بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބްލް މަލީޙް ޖަމާލް، ދައުލަތުގެ ވަޒީރުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކެމްޕެއިންގެ ތެރޭގައި، އަޅުގަނޑުމެން ރަށްރަށަށް ކުރި ދަތުރުތަކުގެ ތެރޭގައި، ރަށްރަށުގެ ރައްޔިތުން ދައްކަމުންދިޔަ ވާހަކައެއް. އެ ވާހަކައަކީ. ތިމަންނާމެންގެ ރަށާ ބެހޭގޮތުން މަޢުލޫމާތުތައް، އެއްތަނަކުން ލިބޭނެގޮތް ހެދުމުގެ ވާހަކަ. އަދި ޚާއްޞަކޮށް، ރާއްޖޭގައި ކުރިއަރަމުން މި އަންނަ ލޯކަލް ޓޫރިޒަމްގެ މަސައްކަތްކުރާ ފަރާތްތަކުން މި ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާކުރި. އެކަން ކުރެވޭނެ ގޮތެއް. ރަށް ޕްރޮމޯޓް ކުރާނެގޮތް، ރަށުގައި ހުރި ވަސީލަތްތައް، ރަށަކީ ކިހިނެއް އޮތް، ކޮންބަޔަކު އުޅޭ ތަނެއްކަން ދެނެގަންނަން ނޭނގޭ ވާހަކަ.

އަޅުގަނޑުމެން އެ ވާހަކަ އަޑުއަހައި، ސިޔާސަތުތައް ކަނޑައެޅިއިރުގައި، އެންމެ ފުރަތަމަ ކުރަންޖެހޭ އެއްކަމެއްގެ ގޮތުގައި މިވަނީ ލިސްޓް ކުރެވިފައި. އެގޮތުން، 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި، މިކަން ހާސިލު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފެށީމު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހަންޑްރެޑް ޑޭޒް ޕްރޮގްރާމްގެ ތެރޭގައި މިއަދު މިވަނީ މިކަން ހާސިލު ކުރެވިފައި. އެކަމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަށާއި، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށާއި، މިކަމުގައި ބުރަކޮށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ލޯކަލް ޓޫރިޒަމް މިހާރު މި އަންނަނީ ފުޅާވަމުން، ފައްކާވަމުން. ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރުގައި، ރަށްރަށުގެ ފުދުންތެރިކަން އިތުރުކުރަން އެބަޖެހޭ. ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުމުގެ މަސައްކަތް ކުރުން އެއީ އަޅުގަނޑުމެންގެ އެއް ސިޔާސަތު. އެގޮތުން، ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަރައްޤީވެގެން އަންނައިރުގައި، އެކަން ޕްރޮމޯޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސިޔާސަތަކީ ރަށްރަށް ހިންގުން ކައުންސިލްތަކާ ޙަވާލުކުރުން. ބާރުތައް ދޫކޮށްލުން. އެގޮތުން، އެ ރަށެއްގައި ހިންގާ ވިޔަފާރިތަކާއި، އަދި އެނޫންވެސް ވަސީލަތްތައް، ޚިދުމަތްތައް ދިނުމުގެ ބާރު، ފުރްޞަތު ކައުންސިލްތަކަށް ދޫކޮށްލުން.

އެގޮތުން، މިރޭ މި ހުޅުވުނު ޕޯޓަލް "Islands.mv" މެދުވެރިކޮށް، އެ ރަށަކާބެހޭ މަޢުލޫމާތު ޕްރޮމޯޓްކޮށް، މަޢުލޫމާތުތައް ޙިއްޞާ ކުރުމުގެ ބާރު، އަޅުގަނޑުމެން މި ދޫކޮށްލަނީ ކައުންސިލްތަކަށް. އެ ރަށަކާބެހޭ މަޢުލޫމާތުތައް، އެއް ތަނަކުން ލިބޭނެގޮތް ހޯދައި، އެ މަޢުލޫމާތުތައް ދުނިޔެއަށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބާރު މި ދޫކޮށްލަނީ ކައުންސިލްތަކަށް.

މިއީ ހަމައެކަނި ދެންމެ މިނިސްޓަރ މަލީޙް ވިދާޅުވިފަދައިން، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެކަނި ބޭނުންވާ މަޢުލޫމާތެއް ނޫން. އަޅުގަނޑުމެންގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް، އެއް ރަށުން އަނެއް ދިޔުމާއި، އެއް ރަށަކާބެހޭ މަޢުލޫމާތު، އަނެއް ރަށެއްގައި އުޅޭ ރައްޔިތުންނަށް އެނގިގެން ދިޔުމަކީ، އަޅުގަނޑުމެންގެ މަޢުލޫމާތު މުއްސަނދިވެ، ދިވެހިންނަކީ ކޮންބައެއްކަން އެކަކު އަނެކަކަށް އެނގިގެންދާނެ ކަމެއް. އަދި މި ވެބްސައިޓް މެދުވެރިކޮށް، މި ޕޯޓަލް މެދުވެރިކޮށް، އެ ރަށެއްގައި ހުންނަ، މިނިސްޓަރ ވިދާޅުވިފަދައިން، ތާރީޚީ ތަންތަނާއި، ވަސީލަތްތަކާއި، އަދި އޭގެއިތުރުން، އެ ރަށަކަށް ދެވޭނެގޮތާއި، ދަތުރުފަތުރުގެ ތާވަލެއް މީގައި ހާމަކުރެވިގެންދާނެ. އެގޮތުން، އެއް ރަށެއްގައި ހުންނަ މީހަކު އަނެއް ރަށަށް ދާން ވެއްޖިއްޔާ، ކަން ކުރަންވީގޮތާއި، އެ ރަށެއްގައި، އެ ވިދާޅުވިގޮތަށް ހުރި ތާރީޚީ ތަންތަނާއި، ޘަޤާފީ ތަންތަނާއި، ކެއުމާއި، އަދި އެނޫންވެސް ކުޅިވަރާއި، ހުރިހާ އެއްޗެއް މިއިން ފެނިގެންދާނެ.

އަޅުގަނޑު އުއްމީދު ކުރަނީ، މިރޭ މި ހުޅުވުނު ޕޯޓަލްގެ ސަބަބުން ޚަޒާނާ މުއްސަނދިވެ، ރަށްތަކާބެހޭ މަޢުލޫމާތު އިތުރަށް ހާމަވެގެންގޮސް، ރާއްޖޭގެ ރަށްތައް، ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާއިރުގައި، މިއީ އެ ރަށަކަށް އަންނަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައަކަށް ވެގެންދާނެ ކަމަށް.

އަޅުގަނޑުގެ ވާހަކަ ނިންމައިލަމުން، މި މަސައްކަތް މިހާ ރަނގަޅަށް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، މުވައްޒަފުންނަށް އަދިވެސް އެއްފަހަރު ފަށްފަށުން ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކީގައި މި ޕޯޓަލް މެދުވެރިކޮށް ރަށްރަށުގެ ކައުންސިލްތަކުން، އެ ރަށެއް ކުރިއެރުވުމަށްޓަކައި، ފުޅާކުރުމަށްޓަކައި މަޢުލޫމާތު އެއްކޮށް، މިކަން ކުރުމަކީ އަޅުގަނޑުގެ އެދުމެއް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، މިހާރުވެސް ތިން ރަށެއް މިވަނީ މަޢުލޫމާތުތައް ވެބްސައިޓަށް ލެވިފައި. ދެންމެ ވިދާޅުވިފަދައިން، އެ ތިން ރަށުގެ މަޢުލޫމާތު، ހަމަގައިމުވެސް މިހާރުވަނީ މި ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ގިނަ ރަށްތަކެއް މިއަށް އަޕްލޯޑް ކުރެވި، މީގެ މަޢުލޫމާތުތައް ހުރިހާ ފަރާތްތަކަށް ލިބޭނެގޮތް ހެދިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތް، ﷲގެ މިންވަރުފުޅުން ކާމިޔާބުވެގެން ދިޔުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަށްވުރެ އުފާވެރި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.