ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުޝްމާ ސުވަރާޖް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ..

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމުން އިސްކަން ދޭ ކަންކަމުގައި އެކީގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މިހާރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވަމުންގެނދަވާ ދަތުރުފުޅެކެވެ. އެކަމަނާގެ އަރިހުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.