ސަރުކާރުން މިއަދު މިހުޅުވާ "ސެންޓަރ ފޮރ މެންޓަލް ހެލްތު"ގެ އެންމެ ބޮޑު ބޭނުމަކީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައި.ޖީ.އެމް.އެޗްގެ މެންޓަލް ހެލްތު ސެންޓަރ ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފަދަ މަރުކަޒެއް ޤާއިމުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ތަންފީޒު ކުރުމަށް ކަނޑައެޅި ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މިހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ، ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. މި މަރުކަޒުގެ ޚިދުމަތް ކުރިމަގުގައި އިތުރަށް ތަރައްޤީކުރައްވައި ފުޅާކުރައްވާނެ ކަމަށާއި އެކަމަށްޓަކައި، ތަޖްރިބާ ލިބިފައިވާ ޑަކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނުކުރެއްވުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އިޢުލާން ކުރައްވާފައިވާ މަތީ ތަޢުލީމްގެ ލޯން ސްކީމްގައިވެސް، ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ބޮޑު ޢަދަދެއް ކަނޑައަޅުއްވާފައި ވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޞިއްޙީ ޚިދުމަތް ދޭ ތަނެއް ޤާއިމްކޮށްގެން އެކަނި، ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ. ޢާއިލާގެ ލޯތްބާއި އޯގާތެރިކަން އަދި އެހީތެރިކަން ބޭނުންވޭ. އަދި ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންގެ ޢާއިލާތަކަށް ވެސް މުޖްތަމަޢުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވޭ. މުޖްތަމަޢެއްގެ ގޮތުގައި މިހާރަށްވުރެ އަޅުގަނޑުމެން އެންމެންގެ ހަމްދަރުދީ އާއި އަޅާލުން ދޭންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނަފްސާނީ ބަލީގެ ބުރަ އެކަނި އުފުއްލަވަން ނުހެއްދެވުމާށާއި، ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދެވުމަށް ނަފްސާނީ ބަލީގެ އުނދަގޫ ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ. އަދި އެންމެން ވެސް މިތިބީ ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި އެކުގައިކަމަށާއި ވެވުނު އެންމެ ބޮޑަކަށް އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ތިމާއަށް ނޭނގިވެސް ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން މަދު ނޫންކަމުގައެވެ. އަދި، ނަފްސާނީ ބަލި ޖެހުމަކީ މީހާ ދެރަވުމެއް ނޫންކަމަށާއި، ނުވަތަ މީހާ އަށް އުނިކަމެއް އައުމެއްވެސް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަކީވެސް އެހެން ބަލިތައް ޖެހޭ ފަދައިން ޖެހޭ ބައްޔެއްކަމަށާއި ނަފްސާނީ ބައްޔެއްގެ އަސަރުކޮށްފައިވާ މީހާވެސް، އެކަށީގެންވާ ފަރުވާ ހޯދުމުން އެކަމަށް ލުޔެއް ލިބޭނެކަމުގައި ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަކުވާއަކީ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް، ރާއްޖޭގައި އެކަށީގެންވާ ނިޒާމެއް ނެތުމުގެ ޝަކުވާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލް ކުރަމުން ގެންދާ މީހުންނަކީވެސް އަޅުގަނޑުމެން ފަދަ ބައެއް ކަމުގައެވެ.