بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ރާއްޖޭގެ ނޫސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ، އަދި މީޑިޔާ މެދުވެރިކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލަނީ، ވަރަށް މުހިންމު ދެ ކަމެއް ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށް. އޭގެތެރެއިން ފުރަތަމަ ޙިއްޞާކޮށްލާނީ، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ވަރަށް މުހިއްމު ވާހަކައެއް.

އެއީ، މިއަހަރުގެ މާރިޗު 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރި ވާހަކަ. މިއީ އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަޤު ނައްތައިލުމުގެ ސިޔާސަތުގެ ދަށުން، އަދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެނައި ހެޔޮ ބަދަލެއް.

މިގޮތުން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމާފައިވަނީ، ތިން ބަޔަކަށް ބަހާލައިގެން. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަޤު ނެތިގެންދާނެ. މި ބަދަލާއެކު، ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތްވެގެންދާނެ.

ކަރަންޓުގެ އަގަށް މި ބަދަލު ގެނައުމުން، ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ. މި ގޮތުން މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް ދެހާސް ދުއިސައްތަ ރުފިޔާ ހޭދަކުރާނަމަ، ދެން ދައްކަންޖެހޭނީ، ގާތްގަނޑަކަށް އެއްހާސް ހަތްސަތޭކަ ރުފިޔާ.

ކެމްޕޭންގައި، އަޅުގަނޑުމެން ރަށްރަށަށް ކުރި ދަތުރުތަކުން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ލިބެމުން އައީ، ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ޝަކުވާ. އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި، އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް، އެއްހަމަ ކުރެވިފައިވާނެ. މިގޮތުން، އައްޑުއާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް، އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައްވެސް ވާނީ ކުޑަކުރެވިފައި.

މި ބަދަލު ގެނައުމުން ރަށްރަށުގައި، ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަންޖެހޭ މިންވަރު، ބޮޑުތަނުން ކުޑަވެގެންދާނެ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ، ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް.

ކަރަންޓުގެ އަގު ކުޑަކުރުމުން، ވިޔަފާރިތަކުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދްމަތްތަކެއް ދިނުމަށް ފުރުސަތު ހުޅުވިގެންދާނެ. މި ބަދަލު ގެނައުމުން، ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް ހަތަރުހާސް ހަސަތޭކަ ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން، ދެން ދައްކަންޖެހޭނީ ގާތްގަނޑަކަށް ތިންހާސް ހަތަރުސަތޭކަ ރުފިޔާ. މިއީ ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު އެއްހާސް ދުއިސައްތަ ރުފިޔާ.

މީގެއިތުރުން ޑީސަލުން ނަގަމުން އަންނަ ފަސް އިންސައްތައިގެ ޑިއުޓީ، ސަރުކާރުން ކަނޑައިލުމުން، ސަލާމަތްވާނެ މިންވަރު ކަނޑައެޅުމަށްފަހު، އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓް ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭ ގޮތަށްވެސް ސަރުކާރުން ވަނީ ނިންމާފައި. މި ބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވި، މާލެއާއި ރަށްރަށުގެ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކަށްވެސް އެކަމުގެ މަންފާ ލިބިގެންދާނެ.

ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށްދިނުމަށް، ސަރުކާރުން މި އެޅި މުހިއްމު ފިޔަވަޅު، ރައްޔިތުން ހެޔޮގޮތުގައި ބަލައިގަންނާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. ކަރަންޓުގެ އަގަށް މި ގެނައި ބަދަލުތަކުގެ ލުއި، 1 މާރިޗުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަދި މި ލުއިތައް، މި ތާރީޚުން ފެށިގެން އެޕްލައި ކުރެވި، ގޭބިސީތަކާއި ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެންނަން ފަށާނެ.

ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމުމުގެ މައިގަނޑު ދެ ވިސްނުމެއް އެބައޮތް. އެއް ވިސްނުމަކީ މާލެއާއި އަތޮޅުތަކާ ދެމެދު އޮންނަ ފަރަޤު ކުޑަކުރުން. އަޅުގަނޑަށް ވިސްނުނީ މިއީ ދައުލަތުން ބުރައެއް އުފުލައިގެންވިޔަސް، ކުރަން ޖެހިފައިވާ ކަމެއް ކަމަށް. އަތޮޅުތައް ތަރައްޤީ ކުރެވޭނީ މިފަދަ ސިޔާސަތުތައް އިސްކޮށްގެން.

ދެވަނަ ވިސްނުމަކީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން. އާދައިގެ ކަންމަތީ ފިހާރައަކުން، މަހަކު ފަސްހާސް ރުފިޔާ ކަރަންޓަށް ހޭދަކުރުމަކީ، ހަމަ ޔަޤީނުންވެސް އެފަދަ ވިޔަފާރިތަކަށް ބުރައަކަށްވާނެ. ކަރަންޓު ބޭނުންނުކޮށް ކުރެވޭ ހަމަ އެއްކަމެއްވެސް މިއަދު ނެތްއިރު، ވިޔަފާރިތަކުގެ މިފަދަ ޚަރަދުތައް ކުޑަވުމުން، އެ ވިޔަފާރިތައް ކުރިއެރުމަށް ބާރު ލިބި، އެކަމުގެ ހެޔޮ ބަދަލު މުޅި އިޤްތިޞާދަށް ލިބިގެންދާނެ.

ކަރަންޓުގެ އަގު މިއަދު މިހެން ކުޑަކުރިކަމުގައިވިޔަސް، ދުރު ރާސްތާގައި، ރާއްޖޭގައި ހަކަތަ އުފެއްދުން، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަންޖެހޭ. އެހެން ގޮތަކަށް ބުނާނަމަ، ޖަނަރޭޓަރުގެ ބަދަލުގައި، ދެން އަޅުގަނޑުމެން ފައިސާ ޚަރަދުކުރަންވީ، ސޯލާ ޕެނެލާއި، އިއާދަކުރަނިވި ހަކަތަ އުފައްދާ އެފަދަ ވަސީލަތްތަކަށް. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނަމަ، މިހާރަށްވުރެ މާ ހެޔޮއަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ.

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ދެން ޙިއްޞާކޮށްލަން ބޭނުންވާ ވާހަކައަކީ، މި ސަރުކާރުގެ މަސައްކަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ ވާހަކަ. މިއަދަކީ މި ސަރުކާރުގެ މަސައްކަތު 90 ވަނަ ދުވަސް.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ފެށިގެން އައީ، ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ޙައްލުކޮށްދޭނެ ކަމުގެ ވަޢުދާއެކު. އަދި ރައްޔިތުންނަށް ވަރަށް ބޮޑެތި އުންމީދުތަކެއް ދެމުން. އަޅުގަނޑަށް ގަބޫލުކުރެވުނީ، އެ އުންމީދުތައް ޙަޤީޤަތަކަށް ވުމުގެ އިންތިޒާރުގައި، ފަސް އަހަރު ވަންދެން ރައްޔިތުން ތިބެން ޖެހުމަކީ، ހެޔޮ ވެރިކަމެއްގެ ސިފައެއް ނޫނޭ.

އެހެންވީމާ، އަޅުގަނޑުމެން ނިންމީ، ރައްޔިތުން އެންމެ ބޭނުންވި ކަންކަން، ކުރު މުއްދަތުގެ ތެރޭގައި ކޮށްދޭން. އޭގެތެރޭގައި، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމަކީ، ރައްޔިތުން އެންމެ ބޭނުންވި އެއް ކަންތައް.

ކޮރަޕްޝަން ނައްތައިލުމުގެ ވަޢުދުގެ ތެރެއިން، ވިސްލް ބްލޮވިންގ ޕްރޮޓެކްޝަން ބިލާއި، ނުޙައްޤު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވާނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި. ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރާ ބޭފުޅުންނާއި، އެބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި، މާލީ ބަޔާން ހުށަހެޅި، އޭގެ މުހިންމު މަޢުލޫމާތުތައް މިހާރުވަނީ ޢާންމުކުރަން ފަށާފައި. މިކަމުގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހުރިކަން އަޅުގަނޑު ފާހަގަކުރަން.

ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން. ރާއްޖޭގެ ތަރައްޤީއަށްޓަކައި، މިކަންތައްތައް ހުއްޓުވަންޖެހޭ. ކޮރަޕްޝަނާ ގުޅޭގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ ޢަމަލުތައް ރިޕޯޓް ކުރުމަށް، ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް މިހާރު ވަނީ އާންމުންނަށް ހުޅުވައިލާފައި.

ދައުލަތުގެ މާލީ ޙާލަތު އެއީ ރައްޔިތުންނަށް އެނގެންޖެހޭ ކަމެއް. ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ. މިއީ ދެފުށް ފެންނަ އުޞޫލުން ދައުލަތް ހިންގުމަށާއި، ޖަވާބުދާރީވަނިވި ސަރުކާރެއް އުފެއްދުމަށް ވަރަށް މުހިންމު ކަމެއް.

އެގޮތުން، ދައުލަތުގެ މާލީ ތަފްޞީލުތައް، ފިނޭންސް މިނިސްޓްރީން އެ ދަނީ ކޮންމެ ހަފުތާއަކު އެއްފަހަރު ޝާޢިއުކުރަމުން. މިކަންކަމުން އަޅުގަނޑުމެން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން.

މިދިޔަ ސަރުކާރުގައި ރައްޔިތުންގެ ޙައްޤުތަކަށް އެންމެ ބޮޑަށް އަރައިގެންފައިވަނީ، ރައްޔިތުން އެންމެ ބޮޑަށް ފުރިހަމަވާން ބޭނުންވާ ކަންކަމުގައި. މި ދެންނެވީ ބޯހިޔާވަހިކަމުގެ މައްސަލަ. ވަރަށް ނާޖާއިޒު ގޮތެއްގައި، އަދި ޙައްޤު ނޫން އެތައް ބަޔަކަށް ފްލެޓްތައް ބަހައިލީ، ރައްޔިތުން އާދޭސް ކޮށްކޮށް ތިއްބައި. އަޅުގަނޑުމެން މި އަންނަނީ އެ މައްސަލަތައް ބަލަމުން. ދެން އޮތީ ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމުގެ މައްސަލަ. އެފަދަ މީހުންގެ ވަޒީފާ އިޢާދަކޮށްދިނުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު އެދަނީ ހިނގަމުން.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަޢުދު. ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައި ހުރި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް އަޅުގަނޑުމެން މިހާރު މި އަންނަނީ، އެ ކައުންސިލްތަކަށް އަނބުރާ ދެމުން. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މިހާރުވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި.

މި އިޞްލާޙުތަކާއެކު ރާއްޖޭގެ ހިންގުމަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ. ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މި ހުށަހެޅި އިޞްލާޙުތަކުގެ ތެރެއިން، އެންމެ މުހިއްމު އެއްކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން. ދައުލަތުގެ ބަޖެޓްގެ މަދުވެގެން ފަސް އިންސައްތަ ކަނޑައަޅާނީ ކައުންސިލްތަކަށް ކަމަށް، މި ބިލުގައި ވާނީ ހިމަނާފައި.

އަދި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިމާއި، ރަށްރަށާއި، ފަޅާއި ފަރުތަކުން ނެގޭ، ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ ސާޅީސް އިންސައްތަ، ސީދާ އެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެހިގެންދާނެ. އަދި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުންގެ ތެރެއިން ތެއްތިރީސް އިންސައްތަ، އަންހެނުންނަށް ޚާއްޞަ ކުރެވިގެންދާނެ. މީގެއިތުރުންވެސް މުހިންމު އިޞްލާޙުތަކެއް، މި ބިލުގައި ހިމެނޭނެ.

ދަނޑުވެރިކަމާއި، މަސްވެރިކަމުގައި އުޅޭ އަމިއްލަ މީހުންނަށް، މާލީ އިދާރާތަކުންނާއި، ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި. މި ސްކީމްގެ ދަށުން މިހާތަނަށް ދުއިސައްތަ އެއް މަސްވެރިން ވަނީ ބޭންކް އޮފް މޯލްޑިވްސްގެ [މަސްވެރިޔާ އެކައުންޓް] ހުޅުވާފައި.

މަސްވެރީން ގަންނަ ޑީސަލުން ނަގަމުން އައި ޑިއުޓީއާއި، ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ނަގަމުން އައި ޑިއުޓީ މިހާރު ވާނީ ކަނޑާލާފައި. މީގެ ފައިދާ މަސްވެރީންނަށާއި ދަނޑުވެރީންނަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި، އެސް.އެމް.އީ ބޭންކުގެ ޚިދުމަތް މިހާރުވަނީ ފެށިފައި. މިއީ ރައްޔިތު މީހާގެ މާލީ ޙާލަތު ރަނގަޅުކޮށްދިނުމަށް އަމާޒުކޮށްގެން ކުރެވުނު މުހިންމު ބައެއް ކަންތައްތައް.

ހަމައެފަދައިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެތެރެއިންވެސް، ފާހަގަކޮށްލެވޭ އެއްކަމަކީ، ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވައިލުން. އަދި ރާއްޖެއިން ބޭރުގައި ކިޔެވުމަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއްވެސް ތަޢާރުފް ކުރެވިއްޖެ.

އަޅުގަނޑު ދެކޭގޮތުގައި މިއީވެސް އިންޤިލާބީ ބަދަލުތަކެއް. މަތީ ތަޢުލީމުގެ ފުރުޞަތު، ކޮންމެ ދިވެހި ޒުވާނަކަށްވެސް ލިބިދޭންޖެހޭ. މިކަމާ ގުޅިގެން ދިވެހި ކޮންމެ ޢާއިލާއަކަށް ހިތްހަމަޖެހުން ލިބޭނެ. މިއީ ޢިލްމީ، ހުނަރުވެރި އަދި ވިސްނުންތެރި ޒުވާން ޖީލެއް ބިނާކުރުމުގެ ބިންގާ.

މި ސިޔާސަތުގެ ހެޔޮ ބަދަލު މުޅި ރާއްޖެއަށް ލިބިގެންދާނެ. މީގެއިތުރުންވެސް ތަޢުލީމީ ދާއިރާއަށް ބަލާއިރު، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމްވެސް މިހާރުވަނީ ފެށިފައި. މިއީ ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް.

ހަށިހެޔޮ، ދުޅަހެޔޮ ރައްޔިތެއްގެ މުހިއްމުކަން ކިތަންމެހާވެސް ބޮޑު. މިދިޔަ ހޯމަ ދުވަހު އަޅުގަނޑުމެން ހުޅުވި، މެންޓަލް ހެލްތު ސެންޓަރުން، ނަފްސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާކުރެވޭނެ. މިއީ މިފަދަ ސެންޓަރެއް، ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ފަހަރުކަންވެސް އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އަޅުގަނޑު އެންމެ ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއެކު ލިބޭނެގޮތް ހަމަޖެއްސުން.

އަޅުގަނޑު ހިތުން މިއީ، ސަރުކާރުން ކުރި ވަރަށް މުހިއްމު، އަދި ކުރަން ޖެހިފައި އޮތް ކަމެއްގެ ގޮތުގައި މުޅި ޤައުމު ބަލައިގެންފި. އޭގެ އެއް ހެތްކަކީ، އަޅުގަނޑުމެންގެ އެ ނިންމުން ނަމޫނާއަކަށް ބަލައިގެން، ޖުޑިޝަރީންވެސް އެގޮތަށް ނިންމުން. ބައެއް ކުންފުނިތަކާއި، ބައެއް މިނިވަން މުއައްސަސާތަކުންވެސް، އެގޮތަށް ޗުއްޓީ ދޭން މިހާރު ނިންމައިފި.

އަޅުގަނޑުމެންގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، ޖުމްލަ 160 ވަޢުދެއް ހިމެނޭ. އޭގެތެރެއިން މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ވަނީ 83 ޕަސެންޓް ވަޢުދު ފުއްދިފައި. ދެން ހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރެވެމުން.

މުޅިން ޚަރާބުވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ، ކަންކަން އިޞްލާޙު ކުރަން ބޭނުންވާ ބަޔަކަށް، 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް. އެހާ ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ގިނަ ކަންތައްތަކެއް، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ފުރިހަމަކޮށްދެއްވިކަމަށްޓަކައި، ކެބިނެޓްގެ ހީވާގި ވަޒީރުންނަށާއި، އެބޭފުޅުންގެ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ. އެހެންކަމުން، ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން، އެކަންކަން ފުރިހަމަކުރުމުގައި، މި އޮފީހުގެ ޕޮލިސީ އޮފީހާއި، އެހެން އޮފީސްތަކުން ކުރެއްވި މަސައްކަތްވެސް ނުހަނު އުފަލާއެކު ބަލައިގަނެ، މި އޮފީހުގެ ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

މިހާތަނަށް ހާސިލު ނުކުރެވިހުރި ބައެއް ކަންކަމަކީ، ދައުލަތުގެ އެހެން އިދާރާތަކާއި، އެހެން މުއައްސަސާތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާއި، ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސްގެން ކުރަންޖެހޭ ކަންތައް. އަދި ބައެއް ކަންކަމަކީ، ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއެކު ހާސިލުވެގެންދާނެ ކަންތައްތައް.

100 ދުވަހުގެ ވަޢުދާ ސީދާ ނުގުޅުނަސް، އެހެން ބައެއް ވާހަކަވެސް ތިޔަބޭފުޅުންނާ ޙިއްޞާކޮށްލާނަން. އެއީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ އަދި މާލީ ޙާލަތާބެހޭ ބައެއް ވާހަކަ.

އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން މިއަދާ ހަމައަށް، ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ވަނީ ދައުލަތަށް ލިބިފައި. އެއީ ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެތްކެއް.

މީގެއިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުކުރެވިފައި. މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. މީގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ މިހާރުވެސް އަންނަނީ ހަމަޖެހެމުން.

މިއަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ. އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ އިޢުލާނު ކުރެވިފައި. އަދި ބައެއް މަޝްރޫޢުތައް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުން.

މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ރިޒާވަށްވެސް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވި.

އަދި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް ވަނީ 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައި. މި ޢަދަދުތަކުން އެނގެނީ، އަޅުގަނޑު ވެރިކަމާ ޙަވާލުވިފަހުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިކަން.

ޔޫޒަބަލް ރިޒާވަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު. އަދި މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަކީ 242 މިލިއަން އެމެރިކާ ޑޮލަރު. އެހެންކަމުން، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން، ޔޫޒަބަލް ރިޒާވްވެސް މިވަނީ މަތިކުރެވިފައި.

އަޅުގަނޑުމެން ސަރުކާރުގައި މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތް ރައްޔިތުން ވަޒަންކުރާނެ. އަދި އެކަން އަޅުގަނޑުމެން ބަލައިވެސްގަންނަން. އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒަކީ، ވީ ވަޢުދުތައް ފުއްދުން. މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، މި ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދޭނެ ސަރުކާރަކަށް.

އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންނަށް އެދެނީ، ފާގަތިކަމާއި ކުރިއެރުން. އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގައި ހަމަޖެހުމާއި އުފާވެރިކަން ދަމަހައްޓައި، ތަރައްޤީއާއި ކާމިޔާބީ ހާސިލު ކުރުމުގެ ހެޔޮ ތައުފީޤް، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.