ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބޯހިޔާވަހިކަމާބެހޭ އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ މިޒް ރަކޭލް ރޮލްނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ގެދޮރުއެޅުމުގެ މަސައްކަތާއި ތިމާވެށްޓާހުރި ގުޅުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަމާއި ދިވެހިރާއްޖޭގެ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާބެހޭގޮތުން މިޒް ރޮލްނިކަށް މަޢްލޫމާތު ދެއްވިއެވެ. ވަކިން ޚާއްޞަކޮށް ރަށްގިރުމުގެ މައްސަލައަކީ، ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ވިދާޅުވިއެވެ. ނާއިބު ރައީސްގެ ވާހަކަފުޅުގައި އަތްފޯރާ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މިޒް ރޮލްނިކް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެހީތެރިކަން ފޯރުއްވައި ދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި މި ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުން ނާއިބު ރައީސްގެ އަރިހުން މިޒް ރޮލްނިކް މަޢްލޫމާތު ހޯއްދެވިއެވެ.