4 ވަނަ މޯލްޑިވްސް-ޔޫރަޕިއަން ޔޫނިއަން ޕޮލިސީ ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާ ޔޫރަޕް ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މިއަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިޚާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އީ.ޔޫގެ ވަފުދާއެކު މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ވާދަވެރި އިންތިޚާބަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ވަފުދުގެ ބޭފުޅުންނަށް އެރުވިއެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ވަފުދުގެ ބޭފުޅުންނަށް ދެއްވައިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އީޔޫގެ ޤައުމުތަކަށާއި ރާއްޖެއަށް ފައިދާ ވާނެ ސިޔާސަތުތަކެއް ކަނޑައަޅައި އެސިޔާސަތު ތަކަށް އަމަލުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި ދެ ފަރާތުގެ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ސަފީރުންވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރައްވައި އިޤްތިޞާދީ ގޮތުން ރާއްޖެއާއި އީޔޫގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމާއިމެދު މަޝްވަރާ ކުރައްވައިފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ވަފުދުގެ ބޭފުޅުން ވަނީ މި ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާއަށް ތަޢުރީފު ކުރައްވައި މިހިނގާ ވެރިކަމުގެ ދައުރުގައި މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.