެއްވެސް އެތާކު. އެތާ ބެންޗެއްގައި އަޅުގަނޑުމެން ތިބީ. އަޅުގަނޑާ ދެތިން ކުއްޖަކާ. ދެން އަނެއްކާވެސް ހަމަ ޓީ.ވީ.ގެ އަހަރީ ދުވަހެއް ކައިރިވެފައި އޮތީ. މާރިޗު މަހުގެ ތެރޭގައި އަޅުގަނޑު ޓީ.ވީ މޯލްޑިވްސް އަށް ވަނީވެސް.

ދެން އެހެން އުޅެފައި، ގޭގައި އުޅެނިކޮށް، އޭރު ޓީ.ވީ މޯލްޑިވްސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ޙުސައިން ޝިހާބް. ޙުސައިން ޝިހާބް ވަޑައިގެންނެވީ އަޅުގަނޑު ހަނދާންވާގޮތުން، އަޅުގަނޑުމެންނާ އެއްކޮށް އުޅުނު، އިރުވައި ޢާޞިފްގެ ސައިކަލުގައި. ސައިކަލުގައި ވަޑައިގެން ވިދާޅުވީ، [މިއޮތީއޭ މިރޭގެ ޚަބަރު. މިއީ ސްކްރިޕްޓެކޭ. މީތި ތަރުޖަމާކޮށްލަދޭށޭ. މިއުޅެނީ މީހުން ނުވެގެންނޭ.] ތިމަންނާމެން މިއުޅެނީ އަހަރީ ދުވަހަށް ތައްޔާރުވާންވެގެންނޭ.

އެހެންވީމާ، އަޅުގަނޑު ފުރަތަމަ ކުރި މަސައްކަތަކީ އެއީ. ޚަބަރު ތައްޔާރުކުރުން އިނގޭތޯ. ދެން އެއަށްފަހުގައި ބައެއް ޕްރޮޑަކްޝަންގެ ތެރޭގައި އުޅުނީ. ޕްރޮޑަކްޝަންގެ ތެރޭގައި ޕްރޮޑިއުސަރުންގެ ގޮތުގައިވެސް އޭރު ތިއްބަވާނީ ދޭއް ނޫނީ ތިނެއް. ދެން އެގޮތުން، ޚަބަރު ޕްރޮޑިއުސް ކުރުމާއި، ސްޕޯޓްސް ޕްރޮޑިއުސް ކުރުމާއި، އަދިވެސް ބައެއް ޕްރޮގްރާމްތައް ހުންނާނެ އަޅުގަނޑު ކޮށްފައި އިނގޭތޯ. ދެން ޝަމީމްމެން، ޙުސައިންމެން، އެ މީހުންނަކީ އަޅުގަނޑާ އެކީގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުން.

ޕްރެޒެންޓަރ:


އެހެންވީމާ، އޭރުވެސް ހަމަ މީޑިއާގެ އެކިކަހަލަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ވެދެވަޑައިގެންފައި ހުންނެވީ. އެހެން ނޫންތޯ؟ ދެން ހަމަ އެއާ ގުޅުންހުރި މަސައްކަތެއްހެން އަޅުގަނޑަށް ހީވަނީ ފޮޓޮގްރަފީވެސް. ވަރަށް ބޮޑަށް ފާހަގަކުރެވޭ ފޮޓޯއެއް މިއީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޢާއްމުވި ފޮޓޯއެއް، މަނިކުފާނު މަޖީދިއްޔާ ސްކޫލްގެ ޔުނީފޯމް ތުރުކުރައްވައިގެން، ކެމެރާއެއް ހިއްޕަވައިގެން ހުންނަވާ ފޮޓޯ. ދެން ހަމަ އެގޮތަށް، އިންތިޚާބުގެ ތެރޭގައިވެސް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގެ ހިތްގައިމު މަންޒަރުތައް ނަންގަވާފައި، އިންސްޓަރގްރާމް ކުރެއްވުމާ. އެކަހަލަ ކަންކަން ވަރަށްގިނަ ބޭފުޅުން ފާހަގަކުރައްވާ. ދެން އަޅުގަނޑަށްވެސް ހަމަ ވަރަށް ފާހަގަކޮށްލެވުނު އެއް ފޮޓޯއެއް، މަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، މަނިކުފާނު ތާޖްމަހަލް ނަންގަވަން ހުންނަވާ ފޮޓޯ. އެއީވެސް ހަމަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވި ފޮޓޯއެއް.

އެހެންވީމާ، ގިނަ ބޭފުޅުން ސިފަކުރައްވާ ގޮތުގައި މަނިކުފާނަކީ ފޮޓޮގްރަފީއަށް ޚާއްޞަ ލޯތްބެއް ހުންނަވާ ބޭފުޅެއް. އަދި ހަމައެހެންމެ، މިކަމުގައި ހަމަ ވަރަށްރީތި ފޮޓޯތައް ނަންގަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ. ކޮން ސަބަބަކާ ގުޅިގެންތޯ ފޮޓޮގްރަފީއަށް ޝައުޤުވެރިކަން އުފެދުނީ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ހަމަ ވަރަށް ކުޑައިރުގައިވެސް ޤުދްރަތީ ރީތި މަންޒަރުތައް އަޅައިގަނޭ. ދެން އެ ހަމަ ނެގުމުގެ ޝައުޤުވެރިކަން ވަރަށް ކުޑައިރުގައި ހުރޭ. ދެން އަޅުގަނޑުގެ ބޮޑުބޭބެވެސް ކޮންމެވެސްވަރަކަށް ފޮޓޯ ނަންގަވާ. އަޅުގަނޑު ދެންނެވީމު ނޫންތޯ، ޓީ.ވީ މޯލްޑިވްސްގައި އުޅުނުއިރުގައި ފުރަތަމަ އެތަނުން ޢަލީ ޞާލިޙު އެއީ. އަބަދުވެސް ސްކޫލް ނިންމާފައި، ޗުއްޓީ ތެރޭގައި ރަށަށްދާއިރުގައި ކެމެރާ ގެންގުޅުއްވާނެ އިނގޭތޯ. އަދި އަޅުގަނޑުގެ އަނެއް ބޮޑުބޭބެވެސް، ޒާހިރު ޞާލިޙުވެސް. ދެން މިހާރު ނިޔާވެއްޖެ. އެ ކެމެރާ، އެތަނުން އޭރުވެސް ވަރަށް ކުޑައިރުއްސުރެ ފަށައިގެން ކެމެރާ ބޭނުންކުރަން ފަށައިފިން. ދެން އައިސް ސްކޫލަށް ޖޮއިންކޮށްފައި، މަޖީދިއްޔާ ސްކޫލްގައި އުޅުނުއިރުވެސް، އަޅުގަނޑުގެ ކްލާހަކީ، އޭރު މިކަހަލަ ކަންތައްތަކުގައި ވަރަށް ކުރީގައި އުޅޭނީ. އަޅުގަނޑުގެ އިތުރަށް، އަދިވެސް އުޅޭނެ ދެ ފޮޓޮގްރާފަރެއް އޭރުވެސް. ދެން ޗުއްޓީގެ ތެރޭގައި ރަށަށްރަށަށް ޕިކްނިކް ދާއިރުގައިވެސް ހަމަ ފޮޓޯ ނެގުމާ. އޭރުގެ ވަރަށްގިނަ ފޮޓޯތައް ހުންނާނެ. އެއީ ހަމަ އިނގޭތޯ، އަޅުގަނޑަށް އޭގެތެރެއަށް ވަދެވިގެންދިޔަ. ހަމަ ވަރަށް ވަރަށް ގަޔާވެގެން ކުރާހިތްވާ ކަމެއް އެއީ މިހާރުވެސް. ވަގުތު ނޯންނަނީ. މިހާރުވެސް ވަގުތެއް ލިބިއްޖިއްޔާ. ދެން މިހާރު ވަރަށް ފަސޭހަ ކަމެއް. ފޯނަކީ ހަމަ ކެމެރާއެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް. އެހެންވީމާ، ކޮންމެ ގަޑިއެއްގައިވެސް އެ ބޭނުންވާ އެއްޗެއް ކެޕްޝަން ކޮށްލެވޭ މިހާރު.

ޕްރެޒެންޓަރ:

ދެން ހަމަ އެގޮތަށް، ވަރަށްގިނަ ބޭފުޅުން ފާހަގަކުރައްވާ ކަމެއް. މަނިކުފާނަކީ ހަމަ ވަރަށް ފިޓް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ. ފަހުން ރާއްޖޭގައިވެސް މި ބޭއްވި ހަމަ ގިނަ ދުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. ޢާއްމުކޮށް އަޅުގަނޑުމެންނަށް ހަމަ ރައީސުންގެ ފަރާތްޕުޅުން ފެންނަ މަންޒަރެއް ނޫން. އެހެންވީމާ، ވަރަށް ތަފާތު ކަމެއްގެ ގޮތުގައި އެކަންވެސް ފާހަގަކުރެވިފައިވަނީ. މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ބޭއްވުނު ކުޅިވަރު ޙަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި.

އެހެންވީމާ، ހަމަ ވަރަށް ފިޓް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވެނީ. ކިހާވަރަކަށް އިސްކަން ދެއްވާ ކަމެއްތޯ އެއީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް. ވަރަށް ބޮޑަށް އިނގޭތޯ. ކުޅިވަރާއި އެކްސަރސައިޒާއި ފިޓްނަސް އަށް އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ޝައުޤުވެރިކަން ހުރޭ. އަދި ހަމަ ސަމާލުކަންދީގެން ކުރިއަށް ގެންދަން. އަޅުގަނޑު ސްކޫލްގައި އުޅުނުއިރުއްސުރެ ފަށައިގެންވެސް ހަމަ ވަރަށްގިނަ ކުޅިވަރު ކުޅުނިން. އެގޮތުން، ސްކޫލްގެ ސްޕޯޓްސް ކެޕްޓަނެއްގެ ގޮތުންވެސް މަޖީދިއްޔާގައި އަޅުގަނޑު ނިމުނު އަހަރުގައި އުޅުނިން. އަދި ވައިލެޓް ހައުސްގެ ކެޕްޓަނެއްގެ ގޮތުގައިވެސް އަޅުގަނޑު އުޅުނިން. ވޮލީ، ބެޑްމިންގޓަން، ޓީ.ޓީ، ކްރިކެޓް. އިށީނދެގެން ކަމަށްވަންޏާ ރާޒުވާވެސް. މިހެންގޮސް އެހުރިހާ އެއްޗިއްސަކީވެސް ހަމަ ފުދޭވަރަކަށް ރަނގަޅަށް ކުރެވޭ. އޭގެއިތުރަށް، ދުވުމާ، އެ ހުރިހާ ކަމެއްގައިވެސް އުޅެން.

އެހެންވީމާ، އެ ފިޓްނަސްއަކީ އަޅުގަނޑު ވަރަށް ޝައުޤުވެރިކަމާއެކީގައި ކުރާ ކަމެއް. މިހާރުވެސް ހަފްތާއެއްވަރު އެކްސަރސައިޒް ނުކުރެވިއްޖިއްޔާ، ހަމަ އުނދަގޫވޭ އިނގޭތޯ. ދެން އޭގައި އެކްސަރސައިޒް ކުރަން ފެށީމާ މަސައްކަތްތައްވެސް ވަރަށްބޮޑު ފަސޭހައެއްވޭ. ވަރުބަލިނުވެ، ކަންނެތްނުވެ، ގިނަ ވަގުތު މަސައްކަތުގައި އިނދެވޭ އިނގޭތޯ. އެ ހުރިހާ ކަމެއް ގުޅިފައި އެބަހުރި.

އެހެންވީމާ، އެކަމަށް ވަރަށްބޮޑު ޝައުޤުވެރިކަން މިހާރުވެސް އަޅުގަނޑު ދެން އިނގޭތޯ. އެކަމަކު ވަގުތުވާވަރަކުންތާ ކުރެވޭނީ ދޮގެއްތޯ.

ޕްރެޒެންޓަރ:

މިހާރު ކިހާވަރަކަށްތޯ ހުސް ވަގުތު ލިބިވަޑައިގަންނަވަނީ؟ ކުރިން ދެން ހަމަ ގަވާއިދުން ޖިމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. މިހާރު އެހެންނަމަވެސް ހަމަ ވަރަށް ބުރަކޮށް އުޅުއްވާނީ. ކިހިނެއްތޯ ކަސްރަތަށް ވަގުތު ހޯއްދަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ވަރަށް ވަގުތު ނޯވޭ އިނގޭތޯ. ކުރީގައި އަޅުގަނޑު ހެނދުނު ކަސްރަތު މި ކުރަނީ. ކޮށްފައި ރައްޔިތުންގެ މަޖިލީހަށް ނުވައެއް ޖަހާއިރު ދާއިރު ޓައިމް އޮވޭ. އެކަމަކު މިހާރު ޝެޑިއުލް އޮންނަ ގޮތުން، މިވަގުތު އަޅުގަނޑު މިއުޅެނީ ހަވީރަށް ބަދަލުކޮށްލައިގެން، އިރުއޮއްސޭ ގަޑިއަށް. އަޅުގަނޑުގެ ޝެޑިއުލް ވަރަށް ޓައިޓް. އަޅުގަނޑު ހިތަށްއެރީ ފުރަތަމަ، ވެރިކަމާ ޙަވާލުވެފައި ކުޑަދުވަސްކޮޅަކުއޭ މިހެންދާނީ. ފަހުން މި ހަމަޔަކަށް އަޅުވައިލެވޭނެއޭ. ދެމަސް، ތިން މަސްވީމާ އަޅުގަނޑަށް އެނގިއްޖެ، މިއީ އެހެން އޮތް ކަމެއް ނޫންކަން. އަޅުގަނޑުގެ ސިކުނޑި މުޅިން މިހާރު ހަމަ އެއަށް ފިޓްކޮށްފިން އިނގޭތޯ. ހުސްވަގުތެއް އަޅުގަނޑުގެ، މި ރައްޔިތުންނަށް ކުރެވޭ ޚިދުމަތްތަކުގައި، އެންމެ ވަގުތުކޮޅަކަށްވެސް އަޅުގަނޑުގެ ސިކުނޑި ދުރަށް ގޮސްގެން ނުވާނެއޭ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުގެ އަމިއްލަ އެ ހުރިހާ ކަމަކަށްވުރެ އިސްކަން މިހާރު މި ދެވެނީ މަސައްކަތަށް. މިސާލަކަށް، އަޅުގަނޑުގެ މަސައްކަތް ނިންމަން އަޅުގަނޑު މި ހިފަނީ ކޮންމެ ރެޔަކު ބާރަޖަހާއިރަށް. އެހެންވިޔަސް، ގިނަ ރޭރޭ ބާރަޖަހާއިރަކުވެސް ނިދޭގޮތެއްނުވޭ. ބާރަޖަހާއިރު ނިންމައި އޮށޯވެވޭތޯ ބަލަނީ. ދެން ފަތިހު ފަހެއް ޖަހާއިރު މި ހޭލަނީ. ހޭލައިގެން ފަތިސް ނަމާދަށްފަހު ކުޑަ ރެސްޓަކަށްފަހު، ފުރަތަމަ ކުރާ ކަމަކީ ހެނދުނު ފޯނު ބެލުން. ފޯނުގައި ހުރި މެސެޖްތައް. އެއީ އަޅުގަނޑުގެ ފޯނު ނަންބަރު އެނގޭނެ، އެތައް ބައިވަރު ރައްޔިތުންނަކަށް. އެހެންވީމާ، ފުދޭވަރަކަށް ހުރޭ. ހާހުން، ދެހާހުން ހުންނާނެ. ދެން ވަކިވަކި މެސެޖްވެސް ހުރޭ.

އެހެންވީމާ، އެއަށް ވީވަރަކުން އެޓެންޑެވެފައި، ހަމަ ސައުވީސް ގަޑިއިރުގެ ތެރޭގައި ކޮންމެ ދުވަހަކު އަޅުގަނޑު އެކަން ކުރެވޭތޯ ބަލަން އިނގޭތޯ. ދެން އެއަށްފަހު އޮފީހަށް މިދަނީ. 9 ން 5 އަށް. ގޮސްފައި ދެން ގެޔަށް އައިސް ކުޑަކުޑަ ރެސްޓެއް އަޅުގަނޑު ނަގަން އިނގޭތޯ. ބައިގަޑިއެއްހާއިރު. އެއަށްފަހު، އެދޭތެރޭގައި އެކްސަރސައިޒް ކޮށްލާފައި އަނެއްކާވެސް އަށްގަޑި ބައިގައި މަސައްކަތް މި ފަށަނީ. އަށްގަޑި ބައިން ބާރަޔަށް. އެއީ ދެން އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، މި ފަސް އަހަރު އަޅުގަނޑުގެ ޝެޑިއުލް ބާއްވަންޖެހޭނެ ގޮތް ކަމަށް މިހާރު އަޅުގަނޑު ގަބޫލުކޮށްފިން. ކޮށްގެން، އެއަށް ފިޓްވެގެން މިހާރު މިދަނީ. އެކަމަކު އަދިވެސް ހިތަށްއަރާ، ހެނދުނަށް އެކްސަރސައިޒް ކުރުން ބަދަލުކޮށްލެވޭނެނަމައޭ. އޭރަށް މާބޮޑުތަން ފަސޭހަވާނެ.

ޕްރެޒެންޓަރ:

އާދެ، އެކި ބޭފުޅުންނަށް އެކި ވަގުތު، އެހެން ނޫންތޯ ފަސޭހަފުޅުވަނީ. ދެން ވަރަށް ޙަރަކާތްތެރިކޮށް، ވަރަށް ބުރަކޮށް މަނިކުފާނު މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވަނީ. ދެން ގޭގައި އުޅުއްވާއިރު އެއްވެސްވަރަކަށް އަނބިކަނބަލުންނަށް ކަންކަމުގައި އެހީތެރިވެވަޑައިގެން އުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކުރީގައި ދެން ހަމަ އަޅުގަނޑުމެން އެކީގައި އުޅުނުއިރުގައި، ގޭގައި އުޅުނުއިރުގައި ހަމަ ހުރިހާ ކަމެއްގައި އަޅުގަނޑުވެސް ބައިވެރިވަން. ގެ ސާފުކުރުމާއި، ބާޒާރު ކުރުމާއި، ގެޔަށް ގަންނަންޖެހޭ އެއްޗެތި ގަތުމާ، އެ ހުރިހާ ކަމެއްގައި އުޅެން. އެކަމަކު މިހާރު ހަމަ ނުވޭ ގެޔަކަށް ވަގުތެއް އިނގޭތޯ. ދެން އޭރުގައި އަޅުގަނޑުމެން ދެމީހުންނަކީވެސް ވަރަށް ބުރަކޮށް މަސައްކަތުގައި، އަޅުގަނޑު މަޖިލީހުގައި އުޅުނުއިރުގައި، އަންހެނުން ފަޒޫ އޭރު ސްކޫލްގައި އުޅުއްވީ ޓީޗަރަކަށް. އެއަށްފަހު ޕްރިންސިޕަލަކަށް. އުޅުނުއިރުގައި އެއީ ހަމަ ހެނދުނުއްސުރެ ފަށައިގެން ގޮސް ހަމަ ފުލްޓައިމް ޖޮބެއްގެ ގޮތުގައި ދަނީ. އެހެންވިޔަސް، ގޭތެރޭގެ، ޚާއްޞަކޮށް، ހުކުރުދުވަސް އަޅުގަނޑު އޭރު ހުސްކުރަން، ގޭތެރޭގެ މަސައްކަތަށް. ގޭތެރެ ސާފުކުރުމާ ކަންތަކުގައި އޭރު ޢަމަލީގޮތުން ހަމަ އުޅެން އިނގޭތޯ. އެކަމަކު މިހާރަކު ހަމަ ވަގުތެއްނުވޭ.

ޕްރެޒެންޓަރ:

އާދެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ، އެއްވެސްވަރަކަށް މަނިކުފާނު އުއްމީދު ކުރެއްވި މަޤާމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. އަޅުގަނޑު ހިތަކަށްނާރާ އެއްއިރަކުވެސް އިނގޭތޯ. އެކަމަކު އަބަދުވެސް އަޅުގަނޑު ހިތުގައި އޮވޭ، މީހެއްގެ ވަޒީފާއެއް އަޅުގަނޑު އަދާނުކުރާނަމޭ އިނގޭތޯ. ރައްޔިތުން އިންތިޚާބުކުރާ މަޤާމެއްގައި އަޅުގަނޑު ނެތްކަމަށްވަންޏާ، އަޅުގަނޑު އަމިއްލަ މަސައްކަތޭ ކުރާނީ. އެ އަބަދުވެސް ހިތުގައި އޮންނަ ކަމެއް. އެހެން އޮއްވައި، މި އައި ހަލަބޮލިކަމުގެ ތެރޭގައި، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުގެ ތެރޭގައި ދެކެވުނު ވާހަކަތަކާ އެކީގައި، އެންމެންގެ ނިންމުމަކާ އެކީގައި އަޅުގަނޑު މި މަޤާމަށް މިއައީ. އަޅުގަނޑު މިހާރު ހިތަށްއަރާ، ހަމަ މިއީ ރަނގަޅު ނިންމުމެކޭ. އެކަމަކު ފުރަތަމަ މިކަމާ އެންމެން މަޝްވަރާ ކުރަމުންދިޔައިރުގައި، އަޅުގަނޑު ހަމަ ވަރަށް ވިސްނިން. ވަރަށްފަހުން އެ ޑިޒިޝަން އަޅުގަނޑު ނެގީ. ވަރަށްގިނަ ބައެއްގެ އެދުމާވެސް އެކީގައި. ދެން އަޅުގަނޑު މިހާރު ހިތަށްއަރާ، ހަމަ ރަނގަޅު ޑިޒިޝަނެކޭ އެ ނެގުނީ.

ޕްރެޒެންޓަރ:

މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައްޔިތުންނަށް ވަރަށްގިނަ ކަންކަން ހުށަހެޅުއްވި. ދެން އޭގެތެރޭގައިވެސް ބްރޯޑްކާސްޓިންގ ދާއިރާ ނުވަތަ މީޑިއާއަށް ޚާއްޞަ ކުރައްވައިގެންވެސް ވަރަށްގިނަ ކަންކަން ކުރެއްވުމަށްޓަކައި ވަނީ ވަޢުދުވެވަޑައިގެންފައި. އަދި ހަމަ އެހެން ބައެއް ކަންކަން ތަންފީޒު ކުރެއްވުމަށްޓަކައިވެސް މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވަނީ.

އާދެ، ކޮބައިތޯ ބްރޯޑްކާސްޓިންގ ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ، ނުވަތަ ތަޞައްވުރަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިނިވަން، ވީހާވެސް ފުޅާ ދާއިރާއެއްގައި، މިނިވަންކަމާ އެކީގައި، ފުރްޞަތު ލިބިފައި އޮތް މީޑިއާއެއް އަޅުގަނޑު ބޭނުމީ. ހަމަ އެއާއެކީގައި، ވަކިފަރާތަކަށް ބުރަނުވެ، ތެދު ޙަޤީޤަތް ހާމަކުރާ މީޑިއާއެއް އަޅުގަނޑު ބޭނުމީ. ސަރުކާރުން އިރާދަކުރެއްވިއްޔާ އެއްވެސް ނުފޫޒެއް މީޑިއާއަކަށް ނުފޯރުވާނަން އިނގޭތޯ. ޕަބްލިކް ބްރޯޑްކާސްޓިންގ އެއް އެބައޮތް. އެއީ ރައްޔިތުންގެ ޓީ.ވީ.އެއްގެ ގޮތުގައި. އެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ވާންޖެހޭނީ، ރައްޔިތުންނަށް މަޢުލޫމާތު ގެނެސްދޭ، އޮޅުންފިލުވައިދޭ ތަނެއްގެ ގޮތުގައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން މިހުރި ޕްރައިވެޓް މީޑިއާތަކަކީ، އެހެން ކަންތައްތަކުގައި ޙަރަކާތްތެރިވާންޖެހޭ މީޑިއާތައް. އެވެސް ހަމަ އަޅުގަނޑުގެ ވިސްނުމުގައި މިއޮތީ އެކަން އޮންނަންވާނީ އެހެންނޭ އިނގޭތޯ. ހަމަ ވީހާވެސް ފުޅާކޮށް، މިނިވަންކަމާއެކީގައި އެކަން ކުރަންޖެހޭނެ. އެހެންވިޔަސް، ތިޔަބޭފުޅުން، މީޑިއާގައި އުޅުއްވާ ބޭފުޅުން ގަބޫލުފުޅު ކުރައްވަންވާނެ، ކޮންމެ މީހެއްގެވެސް އަމިއްލަ ކަންތައްތަކެއް ހުންނާނެކަން އިނގޭތޯ. ޒާތީ ކަންތައްތަކެއް ހުންނާނެ. އެއީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި ހުންނަ ކަންތައް.

އެހެންވީމާ، ޙަޤީޤަތް އޮޅޭކަހަލަ، އޮޅުވައިލުމުގެ ޤަޞްދުގައި އެކަހަލަ ކަންތައްތައް ނުކުރެއްވުމަކީ، އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް އިނގޭތޯ. އެކަމަކު ވީހާވެސް ގިނަ މަޢުލޫމާތެއް ހަމަ ހާމަކުރުމަކީ އަޅުގަނޑު އެދޭ އެދުން.

ޕްރެޒެންޓަރ:

މަނިކުފާނުގެ ޒަވާޖީ ޙަޔާތްޕުޅަށް ބަލައިލާއިރު، ކުރެއްވި ފުރަތަމަ ކައިވެނިފުޅުގައި އަދިވެސް ދެމިހުންނެވީ. ދެ ބޭފުޅުން މިހާރު އެބަތިއްބެވި. ވަރަށް ބުރަކޮށް އުޅުއްވާއިރު، ޢާއިލާއަށް މިހާރު ކިހިނެއްތޯ ވަގުތު ދެއްވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން، ތިޔަ ވިދާޅުވާހެން ހަމަ އެންމެ ފުރަތަމަ ކައިވެންޏާ އެކީގައި އިރާދަކުރެއްވިއްޔާ މިތިބީ. އެއްވެސް ބަދަލެއް ނާދޭ. ދެ ކުދިން އެބަތިބި މިހާރު. އެކުދިން ކިޔަވައި ބޮޑުވެ، އެއް ކުއްޖަކު ޔުނިވަރސިޓީ ނިންމާފައި މިހާރު ވަގުތީގޮތުން އައިސް އެބައުޅޭ، އެނބުރި ދިޔުމުގެ ކުރިން. އަނެއް ދަރިފުޅު އަދިވެސް ކިޔަވަމުން އެ ގެންދަނީ.

އަޅުގަނޑުމެން އަބަދުވެސް ޕްލޭން ކޮށްފައި އޮންނާނެ، ކޮންމެ އަހަރަކު ފެމިލީ ޗުއްޓީއަށް ދާން ރާއްޖެއިން ބޭރު ކޮންމެވެސް ތަނަކަށް. އެއީ އެއް ކަންތައް އަޅުގަނޑުމެން އެކީގައި ކުރާ. ދެން ހަމަ އެއާއެކީގައި، މިހާރުވެސް މިހާ ބިޒީކޮށް އަޅުގަނޑުމެން އުޅޭއިރުގައިވެސް، ކާ ގަޑިތައް، އެ އެކީގައި އަޅުގަނޑުމެން ހޭދަކުރަނީ. ހެނދުނު ސައި، މެންދުރު ކެއުން. ރޭގަނޑުވެސް ހަމަ އަޅުގަނޑުގެ އޮފިޝަލް އެޕޮއިންޓްމަންޓެއް ނެތްކަމަށްވަންޏާ، އެ ގަޑިތައް ހުސްކުރަނީ ފެމިލީއާ އެކީގައި. އެކީގައި އަޅުގަނޑުމެން ކެއުމުގެ ކަންތައް ގެންދަނީ. ދެން އެ ގަޑިއަކީ ހަމަ ވަރަށް އެންޖޯއި ކުރާ ވަގުތެއް އެއީ.

ޕްރެޒެންޓަރ:

ވަރަށް އުފާވެރި މާޙައުލެއްގައި. އެހެން ނޫންތޯ؟

ވޭތުވެދިޔަ ފަންސަވީސް އަހަރުގެ ތެރޭގައި ހަމަ މަނިކުފާނު މުޅިންވެސް އުޅުއްވީ ސިޔާސީ އެކިކަހަލަ މަސައްކަތްޕުޅުތަކުގައި. ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި. ދެން އެކަމުގެ ތެރޭގައި އުޅުއްވިއިރުވެސް ވަރަށްގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާނެ. ވަރަށްގިނަ މަންޒަރުތަކެއް ވާނީ ފެނިވަޑައިގެންފައި. ދުނިޔޭގެވެސް ސިޔާސީ މަސްރަޙުގައި ކަންކަން ހިނގަމުން އަންނަ ގޮތް، ވަރަށް ގާތުން ވާނީ ފެނިވަޑައިގެންފައި. ރާއްޖޭގައިވެސް ހަމަ ސިޔާސީގޮތުން ވަރަށް ބޮޑެތި ބަދަލުތައް އައިއިރު، މަނިކުފާނުވެސް ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަތުމުގައި، ނަމޫނާއެއްގެ ގޮތުގައި ބައްލަވާ ބޭފުޅުންވެސް ތިއްބަވާނެ. ކޮންކޮން ބޭފުޅުންނެއްތޯ އެގޮތަށް ބައްލަވަނީ؟ ދެން އަދި އެބޭފުޅުންގެ ކިބައިގައި ކޮންކަހަލަ ސިފަފުޅުތަކެއް ހުރެގެންތޯ، އެބޭފުޅުން ނަމޫނާއަކަށް ބައްލަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސިޔާސީ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރާ، އަޅުގަނޑު އެޑްމަޔަރ ކުރާ ސިފަތަކަކީ، ތެދުވެރިކަމާ އެކީގައި ކަންތައްތައް ހާމަކުރުން. އޮޅުވައިލުމެއްނެތި އިނގޭތޯ. ދެން ހަމަ ވާހަކަ ދައްކައިގެން ކަންތައްތައް ނިންމުން އިސްކުރުން. އަޅުގަނޑަށް ގަބޫލުކުރެވޭ އަބަދުވެސް، ނެގޯޝިއޭޓް ކޮށްގެން ޙައްލު ނުކުރެވޭނެ ކަމެއް ނޯންނާނެއޭ ހަމަ އަޅުގަނޑު ހިތަށްއަރާ އިނގޭތޯ. ކޮންމެ ކަމެއްގައިވެސް އޮންނާނެއޭ ޙައްލެއް ހޯދޭނެ ގޮތެއް. އެކަންތައްތައް އިސްކުރައްވާ ފަރާތްތައް އަޅުގަނޑަށް މި ބަލައިގަނެވެނީ އިނގޭތޯ. ޞުލްޙަޔާ އެކީގައި، މި ދަންނަވާހެން އޮޅުވައިނުލައި، ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދައްކާ ލީޑަރުން އެއީ، އަޅުގަނޑު ބަލައިގަންނަ ލީޑަރުންނަކީ.

ޕްރެޒެންޓަރ:

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލައިލާއިރުވެސް، ބައެއްފަހަރު އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަމަ ކުއްލިއަކަށް އޮއިވަރު ބަދަލުވާތަން. ސިޔާސީގޮތުން ހަމަ ބައެއްފަހަރަށް ވަރަށް ކުއްލި ނިންމެވުންތައްވެސް ނިންމަވަންޖެހޭފަހަރުތަން އަންނާނެ. އެހެންނަމަވެސް، ހަމަ ވަރަށްގިނަ ބޭފުޅުން ސިފަކުރައްވާ ގޮތުގައި، މަނިކުފާނަކީ ވަރަށް ވިސްނުންފުޅުކަމާ އެކީގައި ކަންކަން ނިންމަވާ ބޭފުޅެކޭ. އަދި ހަމައެހެންމެ، ވަރަށް ތެދުވެރިކަމާ އެކީގައި، މަސައްކަތުގައި އިޚްލާޞްތެރިކަމާއެކު ދެމިހުންނަވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބޭފުޅުން ސިފަކުރައްވަނީ.

ކޮންގޮތަކުންތޯ މިގޮތަށް، މި ސިޔާސީގޮތުން އަންނަ އެކިކަހަލަ ހަލަބޮލިވުންތަކުގައި، މަނިކުފާނު އެ ނިންމަވާ ނިންމެވުންތައް ވަރަށް ފުރިހަމަކަމާއެކު ވިސްނެވުމަށްފަހު، އެ ނިންމެވުމުގައި، އެކަމުގައި ހިތްވަރު ލިބިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެން ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑަކަށް ނޭނގެ. ހަމަ ކަމެއް އަޅުގަނޑުގެ ކުރިމައްޗަށް އަންނައިރު އަޅުގަނޑު ހަމަ ވިސްނަން. މިއީ ހަމަ އެންމެ ރަނގަޅު ގޮތްތޯ، ޑިޒިޝަނެއް ނެގުމުގެ ކުރިން. މިކަން ކޮށްފިއްޔާ ވާނީ ކިހިނެއްތޯ. މިކަން ނުކޮށްފިއްޔާ ވާނީ ކިހިނެއްތޯ. ދެން އެގޮތަށް އެއްފަހަރު، ދެފަހަރު ވިސްނުމަށްފަހުގައި ނޫނިއްޔާ، އަޅުގަނޑު ވަރަށް ޑިޒިޝަން ނުނަގަން. އެހެނެއްނޫން ހުންނާނެ، ކުއްލިއަކަށް ނަގަންޖެހޭ ޑިޒިޝަން. އެކަމަކު ޢާއްމުކޮށް މިހާތަނަށް އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ އެގޮތަށް އިނގޭތޯ. އެއީ ޢާއްމު ދިރިއުޅުމުގައިވެސް އަޅުގަނޑަށް އާދަވެފައި ހުރި އާދައެއް އެއީ. އަވަސްއަރުވާލައިގެން ކަންތައްތައް ނުކުރުން. ދެން ބައެއްފަހަރު، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. އަޅުގަނޑު ތަންކޮޅެއް ސްލޯއޭ، ކަންތައްތައް މާލަހޭ ސަރުކާރުގެ ދާލެއް. އެކަމަކު އަޅުގަނޑަކަށް އެތަނެއް ނުފެނޭ. އަޅުގަނޑު ހިތުން ކަމެއް، އަދި ޚާއްޞަކޮށް، ވެރިކަމުގައި ހުރެ، ސަރުކާރުން ކަމެއް ވަކިގޮތަކަށް ނިންމައިފިއްޔާ، އަދި ވަކިން ޚާއްޞަކޮށް، ހުރިހާ ރައްޔިތުންނަށް އަމާޒުވާގޮތަށް ކަމެއް ނިންމާފައި، ފަހުން ބަދަލުކުރަން ޖެހުނީމާ، އެއަށް ވަރަށްބޮޑު ޑެމޭޖް އަންނާނެ އިނގޭތޯ.

އެހެންވީމާ، ކުޑަކޮށް ވިސްނާލާފައި، އެއާ ދޭތެރޭގައި ގޮތް ނިންމުމަކީ، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެގޮތަށް އަޅުގަނޑު ކަންތައްތައް މި ކުރަނީ. އަނެއްކާ ކަމެއް ކުރިމައްޗަށް އައިމާ އަބަދުވެސް، ބޮޑުކަމެއް، ތިޔަ ވިދާޅުވާހެން ހަލަބޮލިވެގެން އަންނައިރުވެސް، އަޅުގަނޑުގެ ހިތަށްއަރާ ހަމަ މީގެ ޙައްލު ހޯދޭނެއޭ. ޙައްލު ނުހޯދޭނެ ކަމެއް ނޯންނާނެ. އެހެންވީމާ، ރަނގަޅަށް ވިސްނަންވީއޭ، ވިސްނީމާ އޭގައި ގޮތް ފެންނާނެއޭ އިނގޭތޯ.

އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑު، ވަރަށް ޕޮޒިޓިވް މައިންޑެއްގައި އަޅުގަނޑަށް ކަންތައްތައް ކުރެވެނީ ހަމަ. އަބަދުވެސް އަޅުގަނޑުގެ އެ ޔަޤީންކަން ހަމަ އަމިއްލަ ނަފްސަށް އޮވޭ، ކިތަންމެ ބޮޑު ކަމެއް ކުރިމައްޗަށް ގެނަޔަސް. މައްސަލަތަކެއް އަޔަސް. ހަމަ ޔަޤީނޭ މީގައި އޮންނާނެއޭ ގޮތެއް. ޙައްލުކުރެވޭނޭ ގޮތެއް. އެހެންވީމާ، އެގޮތް ހޯދަންވީއޭ. އެހެންވީމާ، އެއަށް ކުޑަކޮށް އަޅުގަނޑު ވަގުތު ނަގަނީ. ގިނަފަހަރަށް ހަމަ އަޅުގަނޑަށް ބޭނުންވޭ އެކަނި އިނދެލަން. އެއާ ދޭތެރޭގައި ވިސްނަން. ވިސްނައިލީމާ ހަމަ އާދޭ، އެއްގޮތް، ދެގޮތް، ތިންގޮތް، ވިސްނާ ކޮންމެ ފަހަރަކު.

އެހެންވީމާ، އެއަށްފަހުގައި އަޅުގަނޑު ބައެއް ބޭފުޅުންނާ މަޝްވަރާކޮށްފައި، އެ ޑިޒިޝަން ނަގަމުން ގެންދަނީ.

ޕްރެޒެންޓަރ:

އެންމެފަހު ސުވާލެއްގެ ގޮތުން، ތަންކޮޅެއް ތަފާތު ސުވާލެއް އިނގޭތޯ މިފަހަރު މިއޮތީ. މަނިކުފާނުގެ ބައޮގްރަފީއެއް މީހަކު ލިޔާނަމަ، ކޮންކަހަލަ ޝަޚްޞިއްޔަތެއް، ނުވަތަ ކޮންކަހަލަ ބޭފުޅެއްގެ ގޮތުގައިތޯ ސިފަވާން ބޭނުންފުޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެން އަޅުގަނޑު މިއީ ކާކުކަން ނިންމާނީ ރައްޔިތުން ދޮގެއްތޯ. އަޅުގަނޑު ދުރުން ބަލާ މީހުން. އަޅުގަނޑު ހަމަގައިމުވެސް ކަން ކުރާނެ ގޮތަކީ ތެދުވެރިކަމާއެކީ. އޮޅުވައިނުލުން އެއީ އަޅުގަނޑު ގެންގުޅޭނެ ކަމެއް އިނގޭތޯ. ކަން އޮތްގޮތަށް ހާމަކުރުން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ދެން ހަމަ ވާހަކަ ދައްކައިގެން ކަންތައްތައް ނިންމާ މީހެއްގެ ގޮތުގައި އަޅުގަނޑު ގައިމުވެސް ހުންނާނީ. އެ އެންމެ ބޮޑަށް ހުރިހާ ކަމެއްގައި އަޅުގަނޑު އިސްކުރާނީ. ދެން އަޅުގަނޑަކީ ކާކުކަން، ތިޔަ ވިދާޅުވިގޮތަށް ނިންމަވާނީ ރައްޔިތުން އިނގޭތޯ.

ޕްރެޒެންޓަރ:

ވަރަށް ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުމެންގެ [ހޭޔަންބޯ] ޕްރޮގްރާމަށް ވަގުތުކޮޅެއް ހުސްކޮށްލަ ދެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. ދެން ހަމަ އެހެންމެ ޤައުމު އިޞްލާޙު ކުރެއްވުމަށްޓަކައި، ޤައުމުގައި ހުރި ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި މަނިކުފާނު ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތުގައި އަޅުގަނޑުމެން އެދެނީ ކާމިޔާބީއަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:


އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދިވެސް އެއްފަހަރު ދުވަހުގެ ހެޔޮއެދުންތައް އިނގޭތޯ.

ޕްރެޒެންޓަރ:

ވަރަށް ބޮޑަށް ޝުކުރިއްޔާ!


___________________