بســم اللّـه الرّحمـن الرّحيــم
ޢިއްޒަތްތެރި ރައީސް، އޮނަރަބްލް މިނިސްޓަރުން އަދި ބަނގްލާދޭޝް، އިންޑޮނީޝިޔާ، ލީބިޔާ، މެލޭޝިޔާ، ޕާކިސްތާން، ސްރީލަންކާ، މޮރިޝަސް، އިންޑިއާ، ސިންގަޕޫރު، ތައިލޭންޑް، ފިލިޕީންސް އަދި ދިވެހިރާއްޖެއިން ހާޒިރުވެވަޑައިގަތް މާތްވެގެންވާ މަންދޫބުންނޭވެ!
ދިވެހިރާއްޖޭގައި ތިޔަބޭފުޅުންނަށް މަރްޙަބާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މި ސެމިނާރުގައި ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑުމެން އެރުވި ދަޢުވަތު ގަބޫލުފުޅުކުރެއްވި ކަމަށްޓަކައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރުވެރިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ މެދުގައި ތިޔަބޭފުޅުން ތިއްބެވުމުގެ އުފާ ހާސިލުވާނެ ކަމަށް ދެކެމުން. އަޅުގަނޑު ދެކޭގޮތުގައި، ތިޔަބޭފުޅުން މާލެއަށް ވަޑައިގަތީ ވަރަށް މުހިންމު މަޤްޞަދަކަށްޓަކައި. އަންނަނިވި ކުޑަދުވަސްކޮޅުގެ ތެރޭގައި އުޅުއްވާނީ ވަރަށް އަވަދިނެތި. މިސަރަޙައްދުގައި ދިރިއުޅޭ އިސްލާމުންނާއި، އިސްލާމީ ޖަމާޢަތްތަކުގެ މައްސަލަތަކާބެހޭ ނުހަނު އަހަންމިއްޔަތުކަން ހުރި ކަންތައްތަކެއްގެ މައްޗަށް ބަޙުޘް ކުރެއްވުމުގައި. ނަމަވެސް ތިޔަބޭފުޅުންގެ ޖަލްސާތަކާ ދުރުގައި، މި ރާއްޖޭގެ އުފާވެރި ޖައްވުގައި ރީތި އަދި މަޑުމައިތިރިކަމުގެ ތެރޭގައި ދުވަސްކޮޅެއް ހޭދަކުރެއްވުމުގެ ފުރްޞަތު، ތިޔަ އެންމެ ބޭފުޅުންނަށްމެ ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި އެމަނިކުފާނުގެ މުވައްޒަފުން ތިޔަބޭފުޅުންނަށް ފަހިކަން ފޯރާނެ ގޮތްތައް ރޭވުމުގެ އިންތިޒާމު ކުރެއްވުމުގައި ވަނީ ވަރަށް އަވަދިނެތި އުޅުއްވާފައި. ބައެއް ކަންތައްތައް ފުރިހަމަނުކުރެވި ހުރެދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ނަމަވެސް މިއަށްވުރެ ބޮޑެތި އަދި ތަރައްޤީގެ މަގުން ކުރިއަރާފައިވާ ޤައުމުތަކުން ލިބޭފަދަ ކަންތައްތައް ދިވެހިރާއްޖެފަދަ ކުޑަ ތަނަކުން ލިބެވުމުގައި ހުންނާނެ މާއްދީ ޙުދޫދުތަކާ ކުރިމަތިލާންޖެހޭނެ މިންވަރު، ތިޔަ އެންމެ ބޭފުޅުންނަށްމެ އެނގިވަޑައިގަންނަވާނެކަން އަޅުގަނޑު ޔަޤީންކުރަން.
ޢިއްޒަތްތެރި ރައީސާއި، އޮނަރަބްލް މިނިސްޓަރުންނާއި، މާތްވެގެންވާ މަންދޫބުން؛
މިއީ، ދިވެހިރާއްޖޭގައި ބޭއްވޭ [ދަ ކޯލް ފޮރ އިސްލާމް އިން ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ] މިފަދަ ފުރަތަމަ ސެމިނާރ. އަޅުގަނޑުމެންނަކީ ގާތްގަނޑަކަށް 830 އަހަރު ކުރިން އިސްލާމްދީން ގަބޫލުކޮށްފައިވާ ބަޔަކީމު. އަދި އެޒަމާނުއްސުރެ ފެށިގެން ރާއްޖެ ހިމެނެނީ ސަތޭކައަކުންސަތޭކަ އިސްލާމީ އުންމަތަކަށް ކަމުގައިވިޔަސް، އަޅުގަނޑަށް ވިސްނޭގޮތުގައި މިއަދު މިހުޅުވެނީ އަޅުގަނޑުމެންގެ ތާރީޚުގެ އާ ޞަފްޙާއެއް.
ދިވެހިރާއްޖެ، ނުވަތަ 14 ވަނަ ޤަރުނުގެ ޢަރަބި ސައްޔާޙު އިބްނި ބަޠޫޠާ ވިދާޅުވެފައިވާ ފަދައިން، [ދީބަތު އަލް މަޙަލް] ނުވަތަ އިހުޒަމާނުގެ މުސްލިމް ލިޔުންތެރި ޖޯގްރަފަރއަކު ކަމުގައިވާ، އަލް މަސްޢޫދީ އިޝާރަތް ކުރައްވާފައިވާ ފަދައިން، [ދީބަޖާތު]ގައި މީހުން ދިރިއުޅެމުން އަންނަތާ އެންމެ މަދުވެގެންވެސް 2500 އަހަރު ވެއްޖެކަމަށް ގަބޫލުކުރެވޭ. އަދި މިޒަމާނުގައި ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރުވެފައިވާ ދަތުރުވެރި އަދި ހޯދުންތެރިޔަކު، ބަހުރު ހިންދުގެ ތެރޭގައިވާ މި ކުދިކުދި ޖަޒީރާތަކުގައި މީހުން އުޅޭތާ ގާތްގަނޑަކަށް 3500 އަހަރު ވެދާނެކަމަށް ތާރީޚީގޮތުން އިޝާރާތްކުރާ ހެކި ލިބެން ހުރިކަމަށް އަޅުގަނޑުމެން ގާތު ވަނީ ވިދާޅުވެފައި.
މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވެ އުޅެންފެށި، އެންމެ އިހުގެ ދުވަސްވަރަކާމެދު މިއިން ތިއަރީއެއް ސާބިތުވިޔަސް ނުވަތަ ނުވިޔަސް، ބާރަވަނަ ޤަރްނުގައި ދިވެހިރާއްޖޭގެ މީހުން އިސްލާމްވުމުގެ ކުރިން ފާހަގަކުރެވޭ ޚާއްޞަ ޤައުމެއްގެ ބައެއްގެ ގޮތުގައި، ދައުލަތެއްގެ ސިފައިގައި ރާއްޖެ ޙަރަކާތްތެރިވީކަން އެއީ ޝައްކުގައިވާ ކަމެއް. ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚު ވަނީ ނޭނގުމުގެ ތެރެއަށް ގެއްލިފައި. ނަމަވެސް 1153 ވަނަ އަހަރުގެ މުހިންމު ހާދިސާއަށްފަހު ދިވެހިރާއްޖޭގައި އެކިއެކި ރަސްކަލުންނާއި ރަނިކަނބަލުން ރެދަލިކުރައްވާފައިވާ ކަމުގެ މަޢުލޫމާތުގެ ޚަޒާނާ ރެކޯޑްގައިވާކަމުން އެނގެނީ، މި ޤައުމުގެ މީހުން މުސްތަޤިއްލު ވެރިކަމެއް ހިނގާ ދައުލަތެއްގެ މުވާޠިނުންގެ ގޮތުގައި ފާހަގަވަމުން އައިސްފައިވަނީ އިސްލާމްދީން ގަބޫލުކުރުމަށްފަހުގައިކަން.
މި ޙާލަތުވަނީ މިއަދާ ހަމައަށްވެސް މިގޮތަށް. ކޮންމެ ތެދުވެރި ދިވެއްސަކުމެ ގަބޫލުކުރަނީ ދިވެހިވަންތަކަމާއި އިސްލާމިއްޔަތު އެއީ ވަކިނުކުރެވޭނެ ދެކަންތައް ކަމަށް. އަޅުގަނޑުމެންގެ ޢަޤީދާއާއި ޤައުމިއްޔަތާ ގުޅިފައިވާ މި ގުޅުން، ވޭތުވެދިޔަ 8 ޤަރުނުގެ ތެރޭގައި އެއްޖީލުން އަނެއް ޖީލަށް ރައްދުކުރެއްވެމުން އަޅުގަނޑުމެންނާ ހަމަޔަށް އައިސް، ޤައުމުގެ ޤާނޫނުގައި ވަނީ ހިމެނި ހަމަޖެހިފައި. އިސްލާމަކު ނޫން މީހަކު މި ރާއްޖޭގެ ރައްޔިތަކު ކަމުގައިވުމަކީ އަޅުގަނޑުމެންގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން. މީގެ މާނަޔަކީ ދީންތަކުގެ މީހުންނާ މެދުގައި ތަފާތުގޮތަކަށް ޢަމަލުކުރާ އުސޫލެއް އަޅުގަނޑުމެން ގެންގުޅުމެއް ނޫން. އިސްލާމްދީނުގެ ޙަޤީޤީ އެސެންސަކީ އެނގިވަޑައިގަންނަވާނެ ފަދައިން، އެކި މީހުންގެ މެދުގައި ތަފާތުކުރާ އުސޫލު ގެންގުޅުމަކީ ނެތްކަމެއް ކަމުގައިވުން. އެހެނިހެން ދީންތަކާއި ޢަޤީދާތައް އިޙްތިމާލްކުޅައުންވަނީ ކީރިތި ޤުރްއާނާއި، ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާގެ ސުންނަތުގައި ޤާއިމުވެފައި. އަދި އިސްލާމީ އުންމަތް ފެށުނީއްސުރެ، މި އަސާސީ ޤާނޫނަށް އައީ ޢަމަލީ ސިފަ ގެނެވުމުން. [ދީނުގައި މަޖުބޫރުކަމެއް ނެތެވެ. ހެޔޮމަގުވަނީ ނުބައިމަގުން ވަކިވެ ފާޅުވެ އެނގިގެންނެވެ.] (ކީރިތި ޤުރްއާން 2:256)
އަޅުގަނޑުމެން ދިވެހިން، ތެދުވެރި އިސްލާމުންގެ ގޮތުގައި، ޢަޤީދާގެ މިނިވަންކަން ގަބޫލުކުރަމު. އެއީ އެއް އިންސާނަކާ އަނެއް އިންސާނަކާ ދެމެދުގައި ދީނީގޮތުން، ކުލައިގެ ގޮތުން ނުވަތަ ދަރިކޮޅުގެ ގޮތުން ފަރަޤުކޮށް، ތަފާތުކުޅައުމަށް ނުރުހޭކަމުން. އަޅުގަނޑުމެންގެ ޖަމާޢަތްވަނީ އެއް ސޮސައިޓީއެއްގެ ގޮތަށް ގުޅި ގެތިފައި. އެ ސޮސައިޓީ ވަނީ އެއް ދީނެއްގެ އެއްބަހަކުން ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ އުންމަތެއްގެ މައްޗަށް ބިނާވެފައި. އަޅުގަނޑުމެން ޔަޤީންކުރަނީ މި އެއްބައިވަންތަކަން، ޘަޤާފަތާއި ޢަޤީދާގެ މައްޗަށް އެކުލެވޭގޮތުގައި ދެމެހެއްޓެމުން ދިޔުމަކީ، ޤައުމުގެ ތަރައްޤީއާއި، ގުޅުމާއި އިއްތިޙާދަށްޓަކައި ލާޒިމު ކަންތައް ކަމަށް.
[ދަ ކޯލް ފޮރ އިސްލާމް]ގެ ސެމިނާރަކަށް ދިވެހިރާއްޖެ ދަޢުވަތު ދިނުން އެއީ ރާއްޖެ އިސްލާމްދީން ގަބޫލުކުރީ ކީރިތި ޤުރްއާނުގައިވާ ފަދައިން، މާތްރަސްކަލާނގެ ތެދުމަގަށް ޙިކުމަތާއި ރިވެތި ނަޞޭޙަތުން ގޮވޭ ގޮވުމުގެ މައްޗަށް ބިނާކޮށް ޞުލްޙަވެރިގޮތުގެ މަތިން ކަމަށްވާކަމުގެ ޙަޤީޤަތް، އޭގެ އަމިއްލަ ނަފްސުން ހެކިދޭ ކަމެއް. އަޅުގަނޑުމެން އިޙުސާސްކުރާގޮތުގައި މިގޮތުން އިސްލާމްދީން، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގައި ފެތުރުމުގެ ކަންތައްވަނީ ފުދޭވަރަށް މުޠާލިޢާކޮށް ބެލިފައެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، މި ސަރަޙައްދުގެ އިސްލާމުންނާއި، އިސްލާމީ ޖަމާޢަތްތަކުގެ ޤައުމީ، ސިޔާސީ، އަދި އިޖްތިމާޢީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މި ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ މައްސަލަތައް ފުރިހަމަޔަށް ސާފުވެ އެނގުމަކީ އެންމެ މުހިންމު ކަންތައް.
ނަމަވެސް މާތްވެގެންވާ މަންދޫބުން ފާހަގަކުރައްވާނެ ފަދައިން، މި ސެމިނާރަކީ ސިޔާސީ މަޤްޞަދެއް އޮތް އެއްޗެއް ނޫން. މީގެ މަޤްޞަދަކީ ހަމަ މުޅިންމެ ޢިލްމީ ދާއިރާއެއްގެ ތެރޭގައި ޙަރަކާތްތެރިވުން. މި ސަރަޙައްދުގައި އިސްލާމްދީން ފެތުރެމުންދިޔުން އަވަސްވާނެ ތާރީޚީ އަދި އިޖްތިމާޢީ ޙަޤީޤަތްތައް ރަނގަޅަށް ވިސްނުމަށްޓަކައި. އަދި މި ސަރަޙައްދުގެ އިސްލާމީ ޖަމާޢަތްތަކުގެ މެދުގައިވާ އިސްލާމީ އިޚްވަތްތެރިކަމުގެ ގުޅުމާއި ބާރު [ކޯލް ފޮރ އިސްލާމް]ގެ ފަރާތުން ބަލައި ވިސްނުން. ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގެ އިސްލާމީ ޤައުމުތަކާއި އިސްލާމް ނޫން ޤައުމުތަކާމެދު ދިވެހިރާއްޖޭގެ ސަރުކާރު ގުޅިފައިވަނީ ފުރިހަމަ ގުޅުމަކުންކަން މިތާނގައި ފާހަގަކޮށް، ރެކޯޑް ކުޅައުމަކީ އަޅުގަނޑު ކުރާހިތްވާ ކަމެއް. އެއީ މި ސަރަޙައްދުގެ ދައުލަތްތަކުން މުސްލިމް މައިނޯރިޓީގެ ޙައްޤުތައް ޙިމާޔަތް ކުރަމުން ގެންދާކަން ގަބޫލުކުރަމުން.
ޢިއްޒަތްތެރި ރައީސާއި، މާތްވެގެންވާ މަންދޫބުން؛
އެއްހާސް ހަތަރުސަތޭކަ އަހަރު ކުރިން ކައު އިތުރު މުޙަންމަދު ނަބިއްޔާ ދުނިޔެއަށް ވަޑައިގަތީ މިފަދަ ރަބީޢުލްއައްވަލް މަހެއްގައި. ވޭތުވެދިޔަ 14 ޤަރުނުގެ ތެރޭގައި ޢިލްމާއި ހުނަރުވެރިކަމާއި، މާއްދީގޮތުން ތަރައްޤީވުމުގައި އިންސާނުން ނުހަނު މަތިވެރި ދަރަޖަޔަކަށް ކުރިއަށް ފިޔަވަޅު އަޅާފައިވީ ކަމަށްވާނަމަވެސް، ފާހަގަކުރެވޭފަދަ އެއްވެސް ރޫޙާނީ ކުރިއެރުމެއް ހޯދިފައި ނުވާކަން ނޯޓްކުރަންޖެހެނީ ޙައިރާންވަމުން އަދި އިންޒާރު ލިބިގަންނަމުން. ސިޔާސީގޮތުންނާއި، އިޖުތިމާޢީ ގޮތުން ދުނިޔެ އިޙުސާސް ކުރަމުންދިޔަ ބަލީގެ ވޭން ވަނީ ވަރަށްގިނަ ލޭއޮހޮރުވާފައި. ޤައުމުތަކުގެ މެދުގައި ހަލާކާއި ޙަސަދަވެރިކަން އުފައްދާފައި. މިކަންތައްތައް ވަނީ ފޮހެ ނައްތައިނުލެވި. އަދި ދައުލަތްތަކާއި މީހުން ޢަމަލުކޮށް ޙަރަކާތްތެރިވުމުގައި، އެކަންތައްތަކުގެ ނުފޫޒު ފޯރުން ކުޑަކުރެވިފައެއްނުމެވޭމެ.
އެ ޒަމާނެކޭ އެއްގޮތަށް، އަލިވެ އުޖާލާވެފައިވާ މި 20 ވަނަ ޤަރުނުގައިވެސް އަޅުގަނޑުމެންނަށް ފެންނަނީ ބާރުހުރި، ބައެއް ޤައުމު ދުނިޔޭގެ މައްޗަށް ބާރުހިންގައި ވެރިވުމަށްޓަކައި މަސައްކަތްކުރާ ތަން. ދުނިޔެއާ ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ ކަންތައްތަކުގައި ބާރަކީ ޙައްޤު ކަމުގައި އަދިވެސް ބެލެމުންދޭ. ނިކަމެތިކަން ލިބިފައިވާ މީހުންނާއި، ޤައުމުތަކުގެ މައްޗަށް ނުހަނު ބޮޑެތި ބޭއިންޞާފު ދަނީ ހިންގެމުން. ކުށެއްނެތް އެތައް ބަޔަކު އެމީހުންގެ ގެދޮރުން ބޭރުކުރެވެމުން. ސަރަޙައްދު ހޯދައި އަމިއްލަކުޅައުމުގެ މަޤްޞަދުގައި ހަނގުރާމަ ކުރެވެމުންދޭ. ޞުލްޙައާއި ސަލާމަތްކަން ދިފާޢުކުޅައުމުގެ ނަމުގައި މަރުގެ ނުރައްކާތެރި ހަތިޔާރުތައް ދަނީ ގިނަ އަދަދަކަށް ހޯދައި އެއްކުރެވެމުން. ނަތީޖާއަކަށްވެފައިވަނީ އިންސާނުންގެ ޑެސްޓިނީ ނުވަތަ ޤިސްމަތަށް، ބޮޑުވެގެންވާ ނިއުކްލިއަރ ހަލާކެއްގެ ނުރައްކާތެރި ހިޔަނި އެޅިފައިވުން.
މި ސަބަބުތަކަށްޓަކައި 14 ޤަރުނުގެ ކުރިން ބޭނުންވި ފަދައިން، އަދުގެ ދުނިޔެވެސް ވަނީ އިސްލާމްދީނަށް ބޭނުންވެފައި. އިސްލާމްދީންވަނީ ބައިބައިވެފައިވާ ދުނިޔެއަކަށް ޞުލްޙައާއި ހަމަޖެހުން ގެނެސްދީފައި. ޢަދުލު އިންޞާފާއި ހަމަހަމަކަން ގެނެސްދީ، އިންސާނުންނަށް ރަޙުމާއި ލޯތްބާއި އަދި އިންސާނީ އުޚުއްވަތްތެރިކަން އުނގަންނައިދީ ދަސްކޮށްދީފައި. އެ ދީން އަޅާފައިވާ އިންސާނީ ތަމައްދުނުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވަނީ، ކުލަޔާއި ދަރިކޮޅުގައި ތަފާތެއްނެތި އެންމެހައި އިންސާނުންނަކީ ހަމަހަމަވެގެންވާ ބައެއް ކަމުގައި ބަލާ އުސޫލު. ޢިލްމުގެ މާނައާއި، މަޤްޞަދުގެ ނަތީޖާއަކީ ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަލާނގެ މަޢުރިފާކޮށް ދެނެގަތުން ކަމުގައި ގަބޫލުކުރާގޮތް. އެއީ އެނގުމާއި، އޯގާވެރިކަމާއި، އަލިކަމުގެ މައްޗަށް ބިނާވާ ތަމައްދުނާއި ތަހުޒީބު. މިއަދުގެ ދުނިޔެ އެންމެ އަވަހަށް ބޭނުންވެފައިވާ އުސޫލަކީ މިއީ. ދުނިޔޭގެ އިންސާނީ ޖަމާޢަތްތައް ތަޖުރިބާ ކުރަމުންދާ އޮޅުންތަކާއި، ހަލާކާއި ގެއްލުމުން ސަލާމަތްވެވޭނީ، ވޭތުވެދިޔަ މަދު ޤަރުނުކޮޅެއްގެ ތެރޭގައި، މާއްދީގޮތުން ދުނިޔެ ހޯދާފައިވާ ކުރިއެރުމާ އެއްފެންވަރެއްގެ ރޫޙާނީ އަދި އަޚްލާޤީ ހޭލެވުމެއް ދުނިޔެއަށް ލިބިގެން. މިފަދަ މަތިވެރި ރޫޙާނީ އަދި އަޚްލާޤީ ކުރިއެރުމެއް ލިބެވޭނީ، ހަމައެކަނި އިސްލާމްދީން ދުނިޔެއަށް ގެނައި ތަމައްދުން ފަދަ ކުރިއެރުމަކުން.
ޢިއްޒަތްތެރި ރައީސާއި، މާތްވެގެންވާ މަންދޫބުން؛
މިއީ ޙިކުމަތާއި، ޢިލްމާއި، ތަންދޮރު ދަންނަ މީހުންގެ ސެމިނާރެއް. އަޅުގަނޑުމެން އިސްލާމްދީނުގެ ޢިލްމާއި، އޭގެ ފިކުރާއި ތަޞައްވުރު ކުރުމުގެ ތެރޭގައި އަދި ދުނިޔެވީ ކަންތަކަށް ޢަމަލީ ސިފަ ގެނައުމުގެ އުޞޫލަށް ބަލައިގެން، އިސްލާމީ ދުނިޔެއާއި އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު ވިސްނައިފިނަމަ، އުންމަތާ ކުރިމަތިވެފައިވާ ދެ ނުރައްކަލެއް ފާހަގަކުޅައުމަކީ އުނދަގޫ ކަމަކަށްނުވާނެ. އެއްކަމަކީ ބޭރުން ކުރިމަތިވާ ނުރައްކަލެއް. އިސްލާމްދީނުގެ ޢަދާވާތްތެރިން ކުރިމަތިކުރާ ނުރައްކަލެއް. އެމީހުންނަކީ ކީރިތި ޤުރްއާނުގައި ކަނޑައެޅި ބަޔާންވެގެންވާގޮތާ އެއްގޮތަށް [އެމީހުންގެ އަނގަތަކުން މާތްރަސްކަލާނގެ ނޫރުފުޅު ނިވާލަން ބޭނުންވާ] އަދި ހުއްޓުމެއްނެތި، ވަރުބަލިކަމެއްނެތި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ އަދި ފަލަސްޠީނުގެ އަހުލުވެރިންފަދަ އެތައް މިލިއަން އިސްލާމުންނެއް، އެމީހުންގެ ޤައުމީ ބިމާއި ގެދޮރުން ބޭރުކޮށް، އެމީހުންގެ ޙައްޤު މަޙްރޫމްކޮށް، އިސްލާމީ އުންމަތް ބައިބައިކުޅައުމުގައި ކާމިޔާބު ހޯދައިފި މީހުން.
އަނެއް ނުރައްކަލަކީ އެތެރޭގެ ނުރައްކަލެއް. ޝައްކެއްނެތްގޮތުގައި، އޭގެ ބިރުވެރިކަން، ކުރީގައި ދެންނެވި ކަންތަކަށްވުރެ ބޮޑު. އިސްލާމީ އުންމަތުގެ ބާރު ނިކަމެތި ކުރަމުންގެންދާ އެތެރޭގެ ބަލިތައް ގިނަގުނަ. އަޅުގަނޑުމެންނަށް ފެންނަނީ އިސްލާމީ ޤައުމުތައް، އެއްބަޔަކު އަނެއްބަޔަކާ ބިރުވެރިކަމާއި މަރުގެ ޙަމަލާދީދީ ތިއްބައި. އޮހޮރެމުން އެދާ ލެޔަކީ އިސްލާމުންގެ ލޭ. ވަކި ޚާއްޞަ ޤައުމެއްގެ އަންހެނުންނާއި ފިރިހެނުންގެ ލެއެއް ނޫން. ލިބެމުންދާ ގެއްލުމާއި ހަލާކު ލިބެމުންދަނީ މުޅި އުންމަތަށް. މިއަދު އިސްލާމީ ރަށްތައް ގުޅިފައިވަނީ އިސްލާމީ އިޚްވަތްތެރިކަމާއި ތަޢާރުފްވުމުގެ ގުޅުމަކުން ނޫން. އުފެދިފައިވަނީ ޝައްކުކުޅައުމާއި އިތުބާރު ނުކުޅައުން. އުފެދިފައިމިވާ ދެކޮޅުވެރިކަމާއި، ހަތިޔާރާއި އަދި ހަތިޔާރާނުލައި ހިނގަމުންދާ ޢަދާވަތްތެރިކަން، އިސްލާމީ އެއްރަށާއި އަނެއް ރަށާ ދެމެދުގައި އުފައްދާ ނިކަމެތި ބަލިކަން އުފެދުމުގެ ސަބަބު އަޅުގަނޑުގެ ނަޒަރުގައި ބިނާވަނީ، އިސްލާމީ ތަހުޒީބުގެ ފުރަތަމަ ރަން ޒަމާނަށްފަހު، އިސްލާމީ ސިޔާސީ ޖިސްމުގެ ތެރެއިން ފެންނަފަށަށް ފާއްދާ ބިންގަލީ ތިން އުނިކަމެއްގެ މައްޗަށް.
މީގެތެރެއިން އެއްވަނަ ކަމަކީ އޭގެ ވަރަށްގިނަ ޢިލްމުގައި އެކުލެވިގެންވާ އިސްލާމީ ރޫޙު އެނގުމުގެ ލިޔާޤަތް އިސްލާމުންގައި ނެތްކަން. އިސްލާމްދީނުގައިވާ އެންމެގަދަ ބާރަކީ ކޮންމެ ތަނަކާއި ޒަމާނަކަށް ގަބޫލުކުރެވޭ އެއްޗެއް ކަމުގައި ވުމުގެ ސިފަޔާއި، ފްލެކްސިބިލިޓީ އޭގައި ހުރުން. މި މަތިވެރި އުސޫލާއި ސިފަ އިސްލާމްދީނުގައި އެކުލެވިގެންވާކަން، ޒަމާންތައް ވޭތުވަމުންދިޔުމުގައި، ވަރަށްގިނަ އިސްލާމުންގެ ހިތުން ކެހިގެންގޮސް، ނަޒަރުން ގެއްލިފައިވުމުގެ ސަބަބުން އިންސާނީ ވަރަށްގިނަ ޙަރަކާތްތަކުގައި، އެ މައްޗަށް ޢަމަލުކުޅައުން ދަތި، ހަރުކަށިކަންބޮޑު ގޮތްތަކެއް ވަނީ އުފެދިފައި. އަބަދު ބަދަލުވަމުންދާ ދުނިޔޭގެ ޙާލަތާއި މައްސަލަތަކާ ކުރިމަތިލުމުގައި، މިފަދަ ބަދަލުގެނައުމެއް ނެތް ގޮތެއް ގެންގުޅުމަކީ، އިސްލާމީ ރޫޙުގައި އެކުލެވިފައިވާ، ކީރިތި ޤުރްއާން ބަޔާންކޮށްދޭ އަދި ކައު އިތުރު ނަބިއްޔާއާއި، ޚުލަފާއުއްރާޝިދޫންގެ ސުންނަތް ކަމުގައިވާ އުސޫލުތަކުގެ ފުޅާ ދާއިރާގައިވާ، ކެތްތެރިކަމުގެ ރޫޙާ އެއްގޮތް ކަމެއް ކަމަކަށް ނުހިމެނޭ. އިސްލާމްދީނުގެ ތަޢުލީމު އުނގަންނައިދޭ، ކެތްތެރިކަމާއި ހަރުކަށިކަން ނެތްގޮތް ގަބޫލުކުރުމުގެ އަހަންމިއްޔަތުކަން މިއަދު ވަރަށްވެސް ބޮޑު. އޭގެ ފުރަތަމަ ފެށިގެން އައި ގޮތުގެ ބާރު ގެނައުމަށްޓަކައި އަދި އޭގެ ޚާއްޞަ މޮޅު ގޮތްތައް ހޯދުމަށްޓަކައި ބޭނުންވަނީ އެކަން. ހުރިހާ އެއްޗަކަށްވުރެ މަތިވެރި މަޤާމެއް އިސްލާމްދީނަށް ގެނެސްދިނީ، އަދި ތާރީޚުގެ ތެރެއިން އުފެދިފައިވާ އެހެން ހުރިހާ ދީންތަކާއި، ދީނެތް ނެތް އުސޫލުތައް ސަބަބެއް ކަމަށް މެދުވެރިވެގެން އުފެދިފައިވާ މުޚާލިފާތައް ފިލުވައިލުމުގެ ބާރަކަށްވީ އެކަންތައް.
ދެވަނަ އުނިކަމަކީ ކެތްނުކުރެވުމާއި، ބޭރުފުށުގެ ހަރުކަށިކަމުގެ ސީދާ ނަތީޖާއެއް ކަމަށްވާ މަޛްހަބީ އުސޫލެއް. މާތްރަސްކަލާނގެ [ތިޔަބައިމީހުންގެ އުންމަތްވާކަން ކަށަވަރީ ހަމަ އެއް އުންމަތެއް ކަމުގައެވެ.] (ކީރިތި ޤުރްއާން 92/21) މިފަދައިން އެބަޔަކާމެދު ވަޙީކުރައްވާފައިވާ ބަޔަކު ބައިބަޔަށް ބެހި، އެ ބައިބައި އަނެއްކާ ކުދިކުދި ބައިބަޔަށް ބެހި، ވަކިވެ، ގިނަގުނަވެގެންވާ މަޛްހަބުތަކަކާއި، ޖަމާޢަތްތަކަކަށް ބައިވެގެން އުޅުމަކީ ގަބޫލުކުރެވޭ އަދި ތެދުކުރެވޭނެ ގޮތެއް ކަމަކަށް ނުހިމެނޭނެ. އެކަކީ ސުންނީއެއް. އަނެކަކީ ޝީޢީއެއް. ތިންވަނަ މީހަކީ ޚާރިޖީއެއް. އަދި ހަތަރުވަނަ މީހާ ހިމެނެނީ ކޮންމެވެސް އެހެން ބައެއްގެ ތެރޭގައި. ނަޞާރާއިންނާއި ޔަހޫދީން ފަދައިން ބައިތަކަށާއި މަޛްހަބުތަކަށް ބެހިގެންނުއުޅުމަށް އިސްލާމްދީނުގެ އަހުލުވެރިންނަށް މާތް ނަބިއްޔާ އިންޒާރު ކުރައްވާފައިވަނިކޮށް، އެމީހުން އެކަން ހަނދުމަނެތިއުޅޭކަމީ، ބޮޑުވެގެންވާ ހިތާމައެއް ކަމުގައި ނުހިމެނޭނެ ކަމެއް ނޫން. މާތްވެގެންވާ ނަބިއްޔާ ކުރައްވާފައިވާ އިންޒާރަށް ވިސްނައި، އިސްލާމުން އެއަށް ޢަމަލުކޮށް، އުންމަތުގެ ސިޔާސީ އަދި ދީނީ އިއްތިޙާދު ދަމަހައްޓަނީނަމަ، އަޅުގަނޑުމެންނަކީ މިއަދު ދުނިޔޭގައިވާ އެންމެ ބާރުހުރި ޤައުމުތަކުގެ ޖަމާޢަތަކަށްވީސްކަމާމެދަކު ޝައްކެއްނެތް.
އިސްލާމީ ދުނިޔޭގެ ދާޚިލިއްޔާތުގައިވާ ތިންވަނަ ބައްޔަކީ، އޭގެ އަމިއްލަ ނަފްސަށް އިތުބާރު ނެތުން. މިއަދު އިސްލާމީ ޤައުމުތަކަށް ވަނީ ދެވަނައެއްނެތް ރޫޙާނީ އަދި މާއްދީ ވަސީލަތްތައް ލިބިފައި. ދުނިޔޭގައި އުޅޭ ކޮންމެ ފަސްމީހަކުން އެކަކީ އިސްލާމެއް. އިސްލާމުންނަށް ލިބިފައިވާ ރޫޙާނީ އަދި މޯރަލް ބާރު މަތިވެރި. އެމީހުންގެ މާއްދީ ތަނަވަސްކަންވަނީ ގުޑަގުޑައި. ނަމަވެސް ރަނގަޅަށް ވިސްނާ ކޮންމެ އިސްލާމަކަށް ޖެހޭނީ، އިސްލާމީ އުންމަތް ވަނީ އޭގެ ބާރާއި އާރު ދުނިޔޭގައި އޮތް މިންވަރާމެދު ހަނދުމަނެތިކުޅައުމެއްގެ ތެރޭގައިކަން ފާހަގަކޮށް، ނުހަނު މަތިވެރި ދަރަޖައަކަށް ހިތާމަކުރާން. އިސްލާމީ އުންމަތަށް ލިބިފައިވާ، ތަނަވަސްކަން ހޯދުމުގެ ބާރާމެދު ނޭނގުމުގެ ތެރޭގައި ތިބުން ނުވަތަ އޭގެ އަމިއްލަ ބާރުގެ މައްޗަށް ޣާފިލްވެފައި ތިބުން، އިސްލާމުންގެ އެކިރަށްރަށް ގެންދަނީ އެކިމަގުން އެކިދިމާއަށް. ތަބާވެގެންދެވެނީ އެކިއެކި ތަފާތު މަގުތަކަށް. އިސްލާމީ މިނިވަންކަމުގެ މަގަށް ތަބާވެ، އިސްލާމުންގެ ރޫޙާނީ އަދި މާއްދީ ބާރުގެ މިންވަރު ފުރިހަމައަށް ދަނެގެން މެނުވީ އިސްލާމުންނަކަށް ކުރިއެރުމަކާއި މަތިވެރިކަމުގެ ހޭލުންތެރިކަމެއް ނާންނާނެ. އެ މަގަކީ ތެދުމަގު. އިންސާފުގެ މަގު. އަދި ހަމްދަރުދީއާއި ރަޙުމްކުޅައުމުގެ މަގު.
މި އެތެރޭގެ ބަލިތަކާއި ނިކަމެތިކަމުން ނައިސްނުދާނެ ނަތީޖާއަކީ، އިސްލާމުން އެމީހުންގެ ދީން އޭގެ ސިފަ ނޫން ސިފައެއްގައި ތަމްސީލުކުރާ ކަމަށްވުން. އަދި އޭގެ އަގު ނަގައިލުން. ވީމާ، އިސްލާމްދީނުގެ ސިފަތައް ބޭރު ދުނިޔޭގައި ބެލެމުންދަނީ އިސްލާމީ އަޚްލާޤާ އެއްގޮތްނުވާ، އޭގެ ތެދުވެރި ސޫރަކަމަށް މުޅިން ނުހިމެނޭ ގޮތަކަށް. ދުނިޔޭގެ ވަރަށްގިނަ މީހުންގެ ކުރިމަތީގައި، ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގެ ކުރިމަތީގައި މިއަދު އިސްލާމްދީން ގުޅުވިފައިވަނީ، ޙަސަދަވެރިކަމާއި އިންސާނިއްޔަތުކަން ނެތުމާއި އަދި ބިރުވެރިކަމާ. ތެދާއި މިއަށްވުރެ ދުރުގައިވާ އެއްޗެއް ނެތް. މިހެނީ ހަނގުރާމަކޮށްކޮށް އޮތް ދުނިޔެއަކަށް ޞުލްޙަވެރިކަން ގެނައީ އިސްލާމްދީން. ބޭއިންޞާފުގެ ބަދަލުގައި އިންސާފު ޤާއިމުކޮށް، ޖާހިލުކަމުގެ ބަދަލުގައި ޢިލްމުވެރިކަން ގެނެސް، އޮޅުންބޮޅުމުގެ ބަދަލުގައި އަލިކަން ގެނެސް ހަމަޖެހުމާއި އެނގުން، އުނދަގުލާއި ވަކިވުމުގެ ތެރޭގައި އިންސާނުން ވަނިކޮށް، 1400 ޤަރުނުގެ ކުރިން ގެނައީ ހަމަ މި ދީން.
ޢިއްޒަތްތެރި ރައީސާއި، އޮނަރަބްލް މިނިސްޓަރުންނާއި، މާތްވެގެންވާ މަންދޫބުންނޭވެ!
މިއަދު [ދަ ކޯލް ފޮރ އިސްލާމް އިން ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ]ގެ މައްޗަށް އެކުލެވޭ މި ސެމިނާރު ހުޅުވުމުގެ ފަޚްރާއި ޝަރަފު އަޅުގަނޑު ހާސިލު ކުރަމުން، އެންމެހައި އިސްލާމީ ލީޑަރުންނަށާއި، އިސްލާމީ ޤައުމުތަކަށް އަޅުގަނޑު ގޮވައިލަނީ، އެމީހުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ތަފާތުތައް ހަނދާންނައްތައިލައި، އިސްލާމީ ޤައުމުތަކުގެ އިއްތިޙާދަށްޓަކައި މަސައްކަތް ކުރެއްވުމަށް. މި މަގުން ކުރަން ފެށްޓޭ ހުރިހާ ކަމެއްގައި، މި ޙާލަތުތައް ރަނގަޅު ކުޅައުމަށް އުފެދޭ ހުރިހާ ޙަރަކާތްތަކެއްގައި އަދި ބައިބައިވެފައިވާ އިސްލާމީ ދުނިޔޭގެ މައްސަލަތައް ޞުލްޙަވެރި ގޮތެއްގައި ނިންމުމަށް ކުރެވޭ ހުރިހާ ކަމެއްގައި މާތްރަސްކަލާނގެ ރުއްސެވުން އެކުލެވިގެންވާނެ. އަދި އަޅުގަނޑުމެން ޝަރުޠެއްނެތި ފުރިހަމައަށް ތާއީދުކުރާހުށީމު. އަޅުގަނޑު އެންމެހައި މުސްލިމުންނަށް ގޮވައިލަނީ، އިސްލާމީ އުންމަތް، އޭގެ ކުރީކޮޅުގެ މަދު ޤަރްނުތަކުގައި، އެއް ޚަލީފާއެއްގެ ދަށުގައި އެކުވެރިކަމާއި އިއްތިޙާދުގައި އޮތްއިރު އެއީ ދުނިޔޭގައިވާ އެންމެ ބާރުގަދަ އެންމެ ޢިއްޒަތްތެރި އުންމަތްކަން ހަނދުމަކުޅައުމަށް. އިންސާނީ ތަމައްދުންގެ ތެދުވެރި ބިންގަލެއް އަޅާފައި ވަނީ އިސްލާމީ އުންމަތް. މާތްރަސްކަލާނގެ ކަލިމަފުޅުގެ މައްޗަށް ޚާއްޞަކޮށް ބިނާކުރެވޭ މާއްދީ އަދި ރޫޙާނީ ތަރައްޤީއަށްޓަކައި. އެކަލާނގެ ކަލިމަފުޅަކީ ޙައްޤު. އަދި އެކަމަކީ ބިމުގައިވާ އެކަލާނގެ ޚަލީފާއިންގެ ގޮތުން އުފާވެރި ތަނަވަސް ޙަޔާތެއް ޤާއިމުކުޅައުމުގެ މަސައްކަތްތައް.
ޢިއްޒަތްތެރި ރައީސާއި، މާތްވެގެންވާ މަންދޫބުންނޭވެ!
ދިވެހި ޖުމްހޫރިއްޔަތަކީ، ވަރަށްކުޑަ ޤައުމެއް ކަމުގައި ބެލިދާނެ. ނަމަވެސް އެއީ ބޮޑުވެގެންވާ އިސްލާމީ އުންމަތާ އެކުވެފައިވާ، އޭގެ އިޚްލާޞްތެރި ބައެއް. މިދެންނެވި ގޮތުގެ މަތިން، މި ސަރަޙައްދުގެ މީހުންގެ މެދުގައި އިޚްވަތްތެރިކަމާއި އިއްތިޙާދު ކުރިއަރުވައި ތަރައްޤީ ކުޅައުމުގެ ގޮތުން ކޮނޑުއަޅަން ޖެހިއްޖެ ކޮންމެ މަސްއޫލިއްޔަތަކަށްޓަކައި ދިވެހިރާއްޖެ ވަނީ ތައްޔާރުވެގެން. އޮނަރަބްލް މިނިސްޓަރުންނާއި، މާތްވެގެންވާ މަންދޫބުން އަޅުގަނޑުމެންނާ ހަވާލުކުރައްވައިފި ކޮންމެ މަސްއޫލިއްޔަތަކަށް މަރްޙަބާ ކިޔުމާއެކު، އިސްލާމިކް ކޯލްގެ ޙަރަކާތްތައް، މި ސަރަޙައްދުގައި ހިންގުމުގެ ގޮތުން އަޅުގަނޑުމެންގެ ލިޔާޤަތް ތަންދޭ މިންވަރަކުން އަދާކުޅައުމަށް، ޙަރަކާތްތެރިވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.
ވޭތުވެދިޔަ 8 ޤަރްނުގެ ތެރޭގައި، އިންޑިއަން އޯޝަންގެ މެދުގައިވާ އިސްލާމީ ކިއްލާއެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތްކަމަކީ، އަޅުގަނޑުމެން އެންމެމަތީ ދަރަޖަޔަށް ފަޚްރުވެރިވާ ކަމެއް. އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެމީހުންގެ ޙަޔާތުގެ ލެއިން މާތްރަސްކަލާނގެ އަލިވެގެންވާ އުޖާލާ ނޫރުފުޅު ދިފާޢުކޮށްފައި. އެމީހުންގެ ހިތްތަކުގައި އެކަލާނގެ ކިބަޔަށް އުފެދިފައިވާ ލޮބުވެތިކަން ދާއިމީގޮތަށް ދިއްލިފައިވޭ. އެ މާތް އަލިކަމުގެ ބައްތި ކޮންމެ ޖީލެއްމެ ވަނީ ޖެހިގެން އައި ޖީލަށް ރައްދުކޮށްފައި. އަދި މިހާރު އަޅުގަނޑުމެންގެ ޝަރަފްވެރި ވާޖިބަކަށް ވެފައިވަނީ، ތެދުވެރި މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެހައި ނިޢުމަތެއްގެ އަޞްލާއި ވަސީލަތް ޝަރަފްވެރިކޮށް ޙިމާޔަތްކުޅައުން. އެއީ މާތްވެގެންވާ އިސްލާމްދީނުގެ މެސެޖް. މާތްރަސްކަލާނގެ ފަޟުލުވަންތަވެރިކަމާއެކު، މި މަތިވެރި މަޤްޞަދު ޙާޞިލުކުޅައުން އަޅުގަނޑުމެންގެ މައްޗަށް މިތިބީ ލާޒިމުކޮށްގެން. އަދި ޢަހުދު ކަށަވަރުކޮށްގެން. މާތްރަސްކަލާނގެ އެހީތެރިވެވޮޑިގަންނަވަނީނަމަ ހަމަ އެކަކަށްވެސް ތިޔަބައިމީހުންގެ މައްޗަށް ގަދައެއްނުވެވޭހުއްޓެވެ! އަދި އެކަލާނގެ އެހީތެރިކަން އަނބުރާ ތިޔަބައިމީހުންގެ ކިބައިން ގެންދަވައިފިނަމަ، ތިޔަބައިމީހުންގެ މައްޗަށް އެހީތެރިކަން ފޯރުވޭނީ ކާކަށް ހެއްޔެވެ! އީމާންވެގެންވާ މީހުން މާތްރަސްކަލާނގެ ކިބަޔަށް ވަކީލުކުރާހުށިކަމެވެ!