بســم اللّـه الرّحمـن الرّحيــم

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، ދައުލަތުގެ ވަޒީރުން، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޒީނާދު، އަދި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން ނުކުންނަ ކޮންމެ ދުވަހަކީ، އެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، އަޅުގަނޑުމެންގެ ކުރިމަތިން ތަމްސީލުވަމުންދާ ދުވަހެއް. އަދި އޭގެ ތެރެއިން ބައެއް ދުވަސް ދުވަހަކީ، އެ ވަޢުދުތައް ފުދޭކަމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން، ރާއްޖޭގެ ރައްޔިތުން އިޙްސާސް ކުރާނޭ ދުވަސްތައް.

މިއަދަކީވެސް އެފަދަ ދުވަހެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި އެއް ކަންތައް. މިއަދަކީ އެ ވަޢުދު ފުދި، އެ ބޭންކުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާ ދުވަސް.

ހަމައެފަދައިން، ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް، މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި ވަރަށް މުހިންމު ކަމެއް.

މި ދެ ކަންތައްވެސް އަޅުގަނޑުމެން ކުރަން ނިންމީ، ރައްޔިތުން ބާރުވެރިކުރުވައި، ޤައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން. އެ ސިޔާސަތުގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން.

ރާއްޖޭގެ ވިޔަފާރި މާޙައުލުގައި ޙަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް. އެ ނިސްބަތުން ބަލާނަމަ، ޤައުމީ އިޤްތިޞާދުގެ މައިބަދައަކީ، އެ ބާވަތުގެ ވިޔަފާރިތައް. ޢަދަދުން ބަލާނަމަ، ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް ޢަދަދު ނުވަތަ ރައުސްމާލް އެތައް ބިލިއަނަކުން ގުނައިލެވޭ. އެކަމަކު ދިވެހީންނަށް ވަޒީފާގެ ފުރުޞަތުތައް، އެންމެ ގިނައިން އުފައްދައިދެނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން.

އެކަން އެހެން އޮތްއިރު، އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ، ދާނެ ދިމާއެއް ނޭނގި، ޙަޔާތުގެ ހަތަރު އަނގޮޅިއަކަށް ހުއްޓިފައި. ގެވެހި އެތައް އަންހެނުންނެއް ތިބީ، އެމީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި.

ނަމަވެސް، ޤައުމީ ތަރައްޤީގެ ވާހަކަ ދެއްކުމުގައި މި ވީހާ ޒަމާނެއް ފާއިތުވެގެން ދިޔައީ، މުޖުތަމަޢުގެ މި ދެންނެވި ފަންތިތަކަށް އަޅައިލާނެ މީހަކު ނެތި. އެމީހުންގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިދިނުމުގެ ސިޔާސީ ހިތްވަރާއި ޢަޒުމް ނެތުމުން، ޤައުމީ ތަރައްޤީގެ އެ މުހިންމު ބައިވެރިން ތިބީ، ޤައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައި.

މިއަދު އަޅުގަނޑުމެން މި ފަށާ އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ. ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ. ހަމައެފަދައިން މިއީ، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށްވެސް ވާނެ.

މި ސަބަބަށްޓަކައި، އެސް.އެމް.އީ ލޯނުގެ ވަކި ބައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. އެހެންކަމުން، އެސް.އެމް.އީ ލޯނަކީ، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށްވުރެވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމެއް.

ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު، މާ ކުރިއްސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާގޮތަށް. އެހެންކަމުން، އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން.

ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެ. އަޅުގަނޑުމެން އެސް.އެމް.އީ ބޭންކެއް މި އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި.

އެސް.އެމް.އީ ލޯނު ދޫކުރަން ފަށާއިރު، އަޅުގަނޑުމެން މިވަގުތަށް ނިންމާފައި އޮތީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރުމަށް. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯނު.

މި ދެންނެވި ލޯނުތައް އަޅުގަނޑުމެން ދޫކުރާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާވަރުގެ ކުޑަ އިންޓްރެސްޓެއްގައި. އަޅުގަނޑުމެންގެ އަމާޒަކީ، ކުރިމަގުގައި ދޫކުރާ މިފަދަ ލޯނުތަކުގެ އިންޓްރެސްޓް މިހާރަށްވުރެވެސް ކުޑަކުރުން.

ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު އެއީ، ދިވެހި އަންހެނުންގެ ޙިއްޞާ ވަރަށް ބޮޑު މަސައްކަތެއް. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ވަރަށް މުހިންމު ޞިނާޢަތެއްވެސްމެ. އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް، ސަރުކާރުންވަނީ ސިޔާސަތުތަކެއް އެކުލަވައިލާފައި.

އެ ސިޔާސަތުގެ ތެރެއިން، އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، އަޅުގަނޑުމެން މިއަދު މި ފަށާ، "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެންދާނެ. އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ "ދަނޑުވެރި ނަފާ" ލޯނުގެ އެންމެ މުހިންމު އެއް މަޤްޞަދު.

މި ސަރުކާރުން، ރައްޔިތު މީހާ ބާރުވެރިކުރުވާށޭ ކިޔާފައި، ލޯނެއްގެ ނަމުގައި ފައިސާކޮޅެއް ދީފައި ދޫކޮށްލަނީކީ ނޫން. އަޅުގަނޑުމެންގެ ވިސްނުން ހުރީ، އިޤްތިޞާދީ ގޮތުން ރައްޔިތު މީހާ ދާން ބޭނުންވާ ހިސާބަކަށް، އޭނާގެ އަތުގައި ހިފައިގެން ގެންގޮސްދިނުމަށް. ވިޔަފާރި ފަށާނެ ގޮތާއި، ކާމިޔާބު ވިޔަފާރިއެއް ހިންގާނެ ގޮތްތައްވެސް އަޅުގަނޑުމެން ކިޔައިދޭނަން.

އެސް.އެމް.އީ ލޯނަށް ކުރިމަތިލާއިރު، ހުށަހަޅަންޖެހޭ ވިޔަފާރީގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި، މާލެއާއި ބައެއް އަތޮޅުތަކުގައި މިހާރު ހިންގަމުން އަންނަ، ހަތް ބިޒިނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ. އަދި ވިޔަފާރިތަކުގެ ހިސާބުކިތާބު ބަލަހައްޓައި، ވިކުރާ ތައްޔާރުކުރާނެ ގޮތުގެ ޢިލްމީ އަދި ފަންނީ ލަފާވެސް ފޯރުކޮށްދެވޭނެ.

މި ދެންނެވި އަމާޒަށް އަޅުގަނޑުމެން ދާން ޤަޞްދުކުރަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުޙަލާގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ ޤާބިލުކަން، ރަށު ކައުންސިލްތަކަށް ހޯދައިދެވޭނެ. އެކަމަށްޓަކައި ކޮންމެ ރަށު ކައުންސިލެއްގައި، ތަމްރީނު ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.

މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރު، އެ ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައި. ވަކިން ޚާއްޞަކޮށް، ދިވެހި އައު އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށްވެސް އަޅުގަނޑުމެން ވަނީ ކަނޑައަޅާފައި.

ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށް، ސަރުކާރުން މިފަދަ ކަންކަން ރާވައި ހިންގާއިރު، މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑަށް ސަރުކާރަށް ބޭނުންވޭ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން މިއަދު މި ފެށި ޚިދުމަތްތަކަށް، ސަރުކާރުގެ ކުންފުންޏަކުން މިހާރުވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައި.

އެއީ، ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި، ވެލާނާ އެއަރޕޯޓްގެ ޑިއުޓީ ފްރީ ސަރަޙައްދުން ޚާއްޞަ ޖާގައެއް، އެއަރޕޯޓް ކޮމްޕެނީން ހަމަޖައްސައިދިނުން. ވަރަށް ކުޑަ އަގެއްގައި އެކަން ހަމަޖައްސަވައިދެއްވީތީ، އެއަރޕޯޓް ކޮމްޕެނީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށާއި، އެ ކުންފުނީގެ ބޯޑް މެމްބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

އެއަރޕޯޓުން އެފަދަ ޖާގައެއް ހަމަޖެހުމަކީ، ދިވެހި އުފެއްދުންތައް މާކެޓްކޮށް، ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޞިނާޢަތްތަކުން އުފައްދާ ތަކެތި، އެއަރޕޯޓުގައި ވިއްކުމުގެ ކަންކަން އިންތިޒާމު ކުރާނީ، އިކޮނޮމިކް މިނިސްޓްރީން އުފައްދާފައި އޮންނަ ބިޒިނަސް ސެންޓަރ ކޯޕަރޭޝަނުން.

އަޅުގަނޑުމެން މިއަދު މި ފަށައިގަތް އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއި "ދަނޑުވެރި ނަފާ" ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެކަން ޔަޤީން. އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓަން ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަޅުގަނޑު އުންމީދު ކުރަނީ، އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް، ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުގެ ބޭނުން، ޒިންމާދާރުކަމާއެކު ހުރިހާ ބޭފުޅުންވެސް ހިއްޕަވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި، ހެވާއި ލާބަޔަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން. ތަރައްޤީގެ މުޅިން އައު އައްސޭރިއަކަށް މި ރާއްޖެ ގެންދިޔުމަށް މި ކުރާ މަސައްކަތް ކާމިޔާބު ކޮށްދެއްވުން! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.