މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ކަނޑައެޅުއްވި ވަޢުދުތަކު ތެރޭގައި ހިމެނިގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ޤާއިމުކުރި މެންޓަލް ހެލްތު ސެންޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި ސެންޓަރ ހުޅުއްވައިދެއްވީ މިއަދު ހެނދުނު އައި.ޖީ.އެމް.އެޗްގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި މަރުކަޒަކީ ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުޞަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.

އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.