* މި އިންޓަރވިޔުގައި، ރާއްޖެ ޓީ.ވީ.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ސުވާލުތައް ދެންނެވީ އެތަނުގެ ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމެވެ.

ޢާމިރު ސަލީމް:

السّــلام عليــكم.

ޝުކުރު ދަންނަވަން. ވަޑައިގެން ދެއްވީތީ. އަޅުގަނޑު ވަރަށް ކުރިއްސުރެ އުއްމީދުކުރި ކަމެއް، އިންތިޒާރުކުރި ކަމެއް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަޅުގަނޑުމެންގެ ޝޯއަށް މެހްމާނެއްގެ ގޮތުގައި ވަޑައިގެން ދެއްވުން އިނގޭތޯ. ވަރަށް ޝުކުރު ދަންނަވަން އެކަމަށްޓަކައި. ކިހިނެއްތޯ، ރަނގަޅުތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އުފާވެރި ދުވަހަކަށް އެދެން އިނގޭތޯ. ދެން އަނެއްކާވެސް ވަރަށް އުފާވެރި ދުވަހެއް. ރާއްޖެ ޓީ.ވީ އަށް، ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން އާދެވުނީމަ އިނގޭތޯ. ހަމަ ރަނގަޅު އިނގޭތޯ.

ޢާމިރު ސަލީމް:

އަޅުގަނޑުގެ މަޢުލޫމާތު ގޯސް ނޫނީވިއްޔާ އިނގޭތޯ، ރައީސް، ރައީސްކަމުގެ ހުވާކުރެއްވި ފަހުން ރާއްޖޭގެ މީޑިއާއެއްގެ ޝޯއަކަށް، ޚާއްޞަކޮށް، ލައިވް ޝޯއަކަށް ވަޑައިގެންނެވި ފުރަތަމަފަހަރު. ރަނގަޅަށްތޯ އަޅުގަނޑަށް މި ދެންނެވުނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ރަނގަޅު ވާހަކައެއް. އަދި އަޅުގަނޑު ލައިވްކޮށްވެސް، އެހެން ގޮތަކަށްވެސް ޓީ.ވީ އަކަށް އަދި އިންޓަރވިޔުއެއް ނުދެން. ދެން މިއީ ފުރަތަމަ ފަހަރު. ލައިވް ޝޯއަކަށް އަޅުގަނޑު އައި ފުރަތަމަ ފަހަރު.

ޢާމިރު ސަލީމް:

ދެން އެ ޝަރަފު އަޅުގަނޑުމެންނަށް ދެއްވީތީ ވަރަށް ބޮޑަށް އުފާކުރަން އިނގޭތޯ. ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވާލަން އަދިވެސް އެއްފަހަރު އިނގޭތޯ.

ދެން މިއަދަކީ އަނެއްހެން ތާރީޚީވެސް ދުވަހެއް. ޚާއްޞަ ދުވަހެއް. ޚާއްޞައޭ މި ދެންނެވީ، ރައީސްގެ ރައީސްކަމަށް، މި ވެރިކަމަށް އިނގޭތޯ، ނުވަދިހަ ދުވަސް މާދަމާ ފުރޭނެ. އެހެން ނޫންތޯ.

ދެން މިއަދަކީ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، ތިޔަބޭފުޅުންގެ ސަތޭކަ ދުވަސް ފުރުމުގެ ކަންތައް ފަށްޓަވަން އިނގޭތޯ، މިއަދުގެ މި ޝޯއިން ފެށިގެން، ދެން މާދަމާއިން ފެށިގެން. އެންމެ ފުރަތަމަ އިނގޭތޯ، ނުވަދިހަ ދުވަސް ފުރިގެންދިޔައިރު، މަނިކުފާނު ހޯއްދެވި ކާމިޔާބީއަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާވެސް ދަންނަވަން، ޝުކުރުވެސް ދަންނަވަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މަސައްކަތު ނޫންތޯ.

ޢާމިރު ސަލީމް:

މަސައްކަތުގެ ދޮގެއްތޯ. ދެން އެހެންނަމަވެސް، ކާމިޔާބު ބޭފުޅެއްތާ ރައީސަކީ، ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެން ބައެއް ބޭފުޅުން އެ ވާހަކަ ދައްކަވައެއް ނޫންތޯ. ދުވަސް ގުނުމުގެ ވާހަކަ. އެހެންވީމާ، ދެން އަޅުގަނޑުމެން އެ މަސައްކަތު ދުވަހުގެ ގޮތުގައި ގުނަމުން ގެންދަނީ ދުވަސް.

ޢާމިރު ސަލީމް:

އެ ވާހަކަ، އާދެ، އަޅުގަނޑުވެސް މަނިކުފާނަށް ދަންނަވާލަން ހިތަށް އަރައިގެން ހުރީ. ބައެއް ބޭފުޅުން ވިދާޅުވޭ، ނޮވެންބަރު 17 ގައި ހުވާކުރެއްވީ. މިއަދު މިއީ މާރިޗު މަހުގެ 27 ދޮގެއްތޯ. އެހެންވީމާ، ގާތްގަނޑަކަށް ހަތަރުމަސް ވެއްޖެއޭ. އަދިވެސް ނުވަދިހަ ދުވަސް ކިޔަނީ ކީއްވެހެއްޔޭ؟ އެއީ ދެން ވަރކިންގ ޑޭޒް ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެގޮތުން ގުނާކަމަށްވަންޏާ، އަދި ސަތޭކަ ދުވަހެއްނުވޭ. ހުވާކުރިތާ، ގުނާކަމަށްވަންޏާ ސަތޭކަ ހަދުވަސް އިނގޭތޯ.

ޢާމިރު ސަލީމް:

ކިހިނެއްތޯ ދެން ރައީސް ކަމުގެ މަޤާމުގައި ވަރަށް ބުރަކޮށް އުޅުއްވާނީ އިނގޭތޯ. މިހާރު ކިހިނެއްތޯ، ޢާއިލާއަށް ވަގުތު ދެއްވޭތޯ، ބޭފުޅުންނަށާއެކު. ކިހިނެއްތޯ ޢާއްމު ދިރިއުޅުއްވުން؟ ހަމަ ކުރިއެކޭ އެއްގޮތަކަށް ނުދާނެ. ކިހިނެއްތޯ މިހާރު އެ ކަންކަން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ ވިދާޅުވާހެން ދެން ވަރަށް ބިޒީ ޝެޑިއުލެއް މި އޮންނަނީ އިނގޭތޯ. ހަމަ ކޮންމެ ސިކުންތެއްވެސް، ކޮންމެ މިނެޓެއްވެސް މަސައްކަތަށް ހަމަ ޝެޑިއުލް ކުރެވިފައި މި އޮންނަނީ.

އެހެންވީމާ، ކުރީގައި އެ ވަގުތު ދޭގޮތަކަށެއް ޢާއިލާއާއެކުއެއް ނުދެވޭ. އެހެންވިޔަސް ހަމަ އަޅުގަނޑު ބަލަން، ޢާއިލާއާ އެކީގައި ވަގުތު ހޭދަކުރެވޭތޯ. އެގޮތުން، ހަމަ މެންދުރުގެ ކެއުންވެސް، ހަވީރު ސައިވެސް، އަދި ރޭގަނޑުގެ ކެއުންވެސް ހަމަ ކޮންމެ ދުވަހަކު ކަހަލަހެން އަޅުގަނޑުމެން އެކީގައި ގެންދަނީ. ހަމަ އެވަގުތު އަޅުގަނޑު ހުސްކުރަން ޢާއިލާއާ އެކީގައި.

ޢާމިރު ސަލީމް:

ކުޅިވަރު ކުޅުއްވަން ވަގުތު، ދެން ނުވާނެ. އެކަމަކު ކޮންމެވެސް ވަގުތެއް ހޯއްދަވައިގެން އަޅުގަނޑަށް އެނގޭ ރައީސް ކުޅިވަރު ކުޅުއްވާނެކަން ދޮގެއްތޯ. ދެން ރައީސް އެއްފަހަރު އަޅުގަނޑުމެންނަށް ދެއްވި އިންޓަރވިޔުއެއްގައި ވިދާޅުވި ހަނދާން އެބަހުރި. ކުޅިވަރެއް ވެއްޖިއްޔާ ނޯންނާނެއޭ. ހަމަ ވަރަށް އިސް ޝައުޤުވެރިކަން ހުރެއޭ، ކޮންމެ ކުޅިވަރެއްވެސް ކުޅުއްވަން. ޚާއްޞަކޮށް، ރާޒުވާކަހަލަ އެއްޗެތި. އެއްވެސްކަހަލަ ވަގުތެއް ލިބިވަޑައިގަންނަވާތޯ، ކުޅިވަރެއް އެއްޗެއް ކުޅުއްވަން؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިހާރު ވަރަށް ވަރަށް ނުލިބޭ އިނގޭތޯ. ދެން ބައެއް ދުވަސް ދުވަހު ޓެނިސް ކުޅެލަން ހަވީރު. އެ އެކަނި ހަވީރު ގަޑީގައި ކުޅެވެނީ. ކުޅިވަރެއް ކުޅޭކަށް މާގިނަ ވަގުތެއް ނުލިބޭ. އެހެންވިޔަސް، ކަސްރަތު ކުރަން، އަޅުގަނޑު ބަލަން ވަގުތު ހޭދަކުރެވޭތޯ. އެކަމަކު ކުރީގައި ހެނދުނު އަޅުގަނޑު ކުރަނީ. އެކަމަކު މިހާރު ހަވީރު. ހަވީރޭ މި ދެންނެވީ، އޮފީސް ނިންމާފައި އައިސް ކޮންމެވެސް ވަގުތެއް ހޭދަކުރެވޭތޯ ބަލަން. އެކަމަކު އެވެސް ދެން ކޮންމެ ދުވަހަކު ނުލިބޭ. ހަފްތާއަކު ދެ ދުވަހު، ތިން ދުވަހު، އެންމެ ގިނަވިޔަސް މި ލިބެނީ އިނގޭތޯ.

ޢާމިރު ސަލީމް:

ޅެމެއް އެއްޗެއް ހައްދަވާނެ ވަގުތެއް ނުވާނެ. ދެން ޅެންވެސް ހައްދަވަން ދޮގެއްތޯ. އަޅުގަނޑު އެގޮތުން ބައެއް ވާހަކަ ދަންނަވާލާނަން. ބައެއް ސުވާލު ދަންނަވާލާނަން. މިދިޔަ ނުވަދިހަ ދުވަހާއި، ދެން މަނިކުފާނު ވަޢުދުތަކެއް ވެވަޑައިގެންފައި އެބަހުރި. ސަތޭކަ ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވަޢުދުވެވަޑައިގެންފައި ހުރި ކަންތައްތަކެއް އެބަހުރި އިނގޭތޯ. ދެން އެއާ ގުޅޭގޮތުން ބައެއް ޢާއްމު ރައްޔިތުންގެ މެއިން ސުވާލުތަކެއްވެސް އެބަހުރި.

ވަރަށްގިނަ ބަޔަކު އިނގޭތޯ، ވަރަށް ގަޔާވި ވާހަކައެއް، ވަރަށް ޝައުޤުވެރިވި ވާހަކައެއް. ޚާއްޞަކޮށް، އަންހެން ބޭފުޅުން ވިހައިގެން މި ލިބޭ ޗުއްޓީ، 6 މަހަށް އިތުރުކުރެއްވި ވާހަކަ އިނގޭތޯ. ދެން ހަމަ އެއާއެއްކޮށް، ފިރިމީހާއަށް ވަޒީފާގައި އުޅެންޏާ އެއްމަހުގެ ޗުއްޓީއެއް. ވަރަށްގިނަ މީހުން މަނިކުފާނަށް ވަރަށް ތަޢުރީފުވެސް ކުރި ކަމެއް.

ހަމަ އެއާއެކު، ބައެއް މީހުން ކުރި ސުވާލެއް، ރާއްޖޭގެ ސިވިލް ސަރވިސްގައި މީހުން ތިބި ޢަދަދާއި، އޭގެތެރޭގައި އަންހެން ބޭފުޅުން ތިބި ޢަދަދާ. ދެން އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން އެއީ ގާތްގަނޑަކަށް ފަންސަވީހަކަށް ހާސް ސިވިލް ސަރވަންޓުން ތިއްބެވިއިރު، ތޭރަހާހެއްހާ ބޭފުޅުންނަކީ އަންހެން ބޭފުޅުންނޭ. އޭގެ މެޖޯރިޓީއަކީ އަންހެން.

ދެން މިސާލަކަށް، ނަރުހުންނަށް ބެލިޔަސް. ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންނަކީ އަންހެން ބޭފުޅުންނޭ. މިއީ ދެން ސަސްޓެއިން ކުރެވޭނެ، ދެމެހެއްޓޭނެ ކަމެއްތޯއޭ، 6 މަސް ދުވަހުގެ ޗުއްޓީ. ކިހިނެއްތޯއޭ ވިސްނެވީ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން އޭގައި، ހަމަ ތިބެފައި ކުރި ކަމެއް ނޫން އެއީކީ އިނގޭތޯ. ކުރިއާލައި އޭގެ ދިރާސާއެއްވެސް ހަދައިގެން، އެއީ ދައުލަތުން އުފުލޭނެ ބުރައެއްތޯ ބަލާފައި، އެކަން ކުރީ އިނގޭތޯ. ތިޔަ ވިދާޅުވިހެން، ސިވިލް ސަރވިސްއަށް ބަލާއިރު، ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންނަކީ އަންހެން ބޭފުޅުން. އޭގެތެރޭގައި ސޯޅަހާސް ތިންސަތޭކަ. އަޅުގަނޑު ހިތުން އެބައުޅޭ މިހާރު.

ދެން ދިރާސާ އަޅުގަނޑުމެން ކުރިއިރުގައި، ވޭތުވެދިޔަ ފަސް އަހަރަށް ބެލިއިރުގައި، ގާތްގަނޑަކަށް އަންހެން ބޭފުޅުންގެ ނުވަ ޕަސެންޓް، ވިހެއުމާ ގުޅިގެން އެބަ ޗުއްޓީ ނަގާ އިނގޭތޯ. އެއީ ގާތްގަނޑަކަށް އެއްހާސް ހަތަރުސަތޭކަ. އެއަށް ބަލާފައި، ދިރާސާގެ އަލީގައި އަޅުގަނޑުމެން މިކަން މި ފެށީ. އެގޮތުން ބަލާއިރު، އެއީ ގާތްގަނޑަކަށް ތިރީސް މިލިއަން ރުފިޔާ، މަހެއްގެ މައްޗަށް، ވިހެއުމާ ގުޅިގެން މި ދޭ ޗުއްޓީއަށް އެބަ ޚަރަދުކުރަންޖެހޭ. ދެން ޗުއްޓީ ނަންގަވާ ބޭފުޅުންގެ މަސައްކަތްތައް އަދާކުރުމަށްޓަކައި ބަލާއިރު، ގާތްގަނޑަކަށް ހަތަރުސަތޭކައެއްހާ މުވައްޒަފުން ވަގުތީގޮތުން، ކޮންމެވެސް ގޮތަކުން އެބަ އެ ފިލްކުރަން ހޯދަންޖެހޭ.

އެހެންވީމާ، މިއީ ހަމަ ރަނގަޅު އެސެސްމެންޓެއްގެ ތެރެއިން، ރަނގަޅަށް ބަލާފައި، އެކަން ކުރެވޭނެ ކަމެއް ކަމަށްވާތީ އަޅުގަނޑުމެން ކުރި ކަމެއް. އަދި އެހެންނޫނަސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިކަހަލަ ކަންތައްތަކަކީ ދައުލަތުން ބުރައެއް އުފުލަންޖެހުނަސް، ކުރުން ރަނގަޅު ކަންތައްތައް އިނގޭތޯ. ސަރުކާރެއްގެ، ދައުލަތެއްގެ އެންމެބޮޑު ޒިންމާއަކަށްވާނީ، ރައްޔިތުންނަށް، ގިނަ ބަޔަކަށް، ވީހާވެސް ގިނަ ބަޔަކަށް ފައިދާހުރި ކަންތައްތައް ކުރުން. އެގޮތުން އެއީ ބެލިފައި ހަމަ ރަނގަޅަށް ކުރެވިފައި އޮތް ކަމެއް. އަޅުގަނޑު ހިތުން މިކަން ހަމަ ދެމެހެއްޓިގެންދާނެ އިނގޭތޯ.

ޢާމިރު ސަލީމް:

ދެން މިކަހަލަ ކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން އަޑުއިވޭނެ އަޅުގަނޑުމެންނަށް، ޢާންމުކޮށް ރާއްޖޭގައި ކުރިންވެސް އިނގޭތޯ. ސިވިލް ސަރވިސް ބޮޑުވެގެން ރިކަރެންޓް ޚަރަދު މައްޗަށްދާތީ. އެއާ ގުޅިގެން ވަކި ނާންނާނެ ދޮގެއްތޯ މާބޮޑު ތަފާތެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މި ދެންނެވީ އެއަށް އަންނާނެ ބަދަލު. ތިރީސް މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެންދާނެ، މުސާރައިގެ ތެރެއަށް. އެއީ މިފަހަރު ބަޖެޓް ކުރެވިފައިވެސް އޮންނާނެ. އެއީކީ ކުރިއަށް ނުރާވައި ކޮށްފައި އޮތް ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. ހަމަ ދެން ކޮންމެ އަހަރަކުވެސް އެބައި. އަޅުގަނޑު ހިތުން ދައުލަތުން ރިކަރެންޓް ޚަރަދުގެ ތެރެއިން ކުޑަކުރެވޭނެ ދިމަދިމާ އެބަހުރި އިނގޭތޯ. އެހެންވީމާ، އޭގެތެރެއިން އަޅުގަނޑުމެންނަށް އެ ބާކީކުރެވޭ ބައިން ހަމަޖައްސައިލެވޭނެ އިނގޭތޯ.

 ޢާމިރު ސަލީމް:

ދެން އަނެއްކަމަކީ ބޯހިޔާވަހިކަން. އެންމެ ގިނަ މީހުން އަބަދުވެސް އެންމެ ހިތްދަތިވެގެން އުޅޭ ކަމަކީ ބޯހިޔާވަހިކަމެއް ނެތިގެން އިނގޭތޯ. މީހަކާވެސް ނީނދެވިގެން، ބޯހިޔާވަހިކަމެއް ނެތިގެން. ދަރިން ނުހޯދިގެން، ބޯހިޔާވަހިކަން ނެތިގެން ދޮގެއްތޯ.

މަނިކުފާނުގެ ވަޢުދެއް އެބައޮތް، މަނިކުފާނުގެ ފަސް އަހަރު ނިމޭއިރު، ބޯހިޔާކަން ނެތް މީހަކު ނުހުންނާނެއޭ އިނގޭތޯ. ވަރަށްގިނަ މީހުންނަށް ވަރަށްބޮޑު އުފާވެރިކަމެއް އައި ކަމެއް. އަޅުގަނޑަށް ހީވަނީ މީހަކާ ނީނދެވިފައި ތިބި ވަރަށްގިނަ މީހުން މީހަކާ އިންނަންވެސް ނިންމައިފިކަންނޭނގެ މިހާރު އެކަމާ ގުޅިގެން އިނގޭތޯ. އެވެސް އެކަމަކު އެއާ ގުޅިގެން ބައެއް މީހުން ހަމަ ކުރާ ސުވާލެއް. ކިހިނެއްތޯއޭ، ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ނެތް މީހަކު ނުހުންނާނެއޭ ވިދާޅުވަނީ، ކިހިނެއްތޯއޭ. ކޮބައިތޯއޭ އޭގެ ޕްލޭނަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް، އޭގެ ރަނގަޅު ނީޑް އެސެސްމަންޓެއް އަދި ހެދިފައެއް ނެތް އިނގޭތޯ. އަދި ހެދިފައި އޮތަސް، މިހާރު އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ބަލަންޖެހޭނެ އިނގޭތޯ. ބަދަލުތަކެއް އަންނާނެ. އެއީ ރައްޔިތުން އެއްތަނުން އަނެއް ތަނަށް ދިރިއުޅުމަށް ހިޖުރަކުރުމާ ގުޅިގެން. ޚާއްޞަކޮށް، މާލެ ސަރަޙައްދަށް ވަރަށްގިނަ ބަޔަކު، މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިޖުރަކޮށްފައި މިއޮތީ. ތިޔަބޭފުޅުންނަށް ދަފްތަރުން އެކަން އެނގިވަޑައިގަންނަވާނެ އިނގޭތޯ.

އެހެންވީމާ، ފުރަތަމަ ކަމަކަށް، ސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޮށް އެބަ ނިންމަން، ނީޑް އެސެސްމަންޓެއް. އެއަށް ހައުސިންގ ނީޑް އެސެސްމަންޓެއް ހަދާނީ. މިހާރު ދެން ގާތްގަނޑަކަށް ނިމިފައި އޮތީ. ކުރީގައި ހެދިފައި، ބެލިފައި ހުރި ކަންތައްތަކަށް ބަލާއިރުގައި، ގާތްގަނޑަކަށް ވިހިހާސް ބޯހިޔާވަހިކަން އެބަ ބޭނުންވޭ. ޢާއިލާ އެބަ ބޭނުންވޭ ބޯހިޔާވަހިކަމުގެ. އޭގެތެރެއިން މާލެއަށް އަދި ޚާއްޞަކޮށްގެން ބަލާއިރު، މާލޭގައި އެބައުޅޭ ހަމަ ގެދޮރު ނެތް ހަތަރުހާހެއްހާ މީހުން. އުޅޭކަމަށް އަޅުގަނޑުމެންނަށް މި ދިރާސާތަކުން މި ދައްކަނީ. ފައިނަލް އެތި އަޅުގަނޑުމެންނަށް އެނގޭނީ މި އެސެސްމަންޓަށްފަހު.

އެހެންވީމާ، އޭގެ އަލީގައި އަޅުގަނޑުމެން މި ހައުސިންގ ޕްރޮގްރާމް ކުރިއަށް މިގެންދަނީ. އަޅުގަނޑު ހިތުން އެކަން ކުރެވޭނެ އިނގޭތޯ. ދެން އަދި އެއާއެކީގައި އެފޯޑެބަލް، ހަމަ އަތްފޯރާފަށުގައި ބަހައްޓައިގެން މިކަން ކުރަން އަޅުގަނޑުމެން މި ނިންމަނީ. މިއަދު އޭގެތެރެއިން އިރާދަކުރެއްވިއްޔާ ހަތަރުހާސް ޔުނިޓްގެ އެގްރީމަންޓާ ހިސާބަށް ދެވޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަނީ. ހަމަގައިމުވެސް އަގު ހުންނާނީ އިރާދަކުރެއްވިއްޔާ އަތްފޯރާފަށުގައި. ހަހާސް ރުފިޔާއަށްވުރެ މަތިނުވާވަރަށް ސޯޝަލް ހައުސިންގ އަޅުގަނޑުމެން ދޭނީ. އެއީ ތިން ބެޑްރޫމްގެ، ތިން ކޮޓަރީގެ ތަނެއް، އެހިސާބުގައި ބެހެއްޓޭތޯ އަޅުގަނޑުމެން މި ބަލަނީ. އެކަން ފަސްހާހާއި ހަހާހާ ދޭތެރޭގައި ހުންނާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ އިނގޭތޯ.

ޢާމިރު ސަލީމް:

ދެން ވަރަށް އުފާވެރި ޚަބަރަކަށްވާނެ އިނގޭތޯ. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ބޯހިޔާވަހިކަން ނުލިބޭ ވާހަކަ. ދެން ލިބިއްޖިއްޔާ ދައްކަނީ އަގުބޮޑު ވާހަކަ ދޮގެއްތޯ. ޚަރަދުބަރަދު ދެކޮޅުނުޖެއްސޭ ވާހަކަ. ލިބޭ އެއްޗަކުން ނޫޅެވޭ ވާހަކަ. އެކަމަކު ތިޔަ ވިދާޅުވި ޢަދަދުގައި ހިފަހައްޓަވައިފިއްޔާ، އަޅުގަނޑަށް ހީވަނީ ވަރަށްގިނަ ރައްޔިތުން ހިތްހަމަޖެހޭނެހެން.

އެހެންވީމާ، ވާހަކައަކީ އެކަން ކުރެއްވޭނެއޭ، ކުރައްވާނެއޭ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑުމެން އެކަމަށްޓަކައި ކުންފުންޏެއް މި ހެދީ އިނގޭތޯ. ހަދާފައި، އޭގެތެރެއިން އެއް ކުންފުނީގެ މަޤްޞަދަކަށް މިވީ އަގުތައް ކޮންޓްރޯލް ކޮށްފައި، ސޯޝަލް ހައުސިންގއަށް ހަމައެކަނި ޓާގެޓްކޮށްގެން، ބޮޑަށް ޓާގެޓްކޮށްގެން އަގުތައް އެއްވަރެއްގައި ހިފަހައްޓައިގެން އެފޯޑެބަލް އަގެއްގައި، އަތްފޯރާފަށުގައި އެކަން ކުރެވޭތޯ.

އެހެންވީމާ، އޭގެތެރެއިން ފުރަތަމަ ހަތަރުހާސް ޔުނިޓެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ އިނގޭތޯ.

ޢާމިރު ސަލީމް:

ވަރަށްގިނަ ބޭފުޅުން އިނގޭތޯ ވިދާޅުވޭ. ސިޔާސީގޮތުން ޚިޔާލުތަފާތު މީހުންވިޔަސް އިނގޭތޯ. ދެބަސްވެގެން އުޅޭ މީހުންވިޔަސް، އެއްބޭފުޅަކަށް އިނގޭތޯ، އެ ދެ މީހެއްގެ ދޭތެރޭ ހަމަޖައްސައިލެވެންޏާ، އެބޭފުޅަކަށްވާނެއޭ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިނގޭތޯ. މި ދެންނެވީ، މީހުންގެ ދޭތެރޭގައި މި ހުންނަ މައްސަލަތައް ޙައްލުކޮށްލަން. ޞުލްޙަކޮށްލަން އެންމެ ރަނގަޅު ބޭފުޅަކަށްވާނެއޭ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިނގޭތޯ. މިހާރު އެކަމަކު އިނގޭތޯ، ކޯލިޝަންގެ ތެރޭގައި ދެން ކޮންމެވެސްވަރެއްގެ ކުނިތަކެއް ޖެހިފައި ހުރިކަމަށް އަޑުތައް އިވޭ. އެ މަންޒަރު ފެންނަންވެސް ފެނޭ. ދެން ބައެއް ބޭފުޅުން ވިދާޅުވާނެ، ނެތޭ މައްސަލައެއް އިނގޭތޯ. އެކަމަކުވެސް ދެން މައްސަލައެއް ހުރިކަން އިނގޭ، އެކި ތަންތާނގައި ދެކެވޭ ވާހަކަތަކުން.

ޖުމްހޫރީ ޕާޓީއާއި ސަރުކާރާ، ނޫނީ މި ކޯލިޝަނާ މައްސަލަތަކެއް ޖެހި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ޖުމްހޫރީ ޕާޓީ ފާޅުގައި އިދިކޮޅު ޕީ.ޕީ.އެމް.އާ އެއްކޮށް މަސައްކަތް ކުރަން ފަށައިފިއްޔާ، ސަރުކާރަށް އެއްވެސް ލޮޅުމެއް އައިސްފާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ސަރުކާރަކަށް ލޮޅުމެއް ނާންނާނެ އިނގޭތޯ. ދެން އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެއީ އަޅުގަނޑުމެންގެ ކޯލިޝަން ރޫޅިގެންދާވަރު ކަމެއް އަދި މިހާތަނަށް ވެފައި އޮތް ކަމަކަށް. އަދި ކޯލިޝަން ރޫޅޭނެ ކަމަކަށްވެސް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ. ތިޔަ ވިދާޅުވާހެން ޚިޔާލުތަފާތުވުން ހުންނާނެ. އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގައި، އަޅުގަނޑުމެންނާ އެކީގައި ދާން އެއްބަސްނުވެވުނީމާ، އެ ޚިޔާލުތަފާތުވުންތައް އެބަހުރި އިނގޭތޯ. އެހެންވިޔަސް، އޭގެ ސަބަބުން ކޯލިޝަން ރޫޅޭވަރުގެ ކަމެއް ދިމާވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައް އަޅުގަނޑު އެބަ ކުރަން. އަޅުގަނޑު ހިތުން އެކަން އަޅުގަނޑަށް ހާސިލު ކުރެވޭނެ އިރާދަކުރެއްވިއްޔާ.

ޢާމިރު ސަލީމް:

ވަރަށްގިނަ މީހުން ފާހަގަކުރަނީ އެގޮތަށް. ރައީސަށް އެކަން ކުރެއްވޭނެ ކަމަށް ވަރަށް ޔަޤީނޭ އިނގޭތޯ.

ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަވަން ވަޢުދުވެވަޑައިގެންފައި ހުރި ކަންތައްތަކުގެ ތެރެއިން ވަރަށްގިނަ ކަންތައްތައް އެބަ ފުދެމުންދާ ކަމަށް އެންމެންވެސް ގަބޫލުކުރޭ. އަނެއްކާ ގިނަ ކަންކަން ރައީސް ވިދާޅުވެފައި ހުރި މުއްދަތަށްވުރެ އަވަހަށް ކުރައްވާކަންވެސް ގަބޫލުކުރޭ އިނގޭތޯ. މިހާރު ނުފުއްދެވިފައި ހުރީ ކޮން ކަންތައްތަކެއްތޯ؟ ދެން ދިހަވަރަކަށް ދުވަސް ބާކީ މިއޮތީ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިހާރު އަޅުގަނޑުމެންނަށް އިއްޔެއާ ހިސާބަށް ނުވަދިހަ ދުވަސް ފުރޭތީ ބަލައިލައިފިން ކިހާ މަސައްކަތެއްތޯ ކުރެވިފައި ހުރީ. ބެލިއިރުގައި އަށްޑިހަ ތިން ޕަސެންޓާ ހިސާބަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ވެފައި ހުރި ވަޢުދުތައް ފުއްދިފައި ހުރީ. ދެން އަދި ނިމިފައި އިނގޭތޯ، އަދި އޭގެތެރޭގައި މިހާރުވެސް ކުރިއަށްދާ ބައެއް ކަންތައްތައް އެބަހުރި އިނގޭތޯ.

އެހެންވީމާ، މަސައްކަތު ސަތޭކަ ދުވަސް ހަމަވާއިރުގައި، ހަމަ މިއަށްވުރެ ބޮޑު ބައެއް އަޅުގަނޑުމެންނަށް ފުއްދޭނެ ކަމަށް މި ގަބޫލުކުރަނީ. ދެން ނުކުރެވި ހުރި ކަންތައްތަކަށް ބަލާއިރުގައި، އެންމެ މުހިއްމު އެއްކަމެއް އެއީ ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތް. އެއީ އަޅުގަނޑުމެންނަށް އެންމެ ގިނައިން އަޑުއިވުނު އެއް ކަންތައް. އެއީ ރައްޔިތުންގެ މަޖިލީހުގެވެސް އެއްބާރުލުމާ އެކީގައި ނޫނީވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫން. އެކަހަލަ ދަތިހުރި ބައެއް ކަންތައްތައް އެބަހުރި އިނގޭތޯ. އަނެއްހެން ބަލާއިރުގައި، ދެންހުރި ކަންތައްތަކަކީ ހަމަ ފުއްދޭނެ، އިރާދަކުރެއްވިއްޔާ ކުރެވޭނެ ކަންތައްތައް.

އަޅުގަނޑު މި ދެންނެވީ، ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމުގެ މަސައްކަތް ނުކުރެވޭނެ ވާހަކައެއް ނޫން އިނގޭތޯ. އަދި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާ އެކީގައި، އަދި ޝަރުޢީ ދާއިރާގައިވެސް އެބަ ތިއްބެވި، މިއަށް ކޮންޓްރިބިއުޓް ކުރެވޭނެ ބޭފުޅުން އިނގޭތޯ. އިޞްލާޙުގެ މަސައްކަތް ކުރަންދާއިރު. އެހެންވީމާ، އެ ހުރިހާ ޚިޔާލަކާ އެކީގައި މިކަންވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އިނގޭތޯ.

ޢާމިރު ސަލީމް:

ދެން އަޅުގަނޑު އެހެންވީމާ އަހާލަން މިއުޅެނީ އިނގޭތޯ. ހަމަ އެކަން ކުރެއްވޭނެތޯ؟ އެއީ ބައެއް ބޭފުޅުން ވިދާޅުވަނީ، ޝަރުޢީ ދާއިރާ އިޞްލާޙު ކުރަން އުޅުމަކީ، އަލިފާނުގައި އަތްލުން ކަހަލަ ކަމެކޭ އިނގޭތޯ. އެއީ ނުރައްކާވެސް ކަމެކޭ، ރައީސަކު ކުރައްވަން، މަސައްކަތް ކުރައްވަން އިނގޭތޯ. އެހެންވީމާ، އެކަން ކުރެއްވޭނެހެއްޔޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، ހަމަ ސަރުކާރުން އަޅުގަނޑުމެން ސިޔާސީ މީހުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓާލަންވީ އިނގޭތޯ. ފުރަތަމަ އަޅުގަނޑުމެން އެ ފިޔަވަޅު ނަގަންވީ އިނގޭތޯ. އޭރުން އަޅުގަނޑު ހިތުން ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް މިކުރާ މަސައްކަތަށް މަގުފަހިވެގެންދާނެ އިނގޭތޯ. މިހާރު މިހާތަނަށް ވެފައި މިއޮތްގޮތަކީ، ހަމަ ގަބޫލުކުރެއްވިޔަސް، ނުކުރެއްވިޔަސް ހަމަ ސަރުކާރުގެ ތެރެއިން އެ ނުފޫޒު، މިދޭތެރެއިން ފޯރާފައި މިއޮތީ. އޭގެ ސަބަބުން ގެންނަންވާ އިޞްލާޙުތައް ނެގެނެވި ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޢަޒުމް ކަނޑައަޅައިގެން މިހުރީ، އަދި އަޅުގަނޑުގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ އެކަމެއް ނުވަސް ކުރާނަން. އެ ނުފޫޒު ފޯރުވަން އެއްވެސް ކަމެއް އަޅުގަނޑު ކުރާކަށް ނެތިން އިނގޭތޯ.

ޢާމިރު ސަލީމް:

ވަރަށް ބޮޑު، ވަރަށް ގިނަ ގޮންޖެހުންތަކާ މަނިކުފާނާ މިދިޔަ ދުވަސްތަކުގެ ތެރޭގައި ކުރިމަތިވެވަޑައިގެންފައި ހުންނާނީ އިނގޭތޯ. އެއީ ދެން އެހާ ޢާއްމުކޮށް މީހުންނަށް އެ ހުރިހާ ކަމެއް އެނގޭކަށްވެސް ނުޖެހޭ. މިދިޔަ ނުވަދިހަ ދުވަހުގެ ތެރޭގައި، ސަރުކާރު ހިންގެވުމުގައި އެންމެ ދަތިފުޅުވި ކަމަކީ ކޮބައިތޯ؟ ކޮބައިތޯ އެންމެ އުނދަގޫ ކަމަކަށް ދިމާވި ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެބަހުރި އިނގޭތޯ. ކޯލިޝަނެއް މިއީ އިނގޭތޯ. ކޯލިޝަނެއް، ފުރަތަމަ ޤައުމެއް ފޯމްކޮށްގެން، ކުރިއަށްދާން ދަތިވި އެންމެބޮޑު ސަބަބަކީ، އަދިވެސް، މިހާރުވެސް ހުރި އެއް ދައްޗަކީ ވަޒީފާ ދިނުމާއި، ވަޒީފާއިން މީހުން ވަކިކުރުމުގެ މައްސަލަތައް އިނގޭތޯ. ޕާޓީތަކުން ފޮނުވާ ނަންތައް، ނޫނީވިއްޔާ މީހުންނަށް ވަޒީފާ ދިނުން އެއީ އެ ޕާޓީއަކުން ހަމަ ބާރުއަޅާ، ހަމަ ޕުޝް ކުރަމުންގެންދާ ކަމެއް. އަދި ބައެއް ފަރާތްތައް، ވަޒީފާއިން ވަކިކުރަންވެސް، އެކަންތަކުގައި އެބައާދޭ އިނގޭތޯ.

އެހެންވީމާ، ވަޒީފާއެއް ނުދެވޭ ކޮންމެ ފަހަރަކީ، ބޮޑު މައްސަލައަކަށްވެގެން އެބަދޭ. އަނެއްކާ ހަމަ ވަޒީފާދޭއިރަށް މަޖިލީހުގައި އެއަށް އެބަ ފާޑުކިޔާ. ބައެއް އެޕޮއިންޓްމަންޓްތަކަށް އިނގޭތޯ. މިއީ އަޅުގަނޑަށް ޙައްލުކުރަން އެންމެ މިހާތަނަށް އުނދަގޫވި އެއްކަމަކީ. ވަޒީފާ ދިނުމާއި، ވަޒީފާ ނުދިނުމާ. އެ ދެ ކަންތައް އިނގޭތޯ. ބައެއްފަހަރު އެހެން ވަޒީފާތައް އެ އަންނަ ލިސްޓް ހިފަހައްޓައިފިއްޔާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މީޑިއާގައި ބައެއް ލީޑަރުން އަރާ އެބަ ވިދާޅުވޭ، ތިމަންނާމެންނަށް އޮތް ޕޯޝަން، ނޫނީވިއްޔާ ދޭންވާވަރު ނުލިބޭ ވާހަކަ. އެހެންވިޔަސް، ދައުލަތުގެ، ސަރުކާރުގެ މަޤާމަކަށް އަޅުގަނޑުމެން ޢައްޔަނު ކުރަންވާނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެކަމަށް އެކަށީގެންވާ ބޭފުޅުން އިނގޭތޯ. އެއީ ހަމަ އަދިވެސް އަޅުގަނޑަށް މިއަދުވެސް ކުރިމަތީގައި އޮތް އެންމެބޮޑު ގޮންޖެހުމަކީ އިނގޭތޯ. އުނދަގޫވާ ކަމަކީ.

ޢާމިރު ސަލީމް:

ދެން އަޅުގަނޑުމެންނަށް ރަށުތެރޭގައި މިހެން ދެކެވޭ ވާހަކަ އަޑުއިވޭއިރުވެސް، އެންމެގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާ ކަމަކީ ކޮބައިހޭ އަހައިފިއްޔާ، ވަރަށްގިނަ މީހުން ބުނާނެ އެކަންތައް އިނގޭތޯ. ބައެއް މީހުން ޝަކުވާ ކުރާނެ، ތިޔަ ވިދާޅުވިހެން، ކުރީގައި ތިބި ބައެއް މީސްމީހުން ނުކަނޑައޭ، ވަތްކެއް ނުކުރެއޭ. ހަމަ ރައީސް ޔާމީނުގެ ވެރިކަމުގައި ތިބި މީހުންނޭ ތިބީ. އެހެންވެގެންނޭ ކަންކަން ގޯސްވަނީ. ބައެއް މީހުން މައްސަލަ ޖައްސަނީ، ވަޒީފާދޭ މީހުންގެ ކޮލިޓީއާ ދޭތެރޭގައި. ދެން އަޅުގަނޑަށްވެސް އެނގޭ، ވަރަށްބޮޑު ޗެލެންޖަކަށްވެސް ވެގެންދާނެކަން އެކަންތައް ދޮގެއްތޯ. އެކަމަކުވެސް މަނިކުފާނު ވަރަށް ޙިކުމަތްތެރިކަމާއެކު އެކަން ގެންދަވާކަން ވަރަށްގިނަ ބޭފުޅުން ގަބޫލުވެސް ކުރައްވާ އިނގޭތޯ.

ދެން އަޅުގަނޑަށް އިނގޭ، މިދިޔަ ނުވަދިހަ ދުވަހުގެ ތެރޭގައި ކުރެއްވުނު ހަމަ ހުރިހާ ކަމަކާ ދޭތެރޭގައި މަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާނެކަން. އެކަމަކުވެސް އަޅުގަނޑަށް ހީވަނީ އޮވެދާނެކަންނޭނގެ، ކޮންމެވެސްކަހަލަ ކަމެއް މަނިކުފާނު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ، މިދިޔަ ނުވަދިހަ ދުވަހުގެ ތެރޭގައި ކުރެއްވުނު ކަންކަމުގެ ތެރޭގައި. ކޮބައިތޯ އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ދެކަމެއް އެބައޮތް. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ދެކަމެއް. އެއް ކަންތަކުގެ ވާހަކަ، އަޅުގަނޑުގެ މި ޝޯ ފަށަމުން މި ދެއްކީ. ވިހެއުމާ ގުޅިގެން ދެމަފިރިންނަށް މި ލިބޭ ޗުއްޓީގެ ވާހަކަ. މުސާރައާ އެކީގައި ދޭ ޗުއްޓީގެ ވާހަކަ. އެއީ، އަޅުގަނޑުމެންގެ މި ވެރިކަމުގައި ކުރެވުނު އެންމެ ރަނގަޅު އެއްކަންތައް އިނގޭތޯ. އަޅުގަނޑު ހަމަ ވަރަށް އުފާކުރާ ކަމެއް.

ހަމަ އެއާއެކީގައި، ތަޢުލީމީ ދާއިރާއަށް އަޅުގަނޑުމެންނަށް މި ކޮށްދެވުނު ކަންތައް. އޭގެތެރޭގައި، ޚާއްޞަކޮށް، ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރްޞަތު ފޯރުކޮށްދިނުމަކީ އެއީ މި ސަރުކާރުން އަޅުގަނޑު ހިތުން މުޅި ރައްޔިތުންނަށް، ޖުމްލަކޮށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަންތައް ކޮށްދެވިފައި އެއޮތީ. ހެނދުނުގެ ނާސްތާ އާއި، ހިލޭ މަތީ ތަޢުލީމު، ރާއްޖޭގައި ތިބެގެން ހާސިލު ކުރުމުގެ ފުރްޞަތާއި އަދި ބޭރަށް ކިޔަވަންދާ ކުދިންނަށް ލޯނު ދިނުމާ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ މި ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި އޮތް އެންމެ ރަނގަޅު ދެކަންތައް ކަމުގައި ލިޔެވިގެންދާނެ. އަޅުގަނޑު ހަމަގައިމުވެސް ގަބޫލުކުރާ ދެކަންތައް އިނގޭތޯ އެއީ. އެއަށްވުރެ ރަނގަޅު ކަމެއް އަދި ކުރިއަށް އޮތް ތާނގައިވެސް ހަމަ ނުވެ ހިނގައިދާނެ. ހަމަގައިމުވެސް ލިސްޓްގެ އެންމެ ކުރިއަށް އަންނާނެ.

ޢާމިރު ސަލީމް:

ދެން މަނިކުފާނަކީ ވަރަށް ކެތްތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ. ރައްޔިތުންގެ މަޖިލީހުގައި އުޅުއްވިއިރުވެސް. އެއީ އަޅުގަނޑުމެންނަށް އެއްފަހަރު ފެނުނު ވީޑިއޯއެއް. އިދިކޮޅު ބައެއް މެންބަރުން މަނިކުފާނު ކޮޓަރިކޮޅަށް ވަދެގެން، ވަރަށް ބޮޑަށް ހަޅޭއްލެވިއިރުވެސް މަނިކުފާނު ވަރަށް ހަމަޖެހިގެން އިންނެވީ މަންޒަރު ވީޑިއޯއިން ފެނުނު. މިހާރުވެސް ވަރަށްގިނަ މީހުން ބުނޭ، ވަރަށް ކެތްތެރި ބޭފުޅެކޭ. ސަރުކާރުގެ ތެރޭގައި ހުންނާނެ ވަރަށް ބައިވަރު ގޮންޖެހުންތައް. ބައިވަރު މައްސަލަތައް ދިމާވެފައި. އެއްވެސް ފަހަރަކު ހިތްޕުޅަށްއެރިތޯ، ދެން މިކަން ނުކުރެވުނުނަމަ، މިކަމާ ނޫޅެވުނުނަމަ ރަނގަޅޭ. ރައްޔިތުންގެ މަޖިލީހުގައި އުޅުއްވިގޮތަށް އުޅުއްވުނުނަމަ މާރަނގަޅޭ. އެކަހަލަ ވަގުތެއް އައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން، ނާދޭ. މިކަމާ އަޅުގަނޑު ޙަވާލުވުމަށްފަހުގައި، މި އަންނަ ގޮންޖެހުންތަކާއި އުނދަގޫތަކުގެ ތެރޭގައިވެސް އަޅުގަނޑު ހިތަށްއަރަނީ، މި ކުރެވުނީ ހަމަ ރަނގަޅު ކަމެކޭ. މިއީ މިވަގުތު އަޅުގަނޑު ހަމަ ކުރަންޖެހޭ ކަމެކޭ އިނގޭތޯ. އެންމެންނާ އެކީގައި ޤައުމުގެ މަޞްލަޙަތު ހިފަހައްޓައިގެން، ޞުލްޙަމަސަލަސްކަން މިތަނުގައި ދަމަހައްޓައިގެން ޤައުމު ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުގެ ސިޔާސީ ޙަޔާތް ނިންމަމުންދާއިރުގައި، ހަމަ ކުރަން ރަނގަޅު ކަމެކޭ. ކުރިއަކުން ހިތަކަށްނާރާ. އެހެންނަމަވެސް، މިހާރު އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑު ކުރަން ހަމަ އެންމެ ރަނގަޅު ކަމެކޭ މިކަމަކީ އިނގޭތޯ.


ޢާމިރު ސަލީމް:

ރައީސަކީ ވަރަށް އަވަހަށް ހޭފުޅުލައްވާ ބޭފުޅެކޭ. ވަރަށް އަވަހަށް އަވަހާރަފުޅު ލައްޕަވާ ބޭފުޅެކޭ ބުނާއަޑު އިވޭ. މިހާރު ދެން ވަރަށް ބުރަކޮށް އުޅުއްވާނީ. ގަޑިތަކަށް ބަދަލުއެއް އަތުވެއްޖެތޯ؟ މިހާރު ކޮންއިރަކުތޯ ހޭފުޅުލައްވަނީ. ކޮންއިރަކުތޯ އަވަހާރަފުޅު ލައްޕަވަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މިހާރު ބަދަލުކުރެވިއްޖެ. ކުރީގައި ވެއްޖިއްޔާ އަޅުގަނޑު މިއީ ދިހައެއްޖަހާ، ދިހަގަޑި ބައިގައި ނިދާ މީހެއް. މިހާރު އަޅުގަނޑު ނިދާ ގަޑިއަކީ ބާރަ ޖަހާއިރު އިނގޭތޯ. ހެނދުނު އެބަ ހޭލަން،
5 ޖަހާއިރު، 5:15 އެހާއިރު ބަންގިއާ އެކީގައި. ފަތިސް ނަމާދަށްފަހު ކުޑަ ބުރޭކެއް، ރެސްޓެއް ނަގަން އެ ގަޑީގައި. ދެން ހަގަޑިބައި އެހާކަންހާއިރު މަސައްކަތް ފަށަނީ ހެނދުނު. ފުރަތަމަ ކަމަކަށް އަޅުގަނޑު މިކުރަނީ ހުރި މެސެޖްތައް ބެލުން ފޯނުން. އެއީ ވަރަށް ބުރަ މަސައްކަތެއް އިނގޭތޯ. އަޅުގަނޑު މިކަމާ ޙަވާލުވިތާ ފުރަތަމަކޮޅު އަޅުގަނޑަކަށް އެހާ ރަނގަޅަކަށް މެސެޖްތަކެއް ނުބެލޭ، މީހުން ފޮނުވާފައި ހުންނަ. އެހެންވީމާ، މިހާރު ކޮންމެ ދުވަހަކު ސައުވީސް ގަޑިއިރަކުން އަޅުގަނޑު ބަލަން އެކަން ކުރެވޭތޯ. ހެނދުނު ހޭލައިގެން ގާތްގަނޑަކަށް ގަޑިއެއްހާއިރު މެސެޖްތަކަށް ޖަވާބު ދިނުމާ ކަންތައްތައް އޮންނާނީ. އެއީ ފެށޭގޮތަކީ. ދެން އޮފީސް ނިންމާފައި މި އަންނަނީ ފަހެއް ޖަހާއިރު. 9 ން 5 އަށް އޮފީހުގައި މިއުޅެނީ އިނގޭތޯ. އެ ދެން އެންމެ އަވަހަށް ނިންމާ ގަޑި. ބައެއް ދުވަސް ދުވަހު 6 ޖަހާއިރުދާނެ. އައިސްފައި އެދޭތެރޭގައި ކުޑަ ރެސްޓެއް އަޅުގަނޑު ނަގަން 45 މިނެޓުގެ. އެއަށްފަހު، ރޭގަނޑު 8:30 އެހާއިރު މަސައްކަތް މި ފަށަނީ ރޭގަނޑު. ފަށައިގެން ގޮސް 12 ޖަހަންދެން. 12 އިން 5 އަށް އެއީ އަޅުގަނޑުގެ ނިދާގަޑި. ހެނދުނުކޮޅު އެހާ ބޮޑަށް ނިދާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި. އެހެންވީމާ، އެކަހަލަ ޝެޑިއުލެއްގައި.

ދެން އަޅުގަނޑު ވިސްނައިގެން މިހުރީ ކުރިއަށް މިއޮތް 5 އަހަރު، ވެރިކަމުގައި ހުންނަ 5 އަހަރު ތެރޭގައި މިނޫންގޮތަކަށް ނުވާނެއޭ. އެހެންވީމާ، ސިކުނޑި އެގޮތަށް މިހާރު އަޅުގަނޑު ބަދަލުކޮށްލައިފިން. ބަދަލުކޮށްލައިގެން، ފޯކަސްކޮށްގެން، އެއީ އަޅުގަނޑު ކުރަންޖެހޭ ކަންތައް ކަމަށް ބަލައިގެން، އެގޮތަށް މިގެންދަނީ.

ޢާމިރު ސަލީމް:

އެހެންވީމާ، މައިގަނޑު ޝެޑިއުލް، ކޮންމެ ދުވަހަކުވެސް ދާނީ އެކަހަލަގޮތަކަށް ދޮގެއްތޯ. ދެން އަޅުގަނޑަށް އެނގޭ ފަރިއްކޮޅަށްވެސް ބަދަލުތަކެއް އަންނާނެ އިނގޭތޯ، ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން. ދެން ރައީސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަޅުގަނޑުމެންނާ ބައްދަލުވި ބައެއްފަހަރުތަކުގައި، އިންޓަރވިޔުތަކުގައި އެ ވާހަކަވެސް ދެއްކިފައި ހުރީ. މިހާރު ކޮބައިތޯ އައިސްފައި ހުރި ބަދަލަކީ، ފަރިއްކުޅުއްވާ ގޮތާއި، ބޭނުންކުރައްވާ ކާބޯތަކެއްޗަށް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ކެއުމުގެ ވަގުތުގައި އަޅުގަނޑު ހަމަ ބަލަން، ގަޑިން ގަޑިއަށް ކެވޭތޯ. މިހާރުވެސް އެއަށް ބަދަލު ނުގެނެސް އެބަ ގެންދަން. އެކަމަކު މިހެން ރަށްރަށަށް ދަތުރުކުރާއިރު އެއަށް ބަދަލުއާދޭ. އެހެންނޫނީ ހެނދުނު 8 ޖަހާއިރު އެއީ އަޅުގަނޑު ސައިބޯ ގަޑި. ހަތްގަޑިބައި، 8 ޖަހާއިރު ތައްޔާރުވެގެން، އަޅުގަނޑު މި ދެންނެވި މެސެޖްތައް ފޯނުން ބަލާފައި. އެއަށްފަހު މަސައްކަތުގެ މެދުތެރެއިން ދިހަގަޑިބައިހާއިރު އަޅުގަނޑު ކުޑަ ސައެއް ބޯލަނީ. ދެން މެންދުރު ހަމަ 12:45، 1 ޖަހާއިރު މެންދުރު ކެއުން. އެއީ ހަމަ ޢާއްމުކޮށް. އެ ޝެޑިއުލަށް ދެވޭތޯ މި ބަލަނީ. ދެން ރޭގަނޑު ހަމަ އަށްގަޑިބައިގައި. ކާއެއްޗިއްސަކަށް ހަމަ ބަދަލެއް ނުގެންނަން އިނގޭތޯ. ކަނީ އެކައްޗެއް. ހެނދުނު އަޅުގަނޑު އޯޓްސް މި ކަނީ އިނގޭތޯ. ދެން މެންދުރު ގިނައިން ގަރުދިޔައާއި ބަތާ. އެ ހުންނާނީ. ދެން ރޭގަނޑު ކޮންމެވެސް ވެޖިޓަބަލްއެއް، ނޫނީވިއްޔާ ތަންކޮޅެއް ލުއިކޮށް. އެކަހަލަގޮތަކަށް ދާނީ.

ޢާމިރު ސަލީމް:

އޯޓްސް ހަމަ ފަރިއްކުޅުއްވަނީ އެ ކަމުދަނީތޯ. ނޫނީވިއްޔާ ދެން ޞިއްޙީ އެއްޗެއް ފަރިއްކުޅުއްވަން ވެގެންތޯ؟ ދެން ވަރަށް ނުބައި އެއްޗެއް އިނގޭތޯ އޯޓްސްއަކީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން، އަޅުގަނޑަށް އެ ހަމަ މީރު އިނގޭތޯ. ކުރީގައި އަޅުގަނޑު ޕާން ކަނީ އިނގޭތޯ. ބްރައުން ބްރައުޑް އިނގޭތޯ. އެއަށްފަހު އޯޓްސް އަށް ބަދަލުކުރިތާ މިހާރު ތިން އަހަރުވަރު ވެދާނެ އިނގޭތޯ. އޭގެފަހުން އެ ހަމަ ހެނދުނު. އެއަށް ދެން ކޮންމެވެސް ފުރުޓެއް އަޅަންޖެހޭނެތާ. އޭރުން ނޫންތޯ މީރުވާނީ.


ޢާމިރު ސަލީމް:

ފޮނިކޮށް ދޮގެއްތޯ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ފޮނިކޮށް. މާމުއި އަޅައިގެން އިނގޭތޯ. މާމުއިއާ އެއްކޮށް.

ޢާމިރު ސަލީމް:

ފަރިއްކުޅުއްވުމުގެ ކަންތައްތައް އޮންނަ ގޮތުގެ ވާހަކަ ދެން ފާހަގަކޮށްލެއްވި އިނގޭތޯ. ދެން އެއާއެކު، އަޅުގަނޑު ކުރިން ފާހަގަކޮށްލައިފިން، ކަސްރަތުގެ ވާހަކަވެސް ދޮގެއްތޯ. ޤައުމުތަކުގެ ރައީސުންގެ ޞިއްޙީ މައްސަލަތަކުގެ ވާހަކަވެސް ވަރަށް ގިނައިން ދެކެވޭ. ޚާއްޞަކޮށް، އެމެރިކާ ތަންތާނގެ ރައީސުންގެ ހަމަ ކުޑަކުޑަ ޓެސްޓެއް ހެދިޔަސް، އޭތި މީޑިއާއާ ހަމައަށް އާދޭ. ކިތަންމެ ކުޑަކުޑަ އާލާސްކަންފުޅެއްގައި އުޅުނަސް، އެ ވާހަކައެއް ދައްކާ މީޑިއާއިން. ސިކުނޑީގެ ޓެސްޓެއް ހެދިޔަސް، އެވާހަކަވެސް ދައްކާ ދޮގެއްތޯ. ރާއްޖޭގައި ވާގޮތަކީ ދެން ވަރަށް ބޮޑަށް ސިއްރެއްގެ ގޮތުގައި އޮންނަ ކަމެއް އިނގޭތޯ. އެ ވާހަކަ ދައްކާކަށްވެސް ބޭނުމެއްނުވޭ. ދޭތެރެއަކުން އަޅުގަނޑުމެންނަށް ދެން މި ރަށުގެ ތެރޭގައި މީހުން ދައްކާތީ އަޑުއިވޭ. މަނިކުފާނުގެ ހިތްޕުޅުގެ އާލާސްކަންފުޅެއް ހުރެޔޭ އިނގޭތޯ. ފަރުވާވެސް ހޯއްދަވައޭ އިނގޭތޯ. ޞިއްޙީ އެކަހަލަ އެއްވެސް މައްސަލައެއް ހުރޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ހިތުން ވެރިކަމުގައި ހުންނަ މީހެއްގެ އެކަހަލަ ކަންތައްތައް އެނގެންޖެހޭނެ އިނގޭތޯ. ރައްޔިތުންނަށް އެނގިފައި އޮތުން ރަނގަޅުވާނެ. އަޅުގަނޑު މީގެ އެގާރަ އަހަރު ކުރިން، 2008 ގައި އަޅުގަނޑު ޗެކަޕެއް ހެދިން. ހެދިއިރުގައި އެއް ނާރުގައި އިން ބްލޮކެއް. ހާޓްގައި އިނގޭތޯ. އެންޖިއޯގްރާމެއް ހެދިން އަޅުގަނޑު. އޭގެފަހުން ބަރާބަރު. ކޮންމެ އަހަރަކު އެއްފަހަރު އަޅުގަނޑު ޗެކްއަޕް ހަދަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، ދައްޗެއް، އުނދަގުލެއް ނާދޭ. މިހާރު މިއުޅެނީ އެއް ކަކުލުހުޅު ސަކަރާތްވެގެން އިނގޭތޯ. އެ ހުޅު، ކަސްރަތު ކުރުމަށް ކުޑަ ދަތިކަމެއް އެބަ ލިބޭ. ނުދުވެ މިހާރު ގާތްގަނޑަކަށް ތިން ހަފްތާވަރު މިވީ. އެހެންވީމާ، އެއަށް ކުޑަކޮށް ތެރަޕީ ނަގަން އެބަ.

ޢާމިރު ސަލީމް:

ފިޒިއޮތެރަޕީ ހައްދަވަން. ޢާންމުކޮށް ރާއްޖޭގެ ރައީސުން ފިޒިއޮތެރަޕީ ހައްދަވާން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެ ހަމަ ކުރަންޖެހޭނެ. ބަލިވީމާ އެއަށް ފަރުވާކުރަންޖެހޭނެ އިނގޭތޯ. ހުޅު ފުރަތަމަ މި ދިޔައީ، އެނގިވަޑައިގަންނަވާނެކަންނޭނގެ، އަޅުގަނޑުމެން ކުޅުނީ، ރައްޔިތުންގެ މަޖިލިސް ހުޅުވަން މެޗެއް، 2014 ގައި. އެ ދުވަހު ކުޅެނިކޮށް ހަލާކުވީ. ދެން އެއަށްފަހު ރަނގަޅުވެފައި ހުރެފައި، އަނެއްކާ އިހަށްދުވަހު. މިދިޔަ ދުވަސްތަކުގެ ތެރޭގައި ހަމަ ވަރަށް ރަނގަޅަށް ގޮސްފައި، ކުޑަކޮށް ގޯސްވީ. އެކަމަކު މި ދެ ދުވަހު ރަނގަޅު. ހީވަނީ ދެން މިއަދު ކަސްރަތެއް ނުކުރެވޭނެހެން. އައްޑުއަތޮޅަށް އެބަދަން.

ޢާމިރު ސަލީމް:

މިއަދުވެސް ކުޅުއްވާހެން އަޅުގަނޑަށް ހީވަނީ މެޗެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެބައޮތްތޯ؟ އަޅުގަނޑަކަށް އަދި ޝެޑިއުލެއް ނުލިބެޔޭ.

ޢާމިރު ސަލީމް:

އަޅުގަނޑަށް ހީވަނީ އެހެން އިނގޭތޯ. އައްޑޫ މީހަކާ ދިމާވެގެން ބުނި، މަނިކުފާނު އެކޮޅުގައި ކުޅުއްވާހެނޭ ހީވަނީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެހެންތޯ. އެހެންވެއްޖިއްޔާ ދެން އެކަންވެސް ކުރާނީ.

ޢާމިރު ސަލީމް:

މިދިޔަ ނުވަދިހަ ދުވަހުގެ ތެރޭގައި އިނގޭތޯ، ސަރުކާރު ސްލޯއޭ، ބައެއް މީހުން ބުނަނީ އިނގޭތޯ. މި ދެންނެވީ އެ ދާންޖެހޭ ސްޕީޑަކު ނުދެއޭ. ބައެއް މީހުން ފާހަގަކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ހަމަޔަށް ތިޔަބޭފުޅުން ހަމަހަމަ ކުޑަކުޑަކޮށް މިހެން ދުވެލި މަޑުކޮށްލައްވައިގެން ގެންދަވަނީއޭ. ދެން ސްޕީޑް ޖެހިދާނެއޭ އިންތިޚާބަށްފަހު. ދެން ބައެއް މީހުން އެގޮތަކަށް ގަބޫލެއްނުކުރޭ. ސްލޯތޯ ސަރުކާރު؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑަކަށް ސްލޯއެއް ނޫން. އަޅުގަނޑަކީ ކަމެއް ކުރަން ނިންމާއިރުގައި އެހާބޮޑަށް އަވަސްއަރުވާލައިގެން ކުރާ މީހެއް ނޫން. އަޅުގަނޑަށް ބެލޭ އިނގޭތޯ ހަމަ. އެއިން އެހެން ކޮންމެ ކަމެއް ނިންމާއިރުގައި، މިއީ އެންމެ ރަނގަޅު ގޮތްތޯ؟ ނޫނީވިއްޔާ މީގައި އެހެން ގޮތެއް އޮތްތޯ ވިސްނޭ ހަމަ. ކޮންމެ އެއްޗެއް އަޅުގަނޑު މޭޒަށް އަންނައިރުވެސް، މިއީ ހަމަ ރަނގަޅު ގޮތްތޯ. ބަލާފައި، ދެން ވާނެ ކަންތައްތައް، އެއާ ގުޅިގެން. މިކަން ކޮށްފިއްޔާ މިހެން މިހެން ވެދާނެތޯ. ވީމާ ވަނީ ކިހިނެއްތޯ. އެވަރު ބަލާފައި ނޫނީވިއްޔާ އަޅުގަނޑަށް ހަމަ އުނދަގޫ ޑިޒިޝަން ނަގަން އިނގޭތޯ. ދެން އެ ސްލޯ ކަމަށްވަންޏާ ސްލޯ. އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ކޮންކަމެއްތޯއޭ ސްލޯއީ އިނގޭތޯ. އެކަމަކު އަޅުގަނޑު ކަންތައް ކުރާގޮތެއް ނޫން، އަވަސްއަރުވާލައިގެން ކުރުން. ކޮށްފައި، އެ ފަހުން ބަދަލުކުރަން ޖެހުނީމާ ވާ ގެއްލުން މާބޮޑު. ހިތަށްއެރީމާ މިއަދު މިވެނި ކަމެއް ކޮށްލަންވީއޭ. ކޮށްލާފައި، ދެން އޭގެ ޝަކުވާތަކާއި، ނޫނީ އޭގެ ކަންތައްތައް އަންނަން ފެށީމާ ބަދަލުކުރުން. އެގޮތުން އަޅުގަނޑަށް މި ވެރިކަމުގައި ފުރަތަމަކޮޅުގައި ކުރެވުނު އެއް ކަންތައް އިނގޭތޯ. އަޅުގަނޑަށް އެއިން އަދިވެސް ހަމަ އުނދަގޫވޭ، އަޅުގަނޑަށް އެ ޑިޒިޝަން ނެގުނީމާ އިނގޭތޯ.

ޢާމިރު ސަލީމް:

އެއީ ކޮންކަމެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެއީ ޖަލުގައި ހުރި ބޭފުޅަކު އަޅުގަނޑު ދޫކޮށްލީ. ދެން އެކަމަކު އެއީވެސް ހަމަ ޤާނޫނީ އިމުގެ ތެރެއިން އަޅުގަނޑު ކުރީ. އެހެންވިޔަސް އެއީ އެދުވަހު ނުކުރެވުނު ކަމެއްނަމައޭ މިހާރު ހިތަށްއަރާ އިނގޭތޯ. އެއީ ހަމަ ވަރަށް ދެރަކޮށް ކުރެވުނު ކަމެއް.

ޢާމިރު ސަލީމް:

ރިގްރެޓް ކުރައްވަމޭ މިހާރު އެކަމާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ކުރަން އިނގޭތޯ. އެއީ ހަމަ ތަންކޮޅެއް އަވަހަށް ކުރެވުނު ކަމެއް. އަޅުގަނޑުގެ އަޞްލު ފޭސްގައި ކުރެވުނުނަމަ، އެކަމެއް އެހެނެއް ނުދާނެ އިނގޭތޯ. ވެރިކަމުގެ ކުރީދުވަސްކޮޅުގައިވީމަ އެހެންވީ.

ޢާމިރު ސަލީމް:

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން މިއުޅޭ ކެންޑިޑޭޓުންގެ ތެރެއިން ދެން މަނިކުފާނުގެ ތާއީދު ބޭނުންވޭ ހުރިހާ ކެންޑިޑޭޓުންވެސް އިނގޭތޯ. ދާދިފަހަކާ ޖެހެންދެން މަނިކުފާނު ސީދާ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަކިބަޔަކަށް ތާއީދުކުރަން، ނޫނީވިއްޔާ ވަކިބަޔަކަށް ނުކުރަން، އެކަހަލަ ވާހަކަފުޅެއް މިހެން ވިދާޅުވާތީއެއް ނީވޭ. އަމީނިއްޔާގައި އޮތް ޖަލްސާއެއްގައި އަޅުގަނޑު ހަނދާންވަނީ ދެން ރައީސް އެންމެ ފުރަތަމަ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެމް.ޑީ.ޕީ ކެންޑިޑޭޓުންނަކީ، އެމް.ޑީ.ޕީ ކެންޑިޑޭޓުންނޭ. އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުންނަށް މަނިކުފާނު ތާއީދު ކުރައްވާ ވާހަކަ ދެއްކެވި. އެހާ ހިސާބުން ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް އެކަނި ތާއީދު ކުރައްވާ ވާހަކަ، މަނިކުފާނު ދެއްކެވުމަކީ، އެއީ ކޯލިޝަން އެއްބަސްވުމާ ޚިލާފުވާ ވާހަކައެކޭ އިނގޭތޯ. ގަބޫލުފުޅު ކުރައްވަންތޯ އެ ވާހަކަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް، އަޅުގަނޑަކީ އެމް.ޑީ.ޕީ.ގެ އެންމެ އިސް ލީޑަރު އިނގޭތޯ. އެއީ އެމް.ޑީ.ޕީ.ގެ އަސާސީ ގަވާއިދުގައި އެކަން އޮތްގޮތް. އެހެންވީމާ، އަޅުގަނޑަށް ވެރިކަމުގައި ހުއްޓަސް، އަޅުގަނޑު ޖެހޭނެ ޕާޓީއަށް އަޅުގަނޑަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން އިނގޭތޯ. އެނގިވަޑައިގަންނަވާނެ، ކުރިއަށް އޮތް މަޖިލީހަށް އަޅުގަނޑުމެން އެކީގައި ކޯލިޝަނުން ދާކަށް އެއްބަހެއް ނުވެވުނު އިނގޭތޯ.

އެހެންވީމާ، ވަރަށް ވިސްނާފައި އަޅުގަނޑު ޕާޓީގެ ކެމްޕެއިންގައި ފުލްކޮށް މި ނުކުތީ އިނގޭތޯ. އަޅުގަނޑު އަބަދުވެސް ބުނަމުން މިދަނީ ސަރުކާރަށް އަޣްލަބިއްޔަތު އޮތުން މުހިއްމޭ އިނގޭތޯ. އަދި އެއާއެކީގައި އެމް.ޑީ.ޕީ އަށް ގިނަ ގޮނޑިތަކެއް ލިބުން މުހިއްމޭ. އެނގިވަޑައިގަންނަވާނެ، މި ކޯލިޝަންގައިވެސް ބޮޑުބައި މިއޮތީ އެމް.ޑީ.ޕީ އަށް. ހަމަ އެ ނިސްބަތުން އަޅުގަނޑު ގަބޫލުކުރަނީ، މަޖިލީހުގައި އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް. އަދި ރައްޔިތުންގެވެސް ގިނަ ބައެއްގެ ތާއީދު، ބޮޑުބައެއް، ގާތްގަނޑަކަށް ފިފްޓީ ޕަސެންޓް، ފަންސާސް ޕަސެންޓާ ކައިރިކުރާ އަދަދަކަށް މިތިބީ އެމް.ޑީ.ޕީ.ގެ ސިޔާސަތުތައް ގަބޫލުކުރާ މީހުން. އެހެންވީމާ، އެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ވީހާވެސް ގިނަ ގޮނޑިއެއް މަޖިލީހުގައި އެމް.ޑީ.ޕީ އަށް ލިބުމަކީ ހަމަގައިމުވެސް މި ސަރުކާރު ދެމެހެއްޓުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ހަމަ މުހިއްމު ކަމަކަށްވާތީ އަޅުގަނޑު މި ނުކުތީ އިނގޭތޯ.

ޢާމިރު ސަލީމް:

ރައީސް އަޅުގަނޑުމެންނަށް ދެން މި ފާހަގަކުރެވުނީ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ވަރަށް ގިނައިން ސެލްފީ ނަންގަވާކަން. ކެމްޕެއިން ދަތުރުތަކުގައިވެސް އަޅުގަނޑަށް ހީވަނީ މި ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން އެންމެގިނަ ސެލްފީ ނެންގެވިފައި ހުންނާނީ ރައީސަށްހެން. ރައީސްކަމަށް ވަޑައިގެންނެވި ފަހުންވެސް އެކަން އެހާބޮޑަށް ކުރިއަށްދޭތޯ؟ އެހާ ވަރަށް ވަގުތު ލިބޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެބަ ނެގޭ އިނގޭތޯ. ދެން ޢާއްމުންނާއެކީ ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި ހަމަ އެދޭ. ގާތްގަނޑަކަށް ބަލާއިރުގައި، ވެރިކަމަށް އައިފަހުން ނެގިއްޖެ، ފަސްދޮޅަސް ހާހަށްވުރެ ގިނަ ސެލްފީ އިނގޭތޯ. ކެމްޕެއިން ތެރޭގައި ދެލައްކައަށްވުރެ މަތީގައި އުޅޭނީ. މިހާރު އޭގެފަހުން ނެގިއްޖެ އެހާވަރު އިނގޭތޯ. ދެން މާގިނަ ތަންތާކަށް ނުދެވޭ އިނގޭތޯ.


ޢާމިރު ސަލީމް:

ދެން ކުޑަކުޑަ ތަފާތު ސުވާލެއްވެސް ކޮށްލާނަން. ރަހަ ތަފާތުކޮށްލުމުގެ ގޮތުން، މިއަދުގެ ޝޯގެ ތެރޭގައި. ބޭރު ދުނިޔޭގެ ބައެއް ވާހަކަތައް މިހެން ދެއްކިއިރު، އަޅުގަނޑަށް ފެނުނު، ޚަބަރެއްގެ ތެރެއިން، އިނގިރޭސިވިލާތުގެ ރާނީ ގެންގުޅުއްވައޭ ވަރަށް އާދަޔާޚިލާފު އިޝާރާތްތަކެއް. އެއީ އެކަމަނާގެ އަރިސް ބޭފުޅުންނަށް ކަންކަން އަންގައިލުމަށްޓަކައި. މިސާލަކަށް، ކަނާތްޕުޅުގައި އޮންނަ ދަބަސް ވާތްޕުޅަށް ބަދަލުކޮށްލައްވައިފިއްޔާ، އޭގެ މާނައަކީ އެ ދައްކަވަން ހުންނެވި ވާހަކަފުޅެއް ހުއްޓާލައްވަން ބޭނުންފުޅުވަނިއްޔޭ. ދަބަސްކޮޅު މޭޒުމަތީގައި ބާއްވަވައިފިއްޔާ، މާނައަކީ އެ އިވެންޓެއް ވަގުތުން ނިންމަވައިލައްވަން ބޭނުންފުޅުވަނީއޭ. ވަރަށްގިނަ ދިރާސާތަކަށްފަހު، ބައެއް މީހުން ހޯދާފައި އެބަހުރި، ދަބަސްކޮޅުތެރޭގައި ކޮން އެއްޗިއްސެއްތޯ ހުންނަނީ. ދެން އޭގައި އޮންނަނީ މޭކަޕް ސެޓަކާއި، އައިނަކާއި، ގަލަންކޮޅަކާއޭ. އެކަހަލަ އިޝާރާތްތަކެއް ގެންގުޅުއްވަންތޯ، ނޫނީ އެކަހަލަ އެއްޗެއް ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ނޫން. އަޅުގަނޑު އަދި ނުގެންގުޅެން. ކްއީން އެލިޒަބަތަކީ ވަރަށް ޓްރެޑިޝަނަލެއްގެ ތެރެއިން ވަޑައިގެން ހުންނެވި ބޭފުޅެއް ދޮގެއްތޯ. އެހެންވީމާ، ހުންނާނެ ހިފަހައްޓަވާ ވަރަށްގިނަ އާދަކާދަތައް. ދެން އަޅުގަނޑުގެ ރަސްމީ ބައްދަލުވުންތައްވެސް މިދަނީ ހަމަ ޝެޑިއުލްކޮށްގެން. ވަގުތު ހަމަވާއިރަށް ދޮރު ހުޅުވައިލާނެ އިނގޭތޯ. އޭރުން ބައްދަލުވުމުގައި އިންނަވާ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ، ނިންމާލަންވީކަން.

ޢާމިރު ސަލީމް:

އެއް އަތްޕުޅުގައި އޮތް އެއްޗެއް، އަނެއް އަތްޕުޅަށް ބަދަލުކުރައްވަން ޖެހިވަޑައެއްނުގަންނަވާ. އެހެން ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ.

ޢާމިރު ސަލީމް:

ދެން އަޅުގަނޑަށް އެނގޭ ވަރަށް ބިޒީކޮށް އުޅުއްވާކަން. ޝެޑިއުލް ވިދާޅުވެދެއްވިއިރުވެސް، ވަރަށް ބުރަކޮށް ދުވަސް ފެށިގެން ދަނީ. އަޅުގަނޑުމެންގެ ހެނދުނުގެ ޝޯ، އެއްވެސްއިރެއްގައި ބައްލަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

މިދުވަސްކޮޅު ވަރަށް ނުފެނޭ. އެހެންނޫނީ ހެނދުނު އެންމެ ފުރަތަމަ ކުރާ ކަމަކީ، ރާއްޖެ ޓީ.ވީ.ގެ [ފަށާއިރު] މި ޝޯ ބެލުން. އެހެންވިޔަސް، މި ގަޑީގައި މިހާރު އަޅުގަނޑު މި ކުރާ ކަމަކީ ފޯނު ބެލުން. ހެނދުނު ހޭލާގޮތަށް މެސެޖްތައް ކިޔުން. އެހެންނަމަވެސް، އަޅުގަނޑު ވިސްނައިގެން މިހުރީ މަޖިލިސް އިންތިޚާބު ނިމުނީމާ، އަޅުގަނޑުގެ ޝެޑިއުލަށް ކޮންމެވެސް ބަދަލެއް ގެނައުމަށް. އަޅުގަނޑަށް އެންމެ ބޮޑަށް ގެއްލިގެންދާ އެއްކަންތައް އެއީ، ޚަބަރުތައް ނުފެނުން. ދެން އަޅުގަނޑަކަށް ނޫޅެވޭނެ، އެއާ ނުލައެއް އިނގޭތޯ. ދުނިޔޭގައިވާ ކަންތައް، އަދި ރާއްޖޭގައިވާ ކަންތައް އަޕްޑޭޓް ނުކޮށެއް ނޫޅެވޭނެ. މިހާރު ދެން އަޅުގަނޑަށް ކޮންމެ ބާރަ ގަޑިއިރަކުން އަންނާނެ އަޕްޑޭޓެއް، ލިޔެފައި އޮންނަ. ރާއްޖޭގަޔާއި ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ލިޔުމެއް. އެ އެކަނި އަޅުގަނޑަށް އަދި މި ފެންނަނީ. ޚަބަރުތައް ބަލައިލަން ވަގުތެއްވަނީ ވަރަށް މަދުން. އެހެންވިޔަސް އެކަން އަޅުގަނޑު ބަދަލުކުރާނަން.

ޢާމިރު ސަލީމް:

އެހެންވީމާ، ޝެޑިއުލަށް އެ ގެންނަވާ ބަދަލުގެ ތެރޭގައި، އަޅުގަނޑުމެންގެ ޝޯ ބައްލަވަންވެސް ފަށްޓަވާނެ. އެހެން ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އަޅުގަނޑު ހެނދުނު ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި ބަދަލު ގެންނާނަން. އެ ޝެޑިއުލަށް ދެވޭތޯ އަޅުގަނޑު މި ބަލަނީ. ދެން އެކަމަކު އެކަން މުޅިން ކޮށްލެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމުނީމާ. ކުރިއަށް އޮތް ހަފްތާގައި ވަރަށް ބިޒީ ޝެޑިއުލެއް އަޅުގަނޑަށް.

ޢާމިރު ސަލީމް:

ރައީސް، ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަޑައިގެން ވަގުތުކޮޅެއް ދެއްވީތީ. އަޅުގަނޑު ހަމަ ވަރަށް އުފާވެއްޖެ. އަޅުގަނޑާއި އަޅުގަނޑުގެ ކޯސްލައިންގެ ފަރާތުން ރައީސަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ ރާއްޖޭގެ މީޑިއާއަކަށް، ހުވާކުރެއްވުމަށްފަހު ފުރަތަމަފަހަރަށް ވަޑައިގެންނެވީ އަޅުގަނޑުމެންގެ ޝޯއަށް ކަމަށްވާތީ. ދެން އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ ބޭފުޅެއް. ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ޢާމިރު ސަލީމް:

އަޅުގަނޑު، ޕްރޮގްރާމް ދެން މިހިސާބުން ނިންމާލާނީ. އިރާދަކުރެއްވިއްޔާ މާދަމާވެސް [ފަށާއިރު]ގެ އާ ޕްރޮގްރާމަކާއެކު އަޅުގަނޑު ބައްދަލުކޮށްލާނީ. އެންމެ ބޭފުޅުންނަށްވެސް ވަރަށް ބާއްޖަވެރި ރައްކާތެރި ދުވަހަކަށް އެދެން. ޕްރޮގްރާމް ބެއްލެވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.

والسّلام عليــكم.