ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ކަނޑައަޅާ، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެންނެވި މި އިސްލާހާ ގުޅިގެން، މި ޤާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.